ފަންވަތް ޝަޚްޞިއްޔަތު ޚާއްޞަ މުސްލިމް ސައިންސް ދާން - 03
ބެލި ޢަދަދު: 1069
މުސްލިމް ސައިންސް ދާން - 03 ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ޝަޚްޞިއްޔަތު - ޚާއްޞަ
16 ފެބްރުވަރީ 2009، 00:59 ހޯމަ


އަޙްމަދު ފަހުމީ ދީދީ


جَابِرُ بْنِ حَيَّانُ



198ހ 817މ ނުވަތަ 815


ތަޢާރުފު


ޖާބިރު ބިން ޙައްޔާނަކީ، ކީމިޔާ ޢިލްމު ނުވަތަ ކެމިސްޓްރީގެ ބައްޕަ ކަމުގައި ޤަބޫލުކުރެވެ އެވެ.


ބޮޑުފުޅުވުމާއި ތަޢުލީމާއި ތަރުބިއްޔަތު


ޖާބިރަކީ، ފަޤީރު ޚާންދާނެއްގެ ބޭފުޅެކެވެ. ކާބަފައިންގެ މަސައްކަތަކީ، ބޭސް ވިއްކުމެވެ. ޖާބިރުގެ ބައްޕާފުޅަށް ކުރެއްވުނު ކުށެއްގެ ސަބަބުން އޭނާ ދަންޖެއްސުނުކަމުގައިވެ އެވެ. އެހެންކަމުން ޔަތީމު ޖާބިރުގެ ތަޢުލީމާއި ތަރުބިއްޔަތުގެ އެންމެހާ ބުރައެއް އުފުއްލެވީ އޭނާގެ މަންމާ ފުޅެވެ.


ޖާބިރުގެ ޅަ ޢުމުރުފުޅުގައި އޭނާގެ މަންމާފުޅު އޭނާގެ ގާތްތިމާގެ މީހުންގެ ގާތަށް، ކޫފާގެ ރަށްބޭރުގައިވާ ކުރި ނާރާއޮތް ހިސާބަށް ޖާބިރު ފޮނުއްވައިލެއްވި އެވެ. އެ ތަނުގައި ޖާބިރު ހޭދަ ކުރެއްވީ ވަރަށް މިނިވަން ދިރިއުޅުއްވުމެކެވެ. އެހެންކަމުން ތަޢުލީމީ ރޮނގުގައި، މާކުރިއަކަށް ވަޑައެއް ނުގަނެވުނެވެ. ޖާބިރު ބޮޑުފުޅުވުމަށް ފަހު އެނބުރި ކޫފާއަށް ވަޑައިގެންފި އެވެ. އަދި މަދުރަސާއިން އެޒަމާނުގައި ދީ އުޅޭ ތަޢުލީމުގެ މިންވަރު ޙާޞިލު ކުރެއްވި އެވެ. އެއީ އޭނާގެ ޒުވާން ދުވަސްވަރެވެ. އެހެންކަމުން އެ ޢުމުރުގެ ޒުވާނުންގައި ހުންނަ ހޯދާ ބެލުމުގެ ސިފަ އާދަޔާ ޚިލާފަށް جَابِرُ بْنُ حَيَّانُގެ ކިބައިގައި ވެސް ހުއްޓެވެ. އެހެންކަމުން ޖާބިރު މަސައްކަތް ފެށްޓެވީ، ކެމިކަލް ބޭނުން ކުރައްވައިގެން ރަން ހެއްދެވޭތޯ އެވެ.


ޖާބިރުގެ ސިކުނޑިއަށް ރަން ހެދުމުގެ ދެވިހުރީ ވަރަށް ބޮޑަށް އަސަރު ކުރުވައިފަ އެވެ. އެހެން ކަމުން ފާޑުފާޑުގެ ބޭހުގެ ޚާއްޞިއްޔަތާއި ތާސީރު ހޯއްދެވުމާއި، ތަފާތު މަޢުދަން ތަކާ އޭތިމީތި ގުޅުއްވައިގެން، ތަޖުރިބާ ކުރެއްވުމުގައި ރޭދުވާ އެއްކޮށް ލައްވައިގެން މަސައްކަތްކުރެއްވި އެވެ. ޖާބިރުގެ ގެ، މިހާރު ހީވަނީ ވާރކް ޝޮޕެއްހެން ހެންނެވެ. ރަން ހެއްދެވުމަށްޓަކައި މީނާ ކުރައްވާ ހުރިހާ ތަޖުރިބާއަކުން ވެސް ކެމިސްޓުރީއަށް އައު ފަތްފުށްތަކެއް އިތުރުވެގެންދެ އެވެ. ޖާބިރު ކުރައްވާ ހުރިހާ ތަޖުރިބާ ތަކަކާބެހޭ މަޢުލޫމާތު، އޭނާ ނޯޓު ކުރައްވަމުން ގެންދެވި އެވެ. ކެމިސްޓުރީގެ ބައްޕަކަމުގައި މީނާވެ ވަޑައިގަތީ، ރަން ހެއްދެވުމަށްޓަކައި ކުރެއްވި ނާކާމިޔާބު ތަޖުރިބާތަކާއި މިންނެތް މަސައްކަތްޕުޅު ތަކުގެ ސަބަބުންނެވެ.


ދުވަސް ކޮޅެއްގެ ތެރޭގައި ޖާބިރުގެ ވާހަކަ ދެކެވެން ފަށައިފި އެވެ. ޖާބިރު މަޝްހޫރުވެ، ޚަލީފާ ހާރޫނުއްރަޝީދު އާ ހަމައަށް އޭނާގެ ޚަބަރު ހިނގައްޖެ އެވެ. އޭރު ޚަލީފާގެ ވަޒީރުލް އަޢުޡަމެއްގެ މަޤާމުގައި ހުންނެވީ جَعْفَرُ بَرْ مَكِي އެވެ. ޖަޢުފަރު ވަޒީރަކީ، ޢިލްމުވެރިންނަށް ވަރަށް ބޮޑަށް ޤަދަރު ކުރެއްވި ވަޒީރެކެވެ. ޖަޢުފަރު ވަޒީރަށް ޖާބިރުގެ އަޑު އިވި ވަޑައިގަތުމާ އެކީގައި ބަޣުދާދަށް ވަޑައިގަތުމަށް ދަޢުވަތު އަރުވައިފި އެވެ. ޖާބިތު ވަޑައިގަތުމުން އޭނާއަށް ވަރަށް މާތްކޮށް ހިތުނެވެ. ވަރަށް ގިނަ އިނާމުތައް އޭނާއަށް ލިބިވަޑައި ގަތެވެ.


ޢިލްމީ ޚިދުމަތްތައް

ޖާބިރަކީ، ކީމިޔާ ޢިލްމުގެ މޫޖިދެކެވެ. އޭނާ ކުރެއްވި ތަޖުރިބާ ތަކުގެ އަލީގައި ފާހަގަ ކުރެވުނު މުހިއްމު ނުކުތާތަކާއި އުޞޫލުތަކާ ޤަވާޢިދުތައް، އޭނާ ލިޔުއްވައިފައި ވެ އެވެ. މި ދެންނެވި މަޢުލޫމާތުތަކާއި އުޞޫލުތަކަކީ މިއަދު ވެސް ބޭނުން ކުރެވޭ ތަކެއްޗެވެ.


ޖާބިރުގެ އީޖާދުތައް

• عَمَلُ التَّصْعِيْدُ- sublimation ބޭހުގެ އަރަގު ނެގުން. މިޢަމަލުގެ ސަބަބުން ބޭހުގެ އެންމެ ފައިދާހުރި ބައި ޙާޞިލު ކުރެވެއެވެ. އަދި ބޭހުގެ ފައިދާ އިތުރުވެ، ގިނަ ދުވަހު ރައްކާތެރި ކަމާއެކު ގެންގުޅެވެއެވެ.

• عَمَلُ التَّبَلَّوْرُ- crystallization ކުރިސްޓަލް ތައްޔާރު ކުރުން. މި ޢަމަލުގެ ސަބަބުން ދިޔާ ބޭސް ހަރު ބޭހަށް ހަދައި ގިނަ ދުވަހު ރައްކާ ކޮށްފައި ބެހެއްޓެ އެވެ.

• عَمَلُ التَّرْشِيْحُ- filtration ފިލްޓަރު ކުރުން އޭނާ އީޖާދު ކުރެއްވި އެވެ. އެ ކަމާ ބެހޭ ސާމާނު އުފެއްދެވި އެވެ.

• ތިން ވައްތަރެއްގެ މިނަރަލް ސޯލްޓު (أَمْلاَحُ مَعْدَنِيَّة- mineral salts) ހޯއްދަވާފައި ވެ އެވެ. އޭނާގެ އެންމެ އަގުހުރި އީޖާދަކީ އެސިޑެވެ. އޭނާ އެތައް ވައްތަރެއްގެ އެސިޑު ތައްޔާރު ކުރެއްވި އެވެ. އެސިޑު ތައްޔާރު ކުރެއްވުމަށް ކައްސަންދުވާންޏާއި ހީރާކްސީސް އާއި މޫސަދަރު އެކަށީގެންވާ މިންވަރު ތަކެއްގައި ބޭނުން ކުރެއްވި އެވެ. އެސިޑު ހެއްދެވުމުގެ މަސައްކަތުގައި އުޅުއްވަނިކޮށް އެއްފަހަރަކު އޭނާގެ އިނގިލިފުޅު ވެސް ފިހުނެވެ. ޖާބިރު ތައްޔާރު ކުރެއްވި އެސިޑަކުން ރަން ވެސް ވިރުވާ ލެވެ އެވެ.


• ބުއްދިވެރި ޖާބިރު، ފަތްޕިލާވެއްޔާ މަޢުދަން އެއްކުރައްވައިގެން އޮކްސައިޑް ( މުޑުދާސް) ހެއްދެވި އެވެ. މި ކަމަކީ، ފުރިހަމަ މިންތަކާއި ތަޖްރިބާ ބޭނުންވާ ކަމެކެވެ.


• މަޢުދަނަކުން އޮކްސައިޑެއް ހެދުމުން އޭގެ ބަރުދަން އިތުރުވާކަން ހޯއްދެވީވެސް ޖާބިރެވެ.


• ޖާބިރު ދަގަނޑުގެ މައްޗަށް ތަޖުރިބާ ކުރެއްވުމަށްފަހު، ދަގަނޑު ސާފިކޮށް އެއިން އެކަތަ ހަދާނެގޮތް އީޖާދު ކުރެއްވި އެވެ.

• ދަގަނޑުގައި ދަބަރުނުޖަހާނެ ގޮތް ވެސް ޖާބިރު ހޯއްދެވި އެވެ.


• ފެނުގެ އަސަރު ނުކުރާފަދަ ފޮތި ތައްޔާރު ކުރެއްވި އެވެ. މި ފޮތި ތައްޔާރު ކުރަނީ އުށް ބޭނުން ކޮށްގެންނެވެ.

• ގެރިބަކަރީގެ ހަމުގައި ކުލަ ޖައްސާނެގޮތް އީޖާދު ކުރެއްވީ ވެސް ޖާބިރެވެ.


• އިސްތަށި ކަޅުކުރާނެގޮތް ވެސް ޖާބިރު އީޖާދު ކުރެއްވި އެވެ.


• ޖާބިރުގެ އެންމެ ފައިދާހުރި އަނެއް އީޖާދަކީ قَرْعُ أَنْبِيْقُ (distillation apparatus) އެވެ. މިއީ ބޭހުގެ އަރަގު ނެގުމަށް ބޭނުންކުރެވޭ އެއްޗެކެވެ. މިހާރު ވެސް މި ކަމަށްޓަކައި ލެބޯޓްރީތަކުގައި ބޭނުން ކުރެވެނީ މި އެވެ.

ޖާބިރު ދެކެވަޑައިގަންނަވާ ގޮތުގައި، ހުރިހައި މަޢުދަނެއް ވެސް އުފެދިފައި ވަނީ، ކައްސަންދުވާންޏާ ދިރޭ ރަހައިންނެވެ. މި ދޭތި ތަފާތު ކީމިޔާވީ މިންތަކުގައި އެއްވުމުން ތަފާތު މަޢުދަން އުފެދޭނެ ކަމުގައި އޭނާ ދެކެވަޑައިގަނެ އެވެ.


ޖާބިރު ވިދާޅުވާ ގޮތުގައި " ކެމިސްޓުރީގައި، މުހިއްމު ކަމަކީ، ގިނައިން މުޠާލަޢާ ކުރުމެއް ނޫނެވެ. އެކަމަކު މުހިއްމީ، ތަޖުރިބާ ކުރުމެވެ. އެ މީހެއްގެ ޢިލްމުގެ ބިންގާ ތަޖުރިބާގެ މަތީގައި ބިނާނުކުރާ ކޮންމެ ޢިލްމު ވެރިޔަކީ، ކުށް ކުރާނެ މީހެކެވެ.

އެހެންވީމައި ތަޖުރިބާ ކުރުމަކީ، ލާޒިމު ކަމެއްކަމުގައި ދެކޭށެވެ."

އޭނާ ވިދާޅުވާ ގޮތުގައި، ކެމިސްޓެއްގެ މޮޅުކަން ބިނާ ކުރަން ޖެހޭނީ، އޭނާ ކިޔަވައިފައިވާ ތަކެތީގެ މިންވަރުގެ މައްޗަކަށް ނޫނެވެ. އެކަމަކު އޭނާގެ ތަޖުރިބާގެ މައްޗަށެވެ.

ޖާބިރާ ބެހޭގޮތުން ޔޫރަޕުގެ ޢިލްމު ވެރިންގެ ތެރެއިން އެމެރިކާގެ ޕްރޮފެސާ ފިލިޕް ވިދާޅުވަނީ:

" ކެމިސްޓުރީގެ މައްޗަށް ޖެހިފައި ހުރި ލޯތްބެއްގެ ބޮޑުކަމުން ޖާބިރު އޭނާގެ ލޯފުޅު ވެސް ހަލާކުކޮށްލެއްވި އެވެ. އެހެންނަމަވެސް އެ މަތިވެރި ވިސްނުންތެރި ޙަކީމު، އެތައް އެއްޗެއް އަލަށް އީޖާދު ކުރެއްވި އެވެ. ޙަޤީޤީ ކެމިސްޓުރީގެ ބިންގާ އެޅުއްވީ އޭނާ އެވެ. އޭނާގެ ގެ، ވަނީ ސައިންސު ރޫމަކަށް ވެފަ އެވެ.


ޖާބިރު ލިޔުއްވި ބައެއް ފޮތް

أَسْرَارُالْكِيْمِيَاءِ

أُصُوْلُ الْكِيْمِيَاءِ

عِلْمُ الْهَيْئَةِ

الرَّحْمَةُ

اَلْمُكْتَسَبُ

مَجْمُوعُ الرَّسَائِلِ


މި ހުރިހައި ފޮތްފޮތެއް ވެސް ލެޓިން ބަހަށްވަނީ ތަރުޖަމާ ކުރެވިފަ އެވެ. އަދި މިއީ، ހުޅަނގުގެ އަހުލުވެރިން އިތުބާރު ހިފި ފޮތް ފޮތެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ކަލޯ, 2009-02-16 04:23:40
މުސްލިމް މި އިލްމުވެރިޔާ ވަނީ އިންސާނިއްޔަތަށް ވަރަށް ބޮޑު ޚިދްމަތެއް ކުރައްވާފައެވެ. މިއީ މިއަދު މުސްލިމް ޒުވާނުން ފުންކޮށް ވިސްނާ އިބްރަތް ހާސިލުކުރަންވީ ކަމެކެވެ. ޖާބިރުގެ ޙަޔާތުން ވަރަށް ފުން ވަރަށް މާނަހުރި ކަންތައްތަކެއްވެސް ހާމަވެއެވެ. އެކަންތައްތަކުގެ ތެރޭގައި ޔުނިވަރސިޓީއަކުން މަތީ ފާހެއް ނުހޯދިޔަސް ކާމިޔާބުކަމާއެކު ކުރިޔަށް ދެވިދާނެކަން ވަނީ ހާމަވެއެވެ. ކުރާ ކޮންމެ މަސައްކަތެއްވެސް ވިސްނުންތެރިކަމާއި ކެތްތެރިކަމާއި ޝައުޤުވެރިކަމާއެކު ކުރާނަމަ ކާމިޔާބަކީ ދުރުގައި އޮތް އެއްޗެއް ނޫންކަން ހާމަވެއެވެ. މަތީ ފާހެއް އޮތުމަކީ ހުރިހާ ކަމެއްގެ ކާމިޔާބު ނޫންކަން ދޭހަވެއެވެ. ހަގީގީ ކާމިޔާބަކީ، ޢަމަލީ މަސައްކަތާއި ހިތްވަރުކަން ހާމަވެއެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ޒުވާނުން މިއަދު މި ޙަޤީގަތް ގަބޫލުނުކުރާ ކަމެވެ. މަސައްކަތާ ދުރުހެލިވާކަމެވެ.
...
ލިޔުނީ ޖަމީލު, 2009-02-16 05:27:06
އަޅުގަނޑު މިއަށް އިންތިޒާރުކުރާތާ ލައްކަދުވަސް ވެއްޖެއެވެ. ދުވަސްތަކެއް ފަހުން ނަމަވެސް ގެނެސްދެއްވީމައި ޝުކުރު ރައްދުކުރަމެވެ. ފަހުމީގެ މި ފޮތް އެއްކޮށް ކިޔާލަން ލިބިދާނެތޯއެވެ.
...
ލިޔުނީ ‰އަޅުގަނޑު, 2009-02-16 18:38:34
މި ދާއިރާގެ ލިޔުންތަށް ފެންނަލެއް ވަރަށް މަދު. މިލިޔުން ކިޔާލާފައި ވަރަށް ހިންހަމަ ޖެހުނު. މި ހަޤީޤަތްތަށް ހާމަކުރެވެމުން ދާތީއާ ދިވެހިބަހުން މިވާހަކަތަށް ލިޔެވިގެން ފެންނަން އަޔަތީ. ލިޔުންތެރިޔާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1069
extra avandia and congestive heart failure