މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ރޯދަވެރިޔާ އަށް ރުޅިއާ ދުރުހެލިވުމަށް އެންގެވީ ކީއްވެ؟ |
|
|
| ދީން - ދިރާސާ | |||
| 21 ސެޕްޓެމްބަރ 2009، 13:15 ހޯމަ | |||
|
އިބްރާހީމް ރަޝީދު މޫސާ މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނު އަރިހުން އިމާމު ބުޚާރީ އާއި އިމާމު މުސްލިމާއި އިމާމުއަޙްމަދާއި އިމާމުއައްނަސާއީ ރިވާކުރެއްވި ޙަދީޘެކެވެ. ރޯދަވެރިޔާ އަށް މާތްﷲ ދެއްވާ ސަވާބުގެ މަތިވެރިކަމާއި ރޯދައަށް ހުންނަ އިރު ރޯދަވެރިޔާގެ އަޚްލާޤާއި ސުލޫކު ހުންނަން ޖެހޭނެގޮތާބެހޭގޮތުން ދެއްވާފައިވާ އިރްޝާދުގެ ބަސްފުޅެކެވެ. ރަސޫލާގެ ތެދުވެރިކަން ހާމަކޮށްދޭ ޢިލްމީ ޙަޤީޤަތްތަކެއް ހިމެނޭ ބަސްފުޅެއްވެސްމެއެވެ. رسول الله صلى الله عليه وسلم ޙަދީޘްކުރައްވަނީ : قَالَ اللَّهُ عَزَّ وَجَلَّ كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّا الصِّيَامَ فَإِنَّهُ لِي وَأَنَا أَجْزِي بِهِ وَالصِّيَامُ جُنَّةٌ فَإِذَا كَانَ يَوْمُ صَوْمِ أَحَدِكُمْ فَلَا يَرْفُثْ يَوْمَئِذٍ وَلَا يَصْخَبْ فَإِنْ سَابَّهُ أَحَدٌ أَوْ قَاتَلَهُ فَلْيَقُلْ إِنِّي امْرُؤٌ صَائِمٌ – އަރަހުށި މާތްﷲ ވަޙީކުރެއްވިއެވެ. އާދަމުގެ ދަރިޔާގެ ކޮންމެ ޢަމަލަކީ އޭނާއަށް ލިބިގެންވާ އެއްޗެކެވެ. ރޯދަ މެނުވީއެވެ. ފަހެ، ހަމަކަށަވަރުން އެއީ ތިމަންރަސްކަލާނގެ ޛާތުފުޅަށް ލިބިވޮޑިގެންވާ އެއްޗެކެވެ. އެ ޢަމަލަށް ޖަޒާދެއްވާނީ ތިމަންރަސްކަލާނގެއެވެ. ރޯދައަކީ އައްޑަނައެކެވެ. ( އެެބަހީ އެއީ ރައްކައުތެރިކަމެކެވެ. ) ފަހެ، ތިޔަބައިމީހުންގެ ތެރެއިން މީހަކު ރޯދައަށް ހުންނަދުވަހު ، ހަޑިހުތުރުބަސްތައް ނުބުނާހުށިކަމެވެ! އަދި ޒުވާބުކޮށް އަޑުގަދަނުކުރާހުށިކަމެވެ. ފަހެ މީހަކު އޭނާއަށް އެއްޗެހިކިޔާ ނުވަތަ މާރާމާރީހިންގަން އުޅެފިނަމަ، އަހުރެންނަކީ ރޯދައަށް ހުރިމީހަކީމުއޭ ބުނާށެވެ! " މި ޙަދީޘްފުޅު ތަފާތު މުޙައްދިޘުން ، ކުޑަ ތަފާތަކާ އެކު ރިވާކުރައްވާފައިވެއެވެ. ބައެއް ރިވާޔަތްތައް ބުނާގޮތުގައި " އަހުރެން މިހުރީ ރޯދަޔަށޭ " ދެފަހަރަށް ބުނަން އަންގަވާފައިވެއެވެ. ރަމަޟާން މަހަކީ ރޯދަމަހެވެ. ތަޤްވާވެރިކަމުގެ މަހެވެ. ރަޙްމަތާއި ފުއްސެވުމާއި ނަރަކައިން މުުއްތިކުރެއްވުމުގެ މަހެވެ. ހެޔޮކަންކުރުމާއި ދީލަތިވުމާއި ހެޔޮފޯރުވުމުގެ މަހެވެ. ނަޞްރާއި ނަޞީބުގެ މަހެވެ. މާތްﷲގެ ނަފަޙާތުތައް އެކަލާނގެ އަޅުންގެ މައްޗަށް ބާވައިލައްވާ މަހެވެ. ރަމަޟާން މަހަކީ ރޫޙާނީސާފުކަމުގެ މަހެވެ. ހެޔޮކަންތަކުގައި އެކަކު އަނެކަަކާ ވާދަކުރަންވީ މަހެވެ. ދުވާލު ރޯދަހިފުމެވެ. ރޭގަނޑު އިޙްޔާކުރުމެވެ. ތަރާވީޙު ނަމާދާއި ތަހައްޖުދުގެ ރަކްޢަތްތަކުންނެވެ. ކީރިތި ޤުރްއާން ކިޔެވުމާއި އެނގެނުމާއި މުދާރަސާ ކުޅައުމާއި ދިރާސާ ކުރުމުންނެވެ. އަވަށްޓެރިންނަށް އެހީވުމާއި ގާތްތިމާގެމީހުންނަށް އަޅައިލައިގެންނެވެ. އެންމެންވެސް އެދެނީ ﷲގެ ރަޙްމަތަށެވެ. ފުއްސެވުމަށާއި ރުއްސެވުމަށެވެ. ނަމަވެސް މި ރޫޙާނީ ޖައްވާއި ވެށި ކިލަނބުކުރަން އުޅޭބަޔަކު ވެސް އުޅެއެވެ. ރުޅިގަދަކުރާ ބަޔަކާއި ، ތާކުންތާކު ނުޖެހޭ ކުދިކުދި ކަންތައްތަކާ ހެދި ރުޅި އިސްކުރާބަޔަކު، މި ސާފު މާޙައުލުގެ ތެރެއިން ފެނެއެވެ. ރޯދަ ބަހަނާއެއްކަމުގައި ހަދައެވެ. މި މީހުންގެ ސަބަބުން ތަނަވަސް ޖައްވު ނުތަނަވަސް ވެގެންދެއެވެ. މި ފަދަމީހުން އަޑުގަދަކޮށް ހަޑިހުތުރުބަސްތަކުން ރޯދައިގެ ޢިއްޒަތް ނަގައިލައެވެ. ރޯދައިގެ ހައިބަތު ކުޑަކޮށްލައެވެ. ކީރިތިރަސޫލާ عليه الصلاة والسلام މި ޙަދީޘްފުޅުގައި އެފަދަމީހުންގެ ބައެއްޢަމަލުތައް ހާމަކޮށްދެއްވާފައިވެއެވެ. މިބައިމީހުން ރޯދައަށް ތިބޭ އިރު އަޑުގަދަކޮށް ހަޑިހުތުރުބަސްތައް ގޮވާ ހަދަތެވެ. އަދި އެމީހުން ބައެއް ފަހަރަށް އަރާރުންގަނޑެއް ފެށޭތޯ ވެސް މަސައްކަތްކުރެތެވެ. އެއުރެންގެ މި ފަދަ ޢަމަލުތަކާ ރޯދަވެރިޔާ ދުރުހެލިވާންޖެހޭނެކަން ބަޔާންކޮށްދެއްވަމުން އަންގަވަނީ " އަހުރެން މި ހުރީ ރޯދައަށޭ ބުނެ އެކަމާ ދުރަށްދާށެވެ. " ރަސޫލުﷲގެފާނު މިތާނގައި މިދެއްވަނީ މިކަމުގެ ފަރުވާއެވެ. މިހާރުގެ ސުވާލަކީ ރަސޫލުﷲގެފާނު ރުޅިއާ ދުރަށް ދިޔުމަށް ، ނުވަތަ ރުޅި އިސްނުކުރުމަށް މި އަންގަވަނީ ކީއްވެގެން ހެއްޔެވެ؟ މިކަމުގެ ޙިކްމަތަކީ ކޮބައިހެއްޔެވެ؟ ރޯދަވެރިޔާގެ ގާތަށް ރުޅިއަތުވެއްޖެ ނަމަ، ނުވަތަ އަޑުގަދަކޮށް ހަޅޭއްލެވުމުގެ ސަބަބުން އޭނާގެ ނަފްސަށް ނުތަނަވަސްކަން ލިބިއްޖެނަމަ، އެޑްރިނަލިން ހޯރމޯންގެ މިންވަރު ވަރަށްބޮޑަށް ލޭގައި އިތުރުވެގެންދާނެއެވެ. ބައެއްފަހަރަށް 20 ނުވަތަ 30 ގުނައަށް މިމިންވަރު އިތުރުވެގެންދާ ކަމަށް ދިރާސާތައް ބުނެއެވެ. ކީރިތިރަސޫލާގެ އިރްޝާދާ ޚިލާފުވާމީހުންނާ ކުރިމަތިވެދާނެ ދެ ނުރައްކަލެއްވެއެވެ. 1- ރޯދައަށް ހުންނަ ވަގުތުގެ ކުރީކޮޅު ގައި ރުޅިއައުމުން ކުރިމަތިވެދާނެ ނުރައްކާތައް ހ- ރޯދައަށް ހުންނަ ވަގުތުގެ ކުރީކޮޅުގައި ރުޅިއަތުވެއްޖެނަމަ ނުވަތަ ރުޅިއާގުޅޭ ވައްތަރުގެ ޢަމަލެއް ހިނގައިފިނަމަ ހަޖަމު ގަޑުބަޑުވެ ކާތަކެތިން ހަށިގަނޑަށްލިބޭ ފައިދާ ކުޑަވެއެވެ. މިކަމުގެ ސަބަބުން ރޯދަވެރިޔާ އަށް ހާރުންލިބޭ ހަކަތަ މަދުވެއެވެ. ނަތީޖާއަކަށްވާނީ ރޯދަހިފުން ބުރަކަމަކަށްވެ ވަރުބަލިވުން އިޙްސާސްކުރަންޖެހުމެވެ. އަދި އެދުވަހު އޭނާގެ އުފެއްދުންތެރިކަން ކުޑަވެ ވިސްނުން ކޮށިވުމެވެ. ށ- ރުޅިއައުމުން ނުވަތަ ނުތަނަވަސްކަން އިތުރުވުމުން ނާރުތަކާބެހޭ ނިޒާމުން އެޑްރިނާލިން ހޯމޯން އުފައްދާނެއެވެ. މިކަމުގެ ސަބަބުން ހަޖަމާބެހޭނިޒާމުގެ މަސްތައް ކަންނެތްވެދެއެވެ. ރުޅިގަދަމީހުން ބަނޑުހިކޭގޮތްވަނީ މިހެންވެގެންނެވެ. މީގެ އިތުރަށް ރުޅިއައުމުގެ ސަބަބުން ފިތުން އުފައްދާ ދިޔަ ވެސް މަދުވެއެވެ. ފިތުގެ ދިޔަމަދުވުމަކީ ހަޖަމާބެހޭ ނިޒާމުގެ ލޭނާރުތަކުގެ ވިލުންތެރިކަން ކުޑަކުރާނެކަމެކެވެ. މިހެންކަމުން އެދުވަހު އެ ރޯދަވެރިޔާއަށް ހައިހޫނުކަން ބަރުދާސްތުކުރަންޖެހުން އިތުރުވާނެއެވެ. ނ- އެޑްރިނަލިން ހޯމޯނަކީ ލޭގެ ހިމަނާރުތަކުގެ ( ނުވަތަ ކެޕިލަރީތަކުގެ ) ޕްރެޝަރ މައްޗަށް ގެންދިޔުމަށް ވާގިވެރިވާނެއެއްޗެކެވެ. އެހެންކަމުން ހިތަށް އަނބުރާ އަންނަ ލޭގެ މިންވަރު އިތުރުވާނެއެވެ. އަދި ހިތުގެ ތެޅުން ވެސް އިތުރުވާނެއެވެ. މިހެންވެ ހަށިގަނޑަށް އިތުރަށް އޮކްސިޖަން ބޭނުންވާނެއެވެ. ނަތީޖާއަކަށްވާނީ ހިތަށް ޙަމަލާއެއް އައުމެވެ. ރ- ރުޅިއަށް ބޭނުންވާ ހަކަތަ ހޯދައިދިނުމަށްޓަކައި ، އެޑްރިނަލް ގްލޭންޑަށްއިތުރު މަސައްކަތް ކުރަން މަޖްބޫރުވެއެވެ. މި އިތުރު މަސައްކަތުގެ ސަބަބުން އެޑްރިނަލް ގްލޭންޑްގެ ބޭރު ތޮށިގަޑަށް ބުރަތަކެއް އުފުއްލަން ޖެހެއެވެ. ބ- ރުޅި އައުމުން ކޯޓިޒަން އިތުރު ވެއެވެ. ކޯޓިޒަން އިތުރުވުމުގެ ސަބަބުން މަޢިދާގެ ހުތް އިތުރުވެއެވެ. މިއީ މަޢިދާގައި ފާރު އުފެއްދުމަށް އެހީވެދޭނެ ކަމެކެވެ. 2- ރޯދައަށް ހުންނަ ވަގުތުގެ މެދުތެރޭގައި ނުވަތަ ފަހުކޮޅު ގައި ރުޅިއައުމުން ކުރިމަތިވެދާނެ ނުރައްކާތައް : ރޯދައަށް ހުންނަ ވަގުތުގެ ފަހުކޮޅުގައި ހަށިގަނޑުގައި ހުންނަ ހަކުރުމަދުވުމުގެ ސަބަބުން ރުޅިއައުން އަވަސްވާނެއެވެ. ކީރިތިރަސޫލާގެ ބަސްފުޅު " އަހުރެން މިހުރީ ރޯދައަށޭ ... އަހުރެން މިހުރީ ރޯދައަށޭ " ގައި ހިފަހައްޓައިގެން ރޯދައަށް ހުންނަ ވަގުތުގެ މެދު ތެރޭގައި ނުވަތަ ފަހުކޮޅުގައި ރުޅިއާ ދުރުހެލިވެއްޖެ ނަމަ ، ވަރަށް ގިނަގުނަ ނުރައްކާތަކަކުން ސަލާމަތް ވެވޭނެއެވެ. އޭގެ ތެރޭގައި ހ- މޭގަނޑު ގައި ރައްކައުކޮށްފައިވާ ގްލައިކޯޖިން ވިރުމާއި ހަށިގަނޑުގެ ޕްރޮޓީންތައް އެމިނީ އެސިޑަށް ބަދަލުވުން. މީގެ ސަބަބުން ހަށިގަނޑުގައި ހުންނަ ގުލްކޯޒުގެ މިންވަރު އިތުރުވެގެންދާނެއެވެ. ރުޅީގެ ތެރޭގައި ނުވަތަ އަރާރުމުގެ ތެރޭގައި ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިބެނީ މިތަކެތިންނެވެ. އެހެންކަމުން ރުޅިއައުމަކި ނުވަތަ ޒުވާބުކުރުމަކީ ނުވަތަ އަރާރުންވުމަކީ ބޭނުމެއްނެތްގޮތަކަށް ހަށިގަަނޑުގެ ހަކަތަކޮޅު ހުސްކޮށްލުމެކެވެެ. ށ- ލޭގައި އެޑްރިނާލިން ގިނަވުމަކީ ހަށިގަނޑުން ބޭނުމެއްނެތި ފެންތަކެއް ބޭރުވެގެންދާނެކަމެކެވެ. މި ފެން ބޭރުވާނީ ދަލުގެ ގޮތުގައި ، ނުވަތަ ކުޑަކަމުދާއެއްޗެހީގެ ގޮތުގައެވެ. ރޯދަވެރިޔާގެ ހަށިގަނޑަށް ފެނަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. ފެންމަދުވެއްޖެނަމަ ރޯދަވެރިޔާގެ ހަށިގަނޑު ފެނަށްޖެހިދާނެ އެވެ. ނ- ރުޅީގެ ސަބަބުން އެޑްރިނާލިން އިތުރުވުމުގެ ސަބަބުން ލުއި ޑެންސިޓީ ޕްރޮޓީން ކްލޮސްޓްރޯލް އިތުރުވެއެވެ. މިކަމުގެ ސަބަބުން ހިތަށް އަބުރާ ލޭގެންދާ ހޮޅިތައް ( ނުވަތަ ވޭންތައް ) ހަރުވެ އޭގެ ވިލުންތެރިކަން ކުޑަވެގެން ނުވަތަ ނެތިގެންދެއެވެ. ރ- ރުޅީގެ ސަބަބުން ލޭމައްޗަށް ގޮސް ލޭހޮޅިތައް ހަރުވުމުގެ ސަބަބުން ސިކުނޑިއަށް ޙަމަލާއެއް އަތުވެދާނެއެވެ. ނަތީޖާއަކަށް ވާނީ ސިކުނޑީގައި ލޭކޮޅެއް ގަނޑުވުމެވެ. ނުވަތަ ސްޓްރޯކެއް ޖެހުމެވެ. ބ- ކޯޓިޒޯން ގިނަވުމަކީ މަޢިދާގެ ހުތް އިތުރުވާނެ ކަމެކެވެ. މިކަމުގެ ސަބަބުން މަޢިދާ ފާރުވުމަކީ އެކަށީގެންވާ ކަމެކެވެ. މިހެންވެ، ލޮބުވެތި ރަސޫލާ، ރޯދަވެރިޔާއަށް ރޯދައަށް ހުންނައިރު ހަމަހިމޭންކަންމަތީގައި ހުރުމަށް އިރްޝާދު ދެއްވިއެވެ. އަރާރުންތަކާ ދުރުހެލިވުމަށާއި، ހަޅޭއްނުލެވުމަށް އެންގެވި އެވެ. އަދި ޒުވާބުނުކުރުމަށާއި ރުޅިއަތުވެދާނެ ފަދަ އެއްވެސްކަމެއް ނުކުރުމަށް ނަޞީޙަތްދެއްވިއެވެ. ރޯދަވެރިޔާއަށް " ތިމަން މިހުރީ ރޯދައަށޭ ، ތިމަން މިހުރީ ރޯދައަށޭ ބުނެ އޭނާއާ އަރާރުންވާން އުޅޭމީހާއާ ދުރަށް ދިޔުމަށް، ނުވަތަ އޭނާއަށް އެއްޗެހިކިޔާ މީހާއަށް ރައްދުނުދީ ފުރަގަސްދިނުމަށް ވަޞިއްޔަތް ކުރައްވާފައި މިވަނީ ކީއްވެގެންބާވައެވެ ؟ އާދެ! މިކަމުގައި އެތައް ޙިކްމަތްތަކެއްވެއެވެ. އޭގެ ތެރޭގައި 1- މާތްﷲ ރޯދައިގެ އެންމެ ފޮނި އެންމެ ބޮޑު މޭވާއެއްކަމުގައި ލައްވާފައިވަނީ ތަޤްވާވެރިކަމެވެ. ކީރިތިރަސޫލާ ރޯދަވެރިޔާއަށް މިތާނގައި އެހަދާންކޮށްދެއްވަނީ މިމޭވާގެ މަތިންނެވެ. ތަޤްވާވެރިވެވޭނީ އޭނާގެ އަތާއި ފަޔާއި ލަދުވެތިގުނަވަންތައް ރައްކައުތެރިކޮށްގެންނެވެ. އެގުނަވަންތަކުން މީހުންނަށް ގޯނާކުރުން ހުއްޓާލައިގެންނެވެ. އަރާރުންވާން އުޅޭމީހާއަށް ރައްދުދިނުމަކީ އެ ނުބައިކަމުގެ ތެރެއަށް ވެއްޓުމެއްނޫންތޯއެވެ. 2- ތިމަން މިހުރީ ރޯދައަށޭ ބުނުމަކީ އޭނާއަށް ، އޭނާ މިހުރީ ﷲގެ މާތް ދަރުބާރުގައި ކަން ހަނދާންކޮށްދޭނެކަމެކެވެ. ޝައިޠާނާގެ ދަރުބާރަށް ވަނުން މަނާކުރާނެ ކަމެކެވެ. 3- މި ބަހުގެ ސަބަބުން އޭނާއަށް ތިން ފަރާތެއް ބަލިކޮށްލެވެއެވެ. އެންމެ ފުރަތަމަ އޭނާގެ ޝައިޠާނާއެވެ. ދެވަނައަށް އޭނާއާ އަރާރުންވާން އުޅޭ މީހާއެވެ. ތިންވަނައަށް އެމީހާގެ ޝައިޠާނާއެވެ. 4- ރަސޫލުﷲގެފާނުގެ މި މަތިވެރި އިރަޝާދުން އެނގެނީ ، އެކަލޭގެފާނު އެކަލޭގެފާނުގެ އުއްމަތް ދެކެ ލޯބިފުޅުވާ މިންވަރެވެ. އުއްމަތުގެ ސަލާމަތަށާއި ކާމިޔާބަށް ދެއްވާ އަހައްމިއްޔަތެވެ. މާތްﷲ އެންގެވި އަޅުކަންތައް ވެސް އެންމެ ރިވެތި ، އެންމެ ރަނގަޅުގޮތުގައި ކުރެވޭނެ މަގުތައް އެކަލޭގެފާނު ދެއްކެވިއެވެ. މާތް ﷲ ވަޙީކުރައްވަނީ؛ " لَقَدْ جَاءَكُمْ رَسُولٌ مِّنْ أَنفُسِكُمْ عَزِيزٌ عَلَيْهِ مَا عَنِتُّمْ حَرِيصٌ عَلَيْكُم بِالْمُؤْمِنِينَ رَؤُوفٌ رَّحِيمٌ
- التوبة : 128 – ''ހަމަ ތިޔަބައިމީހުންގެ ތެރެއިންވާ ރަސޫލަކު، ހަމަކަށަވަރުން ތިޔަބައިމީހުން ގާތަށް ވޑައިގެންފިއެވެ. ތިޔަބައިމީހުންނަށް އުދަނގޫވެ ދަތިވެއްޖެ ކޮންމެކަމެއް، އެކަލޭގެފާނަށް ބޮޑުކަމަކަށް ވެއެވެ. އެކަލޭގެފާނީ ތިޔަބައިމީހުންނަށް ތެދުމަގު ލިބުމުގެ މައްޗަށް ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް ނުހަނު އޯގާވެރި ރަޙްމުހުރި ބޭކަލެކެވެ. "
|
| ހަމަ މި ގަލަމުން |
|---|