މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތު ރަޟިޔަﷲ ޢަންހާ-އެންމެ ފަހުބައި |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 28 ފެބްރުވަރީ 2009، 23:41 ހޮނިހިރު | |||
|
ޢަބްދުﷲ ފާރޫޤު ޙަސަން ޙައްޖަތުލްވަދާޢުގައި ބައިވެރިވެވަޑައިގަތުން ހިޖްރައިން ދިހަވަނަ އަހަރު، އުއްމުލްމުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާ އިތުރުސާހިބާގެ އަރިހުގައި ޙައްޖަތުލްވަދާޢުގައި ބައިވެރިވެވަޑައިގެންނެވިއެވެ.ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޒުދަލިފާއަށް ދަތުރު ފެއްޓެވުމުގެ ކުރީން އައްސަޔިދާ ސައުދާއަށް މުޒުދަލިފާއަށް ވަޑައިގަތުމުގެ ހުއްދަ ދެއްވިއެވެ. އެކަމަނާގެ ހަށިކޮޅުގެ ބަރުހެލިކަމާއެކު ގިނަބައެއްގެ ތެރޭގައި ދަތުރުކުރައްވަން އެކަމަނާއަށް އުނދަގޫފުޅުވާނެތީއެވެ. އިތުރު ސާހިބާ ޙައްޖަތުލް ވަދާޢުގެ ތެރޭގައި އެކަލޭގެފާނުގެ އަނބިއަނބިއަނބިކަނބަލުންގެ އަރިހުގައި ވިދާޅުވިއެވެ. "މި ޙައްޖަށްފަހު ތިޔަބޭކަނބަލުންގެ ގޭގައި ތިއްބަވާށެވެ!" އެހެންކަމުން އައްސައްޔިދާ ސައުދާއާއި އައްސައްޔިދާ ޒައިނަބު ބިންތު ޖަޙްޝާ ދެބޭކަނބަލުން އެއަމުރުފުޅަށް ވަރަށް ފަރުވާތެރިވެވަޑައިގެން ޢަމަލުކުރެއްވިއެވެ. ނަމަވެސް ކައުސާހިބާގެ އެހެނިހެން އަނބިއަނބިކަނބަލުން އިތުރުސާހިބާގެ އެއަމުރުފުޅަކީ ޙައްޖަށް ވަޑައިގަތުން މަނާކުރެއްވުމެއް ކަމުގައެއް ނުބައްލަވައެވެ. އައްސައްޔިދާ ސައުދާއާއި އައްސައްޔިދާ ޒައިނަބު ކައުސާހިބާ ސުވަރުގެ ވަޑައިގަތުމަށްފަހު ގެއިން ބޭރަށް ނުކުމެވަޑައިގެނެއް ނުއުޅުއްވައެވެ. އައްސައްޔިދާ ސައުދާ ވިދާޅުވިއެވެ. އަހަރެން ޙައްޖާއި ޢުމްރާވެސް ކޮށްފީމެވެ. އަހަރެންގެ ސާހިބާ އަމުރުކުރައްވައިފައިވާ ފަދައިން ދެން އަހަރެން އިންނާނީ އަހަރެންގެ ގޭގައެވެ. އިތުރު ސާހިބާއަށްފަހު އެއްވެސް ސަވާރީއަކަށް އަހަރެން އުފުލައެއް ނުލެވޭނެއެވެ. އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގަތުމަށްފަހު ވެސް އިތުރު ސާހިބާގެ ޠާހިރު އަނބިއަނބިކަނބަލުން ޙައްޖުވެވަޑައިގެން އުޅުއްވިއެވެ. ސައުދާއާއި ޒައިނަބު ފިޔަވައެވެ. އެދެބޭކަނބަލުން ވިދާޅުވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްފަހު އެއްވެސް ސޫތްޕަކަށް (ސަވާރީއަކަށް) އަހަރެމެން ޙަރަކާތްތެރިޔެއް ނުކުރުވޭނެއެވެ." އަވަހަރާވުން އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތު އަވަހާރަވި އަހަރަކާ މެދު މުއައްރިޚުންގެ މެދުގައި ޚިލާފެއް ހުރެއެވެ. އެންމެ ޞައްޙަކަމުގައި ބެލެވޭ ރިވާޔަތުގައި ވާގޮތުން އެކަމަނާ އަވަހާރަވީ ހިޖުރައިން ތޭވީސްވަނަ އަހަރުއެވެ. އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގެ ފަހުކޮޅުގައެވެ. އެކަމަނާ ފަސްދާނު ވެޑުވިފައިވަނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލް ބަޤީޢުގައެވެ. ޚުލުޤުފުޅު އުއްމުލް މުއުމިނީން އައްސަޔިދާ ސައުދާ ރަޟިޔަﷲ ޢަންހާ ކައުސާހިބާގެ ޞުޙުބަތުގައި ގާތްގަނޑަކަށް ސާދައަހަރު އިންނެވިއެވެ. އެކަމަނާއަކީ އިންސާނިއްޔަތުގެ މުރައްބީގެ މަދަރުސާގައި ސާދައަހަރު ހޭދަކުރައްވައިފައިވާ ޠާލިބާ އެކެވެ. ދެންނެވުމުން އެކަމަނާގެ ޚުލުޤުފުޅުގެ މައްޗަށް ފުދޭވަރަކަށް އަލިއަޅުވައިލެވިއްޖެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. ނަމަވެސް ކިޔުންތެރީންގެ ފަސޭހައަށްޓަކައި ބައެއްނުކުތާތަކަށް އަލިއަޅުވައިލުމަކީ ނެތްކަމެއް ނޫނެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާއަކީ ތަބީޢީ ގޮތުންވެސް ޚުލުޤުފުޅު މާތް، ހެޔޮލަފާ، އޯގާވެރި، ހިތްޕުޅުތަނަވަސް، ދީލަތިފުޅު ބޭކަނބަލެކެވެ. ނަބަވީ ސުލޫކުގެ ނަމޫނާއެކެވެ. އެކަމަނާއާ ބެހޭގޮތުން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ޞިއްދީޤާ ރަޟިޔަﷲ ޢަންހާ ވިދާޅުވާގޮތުގައި އެމީހެއްގެ އެތެރެހަށީގައި ޢާއިޝަތުގެފާނުގެ ފުރާނަފުޅުވުން އެކަމަނާ އެދިވަޑައިގަންވަނީ ހަމައެކަނި އައްސައްޔިދާ ސައުދާއެވެ. ސައުދާގެ ހިތްޕުޅަކީ ކުޑަކޮށްވެސް ހަސަދައިގެ ޝުޢޫރެއް ނުއުފެދޭ ހިތްޕުޅެކެވެ. އައްސައްޔިދާ ސައުދާއަކީ ވަރަށް ދީލަތި ބޭފުޅެކެވެ. އެކަމަނާއަކީ އަތްތެރި މަސައްކަތް ދެނެވަޑައިގަންނަވާ ބޭފުޅަކަށްވާތީ އެމަސައްކަތްޕުޅު ކުރެއްވިއެވެ. ޠާއިފުގެ ދޫލަ މަރާމާތުކުރެއްވުމާއި، ޠިބާޢު ކުރެއްވުމަކީ އެކަމަނާ ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެކަމަނާއަށް އެމަސައްކަތްޕުޅުތަކުން ލިބިވަޑައިގަންނަވާ އާމްދަނީ ވަރަށް ތަނަވަސް ހިތްޕުޅަކުން ޔަތީމުންނަށާއި ފަޤީރުންނަށާއި މިސްކީނުންނަށް ހޭދަކުރައްވަމުން ގެންދެވިއެވެ. އަމީރުލް މުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު އެކަލޭގެފާނުގެ ޚަލީފާކަމުގައި އެއްދުވަހަކު އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާގެ އަރިހަށް، ކޮތަޅެއް ފުރެންދެން ދިރުހަމް އަޅުއްވައިފައި ފޮނުއްވިއެވެ. އެކޮތަޅަކީ އެދުވަސްވަރު މަދީނާގެ މީހުން ކަދުރުއަޅާން ބޭނުންކުރި ކަހަލަ ކޮތަޅެކެވެ. އެހެންކަމުން އެކަމަނާ ސުވާލު ކުރެއްވިއެވެ. "ޢުމަރު އަހަންނަށް ކަދުރު ފޮނުއްވީހެއްޔެވެ؟" ކޮތަޅު ހިފައިގެން އައި ޚާދިމު ޖަވާބު އެރުވިއެވެ. "ނޫނެކެވެ! މިއީ ކަދުރެއްނޫނެވެ. ދިރުހަމެވެ." އުއްމުލް މުއުމިނީން ވަގުތުން ވިދާޅުވިއެވެ. "އަހަރެން ކީއްކުރާ ދިރުހަމްތަކެއް ހެއްޔެވެ؟ ކަދުރު ފޮނުއްވިނަމަ ކާންވެސް ބެހެއްޓިއްޖައީހެވެ." އެހެން ވިދާޅުވެފައި ހަމަ އެވަގުތު އެހުރިހާ ދިރުހަމް ތަކެއް ފަޤީރުންނަށް ބައްސަވައި ހުސްކޮށްލެއްވިއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާ ރަޟިޔަﷲ ޢަންހާގެ މިޒާޖުފުޅުގައި އަވަހަށް ކޯފާއިސްވާގޮތްކޮޅު ކޮންމެވެސް ވަރަކަށް ހުރެއެވެ. ނަމަވެސް އެކަމަނާއަކީ ސަމާސާ މިޒާޖުފުޅުގެވެސް ބޭކަނބަލެކެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހިނިވަރުނަ ކުރުއްވުމަށްޓަކައި ބައެއް ކަންތައްތައް ކުރައްވައެވެ. ބައެއް ވާހަކަފުޅު ދައްކަވައެވެ. އުއްމުލް މުއުމިނީން އެއްދުވަހަކު އިތުރު ސާހިބާގެ އަރިހުގައި ވިދާޅުވިއެވެ. ކަލޭގެފާނުގެ ފަހަތްޕުޅުގައި އިހަށްރޭ އަޅުގަނޑު ނަމާދުކުރިއިރު ރުކޫޢުކުރެއްވިލެއް ދިގުކަމުން އަޅުގަނޑަށް ހީވީ އަޅުގަނޑުގެ ނޭފަތް ފަޅައިގެން ހިނގައިދާނެ ހެންނެވެ. ނޭފަތުންލޭ އަތުވެދާނެތީ ބިރުން އަޅުގަނޑު ނޭފަތުގައި ހިފެހެއްޓީމެވެ. ނަމާދުކޮށް އަވަދިވުމުން އެތައް އިރެއްވާންދެން ނޭފަތުގައި ފިރުމީމެވެ. އައްސައްޔިދާ ސައުދާގެ ވާހަކަފުޅު އަޑުއައްސަވައިފައި ކައުސާހިބާއަށް ހިނިވަރުނަ ނުކުރައްވައެއް ނުހުންނެވުނެވެ. ރިވާކުރެއްވި ޙަދީޘްތައް އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާބިންތު ޒަމްޢަތުވަނީ ކައުސާހިބާގެ އަނބިކަނބަލެއްގެ މަޤާމުގައި ގާތްގަނޑަކަށް ސާދަވަރަކަށް އަހަރު ހޭދަކުރައްވައިފައެވެ. ރޭގަނޑާއި ދުވާލު ކައުސާހިބާގެ އަރިހުން އިރުޝާދުތައް ހޯއްދަވައިފައެވެ. ނަމަވެސް އެކަމަނާގެ އަރިހުން ރިވާވެފައިވަނީ އެންމެ ފަސް ޙަދީޘެވެ. ޞަޙާބީންގެ ތެރެއިން އެކަމަނާގެ އަރިހުން ޙަދީޘު ރިވާކުރެއްވި ބޭކަލުންގެ ތެރޭގައި ޢަބްދުﷲ ބިން އައްބާސާއި، ޢަބްދުﷲ ބިން ޒުބައިރު ހިމެނިވަޑައިގަންނަވައެވެ. ތާބިޢީންގެ ތެރެއިން ޔަހްޔާބިން ޢަބްދުއްރަޙްމާން ބިން އަސްޢަދު ބިން ޒުރާރާ އެކަމަނާގެ އަރިހުން ޙަދީޘު ރިވާކުރެއްވިއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ސައުދާގެ އަރިހުން ރިވާވެފައިވާ ދެޙަދީޘުފުޅަކުން ވަރަށް މުހިންމު ދެކަމެއްގެ ހުކުމް ސާބިތުވިއެވެ. އެއްކަމަކީ މަރުވެފައިވާ ޖަނަވާރުތަކުގެ ހަން ބޭނުންކުރެވިދާނެކަމެވެ. އަނެއްކަމަކީ އެކެއްގެ ބަދަލުގައި އަނެކަކަށް ޙައްޖުވެވިދާނެކަމެވެ. ބޭފުޅުން ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅަކުން އުއްމުލް މުއުމިނީނައަކަށް ބޭފުޅަކު ލިބިވަޑައެއްނުގަންނަވައެވެ. އެކަމަނާގެ ކުރީގެ ފިރިކަލުންގެ ފަރާތްޕުޅުން ފިރިހެން ބޭފުޅަކު ލިބިވަޑައިގެންނެވިއެވެ. އެދަރިކަލުންގެ ނަންފުޅަކީ ޢަބްދުއްރަޙްމާނެވެ. އަބްދުއްރަޙްމާނަކީ ޞަހާބީއެކެވެ. އެކަލޭގެފާނު ޝަހީދުވީ، ޢުމަރުގެފާނުގެ ޚަލީފާކަމުގައި ފާރިސްކަރައިގެ ޖަލައުލާއުގައި ކުރެވުނު ހަނގުރާމައިގައެވެ. ޢުމުރުފުޅުގެ މަރްޙަލާތައް 1- ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާއާ ކާވެނިބެއްލެވީ ނަބީކަމުގެ ދިހަވަނަ އަހަރުއެވެ. 2- ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަނާއާ ކާވެނި ބެއްލެވިއިރު އެކަމަނާގެ އުމުރުފުޅަކީ ފަންސާސް އަހަރުފުޅެވެ. 3- އެކަމަނާއާ ކާވެނި ބެއްލެވިއިރު ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢުމުރުފުޅަކީވެސް ފަންސާސް އަހަރުފުޅެވެ. 4- ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލަކަށް އެކަމަނާ އިންނެވީ ސާދަ އަހަރުއެވެ. 5- އަވަހާރަވީއިރު އެކަމަނާގެ އުމުރުފުޅަކީ ހަތްދިހަދެއަހަރު ފުޅެވެ. 6- އެކަމަނާ އަވަހާރަވީ ހިޖްރައިން ތޭވީސްވަނަ އަހަރުއެވެ. 7- އެކަމަނާ ފަސްދާނު ވެޑުވިފައިވަނީ މަދީނަތުލް މުނައްވަރާގެ ޖަންނަތުލްބަޤީޢުގައެވެ. އަރަހުށި މާތްﷲ، އުއްމުލްމުއުމިނީން އައްސައްޔިދާ ސައުދާ ބިންތު ޒަމްޢަތަށް ރުއްސުންލައްވާށިއެވެ.
|
| ހަމަ މި ގަލަމުން |
|---|