މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހުތް އަލިދީދީ : ''އެންމެ ފުރަތަމަ'' ދިވެހި ޅެންވެރިޔާ |
|
|
| ޝަޚްޞިއްޔަތު - ދިވެހި | |||
| 19 ފެބްރުވަރީ 2010، 16:02 ހުކުރު | |||
|
އަޙްމަދު ޖަދުޢާން ދިވެހި ޅެމުން އުފާ ލިބިގަނެ، ޅެމުގެ މޮޅުދެރަ ފާހަގަ ކުރެވެމުންދާ ކޮންމެ ހަފުލާއެއްގައި ކޮންމެ ވަގުތެއްގައި އެންމެފުރަތަމަ ދިވެހިބަހުން ޅެމެއް ހެއްދެވި (މިހާރުގެ ވަޒަންތަކަށް ޅެމެއްހެއްދެވި) ބޭފުޅާގެ ޒިކުރާ އާކުރުމަކީ، ކޮންމެހެން މުހިންމު ކަމެއް ކަމުގައި ދެކެމެވެ. ސަބަބަކީ، އޭނާ ދިވެހި ޅެންވެރިކަމަށް ގެނެސްދެއްވީ އައު ފެށުމެކެވެ. އައު ދިރުމެކެވެ. އައު އުފެއްދުންތެރިކަމެކެވެ. ނަސަބު: ތާރީޚުން އެނގެން އޮތް ގޮތުގައި ދިވެހިބަހުން އެންމެ ފުރަތަމަ (މިހާރު މި ހަދާ ވައްޓަފާޅިއަށް) ޅެމެއް ހެއްދެވީ ހުތް އަލީ ދީދީއެވެ. ހުތްއަލިދީދީގެ އަސްލު ނަންފުޅަކީ ފަޟީލަތުއް ޝައިޚް މައުލަވީ ހުތް ޢަލީ ދީދީ އެވެ. އެމަނިކުފާނުގެ އުފަން ރަށަކީ ޅ. ނައިފަރެވެ. ހުތް ޢަލީ ދީދީގެ ބައްޕާފުޅަކީ އަލްޙާއްޖު ހުތް އިބްރާހީމް ދީދީ އެވެ. މަންމާފުޅަކީ ޅ.ނައިފަރު ކޮރު ޙަސަނުގެ ސަންފަ އެވެ. ހުތް އަލިދީދީ އަވަހާރަވެ ފަސްދާނުލެވުނީ ހއ. ހޯރަފުށީގައެވެ. އެރަށުގައިވާ ހުތްއަލިދީދީގެ މަހާނަގަލުގައި ވާގޮތުން، އަވަހާރަވެފައިވަނީ 11 ޖުމާދިލް އާޚިރާ 1351 ގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 60 އަހަރެވެ. ތާރީޚީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ހުތް އަލީ ދީދީ އަކީ ދިވެހި އަދަބުގެ ތެރެއަށް ވަރަށް ބޮޑު އިޞްލާޙެއް ގެންނެވި ބޭފުޅެކެވެ. ފަޟީލަތުއް ޝައިޚް ޢަބުދުﷲ ފަހުމީދީދީ ނުވަތަ މަޝްހޫރު ޖަލާލުއްދީނަކީ ހުތް ޢަލީ ދީދީގެ ދަރިކަލެކެވެ. ޖަލާލުއްދީނަކީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ތަޢުލީމީ ޙަޔާތް: ހުތް ޢަލީ ދީދީގެ ތަޢުލީމީ ޙަޔާތްޕުޅަށް ބަލާއިރު އެމަނިކުފާނަކީ އިންޑިޔާ އިން އަރަބި، އުރުދޫ، އަދި ދީނީ ތަޢުލީމް ޙާޞިލް ކުރައްވައިގެން ހުންނެވި ޢިލްމުވެރިއެކެވެ. މާލޭގެ މިސްކިއްތަކާއި އެނޫންވެސް ތަފާތު ތަންތަނުގައި ހުތްއަލީ ދީދީ ވަނީ ދީނީ ތަޢުލީމު އުނގަންނައި ދެއްވުމުގައި އުޅުއްވާފައެވެ. ތާރީޚީ ބައެއް ފޮތްތަކުގައިވާގޮތުން ދައުލަތުގެ ހުއްދަ އާއެކު އެންމެފުރަތަމަ އާންމުންނަށް ދީނީ ނަސޭހަތް ދެއްވި ބޭފުޅަކީވެސް ހުތް ޢަލިދީދީ އެވެ. ޅެންވެރިކަން: ދިވެހި ތާރީޚުން އެނގެންއޮތް ގޮތުގައި އެންމެފުރަތަމަ ދިވެހިބަހުން ޅެމެއް ހެއްދެވީ ހުތް އަލީ ދީދީ އެވެ. ހުތްއަލީ ދީދީ އެންމެ ފުރަތަމަ ޅެން ހެއްދެވީ ކޮންތާރީޚެއްގައި ކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް އެމަނިކުފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 1291 އާއި 1351 އާއި ދެމެދު ކަމަށް ތާރީޚުން އެނގެން އޮތީތީ އެންމެފުރަތަމަ ދިވެހި ޅެން ހެދިފައިވާނީ ހިޖުރީ 14 ވަނަ ޤަރުނުގެ ކުރީކޮޅުގެ އަހަރެއްގައިކަމަށް ބެލެވެއެވެ. ޅެންވެރި ކަމުގެ ތެރެއިން، ހުތް ޢަލީ ދީދީ އަކީ ރައިވަރު ހެއްދެވުމުގައި އަރާހުންނެވި ޝާޢިރެކެވެ. އެންމެ ފުރަތަމަ ދިވެހި ޅެމުގެ ފުރަތަމަ ދެބައިތު އޮތީ ޢަރަބިބަހުންނެވެ. ރައިވަރު ހަދަމުން އައި ވަޒަނާ ޚިލާފަށް ޅެންވަޒަނުގެ މައްޗަށް ހެދުނު ފުރަތަމަ ދިވެހި ޅެން ހެދިފައިވަނީ ޢަރަބި ޅެމުގެ ވަޒަން ތަކުގެ ތެރެއިން ވަޒަނެކަށެވެ. އޭގެފަހުން އެތައް ޒަމާނަކަށްފަހު މިޒަމާނުގައިވެސް ދިވެހިޅެން ގިނައިން ހަދައި އުޅެނީ މިދެންނެވިފަދަ ވަޒަން ތަކަށެވެ.. ދިވެހިބަހުން ދެވަނައަށް ހެދުނު ޅެމަކީ ވެސް ހުތްއަލިދީދީގެ ޅެމެކެވެ. ތާރީޚީ ފޮތްތަކުން އެނގޭގޮތުގައި ހުތްއަލީ ދީދީ ދިވެހިބަހުން ޅެން ހައްދަވަން ފެއްޓެވުމާއެކު އޭރު ތިއްބެވި ބައެއް އަދީބުން މިފަދަ ޅެންތައް ހައްދަވަން ފެއްޓެވިއެވެ. އޭގެ ތެރެއިން ތާރީޚީގޮތުން ފާހަގަކުރެވިފައިވާ ބޭފުޅުންނަށް ބަލާލާއިރު ވާހަކަގޭ ދޮންތުއްތު، އެއްގަމުގޭ އަހުމަދު ދީދީ، އަދި ސީދީގެ އަލިދީދީ ފަދަ ބޭފުޅުން ހިމެނެއެވެ. ދިވެހިޅެން ވައިގައި ހިފައި ޅެންހެދުމު ފޯރިއުފެދިގެން ދިޔަކަމަށް ވެއެވެ. އެގޮތުން އެންމެ ގިނަ ޅެން ހެއްދެވިކަމަށްވަނީ އެއްގަމުގޭ އަހުމަދު ދީދީ ނުވަތަ ހަކުރާ މަނިކުފާނު އެވެ. ޅެންތަކުގެ ތެރޭގައި “ފާތިމަތުގެފާނުގެ ޅެން” “ހުސައިނުގެފާނުގެ ޅެން” މިފަދަ އެތައް ޅެންތަކެއް ފާހަގަ ކޮށްލެވެއެވެ. (ނިމުނީ)
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |