މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ކީރިތި ޤުރުއާނުގެ ތަފުސީރުގެ ބާވަތްތައް |
|
|
| ދީން - ދިރާސާ | |||
| 29 މާރޗް 2010، 02:14 ހޯމަ | |||
|
ޢަބްދުލްމުޢީދު ޙަސަން ކީރިތި ޤުރުއާނުގެ ތަފުސީރުގެ ތަފާތު ބާވަތްތައް ވެ އެވެ. އޭގެތެރޭގައި، ތަޙުލީލީ ތަފުސީރާއި މައުޟޫޢީ ތަފުސީރާއި އިޖުމާލީ ތަފުސީރާއި މުޤާރިނު ތަފުސީރު ހިމެނެ އެވެ. މި ލިޔުމުގައި ޚުލާޞާކޮށް ބަލައިލާނީ މި ތަފުސީރުތަކުގެ މައްޗަށެވެ. ޝަރުޢީ ޢިލްމުގެ ތެރެއަށް ފުންކޮށް ވަދެވިފައި ނުވާ ޢާންމުންނަށް މި ތަފުސީރުތަކާ ބެހޭ މަޢުލޫމާތުކޮޅެއް ގެނެސްދިނުމުގެ ނިޔަތުގަ އެވެ.ތަޙުލީލީ ތަފުސީރު 1. އާޔަތްތަކާއި ސޫރަތްތަކުގެ ތައުޤީފީ ތަރުތީބާ މުފައްސިރު ތަބާވާން ޖެހޭނެ އެވެ. ތައުޤީފީ ތަރުތީބަކީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ކީރިތި ޤުރުއާން ތަރުތީބުކުރައްވާފައިވާ ގޮތެވެ. ކީރިތި ޤުރުއާން ލިޔެވިފައިވަނީ އެ ތަރުތީބުންނެވެ. 2. ޝަރަޙަކުރާ ސޫރަތްތަކާއި އާޔަތްތަކުގައިވާ ތަފާތު މައުޟޫޢުތައް، މުފައްސިރު ބަޔާންކުރާނެ އެވެ. 3. ކީރިތި ޤުރުއާނުގެ ކަލިމަތަކާއި އާޔަތްތައް މުފައްސިރު ޝަރަޙަކޮށް ތަޙުލީލުކުރާނީ، އޭނާ ބޭނުންކުރާ ތަފުސީރުގެ މަންހަޖާ އެއްގޮތްވާ ގޮތުގެ މަތިން، އޭނާގެ ތަޢުލީމީ ހޭލުންތެރިކަމާއި މަޢުރިފާގެ އިމުގެތެރޭގަ އެވެ. 4. ކީރިތި ޤުރުއާނުގެ މައުޟޫޢުތައް، މުސްތަޤިއްލު ދިރާސާތަކެއްގެ ސިފައިގައި ތައްޔާރުކުރާކަށް ނުޖެހެ އެވެ. 5. ކީރިތި ޤުރުއާން ތަފުސީރުކުރުމުގެ ތަޙުލީލީ މަންހަޖަކީ، އިހުޒަމާނުގައި އެނގިފައިވާ މަންހަޖެވެ. ތަޙުލީލީ ތަފުސީރުގެ ފޮތްތައް، އިސްލާމީ ކުތުބުޚާނާތަކުން ވަރަށް ގިނައިން ފެނެ އެވެ. 6. ތަޙުލީލީ ތަފުސީރުގެ މިސާލެއް: ތަފުސީރުލް ޤުރުޠުބީ. މައުޟޫޢީ ތަފުސީރު 1. ކީރިތި ޤުރުއާނުގައި ސޫރަތްތަކާއި އާޔަތްތައް ލިޔެވިފައިވާ ތަރުތީބާ، މުފައްސިރު ތަބާވުމަކީ ލާޒިމުކަމެއް ނޫނެވެ. އެކަމަކު އޭނާ ތަބާވުން ލާޒިމުވެގެންވަނީ، އޭނާ ދިރާސާކުރާ މައުޟޫޢުގައި ހިމެނޭ އާޔަތްތައް ބާވައިލެއްވި ތަރުތީބާ އެވެ. އޭނާ އެކަންކުރާނީ، އެކި ސޫރަތްތަކުން އެއާޔަތްތައް ނަގައިގެން، ބާވައިލެއްވި ތަރުތީބުން އާޔަތްތައް ތަރުތީބުކޮށްގެންނެވެ. 2. މުފައްސިރު ގެނެސްދޭނީ ފަހަރަކު މައުޟޫޢެކެވެ. އޭނާ ބަޔާންކޮށްދޭނީ އެ މައުޟޫޢުގައި ހިމެނޭ ކަންތައްތަކެވެ. އެހެން ދިރާސާއަކަށް ބަލައިލާނަމަ، އެކަން ކުރާނީ، އޭނާ ދިރާސާކުރާ މައުޟޫޢަށް ޚިދުމަތްކުރުމުގެ އިމުގެ ތެރޭގަ އެވެ. މިގޮތުގެ މަތިން ގެނެސްދެވޭ ކޮންމެ މައުޟޫޢެއްމެ ވާނީ ވަކި މުސްތަޤިއްލު މައުޟޫޢެއްގެ ގޮތުގަ އެވެ. އޭގެ ސުރުޚީތަކަށް ބަލައިލުމުން، ކީރިތި ޤުރުއާނުގައިވާ ތަފާތު މަޢުޟޫޢުތައް އޮޅުންފިލާނެ އެވެ. އަދި އެ މައުޟޫޢުތަކާއި، ދިރިއުޅުމުގެ ކަންތައްތަކާ ހުރި ގުޅުން ވެސް ދޭހަވާނެ އެވެ. 3. ކީރިތި ޤުރުއާނުގެ ކަލިމަތަކާއި އާޔަތްތައް މުފައްސިރު ޝަރަޙަކޮށް ތަޙުލީލުކުރާނީ، އޭނާ ދިރާސާކުރާ މައުޟޫޢަށް ބޭނުންވާނެ މިންވަރަށެވެ. އެ މައުޟޫޢުގައިވާ އޮޅުން ނުފިލާ ބައިތައް އޮޅުންފިލާނެ މިންވަރަށެވެ. 4. ކީރިތި ޤުރުއާނުގެ މައުޟޫޢުތައް ތައްޔާރުކުރާނީ، މުސްތަޤިއްލު ދިރާސާތަކެއްގެ ސިފައިގައެވެ. 5. އިހުޒަމާނުގައި، މައުޟޫޢީ ތަފުސީރުގައި ލިޔެވިފައިވާ ފޮތްތަކަކީ، މިގޮފީގެ ފެށުމެވެ. ތަފުސީރުގެ މި ގޮފީގެ އެންމެ ފަހުގެ ޝަޚުޞިއްޔަތު އެއިން ހާމައެއް ނުވެ އެވެ. ޢިލްމުވެރިން އުންމީދުކުރައްވަނީ، ތަފުސީރުގެ މިގޮފި ދާއިމީ ގޮތެއްގައި ހެދިބޮޑުވަމުން ދިއުމަށެވެ. 6. މައުޟޫޢީ ތަފުސީރުގެ މިސާލެއް: އައްތިބްޔާން ފީ އަޤުސާމިލް ޤުރުއާން. އިޖުމާލީ ތަފުސީރު 1. ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ސޫރަތްތަކުގެ ތަރުތީބާ، މުފައްސިރު ތަބާވާނެ އެވެ. 2. ވަކި މައުޟޫޢެއްގެ އިމުގެ ތެރޭގައި މުފައްސިރު ހުންނާކަށް ނުޖެހެ އެވެ. އޭނާ ޝަރަޙަކުރާ އާޔަތްތަކުގައިވާ ހުރިހައި މައުޟޫޢެއްގެ މައްޗަށް އޭނާއަށް ބަލައިލެވިދާނެ އެވެ. އޭނާ އެކަންކުރާނީ، ކީރިތި ޤުރުއާނުގައި މައުޟޫޢުތައް ނަންގަނެވިފައިވާ ތަރުތީބުންނެވެ. 3. ޝަރަޙައިގައި ހިމެނޭ މައުޟޫޢުތަކުގެ މެދުގައިވާ ގުޅުންތައް ތަފުޞީލުކޮށް ބަޔާންކުރާކަށް ނުޖެހެ އެވެ. އެފަދަ ގުޅުންތަކެއް ވާނަމަ، މުފައްސިރު އެކަން ބަޔާންކުރާނީ ޖުމްލަގޮތެއްގަ އެވެ. 4. އިޖުމާލީ ތަފުސީރުގެ މިސާލެއް: އައްތަފުސީރުލް ވަސީޠި. މުޤާރިނު ތަފުސީރު 1. މުޤާރިނު ތަފުސީރުގައި މުފައްސިރު ބަލައިލާނީ، އެހެން މުފައްސިރުން ކީރިތި ޤުރުއާނުގެ އާޔަތެއް ނުވަތަ އާޔަތްތަކެއް ތަފުސީރުކުރައްވާފައިވާ ގޮތުގެ މައްޗަށެވެ. 2. އެހެން މުފައްސިރުންގެ ދަލީލުތަކާއި ރައުޔުތައް، މުފައްސިރު ބަޔާންކުރާނެ އެވެ. އަދި އެއާމެދު ބަޙުޘްކޮށް ވާހަކަދައްކާނެ އެވެ. 3. އެހެން މުފައްސިރުންގެ ތަފުސީރުތައް އަޅާބެލުމަށްފަހު، އެންމެ ޞައްޙަކަން ބޮޑުކަމަށް ފާހަގަކުރެވުނު ތަފުސީރު ބަޔާންކުރާނެ އެވެ. ނަންގަނެވިދިޔައީ، ކީރިތި ޤުރުއާނުގެ ތަފުސީރުގެ ބާވަތްތަކުގެ ތެރެއިން ހަތަރު ބާވަތެއްގެ ތަފުސީރެވެ. އެނޫން ބާވަތްތަކުގެ ތަފުސީރުތައް ވެސް ވެ އެވެ. އޭގެތެރޭގައި ފިޤުހީ މަޛުހަބުތަކުގެ ތަފުސީރާއި، ކީރިތި ޤުރުއާނުގެ ބަލާޣަތްތެރިކަން ބަޔާންކޮށްދޭ ތަފުސީރާއި، ފަލްސަފީ ތަފުސީރާއި މިނޫން ތަފުސީރުތައް ހިމެނެ އެވެ. މަޞްދަރުތައް: އަލްމަޖްލިސުލް ޢިލްމީ. ވިކިޕީޑިއާ. ހުދަލްއިސްލާމް.
|
| ހަމަ މި ގަލަމުން |
|---|