މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޝާފިޢީގެފާނު .... ކޮންކަހަލަ ބޭކަލެއް ؟ |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |
| 02 ޑިސެމްބަރ 2011، 00:32 ހުކުރު | |
|
އިބްރާހީމު ރަޝީދު މޫސާ މި ތާނގައި އަޅުގަނޑު ހުށަހަޅައިލަން މި އުޅެނީ އިމާމު ޝާފިޢީގެ ވަނަވަރެއް ނޫނެވެ. އެކަމަކު އެކަލޭގެފާނު އެކިކަންކަމާ ބެހޭގޮތުން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތަކެވެ. ޝާފިޢީގެފާނާ ބެހޭގޮތުން، އެކަލޭގެފާނުގެ ދަރިވަރެއްކަމުގައިވާ އިމާމު އަޙްމަދު ބުނު ޙަންބަލު ވިދާޅުވަނީ "ޝާފިޢީގެފާނަކީ ހަތަރުކަމެއްގައި ފިލޯސަފަރެކެވެ. އެއީ ބަހާއި އިޚްތިލާފުތަކުގައްޔާއި މާނަތަކުގައްޔާއި ފިޤްހުގައެވެ. ޝާފިޢީގެފާނުގެ ޝަޚްޞިއްޔަތުން ފައްދާލާފައިވާ ދޯދިތަކުގެ ތެރެއިންލައިފާ މި ޙިކްމަތްތެރި، ތެދުވެރި ބަސްފުޅުތަކާމެދު ބަލައިލަމާތޯ އެވެ؟ ޝާފިޢީގެފާނަކީ ދުނިޔެއަށް އިރެއް ފަދަ، މީސްތަކުންނަށް ފަރުވާއެއްފަދަ ،އެކަލޭގެފާނުގެ ޢިލްމީ ޚަޒާނާގެ ތެރޭގައި މީސްތަކުން އަދިވެސް ފީނަމުންދާ ބޮޑުކަނޑެކެވެ. ޢިލްމާ ބެހޭގޮތުން ވިދާޅުވެފައިވާ ބައެއް ބަސްފުޅުތައްޢިލްމާ ބެހޭގޮތުން ޝާފިޢީގެފާނު ވިދާޅުވަނީ؛ 1- ރަށެއްގެ ބަޔަކު ޢިލްމު އުނގެނުން ދޫކޮށްލުމަށް އެއްބަސްވެއްޖެ ނަމަ އެބަޔަކަށް ޢިލްމު އުނގެނުން މަޖްބޫރުކުރުމަކީ ޙާކިމުގެ މަސްއޫލިއްޔަތެކެވެ. 2- ފަރްޟުތައް އަދާކުރުމަށް ފަހު ޢިލްމު އުނގެނުމަށް ވުރެ ބޮޑު މާތްކަމެއް ނެތެވެ. 3- ދުނިޔެ ބޭނުންވާ މީހަކަށް އޮތީ ޢިލްމެވެ. އަދި އާޚިރަތް ބޭނުންވާ މީހަކަށް ވެސް އޮތީ ޢިލްމެވެ. 4- ތިބާ އުނގެނުނު ޢިލްމެއްގެ ހިމުންކަން ގެއްލިގެން ދިޔަ ނުދިނުމަށްޓަކައި، ތިބާ ޢިލްމެއް އުނގެނިއްޖެނަމަ އޭއްޗެއްގެ ހިމުންކަމަށާއި އޮށްޓަރަށް ރަނގަޅަށް ބަލާށެވެ. 5- ޙުއްޖަތާ ނުލައި ޢިލްމު އުނގެނޭމީހާގެ މިސާލަކީ، ދަރުބޮނޑިއެއްގެ ތެރޭގައިހަރުފައެއް އޮތްކަން ނޭގި ރޭގަނޑު ގައި އެ އުފުލާމީހާގެ މިސާލެވެ. 6- ޢިލްމުގައި ކަންދެއްކުމަކީ ހިތް ހަރުކުރާނެ ކަމެކެވެ. އަދި ނީހަވެރިކަން ވާރުތަކުރުވާނެކަމެކެވެ. 7- ތިބާއާ ޒުވާބުކުރާ ކޮންމެ މީހަކާ ޒުވާބުކުރުމާއި، ތިބާއާ ދެކޮޅަށް ބަސްބުނާ ކޮންމީހަކަށް ރައްދުދިނުމަކީ، ތިބާގެ ޢިލްމަށް ކަމޭނުހިތުމެކެވެ. 8- ޢިލްމުގެ މަތިވެރިކަމަކީ، އެ ލިބިފައިނުވާމީހުން، އެ ލިބިފައިވާ ކަމަށް ދަޢުވާކުރާނެ އެވެ. އަދި އެފަދަމީހަކަށް ޢިލްމެއް ނިސްބަތްކުރެވިއްޖެ ނަމަ އޭނާ އެކަމާމެދު އުފާފާޅުކުރާނެތެވެ. އަނެއްކޮޅުން ޖާހިލުކަމުގެ ނުބައިކަމަކީ، މީހަކަށް އެކަން ނިސްބަތްކުރެވިއްޖެ ނަމަ އެކަމާ ރުޅި އަންނާނެއެވެ. އަދި ކޮންމެމީހަކުވެސް އެކަމުން ބަރީއަވެވޭތޯ އުޅޭނެއެވެ. އަދަބިއްޔާތާއި .. ޝާފިޢީގެފާނުޝާފިޢީ މަޛްހަބުގެ މަޝްހޫރު އިމާމެއްކަމުގައިވާ އިމާމު މުޒްނީ ، އިމާމުޝާފިޢީއަށްދެންނެވިއެވެ. އަދަބިއްޔާތަށް ކަލޭގެފާނު ޝަހްވަތްތެރިވެވަޑައިގަންނަވަނީ ކޮންފަދައަކުންތޯ އެވެ؟ ޝާފިޢީގެފާނުވިދާޅުވިއެވެ. "އޭގެތެރޭގައި ހިމެނޭއަހުރެންނަށްކުރިން އިވިފައިނުވާއަކުރުތައް އަހުރެންގެ ގުނަވަންތައް ބަލައިގަންނަނީ ކަންފަތުން އެ ބަލައިގަންނަ ފަދަ ފޮނިކަމާއި މީރުކަމާއެކުގައެވެ." ދެންނެވުނެވެ. ކަލޭގެފާނު އެކަމަށް ދަހިވެތިވެވަޑައިގަންވަނީ ކިހިނަކުންތޯއެވެ؟ ޖަވާބުގައި ވިދާޅުވިއެވެ." ޙާޞިލުކުރަން ދަތިއެއްޗެއްގެ މީރުކަން ލިބިގަތުމަށް ދަހިވެތިވާ މިންވަރަށެވެ." ދެންނެވުނެވެ. އެކަމަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީ ކިހިނަކުންތޯއެވެ؟ ވިދާޅުވިއެވެ. "އިތުރު އެހެން ދަރިއަކު ލިބިފައިނުވާ އަންހެނަކަށް އޭނާގެ ދަރި ގެއްލުމުން އެ ދަރި ހޯދަންއުޅޭގޮތަށެވެ. " އެކިއެކި ބޭކަލުންނާ މެދު ޝާފިޢީގެފާނުގެ ރައުޔު1- ޢަލީ ބުނު މިޤްލާޞާ (1) އާ މުޚާޠަބުކުރައްވާ ޝާފިޢީގެފާނު ވިދާޅުވިއެވެ. ޙަދީޘްތައް ހިތު ދަސްކުރައްވައިގެން ފަޤީހަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވަނީތޯއެވެ؟ ޝާފިޢީގެފާނު މިފަދައިން ވިދާޅުވީ ، އިބްނު މިޤްލާޞް އެހެނިހެން ޙާފިޡުންނާ އެއްގޮތަށް ޙަދީޘްތަކުން ދޭހަވާ ޙުކުމްތައް ހޯއްދެވުމަށް ބުރަ ނޫފުއްލަވައި، ޙަދީޘްތައް ހިތުދަސްކުރެއްވުމަށް އިސްކަންދެއްވާތީއެވެ. 2- އިސްޙާޤު ބުނު އިބްރާހީމިލް ޙަންޡަލީ (2) އާ ދިމާއަށް ޝާފިޢީގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ދަސްފުޅުވެފައިވާ މިންވަރަށް ތިމަންކަލޭގެފާނަށް ޙަދީޘްތައް ދަސްފުޅުވެފައިވާ ނަމަ، ދުނިޔޭގެ އެންމެން ބަލިކޮށްލާނަމެވެ." 3- އަޙްމަދު ބުނު ޙަންބަލް ވިދާޅުވިއެވެ. މާތްﷲ އެކަލޭގެފާނު މައްޗަށް ރަޙްމަތްލެއްވި ޝާފިޢީގެފާނު ވިދާޅުވިއެވެ. "އަޅުގަނޑަށް ވުރެ ބޮޑަށް ކަލޭގެފާނަށް ޙަދީޘް އެނގިވަޑައިގަންނަވަ އެވެ. ރަސޫލުﷲގެފާނު އަރިހުން ޞައްޙަ ޙަދީޘެއް ފެނިވަޑައިގެންފި ނަމަ، އެ ޙަދީޘެއް އަޅުގަނޑަށް ވެސް ވިދާޅުވެދެއްވަންވާނެއެވެ. 4- އަލް ޙުމައިދީ އާ ބެހޭގޮތުން ޝާފިޢީގެފާނު ވިދާޅުވަނީ އަލްޙުމައިދީ (3) އަށް ވުރެ ބޮޑަށް ޙަދީޘްތައް ހިތުދަސްމީހަކު ދެކެވަޑައެއް ނުގަންނަވަމެވެ. ސުފްޔާން ބުނު ޢުޔައިނާގެ އަރިހުން 10ހާސް ޙަދީޘް ދަސްކުރައްވާފައިވެއެވެ. ޙުމައިދީ ވިދާޅުވާގޮތުގައި ޝާފިޢީގެފާނުގެ އަރިހުގައި މައްކާއިން މިޞްރާ ހަމައަށް އޭނާ ވަޑައިގަތެވެ. އެކަލޭގެފާނު އަރިހުން، ތިމަންކަލޭގެފާނު އެތައް މަސްއަލަތަކެއްގެ ޙައްލު ހޯއްދެވީމެވެ. އަދި ތިމަންކަލޭގެފާނު އަރިހުން އެކަލޭގެފާނު އެތައް ޙަދީޘްތަކެއް އުނގެނިވަޑައިގެންނެވިއެވެ. 5- އަލް މުޒްނީ، ދެންނެވިއެވެ. ކަލޭގެފާނުގެ ގައިބާރުކޮޅު ދެރަކަމުގައި ނުވާއިރު އަސާކޮޅެއް ތިޔަގެންގުޅުއްވަނީ ކީއްވެގެންތޯއެވެ؟ ޖަވާބުގައި ޝާފިޢީގެފާނު ވިދާޅުވިއެވެ. ދުނިޔޭގައި އަހުރެންނަކީ ދަތުރުވެރިއެއްކަން ހަނދާންކުރާށެވެ. ޝާފިޢީގެފާނުގެ ބައެއް ބަސްފުޅުތައް1- ދުނިޔެ އާއި އާޚިރަތުގެ ހެޔޮކަންވަނީ ފަސްކަމެއްގައެވެ: އަމިއްލަ ނަފްސުގެ ފުދުންތެރިކަމާއި، ގޯނާކުރުމުން އެއްކިބާވުމާއި، ޙަލާލުގޮތުގައި ރޯދިހޯދުމާއި، ތަޤްވާވެރިކަމުގެ ފޭރާންލުމާއި، ހުރިހާކަމެއްގައި ﷲއަށް އިތުބާރުކުރުމެވެ. 2- ތިބާގެ މައްޗަށް އޮތީ ޒާހިދުކަމެވެ. ޒާހިދުވެރިއާގެ ޒާހިދުކަމަކީ، ފުރާވަރަށްއަރާފައި އިން އަންހެނެއްގެ ގަހަނާއަށްވުރެ ރިވެތި އެއްޗެކެވެ. 3- ﷲގެ ނޫރުފުޅުން، އެމީހެއްގެ ހިތް ހުޅުވާލަދެއްވުމަށް، ނުވަތަ އުޖާލާކޮށްދެއްވުމަށް އެދޭމީހާ، ފަހެ، އޭނާއާ ނުބެހޭކަންތައްތަކުގައި ވާހަކަ ނުދައްކާ ހުށިކަމެވެ. އަދި ކުށްފާފަތައް ދޫކޮށްލައި، އުރެދުންތަކާ ދުރުހެލިވާހުށިކަމެވެ. އަދި އޭނާއާ ﷲއާ ދެމެދުގައި ވަންހަނާވެފައިވާ ޢަމަލުތަކެއްކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން މިފަދަމީހާއަށް، ﷲ، ޢިލްމުގެ ދޮރުތައް ހުޅުއްވާދެއްވާނެއެވެ. 4- ﷲ، އޭނާގެ ހިތް ހުޅުއްވާދެއްވަން އެދޭމީހާ، އަދި ﷲ، އޭނާއަށް ޙިކްމަތް ދެއްވަން އެދޭމީހާ، ފަހެ، އެހެންމީހުންނާ ފޭވެ، އެކަހެރިވާށެވެ. އަދި ކެއުން މަދުކުރާށެވެ. ދޯހަޅިމީހުންނާ އެކު ނޫޅޭށެވެ. އަދި އަދަބުވެރިކަމެއް އިންސާފުވެރިކަމެއް ނެތް ޢިލްމުވެރިންނާ ދުރުހެލިވާށެވެ. 5- ތިބާއާ ނުބެހޭކަމަކާ ބެހޭގޮތުން ވާހަކަ ނުދައްކާށެވެ. ފަހެ، ތިބާ ބުނާ ބަސްތަކުން ތިބާ މިލްކުވެދާނެއެވެ. އެކަމަކު ތިބާއަށް އެ ބަސްތައް މިލްކެއް ނުކުރެވޭނެއެވެ. 6- އެންމެން ރުއްސަން ތިބާ ކިތަންމެ ވަރަށް މަސައްކަތްކުރިއަސް، އެކަމަށް މަގެއް ނެތެވެ. ވީމާ، ތިބާގެ ޢަމަލުތަކާއި ނިޔަތް އަރަހުށިﷲއަށް ޚާލިޞްކުރާށެވެ. 7- އާދަމުގެދަރިއާ ޚަލްޤުކުރެއްވިގެންވަނީ ޙަޤީޤަތް ބަލައިނުގަތުމުގެ މަތީގައެވެ. އޭނާއާ ގާތްވަން އެދޭމީހަކާ އޭނާ ދުރަށް ޖެހޭނެއެވެ. އޭނާއާ ދުރަށް ޖެހޭމީހަކާ ގާތްވަން އުޅޭނެއެވެ. 8- ޖަނަވާރުންގެ ކަންތައްތައް ހިންގުމަށް ވުރެ މީސްތަކުންގެ ކަންތައްތައް ހިންގުން މާބުރައެވެ. 9- ލޮލުކޮޅަށް ގޮސް އެއްޗެހި ފެނުން ހުއްޓިގެންދާ ފަދައިން ވިސްނުން ވެސް ގޮސްހުއްޓޭނެ ހިސާބެއްވެއެވެ. 10- މީހެއްގެ ހަރުދަނާކަން ތިންކަމެއްގެ ތެރެއިން ހާމަވެއެވެ. ފަޤީރުކަން ވަންހަނާކުރާމިންވަރުން ތިބާއަކީ ފުދުންތެރިއެއްކަމަށް ހީވާމިންވަރަށް ޢިއްފަތްތެރިވުމާއި، ތިބާއަކީ ރުހިގެންވާމީހެއްކަމަށް މީސްތަކުންނަށް ހީވާމިންވަރަށް ތިބާގެ ރުޅި ދިރުވާލައި ހިންދާލުމާއި، ތިބާއަކީ ފާގަތިކަން ލިބިގެންވާ މީހެއްކަމަށް މީސްތަކުންނަށް ހީވާ މިންވަރަށް ނުތަނަވަސްކަން ވަންހަނާކުރުމެވެ. 11- އޭނާގެ އަމިއްލަ ނަފްސަށް އެންމެ އަނިޔާވެރިމީހަކީ : އޭނާ އަށް ކަމޭނުހިތާމީހާއަށް ހިތްތިރިކުރާމީހާ އާއި، އެ ފަރާތުން މަންފާއެއް ނުލިބޭނެމީހެއްގެ ކިބައިން ކުލުނުހޯދަން އުޅޭމީހާއާއި، އޭނާ ނުދަންނަމީހަކު ކުރާ ތާރީފު ބަލައިގަންނަމީހާއެވެ. 12- މާތްﷲ ތިބާ ހައްދަވާފައިވަނީ މިނިވަނެއްގެ ގޮތުގައެވެ. ފަހެ، ތިބާ ހެއްދެވިގޮތަށް އުޅެވޭތޯބަލާށެވެ. 13- މިނިވަންކަމަކީ ދީލަތިކަމާއި ތަޤްވާވެރިކަމެވެ. މި ދެޞިފަ އެމީހެއްގެ ކިބާގައި ހުރިމީހަކީ މިނިވަނެކެވެ. 14- ކަންފަތުން އަހާމީހާ ވާނީ ކިޔާދޭމީހަކަށެވެ. ހިތުން އަހާމީހާ ވާނީ ހޭލުންތެރިއަކަށެވެ. އޭނާގެ ޢަމަލުތަކުން ވަޢުޡުބުނާމީހާ ވާނީ ތެދުމަގުދައްކާމީހަކަށެވެ. 15- ހެޔޮވިސްނުންތެރި ބުއްދިވެރިއަކީ ޣާފިލުވެގެންވާ ކަންތައްތައް ދެނެގަންނަމީހާއެވެ. 16- ހުރިހާ އެންމެން ރުއްސުމަކީ ތިބާއަށް ކުރެވޭނެކަމެއް ނޫނެވެ. ވީމާ، ތިބާއާ ތިބާގެ ވެރިރަސްކަލާނގެއާ ދެމެދުގައިވާ ކަންތައްތައް އިޞްލާޙުކުރާށެވެ. އަދި މީސްތަކުންނަށް ނުބަލާށެވެ. 17- ވެރިއަކަށްވުމުގެ ކުރިން ފިޤްހުވެރިވާށެވެ. ފަހެ، ތިބާ ވެރިއަކަށް ވެއްޖެ ނަމަ ފިޤްހުވެރިވާނެ މަގެއް ނެތެވެ. 18- ރުޅިއެރުވުމުން ރުޅި ނާންނަމީހަކީ ޙިމާރެކެވެ. ރުއްސުމުން ނުރުހޭމީހަކީ ޝައިޠާނެކެވެ. 19- ޙީލަތްތެރިކަމުގައި އޯގާތެރިވުން، ހުރިހާ ވަސީލަތްތަކަކަށް ވުރެ ފައިދާބޮޑެވެ. 20- އާދަކާދަ ދޫކޮށްލުމަކީ އަލަށް އުފެއްދުނު ފާފައެކެވެ. 21- ޝާފިޢީގެފާނު ވިދާޅުވިއެވެ. "އަހުރެން އެމީހަކަށް ޙައްޤުވެގެންވާ މިންވަރަށް ވުރެ ބޮޑަށް، އެމީހަކަށް ކަމޭހިތިމީހާގެ ކިބައިން، އަހުރެންނަށް އެ މިންވަރަށް އިހާނެތިކަން މެނުވީ ލިބިފައެއް ނުވެއެވެ." (4) ------------- (ނިމުނީ) ހަވާލާ: 1 -ابنمقلاصގެ އަރިހުން ޝާފީޢީގެފާނު އެތައް ޙަދީޘެއް އުނގެނިވަޑައިގަތެވެ. އިބްނު މިޤްލާޞަކީ އިބުނު ވަހަބުގެ ދަރިވަރެކެވެ. ޝާފިޢީގެފާނު މިޞްރަށް ވަޑައިގެން އިބްނު މިޤްލާޞުގެ އަރިހުގައި ވަރަށް ގިނަދުވަހު އުޅުއްވިއެވެ.އިބްނު މިޤްލާޞް އަވަހާރަވީ 234 ހ ވަނަ އަހަރުއެވެ. 2 - މި ކަލޭގެފާނު މަޝްހޫރުވެވަޑައިގަންފައިވަނީ އިބްނު ރާހަވައިހި ގެ ނަމުންނެވެ. އެއީ އޭނާގެ ކާފާފުޅުގެ ނަންފުޅެވެ. ޙަންޡަލީ އަކީ އޭނާގެވަންހައެވެ. އެއީ ޣަޠުފާން ޤަބީލާގެ ބަނޑެކެވެ. އުފަންވެވަޑައިގަތީ ހިޖްރައިން 161 ވަނައަހަރުގައެވެ. އެކަލޭގެފާނަކީ ވަރަށްބޮޑު ޢިލްމުވެރިއެކެވެ. 3 - ޙުމައިދީއަކީ أبو بكر عبد الله بن الزبير بن عيسى بن عبيد الله القرشي الأسدي الحميدي المكيއެވެ. އެއީ މައްކާގެ ޤުރަޝީއެކެވެ. 4 - އިތުރަށް ވިދާޅުވަން ބޭނުންފުޅުވާ ނަމަ، އައްބައިހަޤީގެ " މަނާޤިބުއްޝާފިޢީ " ވިދާޅުވާށެވެ. މި ލިޔުން: ފޮނުވުން: އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ (ފަންވަތުގެ މުސްތަޝާރު) އަލުންބެލުމާއި ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
|
| ހަމަ މި ގަލަމުން |
|---|