މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އިބްނު ތައިމިއްޔާ (އަށްވަނަ ބައި) |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 02 އެޕރީލް 2009، 01:12 ބުރާސްފަތި | |||
ސިފައިންގެވެރިޔާ ޢަބްދުﷲ ފާރޫޤު ޙަސަންކުރީންވެސް ދަންނަވައިފައިވާ ފަދައިން ޙާކިމުންގެ ކިބައިގައި އަސާސީ ދެސިފައެއްހުރުން އިމާމު ބޭނުންފުޅުވެއެވެ. އެންމެފުރަތަމަ ސިފައަކީ އަމާނާތްތެރިކަމެވެ. ދެވަނަޔަށް ބާރުހުރިމީހެއްކަމުގައި ވުމެވެ. ނަމަވެސް އެމަޤާމެއްގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތާ ގުޅިގެން ސިފަތަކަށް އުނިއިތުރު އައުމުގެ ގެއްލުމެއްނެތް ކަމުގައި އިމާމު ވިދާޅުވިއެވެ. އެގޮތުން ސިފައިންގެ ވެރިޔާގެ ކިބައި އަމާނާތްތެރިކަމަށްވުރެ ބާރުހުރުން ބޭނުންކަމުގައި އިމާމު ދެކެވަޑައިގަންނަވައެވެ. އެކަމަށް ބާރުއަޅުއްވައެވެ. އިބްނު ތައިމިއްޔާގެ އަރިހުގައި ސިފައިންގެވެރިޔާއާ ނިސްބަތްކުރާއިރު ބާރުހުރުމުގެ މާނައަކީ ހިތްވަރުގަދަކަމާއި، ހަނގުރާމައިގެ ހުނަރުތަކަށް ކުޅަދާނަވުމާއި، އަސްކަރީ ރޭވުންތެރިކަމާއި، ހަނގުރާމައިގެ މަކަރު ހުރުމެވެ. އޭގެއިތުރަށް ދުނިދަނޑިޔަށް ކުޅަދާނަވުމާއި، އަސްދުއްވަން ފަރިތަވުންވެސް ސިފައިންގެވެރިޔާއަށް ލާޒިމުކަމުގައި އިމާމު ވިދާޅުވެއެވެ. އިމާމު ވިދާޅުވާގޮތުގައި ފާސިޤަކު ނުވަތަ ފާޖިރަކު ސިފައިންގެ ވެރިކަމަށް ޢައްޔަންކުރިޔަސް މައްސަލައެއްނެތެވެ. އަދިކީއްތޯއެވެ؟ އަމާނާތްތެރި، ތަޤްވާވެރި ބަލިކަށިމީހަކަށްވުރެ، ލޯހުޅުވޭ، ގަދަފަދަ ފާސިޤަކު ނުވަތަ ފާޖިރަކު ސިފައިންގެވެރިކަމަށް އައްޔަންކުރުން މާރަނގަޅުކަމުގައި އިމާމު ދެކެވަޑައިގަންނަވައެވެ. އިމާމު އިބްނު ތައިމިއްޔާ މިމައްސަލައިގައި ނަގުލުކުރައްވަނީ އިމާމު އަޙްމަދުބިން ޙަންބަލުގެ ބަސްފުޅެކެވެ. އިމާމު އަޙްމަދު ބިން ޙަންބަލާ ސުވާލުކުރެވުނެވެ. ފާސިޤު ގަދަފަދަ މީހަކާ ޞާލިހު ބަލިކަށިމީހަކާ ދެމީހުންކުރެ ލަޝްކަރުތަކުގެ ކޮމާންޑަރަކަށް ހަދަން ރަނގަޅީ ކާކުތޯއެވެ. އިމާމު އަޙްމަދު ޖަވާބުދެއްވިއެވެ. ގަދަފަދަ ފާސިޤެކެވެ. އެހެނީ އޭނާގެ ގަދަފަދަކަމުގެ ލާބަލިބޭނީ މުސްލިމުންނަށެވެ. އޭނާގެ ފާސިޤުކަމާއި ފާޖިރުކަމަކީ ހަމައެކަނި އޭނާގެ ޒާތަށް އެކަމުގެ ގެއްލުން ފޯރާނެ ކަންކަމެވެ. ޞާލިޙު ބަލިކަށިމީހާގެ ތަޤްވާވެރިކަމާއި ޞާލިޙުކަމުގެ ފައިދާހުރީ ހަމައޭނާއަށެވެ. އެއާޚިލާފަށް އޭނާގެ ބަލިކަށިކަމުގެ ގެއްލުން އުންމަތަށްފޯރާނެއެވެ. އިބްނު ތައިމިއްޔާ މިކަމަށް އިތުރު ދަލީލެއްވެސް ދައްކަވައެވެ. ޚާލިދު ބުނުލް ވަލީދަކީ މާފަހުން އިސްލާމްވެވަޑައިގެންނެވި ބޭކަލަކަށްވުމާއެކުވެސް އިތުރު ސާހިބާ އެކަލޭގެފާނަށް ލަޝްކަރުގެ އަމީރުކަންދެއްވިއެވެ. އިތުރު ސާހިބާގެ މިޒާޖުފުޅަށް ބުރަޔަކަށްވާފަދަ ބައެއް ޙަރަކާތްތައް ޚާލިދުގެ ފަރާތްޕުޅުން ފެނިވަޑައިގެންފައިވުމާއެކުވެސްމެއެވެ. އެއާ ޚިލާފަށް އަބޫޛައްރުލް ޣިފާރިއަށް ވެރިކަމާއި އަމީރުކަން ޤަބޫލުކުރެއްވުން މަނާކުރެއްވިއެވެ. ސަބަބަކީ އަބޫޛައްރަކީ އީމާންކަމާއި އަމާނާތްތެރިކަމުގައި އަރާހުންނެވި ބޭކަލަކަށް ވުމާއެކުވެސް ބަލިކަށި ބޭކަލަކަށްވުމެވެ. މަސްލަހަތަކަށްޓަކައި، ތަންކޮޅެއް އާދައިގެން މީހަކު ސިފައިންގެ ވެރިޔަކަށް ޢައްޔަން ކުރައްވަން ވަލިއްޔުލްއަމްރު ބޭނުންފުޅުވެއްޖެނަމަ އެގޮތަށް އަމަލުކުރެއްވުމަށްވެސް އިބްނު ތައިމިއްޔާ ވަލިއްޔުލްއަމްރަށް ހުއްދަދެއްވައެވެ. ސިފައިންގެވެރިޔާއަށް ވުރެ ދަރަޖަމަތިވެރި ބަޔަކު އެލަޝްކަރުގައި ތިބިކަމުގައިވިޔަސްމެއެވެ. އެކަމުގެ ސާބިތު ހެއްކެއްގެގޮތުން ބަޔާންކުރައްވަނީ ކައުސާހިބާ ޝާމްކަރަޔަށް ފޮނުއްވި ލަޝްކަރުގެވެރިކަން އުސާމާ ބިން ޒައިދަށް ދެއްވުމެވެ. އުސާމާގެ އަމުރުފުޅުގެ ދަށުގައި ޞަޙާބީން ދަރަޖަމަތިވެރި އެތައްބޭކަލުންނެއް ތިއްބެވިއެވެ. ޤާޟީން ޤާޟީން އިންތިޚާބުކުރުމުގައި އިންތިހާދަރަޖަޔަށް ފަރުވާތެރިވުމަށް އިބްނު ތައިމިއްޔާ ބާރުއަޅުއްވައެވެ. އިމާމު އިބްނު ތައިމިއްޔާގެ އަރިހުގައި ޤާޟީންގެ ދާއިރާވަރަށް ތަނަވަހެވެ. އިމާމު ލިޔުއްވައިފައިވެއެވެ. ޤާޟީންނެވެ ކިޔެނީ ހަމައެކަނި ނިޔާކަނޑައެޅުމުގެ ގޮނޑިތަކުގައި ތިބޭމީހުންނަކަށެއް ނޫނެވެ. މީސްތަކުންމެދުގައި އުފެދޭ ދެބަސްވުންތައް ޙައްލުކުރާ ކޮންމެ މީހަކީ ޤާޟީއެކެވެ. ވަލިއްޔުލްއަމްރު ކަމުގައިވިޔަސް، ރަސްގެފާނުގެ ނާއިބުކަމުގައިވިޔަސް އަތޮޅުވެރިޔަކު ކަމުގައިވިޔަސް ނުވަތަ ސަރިޔަތްކުރުމަށް ޢައްޔަންކުރެވިފައިވާ މީހަކުކަމުގައިވިޔަސް އެއީ ހައްތާވެސް ޤާޟީންނެވެ. އަދިކީއްތޯއެވެ. ކުޑަކުދިންގެ މެދުގައި ހިނގާއަރައިރުމެއް ހުއްޓުވައި އެކަމުގައި ގޮތެއް ކަނޑައަޅާ މީހާ އަކީވެސް ޤާޟީއެކެވެ." ޤާޟީންގެ ކިބައިގައިވެސް ދެސިފައެއް ހުރުން އިބްނު ތައިމިއްޔާ ބޭނުންފުޅުވެއެވެ. އެދެސިފަޔަކީ ބާރާއި އަމާނާތްތެރިކަމެވެ. ނަމަވެސް ޤާޟީންނާބެހޭގޮތުން އިބްނުތައިމިއްޔާ ބާރު މާނަކުރައްވާގޮތް ތަފާތެވެ. އެކަލޭގެފާނު ވިދާޅުވާގޮތުގައި ޤާޟީންގެ ކިބައިގައި ޙުކުމްކުރުމުގެ ބާރުހުންނަން ޖެހޭނެއެވެ. އެބާރަކީ ޢިލްމާއި، ކެރުމާ ނުލައި ލިބިގަނެވޭނެ ބާރެއްނޫނެވެ. އިމާމު ވިދާޅުވާގޮތުގައި ޤާޟީންގެ އިލްމުވެރިކަމުގެ މިންގަނޑަކީ މާތްﷲ ގެފޮތާއި އެކަލާނގެ ރަސޫލާގެ ސުންނަތް މަގުދައްކާ ޢަދުލު އިންޞާފު އެނގިހުރުމެވެ. ފޮތާއި ސުންނަތާއެއްގޮތަށް ހުކުމް ކުރުމަށް ޖެހިލުންނުވާފަދަ ބާރު ޤާޟީންގެ ކިބައިގައި ހުންނާންވާނެއެވެ. ޤާޟީންގެ އަމާނާތްތެރިކަމުގެ ސިފަ ޝަރަޙަކޮށްދެއްވަމުން އިމާމުވިދާޅުވާގޮތުގައި ރިޝްވަތު ހިފައިގެން ޝަރުޢުގެ ޙުކުމްތަކާ ޚިލާފަށް ނިޔާކަނޑައަޅަން ޖެހިލުންވާވަރަށް މާތްﷲގެ ރަސްކަންފުޅުދެކެ ބިރުވެތިވުމުގެ ސިފަ ޤާޟީންގެ ކިބައިގައި ހުންނާންވާނެއެވެ. ޤާޟީއަކީ މާތްﷲއަށް ބިރުވެތިވުމުގެ ސަބަބުން އިންސާނުންދެކެ ބިރުފިލައިފައިވާ މީހަކަށް ވާންޖެހޭނެއެވެ. އިމާމުގެ މިވާހަކަފުޅުގެ ސަނަދަކަށް ހުށަހަޅުއްވަނީ ކީރިތި ޤުރްއާނުގެ އަންނަނިވިއާޔަތެވެ. "ފަހެ، ތިޔަބައިމީހުން މީސްތަކުންދެކެ ބިރުނުގަންނާށެވެ! ތިމަންރަސްކަލާނގެއަށް ބިރުގަންނާށެވެ! އަދި ތިމަންރަސްކަލާނގެ އާޔަތްތަކަށް ކުޑައަގެއް ތިޔަބައިމީހުން ނުހިފާށެވެ! ﷲ ބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާމީހުން؟ (ދަންނާށެވެ!) ފަހެ، އެއުރެން އެއީ ހަމަ ކާފިރުންނެވެ." (އަލްމާއިދާ: 44) އިމާމު އިބްނު ތައިމިއްޔާ މިކަން އިތުރަށް ތަފްޞީލުކޮށްދެއްވަނީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅުތަކުންނެވެ. ޤާޟީންގެ ވަނީ ތިން މީހެކެވެ. އޭގެތެރެއިން ދެމީހުންވަނީ ނަރަކައިގެ ދަރުތަކަށެވެ. އެކަކު ސުވަރުގެއަށެވެ. ޙައްޤު ގޮތް އެނގިހުރެގެން އެގޮތާޚިލާފަށް ނިޔާކަނޑައަޅާ މީހާ ދާނީ ނަރަކަޔަށެވެ. ޢިލްމާއި ޔަޤީންކަން ހޯދުމަކާނުލައި ނޭނގޭހާލުގައި ނިޔާކަނޑައަޅާމީހާވެސް ދާނީ ނަރަކަޔަށެވެ. ޙައްޤުހޯދައި އެގޮތަށް ނިޔާކަނޑައަޅާ މީހާދާނީ ސުވަރުގެއަށެވެ. އިބްނު ތައިމިއްޔާ ޤާޟީކަމުގެ މަޤާމަށް ތަރްޖީޙުދެއްވަނީ ބާރުހުރި، ޢިލްމުވެރި ތަޤްވާވެރިންނަށެވެ. ނަމަވެސް އެދެސިފަހުރި އެކަކު ނުލިބިއްޖެނަމަ ޙާލަތު ނިޔާކުރާގޮތަކަށް މަޤާމަށް މީހަކު ހަމަޖައްސަން މަޝްވަރާ ދެއްވައެވެ. އިމާމު ވިދާޅުވެއެވެ. އިލްމުވެރިޔާ ހަވާނަފްސަށް ތަބާވެދާނެކަމުގެ ބިރުހީވާނަމަ ޢިލްމުވެރިޔަކަށް ނުވާ ތަޤްވާވެރިޔާއަށް އިސްކަންދޭށެވެ. ނަމަވެސް ޢިލްމީ ތަޙްޤީޤުތަކުގެ ބޭނުންތެރިކަން ބޮޑު ޙާލަތްތަކުގައި ތަރްޖީހުދޭންވާނީ ޢިލްމުވެރިޔާއަށެވެ. އިލްމުވެރިޔާއަކީ ކޮންމެކަހަލަ މީހެއްކަމުގައިވިޔަސް އެފަދަ ޙާލަތްތަކުގައި ތަޤްވާވެރިޔާގެ މައްޗަށް އިލްމުވެރިޔާއަށް އިސްކަން ލިބިގެންވެއެވެ. އިމާމު ޞަރީޙު ބަސްފުޅުން ވިދާޅުވަނީ ޙާލަތާއި ޒަމާނުގެ ބޭނުން ނިޔާކުރާގޮތަކަށް ޤާޟީން ޢައްޔަންކުރުމުގައި ޢަމަލުކުރަންޖެހޭނެ ކަމުގައެވެ. ޒަމާނުގެ ޙާލަތުނިޔާކުރާގޮތުން ލަޝްކަރުގެ އަ މީރާއި، އާއްމުންގެ ތާއީދު ޤާޟީއާއެކުގައިވާނަމަ ޤާޟީކަމަށް އައްޔަންކުރާނީ ބަލިކަށި، ތަޤްވާވެރި، އިލްމުވެރިޔާއެވެ. ސިފައިންނާއި އާއްމުންގެ ތާއީދު ޤާޟީއަށް ލިބިފައިނުވާނަމަ އެފަދަ ހާލަތެއްގައި ޤާޟީއަކީ އާރާއިބާރުހުރިމީހަކަށް ވާންޖެހޭނެއެވެ. (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|