މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ލޯބިވާ ދަރިފުޅަށް (2) |
|
|
| ދީން - ޢަޤީދާ | |||
| 28 ސެޕްޓެމްބަރ 2010، 11:10 އަންގާރަ | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން ލޮބުވެތި ދަރިފުޅާއެވެ!ހެޔޮ ޢަމަލުކުރުމުގެ މައިދާނުގައި ފަޤީރުވެފައި ނުވާށެވެ! ހެޔޮ ޙާލުގައި ހުރުމުގެ ބަގީޗާގައި ބީރައްޓެހިވެފައި ނުހުންނާށެވެ! އަދި ބަހާ، ޢަމަލާ، ދިމާނުވާ ނަމަ، ލިބިފައިވާ ޢިލްމަކުން ސަލާމަތުގެ އައްސޭރިއަށް ނުދެވޭނެކަން ދަންނާށެވެ! ޢަމަލީ ސިފަ ނުގެންނަ ޢިލްމުގެ މިސާލަކީ، ޖަންގަލީގެ ތެރޭގައި ދަތުރުކުރަމުން ދިޔަ އަސްވާރެއްގެ އަތުގައިވާ ހަތިޔާރުގެ މިސާލެވެ. ހިންދުކަރައިގެ ނިކަން ތޫނު އެތައް ކަނޑިޔަކާއި އެޔާ އަކަށޭނަ އެހެނިހެން ހަތިޔާރުތައް އޭނާގެ އަތުގައިވެ އެވެ. އޭނާއަކީ ހިތްވަރުގަދަ، ހަނގުރާމައިގެ ހެވިކަން ދަންނަ، ހުށިޔާރު ފަހުލަވާނެކެވެ. އޭނާ ދަތުރުކުރަމުން ދަނިކޮށް، ކުއްލިއަކަށް ވަރަށް ބިޔަ ސިންގާއެއް އޭނާއަށް ހަމަލަ ދީފިއެވެ. ދެން އޭނާ ދެއަތް އުރާލައިގެން އިންދާ، އެ ސިންގާގެ ކިބައިން އޭނާއަށް ސަލާމަތްވެވޭނެ ހެއްޔެވެ؟ އޭނާގެ އަތުގައިވާ ހަތިޔާރުން ސިންގާއަށް ހަމަލަ ނުދެނީސް، އެ ހަތިޔާރުތައް އޭނާ ދިފާޢުކުރާނެ ހެއްޔެވެ؟ އެ ހަތިޔާރުތަކަކީ މީހަކު އެއިން ހަނގުރާމަ ކުރުމަކާ ނުލައި، އޭގެ އަމިއްލަ ޒާތުގައި ޙަރަކާތްކޮށް ހަމަލަދޭ އެއްޗެއް ނޫންކަން، އެންމެން ދަނެ އެވެ. ޢިލްމު ލިބި އެއިން ޢަމަލު ނުކޮށްފި މީހާ، މި އަސްވާރު ފަދަ އެވެ. ޢިލްމީ ގޮތުން ޖަވާބު ދެވިފައިވާ އެއްލައްކަ މައްސަލަ ކިޔައި ދަސްކުރި މީހަކު ވެސް މި އަސްވާރު ފަދަ އެވެ. އޭނާ އޭގައިވާ ގޮތަށް ޢަމަލުނުކުރާކަމަށްވަނީނަމަ، އެޔަކުން އޭނާއަކަށް ފައިދާއެއް ނުކުރާނެ އެވެ. އަދިވެސް އެހެން މިސާލެކެވެ. ހުން އައިސް ރީނދޫ ބަލި ޖެހިފައިވާ މީހެއްގެ މިސާލެވެ. އޭނާގެ އަތުގައި، ކިތަންމެ ގިނައިން އިނގުރާއި ކަޝްކާބު ހުށްޓަސް، އެއިން ފަރުވާކޮށްގެން ނޫނީ އޭނާގެ ބައްޔަށް ޝިފާއެއް ނުލިބޭނެ އެވެ. (މީގެ ދޭހައަކީ، އޭނާގެ ބަލި ފަސޭހަވާނީ ޝިފާލިއްބައިދެނިވި ބޭސް ފަރުވާ ކޮށްގެންނެވެ. ކަޝްކާބަކީ، ބޭސް ކުރަން ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތެކެވެ.) ފާރިސީންގެ ޅެންވެރިއަކު ކިއުއްވާފައިވާ ޅެންބައިތެއްގައި ވެއެވެ. ރާތާ ދެހާސް ޝަރުބަތް ތިބާ ކިރިޔަސް ނުވޭ މަސްތެއްވެފައި، ބޮއިފައި ނުވާ ނަމައީ އެއިން. (ނޯޓް: މިފަދަ ޅެންބައިތުތަކުން މިސާލު ޖަހައި އުޅުމަކީ، އިމާމު ޣަޒާލީ ދިރިއުޅުއްވި ޒަމާނާއި ތަނުގައި އޮތްކަމެކެވެ. މިބައިތުގައިވާ ޝަރުބަތާއި މަސްތަކީ، އެއިން ދޭހަވާ ލަފުޒީ މާނަ ނޫން އެހެން މާނަތައް އޭގައި އެކުލެވިފައިވާ ދެލަފުޒެކެވެ. ޞޫފީންގެ ޅެންތަކުގައި މި ފަދަ ލަފުޒުތަކުން، ބޭރުފުށުގެ މާނައަށްވުރެ ރިވެތި މާނަތައް ނެގެ އެވެ. އިމާމު ޣަޒާލީގެ ޒަމާނުގެ އަހުލުވެރިންނަށް މިކަން އެނގެއެވެ. މިޅެންބައިތު މިދަންނަވާ ގޮތަށް ޝަރަޙަކުރެވިދާނެއެވެ. "ރޭގަނޑުގައި ތިބާ ދެހާސް ރަކުޢަތް ކުރިކަމުގައި ވިޔަސް، އެ ރަކުޢަތްތައް ކުރާއިރު، ދުންޔަވީ ކަންތައްތަކުން އެއްކިބާވެ، މާތްﷲގެ ޙަޟްރަތަށް ހިތާއި ނިޔަތް އިޚުލާޞްތެރި ނުކުރާނަމަ، އެއިން ތިބާއަށް މަންފާއެއް ނުކުރާނެއެވެ." މި ޅެންބައިތު ގެނެސްދެއްވާފައިވަނީ ކަން އޮތްގޮތް ބަޔާންކުރެއްވުމުގެ މަޤުޞަދުގައެވެ.) ސަތޭކަ އަހަރުވަންދެން ތިބާ ޢިލްމު އުނގެނުނަސް، އަދި ހާސް ފޮތް ހޯދައި ޖަމާކުރިޔަސް، އޭގައިވާ ގޮތަށް ހެޔޮ ޢަމަލު ނުކުރާހައި ހިނދަކު، މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވުމަށް ތިބާޔަށް ފިޔަވަޅެއް ނޭޅޭނެ އެވެ. މިކަމުގެ ދަލީލަކީ އަންނަނިވި އާޔަތްތަކެވެ. 1. އަންނަޖުމް ސޫރަތުގެ 39 ވަނަ އާޔަތް: (وَأَن لَّيْسَ لِلإِْنسَانِ إِلاَّ مَا سَعَى) މި އާޔަތުގެ މާނައީ، "އަދި އިންސާނާއަށް އޭނާ ކުޅަ ޢަމަލެއް (ގެ ޖަޒާ) މެނުވީ ނުވެއެވެ." 2. އަލްކަހުފު ސޫރަތުގެ 110 ވަނަ އާޔަތުން ދަލީލު ލިބޭބައި: (فَمَن كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلاً صَالِحًا) މާނައީ، "ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުކުރުމަށް އެދޭ މީހާ (ދަންނާށެވެ!) ފަހެ، އެމީހާ ޞާލިޙު ޢަމަލުކުރާހުށިކަމެވެ!" 3. އައްތައުބާ ސޫރަތުގެ 82 ވަނަ އާޔަތުން ދަލީލު ލިބޭބައި: (جَزَاءً بِمَا كَانُواْ يَكْسِبُونَ) މާނައީ، "(އެއީ) އެއުރެން ހޯދައިއުޅުނު ޢަމަލުތަކުގެ ޖަޒާއެއްގެ ގޮތުގައެވެ." 4. އަލްކަހުފު ސޫރަތުގެ 107 އާޔަތާއި 108 ވަނަ އާޔަތް: (إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَانَتْ لَهُمْ جَنَّاتُ الْفِرْدَوْسِ نُزُلاً (107) خَالِدِينَ فِيهَا لا يَبْغُونَ عَنْهَا حِوَلاً (108)) މާނައީ، "ހަމަކަށަވަރުން، އީމާންވެ، ޞާލިޙު ޢަމަލުތައް ކުޅަ މީހުންނަށް އެއުރެން ތިބެނިވި ތަނެއް ކަމުގައި، ފިރުދައުސޭ ކިއުނު ސުވަރުގެތައް ހުއްޓެވެ. (107) އެއުރެން އެތަން ފިޔަވައި، އެހެން ފަރާތަކަށް އެނބުރިދިއުމަށް ނޭދި، އެތާނގައި އަބަދަށް ދެމިތިބޭ ޙާލުގައެވެ. (108)" 5. މަރްޔަމް ސޫރަތުގެ 60 ވަނަ އާޔަތުން ދަލީލު ލިބޭ ބައި: (إِلاَّ مَن تَابَ وَآمَنَ وَعَمِلَ صَالِحًا) މާނައީ، "ތައުބާވެ، އަދި އީމާންވެ، އަދި ޞާލިޙު ޢަމަލު ކުޅަ މީހުން މެނުވީ އެވެ." އިސްލާމްކަމުގެ ރުކުންތައް ބަޔާންކުރައްވާފައިވާ ޙަދީޘްފުޅަށް ނަޒަރު ހިންގާލަމާތޯއެވެ. އެ ޙަދީޘްފުޅުގައި ވެއެވެ. (بُنِيَ الإِسْلاَمُ عَلَى خَمْسٍ: شَهَادَةُ أَنْ لاَ إِلَهَ إِلاَّ اللهُ وَأَنَّ مُحَمَّدًا رَسُولُ اللهِ وَإِقَامِ الصَّلاَةِ وَإِيْتَاءِ الزَّكَاةِ وَصَوْمِ رَمَضَانَ وَحَجِّ اْلبَيْتِ لِمَنِ اسْتَطَاعَ إِلَيْهِ سَبِيْلاً) ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް. މާނައީ، "އިސްލާމްދީން ބިނާވެގެންވަނީ، ފަސް ރުކުނެއްގެ މައްޗަށެވެ. އެއީ ﷲ ފިޔަވައި (ޙައްޤު ގޮތުގައި އަޅުކަމެއްވެވޭ) އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމް ކުރުމާއި، ޒަކާތް ދިނުމާއި، ރަމަޟާންމަހު ރޯދަ ހިފުމާއި، ކެރި ކުޅަދާނަވެގެންވާ މީހާ ގެފުޅަށް ގޮސް ޙައްޖުވުމެވެ." އީމާންކަމަކީ، ދުލުން ކިޔައި އިޤުރާރުވާން ޖެހޭ ބުނުމަކާއި، ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރަން ޖެހޭ ކަންތައްތައްތަކަކާއި، ޢަމަލީގޮތުން ގުނަންތަކުން އަދާކުރަންޖެހޭ ޢަމަލުތަކެކެވެ. ދީނުގައި ބަޔާންކުރައްވާފައިވާ ހެޔޮ ޢަމަލުތައް، ގުނައި ޢަދަދުކުރެވޭވަރަށްވުރެ މާގިނަ އެވެ. (އެހުރިހައި ކަމެއް މީހަކަށް ނުކުރެވިދާނެ އެވެ.) ނަމަވެސް އަޅަކު ސުވަރުގެއަށް ވައްދަވަނީ މާތް ﷲ ގެ ފަޟުލުވަންތަވެރިކަމުންނާއި އެކަލާނގެ ދީލަތިވަންތަ ކަމުންނެވެ. އަޅަކު އެކަލާނގެ ޙަޟްރަތަށް ކިޔަމަންވެ، އަޅުކަންކޮށް، ސުވަރުގެއަށް ދިއުމަށްޓަކައި ވެފައިވާ ތައްޔާރީއަކަށް ފަހުގަ އެވެ. އެހެނީ، މާތް ﷲ ގެ ޙަޟުރަތުން ރަޙުމަތްލެއްވުން ވަނީ، ހެޔޮ ޢަމަލުކުރާ އިޙުސާންތެރިންނާ އެކުގަ އެވެ. މިކަމާމެދު މީހަކު ބުނެފާނެއެވެ. "މީހަކު ހަމައެކަނި އީމާންވުމުން އޭނާއަށް ސުވަރުގެ އެބަ ޙާޞިލްވޭ ނޫންހެއްޔެވެ؟" މިބަހާމެދު ބުނަންޖެހެނީ، އާނއެކެވެ. އީމާންވުމުން ސުވަރުގެ އެބަ ޙާޞިލްވެ އެވެ. ނަމަވެސް ހަމައެކަނި އީމާންވެގެން ސުވަރުގެއަށް ވާޞިލްވެވޭނީ ކޮން އިރަކުންތޯއެވެ؟ އަދި މާތް ސުވަރުގެއާ ހަމައަށް ވާޞިލްވުމުގައި ގިރާކުރަން ޖެހޭނީ، ގިރާކުރަން އުނދަގޫ ކިތައް އޮޅިގަނޑު ތޯއެވެ؟ އޭގެ ތެރެއިން ފުރަތަމަ އޮޅިގަނޑަކީ، އީމާންކަމުގެ އޮޅިގަނޑެވެ. މި އޮޅިގަނޑު އޭނާ ގިރާއިރު، އޭނާގެ އީމާންކަމުގެ ޙާލަތަކީ ކޮބައިތޯ އެވެ؟ އޭނާއަކީ ކޮން ދަރަޖައެއްގެ މުއުމިނެއްތޯ އެވެ؟ އޭނާގެ ކިބައިގައި އީމާންކަމާއި އިސްލާމްކަން ފުރިހަމަވެފައި ނުވާނަމަ، އޭނާއަކީ ނާއުންމީދުވެރިއެކެވެ. އޭނާއަށް ސުވަރުގެއަށް ދެވޭނީ، އީމާންކަމާއި އިސްލާމްކަމުގެ ތިލަފަތް ލުއި މީހެއްގެ ގޮތުގަ އެވެ. ސުވަރުގޭގެ މަތިވެރި ދަރަޖަތަކެއް އޭނާއަކަށް ނުލިބޭނެ އެވެ. އަލްޙަސަނުލް ބަޞްރީގެފާނު ވިދާޅުވެފައިވެއެވެ. މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ޤިޔާމަތް ދުވަހު ނިދާ އިއްވަވާނެތެވެ. "އޭ! ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިމަން ރަސްކަލާނގެ ރަޙުމަތްވަންތަކަމުން ތިޔަބައިމީހުން ސުވަރުގެ ވަންނަހުށިކަމެވެ! އަދި ތިޔަބައިމީހުން ކޮށްފައިވާ ޢަމަލުތަކުގެ ނިސްބަތުން، ތިޔަބައިމީހުންގެ މެދުގައި އެ ރަޙުމަތްވަންތަކަން ބަހާހުށިކަމެވެ!" (ނުނިމޭ) މި ސިލްސިލާގެ އިތުރު ލިޔުންތައްލޯބިވާ ދަރިފުޅަށް (1)
|
| ހަމަ މި ގަލަމުން |
|---|