މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ހަތިޔާރު އެޅި ޞުލްޙައާއި ދީން |
|
|
| ދީން - ދިރާސާ | |||
| 24 ޑިސެމްބަރ 2009، 12:05 ބުރާސްފަތި | |||
|
އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ ދެވަނަ ބޮޑުހަގުރާމައިގެ ފަހުން ދުނިޔޭގައި ކޮށްފައިވާ ނިއުކްލިއަރތަޖްރިބާތަކުގެ ސަބަބުން 2000 ފަހަރު މި ލޮބުވެތި ބިމަށް ލޮޅުން އަރައިފާ ވެއެވެ. މިއީ 7 ޤައުމަކުން ކޮށްފައިވާ ތަޖްރިބާތަކެކެވެ. މި ޤައުމުތަކަކީ އެމެރިކާ އާއި ސޮވިއެޓް ޔުނިއަން (މިހާރުގެ ރަޝިޔާ) އާއި އިގިރޭސިވިލާތާއި ފަރަންސޭސި ވިލާތާއި ޗައިނާ އާއި އިންޑިއާ އާއި ޕާކިސްތާނެވެ.ކުރިން އެ ޤައުމުތަކުގައި ނިޔުކްލިއަރ ހަތިޔާރު ހުރި ޤައުމުތަކުގެ ތެރެއިން ޔުކްރޭނާއި ކަޒަޚިސްތާނާއި ބިލޯރޫސް ގައި ހުރި ނިޔުކްލިއަރ ހަތިޔާރުތައް މިހާރުވަނީ ރަޝިޔާގެ އެއްޗަކަށް ބަދަލުވެފައެވެ. މިދިޔަ ސައްތައިގެ 90 ގެ އަހަރުތަކުގެ ތެރޭގައި ދެކުނު އެފްރިކާ އިން ވަނީ އެ ޤައުމުގެ ނިޔުކްލިއަރ ޕްރޮގްރާމް އަމިއްލައަށް ނައްތާލައިފައެވެ. ނިޔުކްލިއަރ ހަތިޔާރު ހުރިކަމަށް ތުހްމަތުކުރެވޭ ޤައުމުތަކެއްވެސް ވެއެވެ. އޭގެ ތެރޭގައި މީޑިއާ އިން އެންމެ ބޮޑަށް ފާހަގަކޮށްފައިވާ ދެ ޤައުމަކީ އިސްރާއީލާއި އުތުރު ކޮރެއާ އެވެ. އެޓަމިކް ހަތިޔާރު އުފެއްދުމުގެ ޤާބިލުކަން ހުރި ޤައުމުތަކުގެ ތެރޭގައި ޖަޕާނާއި ކެނެޑާއާއި މިޞްރާއި ލިޓްވޭނިއާ އާއި ހޮލެންޑް ހިމެނެއެވެ. ޤާބިލުކަން ހުރި އަދި މިފަދަ ހަތިޔާރު އުފައްދާ ހިތްވާ ޤައުމުތަކުގެ ތެރޭގައި ދެކުނު ކޮރެއާ ފާހަގަކުރެވެއެވެ. ބްރެޒީލަކީ އެޓަމިކް ހަތިޔާރު އުފެއްދުމަށް ބޭނުންވާ ޔޫރޭނިޔަމް މުއްސަނދިކުރަމުންދާ ޤައުމެކެވެ. ލީބިޔާ އަކީ މި ޤާބިލުކަން ހޯދުމަށް މަސައްކަތްކުރަމުން ގޮސް 2003 ވަނައަހަރު އެމަސައްކަތް ހުއްޓާލާފައިވާ ޤައުމެކެވެ. ބައިނަލްއަޤްވާމީ އެޓަމިކް ހަކަތަޔާބެހޭ އޭޖެންސީގެ މިހާރުގެ ވެރިޔާ ޑރ. މުޙައްމަދުލް ބަރާދަޢީ ވިދާޅުވާގޮތުގައި ވަރަށް ކުރުމުއްދަތެއްގެ ތެރޭގައި ނިޔުކްލިއަރ ހަތިޔާރު 30 ޤައުމަކަށް އުފެއްދިދާނެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ބައިނަލްއަޤްވާމީ ސަލާމަތީ ނިޒާމުގެ އުނިކަމާއި މިހާރުގެ ނިޔުކްލިއަރ ބާރުތަކުން އެ ޤައުމުތަކުގެ ހަތިޔާރުތައް މަދުކުރުމަށް ގެންގުޅެންޖެހޭ ސިޔާސަތުގެ ދޯހަޅިކަމުގެ ސަބަބުން އެހެނިހެން ޤައުމުތަކަށް ނިޔުްކްލިއަރ ހަތިޔާރު އުފެއްދުމަށް ހިތްވަރު ލިބެއެވެ. ނިޔުކްލިއަރ ހަތިޔާރު ފެތުރުން މަނާކުރާ މުޢާހަދާގައި ސޮއިކުރުމަށް ބައެއް ޤައުމުތަކުން ދެކޮޅުހަދާއިރު، އަނެއްބައި ޤައުމުތަކުން އެ ޤައުމުތަކުގެ ނިޔުކްލިއަރ މަރްކަޒުތައް ބަލައިފާސްކުރުމާ ވެސް ދެކޮޅުހަދަމުންދާތަން ފެނެއެވެ. ހަތިޔާރު އެޅި ޞުލްޙަ އިސްރާއީލު އަތުގައި ނިޔުކްލިއަރ ހަތިޔާރު ހުރިކަމަށް ޔަޤީނާ ގާތަށް ކަށަވަރުކުރެވޭތީ އާއި، އީރާނުން ނިޔުކްލިއަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާކަމަށް އިސްރާއިލާއި ހުޅަނގުން ތުހްމަތުކޮށް އިރާނާ ދެކޮޅަށް ފިޔަވަޅުތައް އަޅަމުންދާތީ، މި މަސްއަލައަކީ މުސްލިމުންނާއި އިސްލާމީ އުއްމަތްް ވަރަށް ކަންބޮޑުވާ ކަމެކެވެ. އިސްރާއީލުގައި ޚިޔާލު ހޯދުމަށް ނެގުނު ވޯޓެއްބުނާގޮތުގައި އެތާނގެ 40 % މީހުން އީރާނުގެ ނިޔުކްލިއަރ މަރްކަޒުތަކަށް ހަމަލާދީ ހަލާކުކޮށްލުމަށް ތާއީދުކުރެއެވެ. މި ވޯޓްގައި ބައިވެރިވި އިސްރާއީލު މީހުންގެ ގިނަ ބަޔަކު ބުނާގޮތުގައި ރައީސް އޮބާމާ މިމަސްއަލާގައި އީރާނާ އެކު ވާހަކަދައްކަވަންދެން އިސްރާއީލު މަޑުކޮށްގެން ނުވާނެއެވެ. ނަމަވެސް ބަރާދަޢީ ވިދާޅުވާ ގޮތުގައި ޢަސްކަރީ ޙައްލަކީ އެންމެ ނުބައި ޙައްލެވެ. މިކަމުގެ ސަބަބުން މުޅި މެދުއިރުމަތި އަލިފާނުގެ ބޯޅައަކަށް ބަދަލުވެގެންދާނެތީއެވެ. އީރާނަށް ޢަސްކަރީ ޙަމަލާއެއް ދެވިއްޖެނަމަ އީރާނުން ނިޔުކްލިއަރ ހަތިޔާރު އުފެއްދުމަށް އަވަސްވެ ގަންނާނެއެވެ. އީރާނުގެ އެންމެހާ ރައްޔިތުންގެ ތާއީދު މިކަމުގައި އޮންނާނެއެވެ. މި މަސްއަލައަކީ މުސްލިމުން ކަންބޮޑުވާ ކަމަކަށްވާތީ، ދީނީ ޢިލްމުވެރިން ވެސް މިކަމާމެދު ޚިޔާލުފާޅުކުރައްވަމުން ގެންދަވާތަން ފެނެއެވެ. ޑރ. ޔޫސުފުލް ޤަރްޟާވީ ވިދާޅުވާ ގޮތުގައި ބަޔޮލޮޖިކަލް ނުވަތަ ޖަރާސީމީ ނުވަތަ ނިޔުކްލިއަރ ހަތިޔާރު ބޭނުންކުރުމަކީ ދީން ހުއްދަކުރާ ކަމެއްނޫނެވެ. އެއީ މިފަދަ ހަތިޔާރުގެ ސަބަބުން މުޅިޙަޔާތާއި ދިރުން ފަނާވެގެންދާނެތީއެވެ. ނަމަވެސް ބިރުގެންނެވުމުގެ ތިލަފަތުގެ ދެފަރާތް ހަމަހަމަކަންމަތީ ބެހެއްޓުމަށްޓަކައި މި ހަތިޔާރު މުސްލިމުންގެ އަތުގައިވެސް ހުންނަން އެބަޖެހެއެވެ. ޖަޒީރާ ޗެނެލްގެ "އައްޝަރީޢާ ވަލް ޙަޔާތު" ނަމަކަށް ކިޔާ މަޝްހޫރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޤަރްޟާވީ ވިދާޅުވިގޮތުގައި އެމެރިކާ އާ ސޮވިއެެޓް ޔުނިއަނާ ދެމެދުގައި ހަނގުރާމައެއް ނުފެށި އޮތީ، އެ ދެފަރާތުގެ ހަތިޔާރު ކޮށާރުތަކުގައި މި ހަތިޔާރު ހުރުމުގެ ސަބަބުން އެކަކު އަނެކަކު ދެކެ ގަން ބިރެއްގެ ސަބަބުންނެވެ. މިހެންވެ މި ހަތިޔާރު ހޯދުމަކީ ޞުލްޙައަށްޓަކައި ކުރަންޖެހޭ ކަމެކެވެ. މިއީ ހަތިޔާރުއެޅި ޞުލްޙައެވެ. އިންޑިއާ އިން ނިޔުކްލިއަރ ހަތިޔާރު އުފެއްދުމުން ޕާކިސްތާނުންވެސް އެހަތިޔާރު އުފެއްދީއެވެ. މިކަމުގެ ސަބަބުން އެ ދެޤައުމުގެ ދެމެދުގައި މިއަދު ހަތިޔާރުއެޅި ހަނގުރާމައެއް ނުހިގައެވެ. އެހެންކަމުން ނިޔުކްލިއަރ ހަތިޔާރު ހޯދުމަކީ މުސްލިމުންނަށް ލިބިގެންވާ ޙައްޤެކެވެ. މާތްﷲ ވަޙީކުރައްވަނީ (وَأَعِدُّواْ لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ) الأنفال: ٦٠، "އެއުރެންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ!" ޢަދުއްވުންގެ އަތުގައި މިހަތިޔާރު ހުރީތީ އަހަރެމެން މުސްލިމުންވެސް މިހަތިޔާރު ހޯދަންޖެހޭނެއެވެ. މިއީ ދީން އަމުރުކުރާކަމެކެވެ. ފަތުވާއާ ބެހޭ ޔޫރަޕްގެ މަޖިލީހުގެ ނާއިބުރައީސް ޝައިޚު ފައިޞަލް މަވްލަވީ ވިދާޅުވާގޮތުގައި މުސްލިމުން އިސްވެ ކެމިކަލް ހަތިޔާރު ނުވަތަ ޖަރާސީމީ ހަތިޔާރު ބޭނުންކޮށްގެން ނުވާނެއެވެ. ނަމަވެސް ދުޝްމަނުން މިހަތިޔާރު ބޭނުންކޮށް މުސްލިމުންގެ މަޢުޞޫމު އެތައްބަޔަކުމަރައި ގެއްލުންދީފިނަމަ، ދުޝްމަނުންނާ ދެކޮޅަށް އެފަދަ ހަތިޔާރު ބޭނުންކުރުން ހުއްދަވާނެއެވެ. މާތްﷲ ވަޙީކުރައްވަނީ (وَجَزَاءُ سَيِّئَةٍ سَيِّئَةٌ مِّثْلُهَا) الشورى: ٤٠، "ނުބައިކަމެއްގެ ޖަޒާއަކީ އެއާ އެއްފަދަ ނުބައިކަމެކެވެ." އޭނާ ހާމަކުރެއްވި ގޮތުގައި މީހަކު މުޢާމަލާތުކުރާ ގޮތާ ހަމައެއްފަދައިން މުޢާމަލާތު ކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނާއި ޢުރުފު ހުއްދަކުރާ ކަމެކެވެ. އަޒްހަރުގެ ފަތުވާކޮމެޓީގެ މެންބަރެއްކަމުގައިވާ އައްޝައިޚު ޢަލާ އައްޝިންނާވައިހީ ވިދާޅުވާގޮތުގައި އިސްލާމީ އުއްމަތް އަބަދުވެސް އޮންނަން ޖެހޭނީ ހޭލައެވެ. ދުޝްމަނުންގެ ނުބައިރޭވުންތަކަށް ހުޝިޔާރުވެގެންނެވެ. އޭނާ ވިދާޅުވިގޮތުގައި ކީރިތިރަސޫލާ صلى الله عليه وسلم، ލިބިވަޑައިގެންފައިވާ ހުރިހާ ވަސީލަތްތަކަކުން ދުޝްމަނުންގެ ރޭވުންތަކަށްޓަކައި ތައްޔާރުވެ ވަޑައިގެންނެވިއެވެ. ދުޝްމަނުން ތައްޔާރުވާ މިންވަރަށްވުރެ ކުޑަގޮތަކަށް މުސްލިމުން ތައްޔާރުވެއްޖެނަމަ އެކަމުގެ ސަބަބުން އެމީހުން ފާފަވެރިވާނެކަމަށްވެސް ޝައިޚު ޝިންނާވައިހި ވިދާޅުވިއެވެ. ފަތުވާކޮމެޓީގެ ރައީސް އައްޝައިޚު ޢަލީ އަބުލްޙަސަން ވިދާޅުވާގޮތުގައި އަމިއްލަ ނަފްސުގެ ދިފާޢުގައި ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކުރުމަކީ ޝަރްޢުވާޖިބުކުރާ ކަމެކެވެ. މިފަދަ ހަތިޔާރުތައް ހޯދަން މަސައްކަތްކުރަންޖެހޭނެ ކަމަށް ހުރިހާ ފިޤްހު ޢިލްމުވެރިން އެއްބަސްވެ ވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ. މިޞްރުގެ ކުރީގެ މުފްތީއެއްކަމުގައިވާ ޑރ. ނަޞްރު ފަރީދު ވާޞިލު ވިދާޅުވާގޮތުގައި އިސްލާމީ އުއްމަތުގެ ދުޝްމަނުން އަތުގައި ނިޔުކްލިއަރ ހަތިޔާރު ހުރިނަމަ، މުސްލިމުން ވެސް އެ ހަތިޔާރު ހޯދަންޖެހޭނެއެވެ. އެއި މިޙާލަތުގައި ވާޖިބުކަމެކެވެ. މި ހަތިޔާރު ހޯދުމަށް ފަހު މި ހަތިޔާރުތައް ދުނިޔެ އިން ނައްތާލުމަށް ގޮވައިލަން ވާނެއެވެ. މި ހަތިޔާރު ހުރެގެން މި ހަތިޔާރު ނައްތައިލަން ގޮވައލުމުން އެ އަޑު އަހާމީހުން އިތުރުވާނެއެވެ. އަދި އެކަމަށް ފަސޭހަވެސްވާނެއެވެ. އިސްލާމްދީނަކީ ރަޙްމަތާއި އޯގާތެރިކަމުގެ ދީނެވެ. އެހެންކަމުން މި ހަތިޔާރު ހުންނަންޖެހޭނީ ވަރަށް އަމާނަތްތެރި، އިންސާނިއްޔަތަށް ރަޙްމުކުރާ ބައެއްގެ އަތުގައެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|