މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ލައިލަތުލް ޤަދުރި ވިލޭރެއާއި އެރޭގެ ޢަލާމާތްތައް |
|
|
| ދީން - ޢަޤީދާ | |||
| 17 ސެޕްޓެމްބަރ 2009، 00:11 ބުރާސްފަތި | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން بسم الله الرحمن الرحيم ![]() މާތް ﷲ ގެ ޙަޟުރަތަށް ޙަމްދު ހުއްޓެވެ. އެކަލާނގެއީ، ތަންތަނާއި އިރުވަރުތައް އެކަތި އަނެކަތީގެ މައްޗަށް މާތްކުރެއްވި ރަސްކަލާނގެއެވެ. ބަރަކާތްތެރިވެގެންވާ ރެއެއްގައި އެކަލާނގެ ކީރިތި ޤުރުއާން ބާވައިލެއްވިއެވެ. އެފަދަ ބަރަކާތްތެރި ރޭތައް، އަޅުކަންކުރެއްވުމުގައި ހޭދަކުރެއްވި އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދުގެ ފާނަށާއި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަޥާތާއި ސަލާމް ލައްވާށިއެވެ! އެހެން އުންމަތްތަކަށް ނުދެއްވާ ޚާއްޞަ ސިފަތައް ދެއްވައި، މާތް ﷲ މި އުންމަތް ޚާއްޞަ ކުރެއްވިއެވެ. އެގޮތުން، މިއުންމަތަށް އެންމެ މާތް ރަސޫލާ ފޮނުއްވިއެވެ. އަދި ބަރަކާތްތެރި ރެއެއްގައި އެކަލާނގެ ކަލާމްފުޅު މި އުންމަތަށް (ލައުޙުލް މަޙުފޫޡުން ދުނިޔޭގެ އުޑަށް) ބާވައިލެއްވިއެވެ. އެއީ ރޭތަކުގެ ތެރެއިން އެންމެ ހެޔޮވެގެންވާ ރެއެވެ. މާތް ﷲ ވަނީ، ރޭތަކުގެ ތެރެއިން އެރޭ ޚާއްޞަކުރައްވާފައެވެ. އެރޭގައި ކުރާ އަޅުކަން، އެއްހާސް މައްސަރުގައި ކުރާ އަޅުކަމަށްވުރެ އިތުރުވެގެން ވެއެވެ. އެއްހާސް މައްސަރަކީ، 83 އަހަރާއި 4 މަސްދުވަހެވެ. އެ މާތްރެއަކީ، ކީރިތި ޤުރުއާނުގެ ދެ ސޫރަތެއްގައި ބަޔާންކުރައްވާފައިވާ ލައިލަތުލް ޤަދުރި ވިލޭރެއެވެ. އަލްޤަދްރި ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ تَنَزَّلُ الْمَلائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ سَلامٌ هِيَ حَتَّى مَطْلَعِ الْفَجْرِ މާނައީ: ހަމަކަށަވަރުން ތިމަން ރަސްކަލާނގެ އެ ޤުރުއާން ބާވައިލެއްވީ ލައިލަތުލް ޤަދުރި ވިލޭރޭގައެވެ. އަދި ލައިލަތުލް ޤަދުރި ވިލޭރެއަކީ، ކޮން ރެއެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ ލައިލަތުލް ޤަދުރިވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި، ޖިބުރީލުގެފާނު އެބޭކަލުންގެ ވެރި ރަސްކަލާނގެ އިޒުނަފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައި ވަޑައިގަންނަވާނެތެވެ. އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށް ދާންދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެއެކެވެ. އައްދުޚާނު ސޫރަތުގެ 3 ވަނަ އާޔަތާއި 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ إِنَّا كُنَّا مُنذِرِينَ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ފޮތް (އެބަހީ؛ ޤުރުއާން) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެއެއްގައެވެ. ހަމަކަށަވަރުން، އިންޒާރުކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ އެ ރޭ، ކަނޑައެޅިގެންވާ ކޮންމެ ކަމެއް ބަޔާންކުރައްވަތެވެ. ނަންދެއްވި ސަބަބު ލައިލަތުލް ޤަދުރި ވިލޭރެއަށް، (ليلة القدر) މިނަން ދެއްވި ސަބަބުތަކަކީ: 1. އެއީ ޤަދަރު މަތިވެރިވެގެންވާ ރެއެއް ކަމުގައި ވާތީ. 2. އަހަރު ދުވަހުގެ ތެރޭގައި ހިނގަންހުރި ކަންތައްތައް އެރޭގައި މިންވަރުކުރައްވާތީ. 3. އެރޭގައި އަޅުތަކުން ކުރާ އަޅުކަމަށް ބޮޑުވެގެންވާ ޘަވާބައި ދަރުމަ ދެއްވާތީ. އެރޭގެ ޢަލާމާތްތައް ލައިލަތުލް ޤަދުރި ވިލޭރޭ ފެންނަ ޢަލާމާތްތަކަކާއި އެރެއާ ވިދިގެން އަންނަ ދުވަހު ފެންނަ ޢަލާމާތްތަކެއް ވެއެވެ. އެ ރޭގައި ފެންނަ ޢަލާމާތްތަކަކީ: 1. އަލިކަމާއި ސާފުކަން. މިކަން މިޒަމާނުގައި އިޙުސާސްކުރެވޭނީ ރަށްފުށުގައި ދިރިއުޅޭ މީހުންނަށެވެ. 2. ހިތްހަމަޖެހުން. ރަމަޟާން މަހުގެ އެހެން ރޭތަކަށްވުރެ ބޮޑަށް އެރޭގައި މުއުމިނުންގެ ހިތްތަކަށް ހިތްހަމަޖެހުން އިޙުސާސްވާނެއެވެ. 3. ވައިމަޑުކަން. އެރޭގައި ބާރުގަދަ ވައި ނުޖެހޭނެއެވެ. ކޮޅިގަނޑުތައް ވެސް ނާންނާނެއެވެ. ޖައްވުގެ ޙާލަތު ވާނީ އާދައިގެ ހެޔޮވަރަކަށެވެ. 4. އެހެން ރޭތަކުގައި އަޅުކަން ކުރުމުން ހިތްހަމަ ޖެހޭ ވަރަށް ވުރެ ބޮޑަށް، އެރޭގައި އަޅުކަން ކުރުމުން ހިތްހަމަޖެހޭނެއެވެ. އަދި މިނޫން ޢަލާމާތްތައް ވެސް ވެއެވެ. ލައިލަތުލް ޤަދުރިވިލޭރެއާ ވިދިގެން އަންނަ ދުވަހުގެ ޢަލާމާތަކީ، އެދުވަހު އިރުއަރާ ގޮތެވެ. އެދުވަހުގެ އިރުއަރާނީ، ދޯއްޖެއް ނެތި، އެހެން ދުވަސްތަކާ ޚިލާފަށް ނިކަން ސާފުކޮށްނެވެ. އެރޭގެ މާތްކަން 1. އެރެއަކީ، މާތް ﷲ، ކީރިތި ޤުރުއާން (ލައުޙުލް މަޙުފޫޡުން ދުނިޔޭގެ އުޑަށް) ބާވައިލެއްވި ރެއެވެ. 2. އެއީ ބަރަކާތްތެރި ވެގެންވާ ރެއެކެވެ. 3. އެރޭގައި، އަހަރު ދުވަހަށް ކަނޑައޅުއްވާފައިވާ އަޖަލާއި ރިޒުޤު، މާތް ﷲ ލިޔުއްވައެވެ. 4. އެރޭގައި ކުރާ އަޅުކަން، އެއްހާސް މައްސަރުގައި ކުރާ އަޅުކަމަށްވުރެ ހެޔޮކަން ބޮޑެވެ. 5. ހެޔޮކަމާއި ބަރަކާތާއި ރަޙުމަތާއި ފާފަފުއްސެވުން ހިއްޕަވައިގެން މަލާއިކަތުން އެރޭގައި ބިމަށް ފައިބައިވަޑައިގަންނަވައެވެ. 6. އެއީ ފަތިސް ވެއްޖައުމަށް ދާންދެން އަމާންކުރައްވާފައިވާ ރެއެކެވެ. އެރޭގައި ގިނަ ބަޔަކު ޢަޛާބުން ދިންނަވާނެއެވެ. 7. އެރޭގައި ފާފަފުއްސެވުމަށް އެދި، އީމާންކަމާއެކު އަޅުކަންކޮށްފި މީހަކަށް ކުރެވިފައިވާ ފާފަތައް މާތް ﷲ ފުއްސަވާނެތެވެ. މާތް ﷲ، ކީރިތި ރަސޫލާއަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ! އާމީން! މައުޟޫޢުގެ ނަން: ليلة القدر وعلاماتها ލިޔުއްވީ: يحيى الزهراني މަޞްދަރު: އިސްލާމްވޭ ޑޮޓް ކޮމް.
|
| ހަމަ މި ގަލަމުން |
|---|
މިކަހަލަ އެހެންވާހަކަ އަކަށް އިންތިޒާރު ކުރަން.