މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އަލްއިމާމު އިބްނު ތައިމިއްޔާ (09ވަނަ ބައި) |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 21 އެޕރީލް 2009، 00:45 އަންގާރަ | |||
ޚަރާޖާއި ވާރުނަގާމީހުންަޢަބްދުﷲ ފާރޫޤު ޙަސަން ޚަރާޖުނަގާ ޢާމިލުންނަށްވެސް ދެސިފައެއް ބޭނުންކަމުގައި އިބްނު ތައިމިއްޔާ ވިދާޅުވެއެވެ. ބާރުގެ ޒަރީޢާއިން މާލިއްޔަތުގެ ޙިއްޞާ އަތުލެވޭފަދަ މީހަކަށްވުމާއި، އަމާނަތްތެރިއަކަށްވުމުގެ ސަބަބުން ޚަޒާނާއަށް ޚިޔާނާތްތެރިނުވެ ބަލަހައްޓާނެމީހަކަށް ވުމެވެ. ކުރީންވެސް ދެންނެވިފަދައިން މިދެސިފަހުރި އެކަކު ނުލިބިއްޖެނަމަ ދެމީހުން އައްޔަންކުރުމަށް އިމާމު ލަފާދެއްވައެވެ. ޖުމްލަގޮތެއްގައި މިދެންނެވި ދެސިފަހުރި ދެމީހުންނެވެ. ދެމީހުންގެ އަމަލީ ބައިވެރިވުމުގެ ސަބަބުން ދައުލަތުގެ ޚަޒާނާ ބެލެހެއްޓުމުގެ ކަންތައްތަކުގައި އެއްބާރުލުން އުފެދުމަށެވެ. ތަފާތު ސިފަތަކުގެ މީހުންގެ މެދު އަމަލީގޮތުން އެއްބާރުން ޤާއިމްކުރެވޭނީ ކިހިނަކުންކަމެއް އިމާމު ވިދާޅުވެއެއް ނުދެއްވައެވެ.ވެރިމީހާއާއި ރައްޔިތުންގެ ގުޅުންއިމާމު އިބްނު ތައިމިއްޔާ، ދީނީވާޖިބުތައް އަދާކުރުމަށް ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. ވެރީންނާއި ރައްޔިތުންވެސް ޝަރީޢަތުގައި ކަނޑައެޅިފައިވާ އިމުން ބޭރަށް ނުނިކުތުމަށް އަޅާނުފައި އިލްތިމާސްކުރެއްވިއެވެ. ތިމަ ތިމާމެންގެ ވާޖިބުތައް އަދާކުރުމުގައި ކުޑަކޮށްވެސް ފަރުވާކުޑަ ނުކުރުމަށް އެންގެވިއެވެ. އިމާމު ވިދާޅުވާގޮތުގައި އެންމެ މުހިންމުކަމަކީ އަމަން އަމާންކަން ޤާއިމްކުރުމެވެ. އަމަން އަމާންކަން ޤާއިމުވެގެން މެނުވީ އުޚުރަވީ ކާމިޔާބީ އެއްވެސް ޙާޞިލެއް ނުކުރެވޭނެއެވެ. އެހެންކަމުން އިމާމު އިބްނު ތައިމިއްޔާ ރައްޔިތުންނަށް އަމުރުކުރައްވަނީ އަމަން އަމާންކަމަށްޓަކައި ހުރިހައި ވައްތަރެއް ވެރީންނަށްވެސް ކިޔަމަންވެ ބޯލެނބުމަށެވެ. އެވެރިޔަކީ ޤާނޫނީ ހަމަތަކުގެ މަތިން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅެއްކަމުގައިވިޔަސް ޣައިރު ޤާނޫނީ ގޮތުން ވެރިކަން ހޯއްދެވި ބޭފުޅެއްކަމުގައިވިޔަސްވެހެވެ. މާތްﷲއަށް އުރެދެވޭކަމަކަށް ވެރިޔަކު އަމުރު ކުރައްވައިފިނަމަ އެއަމުރަކަށް ބޯލެނބުން ރައްޔިތުންގެ މައްޗަކަށް ވާޖިބެއްނޫނެވެ. އެހެންކަމުގައިވިޔަސް ބަޣާވާތްކުރާކަށެއް އިބްނު ތައިމިއްޔާ ހުއްދައެއް ނުދެއްވައެވެ. ވެރިންނަށް ކިޔަމަންވުމުގެ އިތުރަށް ވެރިންނަށް އިޚްލާޞްތެރިވެ ހެޔޮއެދޭން ޖެހޭނެ ކަމަށްވެސް އިބްނު ތައިމިއްޔާ ވިދާޅުވެއެވެ. އެކަމަކީ ދީނީ ވާޖިބެއްކަމުގައިވެސް ލިޔުއްވައެވެ. އިބްނު ތައިމިއްޔާ ލިޔުއްވައިފައިވެއެވެ. "އަހަރެމެންގެ މައްޗަށްވާ އިލާހީ ވާޖިބުތަކުގެ ތެރެއިން އެއްވާޖިބެއްކަމުގައި ދައުލަތުގެ ވެރިންނަށް ތާއީދުކޮށް ނަޞްރުދިނުން ހިމެނެއެވެ." އިމާމު އިބްނު ތައިމިއްޔާ އެކަމުގެ ދަލީލެއްކަމުގައި ހުށަހަޅުއްވަނީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅެކެވެ. އެޙަދީޘުފުޅުގައި، މާތްﷲގެ ރުހިވޮޑިގަތުން ތިންކަމެއްގެ މައްޗަށްވާކަމަށް އަންގަވައިފައިވެއެވެ. އޭގެތެރެއިން އެއްކަމެއްކަމުގައި އަންގަވައިފައިވެއެވެ. "ތިޔަބައިމީހުންގެ މައްޗަށް ވެރިކަން ކުރާވެރިންނަށް ހެޔޮއެދޭ ބަޔަކަށްވާށެވެ." އަނިޔާވެރި ވެރީންގެ ޙައްޤުތައް އަދާކުރުމަށްވެސް އިމާމު އިބްނު ތައިމިއްޔާ ރައްޔިތުންނަށް އަމުރުކުރައްވައެވެ. އެކަމުގައިވެސް އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއް ނަޤުލުކުރައްވައެވެ. "އެބައިމީހުންގެ ޙައްޤުތައް އަދާކުރާށެވެ. އެބައިމީހުން ރައްޔިތުންނާމެދު އަމަލުކޮށްފައިވާގޮތާމެދު ޚުދު މާތްﷲ އެބައިމިހުންގެ ކިބައިން ބަދަލު ހިއްޕަވާނެއެވެ." ވެރިން ރައްޔިތުންނަށް އަދާކުރާންޖެހޭ ޙައްޤެއްކަމުގައި އިމާމު އިބްނު ތައިމިއްޔާ ވިދާޅުވަނީ އަމާނާތްތައް އަދާކުރުމާއި ޢަދުލުވެރިކަން ޤާއިމުކުރުމެވެ. އިމާމު ހުށަހަޅުއްވަނީ ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތެވެ. "ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހްލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމް ކުރާނަމަ، ޢަދުލަށް ޙުކުމް ކުރުމަށްވެސް، އަމުރު ކުރައްވަތެވެ. ހަމަކަށަވަރުން، ﷲ އެކަމަކާމެދު، ތިޔަބައިމީހުންނަށް ވަޢުޡު އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ." (އައްނިސާއު: 58) އިމާމު ވިދާޅުވާގޮތުގައި މިއާޔަތުގައި އަންގަވައިފައިވަނީ ވެރިން ރައްޔިތުންނަށް އަދާކުރައްވާންޖެހޭ ވާޖިބުތަކެވެ. އަރަހުށި މާތްﷲ ރައްޔިތުންގެ ޖާނާއި މާލުގެ އަމާނަތްވެރިންނާ ވަނީ ޙަވާލުކުރައްވައިފައެވެ. އެހެންކަމުން އެއަމާނާތް ރައްޔިތުންނަށް އަދާކޮށްދެއްވުމަކީ ވެރީންގެމައްޗަށް ވާޖިބުކަމެކެވެ. ހަމައެއާއެކު މީސްތަކުންގެމެދުގައި އުފެދޭ ދެބަސްވުންތައް ހަމަޖައްސަވާއިރު ޢަދުލުވެރިކަމުގެ ދާވަނި އަތްޕުޅުން ދޫވިޔަނުދެއްވުމަށްވެސް ވެރީންނަށްވަނީ އަމުރުކުރައްވައިފައެވެ. ވިދިގެންއަންނަ އާޔަތުގައި ބަޔާންކުރައްވަނީ ރައްޔިތުންގެ ވާޖިބުތަކެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲ އަށް ކިޔަމަންވާށެވެ! އަދި، ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ! ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲއަށާއި، ރަސޫލާއަށް އެކަމެއް ހުށަހަޅާށެވެ! (އެބަހީ: އެކަމަކާމެދު ﷲ އާއި، އެކަލާނގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެގޮތަށް ޢަމަލު ކުރާށެވެ!) ތިޔަބައިމީހުން، ﷲ އަށާއި، އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ. އަދި، ނިމުމެއްގެގޮތުން ރީތިކަންވެސް ބޮޑުމެއެވެ." (އައްނިސާއު: 59) އިމާމު އިބްނު ތައިމިއްޔާ ވެރީންނަށާއި ރައްޔިތުންނަށް ޚާއްޞަގޮތެއްގައި މާލީ ޙައްޤުތައް އަދާކުރުމަށް ގޮވައިލައްވައެވެ. އިމާމު ވިދާޅުވެފައިވެއެވެ. " ސަރުކާރާއި ރައްޔިތުން އެއްބަޔަކު އަނެއްބަޔެއްގެ ޙައްޤުތައް އަދާކުރުމަކީ ވާޖިބެކެވެ. ރަސްގެފާނާއި ރަސްގެފާނުގެ ނާއިބު، މުސާރައާއި ޕެންޝަން ޙައްޤުވާ އެންމެންގެ މުސާރައާއި ޕެންޝަން އެބައިމީހުންނާ ޙަވާލުކުރައްވާންވާނެއެވެ. ހަމައެފަދައިން މާލިއްޔާގެ ވެރީންނާއި ޚަޒާންދާރުން ރަސްގެފާނަށް ޙައްޤުވާ އެއްޗެއް ކުޑަލާރިއެއްވެސް އުނިނުކޮށް ރަސްގެފާނަށް އަދާކުރައްވަންވާނެއެވެ. ރައްޔިތުންގެ ވާޖިބަކީ އެބައިމީހުންނަށް ޙައްޤުނުވާ އެއްވެސް އެއްޗަކަށް މާލިއްޔާގެ އޮފިސަރުންގެ އަރިހުންނޭދުމެވެ. އިމާމު ވިދާޅުވާގޮތުގައި ޙާކިމުންނާއި މަޙްކޫމުންގެ ތެރެއިން އެއްބަޔަކު އަނެއްބަޔެއްގެ ޙައްޤު ނިގުޅައިގެންފި ބަޔަކީ އަނިޔާވެރިންނެވެ. އިމާމު ލިޔުއްވައެވެ. "ވަރަށްގިނަ ފަހަރަށް ވެރީންނާއި ރައްޔިތުން އަނިޔާވެރިވެއެވެ. ވެރިން އެއެއްޗެއް ނެގުން އެބައިމީހުންނަށް ޙަލާލުނޫން އެއްޗެހިނަގައެވެ. ރައްޔިތުން އެއެއްޗެއް ވެރީންނަށް ދެއްކުން ވާޖިބު އެއްޗެހި ދައްކަން އިންކާރުކުރެއެވެ." ހަމައެކަނި މާލިއްޔަތާ ބެހޭ މައްސަލަތަކުގައެއްނޫނެވެ. ޖިނާއީ މުޢާމަލާތު ތަކުގައިވެސް ޙައްޤުތައް ގެއްލެމުންދެއެވެ. ރައްޔިތުންނަށް އަދަބުދެއްވުން ހުއްދަނޫން ކަންތައްތަކުގައި ވެރީން ބައެއްފަހަރަށް އަދަބުދެއްވައެވެ. ހަމައެފަދައިން އެއަދަބުތަކެއް ދެއްވުން ވާޖިބު އަދަބުތައް ބައެއްފަހަރަށް މާފުކުރައްވައެވެ." ރައްޔިތުންގެ ބޭނުންތަކާއި އެމީހުންގެ ޙާލަތުވެރީންނަށް އެނގިވަޑައިގަތުމަށްޓަކައި އިބްނު ތައިމިއްޔާ ހުށަހަޅުއްވައިފައިވަނީ ވެރީންނަށް އިލްތިމާސުކުރުމުގެ އުޞޫލެވެ. ވެރިންނާއި ރައްޔިތުންނާދެމެދު އޮންނާންވާނީ ހަމްދަރުދީގެ ގުޅުމެއްކަމަށް އިމާމުވިދާޅުވެއެވެ. އިބްނު ތައިމިއްޔާ ޙަވާލާދެއްވައިފައިވަނީ ނަބަވީއިރްޝާދުފުޅަކަށެވެ. ކައުސާހިބާ ޞައްލﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރައްވައިފައިވެއެވެ. "އަހުރެންނާހަމަޔަށް ތިމާމެންގެ ބޭނުންތައް ހުށަހެޅުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހުންގެ ބޭނުންތަކާއި އެދުންތައް އަހުރެންނާހަމަޔަށް ގެނެސްދޭށެވެ. ކުޅަދާނަކަންލިބިގެންނުވާމީހެއްގެ ބޭނުންތަކުގެ ވާހަކަ އަހަންނާހަމަޔަށް ގެނެސްދިންމީހަކު ﷲ ތަބާރަކަ ވަތަޢާލާ ޤިޔާމަތް ދުވަހުން ސިރާޠުމަގުގައި އެހެންމީހުން ދެއަތަށް އަރިއަޅަމުންދާއިރު ފައިތިލަ ސާބިތުކޮށްދެއްވާނެއެވެ." (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|