މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މުސްލިމުން ނިކަމެތި ކުރުމުގެ "ގޮވުންތައް" |
|
|
| ދީން - ޢަޤީދާ | |
| 17 ޖެނުވަރީ 2012، 07:40 އަންގާރަ | |
|
އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު (2012) ޣައިރުމުސްލިމުން ކޮންޓްރޯލުކޮށް ހިންގަމުންދާ މަޝްހޫރު މީޑިޔާތައް ކަމަށްވާ ސީއެންއެން އާއި ބީބީސީ އަދި މިނޫންވެސް މިފަދަ ޚަބަރު ޗެނަލުތަކުގެ މައިގަނޑު ސިޔާސަތު ކަމަށްވެފައިވަނީ މުސްލިމުންނާ ގުޅުންހުރި ޚަބަރުތައް ފެތުރުމުގައި ކަމުގެ ޙަޤީޤަތް ފޮރުވާލައި، މުސްލިމުންނަށް އިހާނެތިކަން ލިބޭނެހައި ގޮތްގޮތަށް އެ ޚަބަރުތައް ފެތުރުމެވެ.
އަދި ކުށުގެ ގޮތުގައި ހިމެނޭ، މުސްލިމުންނާ ގުޅުން ހުރި ވަރަށް އާދައިގެ ކުދިކުދި ކަންތައްތައްވެސް ހުޅަނގުގެ މީޑިޔާތަކުގެ "ޓޮޕް ސްޓޯރީ" ތަކުގެ ގޮތުގައި ގެނެސްދީ މުސްލިމުންނަކީ ދުނިޔޭގެ މީސްތަކުންނަށް ހުރި "ބިރެއް" ކަމުގައި ހާމަކުރުމެވެ. މުސްލިމުންނަކީ ނުރައްކާތެރި ރަޙުމުކުޑަ ބައެއްކަމުގައި އަޑު ފެތުރުމަށްޓަކައި ހުޅަނގުގެ މީޑިޔާތަކުން މުސްލިމުންނަށް ނިސްބަތްކޮށް ތަފާތު މުޞްޠަލަޙު (Terms) ތައް ބޭނުންކުރަމުންދެއެވެ. މީގެތެރޭގައި ހިމެނޭ ބައެއް މުޞްޠަލަޙު ތިރީގައި އެވަނީއެވެ. 1. Islamic Terrorists (މުސްލިމު ޓެރަރިސްޓުން) 2. Muslim Fundamentalist (ބޯދާ، ނުވަތަ ވަކި އަސްލުތަކެއްގައި ގަދަޔަށް ހިފަހައްޓައިގެން އުޅޭ މުސްލިމުން) 3. Violent fundamentalist (ޙައްދު ފަހަނައަޅާފައިވާ / އަނިޔާވެރި ޙަރަކާތްތައް ހިންގާ ބޯދާ މުސްލިމުން) 4. Wahabi Zealot (ޙައްދު ފަހަނައަޅާފައިވާ ވައްހާބީން) 5. Muslim Extremist (ހަރުކަށި މުސްލިމުން) 6. Sunni Bombers (ބޮންގޮއްވާ ސުންނީން) 7. Islamic Jihadi (މުސްލިމު ޖިހާދީން) 8. Arab Killer (މީހުން މަރާ ޢަރަބީން) 9. Islamic Suicide bomber (ޖާނު ގޮއްވާލާ މުސްލިމުން) 10. Fanatics Muslim (ޙައްދު ފަހަނައަޅާފައިވާ މުސްލިމުން) 11. Islamic threat (މުސްލިމުންގެ ނުރައްކާތެރިކަން) 12. The mosque militant (މިސްކިތުގެ ހަނގުރާމަވެރީން) ޝައްކެތްނެތް ގޮތުގައި، ދުނިޔޭގެ ކަންކޮޅުތަކުގައި ކުށުގެ ޢަމަލުތައް ހިންގަނީ ހަމައެކަނި މުސްލިމުންނެއްނޫނެވެ. މީގެތެރޭގައި ކްރިސްޓިއަނުންނާއި، ޔަހޫދީންނާއި، ބުޑިސްޓުންނާއި، ހިންދޫއިންނާއި، ތަމަޅައިންނާއި، ސިންގަޅައިންނާ މިހެންގޮސް ވަޟަޢީ (ހަދާފައިވާ) ހުރިހާ ފަލްސަފާތަކެއްގެ މީހުންވެސް ކުށުގެ ތަފާތު ޢަމަލުތައް ކޮންމެ ދުވަހަކުވެސް ދުނިޔޭގެ އެތަންމިތާނގައި ހިންގަމުންދެއެވެ. އެހެންނަމަވެސް ހުޅަނގުގެ މީޑިޔާތަކުން ވަރަށް މަދު ޙާލަތެއްގައިނޫނީ މިފަދަ މީހުންނަށް ނިސްބަތްކޮށް ހިންދޫ ޓެރަރިސްޓް، ކެތޮލިކް ކިލާރސް، ޕްރޮޓެސްޓަންޓް ވަޔޮލަންޓް މޮންގާސް ނުވަތަ ޖޫއިޝް އެކްސްޓްރިމިސްޓްސް ފަދަ "ބުރަދަންހުރި" ބަސްތައް ބޭނުންކޮށްގެން އެމީހުން ހިންގާ ނުބައި ޢަމަލުތަކުގެ ޚަބަރުތައް ފަތުރަމުންނުދާކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ. މުސްލިމުން ނިކަމެތި ކުރުމަށްޓަކައި ހުޅަނގުގެ މީޑިޔާތަކުން ފަތުރާ ޚަބަރުތަކުގެ ސުރުޚީތަކަށްވެފައިވަނީ "މުސްލިމުންގެ ޙައްދުފަހަނައަޅާ ދިޔުމާއި އަނިޔާވެރިވުން" އެކަންޏެއްނޫނެވެ. މީގެ އިތުރުން، ހިއުމަން ރައިޓްސް ނުވަތަ އިންސާނީ ޙައްޤުތަކާ ޑިމޮކްރަސީއާ އަންހެނުންނާ ގުޅުންހުރި ކަންތައްތަކާ ކުޑަކުދީންނާ ގުޅުންހުރި ކަންތައްތަކާ މުސްލިމުންނާ އެނޫން މީހުންނާ އޮންނަ ގުޅުމާ އަދި މިނޫންވެސް މިފަދަ އެންމެހައި ކަންތައްތަކުގައި މުސްލިމުންނަކީ "ބޯދާ ވިސްނުން ގެންގުޅޭ" ، "މޮޑަރން ވޯލްޑް" (ތަރައްޤީވެފައިވާ ދުނިޔެ) ނުދަންނަ ބައެއްކަމުގައި ދުނިޔެއަށް އަޑުފަތުރަމުން ދެއެވެ. ހުޅަނގުގެ "ޙައްދުފަހަނައަޅާފައިވާ" މީޑިޔާތަކުން މުސްލިމުން ރުޅިއެރުވުމަށްޓަކައި ކިތަންމެ ކަމެއް ހިންގިޔަސް މުސްލިމުން އެކަމާ އަޅައިލައިގެންނުވާނެކަމަށާ އެއީ އެމީހުންނަށް ލިބިފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ނޫސްވެރިކަމުގެ މިނިވަންކަމުގެތެރޭގައި ހިމެނޭ ކަންތައްތައް ކަމުގައިވެސް އެމީހުން ބުނަމުންދެއެވެ. މުސްލިމުން ނިކަމެތިކުރުމުގެ "ގޮވުންތައް" ދިވެހި އިސްލާމުންގެ ދޫތަކުން!!މުސްލިމުން ނިކަމެތިކޮށް އެބައިމީހުންނަށް ހަޖޫކިޔުމަށްޓަކައި ޣައިރުމުސްލިމުން ގޮވަމުންދާފަދަ ގޮވުންތައް، ސައްތައިންސައްތަ އިސްލާމީ ދިވެހި މުޖުތަމަޢުގައި ގުގުމަން ފެށުމަކީ މިކަމާމެދު ކަންބޮޑުވާންޖެހޭ ކަމެކެވެ. ހަމަމިއާއެކު އެންމެ އާދައިގެ މީހާއިން ފެށިގެން ޤައުމުގެ އެންމެ މަތީ ފަންތީގެ ބޭބޭފުޅުންގެ ދޫފުޅުންވެސް މިފަދަ ބަސްތައް ތަކުރާރުވާކަމީ މި ކަންބޮޑުވުން އިތުރުވާ ސަބަބެކެވެ. ފަހެ، އަމިއްލައަށް އަމިއްލަ ނަފްސަށް މަލާމާތް ކުރުމަށްވުރެ ވަކީން ނިކަމެތިކަމެއް އޮންނާނެހެއްޔެވެ؟ ތިމާމެންނަކީ މުސްލިމުންކަމުގައި ތިބި ޙާލު ތިމާމެންގެ އަމިއްލަ ނަފުސަށް ނިސްބަތްކޮށް، އެއްވެސް ޙަޤީޤަތެއްނެތް ލޭބަލްތަކެއް ދެމުންދާއިރު އެއީ ކިހާވަރެއްގެ ކަމެއްތޯ ބަލައިލުންވެސް މުހިއްމެވެ. "ހަރުކަށި އިސްލާމީ އުސޫލުތައް" ، "ޖިހާދީ ރޫޙު" ފަދަ ޖުމުލަތަކަކީ މިއަދު ދިވެހި ފަސްގަނޑުން ވަރަށް ޢާއްމުކޮށް އިވޭ ޖުމުލަތަކަކަށް ވެއްޖެއެވެ. އެހެންކަމުން މި ކޮންމެ ޖުމުލައަކާމެދު ވަކިވަކީން ބަލައިލަމާ ހިނގާށެވެ. "ހަރުކަށި އިސްލާމީ އުސޫލުތަކޭ" ބުނާއިރު، އިސްލާމްދީނުގައި ހަރުކަށި އުސޫލުތަކެއް އެބަހުރިތޯ މިއީ ކުރެވޭނެ ސުވާލެކެވެ. އެއްވެސް ޝައްކެތްނެތް ގޮތުގައި އިސްލާމްދީނަކީ އެ ދީނުގެ އެއްވެސް އުސޫލެއްގައި ހަރުކަށިކަމާއި ގަދަބަދަވީކަން އެކުލެވިގެންވާ ދީނެއްނޫނެވެ. އެހެނެއްކަމަކު އިސްލާމްދީނުގައި އެކުލެވިގެންވަނީ ދިރިއުޅުމުގެ އެންމެ ފުރިހަމަ މަންހަޖެވެ. އިންސާނާއާ އޭނާގެ ޚާލިޤާ ދެމެދު އޮންނަންޖެހޭ ގުޅުންތަކާބެހޭ އިލާހީ އެންގެވުންތަކެވެ. އެއްމަޚްލޫޤަކު އަނެއް މަޚްލޫޤަކާދެމެދު ގުޅުން ބަހައްޓަންވީ ގޮތްތަކެވެ. ރިވެތި އަޚްލާޤާއި އިންސާނީ ކަރާމާތާބެހޭ ޢާއްމު އިރުޝާދުތަކެވެ. އެއްވެސް އެއްޗެއް ނުދަންނަ ޙާލު ދުނިޔެއަށް ނޭވާލާ އިންސާނާ ތަރުބިޔަތުކޮށް ފުރިހަމަ އިންސާނަކަށް ހަދާނެގޮތުގެ ތަޢުލީމުތަކެވެ. ޢާއިލީ ގުޅުންތަކާއި، އަވަށްޓެރިކަމުގެ ގުޅުންތަކާއި، ރަޙުމަތްތެރިކަމުގެ ގުޅުންތަކާއި، ޣައިރު މުސްލިމުންނާ ދެމެދު އޮންނަންޖެހޭ ގުޅުންތަކާބެހޭ އެންމެ ފުރިހަމަ މަގުދެއްކުމެވެ. ޙައްޤުތައް ލިބިގަތުމާއި ޙައްޤުތައް ހޯދައިދިނުމުގެ އެންމެ ޢަދުލުވެރި ނިޔާއެވެ. ކިޔަމަންތެރި އަޅުންނަށް ލިބޭނޭ ނިޢުމަތްތަކުގެ އުފާވެރި ޚަބަރުތަކާއި، ނުކިޔަމަންތެރިވެއްޖެމީހުންނަށް ލިބޭނޭ ޢުޤޫބާތުގެ ޚަބަރުތަކެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ލިބިގަނެވޭނެ އެންމެ ފުރިހަމަ ނިޒާމެވެ. މިއީ އިސްލާމްދީނުގެ އަސާސިއްޔާތު ދަންނަމީހަކަށްވެސް އޮޅުމެއްނެތި އެނގޭނެ ކަންކަމެވެ. އިސްލާމްދީނާ ގުޅުންހުރިކަމެއްގައި މީހަކު ނުވަތަ ބަޔަކު ނޭއްގާނީ ޢަމަލުތަކެއް ހިންގާތީ އެކަމާމެދު އުފެދޭ ޣީރަތްތެރިކަމެއްގެ ސަބަބުން މުސްލިމުންގެ ތެރެއިން ބަޔަކު އެކަން ޙައްލުކުރަން ނިކުންނަ ނިކުތުމަށް އިޝާރާތްކޮށް އެމީހުން އެނިކުންނަނީ "ޖިހާދީ ރޫޙެއް" ގައޭ އެނޫންގޮތަކަށް ނިކުތްނަމަ ރަނގަޅުވީހޭ ބުނާމީހުންނާމެދު ޙައިރާނެއްނުވޭ ހެއްޔެވެ؟ އިސްވެ ބުނެވުނުފަދަ ކަމަކާގުޅޭގޮތުން ނިކުންނަ ބައެއްގެ ކިބައިގައި ހުންނަންޖެހެނީ "ޖިހާދީ ރޫޙެއް" ނޫން ދެން ކޮން ރޫޙެއް ހެއްޔެވެ؟ ޙައްޤުބަސް ކުރިއަށްނެރެ ﷲ ގެ ދީން މަތިވެރިކުރުމަށްޓަކައި ކުރެވޭ ކޮންމެ ކަމެއް އެއީ "ޖިހާދު" ކުރުންކަމުގައި ހިމެނޭހިނދު، މިއީ ﷲ ތަޢާލާ މުއުމިނުންނަށް ވާޖިބު ކުރައްވާފައިވާ ކަމެއްކަން ދެނެގަތުން ހުއްޓެވެ. އެއީ ހިތުން ނުވަތަ ދުލުން ނުވަތަ މުދަލުން ނުވަތަ ފުރާނަ ދުއްވާލައިގެން ކުރެވޭ ކަމެއްކަމުގައި ވިޔަސްމެއެވެ. އެއްވެސް ޙާލެއްގައި ޖިހާދޭ ބުނެވޭ ކޮންމެ ފަހަރަކު އޭގެ މާނައަކީ ހަތިޔާރު ހިފައިގެން ނުވަތަ ހަތިޔާރުގެ ބޭނުންކޮށްގެން އެއްބަޔަކު އަނެއްބަޔަކާ ތަޅާ މެރުމެއްނޫނެވެ. އެހެންކަމަށްވާއިރު ޣައިރު މުސްލިމުންފަދައިން، ألله أكبر އޭ ބުނެ އަޑު އުފުލައިފި ކޮންމެ މީހަކީ "ޓެރަރިސްޓެއް" ކަމަށް ތައް ޖަހަންވީ ސަބަބެއް އެބައޮތްހެއްޔެވެ؟ އިޞްލާޙަށް ނިކުންނަ މީހުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު، އިސްލާމްދީނުގައި އިރުޝާދުދީފައިވާ ގޮތާ ޚިލާފަށް ކަމެއް ކުރުމުން އެބައެއްގެ އެޢަމަލު އިސްލާމްދީނާ ގުޅުވާފައި އެއީ ހަރުކަށި އިސްލާމީ އުސޫލޭ ބުނެވޭނެ ހަމައެއް ނޯންނާނެއެވެ. އަދި ކީއްހެއްޔެވެ؟ ބަޔަކުމީހުން ހިތުހުރިހައި ގޮތަކަށް އިސްލާމްދީނާމެދު ޢަމަލުކޮށް އެ ދީނުގެ އަޞްލުތައް ފުނޑުފުނޑުކޮށްލަން މަސައްކަތް ކުރާން ފެށުމުން، އެފަދަ ފަރާތްތައް ހަމަމަގަށް އަޅުވައި ޙައްޤު ފާޅުކޮށް ﷲ ތަޢާލާގެ ދީނަށް ނަޞްރުދިނުމަށްޓަކައި ތެދުވާ ބައެއްގެ ކިބައިގައި "ޖިހާދީ ރޫޙު" ފިޔަވައި ހުންނަންޖެހޭނެ އެހެން ރޫޙެއް ނޯންނާނެއެވެ. ---------------- (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|
އެހެންނަމަވެސް މުސްލިމު އިލްމް ވެރިން އެދުވަހު ޓީވީ/ ފޮޓޯ މީއީ ކޮންއެއްޗެއްކަން ރަނގަޅަކަށް ހޯދާ ބެލައި، އަދި ހަރާމޭ ނުބުނިނަމަ މިއަދު ވަކި ޔަހޫދީން އެކަންޏެއްނޫން ޓީވީ ކޮންޓްރޯލު ކުރާނީ.