މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ފެތުރިފައިވާ މޫތައް: މި ޢަޤީދާގެ ޚާއްޞިއްޔަތު. |
|
|
| ދީން - ޢަޤީދާ | |||
| 07 އެޕރީލް 2009، 01:56 އަންގާރަ | |||
ލިޔުނީ: އަލިފުޝީނުޢަހްމަދު ޝަމީނު ދޮންމަނިކު، ފިނިވާގެ އއ.ތޮއްޑޫ ހަނދުމަފުޅުކޮށް އެރުވުމެއް ތިޔަ ބޭފުޅުންގެ އިޒުނަ ފުޅާއެކު، މި މައުޟޫޢުގެ ފުރަތަމަ މަޒުމޫނުގެ ކުރުކުރު ހަނދުމަފުޅުކޮށް އެރުވުމަކުން މި ފަހަރުގެ މައުޝޫއާ ހަމަޔަށް ދަތުރު ކޮށްލާނަމެވެ. އަޅުގަނޑުމެން އެންމެންވެސް މިތިބީ ނިކަން ހިޔާބޮޑު، ފެތުރިފައިވާ، ބިޔަ ގަހެއްގެ ދަށުގައެވެ. އަތްގުޅިނުކާހާ ފަލަ މިގަސް ތިންކަތްޕަށް އަފިވެ ކޮންމެ އަތްޕެއް ގައި ސުމާރެއްނެއްހާ ގިނައިން ގޮފިންގޮފިޖަހައި އެއިން ކޮންމެ ގޮފިގަނޑެއްގައި ބެދިގެން ފަތްފަޅާފައިވެއެވެ. މިގަހުގެ މޫތައް ބިމުއަޑިން، އެކިފަރާތްފަރާތަށް ދުވެ ފެތުރި ފުނަށްފައިބާ ބިމުގައި ނިކަން ރަނގަޅަށް ހަރުލާފައިވެއެވެ. އާދޭހެވެ. އިސްލާމްދީނުގައިވާ، ޢަމަލީ ގޮތުން ކުރަންޖެހޭ ކަންތައްތައް ތިންބަޔަށް ބަހައިލެވެ އެވެ. އަޚްލާޤް، މުޢާމަލާތު، އަޅުކަން، މިތިންބަޔަށެވެ. ކުރިންދެންނެވުނު ތިންގޮތްޕަކީ މިއީއެވެ. ހިތްތަކުގައި ފޮރުވިފައިވާ ޢަޤީދާ ބިމުގައި ފޮރުވިފައިވާ މޫތައްފަދައެވެ. ގަހުގެ ފެހިކަމާ ޗާލުކަން ބިނާވެފައިވަނީ މޫގަނޑުގައިވާ ތެއްކަމަކާ އެއިން ފޮނުވައިދޭ ކާނާއެއްގެ މައްޗަށެވެ. ހަމަ އެ ފަދައިން، އަޅުގަނޑުމެން ކުރާ ޢަމަލުތަކުގެ ބުރަދަން ހުއްޓިފައިވަނީ ކުރިން ދެންނެވުނު ތިންބައިގެ ތެރެއިން ކޮންމެ ބައެއްގައިނަމަވެސް ހިތުގައިވާ ޤަބޫލުކުރުން ނުވަތަ ޢަޤިދާގެ ބަލިކަށިކަމާއި، ވަރުގަދަ ކަމުން، އެއިން ކުރާ އަސަރެއްގެ މައްޗަށެވެ. ޢަޤީދާގެ މަފްހޫމު: ލަފްޒީގޮތުން ޢަޤީދާގެ މާނައަކީ އުޞޫލްތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ޤަބޫލުކުރުމުގެ ކޮންމެ ނިޒާމެކެވެ. އިސްލާމީ ޢަޤީދާގައި މި އުޞޫލުތައް ގުޅިފައިވަނީ އަލްޚާލިޤް ނުވަތަ ﷲތަޢާލާއާއި ނަބިއްޔުންގެ ނަބީކަމާ އަދި އެބޭކަލުން ޣައިބާމެދު ދެއްވާފައިވާ އެކި އެކި ޚަބަރުތަކާއިއެވެ. ﷲތަޢާލާއާއި ގުޅިފައިވާ ޤަބޫލުކުރުންތަކުގައި އެކަލާނގެ ޒާތުފުޅާއި، ސިފަސުޅުތަކާއި، ފިޢުލުފުޅުތައް ހިމެނެއެވެ. ޣައިބުގެ މާނައިގެ ތެރޭގައި ޚަލްޤުކުރެއްވުން ފެއްޓެވިގޮތާއި، މަލާއިކަތުންގެ ޢާލަމާއި، ފޮތްތަކަށް އީމާންވުމާއި، އާޚިރަތްދުވަހަށް އީމާންވުން ފަދަ މައުޟޫޢުތައް ހިމެނެއެވެ. ވަރަށް ޚާއްޞަ ޢަޤީދާއް: މި އިސްލާމީ ޢާޤީދާ ޚާއްޞަ ވެގެން ދަނީ، މި ޢަޤީދާގެ ސާފުކަމަށްޓަކައެވެ. އެއްވެސްކަހަލަ އޮޅުންއެރުމެއް އޮޅުން އެރުވުމެއް ނެތި ހޯދާމީހަކަށް ސާފުކޮށް ފެންނާނެހެން އޮތުމެވެ. މިޢާލަމް ތަކުގައިވާ ކޮންމެ އެއްޗެއްމެ ވަކި މިންވަރުކުރެއްވުމަކުން މިންވަރުކުރެވުމެވެ. ނިކަން ކަވި އެހާމެ ބުގިސް ހިމުން ނިޒާމު ތަކަކާއެކު ނެތުމުގެ ތެރޭން، މިޢާލަމްތައް އުފެއްދެވުމެވެ. އަދި އެ ތަކެތި އުފެދި ބޮޑުވެ ނެތި ފަނާވުމުގައިވާ އިންތިޒާމުތައް ލައްވައި ފުށުއެރުމެއްނެތި ބަރާބަރަށް އެކަންކަން ހިންގަވަނީ، އަޅުކަންވެވުން ޙައްޤުވެގެންވާ ހަމައެކަނި ފަރާތްކަމުގައިވާ އެއްކައުވަންތަ އިލާހުކަން ފިސާރި ސާދާކޮށް ބަޔާންކޮށްދެއެވެ. އެ ކަލާނގެއާއެކު މިއުލޫހިއްޔަތުގައި އެއްވެސްބައިވެރިޔަކުނުވާކަން ވަރަށް ސާފުކޮށް ބަޔާންކޮށްދެއެވެ. މިޢަޤީދާ އޭގެ ޒާތުގައި ސާފުވެފައި ވާކަމަށްޓަކައި މިޢަޤީދާގެ އަހުލުވެރިންގެ ކިބައިން އެދެވިގެންވަނީ ކަނު ތަބާވުމަކުން މި ޢަޤިދާއާ ތަބާނުވުމަމަށެވެ. އެއާޚިލާފަށް ރަނގަޅަށް އެނގިތިބެ ޢަޤީދާ ރަނގަޅަށް ފިލާތިބެގެން އެކި އެކި މައްސަލަތަކާމެދު ވާރިދުވެފައިވާ ދަލީލުތަކަށް ރޯފިލައިތިބެގެން ތަބާވުމަށެވެ. މި އިސްލާމީ ޢަޤީދާ ޚާއްޞަ ވެގެން ދަނީ، އޭގެ ފިޠްރިއްޔަތަށްޓަކައެވެ. އިސްލާމީ ޢަޤީދާ ފިޠްރަތާ ޚިލާފު ކޮންމެ ފިކުރަކާ އިދިކީލި ވެގެންދެއެވެ. އެ ޢަޤީދާއާއި ފިޠުރަތާ ފައިހަމަ ކުރަމުން ދަނީ އެއްހަމަ އެއްގައެވެ. މިހެންނުވާންވީ ކީއްވެގެންތޯއެވެ. ފިޠްރަތަކީ އިންސާނާގެ ސިފައެކެވެ. އަދި މި ޢަޤީދާ ހަތްއުޑުމަތިން ބާވާލެއްވީވެސް ހަމަ އެއީންސާނާ އުފެއްދެވި ޚާލިޤުވަންތަ މާތް ﷲ އެވެ. ނަމާދާއި، ކައިވެންޏާއި، ވިޔަފާރިފަދަ ޢަޤީދާގެ އަސަރުން ފާޅުވެގެންދާ ކަންތައްތަކަށާއި، ޢަޛާބަށް ބިރުވެތިވުމާއި، ރަޙްމަތަށް އެދުންވެރިވުމާއި، ލޯބިވެތިވުން ފަދަ ޢަޤީދާގެ އެތެރޭގެ އަސަރުތައްފަދަ ޙައްޤަށްތަބާ ވުމުގެ ހުރިހާ މަގުމަގަކީވެސް ހަމަ މި އިންސާނާ އެމަގުމަގުން ހިނގުމަށް ނިހާޔަތަށް ބޭނުންޖެހިފައިވާ މަގުމަގެވެ. އާދޭހެވެ. ޙައްޤު އިސްކުރުމާއި ޙައްޤަށް ލޯބިކުރުމުގެ ބާރު އަޅުގަނޑުމެން އިންސާނުންގެ ހިތުގައި ނުވޭތޯއެވެ. އާދޭހެވެ. ވެއެވެ. ކޮންމެ ކުއްޖަކުމެ އުފަންވަނީ ފިޠުރަތުގެ ގޮތްމަތީގައިކަން މި ޢަޤީދާ ކަށަވަރު ކޮށްދެނީ، މި ދެންނިވި މަގުންނެވެ. މި އިސްލާމީ ޢާޤީދާ ޚާއްޞަ ވެގެން ދަނީ، އޭގައިވާ ނިކަން ސާބިތުކަމާއެކީ އަބަދަށް ދާއިމުވުމުގެ ޤާބިލްކަމަށްޓަކައެވެ. އެހެނީ މި ޢަޤީދާގެ އަހުލުވެރިން އީމާންވާ އިލާހަކީ، އެއިލާހެއްގެ ބަސްފުޅުތަށް ބަދަލުވެގެންދާނެ އިލާހެއްނޫނެވެ. މިޢަޤީދާ ކިއެއްތޯއެވެ، މި ޢަޤީދާގެ މަސްދަރުތަކާއި އަސްލުތަކާއެކު ވަނީ ރައްކާތެރިކުރެއްވިގެންނެވެ. އެއްވެސް އިތުރުކުރުމުމަކަށް ޖާގައެއް ނެތްފަދައަކުން އިންޖެހެވިގެން އަދި އެއްވެސް އުނިކުރުމަކަށް ޖާގައެއްނެތްފަދައަކުން ފުރިހަމަ ކުރެއްވިގެންވެ އެވެ. އެއްވެސް ލޮޅުމެއް ނާރާނެހެން، ގުޑުމެއް ނުގުޑާނެހެން މި ޢަޤީދާވަނީ ސާބިތުކުރެއްވިފައެވެ. އެންމެ ކުޑަމިނުން މި ޢަޤީދާގެ ޢިލްމުގެ އަހުލުވެރިންނަށްވެސް މެއެވެ. އެއްވެސް ޙާކިމަކަށް އެއްވެސް އެކަޑަމީއަކަށް އެއްވެސް ނަދުވާއަކަށް މި ޢަޤިދާއަށް ބަދަލު ގެނައުމުގެ ޤާބިލްކަން ލިބިފައެއްނުވެއެވެ. ބަދަލަކަށް އެދި ކުރެވޭ ދަޢުވާއެއްވާނީ ރައްދުވެގެންވާ އެއްޗެއްކަމުގައެވެ. އެހެނީ މި ޢަޤީދާގެ ތެރެއަށް އަލަށް ކަމެއް އިތުރުކުމުގެ ދަޢުވާވެސް ކުރެވެން އަންނަނީ މި ޢަޤީދާގެ އަހުލުވެރިކަމުން ބޭރުވެ ހުރެގެންނެވެ. މަޢުލުމާތު: 1. ޢަބްދުއްރަޙްމާން ބުން ނާޞިރުއްސަޢްދީ(2005). ތައިސީރުލް ކަރީމުއް ރަޙްމާން ފީ ތަފްސީރި ކަލާމިލް މަންނާން. (ބައިރޫތު) އައްރިސާލާ ޕަބްލިޝަރސް 2. މުޙައްމަދު ބިން އިބްރާހީމް ބިން ޢަބްދުﷲ އައްތުވައިޖިރީ(1429.ހ). މުޚްތަޞަރުލް ފިޤްހިލް އިސްލާމީ. ރިޔާޟް. އިންޓަރނޭޝަނަލް އައިޑިއާސް ހައުސް 3. http://alminbar.al-islam.com/images/books/251.pdf ނޯޓް: މިއީ ސިސްސިލާކޮށް ލިޔުމަށް ގަސްދުކުރެވިފައިވާ މަޒުމޫނެކެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]()
...
ލިޔުނީ ތުއްފާށަނާ, 2009-04-08 14:55:06
ލިޔުމުގެ އަދަބީ ފޭރާން ވަރަށް މުއްސަނދި :-ޑ އަދި ހަމަފާހަގަކޮށްލަން... މަޢުޟޫގައި ފުންކަމާއެކުވެސް ފޫހިވެގެންގޮސް ތާއްޔަށްޖެހޭރަށް ރިފަރެންސެއްވެސް ނެތް ދީފައެވެ. ނަމަވެސް ދިރާސާކޮށްފަ ހުރިކަންވެސް އެބައިނގޭ... އަދަބީ ލިޔުމަކަށްވެސް ދީނީ ލިޔުމަކަށްވެސް މި ލިޔުން ފުދޭ... މިފަދަ އިތުރު ލިޔުންތަކެއްގެ އުންމީދުގައި ހުރިން...
...
ލިޔުނީ ނާއިފާ , 2009-07-28 17:38:17
ވަރަށް ރަނގަޅު. އެކަމަކު ރެފަރެންސް ދިނުމުގައި ނެގިތަނަކަށް ހަވާލާދިންނަމަ،ނުވަތަ އެ ރެފަރެންސަކުން އެޕެރެގްރާފް އެގެން އޮންނަނަމަ ވަރަށް ރަނގަޅުވާނެ. މީހެއްގެ އެއްޗަކުން ތަންކޮޅެއްނެގިނަމަވެސް އެތަނަކަށް ރެފަރެންސްދޭން ޖެހޭނެ. ދޭންޖެހޭނީވެސް އެތަންކޮޅު އެގޭގޮތަށް މުޅިލިއުމަށް ދިނުމުން ވަރަށް އޮޑުގޮތެއް ހުންނަނީ.
... ލިޔުނީ ޢަހްމަދު ޝަމީނު ދޮންމަނިކު, 2009-07-29 03:57:18
ނާއިފާ އަޅުގަނޑުގެ ލިޔުމެއް ބައްލަވާލައްވާ ޚިޔާލެއް ދެއްވީތީ ވ އުފާކޮށް ޝުކުރުދަންނަވަމެވެ. ޙަވާލާ ދިނުމުގެ ތަފާތު އެތައްގޮތެއް ގެންގުޅެވިފައިވެއެވެ. މިލިޔުމުގައި ވަކި މިވެނި ޖުމްލައެއް ލަފްޒުން ލަފްޒަށް ތަރުޖަމާ ކުރެވިފައި ނުވާތީ ނެގިފައިވަނީ ވަކި މިވެނި ޕ. އަކުންކަމުގައި ދަންނަވަން ދަތިވަނީއެވެ. މިސާލަކަށް އަޅުގަނޑު ދީފައިވާ ފުރަތަމަ ރިފަރެންސް އެއީ މިލިއުމުގެ ހަވަނަ ޕ. އަށް ބޭނުންވާ ހެއްކެއްގެ ގޮތުގައި، ޤުރުއާނުގެ 30ވަނަ ސޫރަތުގެ 30ވަނަ އާޔަތުގެ ތަފްސީރަށް ޙަވާލާ ދެވިފައިވާ ޢިލްމުވެރިޔާ ކުރައްވާފައިވާ ގޮތަށް ދީފައިވާ ރިފަރެންސްއެކެވެ.
ނަމަވެސް ތިޔަ ފާހަގަ ކުރެއްވި ޚިޔާލު ބަލައިގަންނަވާ ވާހަކަ ދަންނަވަމެވެ. އަދިވެސް އެއްފަހަރު މި ލިޔުމަށް ދެއްވި ޚިޔާލަށް މަރުޙަބާ ކިޔަމެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|