މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ކުޑަކުދީންނާއި ޒުވާނުންގެ ތަރްބިޔަތާއި ނަބަވީ ސީރަތު (2) |
|
|
| ދީން - ދިރާސާ | |||
| 03 ސެޕްޓެމްބަރ 2011، 15:04 ހޮނިހިރު | |||
31 އޯގަސްޓު (ބުދަ) އާ ގުޅޭ..ހެޔޮލަފާ ވެއްޓެއް ކުޑަކުދިންނަށް ރަނގަޅު ތަރުބިޔަތެއް ދިނުމަށްޓަކައި ރަނގަޅު އެކުވެރީން ބޭނުންވެއެވެ. ހެޔޮލަފާ މާޙައުލެއްގެ މުހިންމުކަން ބޮޑެވެ. الإمام غزالى رحمه اللّه ވިދާޅުވެފައިވެއެވެ. ކުޑަކުދީން ނުބައިކަންތައްތަކާއި ހުތުރު އެއްޗެހި ގޮވުމާއި، އާޑަ ފުރައްސާރަޔާ ދުރުގައި ގެންގުޅުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. (އިޙްޔާއު ޢުލުމުއްދީން)إبن سينا ވިދާޅުވެފައިވެއެވެ. ކިރުތުނބުން ވީއްލުނީއްސުރެ ކުޑަކުދިން ގެންގެޅުންޖެހޭނީ ފުރިހަމަ އަޚްލާޤީ ބެލެހެއްޓުންތެރިކަމެއްގެ ތެރޭގައެވެ.] ހެޔޮލަފާ އެކުވެރީންނާއި ނުބައި ރަޙްމަތްތެރީންގެ ފަރާތުން ކުއްޖާގެ ސުލޫކަށް ފޯރާ އަސަރަށް ނިސްބަތްކުރައްވައި އިންސާނިއްޔަތުގެ معلّم صلّى اللّه عليه وسلّم ޙަދީޘުކުރައްވައިފައިވެއެވެ. [ހަމައެކަނި މުއުމިނުން އެކުވެރީން ކަމުގައި ޚިޔާރުކުރާށެވެ. ތިޔަބައިމީހުންގެ ކެއުމުގައި ޞާލިޙު ތަޤުވާވެރީން ބައިވެރިކުރާށެވެ.] (އަބޫދާއޫދު) ތަރުބިޔަތާއި އުނގަންނައިދިނުމުގެ ދާއިރާގެ މާހިރެއްގެ ޙައިޘިއްޔަތުން އިތުރު ސާހިބާ صلّى اللّه عليه وسلّم ވިޔާނުދާ އެކުވެރީންނާއި، ރަނގަޅު ރަޙްމަތްތެރީން ސިފަކުރައްވައިފައިވާ ޙަދީޘެއް ޞަޙީޙު ބުޚާރީގައި ވެއެވެ. [ހެޔޮލަފާ ރަޙްމަތްތެރިއަކާއި، ނުބައި ރަޙްމަތްތެރިއެއްގެ މިސާލަކީ، އަތަރުވިއްކާ މީހަކާއި އުނދުނަށްފުމޭ ދަގަނޑުތަޅާ މީހެއްގެ މިސާލެވެ. އަތަރު ވިއްކާ މީހާގެ ގާތަށް ދިއުމުން، އޭނާ ކަލެޔަށް އަތަރު ހަދިޔާ ކުރާނެއެވެ. ނުވަތަ ކަލެޔަށް އޭނާގެ އަތުން އަތަރު ގަނެވިދާނެއެވެ. (މިއިންކަމެއް ނުކުރިޔަސް) ކަލެޔަށް މީރުވަސް ދުވާނެއެވެ. އުނދުނަށްފުމޭ ދަގަނޑުތަޅާ މީހެއްގެ ކަނބުރުގެއަށް ދިޔުމުން (އަލިފާންކަނި ބުރުމުގެ ސަބަބުން) ކަލޭގެ ހެދުން އަނދާނެއެވެ. ނުވަތަ އެތާނގެ ނުބައިވަސް ކަލެޔަށް އިޙްސާސްވާނެއެވެ.] (ބުޚާރީ) މި މަސްއަލައަކީ އިންސާނާގެ ސުލޫކު ފަރުމާވުމުގައި ވަރަށް މުހިންމު މަސްއަލައެކެވެ. އެހެންކަމުން، ކީރިތި ޤުރްއާނުގައިވެސް ނުހަނު ޚާއްޞަގޮތެއްގައި މިކަން ވަނީ ފާހަގަކުރައްވައިފައެވެ. (( وَيَوْمَ يَعَضُّ الظَّالِمُ عَلَى يَدَيْهِ يَقُولُ يَا لَيْتَنِي اتَّخَذْتُ مَعَ الرَّسُولِ سَبِيلًا . يَا وَيْلَتَى لَيْتَنِي لَمْ أَتَّخِذْ فُلَانًا خَلِيلًا . لَقَدْ أَضَلَّنِي عَنِ الذِّكْرِ بَعْدَ إِذْ جَاءنِي وَكَانَ الشَّيْطَانُ لِلْإِنسَانِ خَذُولًا )) [އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެތެވެ. އޭ ސަހަރޯއެވެ! ރަސޫލާގެ އަރިހުން މަގެއް ހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސްހެއްޔެވެ؟ އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނި މީހަކު މިތުރަކު ކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ! ހަމަކަށަވަރުން، ތިމަންނާއާ ހަމައަށް އެ ޤުރްއާން އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި ޝައިޠާނާވެއެވެ.] (އަލްފުރްޤާން: 27، 28، 29) عمرو بن أبى سَلَمة رضى اللّه عنه އަށް ތަރްބިޔަތު ލިބިވަޑައިގެންފައިވަނީ، އިތުރު ސާހިބާ صلّى اللّه عليه وسلّم ގެ ބެއްލެވުމުގެ ދަށުންނެވެ. އިތުރު ސާހިބާގެ އޯގާވެރި ހިޔާވަހިކަމުގައެވެ. عَمرو ވިދާޅުވެފައިވެއެވެ. ކާއެއްޗެހި އަޅައިފައި ހުންނަ ކަންވާރަށް އެކިދިމަދިމާއިން އަހަރެން އަތްބާނަން ފެށުމުން، އިތުރު ސާހިބާ މަޑުމައިތިރިކަމާއެކު އަހަންނަށް ވިސްނާދެއްވައެވެ. [ކޮއިފުޅާއެވެ! بسم اللّه ކިޔައިފައި ކާންފަށާށެވެ. ކަނާތުން ކާށެވެ. ކަލެޔާ ކައިރީން ކާށެވެ.] (ބުޚާރީ) އަޅުކަންކުދީންގެ އިބްތިދާއީ ޢުމުރުގައި އަޅުކަމުގެ މައްޗަށް ކުދީން ސަމާލުކުރުވަންވާނެއެވެ. އިތުރު ސާހިބާ ޙަދީޘުކުރައްވައިފައިވެއެވެ. ހަތް އަހަރުވުމުން ކުދީންނަށް ނަމާދުކުރަން އަމުރުކުރާށެވެ. ދިހައަހަރުގެ ޢުމުރުގައި، ނަމާދާމެދު ޣާފިލުވާނަމަ، އަދަބުދޭށެވެ. އެ ޢުމުރުން ފެށިގެން ކުދީންގެ ތަންމަތިތައް ވަކިކުރާށެވެ. (ތިރުމިޒީ) ކުދީން ފުރާވަރަށް އަރާން ފެށުމުން، އެކުދިންނަށް އިޖްތިމާޢީ އަދަބު އަޚްލާޤާއި އިސްލާމީ ތަހްޒީބުގެ ރީތި އުސޫލުތައް ދަސްކޮށްދޭންވާނެއެވެ. މިސާލަކަށް މައިންބަފައިންގެ ކޮޓަރިޔަށް، ބޭނުން ކޮންމެ ވަގުތަކު ހުއްދަ ނުހޯދައި ވަދެގެން ނުވާނެކަމެވެ. ޚާއްޞަކޮށް ތިންވަގުތެއްގައި މައިންބަފައިންގެ ކޮޓަރިޔަށް ވަންނާންވާނީ، ހުއްދަ ލިބިގެންކަމެވެ. ކީރިތި ޤުރްއާނުގައި އިރްޝާދު ދެއްވައިފައިވާ ފަދައިންނެވެ. (( يَا أَيُّهَا الَّذِينَ آمَنُوا لِيَسْتَأْذِنكُمُ الَّذِينَ مَلَكَتْ أَيْمَانُكُمْ وَالَّذِينَ لَمْ يَبْلُغُوا الْحُلُمَ مِنكُمْ ثَلَاثَ مَرَّاتٍ مِن قَبْلِ صَلَاةِ الْفَجْرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ الظَّهِيرَةِ وَمِن بَعْدِ صَلَاةِ الْعِشَاء ثَلَاثُ عَوْرَاتٍ لَّكُمْ لَيْسَ عَلَيْكُمْ وَلَا عَلَيْهِمْ جُنَاحٌ بَعْدَهُنَّ طَوَّافُونَ عَلَيْكُم بَعْضُكُمْ عَلَى بَعْضٍ كَذَلِكَ يُبَيِّنُ اللَّهُ لَكُمُ الْآيَاتِ وَاللَّهُ عَلِيمٌ حَكِيمٌ )) [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނާއި، ތިޔަބައިމީހުންކުރެ ބާލިޣުވުމުގެ ޢުމުރާ ހަމަޔަށް ނުފޯރާ ކުޑަކުދީންވެސް، ތިންވަގުތެއްގައި ތިޔަބައިމީހުންގެ ކިބައިން އިޛުނަ ލިބިގަންނަހުށިކަމެވެ! އެއީ ފަތިސްނަމާދުގެ ކުރީންނާއި، މެންދުރުވަގުތު ތިޔަބައިމީހުންގެ ފޭރާން ލުއިކޮށްގެންތިބޭ ވަގުތުގައްޔާއި، ޢިޝާނަމާދުގެ ފަހުންނެވެ. (އެއީ) ތިޔަބައިމީހުން ނިވައިވެތިބޭ ތިންވަގުތެކެވެ. އެވަގުތުތަކަށްފަހު، ތިޔަބައިމީހުންގެ މައްޗަކަށްވެސް، އަދި އެއުރެންގެ މައްޗަކަށްވެސް (ވަދެނުކުމެ އުޅުމުގައި) ކުށެއް ނެތެވެ. (އެއުރެންނީ) ތިޔަބައިމީހުންގެ އެއްބަޔަކު ތިބޭ ތަނަކަށް އަނެއްބަޔަކު ވަދެނުކުމެއުޅޭ ބަޔެކެވެ. އެފަދައިން اللّه، ތިޔަބައިމީހުންނަށް އާޔަތްތައް ބަޔާންކޮށްދެއްވަތެވެ. އަދި اللّه އީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމުވަންތަ ރަސްކަލާނގެއެވެ.] (އައްނޫރު: 58) ކުދީންނަށް އޯގާވެރިވުންކުޑަކުދީންނަށް އޯގާވެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކުދީންގެ ގައިގައި ތަޅައި އަނިޔާކޮށް، ހުތުރު އެއްޗެހި ގޮވައި ހެދުމާއި، ކުދިން ނިކަމެތިކޮށް އަގުވައްޓައިލުމުން އެކުދީންގެ ޝަޚްޞިއްޔަތު މަރުވެއެވެ. އެކުދީންގެ އަމިއްލަ ނަފްސާމެދު އިތުބާރު ގެއްލެއެވެ. އެކުދީންގެ ނަފްސުގެ ޢިއްޒަތަށް ގެއްލުން ލިބެއެވެ. އެކުދީންގެ ކިބައިގައި އަމިއްލަ ނަފްސުގެ ނިކަމެތިކަމުގެ އިޙްސާސް އުފެދެއެވެ. ނަމަވެސް ހިތާމަޔަކީ، އިސްލާމީ ޤައުމުތަކުގެ ޢާއިލީ ވެށީގެ އިތުރަށް، ތަޢުލީމީ ދާއިރާތަކުގައި، މި ހިތާމަވެރި ޙާލަތު ޢާއްމުވެފައިވާ ކަމެކެވެ. ނަތީޖާއަކަށްވަނީ، އިސްލާމީ އުންމަތުގެ ކުޑަކުދިން ބޮޑެތިވެ، ތަޢުލީމު ޙާޞިލުކޮށް ނިމޭއިރުވެސް، އެކުދީންގެ ކިބައިގައި ޢިލްމާއި ފަންނުތަކުގައި ދުނިޔޭގެ އިމާމުން ކަމުގައިވުމުގެ ޤާބިލުކަން ނުއުފެދުމެވެ. ނަމަވެސް، ނަބަވީ މަދަރުސާގައި ކަންއޮތީ މިގޮތަކަށް ނޫނެވެ. ނަބަވީ މަދަރުސާގައި ކޮންމެ މީހެއްގެވެސް ޢިއްޒަތުއްނަފްސަށާއި، އިންސާނީ ކަރާމަތަށް ވަރަށްބޮޑު އިސްކަމެއް ދެވުނެވެ. އިމާމު މުސްލިމް أبو على سويد بن مقرن رضى اللّه عنه އަރިހުން ރިވާކުރައްވައިފައިވެއެވެ. އޭނާ ވިދާޅުވިއެވެ. އަހަރެންގެ ޢާއިލާގެ ފިރިހެންކުދީންގެ ތެރެއިން ހަތްވަނައަކީ އަހަރެންނެވެ. އަހަރެމެންގެ ޢާއިލާގައި އަޅުއަންހެނެއް ހުރެއެވެ. އެއްދުވަހަކު އަހަރެމެންގެ އެންމެ ހަގު ފިރިހެން ކޮއްކޮ، އެ ޚާދިމާގެ ގައިގައި ތަފާލެއް ޖެހިއެވެ. އެކަމާ ގުޅިގެން، އިތުރު ސާހިބާ صلّى اللّه عليه وسلّم އަމުރުކުރެއްވީ، އެ ޚާދިމާ މިނިވަން ކުރުމަށެވެ. އިމާމު މުސްލިމުގެ އެހެން ރިވާޔަތެއްގައިވެއެވެ. أبو مسعود بدرى رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. [އެއްދުވަހަކު އަހަރެންގެ އަޅެއްގެ ގައިގައި ހަންމުށީން ތަޅަނިކޮށް ފަހަތުން މީހަކު ބުނާއަޑު އިވުނެވެ. [أبو مسعود އެވެ! ހަނދާން ކުރައްވާށެވެ.] އަހަރެންގެ ގާތަށް އައިސްފައިހުރި ރުޅީގައި އެއީ ކާކުގެ އަޑެއްކަމެއް ފާހަގައެއް ނުކުރެވުނެވެ. އެއަޑު ތަންކޮޅެއް ކައިރިވިއިރު، އެއީ رسول اللّه صلّى اللّه عليه وسلّم ގެ އަޑުފުޅެވެ. އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. [أبو مسعود އެވެ! ހަނދާން ކުރައްވާށެވެ! ތިޔަ އަޅުކަލޭގެ މައްޗަށް ކަލޭގެފާނަށް ލިބިވަޑައިގެންފައިވާ ބާރަށްވުރެ މާބޮޑަށް މާތް اللّه އަށް ކަލޭގެފާނުގެ މައްޗަށް ބާރު ލިބިވޮޑިގެންވެއެވެ.] އަހަރެން ދަންނަވައިފީމެވެ. [އޭ މާތް اللّه ގެ ރަސޫލާއެވެ! މާތް اللّه ގެ މަގުގައި އަޅުގަނޑު މީނާ މިނިވަން ކޮށްފީމެވެ.] އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. [ކަލޭގެފާނު ތިޔަގޮތަށް ކަންތައް ނުކުރެއްވިނަމަ، ނަރަކައިގެ އަލިފާން، ކަލޭގެފާނު އަންދައި ދެއްޔަށް ހަދައިލައިފީހެވެ.] سهل بن ساعدى رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. އެއްދުވަހަކު رسول اللّه صلّى اللّه عليه وسلّم އަށް ހިއްޕަވާނެ އެއްޗެއް އެރުވުނެވެ. އިތުރު ސާހިބާ އެއިން ހިއްޕެވިއެވެ. އޭރު އެކަލޭގެފާނުގެ ކަނާތްޕުޅު ފަރާތުގައި ތުއްޕުޅު ބޭފުޅެއް (إبن عبّاس) އިންނެވިއެވެ. ވާތްޕުޅު ފަރާތުގައި، އުމުރުން ދުވަސްވީ މީހެއް އިނެވެ. އިތުރު ސާހިބާ، އެ ތުއްޕުޅު ބޭފުޅާއާ ސުވާލު ކުރެއްވިއެވެ. [ހުއްދަ ދީފިނިމަ، އެންމެފުރަތަމަ މިބައިމީހުންނަށް ދޭން ފަށަން ކަމަށެވެ.] އެބޭފުޅާ ޖަވާބު ދެއްވިއެވެ. [މާތް اللّه ގަންދެއްވަމެވެ. ކަލޭގެފާނު އަޅުގަނޑަށް ދެއްވާ އެއްވެސް އެއްޗަކާމެދު އަޅުގަނޑުގެ އަމިއްލަ ނަފްސުގެ މައްޗަށް އެހެންމީހަކަށް ތަރްޖީޙެއް ނުދޭނަމެވެ.] (މުސްލިމް) أبوهريرة رضى اللّه عنه ރިވާކުރައްވައިފައިވެއެވެ. [ކުޑަކުއްޖަކަށް އެއްޗެއް ދިއްކޮށްފައި އަމޭ މިގެންދާށޭ ނުވަތަ ކަލެޔަށޭ ބުނެފައި އެއެއްޗެއް އެކުއްޖަކަށް ނުދީފިނަމަ، އެބަސްވެސްވަނީ ދޮގެއް ހެދުންކަމަށެވެ.] (އަޙްމަދު) رافع بن عَمرو الأنصارى ރިވާކުރައްވައިފައިވެއެވެ. [އަހަރެން ކުޑައިރު އަންޞާރުންގެ ކަދުރު ރުއްތަކުން ކަދުރު ބިނދެއުޅެމެވެ. އެއްދުވަހަކު ބަޔަކު އަހަރެން އަތުލައިގަނެގެން رسول اللّه صلّى اللّه عليه وسلّم ގެ އަރިހަށް ގެންގޮސްފިއެވެ. އިތުރު ސާހިބާ ސުވާލުކުރެއްވިއެވެ. [ކޮއިފުޅު ކަދުރު ބިންނަނީ ކީއްވެގެންހެއްޔެވެ؟] އަހަރެން ދެންނެވީމެވެ. ކާންވެގެންނެވެ. ޙަދީޘުކުރެއްވިއެވެ. [މީގެފަހުން ރުއްރުކުން ކަދުރު ނުބިންނާށެވެ. ބިންމައްޗަށް ވެރިފައި ހުންނަ ކަދުރު ކާށެވެ.] އެހެން ޙަދީޘުކުރެއްވުމަށްފަހު، ނުހަނު ލޯބިފުޅުން އަހަރެންގެ ބޮލުގައި އަތްޕުޅު ފިރުއްމަވައިލެއްވިއެވެ. އެއާއެކު ދުޢާކުރެއްވިއެވެ. [ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މީނާގެ ބަނޑުހައިކަން ފިލުއްވައިފާނދޭވެ!] (އަޙްމަދު) [އިތުރު ސާހިބާ صلّى اللّه عليه وسلّم ހަމައެކަނި ކުޑަކުދީންދެކެ ލޯބިފުޅުވަނީކީ ނޫނެވެ. އަދި ކީއްތޯއެވެ؟ އެކުދީންގެ ނަފްސިއްޔާތަށާއި، އެކުދީންގެ ދެނެގަތުމުގެ ބާރަށާއި، ޢިއްޒަތުއްނަފްސަށްވެސް ވަރަށްބޮޑަށް ޚިޔާލުފުޅު ބަހައްޓަވައެވެ. ކުޑަކުދީންގެ ގާތުން ވަޑައިގަންނަވާއިރު، ބޮޑެތިމީހުންނެކޭ އެއްގޮތަށް، އެކުދިންނާވެސް ސަލާމްކުރައްވައެވެ. އެކުދީން އިތުރު ސާހިބާއާ ރައްޓެހިކުރައްވައެވެ. އެކުދީންނަށް ކަމޭހިއްތަވައެވެ. ހިތްވަރުދެއްވައެވެ. ބޮޑެތިމީހުންގެ ވާހަކަތަކަށް ސަމާލުކަން ދެއްވާފަދައިން، އެކުދީންގެ ވާހަކަތައްވެސް ކަނުލައްވައި އަޑުއައްސަވައެވެ. އެކުދީން ބޭނުން ކަންތައް ކޮށްދެއްވައެވެ.] އިމާމް މުސްލިމް ރިވާކުރައްވައިފައިވެއެވެ. أمّ المؤمنين السّيّدة عأشة رضى اللّه عنها ރިވާކުރައްވައިފައިވެއެވެ. [އިތުރު ސާހިބާ صلّى اللّه عليه وسلّم ދުވަހަކުވެސް އަންހެނެއްގެ ގަޔަކު ނުވަތަ އަޅެއްގެ ގަޔަކު ނުޖައްސަވައެވެ. މާތް اللّه ގެ މަގުގައި ހަނގުރާމަކުރެއްވުމުގެ މައިދާނުގައި މެނުވީ، އެހެންމީހެއްގެ ގަޔަކުވެސް ނުޖައްސަވައެވެ.] ------------- (ނުނިމޭ) މި ލިޔުން: ފޮނުވުން: އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) އަލުންބެލުން: އަލްއުސްތާޛު އަޙްމަދު މާޖިދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
|
| ހަމަ މި ގަލަމުން |
|---|