މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ލޯބިވާ ދަރިފުޅަށް (3) |
|
|
| ދީން - ޢަޤީދާ | |||
| 30 ސެޕްޓެމްބަރ 2010، 12:57 ބުރާސްފަތި | |||
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަންލޮބުވެތި ދަރިފުޅާއެވެ! ތިބާ ނުކުރާ މަސައްކަތެއްގެ އުޖޫރައެއް ތިބާއަކަށް ނުލިބޭނެ އެވެ. ރިވާވެފައިވާ ވާހަކައެއްގައި ވެ އެވެ. އިސްރާއީލު ބާގައިގެ މީހުންގެ ތެރޭގައި އަޅުވެރިއަކު ހުށްޓެވެ. އޭނާ މާތްﷲގެ ޙަޟްރަތަށް އިޚުލާޞްތެރިކަމާއެކު އަޅުކަންކުރުމުގައި ހަތްދިހަ އަހަރު ހޭދަކުރި އެވެ. ދެން މާތް ﷲ މަލާއިކަތުންނަށް އޭނާ ދެއްކެވުމަށް އެދިވޮޑިގެން، އޭނާގެ ގާތަށް މަލާއިކަތް ބޭކަލަކު ފޮނުއްވެވި އެވެ. އެބޭކަލަކު ވަޑައިގެން ޚަބަރު ދެއްވީ، އޭނާ ކޮށްފައިވާ އަޅުކަމުގެ ގިނަ ކަމާއެކު ވެސް، އެއީ އޭނާ ސުވަރުގެ ވަނުމަށް ލާއިޤުވެގެންވާ އެއްޗެއް ނޫންކަމަށެވެ. މި ޚަބަރު ލިބުމުން، އެ އަޅުވެރިޔާ ދެންނެވި އެވެ. "ތިމަންމެން ޚަލްޤުކުރެއްވިގެންވަނީ އަޅުކަންކުރުމަށްޓަކަ އެވެ. އެހެންވީމާ، ތިމަންމެންގެ މައްޗަށް އޮތީ މާތް ﷲ ގެ ޙަޟުރަތަށް އަޅުކަންކުރުމުގައި ދެމިތިބުމެވެ." ދެން އެ މަލާއިކަތާ، މާތް ﷲ ގެ ޙަޟުރަތަށް އެނބުރިވަޑައިގެން ދެންނެވި އެވެ. "އަޅުގެ އިލާހުވަންތަ ރަސްކަލާކޮ! އެ އަޅުވެރިޔާ ބުނި ބަސް، އިބަރަސްކަލާނގެ މޮޅަށް ދެނެވޮޑިގެންވަމު އެވެ." އެހިނދު މާތްﷲ ނިދާއިއްވެވި އެވެ. "އޭނާ އަދިވެސް ތިމަންރަސްކަލާނގެ ޙަޟުރަތަށް އަޅުކަންކުރުމުން އެއްކިބާވެގެނެއް ނުދެ އެވެ. އެހެންވީމާ، ތިމަންރަސްކަލާނގެ ރަޙުމަތްވަންތަކަމުން އޭނާ އެއްކިބާ ނުކުރައްވާހުށީމެވެ. ތިމަންރަސްކަލާނގެ މަލާއިކަތުންނޭވެ! ތިޔަ ބޭކަލުން ހެކިކުރައްވައި، ތިމަން ރަސްކަލާނގެ އޭނާގެ ފާފަތައް ފުއްސަވައިފީމެވެ." ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައިވެ އެވެ. (حَاسِبُوْا أَنْفُسَكُمْ قَبْلَ أَنْ تُحَاسَبُوْا وَزِنُوْا أَعْمَالَكُمْ قَبْلَ أَنْ تُوْزَنُوْا) މާނައީ، "ތިޔަބައިމީހުންގެ ހިސާބު ބެއްލެވޭނެ ދުވަސް އައުމުގެ ކުރިން، ތިޔަބައިމީހުންގެ ނަފުސުތައް އަމިއްލައަށް ހިސާބުކުރާހުށި ކަމެވެ! އަދި ތިޔަބައިމީހުންގެ ޢަމަލުތައް ކިރައި ވަޒަންކުރެއްވޭނެ ދުވަސް އައުމުގެ ކުރިން، ތިޔަބައިމީހުންގެ ޢަމަލުތައް، އަމިއްލައަށް ކިރައި އޭގެ ބުރަދަން ބަލާހުށި ކަމެވެ!" މާތްﷲ ރުއްސުންލެއްވި، ޢަލީގެފާނު ވިދާޅުވެފައިވެ އެވެ. (مَنْ ظَنَّ أنَّهُ بِدُونِ الْجَهْدِ يَصِلُ فَهُوَ مُتَمَنٍّ ، وَمَنْ ظَنَّ أنَّهُ بِبَذْلِ الْجَهْدِ يَصِلُ فَهُوَ مُسْتَغْنٍ) "ގަދައަޅައި މަސައްކަތްކުރުމަކާ ނުލައި ތިމާގެ މަޤުޞަދު ޙާޞިލްކުރެވިދާނެ ކަމަށް ހީކޮށްފި މީހާއީ، އެދުމެއްގެ މަތީގައިވާ މީހެކެވެ. ތިމާގެ މަޤުޞަދު ޙާޞިލްކުރުމަށްޓަކައި ހިންމަތާއެކު މަސައްކަތްކުރާ މީހާއީ، ފުދިގެންވާ މީހެކެވެ." މާތްﷲ ރުއްސުންލެއްވި އަލްޙަސަނުލް ބަޞްރީގެފާނު ވިދާޅުވެފައި ވެ އެވެ. (طَلَبُ الْجَنَّةِ بِلاَ عَمَلٍ ذَنْبٌ مِنَ الذُّنُوبِ) "މަސައްކަތަކާ ނުލައި ސުވަރުގެ ވަނުމަށް އެދިގެން އުޅުމަކީ، ފާފަތަކުގެ ތެރެއިންވާ ފާފައެކެވެ." އަދި ވެސް އެކަލޭގެފާނު ވިދާޅުވެފައި ވެ އެވެ. "އަމާޒަށް ވާޞިލުވާން އެދޭނަމަ ބުރަކަމާމެދު ޝަކުވާނުކޮށް މަސައްކަތްކުރާށެވެ! ބުރަވެގެން، މަސައްކަތް ހުއްޓާލުމަކުން އަމާޒަކަށް ވާޞިލެއް ނުވެވޭނެ އެވެ." ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ޙަދީޘްފުޅެއްގައި ވެ އެވެ. (اَلْكَيِّسُ مَنْ دَانَ نَفْسَهُ وَعَمِلَ لِمَا بَعْدَ اْلمَوْتِ وَاْلأَحْمَقُ مَنِ اتَّبَعَ هَوَاهُ وَ تَمَنَّى عَلَى اللهِ تَعَالَى الأَمَانِي) މާނައީ، "ބުއްދިވެރިޔަކީ، ތިމާގެ އަމިއްލަ ނަފުސު ހިސާބުކޮށް ބަލައި، އާޚިރަތަށްޓަކައި މަސައްކަތްކުރާ މީހާ އެވެ. ބުއްދިމަދު ގަބު މީހަކީ، ހަވާނަފުސަށް ހެއްލިގެންވާ ޙާލު އޭނާގެ ހިތްއެދޭ ކަންތައްތައް، މާތް ﷲ އޭނާއަށް ހިންމަވައިދެއްވާފާނެ ކަމަށް އުންމީދުކޮށްގެން ހުންނަ މީހާ އެވެ." ލޮބުވެތި ދަރިފުޅާއެވެ! ފޮތް ކިޔުމަށާއި ޢިލްމު އުނގެނުމަށްޓަކައި ތިބާ ހޭލާހުރީ ކިތައް ރޭ ހެއްޔެވެ؟ އެ ރޭތަކުގައި ތިބާގެ ނަފުސުވަނީ ނިދުމުގެ އަރާމުން މަޙުރޫމުކޮށްފަ އެވެ. ތިބާ އެކަން ކުރީ ކޮން ބޭނުމަކުކަން ތިމަން އުސްތާޛަކަށް އެނގިވަޑައެއް ނުގަނެ އެވެ. ތިބާ އެކަން ކުރީ ދުނިޔޭގެ މުދަލާއި ފައިސާ ހޯދުމަށްޓަކައި ހެއްޔެވެ؟ ނުވަތަ ދުންޔަވީ ހައިބަތާއި ޖާހު ލިބިގަތުމަށްޓަކައި ހެއްޔެވެ؟ ނުވަތަ އެކަންކަން ޙާޞިލުކޮށްފައިވާ އެހެން މީހުންނާ ފައިހަމަކޮށް ކަންދެއްކުމަށްޓަކައި ހެއްޔެވެ؟ އެހެންކަމަށްވަނީނަމަ، ތިބާއަށް ދެދުނިޔޭގެ ގެއްލުމާއި ހަލާކު ހުށްޓެވެ. ތިބާ ނުނިދައި ހޭލާހުރީ، މާތް ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެނެސްދެއްވި ދީން އުނގެނުމަށާއި، ރިވެތި އަޚުލާޤު ލިބިގަތުމަށާއި، ހަވާނަފުސު ބަލިކުރުމަށްޓަކައި ކަމަށް ވަނީނަމަ، ދަންނާށެވެ! ތިބާއަށް ދެދުނިޔޭގެ ސަވާބާއި ދަރުމަ ހުށްޓެވެ. ޝާޢިރަކު ކިޔުއްވާފައިވާ އަންނަނިވި ޅެންބައިތުގައިވަނީ ވަރަށް ބޮޑު ތެދެކެވެ. ދީދާރުފުޅު ދުށުމަށް އަދައި ނޫނީ މަމެން، ހޭލާތިބުން މީ ގެއްލުމެއްކަން ހަމަ ޔަޤީން. ކުއްތަންވުމަށްވާ ޝައުޤުގައި ރޮވިދާ ރުއިން، ނޫން ރުއިމަކީ ބާޠިލްކަމެއްކަން ވެސް ޔަޤީން. (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|