|
ޢަބްދުލްމުޢީދު ޙަސަން
މުޢާވިޔަތު ބިން ޖާހިމާ ވިދާޅުވެފައިވެއެވެ. އެއްދުވަހަކު، ތިމަންކަލޭގެފާނު ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އަރިހަށް ގޮސް ދެންނެވީމެވެ. "ﷲ ގެ ރަސޫލާއެވެ! ތިމަންކަލޭގެފާނު ޖިހާދުކުރަން ބޭނުމެވެ. އެހެންވެ، އެކަމާމެދު މަޝްވާރާކުރުމަށް ކަލޭގެފާނުގެ އަރިހަށް އައީމެވެ. ފަހެ، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ. "ތިބާގެ މަންމަ ދުނިޔޭގައި އެބައިންހެއްޔެވެ؟" ތިމަންކަލޭގެފާނު ދެންނެވީމެވެ. އާދޭހެވެ. ފަހެ، ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ. "އެކަނބުލޭގެއާ އެހީތެވެދޭން ދާށެވެ! ސުވަރުގެ ވަނީ، އެކަނބުލޭގެ ދެފައިގެ ދަށުގައެވެ."
މި ޙަދީޘްގެ މައްޗަށް ބިނާކޮށްގެން، މުސްލިމުން ބުނެއުޅޭ ހަރުބަހެއްގައި ވެއެވެ. "ސުވަރުގެވަނީ، މަންމަގެ ފައިތިލައިގެ ދަށުގައެވެ." ޙަދީޘްތަކުގެ އިތުރުން، ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި، މައިންބަފައިންނަށް ކަމޭހިތުމަށް އަންގަވާފައިވެއެވެ. އެކަން، އަންނަނިވި އާޔަތްތަކުން އެނގެއެވެ. 1. އަލްއިސްރާ ސޫރަތުގެ 23 ވަނަ އާޔަތުގައި ވެއެވެ. {وَقَضَى رَبُّكَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلاَهُمَا فَلاَ تَقُل لَّهُمَآ أُفٍّ وَلاَ تَنْهَرْهُمَا وَقُل لَّهُمَا قَوْلاً كَرِيمًا}
މާނައީ، "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެމީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމައަށް ފޯރައްޖެނަމަ، އެ ދެމީހުންނަށް އުއްފު ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!"
2. އަލްބަޤަރާ ސޫރަތުގެ 83 ވަނަ އާޔަތުގައި ވެއެވެ. {وَإِذْ أَخَذْنَا مِيثَاقَ بَنِي إِسْرَائِيلَ لاَ تَعْبُدُونَ إِلاَّ اللّهَ وَبِالْوَالِدَيْنِ إِحْسَاناً وَذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ}
މާނައީ، "އިސްރާއީލުގެ ދަރިންގެ ކިބައިން، ތިމަންރަސްކަލާނގެ ކަށަވަރުވެގެންވާ ޢަހުދު ހިއްޕެވި ހިނދު، ހަނދުމަކުރާށެވެ! އެއީ، ﷲ އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށެވެ. އަދި މައިންބަފައިންނާއި، ގާތްތިމާގެ މީހުންނާއި، ޔަތީމުންނާއި މިސްކީނުންނަށް ހެޔޮކޮށް ހިތުމަށެވެ."
3. އައްނިސާ ސޫރަތުގެ 36 ވަނަ އާޔަތުގައި ވެއެވެ. {وَاعْبُدُواْ اللّهَ وَلاَ تُشْرِكُواْ بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَبِذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ وَالْجَارِ ذِي الْقُرْبَى وَالْجَارِ الْجُنُبِ وَالصَّاحِبِ بِالجَنبِ وَابْنِ السَّبِيلِ وَمَا مَلَكَتْ أَيْمَانُكُمْ}
މާނައީ، "ތިޔަބައިމީހުން ﷲ އަށް އަޅުކަންކުރާށެވެ! އަދި އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި މައިންބަފައިންނަށާއި ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ!"
4. އަލްއަންޢާމު ސޫރަތުގެ 151 ވަނަ އާޔަތުގައި ވެއެވެ. {قُلْ تَعَالَوْاْ أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ أَلاَّ تُشْرِكُواْ بِهِ شَيْئًا وَبِالْوَالِدَيْنِ إِحْسَانًا وَلاَ تَقْتُلُواْ أَوْلاَدَكُم مِّنْ إمْلاَقٍ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ وَلاَ تَقْرَبُواْ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَلاَ تَقْتُلُواْ النَّفْسَ الَّتِي حَرَّمَ اللّهُ إِلاَّ بِالْحَقِّ ذَلِكُمْ وَصَّاكُمْ بِهِ لَعَلَّكُمْ تَعْقِلُونَ}
މާނައީ، "ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމަކުރެއްވި ކަންތައްތައް ކިޔައިދެއްވާ ހުށީމެވެ. ތިޔަބައިމީހުން، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކުނުކުރާށެވެ! އަދި މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! އަދި ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރިން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި، އެ ދަރިންނަށް ރިޒުޤު ދެއްވަނީ، ތިމަންރަސްކަލާނގެއެވެ. އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެ ތެރެއިން ފާޅުވެގެންވާ ކަންތަކާއި، ވަންހަނާވެގެންވާ ކަންތަކެވެ. އަދި ﷲ، ޙުރުމަތްތެރި ކުރައްވާފައިވާ ނަފުސެއް، ޙައްޤަކާ ނުލައި ނުމަރާށެވެ! އެކަންތައްތަކާމެދު، އެކަލާނގެ ތިޔަބައިމީހުންނަށް ޥަޞިއްޔަތްކުރެއްވީ، ތިޔަބައިމީހުން ވިސްނުމަށްޓަކައެވެ."
ލިޔެވިދިޔަ އާޔަތްތަކަށް ބަލާއިރު، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަކީ، ކޮންފަދަ މަތިވެރިކަމެއްކަން އެބައެނގެއެވެ. މާތް ﷲ އަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރުމަށް އެންގެވުމަށްފަހު، އަންގަވާފައި އެވަނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އެހެން ހެޔޮކަންތައްތަކުގެ ވާހަކަ އަންގަވާފައިވަނީ އެއަށްފަހުގައެވެ.
ސުވަރުގެވަނީ، މަންމަގެ ފައިގެ ދަށުގައިކަން ބަޔާންކުރައްވާފައިވާ ޙަދީޘާބެހޭ ގޮތުން ވާހަކަދައްކަވަމުން، އައްޝައިޚު ޢަޠިއްޔާ ޞަޤުރު ވިދާޅުވެފައިވެއެވެ. (އޭނާއަކީ، ފުންނާބު އުސް އިސްލާމީ ޢިލްމުވެރިންގެ ތެރެއިން ބޭކަލެކެވެ.)
"މައިންބަފައިންނަށް ކަމޭހިތުމަށް، ކީރިތި ޤުރުއާނާއި ސުންނަތުގައި އަންގަވާފައި ވެއެވެ. ޚާއްޞަކޮށް މަންމައަށް އިތުރަށް ކަމޭހިތުމަށް އަންގަވާފައިވެއެވެ. އެހެނީ، އެކަމަކީ، ސުވަރުގެއަށް ވަދެވުމުގެ ސަބަބުތަކުގެ ތެރެއިންވާ ކަމެކެވެ. "ސުވަރުގެވަނީ، މައިންގެ ފައިތިލައިގެ ދަށުގައި" ކަމަށް ބުނާ ހަރުބަހުގެ މުރާދައަކީ، އިޚުލާޞްތެރިކަމާއެކު މަންމައަށް ޚިދުމަތްކޮށްދިނުމެވެ. އެކަން ކުރުމަށް ނުރުހުންވެ، ކިބުރުވެރިވެ ނުގަތުމެވެ. މަންމައަކީ، ކާފިރެއް ކަމުގައި ވިޔަސް، އޭނާއަށް ކަމޭހިތުމަކީ، ދަރިން ކުރަންޖެހޭ ކަމެކެވެ. އެކަން، ލުޤުމާނު ސޫރަތުގެ 15 ވަނަ އާޔަތުން އެނގެއެވެ."
މަންމައަކު، ދަރިޔަކާމެދު ކަންތައްކުރާ ގޮތުން، ދަރިޔެއްގެ ހިތުގައި އެ މަންމައާމެދު ނަފުރަތު އުފެދިދާނެއެވެ. ނަމަވެސް އެދެވިގެންވަނީ، އެ މަންމައަށް މަޢާފުކުރުމާއި، އަދި އޭނާއަށް ހެޔޮކޮށް ހިތުމެވެ. މަންމައަކު ކުރާ ފާފައިގެ ނުބައިކަމުގެ ސަބަބުން ޢަޛާބު ލިބޭނީ ހަމަ އެ މަންމައަކަށެވެ. އެފަދަ މަންމައަކާ މެދުގައި ވެސް، ދަރިޔަކު ހެޔޮކޮށް ހިތައިފިނަމަ، އެ ދަރިޔަކަށް މާތްﷲ ހެޔޮޖަޒާ ދެއްވާނެއެވެ.
އަލްއުސްތާޛު މުޙައްމަދުއްނޫރުގެ ފިލާވަޅަކުން ތަންކޮޅެއް މިތަނުގައި ނަކަލުކޮށްލުމަކީ ބޭނުންތެރި ކަމެއް ކަމުގައި ދެކެމެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތުމާބެހޭ އާޔަތެއް ޝަރަޙަކޮށްދެއްވަމުން އޭނާ ވިދާޅުވެފައި ވެއެވެ.
"ދަރިފުޅާއެވެ! ތިބާ ކުޑައިރު، ތިބާގެ މައިންބަފައިން، ތިބާއަށް ހުރިހައި ކަމެއް ކޮށްދިނީ ލޯބިންނެވެ. ތިބާ ނުތާހިރު ވިޔަސް ތާހިރުކޮށްދެނީ ލޯބިންނެވެ. ތިބާ ބައްޔެއް ވިޔަސް އެ ދެ މީހުން ހޭލާ ތިބެނީ ހަމަ ލޯބިންނެވެ. އެއީ، ތިބާއާމެދު އެ ދެ މީހުންގެ ހިތުގައި މާތް ﷲ ލައްވާފައިވާ ކުލުނެއްގެ ސަބަބުންނެވެ. އެއާ ޚިލާފަށް، އެ ދެ މީހުން މުސްކުޅިވާ ދުވަހު، ތިބާ އެ ދެ މީހުންނާ އަޅާލަނީ، އެކަން ކުރުމަށް މާތްﷲ އަންގަވާފައިވާތީއެވެ. އެކަލާނގެ ޙަޟުރަތަށް ޠާޢަތާއި ކިޔަމަންތެރިކަން އަދާކުރުމަށްޓަކައެވެ. އެދެމީހުން ކުރެ މީހަކު ނުތާހިރުވެއްޖެ ނަމަ، ތިބާ އެމީހަކު ސާފުކޮށްދެނީ ފަކުރު ގަންނަ ފަދަ ޙާލަތެއްގައެވެ. ތިބާ އެކަން ކުރުމުން، ތިބާއަށް މާތްﷲ ދެއްވާނެ ދަރުމައާއި ޘަވާބު، މާ މަތިވެރިއެވެ. ދަރިންގެ މައްޗަށް މައިންބަފައިންގެ ހިތުގައި ލައްވާފައިވާ ލޯތްބާއި ކުލުނު، ދަރިންގެ ހިތުގައި މައިންބަފައިންގެ މައްޗަށް ލައްވާފައެއް ނުވެއެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތާ ދަރިން، އެ އަދާކުރަނީ އިޙުސާންތެރިކަމެވެ. އިޙުސާންތެރިކަމުގެ ދަރުމައާއި ޘަޥާބަކީ، ސީދާ މާތް ﷲ ދެއްވާ ވަރަށް ޚާއްޞަ އެއްޗެކެވެ."
ބައެއް އަންހެނުން ދަރިންނާމެދު އިހުމާލުވާތަން ފެނެއެވެ. ބަދުއަޚުލާޤީ ޢަމަލު ހިންގައިގެން ނަހަލާލު ދަރިން ހޯދުމާއި އަދި އެ ދަރިންނަށް އަނިޔާކޮށް މެރުމަކީ ވެސް ބައެއް މީހުން ކުރާ ކަމެކެވެ. އެފަދަ ހާދިސާތަކުގެ ޚަބަރު ލިބޭ ހިނދު، ބައެއް ހެޔޮލަފާ މީހުން ވެސް ހަމައިން ނެއްޓި ދޫ އޮޅޭތަން އާދެއެވެ. މުސްލިމަކު ބުނެގެން ނުވާނެ ބައެއް ބަސްތައް ބޭއިޚުތިޔާރުގައި ނަމަވެސް ބުނެވޭތަން އާދެއެވެ. މިފަދަ ކަންކަމާމެދު މުސްލިމުން ހޭލުންތެރިވެ، ފަރުވާތެރިވާން އެބަޖެހެއެވެ.
ނުބައި މަންމަޔަކު، އޭނާގެ ދަރިފުޅާމެދު އިހާނެތިކޮށް ކަންތައް ކޮށްފާނެއެވެ. ނަމަވެސް މައިންނާމެދު، ހެޔޮކޮށް ކަންތައް ކުރުމަށް އިރުޝާދު ދެއްވާފައިވާ ޙަދީޘެއްގެ މާނަ ނުވަތަ އޭގެ ދޭހަ، ދުލުން ކިޔުމަށް ލަދު ގަތުމުގެ ޖާގައެއް ނެތެވެ. އެހެނީ، ނުބައި މަންމަޔަކު އޭނާގެ ދަރިފުޅަށް އަނިޔާކުރަނީ، މަންމައަށް ހެޔޮކޮށް ހިތުމަށް ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައި ވާތީއެއް ނޫނެވެ. އެކަމަކު، އޭނާ އެނުބައި ޢަމަލުކުރަނީ، އިތުރު އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ދެއްވާފައިވާ އިރުޝާދުތަކާ ތަބާނުވެވޭތީއެވެ.
|
އޭރުން މި ކޮމެންޓު ލިއުއްވި ބޭފުޅާއަށް ވެސް ފެންނާނެ ކަންނޭނގެ.