މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އަލްއުސްތާޛު މުޙައްމަދު ޖަމީލް (އުސްތާޛުލްޖީލް) |
|
|
| ޝަޚްޞިއްޔަތު - ދިވެހި | |||
| 04 ޖޫން 2011، 08:40 ހޮނިހިރު | |||
|
ފޮނުވީ: ޢަލީ ނިޝާން އުސްތާޛުއްޖީލް އައްޝައިޚު އަލްއުސްތާޛު މުޙައްމަދު ޖަމީލަކީ މާލޭ ބޮޑުގަލުގޭ މޫސާދީދީގެ ދަރިކަލުން، މާފަންނު ދަރަވަންދޫގޭ އަބުދުﷲ ދީދީ (އަލްފާޟިލް އަބުދުﷲ ކަމާލުއްދީން ބަންޑާރަނައިބު މަނިކުފާނު) ގެ ބޭފުޅެކެވެ. އެމަނިކުފާނުގެ މަންމާފުޅަކީ މާލޭ ފެންފޯއްގަނޑުވަރު ގޮމާ (ކަންޒުދޮށުގޭ އަންނަބީލާ އައިޝަތުގޮމާ) ގެ އާމިނަތު ދީދީއެވެ. އެ މަނިކުފާނު ދުނިޔެއަށް އުފަންވެވަޑައިގަތީ 16 ޛުމާދިއްޘާނީ 1333 ހ. (1 މެއި 1915 މ.) ވީ ހޮނިހިރު ވިލޭރޭ ފަތިހު ފުރަމާލޭ މާފަންނު ދަރަވަންދޫގައަށެވެ. އެ މަނިކުފާނު ފުރަތަމަ ކިޔަވައިވިދާޅުވީ އެ މަނިކުފާނުގެ މާމަ ދަރަވަންދޫ ދީދީ (ދޮންކަލޭގެފާނުގެ ތުއްތުމަނިކެ) އާއި ބައްޕަ ދަރަވަންދޫގޭ އަބުދުﷲ ދީދީ އާއި، ބޮޑުބޭބެ ޙުސައިން ޞަލާޙުއްދީން ފަނޑިޔާރުމަނިކުފާނުގެ އަރިހުންނެވެ. ދޮންބޭބެ އައްޝައިޚު މުހައްމަދު ސައީދު ދީދީ އަލްއަޒުހަރީގެ އަރިހުންނާއި، އަލްމަދުރަސަތުލް ޞަލާޙިއްޔާ ނުވަތަ އަލްމަދުރަސަތުއްސަނިއްޔާ (ފަހުން އަލްމަދުރަސަތުލް މަޖީދިއްޔާ) އިންނެވެ. އޭގެފަހުން މިސްރުގެ މަދުރަސަތު މުހައްމަދު ޢަލީ އަޒުހަރިއްޔާ އަލްއިބްތިދާއިއްޔާ އާއި އަޒުހަރު ޔުނިވަރސިޓީއިންނެވެ. އެ މަނިކުފާނަކީ ދިވެހިބަހަށް ޚިދުމަތް ކުރެއްވި ކުޅަދާނަ އަދީބެކެވެ. އެމަނިކުފާނަކީ ޚާއްޞަކޮށް ޅެމާއި ލަވަ ހެއްދެވުމުގައި އަރާހުންނެވި ޝާއިރެކެވެ. ވަޢުޡު ވިދާޅުވެ ތަޤުރީރުދެއްވައި އުޅުއްވި ބަސްމޮށުންތެރިއެކެވެ. ޅެންވެރިކަމުގެ އުދަރެހުގައި އެންމެ އަލިގަދަ "އުޖާލަވި ރަން ތަރި" އެވެ. އެމަނިކުފާނަށްވަނީ ޅެންވެރިކަމުގެ ރޮނގުން ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު އަބުދުލްޤައްޔޫމް އެ މަރުހޫމްގެ ތަޢާރުފުގައި ވިދާޅުވީ "ފަޟީލަތުލް އުސްތާޛުއްޝައިޚު އަލްމަރުހޫމް މުހައްމަދު ޖަމީލަކީ އަޅުގަޑުމެންގެ ޖިލުގެ އުސްތާޖެވެ. ދިވެހިރާއްޖޭގެ އުސްތާޛުއްޖީލެވެ. ޝައްކެއްނެތެވެ. އެމަނިކުފާނުފަދަ އިލްމީ، ފިކުރީ އަދަބީ ޚިދުމަތްތަކެއްކުރި ދިވެހި އެހެން އެކަކުވެސް އަޅުގަޑުމެންނަށް ފެންނާކަށްނެތެވެ." މުހައްމަދު ޖަމީލުގެ ތައުރީފުގައި އަލްއުސްތާޛު އަބުދުﷲ ހަމީދު ވިދާޅުވަނީ " އަލްއުސްތާޛު އަލްމަރުހޫމް މުހައްމަދު ޖަމީލަކީ ދިވެހިބަހުގެ އަދަބާއި ޅެންވެރިކަމާއި ބަހުގެ ޤަވާއިދާއި ހަމަތަކާއިބެހޭ ރޮގުން ކުލަގަދަ ޚިދުމަތްތަކެއް އަދާކުރެއްވި ބޭފުޅެކެވެ. ލިއުންތެރިންގެ ރޫހީ ބައަޕައެވެ. ދިވެހިބަހުން ފޮތް އެކުލަވައިލިއުމާއި ޅެންބަހުން ޚިޔާލު ހާމަކުރުމުގައި އަޅުގަނޑުމެންގެ އުސްތާޛަކަށް ދެކެންވީ އެ މާތް މަރުޙޫމެވެ." ލިއަންތެރިކަމަށް ނަޒަރު ހިންގާލާއިރު މަޒުމޫނުތަކާއި، ހުކުރު ޚުތުބާތަކާއި، ދިގުވާހަކަތަކާއި ތަރުޖަމާތައް، ކުރުވާހަކަތަކާއި ޑުރާމާތައް، ބަހުގެ ޤަވާއިދު ފޮތްތަކާއި ދީނީގޮތުން ލިއުއްވާފައިވާ ދިވެހިބަހުގެ ފޮތްތައް ފާހަގަ ކުރެވެއެވެ. މިދެންނެވި ފޮތްތަކުގެ ތެރެއިން ދިވެހި ބަހުގެ ޤަވާއިދުގެ މައްޗަށް ލިއުއްވާފައިވާ "ފިޔަވަޅު 1. 2. 3." މި ތިންފޮތާއި "ޅެމާއި ޅެންވެރިކަން" މިނަމުގައި ލިއުއްވާފައިވާ ފޮތް ފާހަގަކޮށްލެވެއެވެ. ލިއުއްވި ޑުރާމާ ތަކުގެތެރެއިން "ބުރެކިރަނިން" އާއި "ގިތެޔޮގުޅި" ވަކިން ފާހަގަކޮށްލެވެއެވެ. ބަސްމޮށުންތެރިކަމުގެ ރޮގުންބަލާއިރު ތަޤުރީރުކުރެއްވުމާއި ވަޢުޡު ވިދާޅުވުމުގައި ބަސްމަގު ބުގިސް ދިވެހިބަހުގެ ދަރަޖަތަކުގެ އޮޅުންބޮޅުން އަމުދުންނެތް މުޤައްރިރެކެވެ. އެމިނިކުފާނުގެ ވަޒަންބަހުރުވައިގެ ތަރިކައިގައި ލޯބީގެ ޅެމާއި، ވަޞްފީޅެމާއި، ޤައުމީޅެމާއި، ފިކުރީޅެންތަކާއި، މަދަހައާއި ތައުރީފު، ނަސޭހަތާއި ވައުޡު ހިމެނިފައިވެއެވެ. މިއިން ކޮންމެ ރޮގެއްގައިވެސް ފާހަގަކޮއްލެވޭ ކިތަންމެ ޅެމެއް އެބަހުއްޓެވެ. މިސާލަކަށް ލޯބީގެރޮގުން "ހަބީބާގެ އަސަރު" ވަޞްފެއްގެ ގޮތުން "ދުނިޔެ" ޤައުމީ ގޮތުން "ޤައުމީ ސަލާމް" ފިކުރީ ގޮތުން "ވަގުތުފާއިތުވީފަހުން" މިމައިގަނޑު ނަންނަމުގެ ދަށުގައިވާ ޅެންތަކަށް ނަޒަރު ހިންގައިލައްވާށެއެވެ. ޙަބީބާގެ އަސަރު "ފާފައެއްނޫނޭ ހަބީބާގެ އަސަރު ހޯދުމަކީ ވާ ފަރާތަށް މިތުރާ ހޭދަވާ ޤުރުބާންވުމަކީ ............ ދުނިޔެއީ ވަތަނެކޭ އެކުއުޅުމާ ވަކިވެދިއުން އުނިނުވާ ރޫހުގެ ގުޅުމޭ ވަކިވުންނެތް ކަމަކީ" ............ ދުނިޔެ "ހާމަވީ ރީތި މަންޒަރުތަކޭ ނެތިދަނީ މާމަލުން އޭގެ ތާޒާކަމޭ ގެއްލެނީ ދާމަގުންދުނިޔެ ހިނގަމުން މިހިރަގެންދަނީ އާމަގެއްގައި ހިނގޭކަށްނެތޭ އަންގަނީ ................. މޫރިތިރަންތަކެއްހެން ވިދާ ތަރިތަކުން ނެތީމާ ބިމަށް ދޭނެ ނޫރެއް އަލުން މަތީގައި ހިނގާފުސްތަކެއް ބޯވުމުން އުޑުމަތީގައި އަނދިރި ސާލެކޭ ފެތުރެނީ" ................... ޤައުމީ ސަލާމް "ޤައުމީ މިއެކުވެރިކަންމަތީ ތިބެގެން ކުރީމެސަލާމް ޤައުމީބަހުން ގިނަހެޔޮދުއާކުރަމުން ކުރީމެ ސަލާމް ނަސްރާ ނަސީބާ ކާމިޔާބުގެ ރަމްޒަކަށް ހިމެނޭ ފެއްސާރަތާއި ހުދާއެކީ ފެނުމުން ކުރީމެ ސަލާމް" ............ ވަޤުތުފާއިތުވީފަހުން "ހުސްވީފަހުންހޭ އާލަމުން ހޯދަންއެމާ އެދިގެންދަނީ ބުސްރާގެ ބާޒާރުން ފެނޭތޯހޭ ދަތުރުކުރަމުންދަނީ ............. ހުރިވަގުތުގާ އައިނަމަ ލިބޭހުށިކަން ޔަޤީނޭ ހަމަހިލާ ހުރިހާމޮޅެއް ހޯދަންއުޅޭތީކަން އެނގޭހޭ ކެހިވަނީ" އަލްއުސްތާޛު މުހައްމަދު ޖަމީލުގެ އަދަބީ ހަރަކާތްތައްވަނީ ދިވެހިބަހަށް ކޮށްދެއްވައިފައިވާ އަގުބޮޑު ޚިދުމަތްތަކެއް ކަމަށް ދިވެހިން ބަލައިގެންފައެވެ. އެ ތަޙުރީކު ފަށްޓަވައިފައިވަނީ "އައްރަފީޤު" މަޖައްލާ އުފެދުނު ދުވަސްވަރުގައެވެ. ސަރުކާރުގެ ޚަބަރުގެ ނައިބު މުޙައްރިރުކަމާއި "ޝުއުލާ" އާއި "ދީނީރޫހު" ގެ ނައިބު މުޙައްރިރުކަން، ފަތްތޫރައިގެ މަސްއޫލުވެރިކަމާއި މުޙައްރިރުކަން، އަދި އެމަޖައްލާތައް ހިންގެވުމަށް ކުރެއްވި ބުރަމަސައްކަތްތަކާއި، ރާއްޖޭގައި ނިކުތް އެކިއެކި ނޫސް މަޖައްލާތަކަށް ލިއުއްވި އަސަރުގަދަ ލިއުންތަކުގެ ހަނދާން ހުންނަނީ އަބަދުވެސް އައުވެއައުވެއެވެ. މަޙުކަމަތުލް މަޢާރިފު ހިންގަވާ ވެރިޔާގެ ގޮތުންނާއި މަދުރަސަތުއްސަނިއްޔާގެ ނާޒިރުގެ ނައިބުގެގޮތުން ދިވެހިބަސް ކުރިއެރުވުމަށް އެމަނިކުފާނު ކުރެއްވި މަސައްކަތްތަކާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްގެ ހައިޘިއްޔަތުން ކުރެއްވި ލާމަޘީލު މަސައްކަތްތަކާއި، ބަސްކޮމިޓީގެ ޅަފަތުއްސުރެ އަޅުގަޑުމެންނާއި ވަކިވެވަޑައިގަންނަވަންދެން ބަހަށް ކޮށްދެއްވަމުން ގެންދެވި ޚިދުމަތްތަކަށް ޝުކުރާއި ތައުރީފު ހައްޤުވެގެން ވެއެވެ. އަދި އެމަނިކުފާނު ތަސްނީފުކުރެއްވި ގިނަގުނަ ފޮތްތައް މިއަދުވެސް ހަދާނަށް ގެނައުން ލާޒިމެވެ. އޭގެތެރެއިން ތަޢިލީމުއްދިޔާނާގެ ތިނަބަޔާއި އިރުޝާދުލް އަނާމާއި ދުރޫސުލް އަޚުލާގާއި ދީނިއްޔާތުގެ ބައިތަކާއި ޞަލާތުލް ޖަމާއަތާއި ދަތުރުވެރިޔާގެ ނަމާދު، ދިވެހިބަހުގެ ޤވާއިދުގެ ފިޔަވަޅުތަކާއި ކުޑަކުދިންގެ ބަގީޗާ، "ޢުލޫމުލް ޤުލްޝަން" އާއި "ޙައްޖާއި ޢުމްރާ" އަދި "ހުސްނީ ނުވަތަ ކެހިވެރިލޯބި" އާއި "އަލްއައްބާސާ" ފަދަ ފޮތްތައް ފާހަގަ ކުރެވެއެވެ. މިނޫންވެސް އެތައްފޮތެއް އެމަނިކުފާނު ލިއުއްވައި ޗާޕުކުރެވިފައްޔާއި ޗާޕުނުކުރެވި އެބަހުއްޓެވެ. އަލްއުސްތާޛު މުހައްމަދު ޖަމީލު އަވަހާރަވީ 1 މޭ 1989 މ. ދުވަހުގެ ރޭ (7 ޝައުބާން 1409 ހ. ބުދަވިލޭރޭ) ގެ ފަތިހު 3:54 ގައެވެ. ފަސްދާނު ލެވިފައިވަނީ މާލޭ- ގަލޮޅު ޤަބުރުސްތާނުގައެވެ. އަވަހާރަވިއިރު އެ މަނިކުފާނުގެ އުމުރުފުޅުންވަނީ 73 އަހަރާއި 10 މަހާއި 14 ދުވަސް ފާއިތުވެފައެވެ. --------------------- (ނިމުނީ) މަޢުލޫމާތު: "ދިވެހި އަދީބުން-2" މި ފޮތުން މި ލިޔުން: ފޮނުވުން: އަލްފާޟިލު ޢަލީ ނިޝާން އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން) ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ ސާފީ, 2011-06-07 03:45:00
އަސްލުވެސް ޖަމީލު ދީދީގެ ނަސްލަކީވެސް ބ.ދަރަވަންދޫކަން މި އާރޓިކަލް ކިޔާލުމުން އެގިގެންދޭ.... ވީމާ، ތިޔަ ބޭފުޅުން ދަރަވަންދޫއާއި ޅެންވެރިކަމާ ހުރިގުޅުމުގެ މައްޗަށް ބިނާކޮށް ޢާޓިކަލް އެއް ތައްޔާރުކޮށްދިނުމަކީ އަޅުގަނަދުމެން ކިޔުންތެރިންގެ ވަރަށް ބޮޑު އެދުމެކެވެ. ކުރިން މާޅޮސް މަދުލު ދެކުނުބުރީގައި ވާރުކަން ކުރަމުން އައި ދަރަވަންދޫ އަކީ އިލްމީ ގޮތުންނާއި ފަންނީ ގޮތުން ކުރިއަރާފައިވާ ރަށެއްކަން ފާހަގަކޮށްލަންޖެހޭ... އަދި ޅެންވެރިކަމަށް ވެސް މިރަށް މަޝްހޫރުވެގެން އައިގޮތް މިއާޓިކަލްތަކުންވެސް ދޭހަވޭ،. ސަބަބަކީ ރާއްޖޭގެ މަސްހޫރު ޅެންވެރިންނާއި ގުޅިފައިވާ ރަށްތަކުގެ ތެރެއިން ދަރަވަންދޫއަކީ އަރާހުރިރަށެއްކަން މިފަދަ ލިޔުންވުއްތަކުން ސާބިތުވޭ.. ވީމާ، ދަރަވަންދޫއާއި ޅެންވެރިކަމާހުރި ގުޅުމުގެ މައްޗަށް ބިނާކޮށް އާޓިކަލް އެއް ޝާއިއުކޮށްދިނުމަށް ފަންވަތުގެ އިދާރާގެ ފަރާތުން ވަރަށް އާދޭހާއެކު ދަންނަވަން. ޝުކުރިއްޔާ!
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|