މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ޤާދިޔާނީން ޤަބޫލުކުރާ ޙުލޫލާއި ތަނާސުޚު |
|
|
| ދީން - ޢަޤީދާ | |||
| 07 ފެބްރުވަރީ 2010، 11:04 އާދީއްތަ | |||
|
ޑރ. ޢާމިރުއް ނައްޖާރު ޚުލާޞާ ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން ޙުލޫލު ޢަޤީދާގެ އަޞްލު، ނަޞާރާ ދީނުން ފެންނަން އެބައޮތެވެ. އެ ދީނުގައިވަނީ، އަލްމަސީޙުގެ އިންސާނީ ހަށިކޮޅާއި މާތް ﷲ އެކުވެވޮޑިގެންނެވި ކަމަށެވެ. އަދި އެގޮތުގެ މަތިން އަލްމަސީޙު އެކުލެވިގެންވަނީ ދެ ޠަބީޢަތަކުން ކަމަށެވެ. މި ވިސްނުމަކީ، ލާހޫތާއި ނާސޫތު ގުޅި ލާމެހުމުގެ ވިސްނުމެވެ. (ކުރުކޮށް ބުނާނަމަ، ލާހޫތަކީ ކަލާނގެ ޒާތުފުޅެވެ. ނާސޫތަކީ އިންސާނާގެ ހަށިގަނޑެވެ.)ޝީޢީންގެ ތެރެއިން ޣުލުއްވުގެ (1) އަހުލުވެރިން، ޙުލޫލު ޢަޤީދާ ނުވަތަ ލާހޫތާއި ނާސޫތު ގުޅި ލާމެހުމުގެ ޢަޤީދާ ޤަބޫލުކުރެ އެވެ. ދުރުޒީން (2) ޤަބޫލުކުރާ ގޮތުގައި، އަލްޙާކިމު ބިއަމްރި ﷲ ގެ ހަށިކޮޅުގެ ތެރޭގައި މާތް ﷲ ގެ ޒާތުފުޅު ވޮޑިގެންނެވި އެވެ. ނުޞައިރީން (3) ޤަބޫލުކުރާ ގޮތުގައި ޢަލީގެފާނުގެ ހަށިކޮޅުގެ ތެރޭގައި މާތް ﷲ ގެ ޒާތުފުޅު ވޮޑިގެންނެވި އެވެ. ޝީޢީންގެ ޣުލުއްވުގެ އަހުލުވެރިން ޤަބޫލުކުރާ ގޮތުގައި، އިމާމު ޖަޢުފަރުއް ޞާދިޤުގެ ހަށިކޮޅުގެ ތެރޭގައި މާތް ﷲ ގެ ޒާތުފުޅު ވޮޑިގެންނެވި އެވެ. ޞޫފީންގެ ތެރެއިން ޣުލުއްވުގެ އަހުލުވެރިން ވެސް މި ޢަޤީދާ ޤަބޫލުކުރެ އެވެ. ނަންގަނެވި ދިޔަ ފަދަ މަޛުހަބުތަކުގެ އަހުލުވެރިން ދެކޭ ގޮތުގައި، ޙުލޫލުގެ މަފުހޫމަކީ، މާތް ﷲ އެކަލާނގެ ޚަލްޤުކުރައްވާފައިވާ ބައެއް މަޚުލޫޤުންގެ ހަށިގަނޑުގެ ތެރޭގައި ވޮޑިގެންވުމެވެ. އަދި އެމީހެއްގެ ހަށިގަނޑުގެ ތެރޭގައި އެކަލާނގެ ވޮޑިގެންފި މީހަކާއި އެކަލާނގެއާ ވަކިކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ، އެކަލާނގެ އިލާހިއްޔަ ޒާތުފުޅު ވާނީ އެ މަޚުލޫޤެއްގެ އިންސާނީ ހަށިގަނޑާއި ގުޅި ލާމެހި އެކަތިގަނޑަކަށް ވެފަ އެވެ. ތަނާސުޚުގެ މަފުހޫމަކީ، މީހަކު މަރުވުމުން އެމީހާގެ ފުރާނަ އެހެން ދިރޭ އެއްޗަކަށް ނަގުލުވުމެވެ. އެގޮތަށް ނަގުލުވާއިރު މަރުވެދާ މީހާގެ ފުރާނަ އެހެން މީހެއްގެ ހަށިގަނޑަށް ނަގުލުވެދާނެ އެވެ. ނުވަތަ އެހެން އެއްޗެއްގެ ހަށިގަނޑަކަށް ވެސް ނަގުލުވެދާނެ އެވެ. މި މަފުހޫމު ޤަބޫލުކުރާ މީހުން ޤަބޫލުކުރާ ގޮތުގައި، މަރުވެދާ މީހާގެ ފުރާނަ ޖަނަވާރަކަށް ނުވަތަ ގަހަކަށް ނުވަތަ އެހެން އެއްޗަކަށް ނަގުލުވެދާނެ އެވެ. ތަނާސުޚުވުމަކީ، އެއް ހަށިގަނޑުން އަނެއް ހަށިގަނޑަށް ފުރާނަ ދަތުރުކުރަމުން ގެންދިއުން ކަމަށް ބުނެވެ އެވެ. އަދި އެއީ، އެކަކު ތަކުރާރުކޮށް އުފަންވަމުން ދިއުން ކަމަށް ވެސް ބުނެވެ އެވެ. މި ޢަޤީދާ ޤަބޫލުކުރާ މީހުންގެ ނަޒަރުގައި، އެކަން އެހެން ވަމުންދަނީ، ކުށްފާފައާއި ނަޖިހުން އިންސާނާގެ ރޫޙު ޠާހިރުވުމަށްޓަކަ އެވެ. ޤާދިޔާނީން، ތަނާސުޚުގެ ޢަޤީދާ ޤަބޫލުކުރަނީ، ނަބީކަން މެދުކެނޑިގެން ނުދާކަން ސާބިތުކުރުމަށްޓަކަ އެވެ. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ސުވަރުގެވަޑައިގެންނެވުމުން، އިތުރު އެކަލޭގެފާނުގެ މާތް ފުރާނަފުޅު، އެހެން މީހެއްގެ ހަށިގަނޑަށް ނަގުލުވިކަމަށް އެބައިމީހުން އީމާންވެ އެވެ. ޙުލޫލާއި ތަނާސުޚާ ދެމެދުގައިވަނީ، ވަރަށް ގާތްކަން ބޮޑު ގުޅުމެކެވެ. ތަނާސުޚަށް އީމާންވާ މީހާ، ޙުލޫލަށް އީމާންވެ އެވެ. މިރުޒާ ޣުލާމުގެ ލިޔުންތަކުގައި، އޭނާ ޙުލޫލާއި ތަނާސުޚަށް އީމާންވާކަން ކަށަވަރުވާ ޢިބާރާތްތައް ވެ އެވެ. އެފަދަ ޢިބާރާތްތަކުގެ ތެރޭގައި، އޭނާގެ ހަށިގަނޑުގައި ޢީސާގެފާނުގެ ފުރާނަފުޅު މާތް ﷲ ލެއްވިކަމަށް ބުނާ ޢިބާރާތްތައް ވެ އެވެ. އަދި އެތައް ބަޔެއްގެ ހަށިގަނޑަށް ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ފުރާނަފުޅު ނަގުލުވަމުން ދިޔަ ކަމަށް ބުނާ ޢިބާރާތްތައް ވެސް ވެ އެވެ. މަޞްދަރު: އަލްޤާދިޔާނިއްޔާ (ފޮތެއް) ޑރ. ޢާމިރުއް ނައްޖާރު. <> (1) ޣުލުއްވުގެ އަހުލުވެރިން ޣުލުއްވުގެ އަހުލުވެރިންނަކީ، ދީނީ ކަންކަމުގައި ޙައްދު ފަހަނަޅައިފައިވާ މީހުންނެވެ. ޙައްދު ފަހަނަޅައި ދިއުމުގެ އިސްލާމީ ލަފުޒަކީ "ޣުލުއްވު" އެވެ. ހައްދު ފަހަނަޅައި ދިއުމޭ ބުނެވޭ ޢިބާރާތަކީ، ވަކި ބަޔެއްގެ އަގުވައްޓާލަން ވެގެން ނޫސްވެރިންނާއި ޢަލްމާނީން (1.1) ބޭނުންކުރަންފެށި ލަފުޒެކެވެ. (1.1) ޢަލްމާނީން ޢަލްމާނީންނަކީ، ސެކިއުލަރިޒަމު (secularism) ގެ އަހުލުވެރިންނެވެ. ޢަރަބިބަހުން ސެކިއުލަރިޒަމްގެ މާނައަކީ، (لا دينية) "ލާދީނީ" ނުވަތަ (لا غيبية) "ލާޣައިބީ" ނުވަތަ (الدنيوية) "ދުންޔަވީ" ނުވަތަ (لا مقدس) "މުޤައްދަސް ނޫން" އެވެ. މިއިން މާނައެއްގައި ސެކިއުލަރިޒަމް ރަނގަޅަށް ތަރުޖަމާކޮށްފިނަމަ، މުސްލިމުންގެ މަޤުބޫލުކަން ނުލިބިދާނެތީ، ސެކިއުލަރިޒަމް ޢަރަބި ބަހަށް ތަރުޖަމާކޮށްފައިވަނީ، ޢަލްމާނިއްޔާ ކަމަށެވެ. ބައެއް މީހުން ޢިލްމާނިއްޔާ އޭ ވެސް ކިޔައެވެ. މިގޮތަށް ކިޔަނީ، ސެކިއުލަރިޒަމަކީ، ޢިލްމަށް ނިސްބަތްވާ އެއްޗެއްކަން އިލްހާމުކޮށްދިނުމުގެ ބޭނުމުގަ އެވެ. (2) ދުރުޒީން ދުރުޒީންނަކީ، ބާޠިނީ (2.1) މަޛުހަބެއްގެ އަހުލުވެރިންނެވެ. އެބައިމީހުން އުފެދުނީ ހިޖުރައިން 408 ވަނަ އަހަރު މިޞްރުގަ އެވެ. އެއަށްފަހު، އެބައިމީހުން ޝާމުކަރައަށް ހިޖުރަކުރި އެވެ. ދީނާއި ޢަޤީދާގެ ކަންތައްތައް އެބައިމީހުން ސިއްރުކުރެ އެވެ. އެބައިމީހުންގެ ފިރިހެން ދަރިންނަށް ދީނީ ތަޢުލީމު ދެނީ، ޢުމުރުން ސާޅީސް އަހަރު ފުރުމުންނެވެ. (2.1) ބާޠިނީ މަޛުހަބު ބާޠިނީ މަޛުހަބުގެ އަހުލުވެރިންނަކީ، ބޭރު ފުށުން ފާޅުކުރާ ގޮތްތައް ނޫން އެހެން ގޮތްތައް އެތެރެފުށުގައި ސިއްރުކޮށްގެން އުޅޭ މީހުންނެވެ. ދީނާއި ޢަޤީދާގެ ކަންކަމުގައި އެބައިމީހުން އެގޮތަށް ޢަމަލުކުރެ އެވެ. (3) ނުޞައިރީން ނުޞައިރީންނަކީ، ހިޖުރައިން ތިންވަނަ ޤަރުނުގައި ފާޅުވި ބާޠިނީ މަޛުހަބެއްގެ ބަޔެކެވެ. އެބައިމީހުންނަކީ، ޝީޢީންގެ ތެރެއިން ޣުލުއްވުގެ އަހުލުވެރިން ކަމުގައިވި އެވެ. މި މަޛުހަބުގެ މުއައްސިސަކީ، މުޙައްމަދު ބްނު ނުޞައިރު ނަމަކަށް ކިޔުނު މީހެކެވެ. އޭނާ ނިޔާވީ، ހިޖުރައިން 270 ވަނަ އަހަރުގަ އެވެ. ޢަލަވީންގެ ނަމުން ވެސް މި މަޛުހަބުގެ މީހުން މަޝްހޫރުވެފައިވެ އެވެ. މި ނަން އެބައިމީހުންނަށް ދިނީ ފަރަންސޭސި އިސްތިޢުމާރެވެ. މަޞްދަރުތައް: އިސްލާމްއޮންލައިން ޑޮޓް ނެޓް. ޞައިދުލްފަވާއިދި ވެބްސައިޓު. ޝަބަކަތު މިޝްކާތިލް އިސްލާމިއްޔާ. އައްތަޠައްރުފު ވަލް ޣުލުއްވު (ދިރާސާއެއް)، ޑރ. ޠާރިޤު މުޙައްމަދުއް ޠަވާރީ.
|
| ހަމަ މި ގަލަމުން |
|---|