މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ލޯބިވާ ދަރިފުޅަށް (1) |
|
|
| ދީން - ޢަޤީދާ | |||
| 23 އޮގަސްޓް 2009، 15:11 އާދީއްތަ | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން ޢާލަމްތަކުގެ ވެރި މާތްﷲގެ ޙަޟްރަތަށް ޙަމްދު ހުއްޓެވެ. އެކަލާނގެ ރަސޫލާ މުޙައްމަދުގެފާނުގެ މައްޗަށް އެކަލާނގެ ޞަލަޥާތާއި ސަލާމް ލައްވާށިއެވެ! އާޚިރަތުގައި ކާމިޔާބާއި ނަސީބު ލިބުންހުރީ ތަޤްޥާވެރިންނަށެވެ.ތަޢުލީމަށް ލޯބިކުރި ތޫނުފިލި ދަރިވަރަކު އޭނާގެ އުސްތާޛުގެ އަރިހުގައި ޚިދުމަތްކުރަން އުޅުނެއެވެ. އެ އުސްތާޛަކީ، އައްޝައިޚު އަލްއިމާމް އަބޫ ޙާމިދު މުޙައްމަދު ބިން މުޙައްމަދު އަލްޣަޒާލީ އެވެ. އެކަލޭގެފާނަށް "އިސްލާމްދީނުގެ ޙުއްޖަތް" މި ލަޤަބު ދެވިފައިވެއެވެ. އިސްލާމް ދީނަކީ ސާފު ސީދާ ރިވެތި ދީނެއްގެ ގޮތުގައި ބަޔާންކުރެއްވުމަށް، އެކަލޭގެފާނު މަސައްކަތްޕުޅު ކުރެއްވިއެވެ. މާތްﷲ އެކަލޭގެފާނުގެ ފުރާނަފުޅަށް ރަޙުމަތް ލައްވާށިއެވެ! އާމީން. އެކަލޭގެފާނުގެ އަރިހުން އެ ދަރިވަރު، ތަޢުލީމު ޙާޞިލުކުރަމުން ގެންދިޔައެވެ. އެގޮތުގައި މަސައްކަތްކޮށް އެކަލޭގެފާނުގެ އަރިހުން ލިބެންހުރި ހުރިހައި ޢިލްމެއް ޙާޞިލުކުރިއެވެ. އެއަށްފަހު، އެއްދުވަހަކު އޭނާގެ އަމިއްލަ ނަފުސުގެ ޙާލާމެދު ވިސްނައި ފިކުރުކުރިއެވެ. އެދުވަހު އޭނާގެ ހިތަށް އެރިއެވެ. ތިމަންނަ އެތައް ބާވަތެއްގެ ޢިލްމެއް ޙާޞިލުކޮށްފީމެވެ. އެ ޢިލްމުތައް އުނގެނި އަދި އެ ޢިލްމުތައް ޖަމާކުރުމުގައި ޒުވާން ޢުމުރު ހޭދަކޮށްފީމެވެ. ފަހެ، ތިމަންނާގެ އަމިއްލަ ނަފުސަށް، މާދަމާ ފައިދާކުރާނީ އޭގެ ތެރެއިން ކޮން ޢިލްމަކުންކަން މިހާރު ދެނެގަންނަން ވެއްޖެއެވެ. ތިމަންނަ ކަށްވަޅުގައި އޮންނަ އިރު، ތިމަންނަގެ މުނިފޫހި ފިލުވާދޭނީ އޭގެ ތެރެއިން ކޮން ޢިލްމަކުން ބާވައެވެ؟ އޭގެ ތެރެއިން ތިމަންނާއަށް ފައިދާ ނުކުރާނީ ކޮން ޢިލްމަކުން ބާވައެވެ؟ މިކަން ބަލައި، ފައިދާ ނުކުރާނޭ ތަކެތި ދޫކޮށްލަން އެބަޖެހެ އެވެ. މިހެނީ ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައި ވެއެވެ. (اللَّهُمَّ إِنِّي أَعُوذ ُ بِكَ مِنْ عِلْمٍ لاَ يَنْفَعُ) މާނައީ، "ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! މަންފާއެއްނެތް ޢިލްމަކުން ސަލާމަތްކޮށްދެއްވުން އެދި އިނބަރަސްކަލާނގެ ޙަޟްރަތުގައި ތިމަންކަލޭގެފާނު ދަންނަވަމެވެ." ދެންފަހެ، އެ ދަރިވަރު މިކަމާމެދު އެތައް ދުވަހެއް ވަންދެން ވިސްނައި ފިކުރުކުރުމަށްފަހު، އޭނާގެ އުސްތާޛު އަލްއިމާމު މުޙައްމަދު ޣަޒާލީގެ އަރިހަށް ސިޓީއެއް ލިއުނެވެ. އެސިޓީގައި މައްސަލަތަކެއް ހުށަހަޅައި އެޔާމެދު ޖަވާބެއް ދެއްވުމަށާއި، އަދި އޭނާއަށް ނަސޭހަތެއް ދެއްވުމަށް ވެސް ދެންނެވިއެވެ. އޭނާ ދެންނެވި އެވެ. ތިމަން މި ހުށަހެޅު މައްސަލަތަކުގެ ޖަވާބު، ކަލޭގެފާނު ލިޔުއްވާފައިވާ ފޮތްފޮތުގެ ތެރެއިން، އިޙުޔާއު ޢުލޫމުއްދީނާއި އެފަދަ އެހެނިހެން ފޮތްފޮތުގައި ވެ އެވެ. ނަމަވެސް ތިމަން ބޭނުންވީ، މިހުރިހާ މައްސަލަތަކުގެ ޖަވާބު، ކަރުދާސްތަކެއްގައި ލިއުއްވާފައި، ކަލޭގެފާނު ތިމަންނާއަށް ދެއްވުމެވެ. މުޅި ޢުމުރުގައި އެކަރުދާސްތައް ތިމަންނާގެ އަތުގައި ހުރެގެން، މާތް ﷲ ގެ ވާގިފުޅާއެކު، އޭގައިވާ ގޮތަށް ޢުމުރުން ބާކީއޮތް މުއްދަތު ހޭދަކުރުމަށްޓަކަ އެވެ. އިމާމު ޣަޒާލީއަށް މި ސިޓީ ލިބިވަޑައިގަތުމުން، އެކަލޭގެފާނު ލިޔުއްވި ޖަވާބުގައި ވެ އެވެ. بِسْمِ اللهِ الرَّحْمَنِ الرَّحِيْم ލޮބުވެތި ޢިއްޒަތްތެރި ދަރިފުޅާއެވެ! މާތްﷲ ގެ ޙަޟްރަތަށް ކިޔަމަންތެރި އަޅެއްގެ ގޮތުގައި އެކަލާނގެ ތިބާ ލަހައްޓަވާށިއެވެ! އަދި އެކަލާނގެ ލޮބުވެތި އަޅުންގެ މަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު ތިބާއަށް ދެއްވާށި އެވެ! އެންމެ ހެޔޮ ނަޞީޙަތް ވަނީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ތަބްލީޣުކުރެއްވި ރިސާލަތުން މި އުންމަތަށް ލިބިފަ އެވެ. އިތުރު އެކަލޭގެފާނުގެ ނަޞީޙަތްޕުޅުތައް ތިބާއަށް ވާޞިލުވެފައިވާނަމަ، ތިމަން އުސްތާޛުގެ ނަޞީޙަތުން ތިބާއަށް އޮތީ ކޮން މުހުތާދެއް ހެއްޔެވެ؟ އެ ނަސޭހަތްޕުޅުތައް ތިބާއަށް ވާޞިލުވެފައިނުވާނަމަ، ފާއިތުވެގެންދިޔަ ދިގު މުއްދަތުގައި ތިބާއަށް ޙާޞިލުކުރެވުނީ، ކޮން އެއްޗެއްހެއްޔެވެ؟ ލޮބުވެތި ދަރިފުޅާއެވެ! ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) މިއުންމަތަށް ދެއްވި ނަޞީޙަތްޕުޅުތައް ޖުމްލަކޮށް ބުނާނަމަ ބުނެވޭނީ، އިތުރުއެކަލޭގެފާނުގެ މި ބަސްފުޅެވެ. ''އަޅަކާމެދު މާތްﷲ ރުހިވޮޑިނުގަންނަވާ ކަމުގެ ޢަލާމާތަކީ، އެ އަޅަކު އޭނާއާ ނުބެހޭ ކަންތައްތަކާ ބެހި އުޅުމެވެ. އަދި މީހެއްގެ ޢުމުރުން ސާޢަތެއް، އޭނާ އެކަމެއް ކުރުމަށް ޚަލްޤުކުރެއްވުނު އަޅުކަން ކުރުން ފިޔަވައި އެހެން ކަމެއްގައި ހޭދަކޮށްފިނަމަ، އޭނާ ހިތާމަކުރަންޖެހޭ މުއްދަތު ދިގުވެގެން ދިއުން އައުލާކަން ބޮޑެވެ. އަދި އެމީހެއްގެ ޢުމުރުން ސާޅީސް އަހަރު ފަހަނައަޅައި ދާއިރު، އެމީހެއްގެ ކިބައިގައިވާ ނުބައިކަމުގެ މައްޗަށް ހެޔޮކަން އިސްނުކުރެވިއްޖެނަމަ، ނަރަކައަށް ދިއުމަށް އެމީހަކު ތައްޔާރުވާންވީއެވެ." ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައި ވެއެވެ. (مِنْ حُسْنِ إسْلاَمِ الْمَرْءِ تَرْكُهُ مَالاَ يعْنِيْهِ) މާނައީ، "ތިމާއާ ނުބެހޭ ކަންކަމާ ނުބެހުމަކީ، މީހާގެ އިސްލާމްކަމުގެ ރިވެތިކަމުގެ ތެރެއިން ވާ ކަމެކެވެ." ނަޞީޙަތުގެ މިބަސްފުޅު އެކަނި ވެސް، ޢިލްމުގެ އަހުލުވެރިންނަށް ފުދެ އެވެ. ލޮބުވެތި ދަރިފުޅާއެވެ! ނަސޭހަތް ދިނުމަކީ ވަރަށް ވެސް ފަސޭހަކަމެކެވެ. ނަމަވެސް ދަތިކަމަކީ އެ ޤަބޫލުކޮށް އެޔަށް ޢަމަލުކުރުމެވެ. އެހެނީ، އެއީ ހަވާނަފުސަށް ހެއްލިގެން އުޅޭ މީހުންނަށް ހިތިއެއްޗެކެވެ. އެބައި މީހުންގެ ހިތްތައް އެދެމުންދާނީ ނަހީކުރެއްވިގެންވާ ކަންތައްތަކަށެވެ. ޚާއްޞަކޮށް، ދުނިޔޭގެ ޢިއްޒަތާއި ޖާހަށް އެދިގެން ކިޔަވާ ދަރިވަރެވެ. އޭނާ ދެކޭނީ، ހަމައެކަނި ޢިލްމު އުނގެނުނީމާ، ދުނިޔޭގެ ކާމިޔާބާއި އުފާފާގަތިކަން ލިބޭނެ ކަމަށެވެ. ތަޤުވާވެރިކަމާއެކު ހެޔޮ ޢަމަލު ކުރުމަކީ، ބޭނުންކަމެއް ކަމަކަށް އޭނާއަކު ނުދެކޭނެއެވެ. މިއީ (ދުންޔަވީ) ފިލޯސަފަރުން ހީކުރާ ގޮތެވެ. މާތް ﷲ ގެ ހުސްޠާހިރުވަންތަކަމުގެ ބޮޑުކަމާއެވެ! މިނަންގަތް ފަދަ ކިބުރުވެރި ދަރިވަރަކު، ޢިލްމު އުނގެނޭއިރު، އޭނާ ނުދަންނަ ކަމެއް އެބައޮތެވެ. އޭނާ ޙާޞިލްކުރާ ޢިލްމުން ހެޔޮ ޢަމަލު ނުކޮށްފިނަމަ، އެއީ އޭނާގެ މައްޗަށް އޮތް ކަށަވަރުވެގެންވާ ޙުއްޖަތެއްކަން އޭނާއަކު ނުދަނެއެވެ. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައި ވެއެވެ. (أَشَدُّ النَّاسِ عَذَابًا يَوْمَ القِيَامَةِ عَالِمٌ لاَ يَنْفَعُهُ اللهُ بِعِلْمِهِ) މާނައީ، "ޤިޔާމަތްދުވަހު މީސްތަކުންގެ ތެރެއިން އެންމެ ގަދަވެގެންވާ ޢަޛާބު ލިބޭހުށީ، އޭނާގެ ޢިލްމުން ﷲ އޭނާއަށް މަންފާކޮށްނުދެއްވި ޢިލްމުވެރިއެކެވެ." މާތް ﷲ އޭނާގެ ޢިލްމުން، އޭނާއަށް މަންފާކޮށް ނުދެއްވީ، ލިބިފައިވާ ޢިލްމުން އޭނާ ހެޔޮ ޢަމަލު ކޮށްފައި ނުވާތީ އެވެ. ރިވާވެފައިވެއެވެ. ޖުނައިދުގެފާނު އަވަހާރަވިފަހުން މީހަކަށް އެކަލޭގެފާނު ހުވަފެނުގައި ފެނުނެވެ. އެކަލޭގެފާނުގެ އަރިހުގައި ދެންނެވުނެވެ. ޤާސިމްގެ ބައްޕާފުޅާ އެވެ! ޚަބަރަކީ ކޮބައިތޯއެވެ؟ ޖުނައިދުގެފާނު ވިދާޅުވި އެވެ. "ދެއްކިހައި މޮޅު ވާހަކަތަކާއި، ކުރިހައި ފޮނި އުންމީދުތަކެއް ބީވެގެން ހިނގައްޖެ އެވެ. ރޭގަނޑު މެންދަމު ތިމަންމެން ކުރެއްވި މަދު ރަކުޢަތްތަކަކުން މެނުވީ ފައިދާއެއް ނުކުރި އެވެ." (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|