މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| (1)އައްޠުފައިލުބިން ޢަމްރުއްދައުސީ |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 29 އެޕރީލް 2009، 21:21 ބުދަ | |||
|
ޞަޙާބީ ބޭކަލުންގެ ތެރެއިން: ޝިފްޒާން އަޙްމަދު "اللهم اجعل له آية تعنيه على ما ينوي من الخير" މާނަ: "އޭﷲއެވެ. އޭނާ ނިޔަތްގަތް ހެޔޮކަންތައް ކުރުމަށް އެހީވެދޭނެ އާޔަތެއް މިންވަރުކުރައްވާނދޭވެ!" - ރަސޫލުﷲ ޠުފައިލުގެފާނަށްޓަކައި ކޮށްދެއްވި ދުޢާއެކެވެ. އައްޠުފައިލު ބިން ޢަމްރުއްދައުސީ އަކީ ޖާހިލިއްޔަ ޒަމާނުގައި ދައުސުވަންހައިގެ ސާހިބާއެވެ. އެކަލޭގެފާނަކީ ޢަރަބިންގެ މާތް ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ރަސޫލާގެ ކިބައިން ޙަދީޘްރިވާކުރެއްވި މާތް ޞަޙާބިއްޔަ ބޭކަލެއްވެސްމެއެވެ. އެކަލޭގެފާނުގެ ހަށިކޮޅުގައި ނަރަކައިގެ ކަންޏެއްވެސް ނުބީހޭނެއެވެ. އެކަލޭގެފާނު ބަނޑުހައިވެފައިވާ މީހާއަށް ކާންދެއްވައެވެ. އަދި ދަތި އުނދަގޫ ޖެހިފައިވާ މީހާގެ އުނދަގޫ ފިލުއްވައިދެއްވައެވެ. އަޖުރު ނުލިބިތިބޭ މީހުންނަށް އެމީހުންގެ ޙައްޤު ހޯދައިދެއްވައެވެ. އެއާއެކު އެކަލޭގފާނަކީ ކުޅަދާނަ ޅެންވެރިއެކެވެ. ވިސްނުންފުޅުތޫނު ބުއްދިވެރި އަދީބެކެވެ. ބަހުގެ އެހީގައި ޖާދޫގެ ސައިލުއުފައްދަވައެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުން ދޫކޮށް ތަހާމާގެ ބިމުން ނުކުމެވަޑައިގަތީ މައްކާ ގަސްތުކުރައްވައިގެނެވެ. އެއިރު ޤުރައިޝުންނާއި މާތް ނަބިއްޔާއާ މެދުގައި ހަމަނުޖެހުންވަނީ ޢާންމުވެފައެވެ. އަދި ކޮންމެ ފަރާތަކުންވެސް އެފަރާތަކަށް އެހީތެރިން މަދަދުވެރިން އިތުރުކުރަން އުޅެމުންދެއެވެ. ރަސޫލުﷲ އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ދުޢާދެންނެވުމުގައި ދެމިހުންނަވައެވެ. އެކަލާގެފާނުގެ ހަތިޔާރަކީ އީމާންތެރިކަމާއި ޙައްޤުމަގެވެ. ޤުރައިޝުން އެކަލޭގެފާނާ ހަގުރާމަކުރުމުގައި ހުރިހާ ބާވަތެއްގެ ހަތިޔާރު ބޭނުންކުރެއެވެ. އަދި އެކަލޭގެފާނާ މީސްތްކުން ދުރުކުރުމަށް ބުއްދިއަށް އައި ލޮލަށް ފެނުނު ކޮންމެ ވަސީލަތެއްގެ ބޭނުންކުރެއެވެ. މައްކާއަށް ވަޑައިގެންނެވުނު ހިނދު އަމިއްލަ ޤަސްތަކާނުލައި ޠުފައިލުގެފާނަށް މިހަނގުރާމައަށް ވަދެވަޑައިގަނެވުނެވެ. ތައްޔާރުވެވަޑައިގަތުމަކާނުލައެވެ. އެކަލޭގެފާނު މައްކާއަށް ވަޑައިގަތީ މިހަގުރާމަ ޤަސްތުކުރައްވައިގެނެއްނޫނެވެ. އޭގެ ކުރިން މުޙައްމަދުގެފާނާއި ޤުރައިޝުގެ ކަންތަކާ އެކަލޭގެފާނަކާ ބެހުމެއްނުވެއެވެ. އަދި އެކަމާމެދު ނުވެސް ވިސްނަވައެވެ. ޠުފައިލުގެފާނުގެ ދޫފުޅުން ކަންވީގޮތް ކިޔައިދެއްވައިފައިވެއެވެ. ހަދާންނައްތާލެވިގެންނުވާނެ ވާހަކައެކެވެ. އަޅުގަނޑުމެން މިވާހަކަ ޠުފައިލުގެފާނު ވިދާޅުވެދެއްވިގޮތަށް ކިޔައިލަމާތޯއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު މައްކާއަށް ފައިބައިވަޑައިގެންފީމުއެވެ. މައްކާގެ ބޮޑުން ތިމަންކަލޭގެފާނަށް ދީލަތި މަރުޙަބާއެއްކިއެވެ. އަދި އެމީހުންގެ މެދުން މަތިވެރި މަޤާމެއް ތިމަންކަލޭގެފާނަށް ފަހިކުޅައެވެ. އެއައްފަހު އެބައިމީހުންގެ ތެރެއިން ވެރިންނާ ބޮޑުން ތިމްނަކަލޭގެފާނު ގާތަށް ޖަމާވެއްޖައޫއެވެ. ބުނެފިއެވެ. ކަލޭގެފާނު މިރަށަށް ވަޑައިތިޔަގަތީ ނަބީކަމަށް ދަޢުވާކޮށްގެން އަހަރުމެންގެތެރޭގައި މިއުޅޭކަލޭގެ މިރަށް ފަސާދަކޮށްފައިވާ ވަޤުތެއްގައެވެ. އަދި އަހަރުމެންގެ އެއްބައިވަންތަކަން ކުދިކުދިވެފައިވާ ދަޑިވަޅެއްގައެވެ. ކަލޭގެފާނާއި ކަލޭގެފާނުގެ ޤައުމަށް އަހުރެމެންނާއި އަހަރުމެންގެ ޤައުމަށް ޖެހުނުކަންތައް ޖެހިދާނެތީ އަހަރުމެންވަރަށް ބިރުގަނެއެވެ. އެހެންވީމަ ކަލޭގަފާނު އޭނާއާ ވާހަކަނުދައްކަވާށެވެ. އަދި އޭނާ ދައްކާ ވާހަކަ އަޑުވެސް ނާއްސަވާށެވެ. އެކަލޭގެފާނުގެ ބަހަކީ ސިޙުރުފަދަ އެއްޗެކެވެ. އެބަސްތައް ދަރިންނާއި ބަފައިން ވަކިކުރެއެވެ. އެއްބަޑުއެއްބަފާ ދެބެއިން މެދުގައި ރުޅިވެރިކަން އުފަންކުރެއެވެ. އަދި އަނބިންނާއި ފިރިން ވަކިކުރުވައެވެ. ޠުފައިލުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނުގެ ހިތުގައި މުޙައްމަދުގެފާނާ މެދު ބިރުވެރިކަން އަށަގަންނަންދެން އެމީހުން އެކަލޭގެފާނުގެ ނުބައިވާހަކަދެއްކިއެވެ. އެކަލޭގެފާނުކުރައްވާ ޢަޖައިބުކުރަވަނިވި ކަންކަމުގެ ވާހަކައެވެ. އެކަލޭގެފާނުގެ ސުންޕާކަމުގެ ވާހަކައެވެ. އަދި ތިމަންކަލޭގެފާނު އެބުނާ މުޙައްމަދުގެފާނަކާ އަގައިން ނުބުނަން ނުވަތަ އޭނާގެ އަޑުނާހަން ނިންމީމެވެ. ހެދުނު ކަޢުބާއަށް ބުދުތަކަށް ޒިޔާރަތްކުރަން އަހުރެން ދިޔައީ ކަންފަތަށް ކަފަކޮއްޕައިގެނެވެ. މުޙައްމަދުގެފާނު ކިޔާއެއްޗެހި އަޑުއިވިދާނެތީއެވެ. އެހެންނަމަވެސް އަހުރެން މިސްކިތްތެރެއަށް ވަންއިރު އެކަލޭގެފާނަށް ނަމާދަށް ހުންނަވަނިކޮށް ފެނިއްޖެއެވެ. އެކަލޭގެފާނުގެ އަޅުކަން އަހުރެމެންގެ އަޅުކަމާ ތަފާތެވެ. އެކަލޭގެފާނުގެ އަޅުކަމުގެ ޙަރަކާތްތައްވެސް ވަރަށްތަފާތެވެ. އެކަލޭގެފާނު ފެނުމުން ހިތުގެތެރަށް ހައުއުފާވެރިކަން ވެރިވެއްޖެއެވެ. އަދި އެކަލޭގެފާނުގެ އަޅުކަން އަހުރެން އެކަލޭގފާނާމެދު ޝައުޤުވެރިކުރުވިއެވެ. އަހަރެންގެ ނަފުސު އެކަލޭގެފާނުގެ ކަންތަކަށް ލެބެންފެށިއެވެ. އަދި އަހުރެންގެ ޤަޞްދަކާ ނުލައި އެކަލޭގެފާނުގެ އަރިހަށް މަޑުމަޑުން ދެވިއްޖެއެވެ. ﷲގެ އިރާދަފުޅުން އަހަރެންގެ ކަންފަތަށް އެކަލޭގެފާނު ވިދާޅުވާ ބަސްފުޅުތައް ފޯރައިފިއެވެ. އެބަސްފުޅުތަކަކީ ރިވެތިވެގެންވާ ހެޔޮ ބަސްފުޅުތަކެކެވެ. އަހަންނަށް އެހިނދު ހިތާހިތާ ބުނެވުނެވެ. " އޭޠުފައިލެވެ. ކަލޭގެނުބައިކަމާއެވެ. ކަލެއަކީ ބުއްދިހުރި ޅެންވެރި މީހަކީމުއެވެ. ކަލެޔަށް ހެޔޮގޮތާ ނުބައިގޮތް އޮޅިގެންނުވާނެއެވެ. އެމީހާ ދައްކާ ވާހަކަ އަޑުއެހުން މަނާކުރަނީ ކޮންކަމެއްހެއްޔެވެ؟ އޭނާ ދައްކާވާހަކައަކީ ނުރަނގަޅު ވާހަކައެއްނަމަ އަޅައިނުލާނީއެވެ. ރަނގަޅު ވާހަކައެއްނަމަ އެވާހަކަ ޤަބޫލުކުރާނީއެވެ." ރަސޫލާ ނަމާދުކުރައްވައި އެކަމުން އަވަދިވެވަޑައިގެން ގަޑުވަރަށް ވަޑައިގެންނެވުމުން ފަހަތްޕުޅުން އެގަޑުވަރަށް ހިގައިޖައިމުއެވެ. އެކަލޭގެފާނު ވަދެވަޑައިގަތުމުން ގަޑުވަރުތެރަށް އަހުރެންވެސް ވަދެއްޖައީމުއެވެ. އަހުރެން އެކަލޭގެފާނަށް ދެންނެވީމުއެވެ. އޭމުޙައްމަދެވެ. ކަލޭގެފާނުގެ ޤައުމުގެ މީހުން ކަލޭގެފާނާ މެދު ޒާތް ޒާތުގެ ވާހަކަދައިފޫއެވެ. އަޅުގަނޑު ކަލޭގެފާނުގެ ބަސްފުޅުތައް އިވިދާނެތީ ބިރުން ކަންފަތަށް އުގުރި ކޮއްޕަންދެނެވެ. އެހެންނަމަވެސް ﷲގެ އިރާދަފުޅުގައިވާގޮތުގެ މަތިން ކަލޭގެފާނު ތިޔަވިދާޅުވާ އެއްޗަކުން މިންވަރެއް އަޑުއިވޭ ގޮތްވެއްޖެއެވެ. އެއިވުނުއެތިކޮޅު ރަނގަޅުކަމަށް ފެނެއެވެ. ކަލޭގެފާނުގެ ދީން އަޅުގަނޑަށް އަންގަވައިދެއްވަފާނަންތޯއެވެ؟ އެހިނދު އެކަލޭގެފާނު އިސްލާމްދީން ހުށަހަޅުއްވައިފިއެވެ. ދީންގެ ހަމަތައް ވިދާޅުވެދެއްވައިފިއެވެ. އެއަށްފަހު ސޫރަތުލް އިޚްލާޞްއާއި ފަލަޤު ސޫރަތް ކިޔަވާވިދާޅުވިއެވެ. ﷲ ހެކިކޮށް ބުނަމެވެ. އެއަށްވުރެ މާތް ހެޔޮ ބަސްތަކެއް ދުވަހަކުވެސް ނާހަމެވެ. އެކަލޭގެފާނުގެ ދީނަށްވުރެ ރަނގަޅު ހެޔޮ ދީނެއްވެސް އަހުރެންނުދަންނަމެވެ. އަހުރެން އެހިނދު އަތް ފަތުރައިލާ ޝަހާދަތުގެ ދެކަލިމަކިޔައި އިސްލާމްވެއްޖައިމުއެވެ. އަދިވެސް ޠުފައިލުގެފާނު ވިދާޅުވެއެވެ. އަހުރެން މައްކާގައި ދީން އުގެނުމަށް ދުވަސްކޮޅަކު މަޑުކޮއްލީމެވެ. ޤުރުއާނުން ދަސްކުރެވުނު މިންވަރެއް ދަސްކުރީމެވެ. އަދި އަހަރެންގެ އަބިދަރިން ގާތަށް އެބުރި ތަހާމާއަށް ދިއުމަށް ނިންމި ހިދުއަހަރެން ރަސުލާއަށް ދެންނެވީމެވެ. އޭމާތްﷲގެ ރަސޫލާއެވެ. އަޅުގަނޑަކީ އަޅުގަނޑުގެ ޤައުމުގެ މެދުގައި ބަސްވިކޭ އެމީހުން ކިޔަމަންވާ މީހަކީމެވެ. އަޅުގަނޑު އެބައިމީހުންގާތަށްގޮސް އިސްލާމްދީނަށް ގޮވައިލާނަމެވެ. އަޅުގަނޑުގެ މަސައްކަތުގައި އެހީތެރިވާނެ ޢަލާމަތެއް ދެއްވެވުން އެދި ކަލޭގެފާނުގެ ވެރި އިލާހުގެ ޙަޟުރަތުގައި ދަންނަވައިދެއްވުން އެދެމެވެ. އެހިދު އެކަލޭގެފާނު އެކަމަށް އެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި ދަންނަވައިފިއެވެ. އަހުރެންގެ ޤައުމުގެ މީހުންގެ ގާތަށް ދިޔައިރު އަހަރެން ނިތްކުރީގައި އަލިގަދަނޫރެއް އެބަހުއްޓެވެ. އެހިދު އަހަރެން ﷲއަށް ދެންނެވީމެވެ. އޭގަދަކީރިތިވަންތަ މާތްﷲއެވެ. އެނޫރު އަޅާގެ މޫނު ނޫންކޮންމެވެސް ތަނެއްގައި ލައްވައިފާންދެއެވެ. އެބައިމީހުން އެނޫރަކީ އެމީހުންގެ ދީން ދޫކުރުމުން އަޅާއަށް ޖެހުނު ކަމެއްކަމުގައި ހީކޮށްފާނެތީ ބިރުވެތިވަމެވެ. އެހިދު އެނޫރު އަހުރެންގެ ހަށިގަނޑުގެ އެހެންދިމާލަކަށް ބަދަލުވެއްޖެއެވެ. އަހުރެން ޘަނިއްޔާއޭ ކިޔުނު މަގުން ގޮސް އެބައިމީހުންގެ ތެރެއަށް ފޭބުމުން އަހުރެންނާ ބައްދަލުކުރަން އަހުރެންގެ ބައްޕަ އަތުވެއްޖެއެވެ. ބައްޕައަކީ ޢުމުރުން ދުވަސްވެފައިވާ ޝައިޚެކެވެ. އަހަރެން ބައްޕައަށް ބުނީމެވެ. ބައްޕާއެވެ. އަދަށްފަހުގައި މަށަކާ ބައްޕައަކާ ގުޅުމެއްނޯންނާނެއެވެ. ބައްޕަ ސުއާލުކޮއްފިއެވެ. ދަރިފުޅާ އެއީ ކިއެއްވެގެން ހެއްޔެވެ؟ އަހުރެން ބުނީމެވެ. އަހުރެން އިސްލާމްދީން ޤަބޫލުކޮށް މުޙައްމަދުގެފާނާ ތަބާވެއްޖައީމެވެ. ބައްޕަ އެހިދު ޖަވާބުގައި ބުންޏެވެ. ދަރިފުޅުގެ ދީނަކީ މިބައްޕަގެ ދީނެވެ. އެހިދު ބައްޕަގާތު ގައިން ތާހިރުވުމަށާއި އަންނައުނު ތާހިރުކުރަމަށް އެދިއްޖައީމުއެވެ. ބައްޕައެކަން އެގޮތަށް ކޮއްފިއެވެ. އެހައިރުން ބައްޕައަށް ދީން ހުށަހަޅައިފީމުއެވެ. ބައްޕަ އިސްލާމްދީން ޤަބޫލުކޮށްފިއެވެ. އެއަށްފަހު އަހަރެންގެ އަންހެނުންނާ ބައްދަލުވުމުން އަހުރެން ބުނެފީމުއެވެ. ކަބުލޭގެއަކާ މަށަކާ ގުޅުމެއްނުއޮންނާނެއެވެ. އެހިދު އޭނާ ވަރަށް ހިތާމަކޮށް ބުނެފިއެވެ. އަހުރެން ބައްޕައާއި މަންމަ މެދުވެރިކޮށް އަހަމެވެ. ފަހެ ކިހިނެއްވީހެއްޔެވެ. އަހުރެން ބުނެފީމުއެވެ. އަހަރުމެން ދެމީހުން އިސްލާމްދީނުގެ ސަބަބުން ވަކިވީއެވެ. (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|