މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ލިޔުންތެރީންގެ ގުޅުމުގެ މެންބަރުންގެ ތެރެއިން.... (2): އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން |
|
|
| ޝަޚްޞިއްޔަތު - ދިވެހި | |
| 07 ޖުލައި 2011، 09:47 ބުރާސްފަތި | |
|
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާރު ރާއްޖޭގައި އަދަބީ ޖަމްޢިއްޔާއެއްގެ ނަމުގައި ޙަރަކާތްތެރިވާ ހަމަ އެކަނި ޖަމްޢިއްޔާ ކަމުގައިވާ "ލިޔުންތެރީންގެ ގުޅުން" (ޖަމްޢިއްޔާ) ގެ ފުރަތަމަ ދައުރުގެ ރައީސްގެ މަޤާމާއި އެ ޖަމްޢިއްޔާގެ މަޖައްލާ "ލިޔުންތެރިޔާ"ގެ އެޑިޓަރ ގެ މަޤާމުގައި ހުންނެވި މއ. އުރަހަ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަކީ ދިވެހި އަދަބީ އުދަރެހުގައި ފާހަގަކޮށްލެވޭ ފަދަ ތަރިއެކެވެ. ސްކޫލް ދައުރުގައި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ ފަންނުގައި ވިދި، އަލިގަދަ ތަރިއެކެވެ. ސްކޫލް ދައުރު ނިންމަވައިލެއްވި އިރު ލިބިވަޑައިގަތް ގިނަގުނަ ސެޓްފިކެޓްތަކުން އެކަން ސާބިތުވެ އެވެ. އަދި މަޖީދިއްޔާ ސްކޫލްގައި ވަރަށް ޙަރަކާތްތެރިކޮށް ހިންގި ދަރިވަރުންގެ އަދަބީ ޖަމްޢިއްޔާގެ މުއައްސިސަކީ ވެސް ޚުދު ޢަބްދުއްރަޝީދެވެ. ހަމަ އެ ފަދައިން "އެކުވެރީންގެ ގުޅުމުގެ" ރައީސްކަން ވެސް އޭނާ ވަނީ ކުރައްވައިފައެވެ.
މީގެ އިތުރުން މަޖީދިއްޔާގެ އެކުވެރީންގެ ގުޅުމުން ނެރުނު "އެކުވެރިޔާ" ގެ 8 ވަނަ ޢަދަދާއި 9 ވަނަ ޢަދަދާއި 10 ވަނަ ޢަދަދުގެ އެޑިޓަރަކީ ވެސް ޢަބްދުއްރަޝީދު ޙުސައިނެވެ.ޢަބްދުއްރަޝީދު ޙުސައިންގެ އަދަބީ ޚިދުމަތްތައް ހިފެހެއްޓިފައި އޮތީ ހަމަ އެކަނި ސްކޫލްގެ އިމުގެ ތެރޭގައެއް ނޫނެވެ. އެ މަނިކުފާނުގެ އަދަބީ ޚިދުމަތްތައް މުޅި ޤައުމަށް ވަނީ ފޯރައިފައެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެންމެ އިސްވެރިޔެއްގެ ގޮތުން އެ މަނިކުފާނުވަނީ ގިނަ ގުނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ. ލިޔުންތެރިކަމުގެ ދާއިރާގައި "މޫންލައިޓް" ދުވަހު ނޫހާއި "ފަތްތޫރަ" ފަދަ ނޫސް މަޖައްލާތަކުގައި އޭނާ ވަނީ ތަފާތު ލިޔުއްވުންތަކާއި ޅެންތައް ޝާއިޢުކުރައްވައިފައެވެ. ޤައުމީ ފެންވަރުގައި ވިދައިގަތް ކިތަންމެ ޅެމެއްގެ ޝާޢިރަކީ ވެސް ޚުދު އަބްސީ އެވެ. "ރީތި ނަލަނަލަ ހަނދެއް ކުރި އަލީގާ... ރީތީ މޫދެއްގެ ލޮނުގަނޑުމަތީގާ.. ވީތި ހުރިހާ އުފާ އެކުއެކީގާ.... ވީމެ ދެކުދީން އެ 'ލަވް' ބައްތެލީގާ....." ފަދަ އަސަރުގަދަ ޢީޝްޤީ ލަވަތަކާއި "މިނިވަންކަމުން އަޅުވެތި ކަމަށް ދާނަންހޭ؟ ނުދާނަމޭ..، ފިނި ހިޔަލަކުން ގަދަހޫނަކަށް ދާނަންހޭ؟.... ނުދާނަމޭ..." ފަދަ ޖޯޝީ ޤައުމީ ލަވަތަކާއި، ސާފު ޗެމްޕިއަންޝިޕްގެ ފުޓްބޯޅައިގެ ރަންމެޑެލި ޙާޞިލްކުރި ދިވެހި ޤައުމީ ޓީމަށް މަރުޙާބާ ކިޔުމަށް ތައްޔާރުކުރި ފޯރިގަދަ ލަވަ "...މަރުހަބަ.. މަރުހަބަ.. ޤައުމީ ޓީމަށް މަރުޙަބާ!. . . " ފަދަ އެތައްބައިވަރު ލަވައާއި ޅެންތަކަކީ މިއަދުވެސް ދިވެހި އަދަބީ ޚަޒާނާގެ މުތްތަކެކެވެ. ޅެންވެރިކަމާއި ލިޔުނތެރިކަމުގެ އިތުރުން ޢަބްދުއްރަޝީދު ޙުސައިނަކީ ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅު ހުނަރުވެރި ވާހަކަދެއްކުންތެރިއެކެވެ. އައިބައިފިލީގެ ހަމަތަކާއި ބަހުގެ އެހެން ޤާވާޢިދުތަކަށް އިޙުތިރާމްކުރެއްވުމާއެކު އެ މަނިކުފާނުގެ ފަޞާޙާތްތެރި ދޫފުޅުން ބަލާޣާތްތެރިކަމާއެކު އޮއްސަވާ ފަށުވި ޢިބާރާތްތަކަކީ ވާހަކަދެއްކުންތެރިކަމުގެ ދާއިރާއަށް ވަންނަން އެދޭ ބަޔަކަށް ނަމޫނާ ތަޤްރީރުތަކެކެވެ. ބަހާއި އަދަބުގެ ދާއިރާގައި ޢަބްދުއްރަޝީދު ޙުސައިންގެ މަޤާމަކީ އުސް މަޤާމެކެވެ. އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ ޅެންވެރިކަމާއި ލިޔުންތެރިކަމާއި ވާހަކަދެއްކުންތެރިކަމުގެ އިތުރުން ސްޓޭޖް ޑްރާމާގެ ދާއިރާގަައި ވެސް އަބްސީ އަކީ ފާހަގަކޮށްލެވޭ ކުޅަދާނަ މުމައްޘިލެކެވެ. އަދި ދިވެހިބަސް ހެޔޮ ގޮތުގައި ބޭނުންކުރަން ދަސްކޮށްދެއްވުމަށްޓަކައި މިއަދުވެސް އެ މަނިކުފާނު ގެންދަވަނީ އުނގަންނަވައިދެއްވުމުގެ ޢަމަލީ މަސައްކަތްޕުޅުތައްވެސް ކުރައްވަމުންނެވެ. މީގެ އިތުރުން އަދި ދިވެހިބަސް ކުރިއަރުވައި ތަރައްޤީކޮށް ރަދީފު މުޠާލިޢާކޮށް ޝާއިޢުކުރުމުގެ މަސައްކަތްކުރާ "ބަސްކޮމިޓީ"ގެ އާދެ! ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދިވެހިބަހާއި ތާރީޚާ ބެހޭ މަރުކަޒުގައި އޮންނަ "ބަސްކޮމިޓީ"ގެ މިހާރުގެ ރައީސަކީ ވެސް އެ މަނިކުފާނެވެ. މި ފަދަ އެތައް ސަބަބުތަކަކަށްޓަކައި އަދި އެ މަނިކުފާނު ދިވެހިބަހާއި އަދަބަށް ކުރެއްވި އަދި ކުރައްވާ ގިނަގުނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، ދިވެހި ސަރުކާރުން އެ މަނިކުފާނަށް ވަނީ، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޤައުމީ ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ވެސް އަރުވައިފައެވެ. އިކޮނޮމިކްސް އާއި ނޭޝަނަލް މެނެޖްމެންޓް އިކޮނޮމިކްސްގެ ދާއިރާއިން ޕާކިސްތާނާއި ތައިލެންޑާއި އޮސްޓްރޭލިއާގައި މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ޢަބްދުއްރަޝީދު ޙުސައިނަކީ ކެބިނެޓްގެ އެތައް ވަޒީރުކަމެއްގެ އިތުރުން ދައުލަތުގެ ގިނަ މަޤާމުތަކެއް ފުރުއަވައިފައިވާ ބޭފުޅެކެވެ. ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށަކާއި ގިނަ ފަޅުރަށްރަށަށް ވެސް ވަޑައިގެންފައިވާ އަބްސީ ވަނީ ދުނިޔޭގެ ހުރިހާ ބައްރަކަށް ދަތުރުފުޅުކުރައްވައިފައެވެ. މ. ދިއްގަރަށް އުފަން ޢަބްދުއްރަޝީދު ޙުސައިން، ހުސްވަގުތު ހޯއްދަވައިގެން ކުރައްވާ ކަންކަމުގެ މައްޗަށްވެސް ބަލައިލާނަމެވެ. މި ގޮތުން ޅެންހެއްދެވުމާއި ދިވެހި އުރުދޫ ލަވަ އެއްކުރެއްވުމާއި ފޮތް އެއްކުރައްވައި ގެންގުޅުއްވުމަކީ އެ މަނިކުފާނުގެ ހޮބީ އެވެ. ދިވެހިތާރީޚާއި ދިވެހި އަދަބިއްޔާތުގެ ތަފާތު މަޢުޟޫޢުތަކަށް، ނޫސް މަޖައްލާތަކަށް ލިޔުއްވުމަކީވެސް އެ މަނިކުފާނުގެ އާދަފުޅެކެވެ. އެ މަނިކުފާނަކީ ޢިލްމަށް ޚާއްޞަކޮށް އަދަބިއްޔާތަށް ލޯބިކުރައްވާ ފޮތްތެރިއެކެވެ. ކުޅިވަރެއްގެ ގޮތުން އެ މަނިކުފާނު ކުރައްވާ ކަމަކީ މަސްވެރިކަމެވެ. އާދެ! އެއީ މަސްވެރި ރަށަކުން އުފަންވެ ވަޑައިގަތް ކުޅަދާނަ މަސްވެރިއެކެވެ. އާދޭހެވެ! ޢަބްދުއްރަޝީދު ޙުސައިންގެ އަރިހުގައި އަދަބީ ބައެއް މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިފައިވާތީ އެ މަނިކުފާނާ ބެހޭ ގޮތުން ލިބިފައިވާ މަދު މަޢުލޫމާތުކޮޅެއް ކިޔުންތެރީންނަށް ޙިއްޞާކޮށްލުމަށްޓަކައި ގަލަން ޙަރަކާތްތެރި ކޮށްލީއެވެ. އެ މަނިކުފާނާ ބެހޭ ގޮތުން ތަފްޞީލީ މަޒުމޫނެއް ލިޔުމަކީ އަޅުގަނޑަށް ކުޅަދާނަ ކަމަކަށް ނުވާތީ، ސާދާ، ސަމާސާ މިޒާޖުގެ ވެރި ޢަބްދުއްރަޝީދުގެ އަރިހުން މާފަށް އެދެމުން އަޅުގަނޑުގެ މި ލިޔުން ނިންމައިލަމެވެ. ----------------- ޙަވާލާ: (ނިމުނީ) ޢަބްދުއްރަޝީދު ޙުސައިންގެ ވަނަވަރު އެކުވެރިޔާ، 8، 9، 10 ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ލިޔުންތެރީންގެ ގުޅުން މި ލިޔުން: ފޮނުވުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ އަންވަރު އިބްރާހިމް , 2011-07-07 05:48:14
އަބުދުއްރަޝީދުގެ ލަވަތަކަކީ ވަރަށް އަސަރުގަދަ، ވަރަށް ފުރިހަމަ މާނައެއް އެލަވަތަކުގައި ހިމެނޭ ލަވަތެކެކެވެ. ޚާއްޞަކޮށް ގައުމީ ޅެންތަކުގައި އަޅުއްވާފައި ހުންނަ ޅެންވެރިކަމުގެ ފުރާނަ، މަރުވުމެއް ނެތްގޮތަކަށް އަޅުއްވާފައި ހުންންކަން ފާހަގަކުރެވެއެވެ. އޭގެ އިތުރުން ބޭނުންކުރައްވާފައިވައި ފުރިހަމަ ބަސްކޮށާރުވެސް ފާހަގަ ކުރެވެއެވެ.
...
ލިޔުނީ ކިޔުންތެރިއެއް, 2011-07-07 10:21:06
އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަކީ އަޅުގަނޑަށްވެސް ވަރަށް ކަމުދާ ޝަޚުޞިއްޔަތެއް. ވާހަކަފުޅު ދެއްކެވުމުގައި ވަރަށް ގަޔާވާ ގޮތެއް ހުރޭ. މަޑުމައިތިރި، ސާދާ، އަޑުއަހައިލަން ފަސޭހަ މިހެންގޮސް ކިތަންމެ ކަމެއް. ހައްދަވާފައިވާ ޅެންތައްވެސް ވަރަށް ރީތި. އަބްދުއްރަޝީދު ޙުސައިނަށް ބާއްޖަވެރިކަމާއި ފުރިހަމަ ޞިއްޙަތަކަށް އެދެން.
...
ލިޔުނީ އަޙްމަދު , 2011-07-24 16:11:04
ލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނަކީ އަޅުގަނޑަށްވެސް ވަރަށް ކަމުދާ ޝަޚުޞިއްޔަތެއް. މިލިޔުމުގައި އެމަނިކުފާނުންގެ ވަރަށް ރީތި ޅެއްމެއް އަދި އެމަނިކުފާން ދަރިކަބަލުން ކިއްޔުވި ޅެމެއްގެ ވާހަކަ ނެތަތީވެ މިލިޔުމުން އެއްބައި އުނިވެއްޖެ ހެން ހީވޭ އަޅުގަނޑަށް އެއީ ކުރައްވާށެ އަމާން މިއަޅާގެ އުފަން ދިވެހިންގެ ބިމޭ
... ލިޔުނީ محمدآدم على, 2011-09-05 15:59:03
عبد الرشيد حسين ގެ އެންމެ އަގު ހުރި އަދި އެންމެފައިދާ ބޮޑު ލިޔުމަކަށް އަޅުގަޑަށް ފެނިފައިވަނީ ކްރިސްޓިޔަން މިޝިނަރީގެ އަނިޔާވެރި މަސައްކަތްތަކުން މުސްލިމުން (ވަކިން ޚާއްޞަ ކޮށް ދިވެހި ރައްޔިތުން) މަގުފުރައްދަން ކުރެވޭ ތަފާތު މަސައްކަތްތަކާ ބެހޭ ގޮތުން ދިވެހިން ހޭލުންތެރި ކުރެއްވުމަށްޓަކައި ފަތްތޫރަ މަޖައްލާގައި عبد الرشيد حسين ލިޔުއްވާފައިވާ ވަރަށް ރަގަޅު (އަދި ފުދޭ ވަރަކަށް ދިގު) މަޒްމޫނެކެވެ. އެއީ އަލުން ޝާއިޢު ކުރުން ޙައްޤު ބޭނުންތެރި ލިޔުމެކެވެ. ވީމާ އެ މަޒްމޫނު ފަންވަތުގައި ޝާއިޢު ކޮށްދެއްވުން އެދި ފަންވަތުގެ މަސްއޫލު ވެރިންނަށް އިލްތިމާސް ކޮށް ދަންނަވަމެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|