މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ފާގަތިކަމާއި ތަދުމަޑުކަމުގައި އިންސާނާގެ ޙާލަތު (6) |
|
|
| ދީން - ޢަޤީދާ | |||
| 05 އޮކްޓޫބަރ 2009، 01:00 ހޯމަ | |||
|
27 ސެޕްޓެމްބަރ (އާދީއްތަ) އާގުޅޭ.... މުއުމިނުންނާ ކުރިމަތިވާ ތަދުމަޑުކަމުން ލިބޭ ފައިދާތައް 1 - ދަރަޖަ މަތިވެރިކުރެއްވުންް : މާތްﷲ ރުއްސުންލެއްވި އުއްމުލްމުއުމިނީން ޢާއިޝަތުގެފާނުއަރިހުން ރިވާވެގެން ވެއެވެ. قال رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا يُصِيبُ الْمُؤْمِنَ مِنْ شَوْكَةٍ فَمَا فَوْقَهَا إِلَّا رَفَعَهُ اللَّهُ بِهَا دَرَجَةً أَوْ حَطَّ عَنْهُ بِهَا خَطِيئَةً – رواه مسلم والبيهقى والنسائى- رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީސްކުރެއްވިއެވެ. މުއުމިނާގެ ގަޔަށް ކަށްޓެއް ހެރުމުން ނުވަތަ އެއަށްވުރެ ބޮޑުމުޞީބަތެއް ކުރިމަތިވުމުން މާތްﷲ އެކަމުގެ ސަބަބުން އޭނާއަށް ދަރަޖައެއްނުދެއްވާ ކަމެއް ނުވަތަ އޭނާގެ ކުށްފާފައެއް ފުއްސަވާ ނުދެއްވާކަމެއް ނުވެއެވެ.2- ފާފަ ފުއްސަވާ ދެއްވުން : އިސްވެދިޔަ ހަދީސްފުޅުން މިކަން އެގެއެވެ. 3- ނަފްސު ޠާހިރުކުރައްވައި އީމާންކަން ކުނިބުނިތަކުން ސާފުކޮށްދެއްވުން : މާތްﷲ މުއުމިނުންނަށް އިމްތިޙާނުތައް މެދުވެރިކުރައްވަނީ އެމީހުންގެ އީމާންކަން ބެއްލެވުމަށްޓަކައެވެ. މި އިމްތިޙާނުން ފާސްވާމީހުން ގެ ހިތްތައް ކަންދެއްކުމާއި ޝިރްކުގެ ކުނިބުނިތަކުން ސާފުވެގެންދެ އެވެ. 4- ދުނިޔޭގައި ކާމިޔާބު ދެއްވުމާއި އާޚިރަތްދުވަހު ސުވަރުގެ ވެއްދެވުން : މާތްﷲ ވަޙީކުރައްވަނީ أَمْ حَسِبْتُمْ أَن تَدْخُلُواْ الْجَنَّةَ وَلَمَّا يَأْتِكُم مَّثَلُ الَّذِينَ خَلَوْا مِن قَبْلِكُم مَّسَّتْهُمُ الْبَأْسَاء وَالضَّرَّاء وَزُلْزِلُواْ حَتَّى يَقُولَ الرَّسُولُ وَالَّذِينَ آمَنُواْ مَعَهُ مَتَى نَصْرُ اللَّهِ أَلا إِنَّ نَصْرَ اللَّهِ قَرِيبٌ البقرة: ٢١٤ – ތިޔަބައިމީހުންގެ ކުރީގައި އުޅެ ގޮސްފައިވާ މީހުންގެ ޙާލުތައް ތިޔަބައިމީހުންނާ ހަމަޔަށް އަދި ނައިސްވަނިކޮށް ، ތިޔަބައިމީހުން ސުވަރުގެ ވަންނާނެކަމަށް ތިޔަބައިމީހުން ހީކުރީހެއްޔެވެ؟ އެއުރެންނަށް ތަދުމަޑުކަމާއި ބަލިމަޑުކަން ޖެހުނެވެ. އަދި އެއުރެންނަށް ގުޑުންއަރައިގެން ދިޔައެވެ. ރަސޫލާއާއި އެކަލޭގެފާނުގެ އަރިހުގައި ތިބި އީމާންވިމީސްތަކުންނަށް ބުނެވިއްޖައުމަށް ދާންދެނެވެ. ﷲގެ ނަޞްރު އަންނާނީ ދެން ކޮންއިރަކުން ބާވައެވެ! ހަމަކަށަވަރުން ﷲގެ ނަޞްރު ވަނީ ދާދި ގާތުގައެވެ. " ފާގަތިކަމާއި ތަދުމަޑުކަމުގައި މުސްލިމުން ޢަމަލުކުރަންވީ ގޮތް :އިސްވެދިޔަ ވާހަކަތަކުން އެގޭގޮތުގައި ފާގަތިކަމާއި ތަދުމަޑުކަމަކީ އިންސާނުންނާ މާތްﷲ މެދުވެރިކުރައްވާ އިމްތިޙާނުތަކެކެވެ. އެއީ އެއިން ސަލާމަތް ވެވެންނެތް ޤަދަރެކެވެ. މިކަމުގައި މުސްލިމުން އެހެންމީހުންނާ ތަފާތުވާންޖެހޭނެއެވެ. މިފަދަ ކަމެއް ކުރިމަތިވެއްޖެނަމަ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ކަންތައްތަކެއް ވެއެވެ. އޭގެތެރޭގައި 1- ތަދުކަމުގެ ވަގުތުގައި ކެތްތެރިވުމާއި ފާގަތިކަމުގެ ވަގުތުގައި ޝުކްރުވެރިވުންހިމެނެއެވެ. މުސްލިމަކާ ތަދުމަޑުކަމަކާ ނުވަތަ ބަލިމަޑުކަމަކާ ކުރިމަތިވެއްޖެ ނަމަ އެކަމަށް ކެތްތެރިވުމަށް އަމުރުކުރައްވާފައިވެއެވެ. މާތްﷲ ވަޙީކުރައްވަނީ وَلَنَبْلُوَنَّكُمْ بِشَيْءٍ مِّنَ الْخَوْفْ وَالْجُوعِ وَنَقْصٍ مِّنَ الأَمْوَالِ وَالأنفُسِ وَالثَّمَرَاتِ وَبَشِّرِ الصَّابِرِينَ -الَّذِينَ إِذَا أَصَابَتْهُم مُّصِيبَةٌ قَالُواْ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ -وْلَئِكَ عَلَيْهِمْ صَلَوَاتٌ مِّن رَّبِّهِمْ وَرَحْمَةٌ وَأُولَئِكَ هُمُ الْمُهْتَدُونَ البقرة: ١٥٥ – ١٥٧- ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިރުވެރިކަމާއި ބަނޑުހައިހޫނުކަން މެދުވެރިކުރައްވައި އަދި މުދާތަކާއި ފުރަނަތަކާއި މޭވާތައް މަދުކުރައްވައި ތިޔަބައިމީހުން އިމްތިޙާނު ކުރައްވާ ހުށީމެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ. އެއުރެންނީ އެއުރެންނަށް މުޞީބަތެއް ޖެހިއްޖެނަމަ ، ހަމަކަށަވަރުން ތިމަންމެންނީ ، އެކަލާނގެ ޙަޟްރަތަށް އެނބުރިދާނޭ ބަޔެކޭ ބުނާމީހުންނެވެ. އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟްރަތުން މަޣްފިރަތާއި ރަޙްމަތް އެއުރެންގެ މައްޗަށް ހުރިމީހުންނެވެ. އަދި ތެދުމަގު ލިބިގެންވާމީހުންނީ ހަމަ އެއުރެންނެވެ. " އެހެންކަމުން މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ މުޞީބަތެއް ކުރިމަތިވެއްޖެ ނަމަ އެކަމަށް ކެތްތެރިވުމެވެ. މި މުޞީބަތް ފިއްލަވައިފިނަމަ އެކަމަށް ޝުކްރުދެންނެވުމެވެ. މުސްލިމުން ﷲގެ ޤަޟާ ޤަދަރާ މެދު އަބަދުވެސް ރުހެންޖެހޭނެއެވެ. އެކަމާ ދެކޮޅުހަދައިގެން ނުވާނެއެވެ. ޢުމަރުގެފާނު ވިދާޅުވަނީ " މާތްﷲ ގަންދީ ވިދާޅުވަމެވެ. ތިމަންކަލޭގެފާނުގެ ޙާލުކޮޅާ މެދު އެއްގޮތަކަށް ވެސް ނުވިސްނަވަމެވެ. ޙާލުކޮޅު ބަދަލުވެފައިވަނީ ރުހިވަޑައިގަންނަވާ ގޮތަކަށްތޯ ނުވަތަ ރުހިވަޑައިނުގަންނަވާ ގޮތަކަށްތޯއެއް ނުބައްލަވަމެވެ. އެހެނީ ހެޔޮގޮތް އޮތީ ކޮންކަމެއްގައިކަމެއް އެނގިވަޑައެއް ނުގަންނަވައެވެ. 2- ހުރިހާ ޙާލަތެއްގައި ވެސް ﷲއާއެކު ގުޅުން ދެމެހެއްޓުމާއި ދުޢާދެންނެވުން: މިހެންވެ ރަސޫލުﷲގެފާނު ޙަދީޘް ކުރައްވަނީ " تعرف إلى الله فى الرخاء يعرفك فى الشدة – رواه الترمذى – ފާގަތިކަމުގެ ވަގުތު ގައި ﷲ ދެނެގަންނާށެވެ. އޭރުން ދަތިކަމުގެ ވަގުތުގައި އެކަލާނގެ ތިބާ ދެނެވޮޑިގަންނަވާނެއެވެ." 3- ހިތާމަވެރިކަމާއި އުފާވެރިކަމުގެ ޝުޢޫރުތައް ހާމަކުރުމުގައި މެދުމިންވަރުގައި ހިފެހެއްޓުން : މުސްލިމުން ވާންޖެހޭނީ އެމީހުންގެ ނަފްސުތައް ކޮންޓްރޯލްކުރަން ދަންނަބަޔަކަށެވެ. ކުރިމަތިވާ ހިތާމަތަކުގެ ސަބަބުން މާޔޫސްވެ އުއްމީދު ނަގާލައިގެން ނުވާނެއެވެ. ހިސާބަށްވުރެ ބޮޑަށް ހިތާމަކުރުމައި އުފާކުރުމަކީ އިންސާނާގެ ނަފްސާނީ ޞިއްޙަތަށާއި ޖިސްމާނީ ޞިއްޙަތަށް ގެއްލުންހުރިކަމެއްކަމަށް ޖާލީނޫސް ވިދާޅުވެފައިވެއެވެ. މާތްﷲ ވަޙީކުރައްވަނީ مَا أَصَابَ مِن مُّصِيبَةٍ فِي الأَرْضِ وَلا فِي أَنفُسِكُمْ إِلاَّ فِي كِتَابٍ مِّن قَبْلِ أَن نَّبْرَأَهَا إِنَّ ذَلِكَ عَلَى اللَّهِ يَسِيرٌ - لِكَيْلا تَأْسَوْا عَلَى مَا فَاتَكُمْ وَلا تَفْرَحُوا بِمَا آتَاكُمْ وَاللَّهُ لا يُحِبُّ كُلَّ مُخْتَالٍ فَخُورٍ الحديد: ٢٢ – ٢٣- އެއްވެސް މުޞީބަތެއް ، ތިމަންރަސްކަލާނގެ އެ މުޞީބަތެއް ވުޖޫދަށް ނެރުއްވުމުގެ ކުރިން ފޮތެއްގައި ( އެބަހީ އައްލަވްޙުލްމަޙްފޫޡު ގައި) ލިޔުއްވާފައިވާ ޙާލުގައިމެނުވީ، ބިމަށްވިޔަސް ނުވަތަ ތިޔަބައިމީހުންގެ އަމިއްލަނަފްސުތަކަށް ވިޔަސް އައިސް ނުޖެހެއެވެ. ހަމަކަށަވަރުން އެކަންތައްތަކަކީ ﷲއަށް ދާދިފަސޭހަކަމެކެވެ. އެއީ ތިޔަބައިމީހުން ކިބައިން ފާއިތުވެހިނގައްޖެ ކަމެއްގެ މައްޗަށް ތިޔަބައިމީހުން ހިތާމަ ނުކުޅައުމަށާއި އަދި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވައިފިކަމެއްގެ މައްޗަށް އުފާކޮށް ބޮޑާވެ ނުގަތުމަށްޓަކައެވެ. ކިބުރުވެރިވެ ފަޚްރުވެރިވާ އެއްވެސްމީހަކު ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. " މާތްﷲ ރުއްސުންލެއްވި ޢިކްރިމާ ވިދާޅުވަނީ " ހިތާމަނުކުރާ ، އުފާނުވާ ހަމަ އެކަކުވެސް ނުވެއެވެ. އެކަމަކު ތިޔަބައިމީހުން އުފާވެރިކަން ޝުކްރަކަށް ހަދާށެވެ. އަދި ހިތާމަވެރިކަން ކެތްތެރިކަމަކަށް ހަދާށެވ.ެ" 4- މާޔޫސްކަމާއި ނާއުއްމީދު އެެއްކިބާކުރުން : މުއުމިނުން ނާއުއްމީދު ވެގެންނުވާނެއެވެ. އެމީހުންް އަބަދުވެސް ވާންޖެހޭނީ އުއްމީދީ ބަޔަކަށެވެ.ޙަޤީޤީމުސްލިމުން ﷲގެ ރަޙްމަތާމެދު އުއްމީދު ކަނޑައެއްނުލާނެއެވެ. އެމީހުން ޤަބޫލުކުރާގޮތުގައި އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ. މާތްﷲ ވަޙީކުރައްވަނީ إِنَّهُ لاَ يَيْأَسُ مِن رَّوْحِ اللَّهِ إِلاَّ الْقَوْمُ الْكَافِرُونَ يوسف: ٨٧ - ހަމަކަށަވަރުން ކާފިރުވިމީހުން މެނުވީ ﷲގެ ރަޙްމަތުން އުއްމީދު ކަނޑައެއް ނުލާނެތެވެ." އުއްމީދީވުމަކީ ދުނިޔެއާއި އާޚިރަތް ރައްކައުތެރިކޮށްދޭނެ ކަމެކެވެ. މިޒަމާނުގެ މެޑިކަލް ދިރާސާތައް ހާމަކޮށްދޭ ގޮތުގައި އުއްމީދީވުމަކީ ޖިސްމާނީ އަދި ނަފްސާނީ ވަރަށްގިނަ ބަލިތަކުން ރައްކައުތެރިކޮށްދޭ ކަމެކެވެ. އަދި އެއީ ވަރަށްގިނަބަލިތަކަކަށް ލިބިގެންވާ ފަރުވާއެކެވެ. މިޞްރުގެ ދުވަހުނޫހެއްކަމުގައިވާ އަލްއަހްރާމު ބުނާގޮތުގައި ދިރާސާކުރައްވާ ބޭފުުޅުން ކަށަވަރުކޮށްދެއްވާ ގޮތުގައި ސިކުނޑީގައި ލޭގަނޑުވުން މަނާކުރުމުގައި ނާއުއްމީދުވުމުން ދުރުހެލިވުމަކީ ވަރަށް މުހިއްމުކަމެކެވެ. މި ދިރާސާތައްބުނާގޮތުގައި ކަންބޮޑުވުމާއި ހާސްވުމާ ސިކުނޑީގައި ލޭގަނޑުވުމާ ދެމެދުގައި ވަަރަށް ބޮޑު ގުޅުމެއްވެއެވެ. ކުރިއަރާފައިވާ ޤައުމުތަކުގައި ތިންވަނައަށް އެންމެގިނަބަޔަކު މަރުވަނީ ސިކުނޑީގައި ލޭގަނޑުވުމުގެ ސަބަބުންނެވެ. ޓެކްސާސް ގައި ނުކުންނަ ނަފްސާނީ ބަލިތަކާބެހޭ މަޖައްލާއެއް ބުނާގޮތުގައި އުފާވެރިކަމުގައި ދިރިއުޅޭމީހުންނަށް މިބަލި ޖެހޭލެއް މަދެވެ. ސިކުނޑީގައި ލޭގަނޑުވުމުން ސިކުނޑީގެ މަސައްކަތްތައް އަދާކުރުމަށް ނާޤާބިލުމީހަކަށް ވެގެެެންދެއެވެ. މިބަލި ޖެހެނީ ސިކުނޑިއަށް އަންނަ ލޭ މަދުވުމުގެ ސަބަބުންނެވެ. މި ދިރާސާ ބުނާގޮތުގައި ބާއްޖަވެރި އުފާވެރި ދިރިއުޅުމެއް އުޅޭމީހާ އާދަކޮށް ކަސްރަތު ކުރާނެއެވެ. އަދި އޭނާ އުޅޭނީ ޞިއްޙީޙަޔާތެކެވެ. އަދި ޑަކްޓަރު ދޭ ބޭސްތައް ފަރުވާތެރިކަމާ އެކު ބޭނުންކުރާނެއެވެ. ކުރިއަރާފައިވާ ޤައުމުތަކުގައި މިޒަމާނުގެ ތަހްޛީބުގެ ހުރިހާ ތަނަވަސްކަމެއް ލިބެންހުންނައިރުގައިވެސް މިމުޖްތަމަޢުތަކުގައި އުޅޭމީހުންނަށް ބާއްޖަވެރިޙަޔާތެއް ލިބިފައެއް ނުވެއެވެ. އެހެންކަމުން އަމިއްލައަށް މަރުވުމުގެ ރޯގާ އެމީހުންގެ ތެރޭގައިވަނީ ވަރަށް ޢާއްމުވެފައެވެ. ނަމަވެސް މުސްލިމުންނަކީ އަބަދުވެސް އެމީހުންނާ ކުރިމަތިވާ މުޞީބަތްތަކަށް ކެތްތެރިވާ ބަޔެކެވެ. އެމީހުންނަށް އަމިއްލައަށް މަރުވުމުގެ ނުބައިކަން އެނގޭތީ އެފަދަކަމަކަށް ކުރިމަތިލާމީހުން އިސްލާމީދުނިޔޭގައި ނިސްބަތުން ވަރަށް މަދެވެ. ކީރިތިރަސޫލާ އަންގަވާފައިވާގޮތުގައި އަމިއްލައަށް މަރުވިމީހާ އެމީހަކު މަރުވިގޮތަކަށް ނަރަކައިގައި ތާއަބަދު މަރުވެމަރުވެ ހުންނާނެއެވެ. ކުރިއަރާފައިވާޤައުމުތަކުގައި އޯގާތެރިކަމުގެޤަތުލޭ ނަމަކަށްކިޔާ ވަބާއެއްވެސް މިހާރުދަނީ ފެތުރެމުންނެވެ. މިފަދަޤައުމުތަކުގައި މިކަން ހުއްދަކުރާ ޤާނޫނުތައް ވެސް މިހާރުވަނީ ހަދައިފައެވެ. ޖެހިފައިވާ ބައްޔަކުން ޝިފާނުލިބޭނެކަމަށް ފަރުވާދޭ ޑަކްޓަރު ބުނުމުން އެމީހަކަށް ޑަކްޓަރުގެ އެހީގައި މަރުވެވިދާނެ އެވެ. ނާއުއްމީދުވާމީހުން ގިނަވަމުންދާތީ ހުޅަނގުގައި އަމިއްލައަށް މަރުވާނެ ގޮތްތަކާބެހޭ ފޮތްތައް ވަރަށްގިނައިން އެކުލަވައިލެވެއެވެ. އިނގިރޭސިވިލާތުގައި " އަމިއްލައަށް މަރުވާނީ ކިހިނެއް " މިނަމުގައި ޝާއިޢުކޮށްފައިވާ ފޮތެއްގައި އަމިއްލައަށް މަރުވުމާބެހޭ ސައްތައެއްހާ ތަފާތުގޮތްތައް ކިޔާދީފައިވެ އެެެވެ. މިފޮތް ލިޔުނު ޑަކްޓަރު ބުނާގޮތުގައި އޭނާ މި ފޮތް ލިޔުނީ އަމިއްލައަށް މަރުވާމީހުންނަށް ބަރުދާސްތުކުރަންޖެހޭ ވޭނާއިކެކުޅުން ކުޑަކޮށްދޭންވެގެންނެވެ. އަޅުގަނޑުމެން މުސްލިމުން ހަނދާންކުރަންވީ ކަމަކީ މާތްﷲ މުޞީބަތްތައް ކުރިމަތިކުރައްވަނީ އިންސާނާއަށް ވޭނާއިކެކުޅުންތައް ޖައްސަވާކަށެއްނޫނެވެ. އެކަމަކު އެއީ އޭނާއާ ކުރިމަތިކުރައްވާ އިމްތިޙާނެކެވެ. އިންސާނާއަށް ފާގަތިކަމާއި ތަނަވަސްކަން ދެއްވާގޮތަށް ކުރިމަތިކުރައްވާކަމެކެވެ. މުއްސަނދިކަން ދެއްވާގޮތަށް ފަޤީރުކަން، ދުޅަހެޔޮކަންދެއްވާގޮތަށް ބަލިމަޑުކަން ، ލުއިފަސޭހަކަން ދެއްވާގޮތަށް ތަދުމަޑުކަން ދެއްވަވައެވެ. އަލްއިމާމު ނަވަވީ ވިދާޅުވާ ގޮތުގައި " ބަލާވެރިކަމަކީ ނިޢުމަތެއްކަމުގައި އަދި ފާގަތިކަމަކީ މުޞީބަތެއްކަމުގައި ނުދެކޭމީހަކީ ވިސްނުންތެރިއެއްނޫނެވެ. " ޢުމަރުގެފާނު ވިދާޅުވަނީ " ތަދުމަޑުކަން ކުރިމަތިކުރެއްވުމުން، އަހުރެމެން ކެތްތެރިވަމުއެވެ. އެކަމަކު ތަނަވަސްކަން ކުރިމަތިކުރެއްވުމުން އަހުރެމެން ކެތްތެރިއެއް ނުވަމުއެވެ. " ކީރިތިޤުރްއާން ބަޔާންކުރާގޮތުގައި ނިޢުމަތަކީ އިމްތިޙާނެއްކަމަށް ބަލަންޖެހޭނެއެވެ.މުޞީބަތަކީ އިމްތިޙާނެއްކަމަށް ބަލައި ފަދައިންނެވެ. މާތްﷲ ވަޙީކުރައވަނީ كُلُّ نَفْسٍ ذَائِقَةُ الْمَوْتِ وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ الأنبياء: ٣٥- އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރުކުރައްވައި ، ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނުކުރައްވައި ގޮތްބައްލަވަމެވެ. އަދި ތިޔަބއިމީހުން ރުޖޫޢަކުރައްވާހުށީ ، ތިމަންރަސްކަލާނގެ ޙަޟްރަތަށެވެ" އިންސާނާ އަށް މިޙަޤީޤަތް ނޭގޭކަމުގެ ޚަބަރު މާތްﷲ ކީރިތިޤުރްއާނުގައި ދެއްވާފައިވެއެވެ. އެކަލާނގެ ވަޙީކުރައްވަނީ فَأَمَّا الإِنسَانُ إِذَا مَا ابْتَلاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ- وَأَمَّا إِذَا مَا ابْتَلاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ الفجر: ١٥ – ١٦- ފަހެ، އިންސާނާ ދަންނާށެވެ! އޭނާގެ ވެރިރަސްކަލާނގެ ، އޭނާ އިމްތިޙާނުކުރައްވައި ، އަދި އޭނާ މާތްކުރައްވައި، އަދި އޭނާއަށް ނިޢުމަތްދެއްވައިފިހިނދު، ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ތިމަން މާތްކުރައްވައިފިއެވެ. އަދި ދަންނާށެވެ!އެކަލާނގެ ، އެ އިންސާނާ އިމްތިޙާނު ކުރައްވައި ، އަދި އޭނާެގެ ރިޒްޤު ދަތިކުރައްވައިފިހިނދު ފަހެ، އޭނާ ބުނެތެވެ. ތިމަންގެ ވެރިރަސްކަލާނގެ ، ތިމަން ނިކަމެތިކުރައްވައިފިއެވެ. " މާތްﷲ އިންސާނާއާ ކުރިމަތިކުރައްވާ ތަފާތުޙާލަތްތަކަކީ އޭނާ އިމްތިޙާނުކުރެއްވުމަށް މެދުވެރިކުރައްވާ ކަންތައްތަކެކެވެ. ތަނަވަސްކަން ދެއްވުމާއި އަތްމަތިދަތިކުރެއްވުމަކީ ހަމަ އިމްތިޙާނެކެވެ. އެކަމަކު އިންސާނާ މިކަމެއް ނުދަނެއެވެ. އިންސާނާ ދެކޭގޮތުގައި އޭނާއަށް ލިބުނުތަނަވަސްކަމާއި މަޤާމާއި ޖާހަކީ އޭނާއަށް ޙައްޤު އެއްޗެކެވެ. އަނެއްކޮޅުން އޭނާޔާ ކުރިމަތިވާ ތަދުމަޑުކަމަކީ އޭނާއާ ކުރިމަތިކުރެއްވި ނިކަމެތިކަމެކެވެ. މާތްﷲ އިންސާނާ އިމްތިޙާނުކުރައްވަނީ އޭނާއަށް ތަނަވަސްކަމާއި ނުތަނަވަސްކަން ދެއްވަނީ މާތްﷲ ދެެވޮޑިގެންވާ ޙިކްމަތަކާ އެއްގޮތަށެވެ. އިންސާނާ އަށް މިޙަޤީޤަތެއް ނޭގެއެވެ. އިންސާނާއަކީ އޭނާއަށް ހެޔޮކަންބޮޑީ ކޮންކަމެއްގައި ކަން ވެސް އެގޭމީހެއްނޫނެވެ. މާތްﷲ ވަޙީކުރައްވަނީ وَعَسَى أَن تَكْرَهُواْ شَيْئًا وَهُوَ خَيْرٌ لَّكُمْ وَعَسَى أَن تُحِبُّواْ شَيْئًا وَهُوَ شَرٌّ لَّكُمْ وَاللَّهُ يَعْلَمُ وَأَنتُمْ لاَ تَعْلَمُونَ البقرة: ٢١٦ – އަދި ތިޔބައިމީހުން ނުރުހޭކަމެއް އެއީ ތިޔަބައިމީހުންނަށް ލާބަހުރިކަމަކަށް ވެދާނެތެވެ. އަދި ތިޔަބައިމީހުން ރުހޭކަމެއް ، އެއީ ތިޔަބައިމީހުންނަށް ގެއްލުންހުރިކަމަކަށް ވެދާނެތެވެ. އަދި ﷲ ހުރިހާކަމެއްމެ ދެނެވޮޑިގެންވެއެވެ. ތިޔަބައިމީހުންނަކަށް ނޭނގެއެވެ. " އެހެންކަމުން ރުހޭކަމެއްގެ ތެރެއިން ގެއްލުމެއް އަތުވެދާނެއެވެ. އަދި ނުރުހޭކަމެއްގެ ތެރެއިން ފައިދާއެއް ލިބިދާނެއެވެ. ރަގަޅުކަންތަކާ ނުރަގަޅުކަންތަކުގެ ޙަޤީޤަތް ދެނެވޮޑިގަންނަވަނީ ހަމަ ﷲ އެވެ. ޙަޤީޤީމުއުމިނުން މިޙަޤީޤަތް ދަންނަންޖެހޭނެއެވެ. އެއީ މާތްﷲ މެދުވެރިކުރައްވާ އިމްތިޙާނެއްކަން ދަންނަންޖެހޭނެއެވެ. އޭރުން ހިތަށް ތަނަވަސްކަން ލިބި ހިތްހަމަޖެހުން ލބޭނެއެވެ. ކީރިތިރަސޫލާ ހަދީސް ކުރައްވަނީ " إِنَّ الْمُؤْمِنَ إِذَا أَصَابَهُ السَّقَمُ ثُمَّ أَعْفَاهُ اللَّهُ مِنْهُ كَانَ كَفَّارَةً لِمَا مَضَى مِنْ ذُنُوبِهِ وَمَوْعِظَةً لَهُ فِيمَا يَسْتَقْبِلُ وَإِنَّ الْمُنَافِقَ إِذَا مَرِضَ ثُمَّ أُعْفِيَ كَانَ كَالْبَعِيرِ عَقَلَهُ أَهْلُهُ ثُمَّ أَرْسَلُوهُ فَلَمْ يَدْرِ لِمَ عَقَلُوهُ وَلَمْ يَدْرِ لِمَ أَرْسَلُوهُ – ހަމަކަށަވަރުން މުއުމިނަކު ބައްޔެއްވެ، އެއަށްފަހު މާތްﷲ އެބަލިން އޭނާ ފަސޭހަކޮށްދެއްވައިފިނަމަ އެއީ އޭނާގެ އިސްވެދިޔަފާފަތަކުގެ ފުއްސަވާދެއްވުމެކެވެ. އަދި އެއީ އޭނާއާ ކުރިމަތިވެދާނެ ކަންތައްތަކަށް ލިބިގެންވާ ދަރްސެކެވެ. އަދި ހަމަކަށަވަރުން މުނާފިޤުމީހާ ބަލިވެ އެއަށްފަހު ބަލިންފަސޭހަވެއްޖެ ނަމަ އެއީ ޖަމަލެއްގެ ވެރިޔާ އެ ޖަމަލު ބަނދެފައިބޭއްވުމަށް ފަހު ދޫކޮށްލުންފަދަ ކަމެކެވެ. އެސޮރަށް އެސޮރުބަނީ ކީއްވެގެން ކަމެއް އަދި އެސޮރު ދޫކޮށްލީ ކީއްވެގެންކަމެއް ނޭނގެއެވ.ެ" (ނުނިމޭ)
|
| ހަމަ މި ގަލަމުން |
|---|