މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އަންހެނުން ފިރިހެނުންނަށް ބަދަލުކުރުން |
|
|
| ދީން - ޤުރުއާނާއި ސައިންސް | |||
| 09 މާރޗް 2010، 10:46 އަންގާރަ | |||
|
ޢަބްދުއްދާއިމް އަލްކަޙީލު ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން މާތް ﷲ، އިބްލީސް ސުވަރުގެއިން ނެރެލެއްވީއްސުރެ، އޭނާ ވަނީ އިންސާނުންގެ ޢަދާވާތްތެރިއެއް ކަމުގައި ވެފަ އެވެ. އަދި އިންސާނުންނަށް ވަސްވާސްދީ، މަގުފުރައްދައި، މާތް ﷲ ގެ ޚަލްޤުތަކުންގެ ސިފަ ބަދަލުކުރާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. މިވާހަކަ، އައްނިސާ ސޫރަތުގެ 119 ވަނަ އާޔަތުގައި ބަޔާންކުރައްވާފައި ވެ އެވެ. (وَلأُضِلَّنَّهُمْ وَلأُمَنِّيَنَّهُمْ وَلآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الأَنْعَامِ وَلآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ وَمَن يَتَّخِذِ الشَّيْطَانَ وَلِيًّا مِّن دُونِ اللَّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا) މާނައީ، "އަދި، ތިމަން ހަމަކަށަވަރުން، އެއުރެން މަގުފުރައްދާހުށީމެވެ. އަދި، ތިމަން އެއުރެން ލައްވައި، ޙަޤީޤަތެއްނެތް އުންމީދުތަކެއް ވެސް ކުރުވާހުށީމެވެ. އަދި، ގެރި، ބަކަރި، ޖަމަލުގެ ކަންފަތްތައް ކެނޑުމަށް ވެސް އެއުރެންނަށް ތިމަން އަމުރުކުރާހުށީމެވެ. އަދި، ﷲ ގެ ދީން (ނުވަތަ ﷲ ހެއްދެވި ހެއްދެވުން) ބަދަލުކުރުމަށް ވެސް ތިމަން އަމުރުކުރާހުށީމެވެ. ﷲ ފިޔަވައި ޝައިޠާނާ އެއީ އެހީތެރިޔަކު ކަމުގައި ހަދައިފި މީހާ (ދަންނާށެވެ!) ފަހެ، ބަޔާންވެގެންވާ ގެއްލެނިވުމަކުން އެމީހާ ގެއްލެނިވެއްޖެކަން ކަށަވަރެވެ." މަޚުލޫޤުންގެ ސިފަ ބަދަލުކުރުމަކީ، މިޒަމާނުގެ ޢުލޫމުގެ ގޮތްޕެއް ކަމުގައި ވެއްޖެ އެވެ. މިއީ ވަރަށް ވެސް ހިތާމަހުރި ކަމެކެވެ. ޢުލޫމުގެ މި ގޮތްޕަށް ޚާއްޞަ ދިރާސާތަކާއި ލެބްތައް ވެސް ވެ އެވެ. މި މައިދާނުގައި ކުރެވޭ މަސައްކަތްތަކުގައި ފައިދާއެއް ނެތެވެ. އެއީ ބިމުގައި ކުރެވޭ ފަސާދައެކެވެ. އިބްލީހުގެ ގޮވާލުމަށް ދެވޭ އިޖާބައެކެވެ. މި މައިދާނުގައި އެންމެ ފަހުން ފާޅުވި ކަމަކީ، އަންހެނުން، ފިރިހެނުންނަށް ބަދަލުކުރުމެވެ. ޖިންސު ކަނޑައަޅާ ޖީންތައް މަސައްކަތްކުރާ ގޮތް ހޯދިއްޖެ ކަމަށް ބުނާ މަޒުމޫނެއް، ސީއެންއެން ގެ ވެބްސައިޓުގައި ޝާއިޢުކުރެވުނެވެ. އެކަން ހޯދީ ޖަރުމަނުވިލާތުގެ ސައިންޓިފިކް ދިރާސާކުރާ ޓީމަކުން ކަމަށް އެ މަޒުމޫނުގައި ވެ އެވެ. އެކަން ހޯދުނީ، އަންހެނުންގެ އޯވަރީގެ ޖީންތައް ދިރާސާކޮށްގެންނެވެ. (Fox12) ނަމަކަށް ކިޔޭ އެ ޖީންތައް ނައްތާލައިގެން، އޯވަރީގެ ސެލްތައް، ފިރިހެން ސެލްތަކަކަށް ބަދަލުކުރެވިދާނެ އެވެ. މިކަން ހޯދި ޓީމުން ބުނެފައިވަނީ، އަންހެން ޖިންސާއި ފިރިހެން ޖިންސުގެ ދެމެދުގައިވާ ތަފާތުތަކަކީ، ޖީންތަކުގެ އިމުގެ ތެރޭގައި ނަމަ، ވަރަށް ކުދިކުދި ތަފާތުތަކެކެވެ. ދިރޭ އެއްޗެއްގެ ޖިންސު ބަދަލުކުރުމަކީ ސައިންޓިސްޓުންނަށް މިހާރު ކުރެވިދާނެ ކަމެކެވެ. އަންހެން މަޚުލޫޤެއްގެ ޖީންތައް ބަދަލުކޮށްގެން އޭގެ އޯވަރީގައިވާ ސެލްތައް، ފިރިހެން ސެލްތަކަކަށް ބަދަލުކުރެވިދާނެ އެވެ. މި ހޯދުމުގެ ސަބަބުން، ދެޖިންސު ވަކިކޮށްދޭ މަފުހޫމުތައް އެކޮޅުކޮޅުން ޖެހޭނެ ކަމަށް ބެލެވެ އެވެ. އެހެނީ، ޢުމުރުން ދުވަސްވެފައިވާ މީހުންނާއި އެހެނިހެން މަޚުލޫޤުންގެ ޖިންސް ބަދަލުކުރުމުގެ ކުޅަދާނަކަން ވެސް މިހޯދުންތަކުން ވަނީ ލިބިފަ އެވެ. މިހާރު ސައިންޓިސްޓުން ކުރައްވަމުން ގެންދަވަނީ، އަންހެނަކު ފިރިހެނަކަށް ބަދަލުކުރުމަށްފަހު، އަނެއްކާ އޭނާ އަންހެނަކަށް ބަދަލުކުރުމާ ބެހޭ ދިރާސާތަކެވެ. ސައިންޓިސްޓުން މިކަން ކުރެވިދާނެތޯ ބައްލަވަމުން ގެންދަވަނީ، ޖީންތަކަށް ބަދަލު ގެނެސްގެންނެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ނިކަން ދެކިވަޑައިގެން ބައްލަވާށެވެ! ސައިންސްގެ މައިދާނުގައި މަސައްކަތްކުރެވެމުން އެދަނީ، އަންހެނަކު ފިރިހެނަކަށް ބަދަލުކުރުމަށެވެ. އަދި ފިރިހެނަކު އަންހެނަކަށް ބަދަލުކުރުމަށެވެ. އެެކަން ކުރަން އުޅޭ ބަޔަކު އެވަނީ، އިބްލީހުގެ ވަސްވާހަށް ހެއްލިފަ އެވެ. އެބައިމީހުން ބޮޑެތި ހޭދަތައް ކުރަމުން އެގެންދަނީ، މާތް ﷲ ހައްދަވާފައިވާ މަޚުލޫޤުންގެ ސިފަ ބަދަލުކުރުމަށެވެ. އެތަކެތީގެ ޖިންސު ބަދަލުކުރުމަށެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެ އެވެ. (يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَى) އަލްޙުޖުރާތު: 13މާނައީ، "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމުގެފާނާއި ޙައްވާގެފާނުގެ ކިބައިންނެވެ.)" ކީރިތި ޤުރުއާން ބާވައިލެއްވި ޒަމާނުގައި ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) މަސައްކަތްކުރައްވަމުން ގެންދެވީ މާތް ﷲ ގެ ދީނަށް ގޮވާލެއްވުމަށެވެ. މީސްތަކުންނަށް ތެދުމަގު ދެއްކެވުމަށެވެ. ހިލައާއި ބުދުތަކަށް އަޅުކަން ކުރުމުން މީސްތަކުން އެއްކިބާ ކުރެއްވުމަށެވެ. މަކާރިމުލް އަޚުލާޤުގެ ރިވެތި ސިފަތައް އުނގަންނަވައި ދެއްވުމަށެވެ. ފަހު ޒަމާނުގައި މީސްތަކުން ކުރާނެ ހުރިހައި ކަމެއް ބަޔާންކޮށްދެއްވުމަކީ އެކަލޭގެފާނާ ޙަވާލުކުރެއްވިފައިވާ ކަމެއް ނޫނެވެ. މި މަޒުމޫނުގައި އިސްވެ ބަޔާންކުރެވުނު އާޔަތުގައި އެވަނީ، ފަހު ޒަމާނުގައި މީސްތަކުން ކުރާނެ ފަސާދައިގެ ވާހަކަ އެވެ. ކީރިތި ޤުރުއާނަކީ، މާތް ﷲ ގެ ކަލާމްފުޅުކަމުގެ އަލިގަދަ ދަލީލަކަށް އެ އާޔަތް ފުދެ އެވެ. އެ އާޔަތުގައި އެވަނީ، އަޅުގަނޑުމެން މުސްލިމުން، އިބްލީހުގެ ވަސްވާހަށް ހެއްލި، މާތް ﷲ ގެ ޚަލްޤުތަކުންގެ ސިފަ ބަދަލުނުކުރުމަށް ދެއްވާފައިވާ އިންޒާރެކެވެ. އެ އާޔަތަކީ، އަޅުގަނޑުމެންގެ އީމާންކަން ވަރުގަދަކޮށްދޭ ވަސީލަތެއް ކަމުގައްޔާއި، ހަދަމާތޯ އެވެ. އިބްލީހުގެ ވަސްވާސްތަކަށް ހެއްލި، އިބްލީހުގެ ފިޔަވަޅުތަކުގެ މަތީގައި އޭނާގެ ފަހަތުން ނުދިއުމަށް މާތް ﷲ ވަނީ އަޅުގަނޑުމެންނަށް އަންގަވާފަ އެވެ. އައްނިސާ ސޫރަތުގެ 119 ވަނަ އާޔަތާއި 120 ވަނަ އާޔަތުގައި ވެ އެވެ. (وَمَنْ يَتَّخِذِ الشَّيْطَانَ وَلِيًّا مِنْ دُونِ اللَّهِ فَقَدْ خَسِرَ خُسْرَانًا مُبِينًا، يَعِدُهُمْ وَيُمَنِّيهِمْ وَمَا يَعِدُهُمُ الشَّيْطَانُ إِلَّا غُرُورًا) އައްނިސާ: 119، 120މާނައީ، "ﷲ ފިޔަވައި ޝައިޠާނާ އެއީ އެހީތެރިޔަކު ކަމުގައި ހަދައިފި މީހާ (ދަންނާށެވެ!) ފަހެ، ބަޔާންވެގެންވާ ގެއްލެނިވުމަކުން އެމީހާ ގެއްލެނިވެއްޖެކަން ކަށަވަރެވެ. ޝައިޠާނާ އެއުރެންނަށް ވަޢުދުކުރެތެވެ. އަދި، އެއުރެން ލައްވައި ބާޠިލު އުންމީދު ކުރުވަތެވެ. އަދި، ހެއްލުންތެރިކަން މެނުވީ ޝައިޠާނާ އެއުރެންނަކަށް ވަޢުދެއް ނުކުރެތެވެ." މަޞްދަރު: އަލްކަޙީލުގެ ވެބްސައިޓު. (އާޔަތްތަކައި އޭގެ މާނަ: ކީރިތި ޤުރުއާނާއި، ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާއިން) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]() ޚިޔާލު ހުށަހަޅާ
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |