މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އަލްއިމާމު އިބްނު ތައިމިއްޔާ (ފަސްވަނަބައި) |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 13 މާރޗް 2009، 02:10 ހުކުރު | |||
|
މުސްލިމުންގެ ސިޔާސީ މުފައްކިރުންގެ ތެރޭން... ވެރިޔަކު އިންތިޚާބުކުރުން ކުރީންވެސް ދެންނެވިފަދައިން އިސްލާމީ އުންމަތުގެ ހުރިހާދާއިރާތަކަކަށްވެސްވަނީ ބަޣުދާދުވެއްޓުމުގެ އަސަރު ފޯރައިފައެވެ. ޚާއްޞަކޮށް މުސްލިމުންގެ ވިސްނުމަށާއި، ސިޔާސަތަށް އޭގެ ސަބަބުން ވަނީ ވަރަށް ނުބައިއަސަރުތަކެއް ވެރިވެފައެވެ. އެހެންކަމުން އެޒަމާނުގެ މުފައްކިރުންވަނީ ކަންއޮތްގޮތުގެ ޙަޤީޤަތް ޤަބޫލުކުރެއްވުމުގެ މަގު ޚިޔާރުކުރައްވައިފައެވެ. އޭގެ އެންމެ ރީތި އެއްމިސާލަކީ އިބްނު ޠަޤްޠަޤާއެވެ. އިމާމު އިބްނު ތައިމިއްޔާއަކީވެސް އެކަލޭގެފާނުގެ ޒަމާން ލާޒިމުކުރާފަދައިން ޙަޤީޤަތް ޤަބޫލުކުރައްވާ ބޭކަލެކެވެ. އަނެއްކޮޅުން ޙަންބަލީ މަޒްހަބުގެ ބޭކަލެއްކަމުގައިވުމާއެކު ޝަރުޢީޤާނޫނުތަކާ ފުކެއްވެސް ފޭއަށްޖެހިވަޑައިގަންނަވާކަށެއް އެއްބަސްވެވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނު އިސްލާމީ އުންމަތުގެ އެންމެ މަތީވެރިކަން ނުވަތަ "އިޤްތިދާރު އަޢުލާ "ކަމުގައިބައްލަވަނީ ޝަރީޢަތެވެ. ހަމައެއާއެކު އެކަލޭގެފާނުގެ ޒަމާނުގައި ތިއްބެވި ރަސްރަސްކަލުންނަކީވެސް ޖާއިޒު ރަސްރަސްކަލުންކަމުގައި ބައްލަވައެވެ. އެބޭފުޅުންނަށް ކިޔަމަންވެ ބޯލެނބުމަކީ އުންމަތުގެ މައްޗަށް ވާޖިބެއްކަމުގައި ދެކެވަޑައިގަންނަވައެވެ. ދީނާއި ދުނިޔޭގެ އިޞްލާހީ މަސައްކަތަށް އެއްވެސް ކަހަލަ ހުއްޓުމެއް އަޔަނުދެއްވުމަށްޓަކައެވެ. ޚަލީފާއިންނާއި ޚިލާފަތުގެ މައްސަލައާމެދު އިމާމު މާޚާއްޞަ ޝައުޤުވެރިކަމެއް ނުބަހައްޓައެވެ. އެހެންކަމުން އަލްމާވަރްދީ އާއި އެނޫންވެސް މުފައްކިރުންފަދައިން ޚަލީފާއިންގެ ސިފަފުޅުތަކުގެ ފިހުރިސްތެއް ހުށައެއްނާޅުއްވައެވެ. އިމާމު އިބްނު ތައިމިއްޔާގެ އަރިހުގައި ވެރިޔަކު އިންތިޚާބުކުރެވޭގޮތަކީ މައްސަލައެއްނޫނެވެ. އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި ވެރިޔަކު ޢައްޔަންކުރައްވަނީ މާތްﷲއެވެ. އެކަން ނިމިގެންއަންނަނީ އިޖްމާޢުގެ ކުށެއްނެތް އުޞޫލުގެ މަތީންނެވެ. ޝައްކެއްނެތެވެ. އިމާމު އިބްނު ތައިމިއްޔާވަނީ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ވެރިކަމަށް ވަޑައިގަތުމުން ޝަރްއީ ޙުކުމްތަކާއި އިންތަކުގެތެރޭގައި "ހައްޔަރު" ކުރައްވައިފައެވެ. އެދާއިރާ ފަހަނަޅައި ނިކުމެވަޑައިގަތުން ވެރިންނަށް މަނާކުރައްވައިފައެވެ. އިމާމު އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި ވެރިޔަކަށް ހުންނަވާ ބޭފުޅަކު ވެރިކަން ހޯއްދެވީ ކޮންމެގޮތަކަށް ކަމުގައިވިޔަސް، އެބޭފުޅެއްގެ ކިބައިގައި ބައެއް އަސާސީ ސިފަތައްފިޔަވައި ވެރިޔެއްގެ ކިބައިގައި ހުންނާންޖެހޭ އެއްވެސް ސިފައެއްނެތްކަމުގައިވިޔަސް އެބޭފުޅަކު ދީނާއި ދުނިޔޭގެ އިޞްލާޙަށްޓަކައި ފޮތާއި ސުންނަތުގެ ރަންއުސޫލުތަކުގެ މަތީގައި ސާބިތުވެ ހުންނެވިކަމުގައިވާނަމަ އެފަދަ ވެރިޔަކު ހުންނެވުމަކީ އުންމަތަށްހުރި ރަޙްމަތެކެވެ. އަނެއްކޮޅުން ޝަރުޢީ ހަމަތަކުގެ މަތީން އިންތިޚާބުވެފައި ހުންނެވި، ވެރިކަމުގެ ހުރިހާ ލާޒިމީ ސިފަތަކެއް ހަމަވާ ބޭފުޅެއްކަމުގައިވިޔަސް ދައުލަތް ހިންގެވުމުގައި ޝަރުޢީ އިންތަކަށް ތަބާވެވަޑައިނުގަންނަވާނަމަ އެފަދަ ވެރިޔަކީ އުންމަތަށްހުރި ލަޢުނަތަކަށްވުރެ ސަހަލުބޭފުޅެއްނޫނެވެ. ވެރިޔެއްގެ ވާޖިބުތައް ދައުލަތުގެ އިސްވެރިޔާގެ ވާޖިބުތަކާމެދު އިމާމު އިބްނު ތައިމިއްޔާ ވަރަށް ތަފްޞީލުކޮށް ބަޙުޘުކުރައްވައެވެ. އިމާމު ވިދާޅުވާގޮތުގައި ދައުލަތުގެ އިސްވެރިޔާގެ އެންމެ ބޮޑު މަސްއޫލިއްޔަތަކީ ވެރިޔެއްގެ ޙައިޘިއްޔަތުން އޭނާއާމަތިވެފައިވާ އަމާނަތް ރަނގަޅަށް ބެލެހެއްޓެވުމެވެ. އިމާމު ވިދާޅުވާގޮތުގައި ވެރިކަމަކީ އިލާހީ އަމާނާތެކެވެ. އެއަމާނަތް އޭގެ މަޤާމުގައި ފުރިހަމަޔަށް އަދާކުރުމަކީ ވެރިމީހާގެ މައްޗަށް ވާޖިބެކެވެ. އިމާމު ދަލީލު ދައްކަވަނީ ކައުސާހިބާ ޞައްލަﷲ ޢަލއިހިވަސައްލަމަގެ ޙަދީޘުފުޅަކުންނެވެ. އަބޫޛައްރުލް ޣިފާރީ ރަޟިޔަﷲ ޢަންހުއާ މުޚާޠަބު ކުރައްވައި އިތުރުސާހިބާ ޙަދީޘުފުޅުކުރެއްވިއެވެ. އޭ އަބޫޛައްރެވެ! ވެރިކަމާއި އަމީރުކަމަކީ އިލާހީއަމާނަތެކެވެ. އެކަމުގެ ޙައްޤާއެކު އެކަން ޤަބޫލުކޮށް އެކަމުގެ ހުރިހާ ވާޖިބުތަކެއް ފުރިހަމަޔަށް އަދާކުރިމީހަކަށްމެނުވީ ޤިޔާމަތްދުވަހުން އެކަންވާނީ ހިތާމަޔާއި މޮޅިވެރިކަމުގެ ސަބަބެއްކަމުގައެވެ. އިތުރު ސާހިބާ އެހެން ފަހަރަކު އިރްޝާދުދެއްވައިފައިވެއެވެ. އަޙްކަމުލްޙާކިމީން މީހަކަށް ވެރިކަމެއް ދެއްވުމުން އެއްވެސް ތަފާތެއްނެތި ރައްޔިތުންނަށް އިޚްލާޞްތެރިވެ ހެޔޮއެދުމުގެ ބަދަލުގައި ރައްޔިތުންނަށް ޚިޔާނަތްތެރިވުންމަތީ ހުއްޓައި މަރުވެއްޖެނަމަ އަރަހުށި މާތްﷲ ޤިޔާމަތް ދުވަހުން އެމީހަކަށް ސުވަރުގޭގެ ވަސްވެސް ނުދައްކަވާނެއެވެ. ޙައްޤުތަކަށް ރައްކައުތެރިވުން އިމާމު އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި ވެރިކަމުގެ އަމާނަތް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ ވެރިކަންހިންގުމުގައި އަމާނާތްތެރިވުމާއި، މާލިއްޔަތާމެދު އަމާނާތްތެރިވުމެވެ. އިމާމު ވިދާޅުވާގޮތުގައި ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތުގައި އަންގަވައިފައިވާ އަމާނަތްތެރިވުމަކީ ވެރިކަން ހިންގުމުގައި އަމާނާތްތެރިވުމެވެ. " ހަމަކަށަވަރުން، އަމާނަތްތައް، އޭގެ އަހްލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމް ކުރާނަމަ ޢަދުލަށް ޙުކުމް ކުރުމަށްވެސް އަމުރު ކުރައްވަތެވެ. ހަމަކަށަވަރުން، ﷲ އެކަމަކާމެދު، ތިޔަބައިމީހުންނަށް ވަޢުޡު އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ." (އައްނިސާއު: 58) އިސްވެދިޔަ އާޔަތުގެ ސަބަބުއްނުޒޫލެއްކަމުގައި އިމާމު އިބްނު ތައިމިއްޔާ ވިދާޅުވަނީ މައްކާފަތަޙަކުރެއްވިދުވަހު ކައުސާހިބާގެ ބޮޑުބޭބޭފުޅު އަލްޢައްބާސް ބިން ޢަބްދުލްމުއްޠަލިބު ރަޟިޔަﷲ ޢަންހު ކައުސާހިބާގެ އަރިހުން ގެފުޅުގެ ތަޅުދަނޑިފުޅު ބެލެހެއްޓެވުމުގެ ވެރިކަމަށް އެދިވަޑައިގަތުމެވެ. މިއާޔަތް ބާއްވައިލެއްވުމާ ވިދިގެން ކުރީއްސުރެ ގެފުޅުގެ ދަޅުދަނޑިފުޅު ބަލަހައްޓަވަމުން ގެންދެވި ޝައިބަތުވަންހައިގެ ބޭފުޅުންނާ ގެފުޅުގެ ތަޅުދަނޑިފުޅު ބެލެހެއްޓެވުމުގެ ވެރިކަން، އިތުރު ސާހިބާ ޙަވާލުކުރެއްވިއެވެ. އިމާމު އިބްނު ތައިމިއްޔާ މިއާޔަތުގެ ސަބަބުއްނުޒޫލުން ސާބިތުކުރައްވަނީ މުސްލިމުންގެ ވަލިއްޔުލް އަމްރެއްގެ އެންމެ ބޮޑު ވާޖިބަކީ އިސްލާމީ ދައުލަތުގެ މަޤާމުތަކުގެ ތެރެއިން ކޮންމެ މަޤާމަކަށްވެސް މުސްލިމުންގެތެރެއިން އެކަމަކަށް އެންމެ ލާއިގު މީހަކު ހޮވުންކަމެވެ. އިބްނު ތައިމިއްޔާ އެކަމަށްދެއްވާ ނަމަކީ "އަލްއަމާނަތުފިލްވިލާޔަތި" އެވެ. އެމަޤާމަކަށް އެންމެ އަހްލުވެރި މީހަކު ދޫކޮށްލައިފައި އެކަމަކަށް ޤާބިލުނޫންމީހަކަށް މަޤާމެއްދިނުމަކީ ޚިޔާނަތްތެރިވުންކަމުގައި އިބްނު ތައިމިއްޔާ ތަޢުބީރު ކުރައްވައެވެ. ސަނަދެއްގެ ގޮތުން އިމާމު ހުށަހަޅުއްވަނީ އަލްޙާކިމުގެ މުސްތަދްރިކުގައިވާ ޙަދީޘެކެވެ. އެޙަދީޘުގައިވެއެވެ. މުސްލިމުންގެ ވެރިކަމަކާ ޙަވާލުވެހުރިމީހަކު މަޤާމަކަށް މީހަކު ހޮވުމުގައި ތިމާ އެމަޤާމަކަށް އެހޮވާމީހަކަށްވުރެ މުސްލިމުންގެ ޙައްޤުގައި ރަނގަޅު މީހަކު ލިބިދާނެކަން އެނގިހުރެ ތިމާބޭނުންވާ މީހަކަށް މަޤާމެއްދީފިނަމަ އެވެރިޔަކު އެވަނީ މާތްﷲއަށާއި އެކަލާނގެ ރަސޫލާއަށާއި، މުއުމިނުންނަށް ޚިޔާނަތްތެރިވެފައެވެ. މިޙަދީޘުގެ މައްޗަށް ބިނާކުރައްވައި އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި ވަލިޔުލްއަމްރުގެ މައްޗަށް ވާޖިބުވެގެންވަނީ އަތޮޅު އަތޮޅުގެ ވެރިކަމަށާއި، ސިފައިންގެ އޮފިސަރުކަމަށާއި، ކިއްލާތަކުގެ ކޮމާންޑަރުކަމަށާއި، މާލިއްޔާގެ އެކިއެކި މަޤާމުތަކަށާއި، ޓެކްހާއި ޒަކާތްނެގުމަށާއި، އަދި މިނޫންވެސް މަޤާމުތަކަށް މީހުން ހޮވުމުގައި އެކަންކަމަށް އެންމެ ލާއިޤު އެންމެ ޤާބިލު މީހުން ހޮވުމެވެ. މަސްއޫލިއްޔަތެއް އުފުލަންޖެހޭ ކޮންމެ މަޤާމަކަށް މީހުން ހޮވާއިރުވެސް ރަނގަޅަށް ހޯދައިބަލައި އެކަމަކަށް އެންމެ ޤާބިލު މީހަކު ހޮވުމެވެ. އިމާމު ބާރުއަޅުއްވަނީ މަޤާމެއްބޭނުންވެގެން އެކަމަށް އެދި ހުށަހަޅައިފި އެއްވެސް މީހަކަށް އެމަޤާމެއް ނުދިނުމަށެވެ. އިތުރަށް އޮޅުންފިލުއްވައިދެއްވުމުގެ ގޮތުން އިމާމުވަނީ އެކަށީގެންވާ ޤާބިލްމީހުންތިއްބައި އެކަށީގެންނުވާ ނާޤާބިލް މީހުން މަޤާމުތަކަށްހޮވޭ ސަބަބުވެސް ބަޔާންކޮށްދެއްވައިފައެވެ. އޭގެ އެންމެ ފުރަތަމަ ސަބަބެއްކަމުގައި އިމާމުވިދާޅުވަނީ ޤައުމީ ނުވަތަ ޢާއިލީ ތަޢައްޞުބާހުރެ ޤާބިލް އަފްރާދުންނާމެދު އަޅައިނުލައި ދޫކޮށްލުމެވެ. އަހްލުވެރިކަމެއްނެތް މީސްމީހުންނާ މަތީ މަޤާމުތައް ޙަވާލުކުރެވުމެވެ. ދެވަނަ ސަބަބަކަށްވަނީ ރިޝްވަތެވެ. ނާގާބިލް މީހުން ފައިސާގެ ބޮޑެތި ބޮޑެތި ޢަދަދުތައްދީގެން މަޤާމުތައް ގަނެލައެވެ. ތިންވަނަ ސަބަބަކީ މަޤާމުތައް ޙައްޤުވާ ޤާބިލްމީހުންނާމެދު ދައުލަތުގެ އިސްވެރިޔާގެ ހިތްޕުޅުގައި އޮންނަ ދެކޮޅުވެރިކަމާއި ރުޅިވެރިކަމެވެ. އެއަދާވާތްތެރިކަމާހުރެ އެމީހާގެ ޙައްޤު އެހެންމީހަކަށް ދެއްވުމެވެ. މިދެންނެވި ސަބަބުތައް ބަޔާންކުރެއްވުމަށްފަހު އިބްނު ތައިމިއްޔާ ވިދާޅުވަނީ މިއިންސަބަބަކާހުރެކަމަށްވިޔަސް ދައުލަތުގެ ދަރަޖަވެރިޔަކު ނާޤާބިލް މީހަކަށް ތަރުޖީޙު ދެއްވައިފިނަމަ އޭނާ މާތްﷲ އަށާއި، އެކަލާނގެ ރަސޫލާއަށާއި މުސްލިމުންނަށް ޣަދަރުވެރިވެވަޑައިގެންފިކަމުގައެވެ. ދައުލަތް ހިންގުމާބެހޭކަމެއްގައި ނުވަތަ މާލީ މަސްއޫލިއްޔަތެއްގައި އަމީރަކު އޭނާގެ ބޭފުޅަކަށް އެހެންމީހުންގެ މައްޗަށް ތަރުޖީޙު ދެއްވުމުގެ ހުއްދަދެއްވާކަށްވެސް އިބްނު ތައިމިއްޔާ ހުންނެވީ ތައްޔާރަކަށެއްނޫނެވެ. އިމާމުވިދާޅުވާގޮތުގައި އަމީރަކު އެގޮތަށް ކަންތައް ކުރައްވައިފިނަމަ އެވެވަޑައިގެންނެވުނީ ޚިޔާނަތެކެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ޙަޔާތްޕުޅުގެ ޙާދިޘާއެއް ބަޔާން ކުރެއްވުމަށްފަހު އިބްނު ތައިމިއްޔާ ލަފާދެއްވަނީ ޝަރްޢާޚިލާފަށް ދަރީންނަށް އިސްކަންދިނުމަކީވެސް ބުއްދިވެރިކަމެއް ނޫންކަމުގައެވެ. ޢުމަރު ބިން ޢަބްދުލްޢަޒީޒު އޭނާގެ ބޭފުޅުން ހުއްދަނޫންގޮތްގޮތުން މުއްސަނދިކަން ހޯއްދެވުން އަބަދުވެސް މަނާކުރައްވައެވެ. އެންމެ ފަހުން ގޮސް އެކަލޭގެފާނުގެ ބޭފުޅުން ފަޤީރުފުޅުކަމުގެ ތެރެއަށް ދޫކޮށް ނުލެއްވުމަށް ގާތްތިމާގެފުޅު ބޭފުޅުންގެ ބާރުއެޅުއްވުންތައް ގިނަވާންފެށުމުން އެކަލޭގެފާނުގެ ބޭފުޅުން އެއްކުރައްވައިފައި ވިދާޅުވިއެވެ. "އަހަންނަކަށް ތިޔަބައިމީހުންނަށް ޙައްޤުވެގެންވާ މިންވަރަށްވުރެ ގިނައެއްކޮށެއް ތިޔަބައިމީހުންނަކަށް ނުދެވޭނެއެވެ." އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ މިދެންނެވި އަމާނާތްތެރިކަމުގެ ނަތީޖާއަކަށްވީ ޣަނީވަންތަ މާތްﷲ ޢުމަރު ބިން ޢަބްދުލްޢަޒީޒުގެ ބޭފުޅުން ނިހާޔަތަށް މުއްސަނދިކުރެއްވުމެވެ. ދިރިއުޅުއްވުމުގެ ފިކުރުފުޅުން ސަލާމަތްކުރެއްވުމެވެ. އިބްނު ތައިމިއްޔާ މިޙާދިޘާގެ ރާވީގެ ވާހަކަފުޅެއް ބަޔާންކުރައްވައެވެ. "އަހަރެން އެކަލޭގެފާނުގެ ދަރިކަލަކުދުށީމެވެ. އެބޭފުޅާ މާތްﷲގެ މަގުގައި ޖިހާދުކުރުމަށް އެއްފަހަރަކު ސަތޭކަ އަސް ހަދިޔާ ކުރެއްވިއެވެ." އިތުރު ތަފްޞީލަށްޓަކައި ދެރަސްކަލެއްގެ ބޭފުޅުންގެ ވާހަކަ ބަޔާންކުރެއްވިއެވެ. އެއްރަސްކަލެއްގެ ބޭފުޅުންނަށް އެބޭފުޅުންގެ ޖާއިޒު ޙައްޤުގެގޮތުގައި ތަރިކައިން ލިބިވަޑައިގަތީ ކޮންމެބޭފުޅަކަށް ވިހިދިރުހަމެވެ. އަނެއް ރަސްކަލެއްގެ ބޭފުޅުންނަށް ނާޖާއިޒު ގޮތުގައި ކޮންމެ ބޭފުޅަކަށް ތަރިކައިގެގޮތުން ހަލައްކަ އަސްރަފީލިބިވަޑައިގަތެވެ. ނަމަވެސް އެހާގިނަމުދާ ލިބިވަޑައިގަތުމާއެކުވެސް އެބޭފުޅުންނަށް ސަލާންޖައްސަވަން ޖެހިވަޑައިގެންނެވިއެވެ. އިމާމު އިބްނު ތައިމިއްޔާ ޞަރީޙުކޮށް ބަޔާންކުރައްވަން މަސައްކަތްޕުޅު ކުރައްވައިފައިވާގޮތުގައި ހޯދަން މަސައްކަތް ކޮށްގެންވެސް މަޤާމަކަށް އެންމެ އެކަށީގެންވާ މީހަކު ނުލިބިއްޖެނަމަ އެމަޖްބޫރީ ޙާލަތުގައި ލިބުނު އެންމެ ރަނގަޅު މީހަކާ މަޤާމު ޙަވާލުކުރެވިދާނެއެވެ. އިމާމުލިޔުއްވާގޮތުގައި "ވެރިޔަކަށް ހުންނަވާބޭފުޅަކު ޤާބިލުމީހަކު މަތިވޭތޯ މަސައްކަތް ކުރެއްވުމުން އެންމެ އެކަށޭނަމީހަކު ލިބިވަޑައިނުގެންފިނަމަ ވެރިޔަކަށް ހުންނަވާ ބޭފުޅަކަށް އަމާނާތުގެ ޙައްޤު އަދާކުރެއްވުނީއެވެ. އޭނާއަށް އޭނާގެ ވާޖިބު އަދާކުރެއްވިއްޖެއެވެ. އެފަދަވެރިޔަކު މާތްﷲގެ ޙަޟުރަތުގައިވާނީ ޢަދްލުވެރި، އިންސާފަށް ލޯބިކުރައްވާ ވެރީންގެތެރެއިންނެވެ. އެހެނީ ޤިޔާމަތްދުވަހުން ކޮންމެ މީހަކާވެސް ސުވާލުވެވޭނީ އެމީހަކަށް ކުޅަދާނަކަން ލިބިގެންވާ ކަމަކާމެދުގައެވެ. މާތްﷲ ވަޙީކުރައްވައިފައިވަނީ އަންނަނިވި ގޮތަށެވެ. "ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން ﷲއަށް ތަޤްވާވެރިވާށެވެ!" (އައްތަޣާބުނު: 16) އަދިވެސް ވަޙީކުރައްވައިފައިވަނީ މިފަދައިންނެވެ. "ﷲ، އެއްވެސް ނަފުސަކަށް އެނަފްސަކަށް ކުޅަދާނަވެގެންވާމިންވަރަކަށް މެނުވީ ތަކުލީފެއް ނުޖައްސަވައެވެ." (އަލްބަޤަރާ: 286) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ އަލްއަނގޮޅިތީމީ, 2011-09-21 05:32:10
ސާބަސް. ތިޔަކުރައްވާ އަގުހުރި ޚިދުމަތަށް ސާބަސް. މަނިކުފާނަކީ އަޅުގަނޑު އެންމެ ގަޔާވާ ގޮތަށް ފޮތް އެކުލަވާލާ ބޭފުޅާ. ތިގޮތުގައި ކުރިއަށް ވަޑައިގަންނަވާ. މާތްﷲ މަނިކުފާނަށް ހެޔޮދަރުމައާ ޘަވާބު މިންވަރުކޮށްދެއްވާ، ތިޔަ މަސައްކަތުގައި ބަރަކާތްލައްވާށި. އާމީން
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|