މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޚިޠުބާގައި އަންހެނާއަށް ބެލުން ހުއްދަވެގެންވާ މިންވަރު |
|
|
| ދީން - ދިރާސާ | |||
| 03 އެޕރީލް 2010، 04:58 ހޮނިހިރު | |||
|
ޝިފްޒާން އަޙްމަދު ޚިޠުބާގެ މާނަ: 1- ބަހުގައި ޚިޠުބާގެ މާނަ: ޚިޠުބާގެ މާނަކަމުގައި އަލްއަޒުހަރިއްޔު ވިދާޅުވެފައިވެއެވެ. އެއީ ބަސްބުނުމެވެ. ނުވަތަ ކާވެންޏަށް އެދުމެވެ. ނުވަތަ ކާވެނިކުރަން އެދޭ އަންހެނާއަށް ކިޔާނަމެވެ. އަދި އިމާމް އިބުނު މުންޡިރު ވިދާޅުވެފައިވެއެވެ. خطبته މާނައީ: "އޭނާގެ ޚިޠުބާ" މިހެން ބުނެވިއްޖެނަމަ އޭގެ މުރާދަކީ އޭނާ ކާވެނިކުރަން ގަސްތުކުރާ އަންހެނާއެވެ. އެހެންކަމުން ބަހުގައި ޚިޠުބާ ނަމެއްގެ ގޮތުގައިވެސް ބޭނުންކުރެވޭނެއެވެ. 2- ފިޤުހުގައި ޚިޠުބާގެ މާނަ: ޚިޠުބާގެ މާނައަކީ ކަނޑައެޅިގެންވަކި އަންހެނަކާ ކާވެނިކުރުމުގެ އެދުން ފާޅުކުރުމާއި، އެކަން އަންހެނާގެ ވަލީވެރިއާއަށް ނުވަތަ އަންހެނާއަށް އެންގުމެވެ. މިކަން ސީދާ ޚިޠުބާއަށް އެދޭ ފިރިހެނާއަށް ކުރެވިދާނެއެވެ. ނުވަތަ އޭނާގެ އަހުލުވެރިން މެދުވެރިކޮށް ކުރެވިދާނެއެވެ. އަދި އަންހެންމީހާ ނުވަތަ އޭނާގެ ވަލީވެރިޔާ އެދެމީހުން ކާވެނިކުރުވުމަށް އެއްބަސްވެއްޖެނަމަ، އެހިސާބުން ޚިޠުބާ ފުރިހަމަވީއެވެ. ކާވެނީގެ ކުރިން ޚިޠުބާ އުވައިލުމުގެ އިޚުތިޔާރު ދެފަރާތުންކުރެ ކޮންމެ ފަރާތަކަށްވެސް ލިބިގެންވެއެވެ. އެހެން ބައެއް ޢިލްމުވެރިން އެއީ ހަމައެކަނި އަންހެނާގެ ކާވެންޏަށް، މީސްތަކުންގެ މެދުގައި މަޝްހޫރުވެފައިވާ ވަސީލަތްތައް މެދުވެރިކޮށް އެދުންކަމުގައި މާނަކުރައްވައެވެ. އެކަމަކު އިސްވެދިޔަ ތަޢުރީފަކީ ތަފްޞީލު ތަޢުރީފެކެވެ. ކޮންމެއަކަސް ޚިޠުބާއަކީ ކާވެނީގެ ކުރިން ދެމީހުން ދެނެގަތުމަށް އިސްލާމްދީން އެކަށައަޅައިދިން އުޞޫލެވެ. އެއީ ކާވެނި އަދައިގެން ފިރިހެނަކު އެކަން އަންހެނެއްގެ ކުރިމަތީގައި ފާޅުކުރުމެވެ. ޚިޠުބާ ޝަރުޢުކުރެއްވުމުގެ ޙިކުމަތް: ޝައިޚު ސައްޔިދު ސާބިޤު ވިދާޅުވެފައިވެއެވެ. ޚިޠުބާގެ ބޭނުމަކީ ކާވެންޏަކާ ހަމައަށް ދެމަފިރިން ދާއިރު އެދެމީހުން އެކަމަށް ފުރިހަމައަށް ތައްޔާރުވެފައިތިބުމެވެ. އަދި އެމީހުން އެކަކު އަނެކަކު ދަނެގަތުމެވެ. ޑަކްޓަރ ވަހުބަތުއްޒުޙައިލީ ވިދާޅިވެފައިވެއެވެ. ކާވެނީގެ ކުރިން ދެމީހުންގެ ދެމެދުގައި ލޯތްބާއި މަވައްދަތު ބޭއްވޭނެ ކަމުގެ ޔަޤީންކަން ލިބިގަތުމެވެ. އަދި އެކަކު އަނެކަކު ދަސްކުރުމެވެ. ހިތުގައި އިޚުލާޞްތެރިކަމާއެކު ބަލައިގަނެވޭނެކަން ނުވަތަ ނޫންކަން ނިންމުމެވެ. މިބަސްފުޅަށް ކީރިތި ރަސޫލުﷲ (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލައްވާށި)ގެ އަންނަނިވި ބަސްފުޅުން އިތުރަށް ބާރު ލިބެއެވެ. "انظر إليها فإنه أحرى أن يؤدم بينكم" މާނައީ: (ތިބާ އެކަނބުލޭގެއަށް ބަލާށެވެ. އެގޮތް ތިޔަދެމީހުންގެ ދެމެދުގައި ގުޅުން ދެމިގެން ދިޔުމަށް ގާތްކަން ބޮޑުވެގެންވެއެވެ.) އަލްއިމާމް އަބޫޒަހްރާ ވިދާޅުވެފައިވެއެވެ. ކާވެނީގެ ކުރިން ދެމީހުންވެސް އެކަކު އަނެކަކު ޖިސްމާނީ ޞިފަތައް ކޮންމެވެސް މިންވަރަކަށް ދެނެގަތުމަކީވެސް ޚިޠުބާގެ ޙިކުމަތެކެވެ. އެއީ ކޮންމެ ފަރާތަކުން ވެސް އަނެއްފަރާތުގެ ޖިސްމާނީ ޞިފަތަކާމެދުވެސް ރުހިހުރެގެން ކާވެންޏާ ހަމައަށް ދިއުމަށެވެ. އެއްވެސް ޙާލެއްގައި ޚިޠުބާއަކީ އަޖުމަބެލުން އެކުލެވިގެންވާ ކަމެއް ނޫނެވެ. އެއީ ހަމައެކަނި ދެމީހުންގެ މިޒާޖާއި އަޚުލާޤު ދަސްކުރުން އެކުލެވިގެންވާ ޝަރުޢީ އިންތަކުގެ ތެރޭގައި ކާވެނީގެ ކުރިން ފިރެހެނަކާއި އަންހެނެއްގެ ދެމެދުގައި އޮންނަ ގުޅުމެކެވެ. ޚިޠުބާގައި އަންހެނާއަށް ބެލުމުގެ ޙުކުމް: ފިތުނަވެރިކަމެއް އުފެދިދާނެކަމުގެ ބިރެއްނެތަސް އޮތަސް އަޖުނަބީ އަންހެނެއް ގެ ޢައުރައަށް ބާލިޣުވެފައިވާ ބުއްދި ސަލާމަތުން ހުރި ފިރިހެނަކު ބެލުން ހުއްދަވެގެންނުވެއެވެ. އެހެނީ ބެލުމަކީ ފިތުނައިގެ އަޞްލެވެ. އަދި ޝަހުވަތުގެ މަޞްދަރެވެ. ކީރިތި ޤުރުއާނުގެ ނޫރު ސޫރަތުގެ 31ވަނަ އާޔަތުގައި ވާ އެންގެވުމުގައި އެކުލެވިގެންވާ މާނައިގައިވެ އެވެ. ''އަދި ކަލޭގެފާނު މުއުމިނު އަންހެނުންނަށް އެކަބަލުންގެ ބެލުންތައް ތިރިކުރުމަށާއި ފަރުޖު ރައްކާތެރިކުރުމަށް އަންގަވާށެވެ.'' އަދި ކައު އިތުރު ރަސޫލުﷲގެފާނު (ސަލާމާއި ޞަލަވާތް އެކަލޭގެފާނުގެ މައްޗަށްލައްވާށި) ޙަދީޘް ކުރެއްވި އެވެ. النظرة سهم من سهام إبليس މާނައީ: "ބެލުމަކީ އިބިލީހުގެ ދުނީގެ ތެރެއިން ދުންޏެކެވެ. ބެލުން ބެހިގެންވާ ބައިތަކާއި އެބައިތަކުގެ ޙުކުމްތައް: ޝަހުވަތާއެކު، އަނބިމީހާ ފިޔަވައި އެހެން އަންހެނަކަށް ބެލުން ހުއްދަވެގެންނުވެއެވެ. އެއީ ބެލުމުން އަރާމު ލިބިގަތުމުގެ ޝަހުވަތުގައި ނުވަތަ ގުޅުން ހިންގުމުގެ އެދުންވެރިކަމުގައި ބަލާބެލުމެއް ކަމުގައިވިޔަސްމެއެވެ. އެހެންކަމުން ބެލުން ޙަލާލުވެގެންވާ މީހުންނަށްވެސް ޝަހުވަތާއެކު ބެލުން ހުއްދވެގެންނުވެއެވެ. މިސާލަކަށް މަޙްރަމަކަށް ޝަހުވަތަކާއެކު ބެލުން ހުއްދަވެގެންނުވެއެވެ. އަދި ޑަކުޓަރަކު ބަލިމީހަކަށް ޝަހުވަތާއެކު ބެލުން ހުއްދަވެގެންނުވެއެވެ. މީގެ މާނަައަކީ، އޭނާގެ ޕްރޮފިޝަންގެ މަސްއޫލިއްޔަތު އަދާ ކުރުމަށްޓަކާ، އެމިންވަރަށް ﷲ އަށް ނިޔަތް ޚާޞިލްކުރުމާއެކު، ފަރުވާދިނުމުގެ އިންސާނީ ދީނީ ވާޖިބު އަދާ ކުރުން އިސްލާމްދީން އޭނާ އަށް މަނާ ކުރުމެއް ނޫނެވެ. އެކަން ހުއްދަވެގެން ވެ އެވެ. ކުއްލިއަކަށް ޝަހުވަތަކާނުލައި ބަލާބެލުން ހުއްދަވެގެންވެއެވެ. އެހެންކަމުން ފުރަތަމަ ނަޡަރު ހުއްދަވެގެންވެއެވެ. ޝަހުވަތަކާ ނުލައި ގަސްތުގައި ޝަހުވާ އުފައްދާފާނެ ތަނަކަށް ބޭނުންޖެހުމުން ބެލުން ހުއްދަވެގެންވެއެވެ. އެއީ ޚިޠުބާގައި ޖެހިފައިވާ ފިރިހެނާ ޚިޠުބާގައި ޖެހިފައިވާ އަންހެނާއަށް ބަލާ ބީދައިންނެވެ. އެކަމަކު ފިތުނަވެރިކަމެއް އުފެދުމާމެދު ބިރެއް އޮތްނަމަ ބޭނުމެއްނެތި ބެލުން ހުއްދަވެގެންނުވެއެވެ. އިމާމް އިބްނު ތައިމިޔާ ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނާއަށް ޚިޠުބާގައި ބެލުމަކީ މުސްތަޙައްބު ކަމެކެވެ. ހަމައެފަދައިން ގިނަ ޢިލްމުވެރިންގެ އަރިހުގައި ޚިޠުބާގައި ބެލުމަކީ މުސްތަޙައްބުކަމެއްކަމުގައި ޞަންޢާނީ ވިދާޅުވެފައިވެއެވެ. ޙަންބަލީ މަޛުހަބުގެ ގިނަ ޢިލްމުވެރިންގެ އަރިހުގައި އަންހެނާއަށް ބެލުމަކީ ހަމައެކަނި ހުއްދަ ދަރަޖައިގެ ކަމެކެވެ. އިންޞާފުގައި ވިދާޅުވެފައިވެއެވެ. ޚިޠުބާގައި އަންހެނާ ދެކެން ބޭނުންވާ މީހާއަށް އެކަން ހުއްދަވެގެންވެއެވެ. އެއީ މުޣީރަތުގެފާނުގެ ޙަދީޘުގައި ބެލުމަށް އަމުރު ވާރިދުވެފައިވަނީ އިންޒާރުގެ ފަހަތުންނެވެ. ޤާޟީ ޢައްޔާޟްވަނީ ޚިޠުބައިގައި އަންހެނާއަށް ބެލުމަކީ މަކުރޫހަ ކަމެއްކަމުގައި ވިދާޅުވެފައެވެ. އެކަމަކު މިރައުޔައަކީ ޖުމްހޫރު ޢިލްމުވެރިން ޤަބޫލުކުރައްވާ ރައުޔައެއް ނޫނެވެ. އަދި ޙަދީސްތަކުން ދަލީލު ލިބޭ ގޮތުގައި މިރައުޔައަކީ ޞައްޙަ ރައުޔައެއްނޫނެވެ. އަދި އިމާމް ޝައުކާނީ މިރައުޔު ޞިފަކުރައްވަނީ ވަރަށް ޣަރީބު ރައުޔެއްގެ ގޮތުގައެވެ. ޝާފިޢީ މަޛުހަބުގައި މިމައްސަލައިގައި ދެރައުޔައެއް ވާރިދުވެފައިވެއެވެ. ފުރަތަމަ ރައުޔައަކީ ބެލުން ހުއްދަވެގެންވުމެވެ. މުބާޙުކަމެއްކަމުގައިވުމެވެ. އަދި މުސްތަޙައްބު ކަމެއްކަމުގައިވުމެވެ. އިމާމް ނަވަވީ ތަރުޖީޙު ދެއްވަނީ ދެވަނަ ރައުޔައެވެ. އެއީ މިކަމުގައި ވާރިދުވެފައިވާ ޙަދީޘްތަކުގެ ގިނަކަމަށްޓަކައެވެ. އިމާމް ނަވަވީ ވިދާޅުވި ފަދައިން މިމަސައްލައިގައި އެންމެ ޞައްޙަ ރައުޔައަކީ ޖުމްހޫރު ޢިލްމުވެރިންގެ ރައުޔެވެ. އަންހެނާ ދެނެގަތުމަށް އޮތް މަގުތައް: ދެމަގަކުން އަންހެންމީހާގެ ޖިސްމާނީގޮތުން ދެނެގަތުން ހުއްދަވެގެންވެއެވެ. އެއީ:- ފުރަތަމަ ގޮތް:އަންހެނަކު ފޮނުވައިގެން އޭނާގެ ޖިސްމާނީ ފުދުންތެރިކަން ދަސްކުރުމެވެ. ދެވަނަ ގޮތް: ސީދާ ޚިޠުބާ އެދޭ ފިރިހެން މީހާ އަންހެނާއަށް ސީދާ ބެލުމެވެ. މިކަމުގައި ވާރިދުވެފައިހުރި ބައެއްޙަދީޘްތައް: ޖާބިރުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲގެފާނު (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްލައްވާށި)ޙަދީޘް ކުރެއްވި އެވެ. "إذا خطب أحدكم المرأة فإن استطاع أن ينظر منها إلى ما يدعوه إلى نكاحها فليفعل" رواه أحمد و أبوا دود މާނައީ: "ތިޔަބައިމީހުންކުރެ އެކަކު އަންހެނަކާ ޚިޠުބާގައި ޖެހޭނަމަ، އެކަނބުލޭގެކިބައިން ކާވެންޏަށް ބާރުއަޅާނެކަމެއް ފެންނަންދެން ކުޅަދާނަވެގެންވާނަމަ، އެކަންކުރާ ހުށިކަމެވެ." މިޙަދީޘަކީ ޙަސަން ދަރަޖައިގެ ޙަދީޘެއްކަމުގައި އިމާމް އަލްބާނީ ވިދާޅުވެފައިވެއެވެ. އަދިވެސް ޖާބިރުގެފާނުވިދާޅުވިކަމަށްވެއެވެ. ތިމަންކަލޭގެފާނު ބަނީ ސަލަމާގެ އަންހެނަކާ ކާވެނިކުރުމަށް އެދިވަޑައިގަތް ހިނދު ސިއްރިއްޔާތުގައި އެކަނބުލޭގެއަށް ބެލީމެވެ. އެއީ އެކަނބުލޭގެއަށް ތިމަންކަލޭގެފާނު ލަންބުވައިލަވަނިވި ކަންކަން ފެންނަންދެނެވެ. رواه أبوداود އަބޫޙުމައިދު ނުވަތަ އަބޫޙުމައިދާ ވިދާޅުވި އެވެ. ރަސޫލުﷲ ( އެކަލޭގެފާނަށް ސަލާމާއި ޞަލަވާތްލެއްވަވާށި) ޙަދީޘް ކުރެއްވިއެވެ. "إذا خطب أحدكم امرأة فلا جناح عليه أن ينظر منها إذا كان إنما ينظر إليها لخطبة و إن كانت لا تعلم" رواه أحمد މުޣީރަތު ބިން ޝުޢުބާ ވިދާޅުވިއެވެ. ތިމަން އަންހެނަކާ ޚިޠުބާވީ މެވެ. ނަބިއްޔާ (އެކަލޭގެފާނަށް ޞަލަވާތާއި ސަލާމް ލައްވާށި) ޙަދީޘް ކުރެއްވިއެވެ. "انظر إليها فإنه أحرى أن يؤدم بينكما" رواه الخمسة (أحمد و أصحاب السنن) މާނައީ: އޭނާއަށް ބަލާށެވެ. އަދި ހަމަކަށަވަރުން އެގޮތް ތިޔަދެމީހުންގެ ދެމެދުގައި ގުޅުން ދެމިގެން ދިއުމަށް ގާތްކަން ބޮޑުވެގެންވެ އެވެ. އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރެއްވިކަމަށް ރިވާވެގެންވެއެވެ. ކާވަންޏެއް ކުރެއްވި ޞަޙާބީއަކަށް ޙަދީޘްކުރެއްވިއެވެ. "ތިބާއޭނާއަށް ބެލީމުހެއްޔެވެ؟" އެ ބެކަލަކު ދެންނެވި އެވެ. "ނޫނެކެވެ." ޙަދީޘްކުރެއްވިއެވެ. "إذهب فانظر إليها" رواه المسلم މާނައީ: ތިބާ އެ އަންހެނާގެ ގާތަށް ގޮސް އޭނާއަށް ބަލާށެވެ. ޢުމަރުގެފާނު ޢަލީގެފާނުގެ ދަރިކަނބަލުން އުންމު ކުލްޘޫމުގެ ޚިޠުބާއަށް އެދިވަޑައިގަތެވެ. ކާވަންޏެއް ވުމުގައި ޢަލީގެފާނަށް ވިސްނިވަޑައިގަންނަވާ އެކަށޭ ޢުމުރަށް އެކަމަނާ އޭރު އަދި ވާޞިލްވެވަޑައިގެންފައި ނުވާކަން ފާހަގަ ކޮށްލެއްވި އެވެ. މި ނުކުތާ ފާހަގަ ކޮށްލެއްވުމާއެކު، ދެންނެވި އެވެ. ތިމަންކަލޭގެފާނު އެކަމަނާ ކަލޭގެފާނު އަރިހަށް ފޮނުވާނަމެވެ. ކަލޭގެފާނު ރުހިވަޑައިގަންނަވާނަމަ، އެއީ ކަލޭގެފާނުގެ އަނބިކަނބަލެކެވެ. އަދި ޢަލީގެފާނު އެކަމަނާ ފޮނުއްވިއެވެ. ކާވަނި ވުމުގެ މަޤުޞަދުގައި ބެއްލެވޭ މި ޙާލަތުގައި އާންމު މުސްލިމު އަންހެނެއްގެ ކިބައިން ހިލޭ ފިރިހެނަކަށް ބެލުން ހުއްދަވާ މިންވަރަށް ވުރެ އިތުރަށް ޢުމަރުގެފާނު އެކަމަނާގެ ކިބައިން ދެކެވަޑައިގަތް ކަމަށްވެ އެވެ. އެހެނީ ޢުމަރުގެފާނު އެކަމަނާގެ ކުޑަކަޅުވާފުޅު ކަޝްފުކުރައްވައި އެމިންވަރަށް ބެއްލެވިކަމަށް ވެ އެވެ. އެހިނދު އެކަމަނާ ވިދާޅުވިއެވެ. لولا أنك أمير المؤمنين لصككت عينيك މާނައީ: ކަލޭގެފާނަކީ އަމީރުލް މުއުމިނީން ކަމުގައި ވެވަޑައިނުގަންނަވާނަމަ، އަޅުގަނޑު ކަލޭގެފާނުގެ ދެލޯފުޅު އުފުރައިގަތީމުހެވެ. އަންހެނާގެ ހަށިގަޑުން ބެލޭނެ މިންވަރު: މިކަމުގައި ޢިލްމުވެރިންގެ މެދުގައި ވަރަށްބޮޑު ޚިލާފެއް އެބައޮތެވެ. އެހެންކަމުން އެޚިލާފުތައް ބަޔާންކުރާނަމެވެ. ޙަންބަލީ މަޛުހަބު: ޙަންބަލީ މަޛުހަބުގެ ޢިލްމުވެރިންގެ މެދުގައި މިމައްސަލާގައި ޚިލާފުތަކެއް އެބަހުއްޓެވެ. ފުރަތަމަ ރައުޔު: ބެލުން ހުއްދަވެގެންވަނީ ހަމައެކަނި މޫނަށެވެ. މިއީ އިމާމް އަޙްމަދުގެ އަރިހުން ޞަރީޙަމަގުން ވާރިދުވެފައިވާ ރައުޔެކެވެ. އަދި ޙަންބަލީ މަޛުހަބުގެ ބައެއްޢިލްމުވެރިންގެ އަރިހުގައި އެންމެ ޞައްޙަވެގެންވާ ރައުޔައަކީ މިއީއެވެ. ދެވަނަ ރައުޔަ: ޢާންމުކޮށް ފާޅުވާ ތަންތަނަށް ބެލުން ހުއްދަވެގެންވެއެވެ. އެގޮތުން ކަނދުރައާއި ބޮލުގެ އިސްތަށިގަނޑާއި ދެއަތާއި ފައިތިލައަށް ބެލުން ހުއްދަވެގެންވެއެވެ. މިއީ ޙަންބަލީ މަޛުހަބުގެ އެންމެ މަޝްހޫރު ރައުޔެވެ. ޝާފިޢީ މަޛުހަބު: ޝާފިޢީ މަޛުހަބުގެ ޢިލްމުވެރިންގެ ފުރަތަމަ ރައުޔައަކީ އަންހެނާއަށް ބެލުން ހުއްދަވެގެންވަނީ ހަމައެކަނި ޢައުރަކަމުގައި ނުހިމެނޭ ތަންތަނަށެވެ. އެއީ މޫނާއި ދެއަތްތިލައެވެ. އެއީ އެ އަންހެނާގެ ހުއްދައާއެކު ނުވަތަ ހުއްދަނެތިވެސްމެއެވެ. އެހެންނަމަވެސް ޝާފިޢީ މަޛުހަބުގެ ބައެއް ޢިލްމުވެރިންކުރެ ރިވާވެގެންނެވެއެވެ. ޚިޠުބާގައި އަންހެނާއަށް ފިރިހެނަކު ފިރިހެނަކަށް ބަލާބީދައިން ބެލިދާނެއެވެ. މިރައުޔައަކީ ޝާފިޢީ މަޛުހަބުގެ މުޢުތަބަރު ދަންނަބޭކަލުން ޤަބޫލުކުރައްވާ ރައުޔައެއްނޫންކަމުގައި އަލްއިމާމް ނަވަވީ ވިދާޅުވެފައިވެއެވެ. ޙަނަފީ މަޛުހަބު: ޙަނަފީ މަޛުހަބުގައިވެސް ބެލުން ހުއްދަވެގެންވަނީ ހަމައެކަނި އަންހެނާގެ ޢައުރަކަމުގައި ނުހިމެނޭ ހިސާބަށެވެ. އެއީ މޫނާއި ދެއަތްތިލައެވެ. އެހެންތަންތަނަށް ބެލުން ޙަރާމްވެގެންވެއެވެ. މާލިކީ މަޛުހަބު: މާލިކީ މަޛުހަބުގެ ޢިލްމުވެރިންވެސް ދެކެވަޑައިގަންނަވާ ގޮތުގައި އަންހެނުންގެ ޢައުރަ ފިޔަވައި އެހެން ތަނަކަށް ބެލުމަކީ ހުއްދަވެގެންވާކަމެއްނޫނެވެ. ޡާހިރީ މަޛުހަބުގެ ޢިލްމުވެރިން: ޡާހިރީ މަޛުހަބުގެ ޢިލްމުވެރިންގެ ތެރެއިން ދާވޫދުއްޡާހިރީއާއި އިމާމް އިބްނުޙަޒުމު ވިދާޅުވެފައިވެއެވެ. ބެލުން ހުއްދަވެގެންވަނީ އަންހެނާގެ މުޅި ހަށިގަނޑަށް ވަކި ގުނަވަނެއް އިސްތިސްނާކުރުމެއް ނެތް ގޮތެއްގައެވެ. އަލްއިމާމް އައުޒާޢީ ވިދާޅުވެފައިވެއެވެ. އަންހެނާގެ ހަށިގަނޑުގައި ހުންނަ މަސްޖަހާފައިވާ ގުނަވަންތައް ނުވަތަ ރީތިކަން ފާޅުކުރުވާ ގުނަވަންތަކަށް ބެލުން ހުއްދަވެގެންވެއެވެ. ރާޖިޙު ރައުޔު: ޡާހިރީ މަޛުހަބުގެ ރައުޔުގެ ދަލީލަކީ فانظر إليها މިބަސްފުޅު ޢާންމުކޮށް އައިސްފައި އޮތުމެވެ. މިބަސްފުޅުގެ މާނައަކީ:- ކަލޭ އޭނާއަށް ބަލާށެވެ. މިބަސްފުޅުގައި އެއްވެސް މިންވަރެއްގެ ޤައިދެއް ނެތް ކަމުން އަންހެނާގެ މުޅި ހަށިގަނޑު ބެލުމަށް ހުއްދަ ލިބޭނެކަމަށް އެބޭކަލުން ދެކެވަޑައިގަންނަވައެވެ. ފިރިހެނުން އަންހެނުންނަށް ބެލުމުގެ ޙުކުމުގެ އަޞްލަށް ރުޖޫޢަވާއިރު، އެއީ ޙާއްޖަތެއް ނެތްނަމަ ހުއްދަކަމެއްނޫނެވެ. އެހެނީ މުއުމިނުންނަށް އަމުރުވެވިގެންވަނީ ބެލުންތައް ތިރިކުރުމަށެވެ. އަންހެނުންނަށް ނުބެލުމަށެވެ. ޚިޠުބާގައި ބެލުމަށް ދެވޭ ހުއްދައަކީ އެކަމުގައި އެކުލެވިގެންވާ ޙާއްޖަތަކަށްޓަކައި ދެވޭ ހުއްދައެކެވެ. ފިޤުހީ ޤާޢިދާގައި ބަޔާންވެގެންވެއެވެ. الضرورات تقدر بمقدارها. މާނައީ: ޟަރޫރާތްތައް މިންކުރެވޭނީ އެޟަރޫރަތުގެ މިންތަކުންނެވެ. މިޤާޢިދާއަށް ބަލާއިރު ޚިޠުބާގެ ބޭނުމަކީ އަންހެނާގެ ޒީނަތްތެރިކަން ހުރި މިންވަރާއި ޖިސްމާނީ ގޮތުން ފިރިހެން މީހާ ހިތްހަމަ ޖެހޭތޯ ބެލުމެވެ. އެހެންކަމުން މިކަމުގައި މުޅި ހަށިގަނޑު ބެލުމަށް ބޭނުންވާނެ ކަމަކަށް ނުފެނެއެވެ. އެހެންކަމުން މިރައުޔައަކީ ބަލައިގަނެވޭނެ ރައުޔައެއް ނޫނެވެ. ޑަކްޓަރ ވަހުބަތުއް ޒުޙައްލީ ދެކެވަޑައިގަންނަވާ ގޮތުގައި ޚިޠުބާގައި އަންހެނާއަށް ބެލުމުގައި އެންމެ ޞައްޙަކަން ބޮޑު ރައުޔައަކީ ޙަންބަލީ މަޛުހަބުގެ ދެވަނަ ރައުޔައެވެ. އެއީ ޢާންމުކޮށް އަންހެނާގެ ކިބައިން ފާޅުވާ ގުނަވަންތަކަށް ބެލުން ހުއްދަވުމުގެ ރައުޔައެވެ. އެހެނީ އެގުނަވަންތައް ބެލުމަކީ ޙާއްޖަތު ނުވަތަ ބޭނުން ފުއްދުމަށް ބޭނުންތެރި ގޮތެކެވެ. އަދި އިސްވެދިޔަ ޙަދީޘްތަކުގައި އިމެއް ކަނޑައެޅިފައިނެތި ޢާންމުކޮށް އައިސްފައިވާތީއެވެ. އަދި ޢުމަރުގެފާނުގެ ޢަމަލުފުޅުންވެސް މިރައުޔައަށް ބާރުލިބޭކަމުގައި ޑަކްޓަރ ވަހުބަތުއް ޒުޙައިލީ ދެކެލައްވަތެވެ. ޝައިޚު ސައްޔިދު ސާބިޤު ރަނގަޅު ރައުޔައެއްކަމަށް ދެކެވަޑައިގަންނަވަނީ އަންހެނާގެ ރީތިކަން ދެނެގަތުމަށް ކޮންމެހެން މުހިއްމު މިންވަރު ބެލުން ހުއްދަވުމެވެ. އޭނާގެ ދަލީލަކީ ޢުމަރުގެފާނުގެ ޢަމަލުފުޅާއި ކީރިތި ރަސޫލުﷲގެފާނު (އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި ސަލާމްލައްވާށި!)ގެ ޙަދީސްތަކުގައި އަމުރު ޢާންމުކޮށް އައިސްފައިވުމެވެ. އެހެންކަމުން އެނގެނީ ބޭނުންވާ މިންވަރު ބެލިދާނެކަމެވެ. އަދި ޢުމަރުގެފާނުގެ ޢަމަލުފުޅާއި ޖާބިރުގެފާނުގެ ޢަމަލުފުޅު ންވެސް މިކަން މިހެން ކުރެވޭނެކަމަށް ދަލީލު ލިބެއެވެ. (ނިމުނީ) މަރުޖިޢުތައް: 1- فقه السنة ލިޔުއްވީ: އައްޝައިޚު ސައްޔިދު ސާބިޤު ޗާޕްކުރީ: ދާރުލް ފަތުޙު (1998) ފުރަތަމަ ޗާޕް 2- سبل السلام فى شرح بلوغ المرام ލިޔުއްވީ: محمد بن إسماعيل الصنعاني ޗާޕުކުރީ: ދާރުލްކިތާބިލް ޢަރަބީ (1999) ތޭރަވަނަ ޗާޕް 3- موسوعة ابن تيمية ލިޔުއްވީ: ޑަކްޓަރ މުޙައްމަދު قلعة جى ޗާޕްކުރީ: ދާރުއްނަފާއިސް (1998) ފުރަތަމަ ޗާޕް 4- الأحوال الشخصية ލިޔުއްވީ: އިމާމް މުޙައްމަދު އަބޫޒުހުރާ ޗާޕްކުރީ: ދާރުލްފިކުރިލް ޢަރަބީ (1957) ތިންވަނަ ޗާޕް 5- الموسوعة الفقهية އެކުލަވައިލެއްވީ: وزارة الأوقاف و الشئون الإسلامية ޗާޕްކުރީ: ޠަބުޢަތު ޛާތު ސަލާސިލް (1990) ދެވަނަ ޗާޕް 6- الفقه الإسلامي و أدلته ލިޔުއްވީ: الدكتور وهبة الزحيلي ޗާޕްކުރީ: ދާރުލް ފިކުރި (1989) ތިންވަނަ ޗާޕް 7- روضة الطالبين ލިޔުއްވީ: އިމާމް ނަވަވީ ޗާޕްކުރީ: ދާރުލް ފިކުރު (1995) ފުރަތަމަ ޗާޕް 8- كتاب المجموع شرح المهذب ލިޔުއްވީ: އިމާމްނަވަވީ ޗާޕްކުރީ: ދާރު އިޙްޔާއިއް ތުރާޘިލް ޢަރަބީ (1995) ފުރަތަމަ ޗާޕް 9- الإنصاف ލިޔުއްވީ: ޢަލާއުއްދީން އަބުލްޙަސަން ޢަލީ ބިން ސުލައިމާން އަލްމަރުދާވީ ޗާޕްކުރީ: ދާރު އިޙްޔާއިއް ތުރާޘިލް ޢަރަބީ (1998) ފުރަތަމަ ޗާޕް 10- مجموع الفتاوى لإبن تيمية މުއައްލިފު: ޝައިޚުލް އިސްލާމް އިބްނު ތައިމިޔާ، ޗާޕްކުރީ: ދާރުލްވަފާއި (2001) ދެވަނަ ޗާޕް 11- نيل الأوطار ލިޔުއްވީ: އަލްއިމާމް ޝައުކާނީ ޗާޕްކުރީ: ދާރުލް ކުތުބުލް ޢިލްމިއްޔާ (1995) ފުރަތަމަ ޗާޕް މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)
![]()
...
ލިޔުނީ ކާޑިނަލް, 2010-04-03 06:28:10
މާޝާﷲ ! ދީނީ ޢިލްމުން ފުރިގެންވާ އަގުހުރި ލިޔުމެއް މިއީ. ނޭންގޭ އެތައް މަޢުލޫމާތު ތަކެއް ލިބިގެން ހިނގައްޖެ. ލިޔުންތެރިޔާގެ މި މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި. އާމީން
...
ލިޔުނީ ތުއްފާށަނާ, 2010-04-03 18:39:36
މިލިޔުމުގެ މަޢުލޫމާތަކާމެދު އަޅުގަނޑު ތަޢުރީފުކުރަމެވެ. މިފަދަ ބުރަ މަސައްކަތެއް ކޮށްދެއްވިކަމަށް އަލްއަޚް ޝިފްޒާނަށް ޝުކުރު ދަންނަވަމެވެ. މިލިޔުމަކީ އަދު ދިވެހި މުޖުތަމަޢަށް ނުހަނު ބޭނުންތެރި މައުޟޫޢަކަށް ލިޔެވިފައިވާ ލިޔުމެކެވެ. ވީމާ މިލިޔުން ވީހާވެސް ގިނަ ސައިޓްތަކުން ފެންނާނެ ގޮތް ހެދުން ބުއްދިވެރިކަމަށް ފެނެއެވެ،
ތިރީގައި ފާހަގަކުރެވިފައިވާ ކަންކަމީ ލިޔުމުގެ ބައެއް ކުދިކުދި ކުށެވެ. ފުރިހަމަ ކަމުން ކަންނޭނގެއެވެ. މިތަކެތި ފެނުނީ ބޮޑުވާ ބިއްލޫރި އަޅައިގެން އަތްފުނާއެޅީމައެވެ. އެކަމަކު އިސްވެދިޔަ ތަޢުރީފަކީ ތަފްޞީލު ތަޢުރީފެކެވެ. "އިސްވެދިޔަ"އިގެ ބަދަލުގައި މިތާ "ފުރަތަމަ" އޮތުން ރަނގަޅުކަމަށް ފެނެއެވެ. އޭރުން މިޖުމްލައިން އެއިޝާރާތްކުރަނީ ކޮން އެއްޗެއްކަށްކަން މާބޮޑު އުނދަގުލަކާއި ނުލާ އެނގޭނެއެވެ. ކާވެނީގެ ކުރިން ދެމީހުންގެ ދެމެދުގައި ލޯތްބާއި މަވައްދަތު ބޭއްވޭނެ ކަމުގެ ޔަޤީންކަން ލިބިގަތުމެވެ. މިޖުމްލައިގެ ފެށްޓުމަށް "އެއީ" އިތުރުކޮށްލައިފިނަމަ ޖުމްލަ އިތުރަށް ފުރިހަމަވެގެންދާނެއެވެ. ''އަދި ކަލޭގެފާނު މުއުމިނު އަންހެނުންނަށް އެކަބަލުންގެ ބެލުންތައް ތިރިކުރުމަށާއި ފަރުޖު ރައްކާތެރިކުރުމަށް އަންގަވާށެވެ.'' މިތާ ހިމަނަންވީ ފިރިހެނުންނަށް އޮތްބައި ދެއްތޯ؟ "ބެލުމަކީ އިބިލީހުގެ ދުނީގެ ތެރެއިން ދުންޏެކެވެ." މިތާ "ބެލުމަކީ އިބިލީހުގެ ދުނިތަކުގެ ތެރެއިން ދުންޏެކެވެ." ޖެހުނުނަމަ ޙަދީޘްގައި އޮތް ޢިބާރާތާ މާގާތްކަމަށް ފެނެއެވެ. އިންޞާފުގައި ވިދާޅުވެފައިވެއެވެ. "އިންޞާފުގައި (އަލްއިމާމް) އަލްމަރުދާވީ ލިޔުއްވާފައިވެއެވެ (ވިދާޅުވެފައިވެއެވެ.)" މިހެން އޮތުން ކިހިނެއްތޯއެވެ. ފުރަތަމަ ރައުޔައަކީ ބެލުން ހުއްދަވެގެންވުމެވެ. މުބާޙުކަމެއްކަމުގައިވުމެވެ. އަދި މުސްތަޙައްބު ކަމެއްކަމުގައިވުމެވެ. މިތާގައި ދެވަނަ ޖުމްލަ "ދެވަނަ ރައުޔަކީ މުސްތަޙައްބު ކަމެއްކަމުގައިވުމެވެ." މިގޮތަށް ބަދަލުކޮށްލުން ރަނގަޅުކަމަށް ފެނެއެވެ. އެއާ ޖެހިގެން އަންނަ، "އިމާމް ނަވަވީ" ޖުމްލައާ އެއިރުން ޖުމްލަ މާބޮޑަށް ގުޅެންވެސް ގުޅެއެވެ. "إذا خطب أحدكم امرأة فلا جناح عليه أن ينظر منها إذا كان إنما ينظر إليها لخطبة و إن كانت لا تعلم" رواه أحمد މިޙަދީޘްގެ ތަރުޖަމާއެއް ނެތެވެ. ދެން ބަހެއްގެ މާނަ، އަޅުގަނޑަށް އެނގޭ މިންވަރުން، ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލާނަމެވެ. ޣަރީބު: ބީރައްޓެހި، ބީރައްޓެހިކަމުގެ ސަބަބުން ފާހަގަކުރެވޭފަދަ. އަލްއަޚް ޝިފްޒާންގެ މިފަދަ އިތުރު ލިޔުމެއްގެ އިންތިޒާރީގައި...
...
ލިޔުނީ ޒާން, 2010-04-04 13:03:31
އަލްއަޚް ތުއްފާށަނާގެ ޚިޔާލުފުޅު ބަލައިގަންނަމެވެ. ދެން ލިޔާ ލިޔުމެއްގައި ތިޔަ ދެއްވި ޚިޔާލުފުޅުތަކާ އެއްގޮތަށް ޢަމަލުކުރެވޭތޯ ބަލާނަމެވެ. އަދި ދެއްވި ހިތްވަރަށާއި ކުރެއްވި ތަޢުރީފަށްޓަކައި ޝުކުރުގެ ޖިޒީތައް ބަރުތީލަކުރަމެވެ.
ކާޑިނަލްއަށް މާތްﷲ ބަރަކާތް ލައްވާށިއެވެ. ދެބޭފުޅުންނަށްވެސް ހެޔޮ ޖަޒާދެއްވުން އެދެމެވެ.
... ލިޔުނީ އެކުވެރިތާ, 2010-04-05 08:46:38
ޝަހުވަތަކާ ނުލައި ގަސްތުގައި ޝަހުވާ އުފައްދާފާނެ ތަނަކަށް ބޭނުންޖެހުމުން ބެލުން ހުއްދަވެގެންވެއެވެ. އެއީ ޚިޠުބާގައި ޖެހިފައިވާ ފިރިހެނާ ޚިޠުބާގައި ޖެހިފައިވާ އަންހެނާއަށް ބަލާ ބީދައިންނެވެ.....
މިޖުމްލައިގައިމިވަނީ ޚިތުބާގައި ކިހިނެއްބަލާވާހަކކަތޯ ތަފްސީލް ކޮށްދިނުން އެދެން..ޑޮކްޓަރުން ބަލިމީހުން ބައެފަހަރު ހާލަތުގެގޮތުން އައުރަ މުޅިން ހާމަވާގޮތަށްވެސް ބަލާ... ނަމަވެސް ޚިތުބކުރާފަރާތާއި ކުރެވޭފަރާތް އެއްވެސް ނިވާކަމެއް ނެތި އެކަކު އަނެކަކުގެ ޝަހުވާނީ ގުނަވަންތަކަށް ބެލުން ހުއްދަވާނެކަމަކަށް ގަބޫލެއްނުކުރެވޭ ޝަހުވަތަކާ ނުލައިވިޔަސް،،، ނަމަވެސް އެއްވެއް އައިބެއް ވާކަމުގައި ވާނަމަ އެކެން ހާމަކޮށްދިނުމަކީ އޮންނަކަމެއް، އަދި ކުރަންޖެހޭނެކަމެއް. ސަބަބު: މިހާރުގެ ކުދިން ބިޓުން އެންގޭޖްވުމަށްފަހު އެކަކު އަނެކަކަށް ވަރަށް ރަގަޅަށް ބަލައެވެ. މިބެލުންތަކަށް މިޖުމްލައިގެ ސަބަބުން ބާރުލިބެއެވެ. އެބެލޭނެ މިންބަރު އެތާގައި ހާމަކޮށްލުން އެދެނެ ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |
މި ލިޔުމުން އެނގުނީ އަޅުގަނޑުމެންގެ އިސްލާމްދީނުގައި އޮތީ، ކަންކަމުގައި މެދުމިން އުސޫލެއްކަމެވެ. ނިވާ ނުވުމުގައި ހައްދެއް އޮތް ފަދައިން، ނިވާވުމުގައި ވެސް ހައްދެއް އެބަ އޮތެވެ. ކައިވެނީގެ ކަންކަމުގައި ލިބިދޭ ލުއިކަމެއް އެބަ އޮތެވެ. ރައްޓެހިވެގެން އުޅުމުގެ ނަމުގައި މީހާގެ އަބުރު ދުއްވާލަކަށް ނުޖެހެ އެވެ. އޭގެ ބަދަލުގައި ރައްޓެހި ވުމަކީ އެކަކު އަނެކަކަށް އެނގުން ކަމުގައި ލެއްވި އެވެ. ހަމަ އެހެންމެ، އަންހެންކުއްޖާގެ ކަނދުރާއާއި ބޮލުއިސްތަށިގަނޑު ހާމަވާ ސިޓްއޭޝަނެއް އެބަ އާދެ އެވެ. އެކަމަކު އަތްލުން ހުއްދައެއް ނޫނެވެ. ގޯސްކަމަކަށް އަރައިގަނެވިދާނެތީ އެވެ. އަދި ދީނުގެ ކަމެއްގައި ދަންނަބޭކަލުން ޚިޔާލުތަފާތުވެފައިވާ މިންވަރުން ވިސްނުނީ، ޚިޔާލުތަފާތުވުމަކީ ޒުވާބު ކުރަންވީ ކަމެއް ވެސް ނޫންކަމަށެވެ. ޚިޔާލުތަފާތު ވެއްޖެއްޔާ އޭގެ ތެރޭން ކޮންމެ ހިޔާލަކަށް ވެސް ރެސްޕެކްޓް ކުރަންޖެހޭނެ އެވެ.