މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޑރ. މުޞްޠަފާ މަޙުމޫދު |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 04 ނޮވެމްބަރ 2009، 20:55 ބުދަ | |||
|
إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُونَ މިޞްރުގެ މަޝްހޫރު ޢާލިމު ޑރ. މުޞްޠަފާ މަޙުމޫދު ވަނީ، 31 އޮކްޓޯބަރ 2009 ވީ ހޮނިހިރު ދުވަހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައެވެ. އަވަހާރަވި އިރު އޭނާގެ ޢުމުރުފުޅަކީ، 88 އަހަރެވެ. މާތް ﷲ، މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އެވެ. އާމީން! ޢަބްދުލްމުޢީދު ޙަސަން ޑރ. މުޞްޠަފާ މަޙުމޫދު ކާވަނި ބައްލަވައިގަތީ، 1961 ވަނަ އަހަރުގަ އެވެ. ދެބޭފުޅުން ލިބިވަޑައިގަތް ފަހުން، 1973 ގައި އެ ކާވަނި ރޫޅުނެވެ. ލިބިވަޑައިގަތް ދެ ބޭފުޅުންނަކީ، އަމަލު އާއި އަދުހަމް އެވެ. ދެން 1983 ގައި އެހެން ބޭކަނބަލަކާ ކާވަނި ބައްލަވައިގަތެވެ. ނަމަވެސް 1987 ގައި މި ކާވަނި ވަނީ ރޫޅިފައެވެ. އެއަށްފަހު، އޭނާގެ ހުރިހައި ވަގުތެއް ހިބަކުރައްވާފައިވަނީ އިސްލާމްދީނަށް ޚިދުމަތްކުރެއްވުމަށެވެ. ޑރ. މުޞްޠަފާ މަޙުމޫދު، މިދުނިޔެއާ ވަކިވެވަޑައިގަތީ ވަރަށް ބޮޑު ޢިލްމީ ތަރިކައެއް ދޫކުރައްވާފައެވެ. އޭގެ ތެރޭގައި އޭނާ އެކުލަވައިލެއްވި 89 ފޮތް ހިމެނެއެވެ. އޭގެތެރޭގައި، ދީނީ، ފަލްސަފީ، އިޖުތިމާޢީ، ސިޔާސީ އަދި ވާހަކަ ފޮތްތައް ހިމެނެއެވެ. އޭގެ އިތުރުން އޭނާގެ ޢިލްމީ ޚަޒާނާއިން ގެނެސްދެއްވާ "އަލްޢިލްމު ވަލްއީމާން" ނަމަކަށް ކިޔާ މަޝްހޫރު ޓީވީ ޕްރޮގްރާމް ވެސް ފާހަގަކޮށްލަން ޖެހެއެވެ. އެ ޕްރްގްރާމުގެ 400 އެޕިސޯޑު އޭނާ ގެނެސްދެއްވާފައި ވެއެވެ. ޑރ. މުޞްޠަފާ މަޙުމޫދު ކުރެއްވި އަގުބޮޑު ޚިދުމަތްތަކުގެ ތެރެއިން ފާހަގަކޮށްލަން ޖެހޭ އެއްކަމަކީ، 1979 ވަނަ އަހަރު ޤާހިރާގައި އޭނާ ބިނާކުރެއްވި މިސްކިތެވެ. އެއީ، ފަޤީރުންނަށް ބޭސް ފަރުވާކުރާ ތިން މަރުކަޒާއެކު ބިނާކުރައްވާފައިވާ މިސްކިތެކެވެ. ޑރ. މުޞްޠަފާ މަޙުމޫދުގެ ޙަޔާތްޕުޅުގައި ކުރިމަތިވެ ވަޑައިގަތް އެންމެ ބޮޑު އެއް މުޞީބާތަކީ، އޭނާ ލިޔުއްވި ފޮތެއްގެ މައްސަލައިގައި އޭނާގެ މައްޗަށް ކުރެވުނު ޝަރީޢަތެވެ. އެ މައްސަލަ ޝަރީޢަތަށް ގެންދެވީ، ޖާމިޢުލް އަޒުހަރުގެ އެދިވަޑައިގަތުމަކަށް، ސީދާ މިޞްރުގެ ރައީސް ޖަމާލު ޢަބްދުއްނާޞިރެވެ. އެ ފޮތުގެ ނަމަކީ، "ﷲ ވަލްއިންސާން" އެވެ. އޭނާގެ މައްޗަށް ހުށަހެޅުނީ ކުފުރުގެ މައްސަލައެކެވެ. ނަމަވެސް އެފޮތް ހިފެހެއްޓުން ނޫން އެހެން ޙުކުމެއް އޭނާގެ މައްޗަކަށް ނުކުރެއެވެ. ޑރ. މުޞްޠަފާ މަޙުމޫދަކީ، ތުއްޕުޅު އިރު، ތޫނުފިލި ކުއްޖެއް ކަމުގައި ވިއެވެ. ގޭގައި މަޢުމަލެއް ހައްދަވައިގެން، އެތަނުގައި ސައިބޯންޏާއި ފަނިފަކުސަ މަރާ ޒަހަރު އުފެއްދެވިއެވެ. އެއަށްފަހު، ޔުނިވަރސިޓީ މަރްޙަލާގައި ވެސް އޭނާވީ، އެހެން ދަރިވަރުންނަށްވުރެ ތޫނުފިލި ދަރިވަރަކަށެވެ. ދިރިހުރުމާއި މަރުވުމުގެ ސިއްރު ހޯއްދަވަން މަސައްކަތް ކުރެއްވިއެވެ. އަދި މަރުވުމަށްފަހު، ކަން އޮތްގޮތާމެދު ނަޒަރު ހިންގެވިއެވެ. ޙަޔާތުގެ އެކި މަރްޙަލާތަކުގައި، ވާޞިލުވެވަޑައިގެންނެވުނު ނުރަނގަޅު ނަތީޖާތައް، އަމިއްލަފުޅަށް ޤަބޫލުކުރެއްވިއެވެ. މިއީ، އޭނާގެ ހިތްވަރު ގަދަކަމާއި ތެދުވެރި ކަމުގެ އަލިގަދަ ދަލީލެކެވެ. ޑރ. މުޞްޠަފާ މަޙުމޫދު ލިޔުއްވާފައިވާ ބައެއް ފޮތްތައް: 1. އިސްލާމްދީން އަނދަވަޅެއްގެ ތެރޭގައި 2. ސުވަރުގެއާއި ނަރަކައަށް ކުރި ޒިޔާރަތް 3. ދުނިޔޭގެ ބޮޑުންނާއި އާޚިރަތުގެ ބޮޑުން 4. ސިޔާސީ އިސްލާމް އަދި ކުރިމަތިވަމުން އަންނަ ހަނގުރާމަ 5. ސިއްރުތަކުގެ ދުނިޔެ 6. ދަންޖެހުމުގެ ތުންފަތް މަތީގައި 7. މަރުގެ އަރަތް 8. ޙަޔާތުގެ އަރަތް 9. ޝައްކުން އީމާނަށް އަޅުގަނޑު ކުރި ދަތުރު 10. ކައުބަތުﷲ ގެފުޅަށް ދިއުމަށް މަގެއް 11. މާތް ﷲ (ޢައްޒަ ވަޖައްލަ) 12. ތައުރާތު 13. އެމެރިކާއިން އަނެއް ފަރާތު ގޮނޑުދޮށަށް 14. މަސީޚު ދައްޖާލު 15. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) 16. ކީރިތި ޤުރުއާނުގެ ސިއްރުތަކުގެ ތެރެއިން 17. ބޮޑު މުއާމަރާ 18. ނަރަކައިގެ މަގު 19. އިސްލާމް ދީނަކީ ކޮބާ؟ 20. އިސްރާއީލު، ފެށުމާއި ނިމުން މަޞްދަރުތައް: 1. އިސްލާމްއޮންލައިން ޑޮޓް ނެޓް 2. އަލްބަޝީރު ނިއުސް މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
... ލިޔުނީ ކިޔުންތެރިއެއް, 2009-11-05 01:32:13
إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُونَ
މި ލިޔުމުން އަޅުގަނޑަށް ފާހަގަކުރެވުނު މުހިންމު އެއް ނުކުތާއަކީ، ދުނިޔޭގައި ހޭދަކުރެއްވި 88 އަހަރުގެ ތެރޭގައި 89 ފޮތް ލިޔުއްވާފައިވާ ކަމެވެ. އޭނާގެ ޢުމުރުގެ ކޮންމެ އަހަރަކަށް ފޮތެއް ކަމުގައި ބެލިޔަސް އެއް ފޮތް އެބަ އިތުރުވެއެވެ. ދެވަނަ ނުކުތާއަކީ ޒަވާޖީ ޙަޔާތުގެ ނާކާމިޔާބެވެ. ޑރ. މުޞްޠަފާ މަޙުމޫދު ފަދަ ޢިލްމާއެކު ގިނަ ވަގުތު ހޭދަކުރައްވާ ބޭފުޅަކާއެކު އަންހެނަކަށް ދިރިއުޅުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. މިޞްރު އަންހެނުންނަކީ ވެސް ދިވެހި އަންހެނުން ފަދައިން ކުޅިވަރާއި މަޖަލަށް ވަރަށް ލޯބިކުރާ ބަޔެއް ކަމުގައި ބުނެވޭ އަޑު އަހަމެވެ. މާތްﷲ މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމީން. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
This e-mail address is being protected from spambots. You need JavaScript enabled to view it