މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ތާރީޚީ ނަބިއްޔާ |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 08 މާރޗް 2009، 15:40 އާދީއްތަ | |||
|
ޢަބްދުﷲ ފާރޫޤް ޙަސަން ކީރިތި ޤުރުއާންގައި ފަންސަވީހަކަށް ނަބީބޭކަލުންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެބޭކަލުންގެ އިތުރަށްވެސް މާތްﷲ ގެ ޙަޟުރަތުން ވަޑައިގެންނެވި ކޮންމެ ނަބީބޭކަލަކީ ތެދުވެރި ނަބީބޭކަލެކެވެ. އަޅުގަނޑުމެން މުސްލިމުން ކުޑަވެސް ތަފާތުކުރުމަކާނުލައި އެހުރިހައި ބޭކަލުންނަށް އީމާންވަމުއެވެ. ނަމަވެސް ކަނޑައެޅިގެންހުރި ޢަޤްލީ ދަލީލުތަކާއި ތާރީޚީ ހެކިތަކުގެ ބިންގަލުގެ މަތިން އެބޭކަލުން ވަޒަނަކުރަން ބޭނުންވާ މީހުން ނަބީބޭކަލުންނާ ބެހޭގޮތުން ވަރަށްގިނަ ކަންތައްތަކެއް އޮޅުންފިލުވާން ބޭނުންވެއެވެ. ދެނެގަންނާން ބޭނުންވެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ އެނަބީބޭކަލަކީ ކޮންޤައުމެއްގެ ކޮންރަށެއްގައި އުޅުއްވި ބޭކަލެއްކަމެވެ. ކޮންއިރަކު ދުނިޔެއަށް ވަޑައިގެންނެވި ބޭކަލެއްކަމެވެ. އެބޭކަލުންގެ މައިކަނބަލުންނާއި ބަފައިކަލުންގެ ނަންފުޅަކީ ކޮބައިކަމެވެ. އެބޭކަލަކު ވާހަކަފުޅު ދައްކަވައި އުޅުއްވީ ކޮންބަހަކުން ކަމެވެ. އެބޭކަލަކާ އެއްދުވަސްވަރެއްގައި އުޅުއްވި މުއައްރިޚުން އެބޭކަލެއްގެ ވާހަކަ ލިޔުއްވާފައިވާކަން ނުވަތަ ނޫން ކަމެވެ. އިސްވެދެންނެވި ކަހަލަ މީހުން ކުރީގެ ނަބީބޭކަލުންނާމެދު ނަންގަނެވިދިޔަ ފަދަ ކަންކަމަށް ބަލާލާއިރު އެނަބީބޭކަލުންނާ ބެހޭ ހުރިހައި ކަމެއްވެސް ވަނީ ނޭގުމެއްގެ ތެރޭގައެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ މިޞްރުގެ ތާރީޚަކު މުސާގެފާނުގެ ވާހަކަ އައިސްފައެެއް ނެތެވެ. ސަލާމްލެއްވި ޢީސާގެފާނަށްވުރެ ކުރިން ދުނިޔެއަށް ވަޑައިގެންނެވި ގްރީކް ފިލޯސަފަރުންނާއި، ގްރީކް ބޮޑުންގެ ވާހަކަ ތާރީޚުގައި ލިޔެވިފައިވާއިރު ޢީސާގެފާނުގެ ވާހަކައެއް ތާރީޚަކު ލިޔެވިފައެއްނެތެވެ. ޢީސާގެފާނު ވާހަކަފުޅުދެއްކެވީ ކޮންބަހަކުން ކަމެއްވެސް ސާބިތުވާކަށެއް ނެތެވެ. ބަރޓްރެންޑްރުސެލް ލިޔުއްވާފައިވެއެވެ. Historically, it is quite doubtful whether Christ ever existed at allއެހެނިހެން ނަބީބޭކަލުންނާމެދުވެސް ކަންހުރީ ހަމަމިގޮތަށެވެ. ޝައްކެއްނެތެވެ. އީމާންކަމުގެ އަހުލުވެރިން ނަބީބޭކަލުން ޤަބޫލުކުރެއެވެ. ނަމަވެސް ނަބީބޭކަލުންގެ މައްސަލަ ހަމައެކަނި ޢިލްމީ ގޮތުންނާއި ތާރީޚީގޮތުން ތަޙްޤީޤްކޮށް ސާބިތުކުރަން ބޭނުންވާ ދީން ޤަބޫލުނުކުރާ މީހުންނަށް އެބައިމީހުންގެ ޢިލްމީ ސުވާލުތަކުގެ ޖަވާބު ލިބޭކަހަލަ ޙާދިޘާތަކާއި ހެކިތަކެއް މިދާއިރާއަކުން ލިބޭކަށެއް ނުހުރެއެވެ.ނަމަވެސް މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްސަލަ އެހެނިހެން ނަބީބޭކަލުންނާ މުޅިންތަފާތެވެ. އެކަލޭގެފާނަކީ ތާރީޚީ އިސްތިސްނާއެކެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތްޕުޅު ތާރީޚުން ފިލައެވެ. ތާރީޚުގައި ރައްކާތެރިކުރެވިފައިވެއެވެ. އެހެނިހެން ނަބީބޭކަލުންނާމެދު ވާހަކަ ދައްކާއިރު އެބޭކަލުންގެ ޙަޔާތްޕުޅުގެ ވާހަކަ ތާރީޚީގޮތުން ފިލާންނެތްކަމުގައި ބަޔާންކުރާ މީހުން މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އާމެދު ވާހަކަދައްކާއިރު ލިޔާންޖެހިފައިފައިވަނީ ތިރީގައި މިދަންނަވާ ފަދައިންނެވެ. Muhammad was born within the full light of history.އަރަހުށި މާތްﷲ އިސްލާމްދީނުގެ ނަބިއްޔާ މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މިޒަމާނުގެ ޢިލްމީ ހަމަތަކުންވެސް ސާބިތުކޮށްދެއްވައިފައިވަނީ އެއްވެސް މީހަކަށް އެކަލެގެފާނު ދަނެގަތުމުގައި ކުޑަވެސް އުނދަގުލެއް އުފުލަން ނުޖެހޭ މިންވަރަށެވެ.އިސްލާމްދީނުގެ ނަބިއްޔާ އިންސާނުންނަށް އެބައިމީހުންގެ ޙަޤީޤީ އިލާހުވަންތަ ރަސްކަލާގެ ރަސްކަންފުޅު ތަޢާރަފްކޮށްދެއްވިއެވެ. ވަހުމަށް އަޅުކަންކުރާ ދީންތަކުގެ ބަދަލުގައި ތެދުވެރި އިލާހީ ދީން އިންސާނުންނަށް އޮޅުންފިލުވައި ދެއްވިއެވެ. އެކަލޭގެފާނު ފާޅުކުރެއްވުމަކީ މުޅި އިންސާނިއްޔަތަށްޓަކައި ރަޙްމަތެކެވެ. ނިޢުމަތެއްވެސް މެއެވެ. ޙަޤީޤީ އިލާހުވަންތަ ފަރާތް ދޫކޮށްލައިފިނަމަ ލިބޭން އޮންނަހައިވެސް ބަދަލަކީ ވަހުމަށް އަޅުވެތި ވުމެވެ. ޙަޤީޤީ އިލާހުވަންތަ މާތްﷲ ދޫކޮށްލައިފިނަމަ ޙަޤީޤަތުގައި އިލާހަކު ކަމުގައި ނުވާ ފަރާތެއް އިލާހަކު ކަމުގައި ޤަބޫލުކުރަން ޖެހެއެވެ. ހަމައެކަނި މާތް ރަސްކަލާނގެ ރަސްކަންފުޅާމެދު އުފައްދަންޖެހޭ ގުޅުންތަކެއް މަޚްލޫޤުންނާމެދު އުފައްދަންޖެހެއެވެ. މިގޮތުން ޤަދީމީ ޒަމާނުގައި ޝަރީކު ކުރުމުގެ ނުފޫޒުގެ ދަށުވެ އިންސާނުންތިބީ ވަހުމަށް އަޅުކަން ކުރުމުގެ ޝިކާރައަކަށް ވެފައެވެ. އިންސާނީ ނަސްލުގެ ތެރޭގައި އެކަން މެދުކެނޑުމެއްނެތި ހިގަމުން ދެއެވެ. ޙައްޤުވެގެން އަޅުކަން ކުރަން ނުޖެހޭ ފަރާތްތަކަކަށް އަޅުކަން ކުރުމުގެ ސަބަބުން ޙަޤީޤީ އިލާހުވަންތަ ފަރާތް މަޢުރިފާކޮށް ގަތުމުގެ ބާއްޖަވެރިކަމުން އިންސާނުން މަޙްރޫމްވިއެވެ. އިސްލާމްދީނުގެ ނަބިއްޔާގެ ޒަރީޢާއިން ދުނިޔެއަށް އައި އިންޤިލާބުގެ މަޤްޞަދަކީ އިސްވެދެންނެވި އަނދިރިކަމުގެ ދައުރު ނިމުމަކަށް ގެނައުމެވެ. ތައުހީދުގެ އިންޤިލާބު (އެ އިންޤިލާބުގެ ނަތީޖާއެއްގެ ގޮތުން އައި ސައިންސީ އިންޤިލާބް) އިންސާނާ މާތްރަސްކަލާގެ ރަސްކަންފުޅާ ތަޢާރަފްކޮށްދިނެވެ. ވަހްމަށް އަޅުކަން ކުރުމުގެ ދައުރު އަބަދަށްޓަކައި ނިމުމަކަށް ގެނައެވެ. އިސްލާމްދީނުގެ ނަބިއްޔާގެ ދެޙައިޘިއްޔަތެއް ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. މުޙަންމަދު ރަސޫލުﷲ ވަޚާތަމުއް ނަބިއްޔީން (އަލްއަޙްޒާބު: 40) އިތުރު ސާހިބާއަކީ މާތްﷲ ފޮނުއްވި އެހެނިހެންވެސް ރަސޫލުބޭކަލުން ފަދަ ބޭކަލެކެވެ. ނަމަވެސް ރަސޫލުކަމުގެ އިތުރަށް އެހެން ޙައިޘިއްޔަތެއްވެސް އެކަލޭގެފާނަށް ލިބިވަޑައިގެންފައިވެއެވެ. އެކަލޭގެފާނަކީ ރަސޫލުކަން ޚަތިމް ކުރެއްވި ސާހިބާއެވެ. އެކަލޭގެފާނަށްފަހު އެހެން އެއްވެސް ނަބީބޭކަލަކު ވަޑައިގަތުމެއް ނުވެއެވެ. ނުބުއްވަތަކީ އިންސާނީ ދުނިޔެއަށްޓަކައި މާތްﷲ ގެ ކިބަފުޅުން އެންމެ އެދެވިގެންވާ ކަންތަކެވެ. ނަބީންނަކީ މާތްﷲ ގެ ތަޚްލީޤީ ރޭއްވެވުމުގެ ލާޒިމީ ބައެކެވެ. ޤަދީމީ ޒަމާނުގައި ތަކުރާރު ކުރައްވައި ނަބީބޭކަލުން ފޮނުއްވަމުން ގެންދެވީ އެސަބަބާހުރެއެވެ. އެހެންކަމުން ނަބީކަން ޚަތިމް ކުރެއްވުމުގެ ނިޔާފުޅަކީ ނުބުއްވަތުގެ ބަދަލެއް އޮތުން ލާޒިމްކުރާ ކަމެކެވެ. ނުބުއްވަތުގެ ބަދަލެއް ދުނިޔެއަށް ހޯއްދަވައި ދެއްވުމަކާ ނުލައެއް ނަބީ ކަމެއް ޚަތިމެއް ނުކުރެއްވޭނެއެވެ. ސާބިތުވެފައިވާ ދީނެއް ފޮނުއްވުމަކީ އެމަޤްޞަދު ފުރިހަމަ ކުރެއްވުމެވެ. ތާރީޚީ ގޮތުން ޤަބޫލުކުރެވި ސާބިތުވެފައިވާ ދީނަކީ ނުބުއްވަތަށްފަހު ނަބީކަމުގެ ބަދަލެއް ފަދައެވެ. އެހެންކަމުން ނަބީކަން ޚަތިމްކުރެއްވުމަށް މިންވަރު ކުރެއްވުމާއެކު އެކަލާނގެ ނިޔާކުރައްވާފައިވަނީ ދީން އަބަދަށްޓަކައި ސާބިތުވެފައިވާ ޙަޤީޤަތެއް (Established truth) ކަމުގައި ލެއްވުމަށެވެ. އޭގެކުރިން ދިރިތިއްބަވާ ނަބީބޭލަކުންގެ ޒަރީޢާއިން އިންސާނުންނަށް ލިބެމުންއައި ތެދުމަގުގެ އިރުޝާދު ކޮންމެ ދައުރެއްގައިވެސް އިންސާނުންނަށް ލިބިލިބި ހުރުމަށްޓަކައެވެ. އިސްލާމްދީނުގެ އިންޤިލާބު އިންސާނާ ވަހުމުގެ ދައުރުން ސަލާމަތްކޮށްދިނެވެ. ހަމައެއާއެކު އޭނާ ސާބިތުވެފައިވާ ނަބީކަމެއްގެ ދައުރަށް ވާޞިލްކޮށްދިނެވެ. މާތްﷲގެ ނަބިއްޔާ ދަނެގަތުމުގައި އޭނާގެ ކުރިމަތީގައި އެއްވެސް ހުރަހެއް އޮތަ ނުދިނުމަށްޓަކައެވެ.
|
| ހަމަ މި ގަލަމުން |
|---|