މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މުސްލިމް ސައިންސްދާނުން - 06 |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 15 މާރޗް 2009، 00:46 އާދީއްތަ | |||
حَجَّاجُ بْن يُوسُفُ مَطَرُ214 ހ 832މ ތަޢާރުފު ޙައްޖާޖު ބިން ޔޫސުފް މަޠަރަކީ، ޖިއޮމެޓްރީއަށް އަރައި ހުންނެވި ޢިލްމުވެރިއެކެވެ. ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު ޙައްޖާޖަކީ، عِلْمُ الْهَنْدَسَة - ޖިއޮމެޓްރީގެ މާހިރެކެވެ. އޭނާ މި މާއްދާގައި، ވަރަށް ކުރިއަށް ވަޑައިގެންފައި ވެ އެވެ. އޭނާ އަކީ، ރަށްފުށުގެ ބޭފުޅެކެވެ. މައިންބަފައިންނަކީ ވެސް މާ ޢިލްމުވެރި ބައެއް ނޫނެވެ. ޙައްޖާޖު ކުރިއަށް ވަޑައިގަތީ އޭނާގެ ހިއްމަތާއި މިންނަތުންނެވެ. ތައުލީމު ޙާޞިލު ކުރެއްވުމަށްފަހު، މީލާދީން 786 ގައި، ބަޣްދާދަށް ވަޑައިގަތެވެ. ބަޣްދާދުގެ ޢިލްމީ މާޙަވްލުން ޙައްޖާޖު ފުރިހަމައަށް ފައިދާ ޙާޞިލު ކުރެއްވި އެވެ. ބަޣްދާދުގެ ޢިލްމުވެރި އެކުވެރިންގެ މަޢުލޫމާތުން އެނާގެ ޢިލްމުގެ ޚަޒާނާ މުއްސަނދި ކުރެއްވި އެވެ. ޙައްޖާޖު ހާރޫނުއްރަޝީދު އާއި މައުމޫނުއްރަޝީދުގެ ރަންޒަމާން ދެކެވަޑައިގަތެވެ. ޢިލްމީ ޚިދުމަތްތައް ޙައްޖާޖަކީ، ހިސާބު ޢިލްމުވެރިއެކެވެ. އޭނާގެ މައިގަނޑު ދެ ޚިދުމަތެއް ފާހަގަ ކުރެވެ އެވެ. އޭގެ ތެރެއިން އެއް ކަމަކީ، ޖިއޮމެޓްރީގެ ރޮނގުގައި އޭނާ ހޯއްދެވި ހޯއްދެވުންތަކެވެ. ދެވަނަ ކަމަކީ އެސްޓްރޮނޮމީގެ ރޮނގުގައި އެނާ ކުރެއްވި ޚިދުމަތްތަކެވެ. ޖިއޮމެޓްރީގައި އޭނާ، "مُقَدَّمَاتُ إِقْلِيْدَسْ" މި ނަމުގައި ފޮތެއް ލިޔުއްވި އެވެ. މިއީ ހިސާބު ޢިލްމުވެރިންނަށް އޭނާ ކޮށްދެއްވާފައިވާ ވަރަށް އަގުހުރި ޚިދުމަތެކެވެ. އެނާ ޚިދުމަތް ކުރެއްވި ދެ ވަނަ ދާއިރާއަކީ، ފަލަކީ ޢިލްމުގެ ދާއިރާ އެވެ. އޭނާ އިހުޒަމާނުގެ މަޝްހޫރު ފަލަކީ އިލްމު ފޮތް "اَلْمُحْسَبْطِي" އިޞްލާޙް ކުރައްވައި އަލުން ލިޔުއްވި އެވެ. ޔޫރަޕްގެ އަހުލުވެރިން ޙައްޖާޖުގެ ދެ ފޮތުން ވެސް ފައިދާ ލިބިގަތެވެ. 1893މ ގައި ޑެންމާކުގައި "مُقَدَّمَاتُ إِقْلِيْدَسْ" ގެ ތަރުޖަމާ ޝާއިޢު ކުރެވުނެވެ. މީނާގެ ފޮތްތައް 20 ވަނަ ސައްތަ އާއި ހަމައަށް ވެސް ކިޔަވައި ދެވިފައި ވެ އެވެ. عَبَّاسُ بْنِ سَعِيْدُ الْجَوْهَرِي ތަޢާރުފު 229ހ 847މ عَبَّاس އަކީ، ޚަލީފާ މައުމޫނުއްރަޝީދުގެ އަޅެކެވެ. މައުމޫނު އޭނާއާ ވަރަށް ބޮޑަށް ހިތްޕުޅާ ހަމަކުރެއްވި އެވެ. މައުމޫނުގެ އަރިހުގައި އޭނާ ގެންގުޅުއްވި އެވެ. ޢައްބާސް ފަލަކީ ޢިލްމުގައި ކުރި ހޯއްދެވި އެވެ. ޚަލީފާ މައުމޫނު ބިނާ ކުރެއްވި އޮބްޒާވާޓްރީ ތަކަކީ، ޢައްބާސްގެ އެދިވަޑައިގަތުމަށް ބިނާ ކުރެއްވި ތަންތަނެވެ. މައުމޫނު، އައްބާސް މިނިވަން ކުރެއްވިފަހުން ވެސް އުޅުއްވީ މައުމޫނުގެ އަރިހުގަ އެވެ. ޙަޔާތުގެ ކުރީ ކޮޅާއި ތަޢުލީމާއި ތަރުބިޔަތު عَبَّاس އަކީ ޚަލީފާ މައުމޫނުގެ އަޅެކެވެ. މުސްލިމުން އަޅުންނާ ދޭތެރޭގައި ކަންތައް ކުރި ހެޔޮކަން ފާހަގަ ކުރުމަށްޓަކައި، ޢައްބާސް ބިން ސަޢީދު މިޘާލަކަށް ފުދެއެވެ. އޭނާ އަކީ އަޅެއް ކަމުގައި ވިޔަސް ޢިލްމު އުނގެނުމާއި ކުރިއަށް ދިއުމަކަށް އެއްވެސް ހުރަހެއް އެޅިފައެއް ނެތެވެ. ޝާހީ ދަރުބާރުގައި ޢިލްމާއިގެން ކުރިއަށް ދިއުމަށްޓަކައި، އެނާއަށް ފުރިހަމައަށް މިނިވަންކަން ލިބުނެވެ. ހަމަ އެއާ އެކީގައި މި ތަނުގައި ފާހަގަ ކޮށްލަންޖެހޭ އަނެއް ކަމަކީ، ޢިލްމީ މާހަވްލެއްގައި ދިރިއުޅެން ދިމާވުމުން މީހުންނަށް ކުރާ ހެއު އަސަރުތަކެވެ. އަޅަކު އަދާ ކުރަންޖެހޭ ޚިދުމަތްތައް އަދާ ކުރުމަށްފަހު ލިބޭ ހުސްވަގުތު، އައްބާސް ބެނުން ކުރެއްވީ، އަރާމު ކުރެއްވުމަކަށެއް ނޫނެވެ. އޭނާ އެ ވަގުތުތަކުގެ ބެނުން ކުރައްވާފައި އެ ވަނީ، އޭގެ އެންމެ އަގުހުރި ގޮތުގަ އެވެ. ޢިލްމީ ޚިދުމަތްތައް عَبَّاسُ الْجَوْهَرِي އަކީ، عِلْمُ الْهَيْئَة (ފަލަކީ ޢިލްމު) ގެ މާހިރެކެވެ. ޚަލީފާގެ ދަރުބާރުގައި ޢިލްމުވެރިން ބަޙުޘްކުރައްވަމުން ޚަލީފާއަށް ލަފާ އަރުވަމުން ގެންދަވަ އެވެ. މި ގޮތުން އޮބްޒާވާޓްރީ ބިނާ ކުރެއްވުމަށް ޚިޔާލުފުޅު އެރުވި ބޭފުޅަކީ، عَبَّاس ކަމަށް ވެ އެވެ. ކޮންމެއަކަސް އެ ޚިޔާލުފުޅާ އެއްގޮތްވާގޮތުގެ މަތިން ބަޣުދާދުގެ شُمَاسَة ގައި އޮބްޒާވާޓްރީއެއް، ޝާމްކަރައިގެ ދިމިޝްޤުގެ قَاسِيُوْن ގައި އޮބްޒާވާޓުރީއެއް، ބިނާ ކުރެވުނެވެ. މި ތަންތަން ބިނާ ކުރުމުގައި ވެސް عَبَّاس ޙިއްސާކުރެއްވި އެވެ. އަދި ބިނާ ކުރުމަށްފަހު ސައިންޓިފިކް ހޯދުންތަކުގެ މަސައްކަތުގައި ވެސް ޢައްބާސް ބައިވެރިވެ ވަޑައިގަތެވެ. އޭނާގެ ތަޖްރިބާތައް ވެސް ފޮތެއްގެ ސިފައިގައި ލިޔުއްވައިފައި ވެ އެވެ. خَالِدُبْنِ عَبْدُالْمَلِكُ الْمَرْوَزِي ތަޢާރުފު 231ހ 894މ خَالِدُ އަކީ ވެސް، ފަލަކީ ޢިލްމު ވެރިއެކެވެ. ޙަޔާތުގެ ކުރީ ކޮޅު އަދި ތަޢުލީމާއި ތަރުބިއްޔަތު ޚާލިދު ބިން ޢަބްދުލް މަލިކަކީ، ބަޣްދާދުގައި ދިރިއުޅުނު ޢިލްމީ ޚާންދާނެއްގެ އަހުލުވެރިއެކެވެ. ފުރިހަމަ ޝަވްޤްވެރިކަމާ، މެދު ކެނދުމެއް ނެތި ކުރެއްވި މަސައްކަތްޕުޅުގެ ސަބަބުން އެނާވެސް ފާން ތަރިންގެ ސަފުގައި ހިމެނި ވަޑައިގެންފިއެވެ. އަދި އެނާ، އެ ޒަމާނުގެ އެންމެ މޮޅު ޢިލްމުވެރިންގެ ތެރޭގައި ހިމެނި ވަޑައިގަތެވެ. އޮބްޒާރވާޓްރީ ބިނާ ކުރެއްވުމުން އެ ތަނުގައި މަސައްކަތް ކުރެއްވި ޢިލްމުވެރިންގެ ތެރޭގައިވެސް، ޚާލިދު ހިމެނިވަޑައިގަތެވެ. ޚާލިދަކީ، ވަރަށް ނަސީބު ރަނގަޅު ބޭފުޅެކެވެ. އޭނާއަށް ޚަލީފާ މައުމޫނު އާ މުސްތަޢުޞިމުއާ އަލްވާޘިޤު އަދި އަލް މުތަވައްކިލުގެ ޒަމާން ފެނިވަޑައިގެންފައި ވެ އެވެ. އަދި މިއިން ކޮންމެ ވެރިއެއްގެ ދަރުބާރުގައި ވެސް ޚާލިދަށް މާތްކޮށް ހިތިފައި ވެ އެވެ. ޚާލިދު އަވަހާރަވީއިރު ހުންނެވީ، قَاسِيُوْن ގެ އޮބްޒާވާޓްރީގެ އިން ޗާޖެއްގެ މަޤާމުގަ އެވެ. ޢިލްމީ ޚިދުމަތްތައް ޚާލިދަކީ ޖައްވާބެހޭ ތަފާތު ރިސާޗްތަކެއް ކުރެއްވި ތަރިތަކުގެ ޢިލްމުވެރިއެކެވެ. އިރާ ބެހޭ ގޮތުން އާ ތަޙުޤީޤުތަކެއް އޭނާ ކުރައްވާފައި ވެ އެވެ. ޙަކީމު ޔަޙްޔާ މަންޞޫރު ޒީޖު މައުމޫނީ ތައްޔާރު ކުރެއްވި އިރު ޚާލިދުގެ މަޢުލޫމާތާ ލަފާފުޅު އޭގައި ހިމަނުއްވައިފައި ވެ އެވެ. ޚާލިދު ހިމެނި ވަޑައިގެން ވަނީ އެ ޒަމާނުގައި ތިއްބެވި އެންމެ ބޮޑެތި ހަތަރު ސައެންސުދާނުންކުރެ އެކަކު ކަމުގަ އެވެ. އެ ޒަމާނުގައި ތިއްބެވި އެންމެ މޮޅު 4 ބޭފުޅުން 1. رَئِيْسُ الْمُنَجِّمِيْنَ، حَكِيْمُ يَحْيَى مَنْصُوْرُ 2. خَالِدُ بْنِ عَبْدِ الْمِلِكِ الْمَرْوَزِي 3. سَنَدُ بْنِ عَلِي 4. عَبَّاسُ بْنِ سَعِيْدِ الْجَوْهَرِي މި ހަތަރު ބޭފުޅުންނެވެ.
|
| ހަމަ މި ގަލަމުން |
|---|