މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އަލްއިމާމުލް އަކުބަރު، ޝައިޚުލް އަޒުހަރު، ޑރ. މުޙައްމަދު ސައްޔިދު ޠަންޠާވީ |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 11 މާރޗް 2010، 11:59 ބުރާސްފަތި | |||
"ނަބީބޭކަލަކާމެދު ވިޔަސް، މުޞްލިޙަކާމެދު ވިޔަސް، އަދި އާދައިގެ މީހަކާމެދު ވިޔަސް، ...މިދުނިޔެ ދޫކޮށްފައިވާ އެއްވެސް މީހަކާމެދު ބަދުބަސް ބުނުމާއި، އިހާނެތިކޮށް ހިތުމަކީ،އަޅުގަނޑު ކަނޑައެޅިގެން ދެކޮޅުހަދާ ކަމެކެވެ."ޢަބްދުލްމުޢީދު ޙަސަން ފަޟީލަތުލް އިމާމުލް އަކުބަރު، ޝައިޚުލް އަޒުހަރު، އަލްމަރްޙޫމު، ޑރ. މުޙައްމަދު ސައްޔިދު ޠަންޠާވީ، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، 28 އޮކްޓޯބަރު 1928 ގަ އެވެ. އުފަންރަށަކީ، ސަލީމުއް ޝަރުޤިއްޔާ އެވެ. އެއީ، މިޞްރުގެ ޞަޢީދުގެ ސޯހާޖުގެ ރަށެކެވެ.ތަޢުލީމު އިބްތިދާއީ ތަޢުލީމަށްފަހު، ޝައިޚު، އިސްކަންދަރިއްޔާގެ އަލްމަޢުހަދުއް ދީނީ ގައި ތަޢުލީމު ޙާޞިލުކުރައްވަން ފެށްޓެވީ 1944 ގައެވެ. ސާނަވީ ތަޢުލީމަށްފަހު، ޝައިޚު ތަޢުލީމު ޙާޞިލުކުރެއްވީ، ކުއްލިއްޔަތު އުޞޫލުއްދީނުގަ އެވެ. އެ ކުއްލިއްޔާއިން ޝައިޚު ގްރެޖްއޭޓްވެވަޑައިގެންނެވީ، 1958 ގައެވެ. އަދި ހަމަ އެ ކުއްލިއްޔާގައި އިތުރަށް ކިޔަވާ ވިދާޅުވެ، 1966 ގައި ޕީއެޗްޑީ ޙާޞިލުކުރެއްވި އެވެ. ޝައިޚު ޙާޞިލުކުރެއްވި ޕީއެޗްޑީގެ ދަރަޖައަކީ، މުމްތާޒެވެ. އެއީ، އެންމެ މަތީ ދަރަޖަ އެވެ. ނުހަނު ތުއްޕުޅުއިރު، ޝައިޚު ވަނީ ކީރިތި ޤުރުއާން ހިތުދަސްކުރައްވާފަ އެވެ. ޝައިޚުލް އަޒުހަރުގެ ލަޤަބު ޑރ. މުޙައްމަދު ސައްޔިދު ޠަންޠާވީ ކިޔަވާވިދާޅުވަން އުޅުއްވި އިރު، މިތުރުންގެ ދޫތަކުން ލިބިވަޑައިގެންފައިވާ އާދަޔާޚިލާފު ލަޤަބެއް ވެ އެވެ. އެލަޤަބަކީ، "އަލްއިމާމުލް އަކުބަރު، ޝައިޚުލް އަޒުހަރު" އެވެ. މިތުރުންގެ ދޫތަކުން ޝައިޚަށް މި ލަޤަބު ލިބިވަޑައިގެންފައިވަނީ، ޝައިޚުގެ ޢިލްމާއި މަޢުރިފާގެ ފުޅާކަމާއި ތަނަވަސްކަމުންނެވެ. ފުރުއްވި މަޤާމުތައް 1. 1968 ގައި، ކުއްލިއްޔަތު އުޞޫލުއްދީނުގެ އުސްތާޛެއްގެ މަޤާމަށް ޝައިޚު ޢައްޔަންކުރެވުނެވެ. 2. 1972 ވަނަ އަހަރު، ޝައިޚު ލީބިޔާއަށް ވަޑައިގެން، ލީބިޔާގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ދިރާސާތިލް ޢަރަބިއްޔާ ވަލްއިސްލާމިއްޔާ ގެ އުސްތާޛެއްގެ މަޤާމު ފުރުއްވަން ފެށްޓެވި އެވެ. 1976 ވަނަ އަހަރާ ހަމައަށް، ޝައިޚު އެ މަޤާމުގައި ހުންނެވި އެވެ. 3. އެއަށްފަހު، މިޞްރަށް އެނބުރި ވަޑައިގެންނެވި އެވެ. އަދި، ޖާމިޢަތުލް އަޒުހަރުގެ އަސްޔޫޠު ގޮފީގެ ކުއްލިއްޔަތު އުޞޫލުއްދީނުގެ ޢަމީދުގެ މަޤާމަށް ޝައިޚު ޢައްޔަންކުރެވުނެވެ. 4. މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގެ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ކީރިތި ޤުރުއާނާ ބެހޭ ޑިޕާޓްމަންޓްގެ ރައީސްކަމާއި، އެކުއްލިއްޔާގެ ޢަމީދުކަން ކުރެއްވި އެވެ. 5. 28 އޮކްޓޯބަރު 1986 ގައި މިޞްރަށް އެނބުރިވަޑައިގެންނެވި އެވެ. މިފަހަރު، މިޞްރުގެ އެންމެ މަތީ އެއް މަޤާމުކަމުގައިވާ މިޞްރުގެ މުފުތީގެ މަޤާމަށް ޝައިޚު ޢައްޔަންކުރެވުނެވެ. 6. އެއަށްފަހު، ޝައިޚުލް އަޒުހަރުގެ މަޤާމަށް ޢައްޔަންކުރެވުނީ، ކުރީގެ ޝައިޚުލް އަޒުހަރު، ފަޟީލަތުއް ޝައިޚުލް މަރުޙޫމް ޖާދުލްޙައްޤު ޢަލީ ޖާޖުލްޙައްޤު އަވަހާރަވުމުން، 1996 ގައެވެ. ޑރ. މުޙައްމަދު ސައްޔިދު ޠަންޠާވީ އަކީ، އަޒުހަރުގެ 47 ވަނަ ޝައިޚުލް އަޒުހަރެވެ. ޢިލްމުވެރިކަމާއި މަސައްކަތްޕުޅުތައް ފަޟީލަތުލް އިމާމުލްއަކުބަރު، ޝައިޚުލް އަޒުހަރު، އަލްމަރްޙޫމު، ޑރ. މުޙައްމަދު ސައްޔިދު ޠަންޠާވީއަކީ، ފުންނާބު އުސް ޢިލްމުވެރިއެކެވެ. ޚާއްޞަކޮށް ކީރިތި ޤުރުއާނުގެ ތަފުސީރުގެ މައިދާނުގައި ޝައިޚަކީ މިޒަމާނުގައި ދެވަނައެއް ނެތް މިސާލެކެވެ. ދީނީ ޢިލްމުގެ މައިދާނުގައި ޝައިޚުގެ މަޢުރިފާއާއި ޢިލްމުގެ ފުޅާކަމާއި ތަނަވަސްކަމާމެދު މިޞްރުގެ އެންމެހައި ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވަ އެވެ. މިޞްރުގެ މުސްލިމުންނާއި ނަޞާރާއިންނާ ދެމެދުގައި އޮންނަ ބަދަހި ގުޅުން ދެމެހެއްޓެމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އެއް ޝަޚުޞިއްޔަތަކީ، ޝައިޚުކަމަށް މުޙައްލިލުން ޤަބޫލުކުރެ އެވެ. ޝީޢީންނާއި ސުންނީންނާ ދެމެދުގައިވާ ޚިލާފުތައް ކުޑަކުރެއްވުމަށްޓަކައި، ޝައިޚު ވަރަށް ބޮޑަށް މަސައްކަތްކުރެއްވި އެވެ. އަދި، ކީރިތި މާތް ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ އެއްވެސް އަޞްޙާބު ބޭކަލަކާމެދު ބަދު ބަހެއް ނުބުނުމަށް، ޝީޢީންނަށް ގޮވާލެއްވި އެވެ. އަބަދުވެސް، ޝީޢީންގެ ދަންނަބޭކަލުންނާއެކު، ޝައިޚު ބޭއްވެވީ ބަދަހި އެކުވެރިކަމެކެވެ. އެކަމުގެ ނަތީޖާ ވަރަށްވެސް ރަނގަޅެވެ. ޢިލްމީ ގޮތުން ފާހަގަކޮށްލެވޭ ގިނަގުނަ މަސައްކަތްޕުޅުތައް ޝައިޚު ކުރައްވާފައި ވެ އެވެ. އޭގެތެރޭގައި އަންނަނިވި ފޮތްތައް ހިމެނެ އެވެ. 1. بنو إسرائيل فى القرآن والسنة (ކީރިތި ޤުރުއާނާއި ސުންނަތުގައި ބަނޫ އިސްރާއީލު ބާގައިގެ މީހުން)، 1969. 2. التفسير الوسيط للقرأن الكريم (ކީރިތި ޤުރުއާނުގެ މެދުމިން ތަފުސީރު)، 1972. 3. القصة فى القرآن الكريم (ކީރިތި ޤުރުއާނުގައި ވާހަކަތައް ނަންގަނެވިފައިވާ ގޮތް)، 1990. 4. معاملات البنوك وأحكامها الشرعية (ބޭންކު މުޢާމަލާތާއި އޭގެ ޝަރުޢީ ޙުކުމް)، 1991. ދެއްވި މުހިންމު ފަތުވާތައް ޒަމާނީ ކުރިއެރުމަށް މުސްލިމުން އަހުލުވެރިވާނެ ދޮރުތައް ހުޅުވާލެވިގެން ދިޔަ މުހިންމު ފަތުވާތަކެއް ޝައިޚު ދެއްވާފައި ވެއެވެ. އޭގެތެރެއިން ބައެއް މުހިންމު ފަތުވާތަކަކީ: 1. ގުނަވަންތައް ނަގުލުކުރުމަކީ ހުއްދަ ކަމެކެވެ. އިންސާނުންގެ ގުނަވަންތައް އެކެއްގެ ގައިން އަނެކެއްގެ ގަޔަށް ނަގުލުކުރުމަކީ ހުއްދަކަމެއް ކަމަށް ޝައިޚުލް އަޒުހަރު ފަތުވާ ދެއްވި އެވެ. ނަމަވެސް އެކަންކުރެވޭނީ ޝަރުޠުތަކަކާއެކުގައި ކަމަށް އެފަތުވާގައި ވެ އެވެ. ގުނަވަން ހަދިޔާކުރާ މީހާއަށް ގެއްލުމެއް ނުލިބޭނެ ކަމަށާއި، ގުނަވަން ހަދިޔާކުރެވޭ މީހާއަށް ފައިދާކުރާނެ ކަމަށް ޑަކުޓަރުން އެއްބަސްވުން އޭގެތެރޭގައި ހިމެނެ އެވެ. މަރުވެފައިވާ މީހެއްގެ ހަށިގަނޑުން ދިރިހުރި މީހެއްގެ ހަށިގަނޑަށް ގުނަވަނެއް ނަޤުލުކުރުމަކީ ހުއްދަ ކަމެއް ކަމަށް އެ ފަތުވާގައި ވެ އެވެ. އަދި މަރުގެ ޙުކުމް ތަންފީޒުކުރެވިފައިވާ މީހެއްގެ ހަށިގަނޑުން، ގުނަވަނެއް ނަގައިގެން ބަލިމީހެއްގެ ފުރާނަ ސަލާމަތްކުރުމަކީ ވެސް ހުއްދަ ކަމެއް ކަމަށް އެ ފަތުވާގައި ވެ އެވެ. ނަމަވެސް އެއީ އެކެއްގެ ގުނަވަނެއް، އަނެކަކަށް ވިއްކުން ހުއްދަކުރާ ފަތުވާ އެއް ނޫނެވެ. 2. ޙައްޖުގެ އަޅުކަން އަދާކުރުން ފަސްކޮށްގެން ނުވާނެއެވެ. އޫރު ރޯގާގެ ވަބާ ފެތުރިދާނެ ކަމުގެ އިންޒާރު ދެމުން ގެންދިޔަ ދުވަސްވަރު، ޙައްޖު އަޅުކަން އަދާކުރުމާ ދެކޮޅަށް އުފުލުނު އަޑުތަކަށް ޝައިޚު ރައްދު ދެއްވި އެވެ. ޝައިޚު ވިދާޅުވެފައިވެ އެވެ. "ވަބާއެއް ފެތުރޭނެ ކަމަށް ކަނޑައެޅުމަކީ އަޅުގަނޑުގެ ތަޚައްޞުޞުގެ ދާއިރާއިން ބޭރުގައިވާ ކަމެކެވެ. އެކަމަކީ، މިނިސްޓްރީ އޮފް ހެލްތާއި ޑަކުޓަރުންގެ ކަމާބެހޭ ރަސްމީ ފަރާތްތަކަށް ޚާއްޞަވެފައިވާ ކަމެކެވެ. ޙައްޖުގެ އަޅުކަން އަދާކުރުން ފަސްކުރުމަށް ފަތުވާއެއް ނެރެވޭނީ، ވަރަށް ނުރައްކާތެރި ދަރަޖައަކަށް ބަލި ފެތުރިއްޖެ ކަމަށް ކަމާބެހޭ ފަރާތްތަކުން އަޅުގަނޑަށް އެންގެވުމުންނެވެ. މީގެ ދުވަސްކޮޅެއް ކުރިން ކަމާބެހޭ ފަރާތްތަކުން އިޢުލާންކުރައްވާފައިވަނީ، ނުރައްކާތެރި ދަރަޖައަކަށް ބަލި ފެތުރިގެން ނުދާ ކަމަށެވެ. އެހެންވީމާ، (މިއަހަރު) ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރުން މަނާކުރާ ފަތުވާއެއް ނެރޭނެ ޖާގައެއް ނެތެވެ." 3. ޤިޞާޞް ހިފުމާ ދެކޮޅެއް ނުހެދޭނެ އެވެ. ޤިޞާޞް ހިފުން، ނުވަތަ މަރަށް މަރުހިފުން އުވާލުމާ ޝައިޚު ދެކޮޅުހެއްދެވި އެވެ. ޝައިޚު ވިދާޅުވެފައިވެ އެވެ. "ޙައްޤަކާ ނުލައި އެހެން މީހަކު މަރާ މީހާގެ މައްޗަށް، ޤިޞާޞް ހިފުމުގެ ޙުކުމް ތަންފީޒުކުރުމަކީ، ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުން ސާބިތުވާން އޮތް ކަމެކެވެ. ޝައިޚުލް އަޒުހަރަށް ނުވަތަ އެއަށްވުރެ މަތީ މަޤާމެއްގައި ނުވަތަ އެއަށްވުރެ ދަށް މަޤާމެއްގައި ހުންނެވި ބޭފުޅަކަށް ވެސް، އެއާ ދެކޮޅަށް ފަތުވާއެއް ނުދެއްވޭނެ އެވެ. 4. ރޭޕުކުރުމުން ލިބޭ ދަރި ވައްޓާލެވިދާނެތޯ އެވެ؟ ގަދަކަމުން ރޭޕްކުރުމުގެ ސަބަބުން ބަލިވެ އިންނަ އަންހެނާގެ ބަނޑުގައި އަށަގަންނަ ދަރިފުޅު، ޝަރުޠުތަކަކާއެކު ވައްޓާލެވިދާނެ ކަމަށް ޝައިޚު ފަތުވާ ދެއްވި އެވެ. އެ ޝަރުޠުތަކުގެ ތެރޭގައި، ބަލިވެއިން އަންހެނާއީ ޢިއްފަތްތެރިއެއް ކަމުގައިވުމާއި، އޭނާއަކީ ވިޔާނުދާ ގޮތަކަށް އުޅެފައިވާ އަންހެނެއް ކަމުގައި ނުވުމާއި، އޭނާއާ ބެހޭގޮތުން ނޭދެވޭ ވާހަކައެއް އަޑުއިވިފައި ނުވުމާއި، ރޭޕުކުރެވުނުއިރު އޭނާ އެކަމާ މެދު ނުރުހުން ފާޅުކޮށް ދެކޮޅުހަދާފައިވުން ހިމެނެ އެވެ. 5. ޢަސްކަރީ ކޮލެޖުތަކުގައި އަންހެން ކުދިން ކިޔެވުމަކީ ހުއްދަ ކަމެކެވެ. ޢަސްކަރީ ކޮލެޖުތަކުގައި އަންހެން ކުދިން ކިޔެވުމަކީ ހުއްދަ ކަމެއް ކަމަށާއި، ލަޝްކަރުގައި އަންހެނުން މަސައްކަތްކުރުމަކީ، ހުއްދަކަމެއް ކަމަށް ޝައިޚު ފަތުވާ ދެއްވި އެވެ. އަދި ޤައުމުގެ ވެރިޔަކަށް އަންހެނަކު އިންތިޚާބު ކުރުމަކީ ހުއްދަ ކަމެއް ކަމަށް ވެސް ފަތުވާ ދެއްވި އެވެ. ނަމަވެސް އެއީ، އެމަޤާމަށް އަހުލުވެރިވެފައިވާ އަންހެނަކު ކަމުގައި ވާންޖެހެ އެވެ. 6. އަޞްޙާބު ބޭކަލަކާމެދު ބަދުބަހެއް ބުނެގެން ނުވާނެ އެވެ. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ އަޞްޙާބު ބޭކަލަކާމެދު ބަދުބަހެއް ބުނެ، އެއިން ބޭކަލަކަށް އިހާނެތިކޮށް ހިތުމަކީ، އެއްވެސް މުސްލިމަކު ކޮށްގެން ވާނެ ކަމެއް ނޫންކަމަށް ޝައިޚު ވިދާޅުވި އެވެ. ޤަޞްދުގައި އެފަދަ ޢަމަލެއް ކޮށްފި މީހަކީ، އިސްލާމްދީނުން ބަރީއަވެފައިވާ މީހެއް ކަމަށް ވެސް ޝައިޚު ވިދާޅުވި އެވެ. ކީރިތި މާތް ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަށް ފުރައްސާރަކޮށް، ޑެންމާކުގެ ނޫހެއްގައި ޝާއިޢުކުރި ކުރެހުންތަކާމެދު ޝައިޚު ވިދާޅުވެފައި ވެ އެވެ. "ނަބީބޭކަލަކާމެދު ވިޔަސް، މުޞްލިޙަކާމެދު ވިޔަސް، އަދި އާދައިގެ މީހަކާމެދު ވިޔަސް، މިދުނިޔެ ދޫކޮށްފައިވާ އެއްވެސް މީހަކާމެދު ބަދުބަސް ބުނުމާއި، އިހާނެތިކޮށް ހިތުމަކީ، އަޅުގަނޑު ކަނޑައެޅިގެން ދެކޮޅުހަދާ ކަމެކެވެ." 7. ފަރަންސޭސިވިލާތުގެ މޫނުބުރުގާ މަނާކުރާ ޤާނޫނާމެދު ކީކޭތޯ އެވެ؟ ފަރަންސޭސިވިލާތުގައި މޫނުބުރުގާ އެޅުން މަނާކުރާ ޤާނޫނެއް ފާސްކުރުމުން، އެ ޤާނޫނާމެދު ޝައިޚު ވިދާޅުވެފައިވެ އެވެ. "އެއީ އެމީހުންގެ ޤައުމުގެ ދާޚިލީ ކަމެކެވެ. އެޤައުމުގެ ދާޚިލީ ކަންތައްތައް ބެލެހެއްޓުމަކީ، އެޤައުމަށް ލިބިގެންވާ ޙައްޤެކެވެ." 8. އަންހެންކުދިން ޚިތާނުކުރުމަކީ އިސްލާމީ ޝަރީޢަތުގައިވާ ކަމެއްތޯ އެވެ؟ މިޞްރުގެ އަންހެން ކުދިން ޚިތާނުކުރުމާބެހޭ ގޮތުން ޝައިޚު ވިދާޅުވެފައިވަނީ، އެއީ އިސްލާމީ ޝަރީޢަތުގައިވާ ކަމެއް ނޫން ކަމަށެވެ. އެކަމަކު އެއީ އެފުރިކާގެ ބައްރުގައިވާ ފިރުޢައުނުންގެ އާދަކާދަކާދަތަކުގެ ތެރެއިން ވާ ކަމެއް ކަމަށެވެ. 9. އެންމެ ފަހު ފަތުވާ ޝައިޚު އަވަހާރަވުމުގެ ކުރިން ދެއްވާފައިވާ ފާހަގަކޮށްލެވޭ އެއް ފަތުވާއަކީ، ބަންގި ބަދަލުކުރުމާ ދެކޮޅަށް ވިދާޅުވި ބަސްފުޅެވެ. ފަރަންސޭސިވިލާތުގައި ބަންގި ގޮވުމާ ދެކޮޅުހަދައި، ބަންގީގެ ބަދަލުގައި މުންނާރުތަކުން ރަށުތެރެއަށް އައްޔެއް ފޮނުވަން ބައެއް ފަރާތްތަކުން ވާކަދެއްކި އެވެ. ޝައިޚުވަނީ އެކަމާ ދެކޮޅު ހައްދަވައި، ބަންގި ގޮވުމުގެ ބަދަލުގައި އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަވަހާރަވުން ފަޟީލަތުލް އިމާމުލް އަކުބަރު، ޝައިޚުލް އަޒުހަރު، އަލްމަރްޙޫމު، ޑރ. މުޙައްމަދު ސައްޔިދު ޠަންޠާވީ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، 10 މާޗް 2010 ވީ ބުދަ ދުވަހު ހެނދުނު، ސުޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟު ގަ އެވެ. ޝައިޚު ރިޔާޟަށް ވަޑައިގެންނެވީ ކިންގ ފައިޞަލް އިންޓަރނޭޝަނަލް އިނާމު ދިނުމުގެ ޙަފުލާގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކަ އެވެ. އަވަހާރަވުމުގެ ކުޑަ ހިނދުކޮޅެއް ކުރިން، ޝައިޚުވަނީ، އެމްބީސީ އަށް އިންޓަވިއުއެއް ވެސް ދެއްވާފަ އެވެ. ޝައިޚު އަވަހާރަވީ، ކުއްލިއަކަށް ކުރިމަތިވެވަޑައިގެންނެވި ހިތުގެ އާލާސްކަންފުޅެއްގަ އެވެ. ޝައިޚު އަވަހާރަވެއްޖެ ކަމުގެ ޚަބަރު، ޝައިޚުގެ ވަކީލު، ޑރ. މުޙައްމަދު ޢަބްދުލްޢަޒީޒު، މިޞްރުގެ ނައިލް ޓީވީއަށް ދެއްވީ 10 މާޗް 2010 ވީ ބުދަ ދުވަހުގެ ހެނދުނު ނުވަޔެއް ޖެހިއިރު އެވެ. އޭނާ ވިދާޅުވީ، އަވަހަރަވުމުގެ ކުރިން، ޝައިޚު ހުންނެވީ ހެޔޮ ޙާލުކޮޅުގައި ގަދަވެ ސަލާމަތުން ކަމަށެވެ. އެއްވެސް އާލާސްކަންފުޅެއްގެ އުނދަގުލެއް ޝައިޚު ތަޙައްމަލު ނުކުރައްވާ ކަމަށެވެ. ޝައިޚު ފަސްދާނުލެވޭނެ ތަނެއް އިޢުލާންކުރެއްވީ، ޝައިޚުގެ ދޮށީ ދަރިކަލުން އަލްމުސްތަޝާރު ޢަމްރު މުޙައްމަދު ޠަންޠާވީ އެވެ. ޝައިޚު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ، މަދީނާގެ ޖަންނަތުލް ބަޤީޢުގައި ކަމަށް އޭނާ ވިދާޅުވި އެވެ. ޝައިޚު އަވަހާރަވުމުން، މިދުނިޔެއާ ވަކިވެގެން އެވަޑައިގެންނެވީ ހަމައެކަނި ޝައިޚުލް އަޒުހަރެއް ނޫނެވެ. ކީއްތޯއެވެ. އިސްލާމީ އުންމަތުގެ ލޮލުން ބަލާއިރު، ދުނިޔެއާ ވަކިވެގެން އެވަޑައިގެންނެވީ ދެ ސައްތައިން ފާޅުވި ހައިބަތުހުރި ޢިލްމުވެރި ޚިދުމަތްތެރި ޝަޚުޞިއްޔަތެކެވެ. އިންސާނިއްޔަތުގެ ލޮލުން ބަލާއިރު، ދުނިޔެއާ ވަކިވެގެން އެވަޑައިގެންނެވީ، ދީންތަކާއި މަޒުހަބުތަކުގެ އަހުލުވެރިންގެ މެދުގައިވާ ދެކޮޅުވެރިކަން ނައްތާލައި ޞުލްޙަވެރިކަމާއި އަމާންކަމާއެކު ދިރިއުޅުމަށް މަގުދެއްކެވި މުރުޝިދެކެވެ. ޝައިޚު މިދުނިޔެއާ ވަކިވެވަޑައިގެންނެވިޔަސް، ޝައިޚުގެ ހެޔޮ ޒިކުރާ ދެމިހުންނާނެ އެވެ. ޝައިޚު އަޅުގަނޑުމެންނަށް ދޫކުރެއްވި ޙިކުމަތާއި ޢިލްމުގެ ޚަޒާނާތައް ވެސް ހުހެއް ނުވާނެ އެވެ. އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ ޝައިޚުގެ ހަށިކޮޅެވެ. ނަމަވެސް، ޝައިޚުގެ ރޫޙާއި ފަލްސަފާ، އަޅުގަނޑުމެންނާއެކު ދިރިހުންނާނެ އެވެ. މާތް ﷲ، މަރްޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އެވެ! އާމީން! މަޞްދަރުތައް: ބީބީސީ. ސީއެންއެން. އައްރިޔާޟު ދުވަހު ނޫސް. އަލްޢަރަބިއްޔާ ޑޮޓް ނެޓް. މިޞްރުގެ އައްޝުރޫޤު ދުވަހު ނޫސް. އިސްލާމްއޮންލައިން ޑޮޓް ނެޓް.
|
| ހަމަ މި ގަލަމުން |
|---|