މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ތައުބާވުމުގެ ފައިދާތައް |
|
|
| ދީން - ދިރާސާ | |||
| 21 ޖުލައި 2010، 02:58 ބުދަ | |||
|
ޢަބްދުލްމުޢީދު ޙަސަން މާތް ﷲ ، އާދަމުގެފާނާއި އެކަލޭގެފާނުގެ ދަރިފަސްކޮޅު ޚަލްޤުކުރައްވާފައިވަނީ، ފާފަކުރާ ބަޔެއްގެ ގޮތުގަ އެވެ. މިކަން އޮޅުންފިލާ ޙަދީޘްފުޅެއްގައިވެ އެވެ.(كُلُّ ابْنِ آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ) ރިވާކުރެއްވީ އައްތިރުމިޛީ އާއި އިބްނު މާޖާ.މާނައީ، "ކޮންމެ އާދަމުގެދަރިޔަކީ ފާފަވެރިއެކެވެ. އަދި ފާފަވެރިންގެ ތެރެއިން އެންމެ ހެޔޮކަންބޮޑީ ތައުބާވާ މީހުންނެވެ." މާތް ﷲ ގެ އަޅުތަކުން އަބަދުވެސް ފާފަކުރެ އެވެ. ފާފަތަކުގެ ހަމަލައިން ސަލާމަތްވެފައިވަނީ، އެކަލާނގެ މަޢުޞޫމުކަން ދެއްވައިފި އަޅެކެވެ. އަޅުތަކުން ފާފަކުރާ ކަމާއި ފާފަފުއްސެވުމަށް އެދި އެކަލާނގެ ޙަޟުރަތުގައި ދަންނަވަން ޖެހޭކަން ބަޔާންކުރައްވާފައިވާ ޙަދީޘްފުޅެއްގައި ވެ އެވެ. (وَالَّذِى نَفْسِى بِيَدِهِ لَوْ لَمْ تُذْنِبُوا لَذَهَبَ اللَّهُ بِكُمْ وَلَجَاءَ بِقَوْمٍ يُذْنِبُونَ فَيَسْتَغْفِرُونَ اللَّهَ فَيَغْفِرُ لَهُمْ) ރިވާކުރެއްވީ މުސްލިމު.މާނައީ، "އެކަލާނގެ ބާރުފުޅުގެ ދަށުގައި ތިމަންކަލޭގެފާނު ވެވަޑައިގެންވާ ކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ތިޔަބައިމީހުންނީ ފާފަނުކުރާ ބަޔަކު ކަމުގައިވީނަމަ، ﷲ ތިޔަބައިމީހުން (މި ދުނިޔެ އިން) ގެންދަވައިފީހެވެ. އަދި ފާފަކުރާ ބަޔަކު (މި ދުނިޔެ އަށް) އެކަލާނގެ ގެންނަވައިފީހެވެ. ދެން އެބައިމީހުން ފާފަ ފުއްސެވުން އެދި ﷲ ގެ ޙަޟުރަތަށް ދެންނެވުމުން އެކަލާނގެ އެބައިމީހުންގެ ފާފަފުއްސަވާނެތެވެ." ކަންމިހެން އޮތުމާއެކު، ތައުބާވެ، ފާފަފުއްސެވުން އެދި، މާތް ﷲ ގެ ޙަޟުރަތަށް ދަންނަވަން ޖެހެ އެވެ. މީހަކަށް ކުރެވޭ ފާފައަކީ، އޭނާގެ ދުނިޔެއާއި އާޚިރަތުގެ ނުރައްކަލެކެވެ. އެ ނުރައްކަލުން ސަލާމަތްވުމަށް އޮތް ހަމައެކަނި މަގަކީ ތައުބާވެ، ފާފަފުއްސެވުން އެދި، މާތް ﷲ ގެ ޙަޟުރަތަށް ދެންނެވުމެވެ. އެކަލާނގެއީ ތާއިބުންގެ ތައުބާ ޤަބޫލުކުރައްވާ، ފާފަފުއްސަވާ، ރަސްކަލާނގެ އެވެ. އެކަލާނގެ ވަޙީކުރައްވާފައިވެ އެވެ. (وَمَا أَصَابَكُم مِّن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَن كَثِيرٍ) އައްޝޫރާ: 30މާނައީ، "ތިޔަބައިމީހުންނަށް ޖެހޭހާ މުޞީބާތްތައް ޖެހެނީ، ތިޔަބައިމީހުންގެ އަތްތަކުން ހޯދި ކަންތައްތަކުގެ ސަބަބުންނެވެ. އަދި އެކަލާނގެ ގިނަ ފާފަތައް ޢަފޫކުރައްވަތެވެ." އެއްވެސް މީހަކު އިސްތިސްނާ ކުރެއްވުމެއް ނެތި، އެންމެހައި މުއުމިނުން ތައުބާވުމަށް މާތް ﷲ އަންގަވާފައިވެ އެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައިވެ އެވެ. (وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ) އައްނޫރު: 31މާނައީ، "އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބުލިބުމަށްޓަކަ އެވެ." މި އާޔަތުން އެނގޭ ގޮތުގައި އަޅުތަކުންގެ ދިންނެވުމާއި ނަޞީބު ގުޅިފައިވަނީ، ތައުބާވުމާ އެވެ. ތައުބާވުމުގެ މޫސުމްތަކެއް ވެ އެވެ. އޭގެތެރެއިން އެއް މޫސުމަކީ ރަމަޟާން މަހެވެ. އެއީ ޙަރާމްކުރައްވާފައިވާ އެންމެހައި ކަންތައްތަކުން އެއްކިބާވުމަށް އޮތް ބަހާރު މޫސުމެކެވެ. ދުވާލުގެ ވަގުތުތަކުގައި ކެއުމާއި ބުއިމާއި އެފަދަ އެހެން ކަންތައްތަކަކީ ޢާއްމު ޙާލަތުގައި މާތް ﷲ ހުއްދަކުރައްވާފައިވާ ކަންތައްތަކެވެ. ނަމަވެސް ޚާއްޞަ ޙާލަތެއްގައިވާ ރޯދަވެރިޔާވަނީ، ރަމަޟާންމަހުގެ ދުވާލު އެކަންތައްތަކުން އެއްކިބާވެގެންނެވެ. އެހެންވީމާ، އެކަލާނގެ ޙަރާމްކުރައްވާފައިވާ ކަންތައްތަކުން އޭނާ އެއްކިބާވެގަތުން މާ އައުލާކަން ބޮޑެވެ. ރަމަޟާން މަހުގައި ތައުބާ ނުވެއްޖެ މީހަކު ތައުބާވާނީ ފަހެ ކޮންއިރަކުންތޯ އެވެ؟ ޅެންވެރިޔަކު ކިޔުއްވާފައިވެ އެވެ. އަޅުތަކުން ދަނޑުގޮވާންކުރަން އޮތް ރަމަޟާން މަސް އަތުވެއްޖެ އެވެ. ފަސާދައިގެ ސުންޕާކަމުން ހިތްތައް ޠާހިރުކުރުމަށްޓަކަ އެވެ. އެ ދަނޑަށް ދޭން ޖެހޭ ޙައްޤުތައް ޢަމަލާއި ބަހުން ދޭށެވެ! އަދި ބަނޑުފުރާނަ މުއްތިކުރާ ކާނާ އޭގެ ވަގުތަށް ފަސްކުރާށެވެ! ފަހެ، ދަނޑެއްގައި މުޑުވައް އިންދުމަށްފަހު އެޔަށް ފެން ނުދިން މީހާ އެވެ! ދަންނާށެވެ! ދަނޑުގޮވާން ކަނޑާ ދުވަހު އޭނާ ރޮއި ހިތާމަކުރާނެކަން ކަށަވަރެވެ! ފާފަތައް ކުރެވޭ އަޚުންނާއި އުޚުތުންނޭވެ! ތައުބާގެ ދޮރު ވަނީ ހުޅުވިފަ އެވެ. ނަމަވެސް މާތް ﷲ އާއި އަޅާއާ ދެމެދުގައިވާ ފާފަތަކުން ތައުބާވާ މީހާގެ ތައުބާ އެކަލާނގެ ޤަބޫލުކުރެއްވުމުގެ ޝަރުޠުތަކެއް ވެ އެވެ. އެއީ: 1. އުރެދޭ މީހާ އެ އުރެދުން މުޅިން ދޫކޮށްލުން. އުރެދުމަކީ ތިމާ އަދާކުރަންޖެހޭ ވާޖިބެއް އަދާނުކުރުން ކަމަށްވަނީނަމަ، އެކަމެއް ކުރަން ޖެހޭނެ އެވެ. އުރެދުމަކީ ތިމާ ދުރުހެލިވާން ޖެހޭ ޙަރާމް ކަމެއް ކުރުން ކަމަށްވަނީނަމަ، އެކަމެއް ނުކޮށް ހުއްޓާލަން ޖެހޭނެ އެވެ. 2. ތައުބާވާ މީހާ އޭނާއަށް ކުރެވިފައިވާ ފާފަތަކާމެދު ހިތާމަކުރުން. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައިވެ އެވެ. (النَّدَمُ تَوْبَةٌ) ރިވާކުރެއްވީ އިބްނު މާޖާ. މާނައީ، "(ފާފައެއް ކުރެވުނީތީ އެކަމާމެދު) ހިތާމަކުރުމަކީ ތައުބާއެކެވެ." 3. ތައުބާވުމަށްފަހު، ކުރިން ކުރި ފާފަ އަލުން ނުކުރުމަށް ގަދަ ޢަޒުމުން ޢަޒުމް ކަނޑައެޅުން. މިގޮތަށް ޢަޒުމް ކަނޑައެޅުމަށްފަހު، ކުރިން ކުރި ފާފަ ނުވަތަ ފާފަތައް ނުކުރުން މަތީ ދެމިހުންނަންވާނެ އެވެ. ނަންގަނެވި ދިޔައީ، މާތް ﷲ އާއި އަޅާއާ ދެމެދުގައިވާ ފާފަތަކުން ތައުބާވުމުގެ ޝަރުޠުތަކެވެ. މީހަކަށް ކުރެވުނު ފާފައަކީ އެހެން މީހެއްގެ ޙައްޤަކަށް އަރައިގަތުން ކަމަށްވަނީނަމަ، ނަންގަނެވިދިޔަ ތިން ޝަރުޠުގެ ތެރެއަށް އިތުރުވާ އެހެން ޝަރުޠެއް ވެ އެވެ. އެއީ: ތައުބާވާ މީހާ އަރައިގެންފައިވާ، އަނެކާގެ ޙައްޤުން، ތައުބާވާ މީހާ ބަރީއަވުމެވެ. މިސާލަކަށް: ތައުބާވާ މީހާ އަރައިގެންފައިވާ، އަނެކާގެ ޙައްޤަކީ، އަނެކާގެ މުދާތަކެއް ނުދީ ހިފެހެއްޓުން ކަމަށްވަނީނަމަ، ތައުބާވުމުގެ ކުރިން އެ މުދަލުގެ ވެރިފަރާތަށް، އެމުދާ ރައްދުކުރަން ޖެހޭނެ އެވެ. ތައުބާވާ މީހާ އަރައިގެންފައިވާ، އަނެކާގެ ޙައްޤަކީ، ޤަޛުފުކުރުން ފަދަ ކަމެއް ކަމަށްވަނީނަމަ، ޤަޛުފު ކުރެވުނު މީހާގެ ކިބައިން މަޢާފަށް އެދެން ޖެހޭނެ އެވެ. ދަންނައެ، ތައުބާވުމުގެ މި ޝަރުޠުތަކުގެ ތެރެއިން އެއްމެ ޝަރުޠެއް އުނިވިޔަސް، ތައުބާ ޞައްޙައެއް ނުވާނެ އެވެ. މި ޝަރުޠުތަކުގެ ތެރެއަށް ބައެއް ޢިލްމުވެރިން އިތުރުކުރައްވާ އެހެން ޝަރުޠެއް ވެ އެވެ. އެއީ: މާތް ﷲ ގެ ޙަޟުރަތުން ފާފަފުއްސެވުމާއި ދަރުމައަށް އެދޭ ޙާލު، އަދި އެކަލާނގެ ޢަޛާބަށް ބިރުވެތިވާ ޙާލު، އެކަލާނގެ ވަޖުހުފުޅަށްޓަކައި އިޚުލާޞްތެރިކަމާއެކު ތައުބާވުމެވެ. މި ޝަރުޠުތަކާއެކު ތައުބާވެއްޖެ މީހާގެ ތައުބާ ފުރިހަމަވެއްޖެނަމަ، ގިނަގުނަވެގެންވާ ހެޔޮކަންތައްތައް ޙާޞިލުވާނެ ކަމުގެ އުފާވެރި ޚަބަރު އޭނާއަށް ލިބިގެންވެ އެވެ. އެ ކަންތައްތަކަކީ: 1. ތައުބާވުމަކީ މާތް ﷲ ގެ ލޯބިވެތިވެ ވޮޑިގަތުން ލިބުމުގެ ސަބަބެކެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައިވެ އެވެ. (إِنَّ اللَّهَ يُحِبُّ التَّوَّابِينَ وَيُحِبُّ الْمُتَطَهِّرِينَ) އަލްބަޤަރާ: 222، މާނައީ، "ހަމަކަށަވަރުން، ގިނަގިނައިން ތައުބާވާ މީހުން ދެކެ ﷲ ލޯބިވެ ވޮޑިގެންވެ އެވެ. އަދި ޠާހިރުވާ މީހުން ދެކެ ވެސް އެކަލާނގެ ލޯބިވެވޮޑިގެންވެ އެވެ." 2. ތައުބާވުމަކީ، އަނިޔާވެރިންގެ ދާއިރާއިން ބޭރުވެވޭ ކަމެކެވެ. (وَمَن لَّمْ يَتُبْ فَأُولَئِكَ هُمُ الظَّالِمُونَ) އަލްޙުޖުރާތު: 11، މާނައީ، "އަދި (އެކަންތަކުން) ތައުބާ ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަކަށަވަރުން އަނިޔާވެރިންނެވެ." 3. ތައުބާވުމަކީ، މާތް ﷲ ގެ އަމުރުފުޅަށް ކިޔަމަންގަތުމުގެ ނަސީބު ލިބޭ ކަމެކެވެ. (وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ) އައްނޫރު: 31، މާނައީ، "އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން ﷲ އަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަޞީބުލިބުމަށްޓަކަ އެވެ." 4. ތައުބާވުމަކީ، ފާފަ ފުއްސެވުމުގެ ސަބަބެކެވެ. (التَّائِبُ مِنَ الذَّنْبِ كَمَنْ لاَ ذَنْبَ لَهُ) ރިވާކުރެއްވީ އިބްނު މާޖާ، މާނައީ، "ފާފައިން ތައުބާވާ މީހާއީ، އޭނާގެ ފާފައެއް ނެތް ފަދަ މީހެކެވެ." 5. ތައުބާވުމަކީ، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބާއި ނަސީބު ލިބުމުގެ ސަބަބެކެވެ. (فَأَمَّا مَن تَابَ وَآمَنَ وَعَمِلَ صَالِحًا فَعَسَى أَن يَكُونَ مِنَ الْمُفْلِحِينَ) އަލްޤަޞަޞް: 67، މާނައީ، "ފަހެ، ތައުބާވެ، އީމާންވެ، ޞާލިޙު ޢަމަލުކުޅަ މީހާ ދަންނާށެވެ! ފަހެ، އޭނާ ކާމިޔާބުވާ މީހުންގެ ތެރެއިންވުން ގާތެވެ." 6. ތައުބާވުމަކީ، ކުރެވިފައިވާ ނުބައި ކަންކަމުގެ ޖަޒާ، ހެޔޮ ކަންކަމުގެ ޖަޒާއަށް ބަދަލުކުރައްވާނެ ކަމެކެވެ. (إِلاَّ مَن تَابَ وَآمَنَ وَعَمِلَ عَمَلا صَالِحًا فَأُولَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُورًا رَّحِيمًا) އަލްފުރުޤާން: 70، މާނައީ، "ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލުކުޅަ މީހަކު މެނުވީ އެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) ﷲ، އެއުރެންގެ ނުބައިކަންތައްތައް ހެޔޮކަންތައްތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެ އެވެ." 7. ތައުބާވުމަކީ، ރިޒުޤު ތަނަވަސްކޮށްދެއްވާ ކަމެކެވެ. (فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا ، يُرْسِلِ السَّمَاء عَلَيْكُم مِّدْرَارًا ، وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَل لَّكُمْ جَنَّاتٍ وَيَجْعَل لَّكُمْ أَنْهَارًا) ނޫޙު: 10-12، މާނައީ، "ފަހެ، ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތުގައި ފާފަފުއްސެވުމަށް އެދި، ތިޔަބައިމީހުން ދަންނަވާށެވެ! ހަމަކަށަވަރުން އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެ ކަމުގައިވެ އެވެ. އޭރުން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ބޯކޮށް (ވެހޭ ގޮތުގައި) ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެ ގޮތުން، އެކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައް ވެސް ލައްވާނެތެވެ." 8. ތައުބާވުމަކީ، ޢަޛާބުން މިންޖުވެވި، ރަޙުމަދުގެ މައިދާނަށް ވާޞިލުކޮށްދޭ ކަމެކެވެ. (فَفِرُّوا إِلَى اللَّهِ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ) އައްޒާރިޔާތު: 50، މާނައީ، "ފަހެ، ތިޔަބައިމީހުން ﷲ އަށް ކިޔަމަންވުމަށް އަވަސްވެގަންނާށެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، އެކަލާނގެ ޙަޟުރަތުން ތިޔަބައިމީހުންގެ ގާތަށް ފޮނުއްވި، ބަޔާންވެގެންހުރި އިންޒާރުކުރައްވާ ބޭކަލަކީމެވެ." 9. ތައުބާވުމަކީ، ތައުބާވާ މީހާގެ ހިތް ސާފު ޠާހިރުކޮށް ދެއްވާ ކަމެކެވެ. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވި އެވެ. (إِنَّ الْعَبْدَ إِذَا أَخْطَأَ خَطِيئَةً نُكِتَتْ فِى قَلْبِهِ نُكْتَةٌ سَوْدَاءُ فَإِذَا هُوَ نَزَعَ وَاسْتَغْفَرَ وَتَابَ سُقِلَ قَلْبُهُ وَإِنْ عَادَ زِيدَ فِيهَا حَتَّى تَعْلُوَ قَلْبَهُ) ރިވާކުރެއްވީ އައްތިރުމިޛީ، މާނައީ، "އަޅަކު ފާފައެއް ކުރާ ހިނދު އޭނާގެ ހިތުގައި ކަޅު ތިތްކެއް ޖެހެ އެވެ. އޭނާ ފާފަކުރުމުން އެއްކިބާވެ ފާފަފުއްސެވުން އެދި (ﷲ ގެ ޙަޟުރަތުގައި) ދަންނަވައި ތައުބާވެއްޖެނަމަ، އޭނާގެ ހިތް ސާފުވާނެ އެވެ. އެކަމަކު އޭނާ ފާފަކުރުމުގެ ތެރެއަށް ހިނގައްޖެނަމަ، ކަޅު ތިކިތައް އޭނާގެ ހިތުގެމައްޗަށް ގަދަވެގެންފުމަށް ދާންދެން އެ ތިކިތައް އިތުރުވަމުންދެ އެވެ." މާތް ﷲ އީ އަޅުތަކުންގެ ތައުބާ ޤަބޫލުކުރައްވާ އޯގާވަންތަ ރަސްކަލާނގެ އެވެ. އެކަލާނގެ އެންމެހައި މުއުމިނުންގެ ތައުބާ ޤަބޫލުކުރައްވައި އެއުރެންގެ ފާފަފުއްސަވާށި އެވެ! އާމީން! މަޞްދަރުތައް: ކީރިތި ޤުރުއާނާއި ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ. އަލްކުތުބުއް ތިސްޢާ. ރަމަޟާނިއްޔާތު.
|
| ހަމަ މި ގަލަމުން |
|---|