ފަންވަތް ޝަޚްޞިއްޔަތު ދިވެހި ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟
ބެލި ޢަދަދު: 19106
ސިޙުރަކީ ކޮބާ؟ އަދި އެއިން ސަލާމަތްވާނީ ކިހިނެއް؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 28
ދެރަވަރަށްމޮޅު 
ސިއްޙަތު - އެހެނިހެން
29 ނޮވެމްބަރ 2008، 16:06 ހޮނިހިރު


ޢަބްދުލްމުޢީދު ޙަސަން



ހުށަހެޅުން

މި ކުޑަކުޑަ ފޮތުގައިވާނީ، ސިޙުރަކީ ކޮބައިކަމާއި އެއިން ސަލާމަތްވާނެ ގޮތެވެ. ސިޙުރުގެ މާނައާއި އެއާމެދު ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ ގޮތާއި އަދި މިޒަމާނުގެ ޢިލްމީ ތަޙުޤީޤުތަކުން އޮޅުން ފިލާފައިވާ ގޮތް މިފޮތުގައި ވާނެއެވެ. އޭގެ އިތުރުން، ސިޙުރުގެ ވައްތަރުތަކާއި އެއާމެދު އިހުގެ މަޝްހޫރު ޢިލްމުވެރިން ދެކެވަޑައިގެންފައިވާ ގޮތް ވެސް ހިމަނާފައިވާނެއެވެ. ހަމައެފަދައިން، ސިޙުރުވެރިން ކުރާ ނުބައި ކަންތައްތަކާއި އެބައިމީހުން ހަދާ މަކަރާއި ޙީލަތްތަކަށް ވެސް ބަލާލާފައި ވާނެއެވެ. ސިޙުރަކީ ކޮބައިކަމާއި އެއިން ސަލާމަތްވާނެ ގޮތް ދެނެވަޑައިގަތުމަށް ބޭނުންފުޅުނަމަ، މިފޮތް ވިދާޅުވުން ހުއްޓެވެ.

 

މާނަ

"ސިޙުރު" މިއީ ޢަރަބި ލަފްޒެކެވެ. މަކަރާއި ޙީލަތާއި އޮޅުވާލުން މިލަފްޒުގެ މާނަތަކުގެ ތެރޭގައި ހިމެނެއެވެ.

 

ކީރިތި ޤުރުއާނުގެ އަލީގައި

ކީރިތި ޤުރުއާނުގައި ސިޙުރާއި ބެހޭ ވާހަކަތައް ބަޔާންކުރައްވާފައިވެއެވެ. ހާރޫތާއި މާރޫތު ނަމަކަށް ކިއުނު ދެސިޙުރުވެރިންގެ ވާހަކަ އަލްބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގައިވެއެވެ. އަދި ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި އެނޫން ސިޙުރުވެރިންނާއި ސިހުރުގެ ވާހަކަތައް ބަޔާންކުރައްވާފައިވެއެވެ.

ހާރޫތާއި މާރޫތުގެ ވާހަކައަށް ބަލާއިރު ސިޙުރަކީ ފިތުނައިގެ ތެރޭގައި ހިމެނޭ ކުފުރުގެ ބާވަތެއްކަން އެނގެއެވެ. އަދި އެއީ މަކަރާއި ޙީލަތުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަން ވެސް އެނގެއެވެ

ހަމައެފަދައިން މޫސާގެފާނާއި އިދިކޮޅަށް ސިޙުރުހެދި ފިރުޢައުނުގެ ސިޙުރުވެރިންގެ ވާހަކައިން ވެސް އެކަން އެނގެއެވެ. އެހެނީ ކީރިތި ޤުރުއާނުގައި އަނގަވާފައިވަނީ އެސިޙުރުވެރިންގެ ސިޙުރުން އަސަރު ފޯރުވީ މީސްތަކުންގެ ލޯތަކަށް ކަމަށެވެ. ފިރުޢައުނުގެ ސިޙުރުވެރިން ހިމެނިފައިވަނީ އެފަދަ ސިޙުރުވެރިންގެ ތެރެއިންނެވެ. އެބައި މީހުން ހެދި ސިޙުރުގައި ބޭނުންކޮށްފައިވަނީ މާއްދާގެ ޚާއްޞިއްޔަތުތަކެވެ. އެބައިމީހުން ޞިޙުރުހަދަން އިޚުތިޔާރުކޮށްފައިވާ ވަގުތުން ވެސް އެކަން އެނގެއެވެ. އިރުގެ އަލިކަމާއި ހޫނުކަން ދުނިޔެއަށް ލިބި ދުނިޔެ ހޫނުވާންފެށި ވަގުތު އެބައިމީހުން، މީސްތަކުންގެ ކުރިމައްޗަށް ހުށަހެޅީ، ހަމުން ހަދާފައިވާ ވާތަކާއި އަސާތަކެކެވެ. އެތަކެތި ދިގުދެމި ޙަރަކާތްކުރަން ފެށީ އިރުގެ ހޫނުކަން އެއަށް ލިބުމުންނެވެ. ބަލަންތިބި މީހުންނަށް ހީވީ އެކަން އެގޮތަށް އެވަނީ ސިޙުރުގެ ބާރުން ކަމުގައެވެ. ހޫނުވުމުން އެތަކެތި ޙަރަކާތްކުރަން ފެށުމުގެ ސިއްރަކީ އޭގެތެރެއަށް އަޅާފައިވާ ދިރޭރަހަކަމެއް ބަލަންތިބި މީހުންނަކަށް ނޭގެއެވެ. ދިރޭރަހައަކީ ހޫނުވުމުން ވަރަށްބޮޑަށް ދެމޭ މާއްދާއެކެވެ. ސިޙުރުވެރިން، ހެނދުނުގެ ޟުޙާ ވަގުތު އިޚުތިޔާރުކުރީ އެވަގުތު ދުނިޔެއަށް ލިބެންފަށާ ހޫނުކަމުން އެބައިމީހުންގެ ސިޙުރަށް އެހީތެރިކަން ލިބިގަތުމަށްޓަކައެވެ.

 

ސައިންސްގެ އަލީގައި

މިޒަމާނުގައި ސިޙުރު ދިރާސާކުރި ޢިލްމީ ލިއުންތެރިންގެ ނަޒަރުގައި ސިޙުރުގެ އެތައް ވައްތަރެއް ވެއެވެ. އަންނަނިވި ވައްތަރުތަކުގެ ސިޙުތުތައް އޭގެތެރޭގައި ހިމެނެއެވެ.
1. މާއްދާގެ ޚާއްޞިއްޔަތުތަކުގެ މައްޗަށް ބިނާވެފައިވާ ސިޙުރު.
2. ޖިންނީންގެ އެހީގައި ހަދާ ސިޙުރު.
3. ފަލަކީ ހިސާބުތައް ކޮށްގެން ހަދާ ސިޙުރު.
4. ހީކުރުވުމުގެ މައްޗަށް ބިނާވެފައިވާ ސިޙުރު.
5. އަވަސް ޙަރަކާތާއި ޙީލަތްތެރިކަމުން ދައްކުވާދޭ ސިޙުރު.
6. މިޒަމާނުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހަދާ ސިޙުރު.
މިބާވަތްތަކުގެ މައްޗަށް ނަޒަރު ހިންގާއިރު، އަޅުގަނޑުމެން ޖާދޫއޭ މިކިޔާ ފަންނަކީ ވެސް ސިޙުރުގެ ބާވަތެއްކަން އެނގެއެވެ. އެހެނީ، މާއްދާގެ ޚާއްޞިއްޔަތުގެ ބޭނުންކުރުމާއި ހީކުރުވުމާއި އޮޅުވާލުމާއި އަވަސް ޙަރަކާތާއި ޓެކްނޯލޮޖީގެ ވަސީލަތްތައް، ޖާދޫ ހެދުމުގައި ބޭނުންކުރެވެއެވެ.

 

ސިޙުރުގެ ވައްތަރުތައް

1. މާއްދީ ސިޙުރު: މިބާވަތުގެ ސިޙުރު ހަދަނީ މާއްދާތަކުގައިވާ ޚާއްޞިއްޔަތުގެ ބޭނުންކޮށްގެންނެވެ. މިބާވަތުގެ ސިޙުރު ހަދައި އުޅޭ ސިޙުރުވެރިންނަށް ކޮންމެވެސް ވަރަކަށް ފިޒިކްސް އާއި ކެމިސްޓްރީ އެނގެންޖެހެއެވެ. އެ ދެ ޢިލްމު އޮޅުންފިލިވަރަކަށް އެބައިމީހުންނަށް ސިޙުރުގެ މޮޅުކަން ދެއްކުން އިތުރުކުރެވިދާނެއެވެ. އެބައިމީހުންނަކީ، އަނގައިން އަލިފާންނެރޭ ބައެކެވެ. އަދި ކިޔަވާފައި ފުމެލައިގެން އެއްޗެހީގައި އަލިފާން ރޯކުރާ ބައެކެވެ. މިނޫނަސް މިބާވަތުގެ އެތައް ކަމެއް އެބައިމީހުން ކުރެއެވެ. އެހުރިހާ ކަމެއްގައި އެބައިމީހުން ބޭނުންކުރަނީ މާއްދާގެ ޚާއްޞިއްޔަތެވެ. ވައިގެ ތެރެއަށް ދޫކޮށްލައިފިނަމަ އޭގައި އަލިފާން ރޯވާ މާއްދާތައް ވެއެވެ. އެފަދަ މާއްދާއެއްގެ އެތިކޮޅެއް އަނގައިގެ ތެރޭގައި އޮންނައިރު އެއިން ހުޅުފަޅައި އަލިފާނަށް ވެގެން ނުދާނެއެވެ. އެކަމަކު ވައިގެތެރެއަށް ދޫކޮށްލައިފިނަމަ އޭގައި ހުޅުހިފައި އަލިފާން ރޯވާނެއެވެ. މަންޒަރު ދެކޭ މީހަކަށް ހަޤީޤަތް ނޭނގޭނަމަ، އޭނާއަށް ހީވާނީ އަލިފާން ރޯވަނީ ސިޙުރުގެ ބާރުންކަމަށެވެ.


2. ޖިންނި ސިޙުރު: މިބާވަތުގެ ސިޙުރު ހަދަނީ ޖިންނީންގެ ބޭނުންކޮށްގެންނެވެ. މިޒަމާނުގެ ސައިންސްގެ އަލީގައި މިބާވަތުގެ ސިޙުރު ދިރާސާ ކުރެވޭކަށްނެތެވެ. ޖިންނީންނަކީ ސައިންސުގެ ވަސީލަތްތަކުން މޭރުންވާ ބަޔެއް ކަމުގައި ނުވާތީއެވެ. ނަމަވެސް މިބާވަތުގެ ސިޙުރަކީ ގިނަ ބަޔަކު ޤަބޫލުކުރާ އެއްޗެކެވެ.


3. ފަލަކީ ސިޙުރު: ފަލަކީ ހިސާބުތައް ކޮށްގެން ހަދާ ސިޙުރަކީ އޮޅުވާލުމާއި މަކަރު ހެދުމުގައި ސިޙުރުވެރިން ބޭނުންކުރާ ސިޙުރުގެ މުޙިއްމު ބާވަތެކެވެ. މިބާވަތުގެ ސިޙުރުވެރިން ބުނަނީ، މީސްތަކުންގެ ހުރިހާ ކަމެއް ހިނގަމުންދަނީ އޯބިޓްތަކުގައި ހިނގަމުންދާ ޕްލެނެޓްތަކާއި ތަރިތަކުގެ އެހީގައި ކަމަށެވެ. އަދި އެތަކެއްޗާއި ބެހޭ ހިސާބުތައް ކޮށްގެން މީހެއްގެ ކުރިމަގާއި ޣައިބުގައިވާ އެމީހަކާއި ބެހޭ އެހެނިހެން ކަންތައްތައް ހޯދިދާނެކަމަށެވެ.


4. ހީކުރުވާ ސިޙުރު: ހީކުރުވުމުގެ މައްޗަށް ބީނާކުރެވިފައިވާ ސިޙުރުގައި ތަފާތު އުކުޅުތައް ބޭނުންކުރެވިފައިވެއެވެ. މިއީ ސިޙުރުގެ ތެރެއިން ވަރަށް ނުބައި ސިޙުރެކެވެ. މިބާވަތުގެ ސިޙުރު ހަދާ މީހުން ބޭނުންކުރާ އެއްވަޞީލަތަކީ ދެބައޮޑުވުމެވެ. ދެބައޮޑުވައިގެންނާއި އެހެނިހެން ގޮތްގަޮތުން ކުށްހީތައް ހީކުރުވައިގެން ސިޙުރުވެރިން އެބައިމީހުން ހަދާ ސިޙުރުތައް ކާމިޔާބުކުރެއެވެ. މިބާވަތުގެ ސިޙުރު ގިނައިން ހަދަނީ ދެމަފިރިން ވަރިކުރުވުމާއި ގާތްތިމާގެ މީހުންގެ ދެމެދުގައި ހަސަދަވެރިކަން އުފެއްދުމަށެވެ. ނުވަތަ ދެއެކުވެރިއެއްގެ ދެމެދުގައި އޮންނަ އެކުވެރިކަމުގެ ގުޅުން ނައްތާލުމަށްޓަކައެވެ.


5. ހެވިކަމުގެ ސިޙުރު: އަވަސް ޙަރަކާތުގެ ހެވިކަމާއި ޙީލަތްތެރިކަމުގެ އުކުޅުތައް ދައްކުވައިދޭ ސިޙުރާއި، މިޒަމާނުގެ ސައިޓިފިކް ވަޞީލަތްތައް ބޭނުންކޮށްގެން ހަދާ ސިޙުރު ގިނައިން ބޭނުންކުރެވެނީ ޖާދޫހެދުމުގައެވެ. މިބާވަތުގެ ސިޙުރު ހަދާ މީހުން ވައިގެ ތެރޭގައި އުދުހުމާއި ކުރިމަތީގައި ހުންނަ އެއްޗެއް، ނުފެންނަގޮތް ހަދައި ނިވާކޮށްލުމާއި މީހަކު ދެބުރިކޮށްފައި ގުޅުވާލުން ފަދަ ކަންތައްތައް ކުރެއެވެ.

ބަޔާންވެދިޔައީ ސިޙުރުގެ ބައެއް ބާވަތްތަކެވެ. ހަޤީޤަތުގއި އެއިން އެއްވެސް ބާވަތެއްގެ ސިޙުރަކީ، ސަލާމަތުން ހުރި މުއުމިނަކަށް ގެއްލުމެއް ދެވޭނެ އެއްޗެއް ނޫނެވެ. ސިޙުރުން އަސަރުކޮށް އެއިން ގެއްލުން ލިބެނީ ހަރުދަނާ އީމާންކަމެއް ނެތް މީހުންނަށެވެ. އެހެންވީމާ، ސިޙުރުން އަސަރު ފޯރާފަދަ ދަށުދަރަޖައަކަށް އީމާންތެރިކަން ކުޑަވެ، ނަފްސާނީގޮތުން އަރިއަޅާލިޔަ ނުދިނުމަށް މުއުމިނުން މަސައްކަތްކުރަން ޖެހެއެވެ.

 

ސިޙުރު ޖެހުމަކީ ޙަޤީޤަތެއް

ސިޙުރެއް ޖެހިފައިވާކަމަށް ބުނެވޭ މީހުންގެ ކިބައިން ފެންނަނީ ބައްޔެއް ޖެހިފައިވާކަމުގެ ޢަލާމާތްތަކެކެވެ. އެެއީ ކޮންބައްޔެއްކަން ބޭސްވެރިންނަށް ނޭނގުނެއްކަމަކު، ބަލިޖެހިފައިވާ މީހާއަށް ބަލީގެ ވޭނާއި ތަދު އިޙްސާސްކުރެވެއެވެ. އެހެންވީމާ، އޭނާއަށް ވަނީ ކޮންމެވެސް ބައްޔެއް ޖެހިފައިކަން ޤަބޫލުކުރަން ޖެހެއެވެ.

މީހަކަށް ބައްޔެއް ޖެހިއްޖެނަމަ، އެބަލި ފަސޭހަކުރުމަށްޓަކައި އޭނާގެ ހަށިގަނޑުގައިވާ ދިފާޢީ ނިޒާމް މަސައްކަތްކުރެއެވެ. ހަށިގަނޑުގައިވާ ދިފާޢީ ނިޒާމަށް މަތަނުކުރެވޭ ވަރުގެ ބަލިތައް ހަންމަތަ ކުރުމަށްޓަކައި ދިފާޢި ނިޒާމު ވަރުގަދަ ކުރަންޖެހެއެވެ. ބަލިމީހާއަށް ބޭސްކާންދީ އޭނާގެ ގަޔަށް އިންޖެކްޝަން ޖަހަނީ އެކަމަށްޓަކައެވެ.

 

ސިޙުރުޖެހެނީ ކޮންބަޔަކަށް؟

ސިޙުރަކީ ވަރަށް ގިނަބަޔަކު ޤަބޫލުކުރާ އެއްޗެއް ކަމުގައި ވާތީ، އޭގެ ޙަޤީޤަތް ހޯދުމަށްޓަކައި ސައިންޓިފިކް ދިރާސާތައް ކުރވިފައިވެއެވެ. އެގޮތުން ކުރެވިފައިވާ ދިރާސާތަކުގެ އަލީގައި، އާއްމުގޮތެއްގައި ސިޙުރުގެ ބަލިތައް ޖެހެނީ ކޮންބަޔަކަށްކަން ތަފާސްކުރެވިފައިވެއެވެ. ސިޙުރުގެ ބަލިތައް ޖެހޭ މީހުންގެ ލިސްޓްގެ އެންމެ ކުރީގައިވަނީ މާތް ﷲގެ ޙަޟްރަތަށް އީމާން ނުވާމީހުންނެވެ. އެއަށްފަހު އެބަލިތައް ޖެހޭ މީހުންގެ ތެރޭގައި މިދަންނަވާ މީހުން ހިމެނެއެވެ.

1. އެބައިމީހުންނަކީ މުޖުތަމަޢުގައި އޮންނަ ހަމަޖެހޭ އުޞޫލުތަކާއި ޚިލާފުވެ ޖަމާއަތުން ބޭރުވާ މީހުންނެވެ.
2. އެބައިމީހުންނަކީ ނާއުއްމީދުވާ މީހުންނެވެ.
3. އެބައިމީހުންނަކީ ރުޅިގަދަ ނަފުޞު ކޮންޓްރޯލް ނުކުރެވޭ މީހުންނެވެ.
4. އެބައިމީހުންނަކީ ޞިއްޙަތުދެރަ ހަށިގަނޑު ނިކަމެތިި މީހުންނެވެ.
5. އެބައިމީހުންނަކީ އަމިއްލަ އެދުމާއިގެން ކުރިއަށްދާ މީހުންނެވެ. އެބައިމީހުންނަކީ ސިޙުރުވެރިންނާއި ގުޅުން ބަހައްޓާ މީހުންނެވެ.
6. އެބައިމީހުންނަކީ ގަދަކީރިތިވަންތަ ﷲގެ ޙަޟްރަތަށް އުރެދޭ މީހުންނެވެ.
7. އެބައިމީހުންނަކީ ﷲގެ ޙަޟްރަތަށް ޚުޝޫޢައްތެރިނުވާ މީހުންނެވެ.
8. އެބައިމީހުންނަކީ ބޮޑާކަމާއި ކިބުރުވެރިކަމުން ކަޅިވެފައިވާ މީހުންނެވެ.
9. އެބައިމީހުންނަކީ މާއްދީ ބޭނުންތަކުގައި ހައްދުފަހަނަ އަޅާފައިވާ މީހުންނެވެ.
10.  އެބައިމީހުންނަކީ ބަދުއަޚްލާޤީ ޢަމަލުތައް ހިންގާ މީހުންނެވެ.
11.  އެބަިމީހުންނަކީ ޒަކާތްދިނުންފަދަ ދީނީ ގޮތުން ކުރަންޖެހޭ ކަންތައްތައް ނުކުރާ މީހުންނެވެ.
12.  އެބައިމީހުންނަކީ މުދާތައް މިލްކުގައި ފުނިޖެހިފައި ވާއިރުވެސް އެއިން ފަޤީރުންނަށް ޞަދަޤާތްނުދޭ މީހުންނެވެ.
13.  އެބައިމީހުންނަކީ އަޤީދާ ބަލިކަށި މީހުނެވެ.
14.  އެބައިމީހުންނަކީ ސުވަރުގެއާއި ނަރަކައަށް އީމާންނުވާ މީހުންނެވެ.
15.  އެބައިމީހުންނަކީ މަގުފުރެދިފައިވާ މީހުންނެވެ.
16.  އެބައިމީހުންނަކީ ފައިސާއާއި މެދު ދަހިވެތިވެ މުއްބާރުކުރާ ބަޚީލުންނެވެ.
17.  އެބައިމީހުންނަކީ އެހެންމީހުންގެ ހައްޤުތައް ނިގުޅައިގަންނަ ޒާލިމުންނެވެ.
18.  އެބައިމީހުންނަކީ ހިތްވަރުދެރަ ފިނޑިންނެވެ. އެބައިމީހުންނަކީ ރިބާ ކައިއުޅޭ މަކަރުވެރިންނެވެ.
19.  އެބައިމީހުނަކީ މީހަކަށް މާތް ﷲ ދެެއްވާފައިވާ ނިޢުމަތެއް ފެނިއްޖެނަމަ އެނިޢުމަތާ މެދު ނުރުހި އެކަމަށް ނަފްރަތުކުރާ ހަސަދަވެރިންނެވެ.
20.  އެބައިމީހުންނަކީ މުޖުތަމަޢުގައި ހަމަނުޖެހުން އުފެދޭފަދަ ވާހަކަތައް ދައްކާއުޅޭ ފިތުނަވެރިންނެވެ.
21.  އެބައިމީހުނަންކީ އަމާނާތްތައް އޭގެ އަޙުލުވެރިންނަށް ރައްދުނުކުރާ ޚިޔާނާތްތެރިންނެވެ.
22.  އެބައިމީހުންނަކީ މާތް ﷲގެ ޙަޟްރަތާއި އެހެންފަރާތްތައް ބައިވެރިކޮށް ޝަރީކުކުރާ މުޝްރިކުންނެވެ.
23.  އެބައިމީހުންނަކީ މުދަލާއި ފައިސާއިން ބޭކާރުގޮތުަގއި ހޭދަކޮށް އިސްރާފްކުރާ މުސްރިފުންނެވެ.

 

މުއުމިނުންނާއި ސިޙުރު

ނަންގަނެވި ދިޔައީ، ސިޙުރުޖެހިފައިވާ މީހުންގެ މައްޗަށް ކުރެވިފައިވާ ދިރާސާތަކުން، ސިޙުރުގެ ބަލިތައް ޖެހިފައިވާ ކަމަށް ހޯދިފައިވާ މީހުންނެވެ. ނަމަވެސް އެބައިމީހުންގެ ސިފަތަކުގެ ތެރެއިން ސިފައެއްނެތް ތަޤުވާވެރިއަކަށް ވެސް ސިޙުރު ކަމުގައި ހީކުރެވޭފަދަ  ބައްޔެއް ޖެހިދާނެއެވެ. އެފަދަ ބައްޔެއް ޖެހިއްޖެނަމަ އެއީ ކޮންމެހެން ސިޙުރުކަމުގައި ވާކަށް ނުޖެހެއެވެ. މިހާތަނަށް ހޯދިފައިނުވާ ބައްޔެއް ކަމުގައި ވެސް ވެދާނެއެވެ. ބައްޔަަށް ޝިފާއެއް ލިބުން ކިތަންމެ ލަސްވިކަމުގައި ވިޔަސް، މާތް ﷲގެ ފަޟުލުވަންތަވެރިކަމާމެދު ޝައްކުކޮށްގެން ނުވާނެއެވެ. އެ ބައްޔަކީ އެކަލާނގެ އަޅުތަކުންގެ ތެރެއިން މުއުމިނެއްގެ އީމާންތެރިކަން ހުރި މިންވަރު، އެހެންމީހުންނަށް ދެއްކެވުމަށްޓަކައި ޖެއްސެވި އިމްތިޙާނުގެ ބައްޔަކަށް ވެސް ވެދާނެއެވެ. އެހެންވީމާ، ކޮންމެ ޙާލަތެއްގައި ވެސް، ކެތްތެރިވެ، މާތް ﷲގެ ރަސްކަންފުޅު ހަނދުމަކޮށް ގިނަގިނައިން ޒިކުރުކުރުން ހުއްޓެވެ.

 

ޢިލްމުވެރިންގެ ރައުޔު

ކީރިތި ޤުރުއާނުގައި ސިޙުރުގެ ވާހަކަތައް ބަޔާންކުރައްވާފައި ވާހިނދު އެކަން މީސްތަކުންނަށް އޮޅުފިލުވައި ދެއްވުމަށްޓަކައި ޢިލްމުވެރިން މަސައްކަތް ކުރައްވާފައިވެއެވެ. ޢިލްމުވެރިންގެ ޚިޔާލުތައް ފާޅުކުރެއްވުން ބިނާވެފައި އޮންނަނީ ފާހަގަ ކުރެވޭ ކަންތައްތަކާއި އޮޅުންފިލާ މަޢުލޫމާތުގެ މައްޗަށް ކަމުގައި ވާއިރު، ޢިލްމުވެރިންވަނީ މައިގަނޑު ގޮތެއްގައި ދެބަޔަކަށް ބެހިފައެވެ. އެއްބަޔަކީ ސިޙުރު ޤަބޫލުކުރެއްވި ޢިލްމުވެރިންނެވެ. އަނެއްބަޔަކި ސިޙުރާއިމެދު އިންކާރު ކުރެއްވި ޢިލްމުވެރިންނެވެ.

ސިޙުރު ޤަބޫލުކުރެއްވި ޢިލްމުވެރިންގެ ތެރޭގައި އަލްކިންދީއާއި އިބްނު ޚަލްދޫނާއި އަލްޣަޒާލީއާއި އިބްނުސީނާއާއި އިބްނުރުޝްދާއި އައްރާޒީއާއި އިޚުވާނުއްޞަފާގެ ޢިލްމުވެރިްނ ހިމެނިވަޑައިގަންނަވައެވެ. ސިޙުރާއިމެދު އިންކާރު ކުރެއްވި ޢިލްމުވެރިންގެ ތެރޭގައި އަލްފާރާބީއާއި މުޢުތަޒިލާއިންގެ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ. ތިރީގައި މިވަނީ މިދެންނެވި ނުވަ ފަރާތުން ލިބިފައިވާ ތަފާތު ރައުޔުތަކެވެ.

1. ޔަޢުޤޫބު ބިން އިސްޙާޤުލްކިންދީ ވިދާޅުވެފައިވަނީ، ޕްލެނެޓްތަކާއި ތަރިތަކަކީ ތަޢުބީރުކުރުމުގެ ކުޅަދާނަކަން ދެއްވާފައިވާ އެއްޗެއްކަމުގައެވެ. އެހެންކަމުން އެތަކެތީގެ މައްޗަށް ބިނާވެފައިވާ ސިޙުރެއްވާކަމުގައި އަލްކިންދީ ޤަބޫލުކުރެއްވިއެވެ. އަލްކިންދީއަކީ ޢައްބާސީ ދައުލަތުގެ ނުޖޫމީ ޢިލްމުވެރިއެއް ކަމުގައިވާތީ، އޭނާގެ މިރައުޔަކީ މަޤާމާއި ގުޅޭގޮތަށް ވިދާޅުވެފައިވާ މަޤާލަތެއްކަމުގައި ވުމަކީ ދުރުކަމެއްނޫނެވެ. (މަޤާލަތަކީ ދުލުންބުނާ އަދި ޤަލަމުން ލިޔާ ޢިބާރާތާއި ޖުމްލައެވެ.)

2. ޢަބްދުއްރަޙްމާން ބިން ޚަލްދޫން، އޭނާގެ މުޤައްދިމާ ނަމަކަށް ކިޔުނު މަޝްހޫރު ފޮތުގައި ސިޙުރާއި ބެހޭގޮތުން ވަރަށް ދިގު ބާބެއް ލިޔުއްވާފައިވެއެވެ. އެބާބުގައި އޭނާވަނީ ސިޙުރާއި އެއިން ކުރާ އަސަރަކީ ހަޤީޤަތެއްކަމުގައި ވިދާޅުވެފައެވެ. އަދި ސިޙުރުގައި ކިޔެވޭ އިސްމުތަކާއި އޭގައިވާ ބާރުތައް ވެސް ޤަބޫލުކުރައްވާފައެވެ.

3. އަބޫޙާމިދުލްޣަޒާލީ ވިދާޅުވެފައިވަނީ، ތަރިތައް އަރައި އޮއްސޭ ގޮތާއި އަދި ދައުރުކުރަމުންދާ ފަލަކުތަކާއި ގުޅިފައިވާ ސިޙުރެއްވާކަމަށެވެ. ނަމަވެސް އެއަށް އީމާންވެ އޭގެ ބާރަކީ އަރައި އޮއްސޭ ތަރިތައް ކަމުގައި ޤަބޫލުކުރުމަކީ މާތްވެގެންވާ އިސްލާމްދީނުގައި މަނާކުރައްވާފައިވާ ކަމެއްކަމަށެވެ. ޣަޒާލީ ވިދާޅުވާގޮތުގައި ތަރިތަކުގެ ދައުރުކުރުމަށް ބަލައިގެން، ކުރިމަގުގައި ހިނގާނޭ ކަންތައްތައް ހޯދާނޭ ކަމުގައި ބުނާ މީހުންނަކީ ވަރަށް ޖާހިލު ބައެކެވެ. އެކަމުގައި މީސްތަކުންނަށް ހުރި ނުރައްކާތެރިކަމުގެ ބޮޑުކަމުން އިސްލާމްދީނުގައި އެކަންވަނީ މަނާކުރައްވާފައެވެ. ޖިންނީގެ އެހީގައި ސިޙުރު ހަދައިއުޅޭކަމަށް ބުނެވޭ މީހުންނާއި އެމީހުންގެ ޢަމަލުތަކަކީ، ޣަޒާލީގެ ރައުޔުގައި ތަރިތަކަށް ބަލައިގެން ސިޙުރުހަދާ ސިޙުރުވެރިންގެ ޢަމަލުތަކާ އެއްފަދަ އެއްޗެކެވެ.

4. އިބްނުސީނާގެ ނަމުން މަޝްހޫރުވެފައިވާ އަބޫޢަލީއަކި ވަރަށް ބޮޑަށް ސިޙުރަށް އީމާންވެވަޑައިގެންނެވި ޢިލްމުވެރިއެކެވެ. ސިޙުރުގެ ތަފާތު ވައްތަރުތައް އޭނާ ތަފާސްކުރައްވާފައިވެއެވެ. އަދި އަކުރުތަކުގައި މާނަތަކާއި ހެކިތައް ލައްވާފައިވާ ކަމަށް އޭނާ ޤަބޫލުކުރެއްވިއެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި އަކުރުތަކުގައި ލައްވާފައިވާ ސިއްރުތަކުން ފައިދާތައް ޙާޞިލްކުރެވިދާނެއެވެ.

5. އަބުލްވަލީދު އިބްނު ރުޝްދަކީ ވެސް އުޑުގައިވާ ތަރިތަކުން، ބިމުގައިވާ މީސްތަކުންނަށް އަސަރުކުރާ ކަމުގައި ޤަބޫލުކުރެއްވި ޢިލްމުވެރިއެކެވެ. އޭނާގެ ނަޒަރުގައި ބިމުގައިވާ ކާއިނާތްތަކަށް ލިބޭ ގެއްލުމާއި ފައިދާތައް ވަނީ ތަރިތަކުގެ ދައުރުކުރުމާއި ގުޅިފައެވެ. އަދި އޭނާ ވިދާޅުވާގޮތުގައި މީހަކު ނިދުމަށްފަހު، އެމީހާގެ ކިބައިގައިވާ ރޫޙާނީ ޙިއްސުގެ ބޭނުންކޮށްގެން ޣައިބުގައިވާ ކަންތައްތައް އޮޅުންފިލުވިދާނެއެވެ.

6. އަލްއިމާމު މުޙައްމަދުއްރާޒީ އަކީ ކީރިތި ޤުރުއާން ޝަރަޙަކުރެއްވި މުފައްސިރެކެވެ. ފަޚުރުއްރާޒީގެ ތަފުސީރުގެ ނަމުން މަޝްހޫރުވެފައިވާ ތަފުސީރު ފޮތްބައިގައި އޭނާވަނީ ސިޙުރުގެ ބައިތައް ތަފާތު ބައިތަކަށް ބައްސަވާފައެވެ.

7. އިޚުވާނުއްޞަފާގެ އަހުލުވެރިންނަކީ ޖިންނި، ޝައިޠާނުންނަށް އީމާންނުވާ ބައެކެވެ. ނަމަވެސް އެބައިމީހުން ސިޙުރަށް އީމާންވެއެވެ. އެބައިމީހުންގެ ނަޒަރުގައި ސިޙުރަކީ ރައްޔިތުންނާއި ވެރިން ގުޅުވައި، ވެރިންނާއި މަލާއިކަތުްނ ގުޅުވައިދޭ ޢިލްމެކެވެ. އަދި ފައިދާ ކުރަނިވި ސިޙުރާއި ގެއްލުންދެނިވި ސިޙުރުތައް ވެއެވެ.

8. ސިޙުރާއިމެދު އިންކާރު ކުރައްވާފައިވާ ޢިލްމުވެރިްނގެ ތެރެއިން އަލްފަރާބީ ވިދާޅުވެފައިވަނީ އެއަށް އީމާންވެ އޭގެފަހަތުން ދުވަނީ ބުއްދި ހަމަނުޖެހޭ މީހުންނާއި ނަފްސާނީ ބަލިތައް ޖެހިފައިވާ މީހުންނާއި ހިތާމަވެރިންނާއި ރުޅިގަދަ މީހުންނާއި އަދި ކަންކަމާމެދު ދަހިވެތިވެގެން އުޅޭ މީހުންކަމަށެވެ. އޭނާގެ ނަޒަރުގައި ތަރިތަކުގެ އަރައިއޮއްސުމަށް ބަލައިގެން ޣައިބުގައިވާ އެއްވެސް ކަމެއް ނޭނގޭނެއެވެ.

9. މުޢުތަޒިލާއިންގެ ގިނަބަޔަކު ދެކޭގޮތުގައި، މީހުން ހީކުރާފަދައިން ކަލިމައެއް ލިޔެގެން ނުވަތަ އިސްމެއް ކިޔައިގެން ހަދާ ސިޙުރަކީ މިވުޖޫދުގައި ނެތް އެއްޗެކެވެ. އެބައިމީހުން ބުނާ ގޮތުގައި ސިޙުރެއް ވާނަމަ އެއީ މާއްދާތަކުގެ ޚާއްޞިއްޔަތުތައް ބޭނުންކޮށްގެން ހަދާ ސިޙުރާއި ދެބައޮޑުވުން ފަދަ ފާސިދު ކަންތައްތަކުގެ މައްޗަށް ބިނާވެފައިވާ ސިޙުރެވެ.

މިޒަމާނުގެ ސައިންސްގެ އަލީގައި ސިޙުރު ދިރާސާކޮށް ބަލާއިރު، ކަލިމައެއް ލިޔެގެން ނުވަތަ އިސްމެއް ކިޔައިގެން ހެދިދާނެ ސިޙުރެއްވާނަމަ އެއީ ނަފުސާނީގޮތުން މީހުންނަށް ކުރާ އަސަރުތައް ފިޔަވައި އެހެން އެއްޗެއް ނޫންކަމަށް ބުނެވެއެވެ. ސިޙުރާއި ބެހޭގޮތުން ކުރެވިފައިވާ މިޒަމާނުގެ ސައިންސްގެ ބައެއް ދިރާސާތައް، އަލްފަރާބީގެ ރައުޔާއި މުޢުތަޒިލާއިންގެ ރައުޔަށް ބުރަވެފައިވެއެވެ. ކީރިތި ރަސޫލާގެ ޠާހިރު ސުންނަތުގައިވަނީ ސިޙުރު ހެދުން މަނާކުރައްވާފައެވެ.

 

ސިޙުރުވެރިން ކުރާ ކަންތައްތައް

ސިޙުރުވެރިން ސިޙުރު ހެދުމަށްޓަކައި ކުރާ ނުބައި ކަންތައްތަކެއް ވެއެވެ. އެކަންތައްތަކުގެ ތެރޭގައި މާތް ﷲ ގެ ޙަޟްރަތައް ކުފުރުވުމާއި ދޮގުހެދުމާއި ފޭރިގެން ކެއުމާއި ފަސާދަކުރުމާއި ޒިނޭކުރުމާއި ލޭބުއިމާއި އިބްލީހަށް ސަޖިދަކުރުމާއި ސަމާވީ ފޮތްތަކަށް އިހާނެތިކޮށް ހިތުން ހިމެނެއެވެ. އަދި އެއްފަހަރާ އިދިކޮޅު ދެމީހަކަށް ސިޙުރު ހަދައި ދިނުމާއި އެ ދެމީހުންކުރެ ގިނައިން ދޭމީހާއަށް ކާމިޔާބުކޮށްދޭނެ ކަމަށް ބުނެ ސިޙުރު ހަދައިދިނުމަކީ ވެސް ސިޙުރުވެރިން ކުރާ ކަމެކެވެ. މާތްވެގެންވާ އިސްލާމްދީނުގައިވަނީ، މިކަންތައްތައް ވަރަށް ބޮޑަށް ނަހީކުރައްވާފައެވެ. މިކަންތައްތަކުގެ ޚުލާޞާއެއް އަންނަނިވި ފޮޅުވަތްތަކުގައި އެވަނީއެވެ.

1. ކުފުރުވުން: ޝައިޠާނުންނާއި ޖިންނީން ގެނެސްގެން ސިޙުރު ހަދާ މީހުން އެންމެ ފުރަތަމަ މާތް ﷲ ގެ ޙަޟްރަތަށް ކާފިރުވާންޖެހެއެވެ. އަދި އިބިލީހަށް ގޮވައި، ތިމަންނަ ކާފިރުވެއްޖައީމޭ ބުނެ، އިބިލީހާ ބައިވެރިވެ، މީސްތަކުން މަގުފުރައްދާނޭ ކަމުގައި އެއްބަސްވާން ޖެހެއެވެ. އެގޮތުގެ މަތިން އޭނާ ދެދުނިޔޭން ގެއްލިފައިވާ މީހުންގެ ތެރޭގައި ހިމެނެއެވެ.

2. ދޮގުހެދުން: އެއްވެސް ބާވަތެއްގެ ސިޙުރެއް، ދޮގުހެދުމާއި ނުލައި ކާމިޔާބެއް ނުވެއެވެ. ދޮގުހެދުމަކީ ސިޙުރުހެދުމުގެ ތަރަހައެވެ. ސިޙުރުވެރިން ކުރާކަންތައްތައް ކާމިޔާބު ކުރާނީ ދޮގުހަދައި އެދޮގުތައް މީސްތަކުންނަށް ޤަބޫލުކޮށްދީގެންނެވެ. އެހެންކަމުން، ސިޙުރުވެރިން ހަދައިއުޅޭ ދޮގުތައް ޤަބޫލުނުކުރާ، މުއުމިނެއްގެ މައްޗަށް ސިހުރުގެ ބާރެއް ނުފޯރައެވެ.

3. ބާޠިލުގޮތުގައި މުދާކެއުން: ސިޙުރުހަދާ މީހާއަކީ އެއްވެސް ޙާލެއްގައި އޭނާކުރާ މަސައްކަތަށް އެއްވެސް އުޖޫރައެއް ހައްޤުވާ މީހެއްނޫނެވެ. އެހެނީ އޭނާ އެކުރަނީ ޙަރާމްކުރައްވާފައިވާ ބާޠިލް ޢަމަލެކެވެ. އަދި އެކަންތައްތަކުން ޙަޤީޤަތުގައި މީސްތަކުންނަށް ލިބެމުންދަނީ ގެއްލުމާއި ހަލާކެވެ. އަޞްލުގައި ސިޙުރުވެރިންނަކީ އެބައިމީހުންގެ ޢަމަލުތަކުން މީހަކަށް ފައިދާއެއް ޙާޞިލްކޮށްދޭ ބަޔެއް ނޫނެވެ. އެބައިމީހުން ކުރާކަމަކާ ވިދިގެން މޮޅެއް ލިބޭނަމަ އެކަން ގުޅިފައިވަނީ މީހާގެ ހިތުގައި އޮންނަ އިޢުތިޤާދާއެވެ.

4. ފަސާދަކުރުން: ސިޙުރުވެރިން މިކަން ކުރަނީ މީސްތަކުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބައިވަންތަކަން ނަގާލައިގެންނެވެ. އެއްބަޔެއްގެ ހިތުގައި، އަނެއްބަޔެއްގެ މައްޗަށް ރުޅިވެރިކަމާއި ނަފުރަތްތެރިކަން އުފައްދައިގެންނެވެ. ސިޙުރުވެރިންގެ މަކަރުވެރި ރޭވުންތަކުން، އަވަށްޓެރިންގެ މެދުގައި ދޭތެރެ ޖެއްސުމާއި ދެމަފިރިން ވަރިކުރުވުމާއި ދަރިންނާއި މައިބަފައިންގެ މެދުގައި ފިތުނަވެރިކަން އުފެއްދުން ހިމެނެއެވެ. މިބާވަތުގެ ސިޙުރުވެރިން އެބައިމީހުން ދައްކާ ވާހަކަތަކަކީ ތެދުކަމުގައި ޤަބޫލުކުރުވަން ވެގެން ވިހަތަކެތި ބޭނުންކުރެއެވެ. އެބައިމީހުންގެ މަކަރާއި ހީލަތަށް ހެއްލުމަކީ ވަރަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވާނެ ކަމެކެވެ.

5. ނުހަމަ ގުޅުން ހިންގުން: މިކަމަކީ ދަރިން ނުލިބޭ އަންހެނުންނަށް ދަރިން ހޯދައިދިނުމުގެ ނަމުގައި ސިޙުރުވެރިން ކުރާކަމެކެވެ. ސިޙުރުވެރިން ބުނާ ގޮތުގައި އެބައިމީހުންގެ ހަށިގަނޑުން ބޭރުވާ ދަރިފެން، ދަރިން ނުލިބޭ އަންހެނުންގެ ގަޔަށް ވާޞިލުވުމަކީ މުޖައްރިބު ފަރުވާއެކެވެ. އެ ފެނަކީ އެމީހުންނާއި ގުޅިފައިވާ ޖިންނީންގެ ފަރާތުން އަންނަ އެއްޗެއް ކަމުގައިވެސް ބައެއް ފަހަރު އަންހެނުންނަށް ހީކުރުވައެވެ. އެގޮތުގެ މަތިން އެބައިމީހުން ފަސޭހަކަމާއެކު ބުއްދިމަދު އަންހެނުން ޝިކާރަކޮށްގެން ނުހަމަ ގުޅުން ހިންގާލައެވެ.

6. ކުޑަކުދިންގެ ގައިން ލޭބުއިން: މިކަމަކީ އިބްލީހުގެ ރުހުން ހޯދުމަށްޓަކައި ސިޙުރުވެރިން ކުރާ ކަމެކެވެ. ކުޑަކުދިން ކަތިލައިގެންނާއި އެނޫން ގޮތްގޮތުން އެބައިމީހުން ކުޑަކުދިންގެ ގައިން ލޭ ބޮއި އުޅެއެވެ. ސިޙުރުވެރިން ޤަބޫލުކުރާ ގޮތުގައި އެ ނުބައި ޢަމަލަކީ ސިޙުރުހެދުމުގެ ކުޅަދާނަކަން އެބައިމީހުންގެ ކިބައިގައި އިތުރުކޮށްދޭ ކަމެކެވެ. ޚާއްޞަކޮށް އިބްލީހުގެ ނަމުގައި (އިބްލީހަށްޓަކައި) ކަތިލާ ކުޑަކުދިންގެ ގައިން ލޭބުއިމަކީ އެކަމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.

7. އިބްލީހަށް ސަޖިދަޖެހުން: ސިޙުރު ހަދާ މީހުން މާތް ﷲގެ ހަޟްރަތަށް ސަޖިދައެއްނުޖަހައެވެ. އެބައިމީހުންގެ ހިތުގައި ނިޔަތްގަނެފައި އޮންނަނީ އިބްލީހަށް ސަޖިދަކުރުމުވެ. ޚާއްޞަކޮށް މީހުންނަށް ނުފެންނަ ހިސާބުގައި ނިވާވެގެންތިބެ، ސިޙުރުވެރިން އިބްލީހަށް ގޮވައި، އޭނާއަށް ތާރީފުކުރެއެވެ. އަދި އޭނާ އަތުވެއްޖެހެން ހީވުމުން ކިޔަމަންތެރިކަމާއެކު، އޭނާގެ ފައިތިލަ ދަށަށް ސަޖިދަ ޖަހައެވެ.

8. ސަމާވީ ފޮތްތަކަށް އިހާނެތިކޮށް ހިތުން: މާތް ﷲ ބާއްވާލައްވާފައިވާ ސަމާވީ ފޮތްތަކުގެ ޙުރުމަތްތެރިކަމާއި މުޤައްސަސްކަން ކަނޑާލައި އެފޮތްތަކަށް އެކިސިފަސިފައިގައި ސިޙުރުވެރިން އިހާނެތިކޮށް ހިތައެވެ. އެފޮތްފޮތުގައިވާ މާތް ﷲގެ ކަލާމްފުޅުގެ އާޔަތްތައް އެކޮޅުކޮޅުން ލިޔުމާއި އޭގައިވާ ކަލިމަތަކަށް އުނިއިތުރު ގެނައުމާއި، ސަމާވީ ފޮތްތަކުގެ ތެރެއަށް، ހަށިގަނޑުން ބޭރުވާ ނަޖިސްތަކެތި އެޅުންފަދަ ނުބައިކަން ބޮޑުވެގެންވާ ޢަމަލުތައް އެބައިމީހުން ކުރެއެވެ.

9. ގިނައިން ދޭ މީހަކަށް މޮޅަށް ސިޙުރު ހަދައިދިނުން: އިދިކޮޅު ދެމީހަކަށް އެއްފަހަރާ ސިޙުރު ހަދައިދިނުމާއި އެދެމީހުންގެ ތެރެއިން ގިނައިން ފައިސާ ދޭމީހަކު ބޭނުންވާގޮތަށް ކަންތައްތައް ނިމިގެން ދިއުމަށް އެދިގެން ސިޙުރުވެރިން ސިޙުރު ހަދައިދެއެވެ.



ސިޙުރުގެ ފަރުވާ

އިންސާނާގެ ހަށިގަނޑުގައި ޤުދުރަތީގޮތުން ލައްވާފައިވާ ދިފާޢީ ބާރަކީ ހަމައެކަނި ވައިޓް ބްލަޑް ސެލްތަކުގެ މާއްދީ ބާރެއްނޫނެވެ. އޭގެ އިތުރަށް އިންސާނާގެ ކިބައިގައި ރޫޙާނީ ދިފާޢީ ބާރެއް ވެސް ލައްވާފައިވެއެވެ. ކަންކަމާމެދު ބަލަންވާވަރަށް ނުބަލައި ބިރުގަތުމާއި، ދެކޮޅުނުޖެހޭގޮތަށް ކަންކަމާމެދު ވިސްނާ ފިކުރުކުރުމާއި، ނާއުއްމީދުވުންފަދަ ކަންތައްތަކަކީ، މީހާއަށް ބޮޑެތި ބަލިތައް ޖައްސާލާ ކަންކަމެވެ. އެފަދަ ބަލިތައް ދިފާޢު ކުރެވޭނީ މީހާގެ ކިބައިގައިވާ ރޫޙާނީ ދިފާޢީ ބާރުންނެވެ. ރޫޙާނީ ދިފާޢީ ބާރުގެ އެންމެ މޮޅުވައްތަރަކީ މާތް ﷲ ގެ ޙަޟްރަތާ މެދު އިތުބާރުކުރުމެވެ. އެކަލާނގެ ޙަޟްރަތަށް އީމާންވެ އެކަލާނގެ ރަސްކަންފުޅު ގިނަގިިނައިން ހަނދުމަކޮށްއުޅުމެވެ. މި ދުނިޔޭގައި ވާ ކޮންމެ ކަމެއްގައި، ވަރަށް މަތިވެރި ޙިކުމަތްތަކެއް އެކަލާނގެ ލައްވާފައިވާނެކަން ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރުމެވެ. ސިޙުރުގެ ބަލިތަކުން ދިފާޢުވުމަށްޓަކައި ކުރަންއޮތް އެންމެ ރަނގަޅު ފަރުވާއަކީ މާތް ﷲގެ ޙަޟްރަތަށް އީމާންވެ، އެކަލާނގެ ރަސްކަންފުޅަށް އިތުބާރުކުރުމެވެ. ދީނުގައި ކުރުމަށް އަންގަވާފައިވާ ކަންތައް ކޮށް، ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވެ، ތެދުމަގުގައި ފައިތިލަ ސާބިތުކޮށް، ކީރިތި ޤުރުއާން ކިޔަވައި، އެ މާތް ފޮތް ކިޔަވާ އަޑު އެހުމެވެ. އެއާއެކު ސިޙުރާއި ސިޙުރުވެރިން ދައްކާ ހަމަނުޖެހޭ ވާހަކަތައް ޤަބޫލު ނުކުރުމެވެ. އަދި ސިޙުރުވެރިންގެ ކިބައިން ވާގިއެދި، އެބައިމީހުންގެ ކިބައިން ބަލިތަކަށް، ފަރުވާ ނުހޯދުމެވެ. އެފަދަ ސިޙުރުތައް މުގުރާލުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ، މީހުން ދައްކާއުޅޭ ޔޯލަވާހަކަތައް ޤަބޫލުނުކުރުމެވެ.


މަކަރުވެރި ސިޙުރުވެރިންނަށް ހެއްލުމުގެ ވަބާއިން މާތް ﷲ އެންމެހައި މުއުމިނުން ނަޖާކުރައްވާށިއެވެ! އާމީން!

 

މަޞްދަރުތައް:
1. ޙަޤީޤަތުއް ސިޙުރް، ޑރ. ޢައްޥާދު ބިން ޢަބްދު ﷲ.
2. އަލްޢަރަބް ޑޮޓް ކޮމް.
3. އައްސިޙުރު ޥަޢިލާޖުހޫ، އައްޝައިޚު މުޙައްމަދު ޙައްސާން.
4. މި މައުޟޫޢުގައި ލިޔެވިފައިވާ ތަފާތު ލިޔުންތަކާއި ދިރާސާތައް.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (21)Add Comment
...
ލިޔުނީ ސަލީމް, 2008-11-29 17:42:23
ސިހުރުން ސަލާމަތްވުމަށްޓަކައި ކިޔަވާ އާޔަތްތަކެއް ވާ ކަމަށް ބުނާ އަޑު އަހަން. ކޮބާތޯ އެ އާޔަތްތަކަކީ؟
...
ލިޔުނީ ރަޝީދު, 2008-11-29 17:54:04
މިއީ ވަރަށް މޮޅު މަޒްމޫނެއް. ލިޔުންތެރިޔާ އަށ ސާބަސް
...
ލިޔުނީ ރަހާ (އިބްރާހިމް ވަޙީދު), 2009-04-14 19:38:16
ވަރަށް ފަހުން ޚަބަރު ލިބުނު ގޮތުގައި އިސްލާމް ދީނަށް ލޯބިކުރާ ސުންނަތަށް ލޯބިކުރާ ބަޔަކު ޖަމާޢަތެއް ހަދައިގެން ޖިންނި މޮޔަވެފައި ތިބޭ މީހުން ރަގަޅުކުރުމަށް ހިލޭސާވަހަށް މަސައްކަތް ކުރަމުންދޭ މި ޖަމާޢަތުގައި އިސްކޮށް ޙަރަކާތްތެރިވަނީ މަޝްހޫރު ފަރީދުކަމަށްވެސް މަޢްލޫމާތު ލިބިފައިވޭ އަދި މިމީހުން ކައިރިން ފަރުވާހޯދަންވާނީ މިމީހުން ޤަބޫލްކުރާ ގޮތަށް އުޅުން ބަހައްޓާނެ ކަމުގެ ޔަޤީންކަން ދިނީމައި ކަމަށްވެސް ބުނެވޭ ވީއިރު މިދަންނަވާ ޖަމާޢަތުން މިކަން ކުރައްވަނީ އިސްލާމް ދީނުގައި ހުއްދަކުރައްވާފައިވާ ގޮތަށްތޯ؟ ނުވަތަ މި ބޭފުޅުން މިގޮތަށް ޖިންނި މޮޔަވެފައި ތިބޭކަމަށް ބުނާ މީހުން ރަގަޅު ކުރާ ގޮތުގެ ތަފްޞީލެއް މިނޫހުގެ ފަރާތުން ގެނެސްދެއްވާފިނަމަ ވަރަށް ބޮޑަށް ޝުކުރު އަދާކުރާނަމެވެ. މިމީހުން ވަރަށް ޔަޤީންކަމާއެކު މިބަލި ޖެހިފައިވާ މީހުން ރަގަޅު ކުރާ ވާހަކަ ވަނީ އަހާފައެވެ. ލިޔުއްވާ ފައިވާ މަޒުމޫނުން ވަރަށް ބައިވަރު މަޢްލޫމާތު ލިބިފައިވެއެވެ. (ރަހާބެގެ ދަރިވަރެއް އިބްރާހިމް ވަޙީދު ރަހާ)
...
ލިޔުނީ ޝަރު, 2009-04-20 03:41:15
މި ލިޔުން ކިޔާލުމުން ވަރަށްގިނަ މަޢުލޫމާތު ލިބިއްޖެ ނަމަވެސް ވަރަށް ގިނަ ސުވާލުވެސްއުފެދޭ! މީހުން ހަޤީޤަތުގައިވެސް ޖިއްނި މޮޔަވޭހެއްޔެވެ؟ މޮޔަވެއްޖެއްޔާ ސިހުރުނަހަދާ ރަންގަޅުކުރަނީ ކިހިނެއް ހެއްޔެވެ؟ ސިހުރުއަކީ ނުޖެހޭކަމަކަށްވާ ނަމަ މިފަދަ މީހުން ރަންގަޅުކުރާނީ ކިހިނެއްބާއެވެ؟ މިއީ ވަރަށްގިނާ އުފެދޭ ސުވާލު ތަކެކެވެ. ވީމާ، އަޅުގަނޑަށް ކިޔުން ތެރިއެއްގެ ފަރާތުން ނަމަވެސް ޖަވާބެއް ދެއްވަބައްލަވާށެވެ!
...
ލިޔުނީ akram, 2009-05-27 14:04:44
SIHURU DHAS KURUN VES VANEE MU UMINUNGE MAHCHAH HARAAM KAMEH KAMAH EGIFAI OTHEE DHEN EHEN VIYYA SIHURUJEHI FAI VAA MEEHAKU RAGALHU KUREVEYNEE VES SIHURUHADHAI GEN NEY BUNAA ADU EHIN MEEGE HAGEE GATHAKEE KOBAITHOA... VARAH RAGALHU LIYUMEH LIYUMAH SAABAS
...
ލިޔުނީ kjkj, 2009-06-01 08:33:32
varah furi hama mueedhah hama saabas
...
ލިޔުނީ ألم, 2009-06-20 11:46:35
އެކުވެރި ރަހާ އަށް! ވެދުން ސަލާމަށްފަހު އިޙްތިރާމާއެކު ލިޔަމެވެ. ރަހާގެ ކޮމެންޓް ކިޔާލުމުން ކުޑަކޮށް ހިތް ހަމަ ޖެހުމާއެކު ހަމަ އެވަރަށް ހިތްހަމަ ނުޖެހުނެވެ. ސަބަބަކީ ވަކި މީހެއްގެ ނަން ގެންނަވައިފާ ވާކަމެވެ. އެހެންނަމަވެސް ބުނެވިދާނެ ގޮތަކީ ދިވެހިރާއްޖޭގެ ގިނަ ބަޔަކު ދަންނަ ދީނީ ޢިލްމުވެރިއެކެވެ. ނުނީ މަޝްހޫރު ޝައިޚެކެވެ. މިގޮތަށް ބުނުން މާ އަޢުލާ ވެގެން ވޭހެން ވެސް ހީވެއެވެ. ސަބަބަކީ އެޝައިޚަށްވެސް ލޯބިކުރާ އެޝައިޚުންގެ ބަސް އަހައިގެން އުޅޭ ވަރަށް ގިނަ ބަޔަކު މިދިވެހިރާއްޖޭގައިވެސް އުޅޭތީއެވެ. އެމީހުންގެ ހިތްހަމަ ޖެހުމަށްޓަކައެވެ.
...
ލިޔުނީ ޙަސަން ލަޠީފް މޫސާ, 2009-07-24 17:14:58
ފިނިފެން މަލެއްގައިވެސް ގުރުޑު ފިޔަހުރެއެވެ. އެހެންކަމުން ވަރަށް ރަނގަޅު މަޢްލޫމާތުތަކެއް ހިމެނިފައިވާ މި މަޒްމޫނުގައިވެސް އަޅުގަނޑަށް ފާހަގަކުރެވުނު ، ފޫ ބައްދާލަންޖެހޭ ތަންކޮޅެއްގެ ވާހަކަ ދަންނަވާލާނަމެވެ. މަޒްމޫނުގައި އަރިމަތީ ސުރުޚީއެއްގައި "ސިހުރު ޖެހެނީ ކޮން ބަޔަކަށް؟" މިހެން ޖެއްސެވުމަށްފަހު އޭގެ ދަށުގައި ލިޔުއްވާފައިވާ ލިޔުއްވުމާއި ސިހުރުޖެހޭނެ މީހުންގެ ލިސްޓަށް ބަލާލުމުން ދޭހަވަނީ ފުރިހަމަ މުއުމިނަކަށް ސިހުރު ނުޖެހޭނެކަމެވެ. ނަމަވެސް "ލަބީދު ބްނުލް އަޢްޞަމް" އޭ ކިޔާ ޔަހޫދީއަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސިހުރު ހެދުމުން އެސިހުރު އެކަލޭގެފާނަށް ޖެހިވަޑައިގެން އާލާސްކަންފުޅުގައި އުޅުއްވި ކަމަށާއި އެކަމުން އެކަލޭގެފާނު ސަލާމަތްވެވަޑައިގަތީ ﷲ އެކަލޭގެފާނަށް އެ ސިހުރު އޮތްތަން އެންގެވުމުން އެ ނަންގަވައި ނައްތާލެއްވުމުންކަން ޞައްޙަ ޙަދީޘުން ޘާބިތުވެއެވެ. އެހެންކަމުން ކިތަންމެ ތަޤްޥާވެރި ރަނގަޅު މީހަކަށްވެސް ސިހުރު ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. މިކަމުން ނަބީ ބޭކަލުންވެސް އިސްތިޘްނާ ވެގެނެއް ނުވެއެވެ. ވީމާ ، މި މަޢްލޫމާތުގެ އަލީގައި މަޒްމޫނު އިޞްލާހުކުރެވިއްޖެނަމަ މި މަޒްމޫނު އިތުރަށް ފުރިހަމަވެގެންދާނެތީ ހެޔޮ ކަމަކަށް އެހީތެރިވުމުގެގޮތުން މިވާހަކަ ދަންނަވާލީއެވެ. އަޅުގަނޑުގެ ދުޢާއަކީ މަޒްމޫނު ލިޔުއްވި ފަރާތަށް މާތްﷲ ހެޔޮ ދަރުމަދެއްވުމެވެ.
...
ލިޔުނީ ޙަސަން ލަޠީފް މޫސާ, 2009-07-24 17:29:02
އަކްރަމް ކުރައްވާފައިވާ ސުއާލުގެ ޖަވާބުގައި ދެންނެވޭނީ އިސްލާމްދީނުގައި ސިހުރުން ސިހުރު ބާޠިލްކުރުން ހުއްދަވެގެން ނުވާކަމަށެވެ. ސިހުރު ބާޠިލްކުރުމަށް " فَلَق", "نَاس" ދެ ސޫރަތް ކިޔަވައި ﷲގެ ޙަޟްރަތުގައި އެކަމުން ސަލާމަތްކޮށްދެއްވުންއެދި ގިނަގިނައިން ދަންނަވާނީއެވެ.
...
ލިޔުނީ عبد المعيد حسن, 2009-08-04 00:26:50
ޙަސަން ލަޠީފު މޫސާ ހުށަހެޅުއްވި ޡަރީފު ޚިޔާލުފުޅަށްޓަކައި އޭނާއަށް އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ. އެފަދަ ޡަރީފު ޚިޔާލުފުޅުތަކާމެދު ބަސް ބުނުމަކީ އަޅުގަނޑު ޢާއްމުކޮށް ކުރާ ކަމެއް ނޫނެވެ. ނަމަވެސް އޭނާގެ ޚިޔާލުފުޅުން އެހެން ބަޔަކަށް މަގު އޮޅިދާނެތީ އެއްޗެއް ބުނެލަން އެބަޖެހެއެވެ.

ޙަސަން ލަޠީފު މޫސާ، ތިޔަ ވިދާޅުވާ އަރިމަތީ ސުރުޚީގެ ދަށުގައި އެވަނީ ސައިންޓިފިކް ދިރާސާތަކެއްގެ ނަތީޖާއެވެ. އެތަނުގައި އެވަނީ ތާރީޚީ ޙާދިސާތަކެއް ނޫނެވެ. އަދި ކީރިތި މާތް ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ސިޔަރަތެއް ވެސް ނުމެ ނޫންމެއެވެ. އެހެންވީމާ، ތިޔަ ވިދާޅުވާ ހާދިސާ، އެތަނުގައި ލިޔާނީ ކިހިނަކުންތޯއެވެ؟ އެއީ ބަޔަކު ކޮށްފައިވާ ދިރާސާތަކެއްގެ ނަތީޖާތަކެވެ. އޭގައި ނުހިމެނޭ އެއްޗެއް އޭގެ ތެރެއަށް ވައްދައި މައްސުނިކުރުމަކީ، ޢިލްމީ އަމާނާތްތެރިކަމާ ޚިލާފުކަމެކެވެ.

ޙަސަން ލަޠީފު މޫސާ ތިޔަ ވިދާޅުވާ ސުރުޚީއަށް ފަހު ދެން އޮތް ސުރުޚީ ވެސް ވިދާޅުވެލައްވަން ވާނެއެވެ. ސިޙުރު ކަމަށް ހީކުރެވޭ ބައްޔެއް ތަޤުވާވެރިޔަކަށް ޖެހިދާނެކަމަށް އެ ސުރުޚީގެ ދަށުގައި ލިޔެފައި ވާނެއެވެ. އަދި އެއާމެދު ދެކެން ވީ ގޮތް ވެސް އެ ސުރުޚީގެ ދަށުގައި ލިޔެފައި ވާނެއެވެ.

ފަންވަތުގެ ބައެއް ކިޔުންތެރިންގެ މަޢުލޫމާތުފުޅަށްޓަކައި ދަންނަވަމެވެ.

1. ދިރާސާ ކުރުމަށް ބޭނުންކުރާ ވަސީލަތްތައް ބަދަލުވުމުން، އެއާ ވިދިގެން ނަތީޖާ ބަދަލުވުމަކީ، ސައިންޓިފިކް ދިރާސާއެއްގައި ވެދާނެ ގޮތެކެވެ.

2. ފަންވަތުގެ ލިޔުންތަކަށް ހުށަހެޅޭ ގިނަ ޚިޔާލުތަކަކީ، ޡަރީފު ޚިޔާލުތަކެވެ.

3. ޙަސަން ލަޠީފު މޫސާ ވިދާޅުވެފައި އެވަނީ، "އޭގެ ދަށުގައި ލިޔުއްވާފައިވާ ލިޔުއްވުމާއި ސިހުރުޖެހޭނެ މީހުންގެ ލިސްޓަށް ބަލާލުމުން ދޭހަވަނީ ފުރިހަމަ މުއުމިނަކަށް ސިހުރު ނުޖެހޭނެކަމެވެ." މި ޢިބާރާތުގައި ލިޔުއްވާފައި މިވަނީ ތެދު ވާހަކައެއް ނޫންކަން، ލިސްޓުގެ ކުރީގައި ލިޔެފައިވާ ޢިބާރާތް ވިދާޅުވެލެއްވުމުން އެނގިވަޑައިގަންނަވާނެއެވެ. އެ ލިސްޓުގައި އެވަނީ ޢާއްމު ގޮތެއްގައި ސިޙުރުގެ ބަލިތައް ޖެހޭ ކަމަށް ހޯދިފައިވާ މީހުންނެވެ. އީމާންނުވާ މީހުންނަށް ސިޙުރު ޖެހުމަކީ، އީމާންވާ މީހުންނަށް ސިޙުރު ނުޖެހޭނެ ކަމަށް އޮތް ޙުއްޖަތެއް ނޫނެވެ. ކޮރު މީހަކު ތަންތަނުން ގިނަގިނައިން ވެއްޓުމަކީ، ސަލާމަތުން ހުރި މީހަކު އެއްގޮތަކަށް ވެސް ނުވެއްޓޭނެ ކަމަށް އޮތް ޙުއްޖަތެއް ކަމުގައި ނުވާ ފަދައިންނެވެ.
...
ލިޔުނީ ނާޡިމް, 2009-10-08 06:35:05
ސިހުރު ޖެހުމުގެ ކުރިން ސިހުރުން ސަލާމަތްވުމަށް ހެނދުނާ ހަވީރު އާދަކޮށް އަލްޙަމްދު، އިޚްލާޞް، ފަލަޤި، ނާސި މިހަތަރު ސޫރަތާއި ކުރުސި އާޔަތް ކިޔާށެވެ. އަދި ސިހުރުން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކުރާށެވެ. އެކަމަށް ޚާއްޞަ ދުޢާތައް ހުރެއެވެ.
ސިހުރު ޖެހިއްޖެނަމަ ފެންވެރުމަށްޓަކައި ލޮޓަސް ގަހުގެ ފަތް މުގުރާޗަސްކޮށްފައި ފެނާ އެކުކުރާނީއެވެ. ދެން އާޔަތުލް ކުރުސި، ސޫރަތުލް ކާފިރޫން، ސޫރަތުލް އިޚްލާޞް، ފަލަޤި، ނާސި، ބަޤަރާގެ 102 ވަނަ އާޔަތް، އަލްއަޢުރާފުގެ 117 އިން 119 އަށް، ޔޫނުސްގެ 79 އިން 82 އަށް އަދި ތޯހާގެ 65 އިން 69 އަށް ކިޔާނީއެވެ. ދެން ފެނުން މިންވަރެއް ސިހުރު ޖެހުނު މީހާ ބޮއެ ބާކީން ފެންވަރާނީ އެވެ. އަދި ކޮންމެ ދުވަހަކު ހެނދުގެ އެންމެ ފުރަތަމަ ކެއުމަކަށް އަޢްލިޔަލް ބަރުނީ (މަދީނާގެ ކަދުރެއް) ގެ 7 ކަދުރު ކާނީ އެވެ. ނުލިބިއްޖެނަމަ އެހެން ކަދުރުވެސް ﷲގެ އިރަދަފުޅުން ރަނގަޅުވާނެ އެވެ. މިހުރިހާ ކަމެއްވެސް ކުރާނީ ﷲ އަށް ފުރިހަމަ އިތުބާރު ހިތުގައި ބާއްވައިގެން ޔަޤީންކަމާއެކުގައެވެ.
...
ލިޔުނީ hussaa, 2009-12-04 10:56:56
keerithi maaiy nabiyya muhanmadu salallah alaihi wa*salamaa wwai sihuru jehivadaigayi vaahaka thafseel koh dhehvafaanuthoa.ekaleyge faanaai sihuru jehi vadaigatheemaa hehdhevigoiy vidhaalhuve dhehvafaanuthoa.
...
ލިޔުނީ ޢާއިޝަތު , 2010-01-05 03:04:22
ސިހުރުޖެހިފައިވާ ސިހުރުން ސަލާމަތްވުމަށް ފެންވެރުމަށް ލޮޓަސް ފަތް ނުލިބިއްޖެނަމަ ދެން ހަދަންޖެހޭނީ ކިހިނެތްތޯ؟
...
ލިޔުނީ ހަމްދާނު, 2010-04-30 17:07:21
މި މަޒުމޫނުގެ އިތުރު ތަފްސީލް ހިމަނައިދިނުން އެދެން
...
ލިޔުނީ މުޢަފީ, 2010-07-01 04:33:38
މި ލިޔުމަކީ ވަރަށް ޢިލްމީ ލިޔުމެއްކަމުގައި ދަންންވަމެވެ. އަދި މި ލިޔުން ލިޔުއްވިފަރާތަށް މާތްﷲ ހެޔޮ ޖަޒާދެއްވާށިއެވެ. ސިޙުރަކީ ހުރިހައި ޒަމާނެއްގައި ހުރިހައި މަކާނެއްގައި އޮންނައެއްޗެކެވެ. މިކަމުން ސަލާމަތްވުމަށްޓަކައި އޮތްގޮތަކީ އޯގާވަންތަ މާތްﷲގެ ހަޒުރަތުން ވާގިއެދުމެވެ. އަދި އެކަމަށްޓަކައި މާތްނަބިއްޔާ ދަސްކޮށްދެއްވާފައިވާ ފަދައިން އިޚުލާސް ފަލަޤް އަދި ނާސި ސޫރަތް ހެނދުނާއި ހަވިރު ކިޔެވުމެވެ.
...
ލިޔުނީ alif, 2010-07-25 08:55:51
"އެފަދަ ސިޙުރުތައް މުގުރާލުމަށް އޮތް އެންމެ ވަރުގަދަ ހަތިޔާރަކީ، މީހުން ދައްކާއުޅޭ ޔޯލަވާހަކަތައް ޤަބޫލުނުކުރުމެވެ."
haqeeqathugaives mi ee kuh baheh kamugai noonee nuvaane
--alif--
...
ލިޔުނީ ޔާނަތު, 2010-08-05 04:51:32
އުސްތާޒު އަށް މާތްﷲ ހެޔޮ ޖަޒާ ދެއްވާށި! އަޅުގަނޑުގެ ވަރަށް ގާތް މީހަކު ސިހުރު ހާހޫރު ޤަބޫލުކުރޭ. އަދި އެކަންތައް ދަސްކުރަން ވަރަށް މަސައްކަތްވެސް ކުރަމުންދަނީ. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ އެކުވެރިކަންވެސް މިދަނީ ނެތިގެން. އަޅުގަނޑުގެ އެކުވެރިޔާ މިކަމުން ސަލާމަތް ކުރަން އަޅުގަނޑު ހަދާނީ ކިހިނެތްތޯ؟ އުސްތާޒުގެ ޚިޔާލެއް މިކަމުގައި އަޅުގަނޑު ވަރަށް ބޭނުން. އުއްމީދު ކުރަން ވަރަށް އަވަހަށް ލިބޭނެކަމަށް.
...
ލިޔުނީ aisha, 2010-08-08 06:20:00
varah infomative it was really helpful for my studies
...
ލިޔުނީ ޝަހީމް, 2010-09-04 23:11:22
ލިޔުނީ: އަޖްނާދު އަލީ

ސިޙުރުގެ ޢަލާމާތްތަކެއް މީހަކުގެ ކިބައިން ފެނިއްޖެނަމަ ސިޙުރު ހުރިތޯ ޔަޤީން ކުރުން މިއީ އެންމެ މުހިއްމު ކަންތަކެވެ. މިގޮތުން މިކަން ޤުރުއާނުގެ ރުޤުޔާ ބޭނުންކޮށްގެން ޔަޤީން ކުރާނެ ފަސޭހަ ގޮތެއް ބުނެދޭނަމެވެ. މިނޫންވެސް އެތައް ގޮތަކުން ޤުރުއާން ބޭނުންކޮށްގެން މިކަން ޔަޤީން ކުރެވޭނެއެވެ. މިއީ ފަސޭހަ އަދި ތަޖުރިބާ ކުރެވިފައިވާ މުޖައްރިބު ކަމެކެވެ

އަންމެ ފުރަތަމަ ވުޟޫކޮށްގެން ނުކުމެ ސިޙުރުޖެހިފައިކަމަށް ޝައްކުކުރެވޭ މީހާ ތަނެއްގައި ބާއްވާށެވެ. އަދި ކައިރީ އިށީންދެ ކަނާއަތް އެމީހާގެ ނިއްކުރިމަތީ ބާއްވާ އަންނަނިވި އާޔަތްތައް އެމީހާއަށް އަޑު އިވޭ ވަރަށް ކިޔަވާށެވެ.

أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيْمِ.. بِسْمِ اللَّهِ الرَّحْمَـٰنِ الرَّحِيمِ ﴿١﴾ الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ ﴿٢﴾ الرَّحْمَـٰنِ الرَّحِيمِ ﴿٣﴾ مَالِكِ يَوْمِ الدِّينِ ﴿٤﴾ إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ ﴿٥﴾ اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾ سورة الفاتحة

اللَّهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾ سورة البقرة

وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾ فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ ﴿١١٨﴾ فَغُلِبُوا هُنَالِكَ وَانقَلَبُوا صَاغِرِينَ ﴿١١٩﴾ وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾ قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾ رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾ سورة الأعراف

فَلَمَّا أَلْقَوْا قَالَ مُوسَىٰ مَا جِئْتُم بِهِ السِّحْرُ ۖ إِنَّ اللَّهَ سَيُبْطِلُهُ ۖ إِنَّ اللَّهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ ﴿٨١﴾ وَيُحِقُّ اللَّهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ ﴿٨٢﴾ سورة يونس

وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ ﴿٦٩﴾ سورة طه

قُلْ هُوَ اللَّهُ أَحَدٌ ﴿١﴾ اللَّهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾ وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ سورة الإخلاص

قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِن شَرِّ مَا خَلَقَ ﴿٢﴾ وَمِن شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِن شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِن شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾ سورة الفل

قُلْ أَعُوذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾ سورة الناس

މި ކުޑަ ކުޑަ ރުޤުޔާ 7 ފަހަރު ކިޔަވާށެވެ. ސިޙުރު ޖެހިފައި ހުރިނަމަ ބަލިމީހާގެ ލޮލުން ފެން އަންނަން ފަށާނެއެވެ. ނުވަތަ ބޮލަށް ބަރުޖެހި ރިއްސަންވެސް ފަށާފާނެއެވެ. އަތްފަޔަށް ވާގި އަރާގޮތްވެ ދެލޯ ރަތް ވެދާނެއެވެ. ނުވަތަ ރޯން ފަށާނެއެ، އަދި އެރޮވެނީ ކީއްވެކަމެއް ސުވާލުކުރުމުން ނޭނގޭނެއެވެ. ފަހަރެއްގައި ޝައިޠާނާ ހަށިގަނޑުގެތެރެއަށް ވަދެ ވާހަކަ ދައްކަންވެސް ފަށާފާނެއެވެ. ހަޅޭލަވާވެސް ހަދާފާނެއެވެ. މީގެން ކަމެއް ވެއްޖެނަމަ ސިޙުރުޖެހިފައިކަން ޔަޤީންވީއެވެ.

:މައިތިރި

ރުޤުޔާނިމޭއިރު އުނދަގޫތައް ނުކެނޑުނުނަމަ سورة يس 3 ފަހަރު ކިޔަވާށެވެ. އޭރުން ކުރިން ހުރި ޙާލަތަށް އަންނާނެއެވެ. އަދި ޝައިޠާނާ ވަތްނަމަވެސް ނުކުންނާނެއެވެ. ޝައިޠާނާ ވަދެ ވާހަކަ ދައްކާނަމަ އެއާ ވާހަކަ ދައްކަން ނުހަދާށެވެ. ﷲ އަށް ޓަކައި އެސިޙުރެއް ދޫކޮށް ބަލިމީހާ ދޫކޮށް ﷲ އަށް އީމާންވެ ބިރުވެތިވުމަށް ގޮވާލުމަށްފަހު އިންކާރު ކުރިނަމަ ނުވަތަ ނުކުރިނަމަވެސް މި ބުނި ސޫރަތް ކިޔަވާށެވެ. އޭރުން ﷲ އިރާދަކުރެއްވިއްޔާ ކުރިން ހުރި ޙާލަތަށް އެނބުރިދާނެއެވެ. ދެން ސިޙުރަށް ކުރަންޖެހޭ ފަރުވާތައް ކުރާށެވެ. އަމިއްލައަށް ކުރަން ނޭނގޭނަމަ ކުރަން އެނގޭ މީހަކުގެ އެހީ ހޯދާށެވެ
...
ލިޔުނީ ކަކުނި ލޯ., 2010-10-11 16:53:40
ސިޙްރަކީ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާކޮށް ހޯދޭނެ އެއްޗެއް ނޫނެވެ. އެއީ ޙިއްސީ ގޮތުންނާއި ފިކްރީގޮތުން ދެނެގަނެވޭ ކަމެކެވެ. ކިތްނމެ ތަޤްވާވެރި މީހަކަށްވެސް ސިޙްރުޖެހިދާނެއެވެ. ނަމަވެސް ސިޙްރުން ސަލާމަތްވުމަށް މަސައްކަތްކުރާމީހުނާއި މަސައްކަތް ނުކުރާމީހުން ތަފާތުވާނެއެވެ. ޢިލްމުވެރިން ދެކެލައްވާގޮތުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ސިޙްރު ޖެހިވަޑައިގަތުމުގައި ދެ ޙިކްމަތެއް އެކުލެވިގެންވެއެވެ. ފުރަތަމަ ޙިކްމަތަކީ ސިޙްރަކީ ތިމާއަށް ނުޖެހޭނެ އެއްޗެއްކަން އެއްވެސް މީހަކު ޤަބޫލު ކޮށްގެން ނުވުމެވެ. ކިތަންމެ އީމާންތެރިއަސް ތަޤްވާވެރިއަސް ސިޙްރުޖެހުމުގެ ފުރުޞަތު އޮތްކަން އެންގެވެުމެވެ. ދެވަނަ ޙިކްމަތަކީ ސިޙްރަށް ފަރުވާކޮށް އެފަދަ ކަންކަމުން ރައްކާތެރިވުމަށް ބޭނުންކުރާނެ ސޫރަތްތަކެއް ނުވަތަ އާޔަތްތަކެއް ޤުރްއާނުގައި ބާވައިލެއްވުމެވެ. މިހެން މިދެންނެވީ މުޢީދު ސިޙްރު ޖެހޭނެ މީހުންގެ ލިސްޓެއް ލިއުއްވާފައިވާތީ .
...
ލިޔުނީ xuhaan, 2011-01-13 06:28:42
sihurakee jeheyehcheh

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 19106
extra avandia and congestive heart failure