ފަންވަތް ޝަޚްޞިއްޔަތު ދިވެހި ދޮންބަންޑާރައިން: ހުރަވީދުވަހުގެ ބަޠަލް
ބެލި ޢަދަދު: 895
ދޮންބަންޑާރައިން: ހުރަވީދުވަހުގެ ބަޠަލް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ޝަޚްޞިއްޔަތު - ދިވެހި
18 މެއި 2010، 20:56 އަންގާރަ

އަޙްމަދު ޖަދުޢާން

ޤައުމީ ގޮތުން ފާހަގަ ކޮށްލެވޭ މުހިންމު ދުވަސްތައް ފާހަގަ ކުރުމަކީ ކޮންމެ ޤައުމެއްގެ ޙަޔާތުގައިވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެގޮތުން ރާއްޖޭގައި ފާހަގަ ކުރަމުންދާ މުހިންމު ދުވަސް ދުވަހުގެ ތެރެއިން ޖުމާދަލްއާޚިރާ މަހުގެ 3 ވަނަ ދުވަހަކީ ފަޚުރުވެރި ހުރަވީދުވަހެވެ.

ހުރަވީދުވަހުގެ ގޮތުގައި މިދުވަސް ފާހަގަ ކުރަންފެށީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލް އާޚިރާ މަހުގެ ތިންވަނަދުވަހު އެވެ. މިއަދަކީ މިގޮތުން އަޅުގަނޑުމެން ފާހަގަ ކުރާ 31 ވަނަ ހުރަވީދުވަހެވެ. މި ދުވަސް ނިސްބަތްވަނީ ހުރާ ދޮން ޙަސަންމަނިކުފާނެވެ. އެއީ ހިޖުރީ ގޮތުން 1166 ވަނަ އަހަރު ގެ ޖުމާދިލްއާޚިރާ މަހުގެ ތިންވަނަ ދުވަހު، ދޮންބަންޑާރައިން އިސްވެހުންނަވައިގެން މާލާބާރީން ނުވަތަ ހޮޅީންގެ ކިބައިން ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވިހާދިސާ އަށެވެ. އެހާދިސާ ހިނގީ ރޭގަނޑެއްގައި ކަމަށް ތާރީޚީ ފޮތްތަކުގައި ވެއެވެ.  
    
ހުރާ ދޮން ހަސަންމަނިކުފާނު (ދޮންބަންޑާރައިން) ގެ ކޮލީ ނަންފުޅަކީ، އައްސުލްތާނުލް ޣާޒީ ހަސަންއިއްޒުއްދީން ސިރީކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން ނެވެ.
     
ތާރީޚީގޮތުން އެނގެން އޮތް ގޮތުގައި ރާއްޖޭގެ މިނިވަންކަން ގެއްލި ޤައުމު ބޭރުބައެއްގެ އަތްދަށަށް ދިޔަ ކޮންމެ ހާދިސާއެއްގައިވެސް އެކަމުގެ އަޑީގައި ދިވެހި ޚާއިނުންގެ މަދުބަޔަކު ތިބެ އެވެ. އެ ގޮތުން މަލާބާރީން (ހޮޅިން)ގެ އަތް ދަށަށް ރާއްޖެ ދިޔަ ހާދިސާއަށް ބަލާއިރުވެސް ޤައުމުގެ ޢިއްޒަތްތެރި ދެ ބޭފުޅަކު ވަނީ ޤައުމަށް ޚިޔާނާތްތެރިވެވަޑައިގެންފަ އެވެ. އާޚިރުގައި މިދެ ބޭފުޅުންނަށް ލިބިވަޑައިގަތީ ހިތްދަތި ކަމާ ހިތާމައެވެ. ގެއްލުމާއި ހަލާކެވެ. ތާރީޚީ ގޮތުން ފެންނަން އޮތް އަނެއް ޙަޤީޤަތަކީ ދިވެހިންގެ ކެރޭކަމާއި ހިތްވަރުގަދަ ކަމެވެ. ކިތަންމެ ވަރުގަދަ ބާރަކަށް ވިޔަސް، އެ ބާރަކުން މިޤައުމުގެ މިނިވަންކަމާއި އަމިއްލަ ވަންތަކަމާ ކުޅެލައިފިނަމަ، އެބައެއްގެ ވަސް މިފަސްގަނޑުން ފިލުވައި ކލުމުގައި ދިވެހި ބަޠަލުން ދައްކައިދީފައިވަނީ ޝުކުރާއި ތަޢުރީފް ޙައްޤު މިސާލު ތަކެކެވެ. ކޮށްފައިވަނީ ވަރުގަދަ ޖިހާދު ތަކެކެވެ. އެގޮތުން ދޮންބަންޑާރައިންގެ ޖިހާދަކީވެސް ދިވެހިން ނަޞްރާއި ކާމިޔާބު ހޯދި މަތިވެރި ޖިހާދެކެވެ.
    
ދޮންބަންޑާރައިންގެ ޖިހާދުގެ ޙާދިސާއަށް ބަލާއިރު، ހޮޅީން ރާއްޖޭގެ ވެރިކަމަށް ވެރިވެގަނެ، މާލޭގައި ވެރިކަން ކުރަމުން ގެންދިޔައީ ވެޔޮދޮށުގަނޑުވަރުގައެވެ. ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލް އާޚިރާމަހުގެ ތިނެއްވީ ރޭ މެންދަމު ދޮންބަންޑާރައިން ދިވެހީންގެ ހިތްވަރުގަދަ ބަޔަކު ގޮވައިގެން، ވަޑައިގެން މަލާބާރީންނަށް ކުއްލި ޙަމަލާއެއް ދެއްވައި އެމީހުން ބަލިކޮށް ލެއްވިއެވެ. މިކަމުގައި ދޮންބަންޑާރައިން ދައްކަވާފައި ވަނީ އާދަޔާޚިލާފު މޮޅުރޭވުންތެރި ކަމަކާއި ހިތްވަރެކެވެ. ޙިކުމަތްތެރިކަމާއި ސާބިތު ކަމެކެވެ. މަލާބާރީން ނުވަތަ ހޮޅީންގެ އަޅުވެތިކަމުގައި ރާއްޖެ އޮތީ ޖުމުލަ ހަތަރު މަސްދުވަހަށް ވުރެވެސް ކުޑަ މުއްދަތަކު ކަމަށް  ތާރީޚީ ބައެއް ފޮތްތަކުގައި ވެއެވެ.
    
ދޮންބަންޑާރައިންގެ ޖިހާދަށްފަހުވެސް އެމަނިކުފާނުގެ ސިޔާސީ ހަރުދަނާ މަސައްކަތް ޕުޅުތަކެއް ތާރީޚުން ފެންނަން އެބައޮތެވެ. އޭގެތެރެއިން އެ ދުވަސްވަރު، ދޭތެރެދޭތެރެއިން ރާއްޖެއާ ތޮޅެމުންދިޔަ ހޮޅީންގެ އުނދަގުލުން ރާއްޖެ ދިފާޢުކުރުމަށްޓަކައި ފަރަންސޭސި ވިލާތުގެ ސިފައިންގެ އެހީތެރިކަން ހޯއްދަވާފައި ވެއެވެ. މިއީ އެ ބަންޑާރައިންގެ ހަރުދަނާ ޚާރިޖީ ސިޔާސަތު ދައްކައިދޭ ތާރީޚީ ހެއްކެކެވެ. މީގެ އިތުރުން ވެސް ދޮންބަންޑާރައިން ވަނީ އަގުހުރި ޤައުމީ ޚިދުމަތްތަކެއް ކުރައްވާފަ އެވެ. އޭގެތެރޭގައި ސިޔާސީ، އިޖްތިމާޢީ، އިޤުތިޞާދީ، އަދިއަސްކަރީ ޚިދުމަތްތައް ފާހަގަ ކޮށްލެވެ އެވެ.  
     
ދޮންބަންޑާރައިންނަށްފަހު އެމަނިކުފާނުގެ ޢާއިލާއަށް ނިސްބަތްވާ ބައެއް ބޭބޭފުޅުންވެސް ރަސްކަން ކުރައްވާފައި ވެއެވެ. އޭގެތެރޭގައި ފާހަގަ ކޮށްލެވޭ ބައެއް ބޭފުޅުންނަކީ ދޮންބަންޑާރައިންނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެއް ކަމަށްވާ އައްސުލްޠާނު މުޙަައްމަދު ޝަމްސުއްދީނު (2) ، އަދި ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން، ޣިޔާޘުއްދީނު ރަދުންނެވެ.     
    
ދޮންބަންޑާރައިންނަކީ ވަރަށް އަޚުލާޤު ރަނގަޅު ހިތްޕުޅު ހެޔޮ ރައްޔިތުންނަށް ކަމޭހިއްތެވި ވެރިއެއްކަން ތާރިޚުން އެނގެން އެބައޮތެވެ. އެގޮތުން އެމަނިކުފާނު ރަސްކަމަށް އިސްވެ ވަޑައިގަތުމުގައި އަމަލުކުރެއްވި ގޮތް އެއީ މީގެ އެއްމިސާލެވެ. ހޮޅީންގެ އަޅުވެތިކަމުގެ ދަށަށް ރާއްޖެ ދިޔައިރު ރައްޖޭގެ ތަޚުތުގައި އިންނެވީ އައްސުލްޠާނު މުކައްރަމް މުޙަންމަދު ޢިމާދުއްދީނެވެ. އެހެންނަމަވެސް ހޮޅީންވަނީ އެ ރަދުންނާއި ދައުލަތުގެ ބައެއް އިސް ބޭފުޅުންރާއްޖެއިން ގެންގޮސްފަ އެވެ. ދޮންބަންޑާރައިން ހޮޅީންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތް ކުރައްވައި ދިވެހިޤައުމު މިނިވަން ކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް ރާއްޖޭގެ ވަލީ ނުވަތަ ރަސްކަން ޙައްޤުވެއްޖެކަމަށް ދިވެހިން ޤަބޫލުކުރި އެވެ. އަދި ވެރިކަން ޤަބޫލުފުޅު ކުރެއްވުމަށް ދިވެހިން އެ މަނިކުފާނުގެ ކިބައިން އެދުމުން އެކަން ގަބޫލުފުޅު ނުކުރައްވައި ޤައުމު ހިންގެވުމާ (ވަގުތީގޮތުން) ޙަވާލުވެ ހުންނެވި އެވެ.  މިއީ އެމަނިކުފާނަކީ ވެރިކަމުގެ އެދުންފުޅުން އެއްކިބާވެ ހަމައެކަނި ޤައުމީ ލޯބީގައި ޖިހާދުކުރެއްވި ބަޠަލެއްކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ.         

ދޮންބަންޑާރައިން ރާއްޖޭގެ ރަސްކަން ޤަބޫލުފުޅު ކުރެއްވީ ހޮޅިން ރައްޖެއަށް ވެރިވެގަތް ދުވަސްވަރު ހުންނެވި ރަދުން  އައްސުލްޠާން މުކައްރަމް މުޙަންމަދު ޢިމާދުއްދީނު، މަލިކުގައި ހުންނަވައި އަވަހާރަވުމަށް ފަހުގަ އެވެ. ދޮން ބަންޑާރައިން ރާއްޖޭގެ ރަސްކަންކުރެއްވީ ހިޖުރައިން 1173، ވަނައަހަރުގެ ރަބީއުލްއާޚިރާ މަހުގެ 15 އިން ފެށިގެން، ހިޖުރައިން 1180 ވަނައަހަރުގެ ރަމަޟާން މަހުގެ 2 ވަނަ ދުވަހާ ހަމައަށެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 895
extra avandia and congestive heart failure