މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ފާގަތިކަމާއި ތަދުމަޑުކަމުގައި އިންސާނާގެ ޙާލަތު (2) |
|
|
| ދީން - ޢަޤީދާ | |||
| 07 ސެޕްޓެމްބަރ 2009، 23:43 ހޯމަ | |||
|
1 ސެޕްޓެމްބަރު (އަންގާރަ)އާ ގުޅޭ.. އިބްރާހީމް ރަޝީދު މޫސާ ޔޫނުސް ސޫރަތުގައިވާ ފަދަ ބަސްފުޅުތައް ކީރިތިޤުރްއާނުގެ އެތައްއާޔަތްތަކެއްގައި އައިސްފައިވެއެވެ. މި ބަސްފުޅުތަކުގެ ތެރޭގައި މި ދަންނަވާ ބަސްފުޅުތައް ވެ އެވެ.ހ- قُلْ مَن يُنَجِّيكُم مِّن ظُلُمَاتِ الْبَرِّ وَالْبَحْرِ تَدْعُونَهُ تَضَرُّعًا وَخُفْيَةً لَّئِنْ أَنجَانَا مِنْ هَذِهِ لَنَكُونَنَّ مِنَ الشَّاكِرِينَ - الأنعام: ٦٣ " ކަލޭގެފާނު ވިދާޅުވާށެވެ! އެއްގަމާއި،ކަނޑުގެ އަނދިރިތަކުގެ ތެރެއިން ތިޔަބައިމީހުން މިންޖުކުރާނީ ކާކު ހެއްޔެވެ؟ މަޑުމޮޅިކަމާއި،ވަންހަނާގޮތުގައި ތިޔަބައިމީހުން އެކަލާނގެއަށް ދުޢާކޮށް ދަންނަވަމުއެވެ. ހަމަކަށަވަރުން، އެކަލާނގެ ތިމަންމެން މި ކަމުން ސަލާމަތްކުރައްވައިފިނަމަ، ޝުކްރުވެރިވާމީހުންގެ ތެރެއިން ހަމަކަށަވަރުން ތިމަންމެން ވާހުށީމެވެ. " ށ- وَإِذَا مَسَّكُمُ الضُّرُّ فِي الْبَحْرِ ضَلَّ مَن تَدْعُونَ إِلاَّ إِيَّاهُ فَلَمَّا نَجَّاكُمْ إِلَى الْبَرِّ أَعْرَضْتُمْ وَكَانَ الإِنسَانُ كَفُورًا الإسراء: ٦٧- "އަދި ކަނޑުމަތީގައި ތިޔަބައިމީހުންނަށް ދަތިޙާލު ޖެހިއްޖެ ހިނދަކު ، ތިޔަބައިމީހުން އެހީއަށްއެދި ގޮވާ ފަރާތްތަކުގެ ތެރެއިން އެކަލާނގެ ފިޔަވައި އެހެންހުރިހާ ފަރާތެއް ގެއްލިދެއެވެ. ފަހެ، އެކަލާނގެ ތިޔަބައިމީހުން ސަލާމަތްކުރައްވައި އެއްގަމަށް ގެންނަވައިފިހިނދު ތިޔަބައިމީހުން ފުރަގަސްދީ ހިނގައިދެއެވެ. ނިޢުމަތަށް އިންކާރުކޮށް ،ދެކޮޅުވެރިވާ މީހަކު ކަމުގައި އިންސާާނާ ވިއެވެ." ނ- فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ - لِيَكْفُرُوا بِمَا آتَيْنَاهُمْ وَلِيَتَمَتَّعُوا فَسَوْفَ يَعْلَمُونَ العنكبوت: ٦٥ – ٦٦ – ''ފަހެ، އެއުރެން ނަވަށް އެރިހިނދު، އެކަލާނގެއަށް އީމާންކަން ޚާލިޞްކުރާ ޙާލުގައި ، ﷲއަށް އެއުރެން ދުޢާކުރެތެވެ. ފަހެ، އެކަލާނގެ އެއުރެން ސަލާމަތްކުރައްވައި، އެއްގަމަށް ގެންނެވިހިނދު، އެއުރެން އެކަލާނގެއަށް ޝަރީކުކުރެތެވެ. އެއުރެން ޝަރީކު ކުރަނީ ، އެއުރެންނަށް ތިމަންރަސްކަލާނގެ ދެއްވި ނިޢުމަތަށް ކާފިރިވުމަށްޓަކައެވެ. އަދި އެއުރެން ވަގުތުކޮޅަކަށް އަރާމުލިބިގަތުމަށްޓަކައެވެ. ފަހެ، ނިކަންހުރެ، އެއުރެންނަށް އޭގެ ނަތީޖާ އެނގޭހުއްޓެވެ. " ރ- وَإِذَا غَشِيَهُم مَّوْجٌ كَالظُّلَلِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ فَمِنْهُم مُّقْتَصِدٌ وَمَا يَجْحَدُ بِآيَاتِنَا إِلاَّ كُلُّ خَتَّارٍ كَفُورٍ لقمان: ٣٢ – ''އަދި ހިޔާއަޅާ ފަރުބަދަތައް ފަދަ ރާޅުތައް އެއުރެން ވަށައިލައިފިނަމަ، އެކަލާނގެއަށް އީމާންކަން ޚާލިޞްކުރާ ޙާލު ގައި ، ﷲއަށް އެއުރެން ދުޢާކުރާނެތެވެ. އަދި އެކަލާނގެ އެއުރެން ސަލާމަތްކުރައްވައި އެއްގަމަށް ގެންދައިވައިފި ހިނދު، ފަހެ، އެއުރެންގެ ތެރެއިން މެދުމިނުމީހުން ވެއެވެ. އަދި ކޮންމެ ޚިޔާނަތްތެރި ކާފިރަކު މެނުވީ ، ތިމަންރަސްކަލާނގެ އާޔަތްތަކަށް ދެކޮޅެއް ނަހަދާނެތެވެ." 3- މާތްﷲ ވަޙީކުރައްވަނީ لا يَسْأَمُ الإِنسَانُ مِن دُعَاءِ الْخَيْرِ وَإِن مَّسَّهُ الشَّرُّ فَيَؤُوسٌ قَنُوطٌ - وَإِذَا أَنْعَمْنَا عَلَى الإِنسَانِ أَعْرَضَ وَنَأَى بِجَانِبِهِ وَإِذَا مَسَّهُ الشَّرُّ فَذُو دُعَاءٍ عَرِيضٍ - فصلت : 49- 51 – ''ހެޔޮކަންތަކަށް ދުޢާކުރުމަކަށް އިންސާނާ ފޫސެއްނުވާނެތެވެ. އަދި ، އޭނާއަށް ނުބައިކަމެއް ޖެހިއްޖެ ނަމަ ،ފަހެ، އުއްމީދު ކެނޑި ، ހިތްމަރުވަފައިވާމީހަކަށް އޭނާ ވެދެއެވެ. އަދި، ހަމަކަށަވަރުން، އެ އިންސާނާ އަށް ދަތިޙާލެއް ޖެހިއްޖައުމަށް ފަހު، ތިމަންރަސްކަލާނގެ ޙަޟްރަތުން ރަޙްމަތެއްގެ ރަހަ އޭނާއަށް ދައްކަވައިފިނަމަ ، މިއީ ތިމަންނާ އަށް ހުރި އެއްޗެކޭ ބުނާނެކަން ކަށަވަރެވެ. އަދި ޤިޔާމަތްވާނެކަމަކަށް ތިމަންނާހީއެއްނުކުރަމެވެ. އަދި ހަމަކަށަވަރުން ، ތިމަންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ތިމަން ރުޖޫޢަކުރެއްވިޔަސް ހަމަކަށަވަރުން އެކަލާނގެ ޙަޟްރަތުގައި ތިމަންނައަށް ހުރީ ހެޔޮކަމެވެ. ފަހެ، ހަމަކަށަވަރުން، ކާފިރުވިމީހުންނަށް ތިމަންރަސްކަލާނގެ އެއުރެންކުރި ޢަމަލުތަކުގެ ޚަބަރުއަންގަވާހުށީމެވެ. އަދި ހަމަކަށަވަރުން، ގަދަވެގެންވާ ޢަޛާބަކުން އެއުރެންނަށް ތިމަންރަސްކަލާނގެ ޢަޛާބުގެ ރަހަ ދައްކަވާހުށީމެވެ. އަދި އިންސާނާ އަށް ތިމަންރަސްކަލާނގެ ނިޢުމަތެއް ދެއްވައިފިނަމަ ، އަނެއްފަރާތަށް އެނބުރި ބޮޑާވެގަނެތެވެ. އަދި އޭނާއަށް، ނުބައިކަމެއް ޖެހިއްޖެ ނަމަ ، ފަހެ، ދުޢާކުރުން ގިނަމީހަކަށް އޭނާ ވެދެއެވެ.'' މި އާޔަތްތަކުގައި ކީރިތިﷲ އެ އަންގަވަނީ އިންސާނާގެ ބަޣާވަތްތެރި ޠަބީޢަތުގެ ވާހަކައެވެ. މާތްﷲ މި އާޔަތްތަކުގައި އަންގަވާ ގޮތުގައި އިންސާނާ އޭނާގެ ނަފްސަށް ހެވަށް އެދުމުގައި ހުއްޓާނުލައި ދުޢާކުރުންމަތީ ހުންނާނެއެވެ. އޭނާގެ ރިޒްޤު ތަނަވަސްކޮށްދެއްވުމަށް، އޭނާގެ ދަރީން ގިނަކޮށްދެއްވުމަށް، އޭނާ އާއި އޭނާގެ ޢާއިލާ ފުރިހަމަޞިއްޙަތާއި ޢާފިޔަތުގެ މަތީގައި ލެހެއްޓެވުމަށް އެދުންފަދަ ކަންތައްތަކަށް އަބަދުވެސް އެދޭނެއެވެ. މި ބީދައިން ކަންތައްތައް ހިނގަމުން ދަނިކޮށް ނުބައިކަމެއް ކުރިމަތިވެއްޖެނަމަ އުއްމީދު ކަނޑައިލާނެއެވެ. ދެން، ﷲގެ ދަރުމަވަންތަކަމުން އެއްޗެއް ދެއްވައިފިނަމަ އެއީ އޭނާގެ ބުރަމަސައްކަތުންވީ ކަމެއްކަމުގައި އިންސާނާ ބުނާނެއެވެ. އޭނާގެ ބޮޑާކަމާ ހެދި ﷲގެ ނިޢުމަތާ އިންކާރުކޮށް ހަރާންކޯރުވާނެއެވެ. މި ޙާލަތުގައި އޭނާ ހުންނައިރު މާތްﷲ އަށް ގިނަގިނައިން ދުޢާދަންނަވާނެއެވެ. މި ނުބައިކަމުން ސަލާމަތްކޮށްދެއްވާތޯއެވެ. މި ނުބައިކަން ފިއްލެވުމުން ﷲގެ މަތިން ހަނދުމަނެތިވެ ހިނގައިދާނެއެވެ. 4- މާތްﷲ ވަޙީކުރައްވަނީ إِنَّ الإِنسَانَ خُلِقَ هَلُوعًا - وَإِذَا مَسَّهُ الْخَيْرُ مَنُوعًا : المعارج:١٩ – ٢١ – ހަމަކަށަވަރުން އިންސާނާ ހައްދަވާފައިވަނީ ކެތްތެރިކަންކުޑަމީހެއްގެ ގޮތުގައެވެ. އެ އިންސާނާ ގައި ނުބައިކަމެއް ބީހިއްޖެނަމަ، ކެތްތެރިކަންކުޑަ ވެއެވެ. އަދި އޭނާ ގައި ހެޔޮކަމެއް ބީހިއްޖެނަމަ މަނާވެގަނެއެވެ. މި އާޔަތްތަކުގައި މާތްﷲ އެބަޔާންކޮށް ދެއްވަނީ އިންސާނާގެ ޠަބީޢަތެވެ. އިންސާނާގެ ކިބައިގައި ހުރި ނުބައިޚަޞީލަތްތަކެވެ. އިންސާނާގެ ޠަބީޢަތަކީ ކެތްތެރިކަން ކުޑަކަމެވެ. އޭނާ އަށް ނުބައިކަމެއް ކުރިމަތިވެއްޖެނަމަ، ކެތްތެރިކަން ކުޑަވެދާނެއެވެ. ބިރުންގޮސް ފިތްކަޑައިގެން ހިނގައިދާނެއެވެ. ރަނގަޅުކަމެއް ލިބިދާނެކަމާމެދު މާޔޫސްވެދާނެއެވެ. އެކަމަކު އޭނާއަށް ރަނގަޅުކަމެއް ލިބިއްޖެ ނަމަ، ދަހިވެތިވެދާނެއެވެ. ﷲގެ ޙައްޤުތައް މަތިން ހަނދުމަނެތިދާނެއެވެ. އިންސާނާގެ މި ނުބައި ޠަބީޢަތުން އޭނާއަށް ސަލާމަތް ވެވޭނީ ދީނުގައި ހިފެހެއްޓުމުންނެވެ. ކީރިތި ޤުރްއާނުގެ ނޫރުން ހިތުން އަނދިރިކަން ފިލުވައިގެންނެވެ. އިބްނު ޢައްބާސް ވިދާޅުވާ ގޮތުގައި މި ތާނގައި މިވާ އިންސާނާއަކީ އަބޫޖަހުލެވެ. މުޤާތިލު ވިދާޅުވާ ގޮތުގައި އެއީ އުމައްޔަތު ބިން ޚަލަފެވެ. ނަމަވެސް ގިނަދަންނަބޭކަލުން ވިދާޅުވާ ގޮތުގައި އެއީ ވަކި އިންސާނެއްނޫނެވެ. އެކަމަކު އެންމެހާ އިންސާނުންނެވެ. ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި މިއީ މާތްﷲ އަށް އީމާންނުވާމީހުންގެ ޙާލަތެވެ. އީމާންކަމުން އޭނާގެ ހިތް އާރާސްތުވެފައިވާނަމަ އެމީހަކު ހުންނާނީ ހިތްހަމަޖެހުންމަތީގައެވެ. އެހެނީ އޭނާއަކީ ޙާލަތު ބަދަލުކުރައްވަވާ ވެރިރަސްކަލާނގެއާ ގުޅުން އޮތްމީހެކެވެ. އެހެކަމުން އޭނާއަކީ ޤަޟާޤަދަރަށް އީމާންވާ މީހެކެވެ. ދުނިޔެ އެއްޙާލަތެއްގައި އަބަދު ނޯންނާނެކަން އޭނާ އަށް އެނގެއެވެ. ކީރިތިޤުރްއާނުގެ ވަރަށް ގިނައާޔަތްތަކެއްގައި އިންސާނާގެ މިޠަބީޢަތް ހާމަކޮށްދެއްވާފައިވެއެވެ. މިފަދަ މާނަތަކަށް އިޝާރަތްކުރާ އާޔަތްތައް ހޫދު ސޫރަތާއި 7 ނަޙްލު ސޫރަތާއި8 އިސްރާ ސޫރަތާއި 9 ރޫމުސޫރަތާއި 10 ޒުމަރުސޫރަތުގައި 11 އައިސްފައިވެއެވެ. އިންސާނާގެ މި ޠަބީޢަތާ ގުޅޭ އެތައްނަމޫނަތަކެއް ކީރިތިޤުރްއާނުގައި އައިސްފައިވެއެވެ. މި ކުޑަކުޑަލުޔިފޮތުގައި ދެ ނަމޫނާއެއް ފާހަގަކޮށްލާނަމެވެ. އެއިން ޢިބްރަތް ޙާޞިލުކުރުމަށްޓަކައެވެ. މި ދެނަމޫނާއަކީ ޤާރޫނުގެ ވާހަކަޔާއި ކަހްފު ސޫރަތުގައި އައިސްފައިވާ ދެބަގީޗާގެ ވެރިޔާގެ ވާހަކައެވެ. (ނުނިމޭ) ހަވާލާ؛ 7 - سورة هود الأياة : 9 ، 10 8 - سورة النحل الآيات 53 ، 54 ، 55 9- سورة الإسراء الأية 83 10- سورة الروم الآية 33 ، 34 ، 36 11- -سورة الزمر الآية 8 ، 49
|
| ހަމަ މި ގަލަމުން |
|---|