މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ބޭކާރު ޚަރަދުކުރުމާއި ނަބަވީ އިރްޝާދު |
|
|
| ދީން - ދިރާސާ | |||
| 28 ޖުލައި 2011، 00:35 ބުރާސްފަތި | |||
މިޒަމާނުގެ މަސްއަލަތަކުގެ ތެރެއިން:ބޭކާރު ޚަރަދުކުރުމާއި ނަބަވީ އިރްޝާދު މާއްދީ އަގުތަކަށް މާބޮޑަށް ހިތްކިޔުމާއި، މިނަށްވުރެބޮޑަށް މާއްދީ ތަކެއްޗާ ދޯޅުވެވޭގޮތްވުމަކީ ތާރީޚުގެ ކުރީގެ ދައުރުތަކުގައި ވެސް އިންސާނީ މުޖުތަމަޢުތަކުގައި ކޮންމެވެސް މިންވަރަކަށް އޮންނަ ކަމެކެވެ. ނަމަވެސް މިއީ މިހާރަކަށް އައިސް ޙައްދުފަހަނައަޅައިފައި ވާ މަސްއަލަތަކުގެ ތެރޭގައި ހިމެނޭ އެއް މައްސަލައެވެ. މޮޅު ކާރާއި، ރީތި ތައްޔާރީ ހެދުމާއި، އަގުބޮޑު ގަހަނާއާއި، ބޮޑެތި ގޭގެއާއި، މިފަދަ މާއްދީ ވަސީލަތްތައް ލިބިގަތުމަށް
މީހުންގެ މެދުގައި އޮންނަ ޝައުގުވެރިކަންވަނީ ހަމަމިނުން ނައްޓައިލައިފައެވެ. ދުނިޔޭގައި ދުވަހެއްދުވަހަކަށް އިތުރުވަމުންދާ މާއްދިއްޔަތަށް ލެނބުމުގެ ނުފޫޒުގެސަބަބުން އިސްރާފު ޚަރަދުކުރުން އިތުރުވުމަކީވެސް ނުވެނުދާނެ ކަމެކެވެ. ފަހަކަށް އައިސް މިހިނގާ ދިހަދިހައިގެ އަހަރުތަކުގައި ދުނިޔޭގައިދަނީ ބޭކާރު ޚަރަދުކުރުވުން އިތުރުކުރުވުމަށް ރޭވުންތެރި ގޮތެއްގައި މަސައްކަތްތަކެއްވެސް ހިނގަމުންނެވެ. ބޭކާރު ޚަރަދުކުރުން އިތުރުވަމުންދާ ދިޔުމުގެ ސަބަބުން މުޖުތަމަޢުތަކުގައިވަނީ ވަރަށް ގިނަ މަސްއަލަތަކެއްވެސް އުފެދިފައެވެ. އިޖުތިމާޢީ ބައިބައިވުމެވެ. ވައްކަމާއި ފޭރުން ފަދަ ކުށްތައް އިތުރުވުމެވެ. އެހެންކަމުން ބޭކާރު ޚަރަދުކުރެވޭ މިންވަރު އިތުރުވުމަކީވެސް އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ތެރެއިން އެއްކަމެއްކަމުގައިވަނީ ހިމެނިފައެވެ. ސަބަބުތައްމި މައިދާނުގެ މާހިރުން ވިދާޅުވާ ގޮތުގައި އެކާވީސް ވަނަ ޤަރުނުގެ ބޭކާރު ޚަރަދުކުރުމުގެ މިންވަރު އިތުރުވުމުގެ އެއްސަބަބަކީ އެކަކަށްވުރެ އަނެކެއްގެ ބޮޑުކަމާއި އަހަރެންވަންތަކަން ހާމަކުރުމަށް އޮންނަ އެދުންވެރިކަމެވެ (emulation). މުޖުތަމަޢުގެ ހުރިހާ ފަރާތްތަކަކުން ވެސް ފެންނަނީ ފަޤީރުން މުއްސަނދީން ކޮޕީކުރާ (imitation) މަންޒަރެވެ. މުއްސަނދީން މަޝްހޫރު ފަންނާނުން (celebrities) ކޮޕީކުރާ ތަނެވެ. އެއްޗެހި ވިއްކުމަށްޓަކައި ކުރެވޭ އިޝްތިހާރުތަކުގައި ތަފާތު ރޮނގުރޮނގުގެ ފަންނާނުން ބޭނުންކުރެވެމުންދަނީ މިސަބަބާހުރެއެވެ. ފިލްމީ ތަރީންނެވެ. ކުޅިވަރުގެ މައިދާނުގައި ވިދާމީހުންނެވެ. އެފަދަ މީހުން އިޝްތިހާރުތަކުގައި ބޭނުންކުރެވެނީ މިދެންނެވި ނަފްސިއްޔާތުގެ ފައިދާ ލިބިގަތުމަށެވެ. ބޭކާރު ޚަރަދުކުރުން އިތުރުވުމުގެ އަނެއް ސަބަބަކީ ކޮންމެ އެއްޗެއް ވެސް "އަތް ފޯރާ ފަށަށް" ގެނައުމަށް ޓަކައި ރޭވެމުންދާ ރޭވުމެވެ. އެކަމަށް މަގުފަހިކޮށްދެވޭ ދިނުމެވެ. އަގުބޮޑު ކާރު ގަތުމަށާއި ބޮޑެތި ގޭގެ އެޅުމަށް ފަސޭހައިން ލޯނު ހޯދައިދިނުން ފަދަ ކަންތައްތަކެވެ. މީރު ކާއެއްޗެހި ފަދަ ތަކެތި ގޭގައި ތިއްބައި ވަގުތުން ވަގުތަށް އަތްދޮނުކޮށް ރައްދުކޮށްދެވޭގޮތް ހަމަޖެހިފައި އޮތުމެވެ. އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ގޮތަށް ތައްޔާރުކޮށްފައިހުންނަ ތަކެތީގެ އަދަދު ގިނަވުމެވެ. ނަތީޖާއެއްގެ ގޮތުން "ބޭނުންކޮށްފައި އެއްލައިލުމުގެ" ވިސްނުން އަށަގަންނަމުން ދިޔުމެވެ. ބޭކާރު ޚަރަދުކުރުން އިތުރުވަމުން ދިޔުމާއި މީހުންގެ ޠަބީޢަތު އެކަމަށް ލެނބެމުން ދިޔުމަކީ އެތައް ގޮތަކުން ބަލާ އިރު އިޞްލާޙުކުރަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. މިއީ މީހަކަށް މަދުފަހަރަކު ބޭނުމެއްނެތް އެއްޗެއް ގަނެވުމުން އެއެއްޗެއް އެއްލައިލުން ފަދަ އާދައިގެ ކަމެއް ނޫނެވެ. އަދިކީއްތޯއެވެ؟ މުޖުތަމަޢުގައި މިކަންތައް އާލާވަމުންދާ ދިޔުމުގެ ސަބަބުން ބިރުގަންނަންޖެހޭފަދަ މަސްއަލަތަކެއްދަނީ އުފެދެމުންނެވެ. އަގުބޮޑު މުއްސަނދި ދިރިއުޅުމެއްއުޅޭ ފަންތި އެއް މުޖުތަމަޢުގައިވަނީ އުފެދިފައެވެ. އެފަންތި ކޮޕީކޮށް އެގޮތަށްއުޅޭހިތްވާ ޒުވާނުންތައްވަނީ ގިނަވެފައެވެ. އެބައިމީހުން ބޭނުންވަނީ ލިބުނު ކޮންމެ ގޮތަކުން ފައިސާ ހޯދައިގެން ވެސް މަތީ ފެންވަރުގެ ދިރިއުޅުމެއް އުޅޭށެވެ. އަޅުގަނޑުމެންގެ ތެރޭގައި ދުވަހުން ދުވަހަށް އިތުރުވަމުންދާ ވައްކަމާއި ފޭރުމުގެ މަސްއަލަތަކުގެ ސިއްރަކީ މިއީއެވެ. މީގެ އިތުރަށް ވެސް އެކަމުގެ ސަބަބުން މިދަންނަވާ އަސަރުތައް މުޖުތަމަޢަށް ދަނީ ފޯރަމުންނެވެ. ބޭކާރު ޚަރަދުކުރުން އިތުރުވުމުގެ ނަތީޖާ1. ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ ބޭނުމުގައި އަބަދުވެސް ލޯނު ނަގަން ޖެހެއެވެ. އެ ލޯނު އަދާކުރުމަށް ޓަކައި ފައިސާ ހޯދަން ރެއެއްދުވާލެއްނެތި، އަވަދިނެތި އުޅެންޖެހެއެވެ. އެފަދަ މީހުންގެ ވަގުތު ތާވަލުގައި ދީނީކަމަކަށްވެސް އިޖުތިމާޢީ ކަމަކަށްވެސް ހުސްތަންފުކެއް ނެތެވެ. ޢާއިލާއާއެކު ހޭދަކުރެވޭ ވަގުތު މަދުވުމުގެ ސަބަބުން ޢާއިލީ ގުޅުން އަންނަނީ ކުޑަވަމުންނެވެ. އެކުވެރީންނާއި ގާތްމީހުންގެ ދާއިރާ އަންނަނީ ހަނިވަމުންނެވެ. މުޖުތަމަޢުގެ ލާބަޔަށް ޓަކައި ކުރެވޭ ކަންކަމުގައި އެއްބާރުލުންދޭ މިންވަރު އަންނަނީ ކުޑަވަމުންނެވެ. 2. ދިރިއުޅުމުގެ ފެންވަރާއި ވައްޓަފާޅި ބަދަލުކުރުމަށްޓަކައި އުފެއްދިފައިވާ ވަސީލަތްތަކުގެ ސަބަބުން ފަލަވާ ބަލީގެ މީހުންނާއި، ހިތުގެ ބަލި ހުންނަ މީހުންނާއި، ހަކުރުބަލީގެ މީހުންގެ ޢަދަދުވަނީ އިންތިހާޔަށް އިތުރުވެފައެވެ. 3. ޢާއްމުންގެ އަސާސީ ބޭނުންތަކަށް ޚަރަދުކުރާނެ ފައިސާއެއްނެތެވެ. ނަމަވެސް އިސްރާފުކުރާ މީހުންގެ ހޭދަ ވަނީ އުޑާ ހަމަޔަށް އުފުލިފައެވެ. ތިރީގައި މިދަންނަވަނީ މިގޮތުން އިސްރާފުގެ ދަރަޖަޔަށް ދުނިޔޭގައި ކުރެވެމުން ދާ ހޭދަތަކުގެ ކުޑަކުޑަ ތަފްޞީލެކެވެ. މޫނުގައި ހާކާ ނުވަތަ އުނގުޅާ ފުށާއި ކްރީމާއި ލިޕްސްޓިކް ފަދަ ތަކެއްޗަށް އަހަރަކު 8 ބިލިއަން ޑޮލަރު އައިސްކްރީމް ގަތުމަށް (ހަމައެކަނި ޔޫރަޕުގައި) އަހަރަކު 11 ބިލިއަން ޑޮލަރު ޔޫރަޕާއި އެމެރިކާގައި އަތަރާއި ސެންޓަށް އަހަރަކު 12 ބިލިއަން ޑޮލަރު ޔޫރަޕާއި އެމެރިކާގައި ގޭގައި ގެންގުޅޭ ޖަނަވާރާއި ދޫނިސޫފާސޫފީގެ ކެއުމަށް އަހަރަކު 17 ބިލިއަން ޑޮލަރު ޖަޕާނުގެ މުއައްޒިފުންގެ ހިތްއުފާކުރުމާއި ދަތުރުފަތުރަށް އަހަރަކު 35 ބިލިއަން ޑޮލަރު ޔޫރަޕުގައި ސިގިރޭޓް ބުއިމަށް އަހަރަކު 50 ބިލިއަން ޑޮލަރު ޔޫރަޕުގައި ރާ ބުއިމަށް އަހަރަކު 105 ބިލިއަން ޑޮލަރު މަސްތުވާ އެކި ބާވަތުގެ ބޭސްތަކަށް އަހަރަކު 400 ބިލިއަން ޑޮލަރު ޢަސްކަރީ ޚަރަދުތަކަށް އަހަރަކު 780 ބިލިއަން ޑޮލަރު އަނެއްކޮޅުން ދުނިޔޭގެ އެންމެހައި އިންސާނުންގެ ހުރިހާ އަސާސީ ބޭނުންތަކެއް ފުރިހަމަކުރުމަށްޓަކައި މި ނިސްބަތުން ބޭނުންވަނީ ވަރަށް ކުޑަކުޑަ ފައިސާކޮޅެކެވެ. އެންމެނަށް އަސާސީ ތަޢުލީމު ދިނުމަށް 6 ބިލިއަން ޑޮލަރު ބޯފެނާއި ފާޚާނާގެ ޚިދުމަތް ދިނުމަށް 9 ބިލިއަން ޑޮލަރު އަންހެނުންނަށް ރަނގަޅު ޞިއްޙަތެއް ހޯދައިދިނުމަށް 12 ބިލިއަން ޑޮލަރު ޢާއްމު ޞިއްޙަތުގެ އަސާސީ ޚިދުމަތް ހޯދައިދިނުމަށް 13 ބިލިއަން ޑޮލަރު 4. ކޮންމެމީހަކަށް މޮޓޯސައިކަލެއް ނުވަތަ ކާރެއް ހޯދަން ޖެހުމުގެ ސަބަބުން ދުނިޔޭގެ ވަރަށްގިނަ ރަށްރަށް ވަނީ ދުއްވާ އެއްޗެހީގެ ސަބަބުން ތޮއްޖެހިފައެވެ. އެތަކެތީގެ ދުމަކީ ވެށިކިލަނބުވުމުގެ ވަރަށްބޮޑު ސަބަބަކަށް ވަނީ ވެފައެވެ. ދުނިޔޭގައި ބޭނުންކުރެވޭ ހަކަތައިގެ ތިރީސް އިންސައްތަ ބޭނުންކުރެވެނީ މީހުނާއި މުދާ އުފުލުމުގެ ވަސީލަތްތަކަށެވެ. އެހެންކަމުން ވެއްޓާބެހޭ ހުރިހާމަސްއަލަތަކެއް ބޭކާރު ޚަރަދުކުރުމާ ގުޅިފައިވާ ކަމުގައި ދަންނަވާން ޖާގަ އެބައޮތެވެ. 5. ކެއިންބުއިމުގެ އާދަތަކަށް އައިސްފައިވާ ބަދަލުގެ ސަބަބުންވެސް މުޖުތަމަޢަށްވަނީ ވަރަށް ފާޅުކަންބޮޑު އަސަރުތަކެއް ފޯރައިފައެވެ. ގެރިމަހާއި ކުކުޅުމަސް ކެއުން އިތުރުވުމާއި އެތަކެތި ބޭނުންވާ ޢަދަދު ގިނަވުމުގެ ސަބަބުން ފެނާއި ތަރުކާރީގެ ޢަދަދު އަންނަނީ މަދުވަމުންނެވެ. އަށްއައުންސުގެ ގެރިމަސް އުފެއްދުމަށް ޓަކައި ފަންސަވީސް ހާސް ލިޓަރުގެ ފެން ބޭނުންވެއެވެ. ދުނިޔޭގައި އުފެދޭ ސޯޔާ ބީންސުގެ ނުވަދިހަފަހެއް އިންސައްތަ ކާންދެވެނީ ފާމުތަކުގައި ގެންގުޅޭ ސޫފިތަކަށެވެ. ވީހާވެސް ގިނައިން ބިސްހޯދުމަށްޓަކައި ކުކުޅުތައް ބަނޑުހައިކަންމަތީގައި ބައިތިއްބަން ޖެހެއެވެ. އަނެއްކޮޅުން ކުކުޅުތައް ކަތިލާންވުމުން އެތަކެއްޗަށް ހޯމޯން އިންޖެކްޝަން ޖަހައިގެން ފަލަކުރުވައެވެ. މިބާވަތުގެ ސަބަބުތަކާހުރެ ކުކުޅުގެންގުޅޭ ފާމުތަކުގައި ތަފާތު ވައްތަރުވައްތަރުގެ ބަލިތައް ފެތުރެއެވެ. އެބަލިތައް ކޮންޓްރޯލްކުރުމަށްޓަކައި ތަފާތު އެންޓިބައިޓިކްތައް ކާންދެއެވެ. ފާމުތަކުގައި ގެންގުޅޭ ޖަނަވާރާ ބެހޭގޮތުން ޢަމަލުކުރެވެމުންދާ ގޮތާމެދު ޑަބްލިޔު.އެޗް.އޯ. އިން ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައި ވަރަށްބޮޑަށް ސިހެންޖެހޭފަދަ ޙަޤީޤަތްތަކެއްވަނީ ހާމަކޮށްފައެވެ. އެރިޕޯޓުގައިވާ ގޮތުން މިގޮތަށް ސޫފި އާލާކޮށް ގެންގުޅުމާއި، އިންސާނުން އެތަކެތީގެ ބޭނުންކުރަމުން ގެންދިޔުމުގެ ސަބަބުން އިންސާނުންނަށާއި، ޖަނަވާރަށް ޖެހޭ ބަލިތަކަށް ފަރުވާކުރުން ދުވަހެއް ދުވަހަކަށް ދަނީ އުނދަގޫވަމުންނެވެ. ޞިއްޙީ އޮޅުންބޮޅުންތައް އިތުރުވަމުންނެވެ. މަތީގައި އެވަނީ މިޒަމާނުގައި ޙައްދެއްނެތި އިތުރުވެފައިވާ ބޭކާރު ޚަރަދުކުރުމުގެ ސަގާފަތުގެ ސަބަބުން ދިމާވެފައިވާ ބޮޑެތި މަސްއަލަތަކަށް އަޅުވައިލެވިފައިވާ އަވަސް އައްޔެކެވެ. ޝައްކެއްނެތެވެ. އެހުރިހާ ދާއިރާއެއްވެސް ގުޅިފައިވަނީ އިންސާނާގެ ދިރިއުޅުމުގެ މަޤްޞަދާއެވެ. މަޤްޞަދު އޮޅުމާއެވެ. މިދުނިޔޭގައި އިންސާނާ ދިރިއުޅޭންވީ ރަނގަޅުގޮތް ނޭނގުމާއެވެ. މިގޮތުން ބަލާ އިރު އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެއްވައިފައިވާ އިރްޝާދުތަކަކީ އިންސާނުންގެ ވިސްނުން މި މޭރުމުން ހަމަމަގަށްއެޅުވުމަށްޓަކައި ވަރަށްޔަޤީންކަންބޮޑު އިރްޝާދުތަކެކެވެ. އިތުރު ސާހިބާގެ އިރްޝާދުތައްޙަޔާތުގެ މަޤްޞަދު އިންސާނީ ޙަޔާތުގެ މަޤްޞަދު ޢައްޔަންވެފައި އޮތުމަކީ އިންސާނާއަށް ހެޔޮގޮތުގައި ކުރިޔަށްދާން ވަރަށްބޮޑަށް ފަސޭހަވާނެ ކަމެކެވެ. އިތުރު ސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީސްތަކުންގެ ހިތްތަކަށް ވައްދަވައިދެއްވައިފައިވާ ގޮތުގައި އަރަހުށި މާތްﷲ އިންސާނާ އުފެއްދެވީ ހިތުގެ ސާބިތުކަމާ އެކު އެކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރުމަށް ޓަކައެވެ. (މުސްލިމު) މިދުނިޔޭގައި ކޮންމެ އިންސާނަކަށްވެސް ކަނޑައެޅިފައިވާ މަސްއޫލިއްޔަތުތަކެއް ވެއެވެ. ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ގުޅިފައިވަނީ އެމަސްއޫލިއްޔަތު ދެނެގަތުމާއި އެމަސްއޫލިއްޔަތު ފުރިހަމަޔަށް އަދާކުރުމާއެވެ. މީހެއްގެ ހިތުގައި މިދެންނެވި ފިކުރު ރަނގަޅަށް ބިންވަޅުނެގިފައިވާ ނަމަ މަޤްޞަދެއްނެތް ކަމަކާ ދިމާޔަށް އޭނާ ފައިނަގައި ފައިއަޅަމުން ދިޔުމަކީ މުސްތަޙީލު ކަމެކެވެ. ހެނދުނާއި ހަވީރު އޭނާގެ ފިޔަވަޅުތައް ކުރިޔަށްދާނީ މާތްﷲ އަށް އަޅުކަންކުރުމާ ދިމާޔަށެވެ. އޭނާއަށް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ އެކަމުންނެވެ. އިތުރުސާހިބާ އިރްޝާދު ދެއްވައިފައިވާ ގޮތުގައި މީހަކު މާތް ﷲ ގެ މަގުގައި ހެނދުނާއި ހަވީރު ފިޔަވަޅުއަޅަމުން ދިޔުމަކީ އޭނާއަށްޓަކައި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗެއްސަކަށްވުރެ ލާބަހުރި ކަމެކެވެ. (ބުޚާރީ) ދުނިޔޭގެ ރަނގަޅު ތަޞައްވުރުދުނިޔޭގައި އިންސާނެއްގެ ޢަމަލުތައް ބައްޓަންވަމުންދާނީ އޭނާ ދުނިޔެއާ މެދު ދެކޭގޮތެއްގެ މައްޗަށެވެ. ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރްޝާދު ދެއްވައިފައިވާ ގޮތުގައި ދުނިޔެ އުފައްދަވައިފައިވަނީ އިންސާނާއަށް ޓަކައެވެ. ދުނިޔޭގައި ދިރިއުޅުމާއި، ދިރިއުޅުމުގެ ބޭނުންތަކާ އެއްގޮތަށް ދުނިޔޭގެ ވަސީލަތްތައް ބޭނުންކުރުން ހަމައެކަނި ހުއްދަކުރައްވާފައި ވަނީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ މާތްﷲ ގެ އަޅުތަކުންގެ ކިބައިން އެކަލާނގެ ދެއްވައިފައިވާ ނިޢުމަތުގެ އަސަރު ފެންނާންހުރުމަކީ އެކަލާނގެ ލޯބިވެވޮޑިގެންވާ ކަމެކެވެ. (ތިރުމިޒީ) ނަމަވެސް ބުއްދިވެރީންގެ ގޮތަކީ ދުނިޔެއަކީ އާޚިރަތުގެ ދަނޑުބިމެއް ކަމުގައި ހެދުމެވެ. ދުނިޔޭގައިއުޅޭއިރު ހެޔޮޢަމަލުތައް ގިނަކުރުމެވެ. މިތަޞައްވުރާއެކު ހެޔޮނިޔަތުގައިކުރާ ކޮންމެކަމެއްވާނީ އާޚިރަތުގެ ދަތުރުމަތީގެ ކޮއްތު ކަމުގައެވެ. އިތުރުސާހިބާ އިރްޝާދު ދެއްވައިފައިވާ ގޮތުގައި މީހަކު ހައްދައިފައިވާ ދަނޑެއްގެ ގޮވާމުން ނުވަތަ މީހަކު ހައްދައިފައިވާ ބަގީޗާއެއްގެ މޭވާއިން މީހަކު ނުވަތަ ދިރޭއެއްޗެއް ކައިފިނަމަ އެބަޔެއް ލިޔުއްވާނީ އޭނާއަށް ކުރެވިފައިވާ ޞަދަޤާތެއް ކަމުގައެވެ. (އަލްޖާމިޢުއް ޞަޣީރު) މުދަލުގެ ތަޞައްވުރުމުދަލަކީ އިންސާނުންގެ ދިރިއުޅުން ފުރިހަމަކުރުމަށްޓަކައި ލައްވައިފައިވާ ވަސީލަތެކެވެ. އެމީހެއްގެ އަތުގައި ހުންނަ މުދަލަކީ ޙަޤީޤަތުގައި އޭނާގެ އަމިއްލަ މިލްކެއް ނޫނެވެ. އޭނާގެ ޙަވާލުގައިހުރި އަމާނާތެކެވެ. މާތް ﷲ ގެ އަމާނާތެކެވެ. އެހެންކަމުން މުދަލާމެދު ދެކެންޖެހޭނީ ޙަޔާތުގެ ބޭނުންތައް ފުއްދުމުގެ ވަސީލަތެއް ކަމުގައްޔާއި މާތް ﷲ އާ ކުއްތަންވުމުގެ ޒަރީޢާއެއް ކަމުގައެވެ. ރަނގަޅުގޮތުގައި މުދާހޯދުމަށާއި ހެޔޮގޮތުގައިޚަރަދުކުރުމަށް ފަރުވާތެރިވާން ޖެހޭނެއެވެ. މިދެންނެވި ޖަޒުބާތުގައި އަނބިދަރީންނަށް ކުރާޚަރަދުވެސްވާނީ ޞަދަޤާތެއް ފަދަ ޢަމަލަކަށެވެ. ދުރުހިލޭ ބަޔަކަށް މި ރޫޙުގައި ހޭދަ ކުރުމަކީ ޕިނެކެވެ. އަރަހުށި މާތް ﷲ އާ ކުއްތަންވެވޭ ކަމެކެވެ. އެކަލާނގެ ސުވަރުގެއާ ކައިރިވެވޭ ޢަމަލެކެވެ. އިތުރސާހިބާ އިރްޝާދު ދެއްވައިފައި ވެއެވެ. ދީލަތި މީހާއަކީ މާތް ﷲ އާ ކުއްތަންވެގެންވާ މީހެކެވެ. އަދި އެކަލާނގެ ސުވަރުގެއާ ކައިރިވެގެންވާ މީހެކެވެ. (ތިރުމިޒީ) މިފަދަ ގޮތްގޮތަށް ޚަރަދުކުރުމަކާ ނުލައި އޭނާގެ މުދާ އިސްރާފުކޮށްލުމަކީ މާތް ﷲ ގެ ކޯފާއަށް ހުށަހެޅޭނެ ކަމެކެވެ. އިންސާނާގެ ކެއިންބުއިމުގެ ވަސީލަތެއްގެ ގޮތުން ދެއްވައިފައިވާ ރިޒުޤު ބޭކާރުގޮތުގައި ހޭދަކޮށްލުން އެކަނި ވެސް ޤިޔާމަތް ދުވަހުން އޭނާ ހަލާކާއި ގެއްލުމާ ކުރިމަތިލާން ޖެހުމުގެ ސަބަބަކަށް ފުދެއެވެ. (މުސްލިމް) މުދަލުގެ ދަހިވެތިކަމުގައި ޙައްދުފަހަނަޅައި ގޮސް މާތް ﷲގެއަޅާ ދުނިޔޭގެއަޅަކަށްވުމަކީވެސް ރަނގަޅުކަމެއްނޫންކަން އިތުރުސާހިބާވަނީ އަންގަވައިދެއްވައިފައެވެ. އިތުރުސާހިބާވަނީ މިގޮތަށް މުދާދެކެލޯބިވުން މަނާކުރައްވައިފައެވެ. ރުފިޔާއާއި ލާރީގެ އަޅުންކަމުގައިވުމަކީ އިތުރުސާހިބާ ލަޢުނަތް ދެއްވައިފައިވާ ކަމެކެވެ. (ތިރުމިޒީ) ކުރިއެރުމުގެ ޖަޒުބާތުއިންސާނުންގެ ހިތުގައި އެކަކަށްވުރެ އަނެކަކު ކުރިއެރުމުގެ ޖަޒުބާތުއޮތުމަކީ ޠަބީޢީކަމެކެވެ. އިންސާނުން އެބައިމީހުންގެ ޤަޞްދާއި ޢަޒުމާއެކު ކުރިޔަށްދާ ކޮންމެ މައިދާނެއްގައިވެސް އެކަކަށްވުރެ އަނެކަކު ކުރިޔަށްދިޔުމުގެ ރޫޙު އޮންނާނެއެވެ. ބޭކާރު ޚަރަދުކުރުމުގެ ސަގާފަތެއް އުފެދުމުގެ ސަބަބުތަކުގެ ތެރޭގައިވެސް އެކަކު އަނެކަކާ ވާދަކުރުމުގެ ޝުޢޫރު ހިމެނޭ ކަމުގައި ވާނީ ދަންނަވައިފައެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އިންސާނުންގެ މިފިޠުރީ ޖަޒުބާތަށްވެސް އިޙުތިރާމް ކުރައްވައިފައެވެ. އެޖަޒުބާތު ގެންގުޅޭންވީ ރަނގަޅުމަގު ދައްކަވައިފައެވެ. ދުނިޔެއަކީ ޢަމަލުކުރުމުގެ މައިދާނެއް ކަމުގައްޔާއި އޭނާގެ ޢަމަލުތަކަށް އާޚިރަތް ދުވަހުން މާތް ﷲ ގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެ ކަން އަންގަވައިފައެވެ. ހަމައެއާއެކު އިތުރު ސާހިބާ އިރްޝާދު ދެއްވަނީ އިންސާނާއަށް ޙަޤީޤީފައިދާހުރި ކަންތައްތަކަށް ދަހިވެތިވުމަށެވެ. އެކަންތައްތަކުގައި ވާދަކުރުމަށެވެ. އޭނާގެ ވެރިރަސްކަލާނގެ ލޯބިވެވޮޑިގަންނަވާފަދަ ކަންކަމުގައި ވާދަކުރުމަށެވެ. މުދާ ހޭދަކުރުމުގެ ދާއިރާއިންވެސް އެކަމެއްގައި ދަރުމައާއި ޕިން އެކުލެވޭ ކަންކަމުގައި، ދަރުމައާއި ޘަވާބު ލިބިގަތުމަށް ވާދަކުރުމަށެވެ. ބިނާކުރަނިވި ކަންތައްތަކަށް އިންސާނެއްގެ ވިސްނުން ފުރިހަމަޔަށް އަމާޒުކުރެވިއްޖެނަމަ އޭނާ "އޮއިސެއްލަޔަށް ވައިސެއްލަޔަކަށް" ނުއެނބުރޭނެއެވެ. އޭނާއަށް ބިނާކުރަނިވި ކަންކަމުގައި ޙަރަކާތްތެރިވެވޭނީ އިސްރާފުކުރުމާއި ބޭކާރު ޚަރަދު ކުރުމުން އޭނާގެ އަތްތިލަ ސަލާމަތްވެގެންނެވެ. އިތުރުސާހިބާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ އިންސާނީ ޚިދުމަތުގެ ވަރަށްތަނަވަސް އަދި އެހައިމެފުޅާ މައިދާނެއް އެކަލޭގެފާނުގެ އުއްމަތަށް ދައްކަވައިފައެވެ. އިތުރު ސާހިބާ އިރްޝާދު ދެއްވައިފައިވާ ގޮތުގައި މިސްކީނެއްގެ ނުވަތަ ހުވަފަތް އަންހެނެއްގެ ބޭނުމެއް ފުއްދައިދިނުމަށް ޓަކައި ހިނގާ ހިނގުމަކީ ވެސް މާތް ﷲ ގެ މަގުގައި ޖިހާދުކުރުންފަދަކަމެކެވެ. (މުއްތަފިޤް ޢަލައިހި) މިފަދަ އިރްޝާދުތަކުގެ އިތުރަށް މުދާހޭދަކުރުމާ ގުޅުން ހުރި އެހެން ޢާއްމު އިރްޝާދެއްވެސް އެބައޮތެވެ. ބަނޑުހައިވެފައިތިބޭ މީހުންނަށް ކާންދިނުމަށާއި، ބަލި މީހުންގެ ޙާލު ބަލައި ހޭހަންކުރުމަށާއި، ބަންދުގައިތިބޭ މީހުން މިނިވަންކުރަން މަސައްކަތް ކުރުމަށް ދެއްވައިފައިވާ އިރްޝާދެކެވެ. (ބުޚާރީ) ހުރިހާ ބާވަތެއްގެ އުނދަގުލަކާއި ގެއްލުމަކުން މީސްތަކުން ސަލާމަތް ކުރުމަށް ކުރާމަސައްކަތަކީ ތިމާގެ އަމިއްލަ ނަފްސަށް ޓަކައި ކުރެވޭ ޞަދަޤާތެއްކަމުގައިވެސް ވަނީ އިރްޝާދު ދެއްވައިފައެވެ. (މުއްތަފިޤް ޢަލައިހި) ޖަވާބުދާރީ ވުމުގެ އިޙްސާސްކުރީންވެސް ބަޔާންކުރެވިފައި ވާނޭފަދައިން، މުދާ ހޯދުމާއި ޚަރަދުކުރުމަކީ އެކަން ކުރިގޮތާމެދު މާތް ﷲ ގެ ޙަޟުރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަމެއްކަމުގައި އިތުރުސާހިބާވަނީ އިރްޝާދު ދެއްވައިފައެވެ. ކައުސާހިބާގެ މިއިރްޝާދުން އަޅުގަނޑުމެންނަށް ބަޔާންވެ އެނގޭ ގޮތުގައި މުދާ ހޯދުމާއި ޚަރަދުކުރުމުގައި އަޅުގަނޑުމެންނަށް ރަނގަޅު މިސުރާބުގައި ކުރިޔަށް ދެވޭނީ އަޅުގަނޑުމެންގެ ކިބައިގައި ޖަވާބުދާރީވުމުގެ އިޙްސާސް ހުރެގެންނެވެ. އަޅުގަނޑުމެން އެއްކުރާ ކޮންމެ ލާރިއެއް އެއްކުރާންވާނީވެސް ޚަރަދުކުރާ ކޮންމެ ރުފިޔާއެއް ޚަރަދުކުރާންވާނީވެސް ޒިންމާދާރު ގޮތެއްގައެވެ. ޚަރަދުކުރުމުގެބާރު ހުއްދަނޫން ގޮތުގައި ބޭނުންކުރުމަކީ އިސްރާފު ކުރުމެވެ. ބޭކާރުޚަރަދުކުރުމެވެ. އެކަމުން ސާބިތު ވަނީ އެމީހެއްގެ ވިސްނުމުގައި ޖަވާބުދާރީވުމުގެ އިޙްސާސެއްނެތްކަމެވެ. އެމީހެއްގެ ކިބައިގައި ޒިންމާދާރު ވުމުގެ އިޙްސާސްހުރި ކަމުގައިވާނަމަ މާތް ﷲ ތިމާޔަށް ދެއްވައިފައިވާ ދިރިއުޅުމުގެ ވަސީލަތް ހޭދަކުރާނީ ބެލުންތެރިކަމާ އެކުގައެވެ. ރައްކާތެރިކަމާ އެކުގައެވެ. އިތުރުސާހިބާގެ ސީރަތު އިރްޝާދުދެނީ މީރުފެނުގެކޯވަރަކާމެދުވެސް ކާއެއްޗެހީގެ އެންމެސުވަލަކާމެދުވެސް ޙައްސާސުވުމަށެވެ. އަރަހުށި މާތް ﷲ އެއާމެދު ސުވާލު ކުރައްވާނެއެވެ. ތިމަން ރަސްކަލާނގެ ކަލޭގެއަށް ހަށިގަނޑުގެ ދުޅަހެއިކަން ނުދެއްވަމު ހެއްޔެވެ؟ މީރުފެނުން ކަލޭގެ ކަރުހިއްކުން ފިލުއްވައެއް ނުދެއްވަމު ހެއްޔެވެ؟ (ތިރުމިޒީ) ފުއްދުންތެރިކަމަށް ލޯބިކުރުންފުއްދުންތެރިކަމަށް ލޯބިކުރުމަކީ މިޒަމާނުގެ ދުނިޔޭގެ ފިޔަޖެހުންތަކަށް ހެއްލިގެން ދިޔުމުން ވަރަށް ބޮޑަށް ސަލާމަތް ކޮށްދޭނެ ކަމެކެވެ. އިންސާނާ ދުނިޔޭގެ ނިޢުމަތްތައް ހޯދަންވީ ކިހާވަރަކަށްހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ދަންނަވަން ޖެހެނީ ތިމާގެ ބޭނުންތަކާ އެއްވަރަކަށް ކަމުގައެވެ. އޭގެވަކިއިމެއް ކަނޑައެޅުމަކީ ނެތްކަމެކެވެ. ނަމަވެސް އެކަމުގައި ބަލާނެ މިންގަނޑެއް އެބައޮތެވެ. ތިމާގެ އާޚިރަތް ހަނދާން ނައްތައިނުލުމެވެ. ދުނިޔެއަކީ އާޚިރަތަށް ކުރާ ދަތުރުގެ ފާލަމެއްކަން ދަނެގެން ކުރިޔަށް ދިޔުމެވެ. އިސްލާމްދީނުގެ ނަބިއްޔާ އިރްޝާދު ދެއްވަނީ މާތް ﷲ ތިމާޔަށް ދެއްވައިފައިވާ ރިޒުޤާމެދު އަބަދުވެސް ރުހުމަށެވެ. ހިތްހަމަޖެއްސުމަށެވެ. މުއްސަނދިވުމަކީ މުދަލާއި ފައިސާ ގިނަވުމެއްނޫން ކަމުގައެވެ. ނަފުސުގެ މުއްސަނދިކަން ކަމުގައެވެ. ތިމާޔަށްވުރެ ފޯރާމީހުންނާމެދު ވިސްނުމުގެ ބަދަލުގައި ތިމާޔަށްވުރެ ފަޤީރުންގެ ޙާލަތާމެދު ފިކުރުކުރުމަށެވެ. މީހަކު އާދުވަހަކަށް ފަތިސްކުރާއިރު އަމަންއަމާންކަން ލިބިފައިވުމާއި، ދުޅަހެއިކަމުގައި ހުރެވުމާއި، އެދުވަހެއްގެ ފުރާގު ލިބިފައިވުމަކީ ދުނިޔޭގެ ހުރިހާ ސާމާނަކާ އެކުމުޅިދުނިޔެ އެމީހެއްގެ ކުރިމައްޗަށް ހުށަހެޅިފައިވުމާ ނުބައްދަލު ނިޢުމަތެކެވެ. (ތިރުމިޒީ) ތިމާގެ މިޒާޖުގައި މިގޮތް އާލާކުރެވިއްޖެ މީހަކަށް ލިބޭ މިންވަރާމެދު ރުހިގެން ހުރުމަކީ އުނދަގޫކަމެއްނޫނެވެ. އުފަލުގައި ދިރިއުޅެވުމަކީ ދަތި ކަމެއް ނޫނެވެ. ޢިއްޒަތާއި ޝަރަފުގެ މިންގަނޑުމީހެއްގެ އަތުގައި މުދަލާއި ފައިސާ ގިނަވުމަކީ އެމީހެއްގެ މޮޅުކަމާއި މަތިވެރިކަމުގެ މިންގަނޑެއް ނޫނެވެ. އިތުރު ސާހިބާ އިރްޝާދުދެއްވާ ގޮތުގައި މީހެއްގެ މާތްކަމުގެ ޢަލާމާތަކީ އެމީހެއްގެ ޝަޚްސިއްޔަތުގެ މާތްކަމެވެ. ޢަމަލުތަކުގެ ހެޔޮލަފާ ކަމެވެ. އެންމެރަނގަޅު މީހަކީ އެމީހަކާމެދު އަބަދުވެސް ހެޔޮކަމަކަށް އުއްމީދުކުރެވޭ މީހާއެވެ. އެ މީހެއްގެފުށުން އެހެން މީހުނަށް އަމާންކަން ލިބިފައިވާ މީހާއެވެ. (މިޝްކާތު) އެމީހަކު ފެނުމުން މާތް ﷲ ގެ ރަސްކަންފުޅުގެ މަތީން ހަނދާންވާފަދަ މީހަކީ އެމީހަކާމެދު ހަހުރަކުރުން ޙައްޤު މީހެކެވެ. (އަޙްމަދު) ދިރިއުޅުމަށްޓަކައި މަސައްކަތް ކުރާންވީ އެންމެ ރަނގަޅުގޮތަކީ ތިމާގެ ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް ހެޔޮ ގޮތުގައި މަސައްކަތް ކުރުމެވެ. އެހެންމީހުންގެ ބޭނުންތަކާމެދު ނިހާޔަތަށް ޚިޔާލު ބެހެއްޓުމެވެ. އީމާންކަން ފުރިހަމަވުމުގެ މިންގަނޑަކީ ތިމާގެނަފުސުދެކެ ލޯބިވާ ފަދަޔަކުން ތިމާގެއަޚާ ދެކެވެސް ލޯބިވުމެވެ. (ބުޚާރީ) ------------- (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|
ދެން މިލިޔުމުން އަލަށް ދަސްވި ދެތިން ބަހެއް ފާހަގަކޮށްލާނަން.
ފުރާގު: ކައިބޮއި ހެދުމަށް ހަމަޖެހޭ މިންވަރު http://radheef.com/bas/furWgu
ހަހުރަކުރުން: ހަސަދަވެރިވުން http://radheef.com/bas/hwhurwyW
ދެން މި ލިޔުމުގައި ލިޔުންތެރިޔާ "ޕިން" ބޭނުންކޮށްފައި ގޮތުގައި ކުޑަ އަބުއި ގޮތެއް އެބަހުރި...