މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މައި ޒިޔާދާ |
|
|
| ޝަޚްޞިއްޔަތު - ޚާއްޞަ | |||
| 29 ޖޫން 2009، 23:16 ހޯމަ | |||
|
ޢަބްދުލްމުޢީދު ޙަސަން މައި ޒިޔާދާއަކީ، ޢަރަބީންގެ އެންމެ މޮޅު ޝާޢިރުންގެ ތެރެއިން ޝާޢިރާއެކެވެ. އަދި އަދަބިއްޔާތުގެ މައިދާނުގައި ގަލަންކޮޅު ހިންގަވާލެއްވި ފުންނާބު އުސް އަދީބާއެކެވެ. އޭނާގެ އަޞްލު ނަންފުޅަކީ، މާރީ އިލްޔާސް ޒިޔާދާ އެވެ. އޭނާ މަޝްހޫރުވެފައިވަނީ، މައި ގެ ނަމުންނެވެ. ޢަރަބި ބަހުގެ އިތުރުން ފަސް ބަސް އޭނާ ދެނެވަޑައިގަންނަވައެވެ.މައި ޒިޔާދާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ފަލަސްޠީނުގެ އައްނާޞިރާ ނަމަކަށް ކިޔުނު ރަށުގައެވެ. ޞައްޙަ ރައުޔުތައް ބުނާ ގޮތުގައި އޭނާގެ އުފަން އަހަރަކީ، ހިޖުރައިން 1304 ވަނަ އަހަރެވެ. އެއީ، މީލާދީން 1886 ވަނަ އަހަރެވެ. މައިޒިޔާދާގެ ބައްޕައަކީ، ލުބުނާނު ރައްޔިތެކެވެ. މަންމައަކީ ފަލަސްޠީނު ރައްޔިތެކެވެ. ޢުމުރުން ސާދަ އަހަރުފުރި، ސާނަވީ ތަޢުލީމު ނިމިއްޖައުމަށްދާންދެން، މައި ދިރިއުޅުއްވީ ނާޞިރާގައެވެ. އެއަށްފަހު، ލުބުނާނުގެ "ޢައިން ޠޫބާ" ގައި ވާ ދީނީ ސްކޫލަކުން ކިޔަވާވިދާޅުވަން ފެށްޓެވިއެވެ. އެ ސްކޫލުގައި މައި ފާހަގަކުރެވުނީ، އެކަނިމާއެކަނި އެތައް އިރެއް ވަންދެން ފޮތް ކިޔަން އިންނަ ތޫނުފިލި ދަރިވަރެއްގެ ގޮތުގައެވެ. އެ ސްކޫލްގައި، ކިޔަވާވިދާޅުވަން އުޅުއްވި ދުވަސްވަރު، އިނގިރޭސި ބަހާއި ފަރަންސޭސި ބަސް، އޭނާ ފެންފަދަކުރެއްވިއެވެ. އެކަމުގެ ސަބަބުން، ހުޅަނގުގެ އެންމެ މޮޅު އަދަބިއްޔާތަށް މައިގެ ލޯ ހުޅުވުނެވެ. މީލާދީން 1911 ވަނަ އަހަރު، މައި، އޭނާގެ ބައްޕައާއެކު، މިޞްރުގެ ޤާހިރާއަށް ހިޖުރަކުރެއްވިއެވެ. ޤާހިރާގައި މައިގެ ބައްޕަ، ނޫހެއް ނެރުއްވަން ފެށްޓެވިއެވެ. އެ ނޫހުގެ ނަމަކީ، "އަލްމަޙުރޫސާ" އެވެ. އެ ނޫހުގެ ޞަފުޙާތަކުގައި އަދަބީ މަޒުމޫނުތައް މައި، ލިޔުއްވަމުން ގެންދެވިއެވެ. އެދުވަސްވަރު، ޢަރަބި ބަހުގެ އަދަބިއްޔާތު ދިރާސާކުރައްވަން އޭނާ ފެށްޓެވިއެވެ. އަދި ބޭރު ބަސްބަހުން ލިޔެވިފައިވާ އަދަބިއްޔާތުގެ މޮޅު ފޮތްތައް ޢަރަބި ބަހަށް ތަރުޖަމާ ކުރައްވަން ފެށްޓެވިއެވެ. އެކަމުގެ ސަބަބުން، މިޞްރުގެ އަދީބުންގެ މެދުގައި ދެވަނައެއް ނެތް ޝުހުރަތެއް އޭނާއަށް ލިބިވަޑައިގަތެވެ. 1914 ވަނަ އަހަރު، މައި، އޭނާގެ އަދަބީ ދަރުބާރު ހުޅުވާލެއްވިއެވެ. އެ ދަރުބާރު ވެގެން ދިޔައީ، މިޞްރުގެ އެންމެ މަޝްހޫރު އަދަބީ ދަރުބާރު ކަމުގައެވެ. އެ ދަރުބާރަށް، މިޞްރުގެ އެންމެ ފުންނާބު އުސް އަދީބުން ޒިޔާރަތްކުރައްވައެވެ. އޭގެ ތެރޭގައި އަޙުމަދު ލުޠުފީ އައްސައްޔިދާއި މުޞްޠަފާ ޞާދިޤު އައްރާފިޢީ އާއި ޢައްޤާދާއި ހައިކަލާއި ޠާހާ ޙުސައިނާއި އަންޠޫނުލް ޖަމީލާއި މުޞްޠަފާ ޢަބްދުއްރައްޒާޤު ހިމެނިވަޑައިގެންނެވިއެވެ. މައި ޒިޔާދާއަކީ، ކުޅަދާނަ މުޤައްރިރެކެވެ. ޙަފުލާތަކާއި ނާދީތަކުގައި އޭނާގެ އަސަރުގަދަ ތަޤުރީރުތަކަށް ފެންބޮވައިގެންފައިވާ އެހުންތެރިން ވެއެވެ. އޭނާއަކީ މުޅި ޢަރަބި ދުނިޔޭގައި އުފެދުނު އެންމެ ކުޅަދާނަ، އެންމެ މޮޅު އަންހެން މުޤައްރިރެވެ. އޭނާގެ ބަލާޣާތްތެރިކަމާއި ފަޞާޙަތްތެރިކަމަށް އެހުންތެރިންގެ ހިތްތައް ލެނބެއެވެ. މައި ޒިޔާދާ، އޭނާގެ ޙަޔާތުގައި 13 ފޮތް ނެރުއްވިއެވެ. ފުރަތަމަ ފޮތަކީ، ފަރަންސޭސި ބަހުން ލިޔުއްވި، "ހުވަފެނެއްގެ މާތައް" އެވެ. އެ ފޮތް ނެރުއްވީ، 1911 ވަނަ އަހަރުއެވެ. 1929 ވަނަ އަހަރު ބައްޕަ ނިޔާވުމުން މައި ޒިޔާދާ އަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އެއަށްފަހު، ގައި އޭނާގެ މަންމަ ނިޔާވިއެވެ. ދެން އޭނާގެ ލޯބިވެރިޔާ ... ވެސް ނިޔާވިކަމަށް ބުނެވެއެވެ. އެއަށްފަހު، އޭނާގެ ގާތްތިމާގެ މީހުން އޭނާއަށް އިހާނެތިކޮށް ހިތިއެވެ. އޭނާއަކީ މޮޔައެއް ކަމަށް ބުނެ، ލުބްނާންގެ ޢުޞްފޫރިއްޔާގައިވާ މޮޔައިންގެ ހަސްފަތާލެއްގައި އޭނާ ހައްޔަރުކުރީ އޭނާގެ ތިމާގެ މީހުންނެވެ. އެކަން ހިނގީ، 1936 ގައެވެ. ދެން އެތަނުގައި އޭނާ ވަރަށް ގިނަ ވޭނާއި ކެކުޅުން ތަޙައްމަލުކުރަން ޖެހުނެވެ. އެއަށްފަހު، އޭނާ އެތަނުން ސަލާމަތްކުރީ، އޭނާގެ ރަޙުމަތްތެރި ލިޔުންތެރިންނާއި އަދީބުންނެވެ. އެތަނުން ސަލާމަތްވުމުން، 1939 ވަނަ އަހަރު އަނެއްކާވެސް އޭނާ ޤާހިރާއަށް ދަތުރުކުރެއްވިއެވެ. 19 އޮކްޓޫބަރ 1941 ގައި، މައި ޒިޔާދާ، ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، ޤާހިރާގައެވެ. އޭނާ މިދުނިޔެއާ ވަކިވެ ދިއުމުން ޤާހިރާގެ އަދީބުންނާއި ޝާޢިރުންނާއި ކަރުނައަޅައި ހިތާމަކުރިއެވެ. މާތްﷲ މައި ޒިޔާދާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ! އާމީން!
|
| ހަމަ މި ގަލަމުން |
|---|