މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އަންނާންއޮތް ސާސްކަފު |
|
|
| ދީން - ދިރާސާ | |||
| 06 ޖެނުވަރީ 2010، 00:04 ބުދަ | |||
|
ޢަބްދުﷲ ފާރޫޤު ޙަސަން ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމައަށްފަހު، ބައިނަލްއަޤްވާމީ ސިޔާސަތުގައި އެމެރިކާއަށް ލިބިގެންދިޔަ އަހަންމިއްޔަތުގެ ސަބަބުން، ދުނިޔޭގެ ވިސްނުންތެރީން ދެކެވަޑައިގެންނެވި ގޮތުގައި، އިނގިރޭސީންގެ ޞުލްޙައިގެ ދައުރު (Pax Britanica) އެހައިތަނުން ނިމުމަކަށް އައީއެވެ. ކުރިޔަށްއޮތީ އެމެރިކާގެ ޞުލްޙައިގެ (Pax Americana) ދައުރެވެ.1990 ގައި ގަލްފު ހަނގުރާމައިގައި އެމެރިކާ ހޯދި ކާމިޔާބީއާއި، ބޮޑު ބާރެއްގެ ހައިސިއްޔަތުން، ރޫސީންގެ ދައުރު ނިމުމަކަށް އައުމުން، އިންސާނީ ތާރީޚުގައި ކުރިޔަށްއޮތީ އެމެރިކާގެ ކާމިޔާބީގެ ދައުރުކަމުގައި އެމެރިކާގެ ވިސްނުންތެރީން ޔަގީންކޮށްފިއެވެ. އެކާވީސްވަނަ ސައްތައަކީ، އެމެރިކާގެ ސައްތަ (American century) ކަމީ އެބައިމީހުންގެ ގާތުގައި ޝައްކެއްހުރި ކަމެއްނޫނެވެ. މިޒަމާނުގެ ތާރީޚުގައި، އެމެރިކާއަކީ ހުޅަނގުގެ ތަހުޒީބުގެ ޤާއިދެވެ. ނަތީޖާއެއްގެ ގޮތުން، އެމެރިކާއަށް ލިބެމުންދާ ކާމިޔާބީ މާނަކުރެވެމުންދަނީ، ހުޅަނގުގެ ތަހުޒީބަށް ލިބޭ ކާމިޔާބީ ކަމުގައެވެ. އެހެންކަމުން، އެމެރިކާގެ ނަންހުރި މުފައްކިރެއް ކަމުގައިވާ ފްރާންސިސް ފުކްޔާމީ (Francis Fukuyame) ވަނީ އެމެރިކާއާއި އެމެރިކާއިން ބޭރުގެ ވަރަށްގިނަ މަޖައްލާތަކުގައި، މި މޭރުމުން މަޒުމޫނުތައް ޝާއިޢު ކުރައްވައިފައެވެ. ތިރީގައި މިވަނީ، އެ މަޒުމޫނުތަކުގެ ތިން ޙަވާލާއެކެވެ. The End of History, The National Interest, Summer 1989 Are We Witnessing the End of History, Sunday Star, September 1989 Are We at the End of History, Fortune, January 1990 އޭނާ ލިޔުއްވައިފައިވެއެވެ. ވިހިވަނަ ސައްތަ ނިމިގެން މިދަނީ، ސިޔާސީ އަދި އިޤްތިޞާދީ މިނިވަންކަމުގެ އުސޫލަށް ލިބިގެންދާ ފާޅުކަންބޮޑު ފަތަޙައިގެ މައްޗަށެވެ. (unabashed victory of economical and political liberalism) އަހަރެމެންނަށް ފެންނަމުން މިދަނީ، އިންސާނިއްޔަތު ބަދަލުވަމުން ކުރިޔަށްދިއުމުގެ ނަޒަރިއްޔާގެ ފުރިހަމަވުމުގެ ބޮންތި ކަމުގައި ބުނެވިދާނެއެވެ. އަދި ހުޅަނގުގެ މިނިވަން ޖުމްހޫރިއްޔަތު މިހާރުވަނީ އިންސާނީ ސަރުކާރުތަކުގެ އެންމެފަހުގެ ނިޒާމެއްގެ ހައިސިއްޔަތުން ފާޅުވެ ހާމަވެފައެވެ. We may be witnessing the endpoint of mankind’s ideological evolution and the emergence of western liberal democracy as the final form of human government. މީގެ އަށްޑިހަވަރަކަށް އަހަރު ކުރިން ކޮމިއުނިސްޓް ރަޝާވެސް ވަނީ މިބާވަތުގެ ދަޢުވާތަކެއް ކޮށްފައެވެ. މިހާރަކަށްއައިސް ކެޕިޓަލިސްޓް އެމެރިކާވެސް ކުރަމުން މިގެންދަނީ، ރޫސީންވެސް ހަމަކޮށްއުޅުނު ދަޢުވާއެވެ. ނަމަވެސް، ހުޅަނގުގެ ލިބަރަލިޒަމްވެސް ނިމިގެންދާނީ، ސޯޝަލިސްޓް ޑިކްޓޭޓަރޝިޕްވެސް ނިމިގެންދިޔަގޮތަށްކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ. އިންސާނީ ޙަޔާތެއް އާރާސްތުކުރުމުގައި ދެއެއްޗެއް ބޭނުންވެއެވެ. އެކައްޗަކީ ނިޒާމެވެ. އަނެކައްޗަކީ ނިޒާމު ހިންގާނެ މީހުންނެވެ. ނިޒާމު ވަނީ އިންސާނީ އަފްރާދުންނަށް ބޭނުންވެފައެވެ. އިންސާނީ އަފްރާދުން ވަނީ ނިޒާމަށް ބޭނުންވެފައެވެ. ނަމަވެސް، ކޮންމެ ނިޒާމަކަށްވެސް ކުރިމަތިވާ އެއްމައްސަލައެއް އެބައޮތެވެ. އެއީ އިންސާނާއަށް އިޚްތިޔާރު ހަމަ ލިބޭއިރަށް، އެ އިޚްތިޔާރު ބޭނުންކުރުމުގައި އޭނާއަށް ހުރިހައި އިންތަކެއް ފަހަނަޅައި ބޭރަށް ނުކުމެވޭކަމެވެ. އިންސާނާގެ ކިބައިގައިވާ މިދެންނެވި ބަލިކަށިކަމަކީ، ކޮންމެ ނިޒާމަކަށްވެސް ކުރިމަތިވާ އެންމެބޮޑު މައްސަލައެވެ. ޝައްކެއްނެތެވެ. މިނިވަންކަމަކީވެސް ރަނގަޅު ކަމެކެވެ. ނަމަވެސް، މިނިވަންކަން ފައިދާހުރި ކަމަކަށް ވަނީ އިމެއްގެ ތެރޭގައި ބޭނުންކުރެވެމުން ދާއިރުއެވެ. އިންސާނާއަށް މިނިވަންކަން ލިބޭއިރަށް ބޭނުންވަނީ، އޭގެ ނިހާޔަތަށް ދާށެވެ. މިނިވަންކަމުގެ އިންތައް ފަހަނަޅައި ބޭރަށް ނުކުންނާށެވެ. އެހައިތަނަށް ދެވުމުން، މިނިވަންކަން ގެއްލިދެއެވެ. އިންސާނީ މުޖްތަމަޢު ފާސިދުވުމަކީ ލާޒިމު ކަމަކަށް ވެދެއެވެ. އެމެރިކާގައި މީހުންނަށް މިނިވަންކަން ދެވުނެވެ. ނަމަވެސް، ނަތީޖާއަކަށްވީ، މީހުން އިމެއްގެތެރޭގައި ހުއްޓި ނުތިބުމެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއްނެތި ބޭނުންކުރާން ފެށުމެވެ. އޭގެ ސަބަބުން، އެކިވައްތަރުގެ އިޖްތިމާޢީ މައްސަލަތަކާއި ފަސާދަތައް އުފެދުމެވެ. އެންމެފަހުން އެމެރިކާގެ މުޖްތަމަޢަށް މިނިވަންކަން ވެގެންދިޔައީ، ނުއުފުލޭފަދަ ބޮޑު ބުރައަކަށެވެ. އެމެރިކާގެ މުފައްކިރުންކުރެ މިސްޓަރ ބީ.އެފް. ސްކިނަރ (B. F. Skinner) އިޢުލާނު ކުރައްވައިފައިވެއެވެ. އަހަރެމެންނަކަށް މިނިވަންކަން ބަރުދާސްތެއް ނުކުރެވޭނެއެވެ. (We can’t afford freedom.) ހުޅަނގުގެ ހައްދުފަހަނަޅައިފައިވާ ލިބަރަލިޒަމާ ކުރިމަތިލާންއޮތް ނިޒާމަކީ މަޖުބޫރުކުރުވުމުގެ ނިޒާމެވެ. ސޯޝަލިސްޓް އިޞްޠިލާޙުގައި [މަސައްކަތު މީހުންގެ ޑިކްޓޭޓަރޝިޕް] ގެ ނަން ދީފައިވާ ނިޒާމެވެ. ނަމަވެސް، ތަޖުރިބާއިން ސާބިތުވިގޮތުގައި، އެއީވެސް އިންތިހާދަރަޖައިގެ ގެއްލުންހުރި ނިޒާމެކެވެ. އެ ނިޒާމު ހިންގުމުގެ އިޚްތިޔާރު ދެވުނު މީހުން، އިންސާނުންގެ މައްޗަށް ހިންގީ ހައްދުފަހަނަޅައިފައިވާ ގޮށްމުށުގެ ބާރެވެ. ނަތީޖާއެއްގެ ގޮތުން، އެ ނިޒާމުގައި ހުރިނަމަ ހުރި ރަނގަޅުކަމެއްވެސް ދިޔައީ ގެއްލިގެންނެވެ. އެހެންކަމުން، [މަސައްކަތު މީހުންގެ ޑިކްޓޭޓަރޝިޕް] ހިމެނުނީ، ތާރީޚު ދުށް އެންމެ ނުބައި ޝަހެންޝާހިއްޔަތާ އެއްމާނައެއްގެ އެއްޗެއް ކަމުގައެވެ. ޙަޤީޤަތަށް ދަންނަވާނަމަ، ހުޅަނގުގެ ލިބަރަލިޒަމް ކަމުގައިވިޔަސް ނުވަތަ ސޯޝަލިސްޓުންގެ މަޖުބޫރުކުރުވުމުގެ ނިޒާމު ކަމުގައިވިޔަސް، މިއިން ކޮންމެ ނިޒާމަކަށްވެސް ވަނީ އިތުރު އައިޑިޔޮލޮޖީއަކަށް ބޭނުންވެފައެވެ. އިންސާނާގެ ޤަޞްދު ކޮންޓްރޯލްކުރާނެ އައިޑިޔޮލޮޖީއެކެވެ. އިންސާނާ އޭނާގެ ހުއްދަ، އިމުގެ ތެރޭގައި އުޅެން މަޖުބޫރު ކުރުވާނެ އައިޑިޔޮލޮޖީއެކެވެ. މިފަދަ އައިޑިޔޮލޮޖީއެއް ހޯދައިދެވޭނެ ހަމައެކަނި ފަރާތަކީ ދީނެވެ. މިޒަމާނުގެ ހޯދުންތަކާއި ތަޙްޤީޤުތަކުން ސާބިތުވެފައިވާ ގޮތުގައި، އިސްލާމްދީން ފިޔަވައި ދުނިޔޭގައި ދެންހުރި ހުރިހައި ދީންތަކަކީވެސް އުނިއިތުރު ގެނައުމުގެ ސަބަބުން، ތާރީޚުގައި އިތުބާރު ގެއްލިފައިހުރި ދީންތަކެކެވެ. އެހެންކަމުން، އައިޑިޔޮލޮޖީއެއް ހޯދައިދެވޭފަދަ އިތުބާރުހުރި ދީނަކަށް މިހާރު ދުނިޔޭގައި އޮތީ ހަމައެކަނި އިސްލާމްދީނެވެ. ދީންތައް ތަމްސީލުކުރުމުގެ ޙައްޤު ލިބޭފަދަ ހަރުދަނާކަންހުރި ދީނަކަށްއޮތީ ހަމައެކަނި އިސްލާމްދީނެވެ. އެހެންކަމުން، އެއްވެސް ބާވަތެއްގެ ނިޒާމަކަށް ބޭނުންވާކަމެއް ފުރިހަމަކޮށްދެވޭފަދަ ދީނެއް، އިސްލާމްދީން ފިޔަވައި ދުނިޔެއަކު ނެތެވެ. މި ޙަޤީޤަތް ކުރިމަތީގައި ބާއްވައިގެން ވިސްނާއިރު ފެށިގެންމިދާ ސާސްކަފު ހިމެނޭނީ، Pax Americana ގެ ސާސްކަފު ކަމުގައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ މާތް اللّه ގެ ހެޔޮ ތައުފީޤާއެކު މިހިނގާ ސާސްކަފު ވާނީ Pax Islamica ގެ ސާސްކަފު ކަމުގައެވެ. މަތިމަތީގެ ވިސްނުން ގެންގުޅޭ ފަރާތްތަކަށް އެކަން އަދި ރޭކާނުލައި އޮތްކަމުގައިވިޔަސް ވެހެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ މައުހަދީ, 2010-01-06 16:11:19
ދުނިޔެއަށް ދިމާވި އިޤްތިޞާދީ ކާރިޘާއާއި ގުޅިގެން ހުޅަގާއި އެމެރިކާދަނީ އިސްލާމީ ބޭންކިން އަދި އިސްލާމިކް ފައިނޭންސާއި ދިމާލަށް އެބައި މީހުންގެ ލޯތައްދިއްކުރަމުން. ނަޒަރުތައް ހުއްޓަމުން. މިބޮޑުކާރިޘާގައިވެސް އިސްލާމީ އެއްވެސް ބޭންކަކަށް ގެއްލުމެއް ލިބިފައިނުވާއިރު ފައިދާ ވެފައިވާތީ. ފްރާންސްގެ ރައީސް ނިކޮލަ ސަރުކޯޒީ ބުނީ ކުރިއަށް އޮތްތަނުގައި އިސްލާމީ ބޭންކިންއަށް ވ.ބޮޑަށް ސަމާލުކަން ދޭނެކަމަށް. ގޯލަޑަން ބްރައުން ބުނީ އިސްލާމިކް ބޭންކުތަށް އިތުރުކުރައްވާނެކަމަށް. މިހުރިހާ ކަމެއް އިޝާރާތްކޮށްދެނީ ވ. ބޮޑުކަމަކަށް. ކާފަރުން ހަތިޔާރުން ގައުމުތަށް ފަތަޙަ ކުރަމުންދާއިރު މުސްލިމުންދަނީ ކާފިރުންގެ އިޤްތިޞާދުތަށް ފަތަޙަ ކުރަން ތައްޔާރު ވަމުން. ޖަންގީޒްޚާން ހަތިޔާރުބޭނުންކޮށްގެން މުޅި ދުނިޔެ ފަތަޙަ ކުރަމުން ދިޔައިރު މުސްލިމުން ތަތާރުންގެ ހިތްތަށް އިސްލާމީ ނޫރުން ފަތަޙަ ކުރިފަދާންނެވެ.
...
ލިޔުނީ ހުސޭނު އަލީ, 2010-01-06 16:34:11
މި ލިޔުން ހަމަ ވަރަށް މޮޅު ފުރިހަމަ، ތަރުޖަމާތައް ވެސް އެއްވަނަ،
...
ލިޔުނީ ކާޑިނަލް, 2010-01-06 19:40:48
މިއީ ޢަބްދުﷲ ފާރޫޤު ޙަސަންގެ ހަމަ ވ ފައްކާލިއުއްވުމެކެވެ. ޝުކުރިއްޔާ! މި ފިކުރުގައި ލިޔާ ލިޔުންތެރިން ރާއްޖެއަށް ނިކްބޭނުމެވެ.
ދެން ތުއްފާށަނާ ބޭނުން ކުރައްވާފައިވާ ފެލެކްސިބަލް ގެމާނައިގެ ބަދަލުގައި (ބަދަލަށް ތަންދޭ) މި ކަލިމަ ބޭނުންކުރައްވާފައި ވާތީ އެބަހުގެ ދިވެހި ބަސް ހިއްސާކޮށްލާހިތްވެއެވެ. އެއީ ވިލުންތެރިކަމެވެ. އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ މިބަސްމިމާނައިގައި ބޭނުންކުރައްވާތީ އަޅުގަނޑު އަހަމެވެ. ދެން މިރޭ ބަސްފޮތުންވެސް މިމާނަ ފެނުމުން ހަމަ ހިއްސާކޮށްލީއެވެ. :)
...
ލިޔުނީ ޒާން, 2010-01-07 13:13:30
އަޅުގަނޑުގެ ޡަރީފު ނިކަމެތި ވިސްނުމުން އެގުނު ކަމެއް އަޅުގަނޑު ތުއްފާށަނާގެ ކޮމެންޓާ ވިދިގެން އަޅުގަނޑު ދަންނަވަމެވެ. ޙަޤީޤަތުގައި ތަރުޖަމާ ކުރާ ކޮންމެ ފަހަރަކު އެތަރުޖަމާގައި ބޭނުންކުރެވޭ ލަފްޒަކީ، ލިޔުމުގެ އަޞްލުގައި އޮންނަ ލަފްޒުގެ މާނަ ހުރިހާ ޙާލަތެއްގައި ދޭހަވާ ލަފްޒެއްކަމުގައިވުން މަޖުބޫރެއްނޫނެވެ. އެހެނީ ތަރުޖަމާކުރުމުގެ ފަންނުގެ އަހުލުވެރިންނަށް އެގިވަޑައިގަންނަވާނެ ފަދައިން ތަރުޖަމާގައި ބަލާނީ ލަފްޒު އޮންނަ ޖުމްލައަށެވެ.
މިދެންނެވި ވާހަކަ ތުއްފާށަނާގެ ދެމިސާލު ބޭނުންކޮށްގެން ތަފްޞީލުކޮށްދެވޭތޯ ބަލައިލާނަމެވެ. ފުރަތަމަ މިސާލު: We can’t afford freedom މިޖުމްލައިގައިވާ "afford" މިލަފްޒުގެ މާނަ ކުރެވޭނީ ތަޙައްމަލުކުރުން ނުވަތަ ބަރުދާސްތުކުރުން ކަމުގައެވެ. ދެވަނަ މިސާލު: I cant afford this dress. It is too expensive މިމިސާލުގައި އެވާ "afford" ގެ މުރާދަކީ ހޭދަކުރެވޭ މިންވަރުގެ އެވެ. މިއީ ހަމަ އެހެނިހެން ބަސްބަހުގައި މިކަން އޮންނާނެ ގޮތެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
ދެން ފާހަގަކޮށްލެވުނު ކަމެއް ދަންނަވާލާނަން... ފާރޫޤް ކުރައްވަނީ ލަފްޡީ ތަރުޖަމައެއްގެ ބަދަލުގައި ދޭހައިގެ ތަރުޖަމާއެކެވެ. މިއީ ދޭހަކޮށް ގަތުމަށް ފަސޭހަ ގޮތެކެވެ. ނަމަވެސް މިއީ ޢަޖަމީ ބަސްބަހުގެ ތަރުޖަމާގައި ސީދާ އެއް ދިވެހި ބަހެއް ނުވަތަ ޢިބާރާތެއް ބޭނުންކުރުމަށް ހުރަސްއެޅިދާނެ ކަމެކެވެ. މިސާލަކަށް
We can’t afford freedom
http://www.thefreedictionary.com/afford
މި ޖުމްލައިގައި އެފޯޑް ތަރުޖަމާ ތިކުރެއްވީ ބަރުދާސްތުގެ ގޮތުގައެވެ. މިއީ ދޭހައަށް އަޅާއިރު ވަރަށް އެކަށޭނަ މޮޅު ތަރުޖަމާއެކެވެ. އެކަމަކު ލަފްޡީގޮތުން ބަލާއިރު މިއީ، މަޢާފުކުރައްވާތި، ކުށް ތަރުޖަމާއެކެވެ. މިހެން މިދެންނެވެނީ މިތަރުޖަމާއިން ދޭހަވާ ގޮތުގައި
ބަރުދާސްތު=afford
ބަރުދާސްތު=tolerate
އާޚިރު ނަތީޖާއަކީ ދިވެހި ބަހަށް ތަރުޖަމާކުރާއިރު afford=ބަރުދާސްތު=tolerate ނަމަވެސް މިއީ ކުށް ގޮތެކެވެ. އެގޮތުން މިސާލަކަށް އަންނަނިވި ޖުމްލައިގެ ތަރުޖަމާއަކަށް ވާނީ
I cant afford this dress. It is too expensive
މިހެދުމެއް އަހަންނަކަށް ބަރުދާސްތެއް ނުކުރެވޭނެއެވެ. މިމާ އަގު ބޮޑެވެ.
ނަމަވެސް އަޅުގަނޑު ބުނަން އުޅޭ އެއްޗެއް މިއިން ރަނގަޅު ގޮތުގައި ބުނެއެއް ނުދެއެވެ. އެހެނީ ދިވެހި ބަހުގައި ބަރުދާސްތު މިލަފްޒުގެ މާނައިގެ ތެރެއަކު "ތަޙައްމަލުކުރެވޭ ނުވަތަ ހޯދޭވަރަށް ވުރެއް އަގު ބޮޑު" ނުހިމެނެއެވެ. http://basfoiy.com/Search.aspx...s=bwrudWsc
މިމައްސަލަ އަންނަނިވި ޖުމްލައިގެ ލަފްޡީ ތަރުޖަމާއެއް ކުރާއިރު ނުކުންނާނެއެވެ.
We can’t afford freedom
މިކަމުގެ ޙައްލެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ ދިވެހިބަސް މިއަށްވުރެއް ފެލެކްސިބަލް (ބަދަލަށް ތަންދޭ) ބަހަކަށް ހެދުމެވެ. އެގޮތުން އައު މާނަތައް މުސްކުޅި ބަސްތަކަށް އިންކޯޕޮރޭޓްކުރަން (އިތުރުކުރަން) ވީއެވެ. އަދި އައުބަސް، މިއަށްވުރެއް ހަރަކާތްތެރި އަދި ވަގުތުވާ ބަސް ކޮމެޓީއެއް ޢައްޔަން ކުރުމަށްފަހު، އުފައްދަންވީއެވެ. އަދި އެބަސްތައް ވައުގައި ހިއްޕުވަން ލިޔުންތެރިންނަށް އަންގާ ޢާންމު ބޭނުމުގައި ޕްރޮމޯޓް (އިޝްތިހާރު) ކުރަންވީއެވެ.
މިއީ ހަމައެކަނި ޚިޔާލެކެވެ. ކަން އޮތް ނުވަތަ އޮންނަންވީ ގޮތެއް ނޫނެވެ.