މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ށ. ފުނަދޫގެ ޝަޚްޞިއްޔަތު ތަކުގެ ތެރެއިން |
|
|
| ޝަޚްޞިއްޔަތު - ދިވެހި | |||
| 05 ސެޕްޓެމްބަރ 2010، 00:09 އާދީއްތަ | |||
|
އާދަމް ޝަރީފު ށ.ފުނަދޫ، ރޯޒީ އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމް އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމަކީ ނ.ކުރެދިވަރު ހޮޅުދޫގޭ ޢަބުދުލްކަރީމް އާދަމާއި، ޙައްވާ އިބުރާހީމްގެ ދަރިކަލެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 02 ފެބުރުއަރީ 1932ގައި ނ. ކުރެދިވަރު ހޮޅުދޫ ގެއަށެވެ. އެދުވަސްވަރަކީ ރާއްޖެތެރޭގައި މަދަރުސާތަކުން ކިޔެވުމުގެ ފުރުޞަތު އެއްގޮތަކަށް ވެސް ލިބިނެތް ދުވަސްވަރަކަށްވުމުން ޢަބުދުﷲ ޢަބުދުލްކަރީމް ތަޢުލީމް ޙާޞިލްކުރެއްވީ މަންމައާއި ބައްޕަގެ ކިބައިންނާއި، މަންމައާއި އެއްބަނޑު އެއްބަފާ ބޮޑުދައިތައާއި، ބައްޕަގޯތީ ކާފަ ( އާދަމް މުޙައްމަދުފުޅު) ގެ ފަރާތުންނެވެ. މިގޮތުން އެދުވަސްވަރު އެއަތޮޅުން ފާހަގަކޮށްލެވޭ ފަދަ ތަޢުލީމީ ބޭފުޅަކަށް ވެވަޑައިގަތެވެ. ހޯއްދަވާފައިވާ ސަނަދުތަކުގެ ތެރޭގައި، ރާއްޖެތެރޭގެ ރަށްރަށުގެ ވެރިކަމުގެ ސަނަދާއި، މާލޫދު ކިޔުމުގެ ސަނަދާއި، ޖަމާޢަތްތެރިކަމުގެ ސަނަދާއި، ކިޔަވައިދިނުމުގެ ސަނަދު ހިމެނެއެވެ. އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމު އަދާކުރެއްވި ސަރުކާރުގެވަޒިފާތަކުގެ ތެރޭގައި މުދިމު ކަމާއި( 2ފަހަރެއްގެ މަތިން )ކުޑަކަތީބުކަމާއި، ބޮޑުކަތީބުކަމާއި، ނައިބުކަން ހިމެނެ އެވެ. މީގެ އިތުރުން ތަޢުލީމާއި ތަރުބިއްޔަތުގެ ރޮނގުން ވަރަށްގިނަ ޚިދުމަތްތަކެއް ކުރެއްވިއެވެ.މިގޮތުން 1948ގައި ނ. ބޮމަސްދޫގައި އަމިއްލަގޮތުން ސުކޫލެއް ހުޅުއްވައިގެން ކިޔަވައިދެއްވަން ފެއްޓެވިއެވެ. އަދި 1954 ގައި މަކުތަބުއްޞަބާޙުގެ ނަމުގައި މަކުތަބެއްގެ ޚިދުމަތް ދެއްވަން ފެށްޓެވި އެވެ. އަދި ށ.ފުނަދުއަށްހިޖުރަ ކުރެއްވުމާއި ގުޅިގެން މަކުތަބުލްމުނީރުގެ ނަމުގައި މަކުތަބެއްގެ ޚިދުމަތް ފުނަދޫގެ ދަރިންނަށް ދެއްވަން ފެށްޓެވިއެވެ. މި ތިން މަކުތަބުގައިވެސް އިސްވެރިއެއްގެ ގޮތުންނާއި މުދައްރިސެއްގެ ގޮތުން ޙަރަކާތްތެރިވެވަޑައިގަތީ ޢަބުދުﷲ ޢަބުދުލްކަރީމެވެ. އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމް 2 ކައިވެންޏެއް ކުރެއްވި އެވެ. މި ދެކައިވެންޏަށް ލިބިވަޑައިގަތް 9 ބޭފުޅުންގެ ތެރެއިން 2 ދަރިކަލުންނާއި 4 ދަރިކަނބަލުން ދުނިޔޭގައި އެބަތިއްބެވެ. އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމަކީ ވަރަށްގިނަރޮނގުތަކުން ފަންނުވެރިއެކެވެ. ޢުމުރުފުޅުން 12 އަހަރުންފެށިގެން މައުލޫދު ވިދާޅުވާން ފެއްޓެވިއެވެ. 14 އަހަރުން ފެށިގެން ބޮޑުބެރު ގުރޫޕާއި ގުޅިވަޑައިގެން އެފަންނުގައި މަޝްހޫރު ބޭފުޅަކަށް ވެވަޑައިގަތެވެ. މިހާރުވެސް ފުނަދޫގައި މިރޮނގުން އެންމެ ތަޖުރިބާކާރު ބޭފުޅެއްގެ ގޮތުގައި ހުންނެވީ ޢަބުދުﷲ ޢަބުދުލް ކަރީމެވެ. ހަމައެފަދައިން ވަޑާންކުރެއްވުމާއި ބޮޑުއަކުރު ކުރެއްވުމުގައި ވެސް އޭނާއަކީ ވަރަށްކުޅަދާނަ ފަންނުވެރި އެކެވެ. އޭނާއަކީ ލިޔުންތެރިއެކެވެ. ޅެންވެރިއެކެވެ. ޅެންވެރިކަމުގެ ތެރެއަށް ވެދެވަޑައިގަތީ އެކަމަށް ހިތްޕުޅުގައި އޮންނަ ޝައުޤެއްގެ ބޮޑުކަމުންނެވެ. އޭނާ ވަރަށްގިނަ ޅެމާއި، ރައިވަރު، ހައްދަވާފައިވެ އެވެ. މީގެ އިތުރުން މަދަޙަ އާއި ކުރުވާހަކަ އާއި މަޒުމޫނުވެސް ލިޔުއްވިއެވެ. އަދި ތަމްސީލާއި ފަރިހިވެސް ހައްދަވާފައި އެބަހުއްޓެވެ. އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމުގެ ލިޔުއްވުންތަކަކީ ޗާޕުވެ ޝާއިޢު ވެފައިވާ ލިޔުންތަކެއްނޫނެވެ. އެ ލިޔުންތައްހުރީ އޭނާގެ ފޮތް އަލަމަރީގައި ރައްކާކުރެވިފަ އެވެ. އެހެންނަމަވެސް ފުނަދޫ ސުކޫލުގެ ދަރިވަރުންގެ އަދަބީޖަމިއްޔާއިން 1997ން ފެށިގެން ޝާއިޢު ކުރަމުންއަން މަޖައްލާ " ހުވާސް" އިން އޭނާގެ ލިޔުއްވުންތައް ފެނިފައިވެ އެވެ. ހެއްދެވި ބައެއްޅެންތައް ޤުދުރަތި އާފާޤު އަލުންދިރޭ ޚިޔާލު ތެދުވެރި ޚިޔާލު އުއްމިދީ ޙަޔާތް ސިދާމަގު ވިސްނީ ހައްދަވާފައިވާ ބައެއް ރައިވަރުތައް ޖާހިލުކަން ދެބައޮދުވުމާ ނެތިމޮށުމުގެ ނުބައިކަން ޒަމާނުގެ ތަހުޒީބު އަދުގައި ވައްކަމަކީ ޝަރަފެއްކަމުގައި ދެކޭ. ހިނީގެ ހަރަކާތުން ޢިބުރަތްހޯދާ ޢިބުރަތްތެރި ބަސްކޮޅެއް ކުރީގެ މަސްވެރިކަން ފުރަތަމަރޭ އާއޮޑިޔާފުރަނީ މިލަދުންމަޑުލު އަތޮޅުވެށި ހެއްދެވި ބައެއް މަދަޙަ އައްސަލާމުޢަލައިކަޔާ ރަސޫލަﷲ ޞަލަވާތާ ސަލާމް ނަސަބުލް ކިރާމް ނަބިއްޔާފާޅު ކުރެއްވުމުގެ ބައެއް މުޢުޖިޒާތް ނަބިއްޔާ ވަޑައިގަތުމުގެ އުފާ ލިޔުއްވި ބައެއް ތަމްސީލުތައް ފުރުޞަތު ނަގާލުމުގެ ހިތާމަ، އިލާއަންކޮއި މީގެ އިތުރުން އަލްޙަޔާއު ( ލަދުވެތިކަން ) ކިޔާ ކުރުވާހަކައެއް ލިޔުއްވާފައިވެ އެވެ. އަދި ވަރަށް ގިނަ މަޒުމޫނުތަކާއި ބައްޕަގެ ނަސޭހަތް ކިޔާފޮތެއް ވެސް ލިޔުއްވާފައި ވެ އެވެ. މިހާހިސާބުން އަލްފާޟިލް ޢަބުދުﷲ ޢަބުދުލްކަރީމް އެންމެފުރަތަމަ ހެއްދެވި ފަރިހިން ތަންކޮޅެއް ހިމަނާލަމެވެ. " މިހެންހުރެ ޢުމުރު ހުސްވިޔަކަސް އެހެންއަތަކަށް ނުއެނބުރޭނީ މިހެންހުރެ ހައްޤުގާ މިތުރާގެ ނިމިދާށޭ މަހުންނާނީ މަށަށްވާ ނޭނގެނީ ހަމަދެން ކަލާގެ ގޮތޭ ކަލާގެ ހިތޭ ވަރަށްތެދުވެރި ޔަޤީންކަމުގާ ނަޒަރަށޭ އަދު ގޮވާލާނީ ވަމުންދިޔަ ނޯޓުތައް އެކިރޭ ރެޔަށް މިއަޅާގެ ޑައިރީގައި ކަމުންވާލޯބި ތިޔަމިތުރާ ހަނދާންތައް ހިތުގަ ދިރުވާނީ ޒުވާން ތިޔަ ޗާލު ޅަފުރާނަލަ މިހާ އެދެވޭ އަޅާހިތްހެވޭ ނުވާޝައްކެއް ހިތުގެ މިޔަޤީނަށޭ އެދިދަންނަވާލާނީ " ހެއްދެވި ބައެއް ޅެންތަކުން ބައެއްބައިތު ސީދާމަގުވިސްނާ މަގުދެންގެއްލިގެންދާ މިންވަރާ ތަދުހިތްތައް ވެދާކަން ދަތިމިހާ ކަމުގައި ހިތް ޚުޝީގާ ފުދެވިދާ ބަދުނާމުވެދާކަން ނު އެނގޭ ތެދުވެރި ޚިޔާލު ތެދުވެރި ޚިޔާލު ކުރާދަރިން ހެނދުނާހަވީރު ދިރޭށެވީ މެދުވެރިވެދާ މިކަންކަމަށް ވިސްނާ ފިކުރު ކުރާށެވީ ޢިލްމިއްޔަފަންނުގާ މިވާ ބިލްބާލު ނުމެ ހިނގާގޮތުން ޙިލްމުން އެނގޭ އެނގުންތަކާ ޢިލްމާ މިކްސްކުރާށެވީ ހައްދަވާފައިވާ ބައެއްރައިވަރު ދެބައޮޑުވުމާ ނެތިމޮށުމުގެ ނުބައިކަން ބެހުންގަނޑުލަކުޑިހެން ޖެހުން ނުވިތާ ކަނޑުމިދެން މެހުންގިނަޖެހިރިނދަމިހެން ކެނޑުން ދޭތެރެ އެކުވިދެން ދެމުންއެބުދާއި ގޭވާލި ދެހުން އަބީދަ ކަނޑުވާލި ތޯމިއަދު ބަލާދެން ލޯބިވާވަރު ކަތުންގެން ހޯދިޔަސްރަށުތެރޭންދެން ގޯނި އުފުލާ ދެބަމިހެން ދޯމިހެންކަން މަކަރުވާނީ ތޯ މިޚަރާބު ތަންވާނީ ޒަމާނުގެ ތަހުޒީބު އެނބުރެމުން ސެނބުރެމުން އެނބުރެމުން އައި އޮއިވަރުން ކެނބުގެ ހުރި ބަލިކަށިކަމުން ދެބުމަ ހިއްލާދާ ސަފުން ކެނބުކަނޑާހަމަ ނުލައްވައްޗޭ މެދުފަރު ދޫ ނުކުރައްޗޭ ކުރީގެ މަސްވެރިކަން ގަނޑުދަށުން ނަރުހޮވާ އަދުބޮނބިން ކިފުޅިމިނަގާ ފަޅުވެރިއެއަންހެނުންނާ ގަޅުރަކޮށްވެށި ހަޅަނގުމާ ހަނދުމަވެވިގޮސްފަށާލަންތާ އަދުމިކޮޅާ އޮޑިލަންތާ މިލަދުންމަޑުލު އަތޮޅުވެށި ފަޅުރީތި މިލަންދޫ ދަޅުބުނާ މާ ކަނޑޫދޫ ފަރުކޮޅާކީމެ ފުނަދޫ ދަރުކޮށާމޮޅު އެރިޔަދޫ އަދު އެކަސްދޫކަމަށްރަވާ ގަޅުރައުނގޫދު ބާރަވަނާ ޢަބްދުﷲ ޢަބުދުލްކަރީމަކީ ފުނަދޫ ފަޚުރުވެރިވާ ފުނަދޫގެ އަގުހުރި ދަރިއެކެވެ. މެދުކެނޑުމެއްނެތި 20 އަހަރު ދުވަހު ހިލޭސާބަހަށް ތަޢުލީމީދާއިރާގައި ނާޒިރެއްގެ ހައިސިއްޔަތުން ކުރެއްވި އަގުހުރި މަސައްކަތް ފާހަގަ ކުރުމުގެ ގޮތުން 1994 ވަނަ އަހަރު ފުނަދޫ ރކ.ކޮމެޓިން ވަނީ އޭނާއަށް ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ހަނދާނީ ލިޔުމެއް އަރުވާފަ އެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ އާސިމް, 2010-09-04 18:31:46
ވަރަށް މޮޅު ލިޔުމެއް. . . ފުނަދޫގެ ތާރީޚަށް ތިކޮށްދިނީި ވަރަށްބޮޑު ހެޔޮކަމެއް. ޝުކުރިއްޔާ
...
ލިޔުނީ angel, 2010-09-05 09:46:23
adam shareef sir ves mi site ah articles send kuran tha :) eid mubaarik sir
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|