މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އިންސާނީ ޠަބީޢަތު އެދޭގޮތް |
|
|
| ދީން - ދިރާސާ | |||
| 07 އެޕރީލް 2010، 01:29 ބުދަ | |||
|
ޢަބްދުﷲ ފާރޫޤު ޙަސަން ފާރިސީ ޝާޢިރެއްގެ ޅެންބައިތެއްގެ މާނައިގައިވެއެވެ. ސަހަރާގެ ހުރިހައި ފުއްލާތައް އެސޮރުމެންގެ ބޯތައް އަތްމައްޗަށްލައިގެން އެތިބަ ހިނގަނީ، ކޮންމެވެސް ދުވަހަކުން ކަލޭ އައިސް ޝިކާރަ ކުރާނެކަމުގެ އުންމީދުގައެވެ.ޝާޢިރު މި ޅެން ހައްދަވައިފައިވަނީ، ކޮންމެ މާނައެއްގައި ކަމުގައިވިޔަސް، އެއް މާނަޔަކަށް ވަރަށް ރަނގަޅަށް ފެތެއެވެ. އެއީ އިންސާނީ ފިޠުރަތު އެދޭ އެދުމެކެވެ. ކޮންމެ އިންސާނެއްގެ ފިޠުރަތުގައިވެސް ވަނީ އޭނާ ޚާލިޤު ހޯދައިގަތުމާއި، އެފަރާތަށް އަޅުކަންކުރާ މީހަކަށްވުމުގެ އެދުން އެކުލެވިފައެވެ. ކޮންމެ މީހެއްގެވެސް ޠަބީޢަތު އެކަމަށް އެދެނީ، އޭނާގެ ނަފްސާ ވަކިކޮށް ނެރެ އެއްލައިނުލެވޭފަދަ ވަރުގަދަ ގޮތެއްގައެވެ. ތެދުވެރި ނަބީން ހުށަހަޅުއްވައިފައިވާ ހުރިހައި ދީންތަކަކީ، އިންސާނީ ޠަބީޢަތު ހޯދަން އެދޭ އިލާހުގެ ތަޢާރުފެކެވެ. ނަމަވެސް، އިސްވެދިޔަ ދީންތަކުގެ ޚާލިޞްކަން ވަނީ ގެއްލިފައެވެ. އެ ދީންތައް ވަނީ އަސްލާ ތަފާތުވެ، ގަޑުބަޑުވެފައެވެ. އެ ދީންތަކަށް ގެނެވިފައިވާ ބަދަލުތަކުގެ ސަބަބުންނެވެ. ބޭރުން ގެނެސް އިތުރުކޮށްފައިވާ އިތުރުކުރުންތަކުގެ ސަބަބުންނެވެ. އެހެންކަމުން، އުނިއިތުރު ގެނައުމަކާނުލައި، އިލާހުވަންތަ ފަރާތް ތަޢާރުފުކޮށްދޭ ދީނަކަށްއޮތީ ހަމައެކަނި އިސްލާމްދީނެވެ. މި މޭރުމުން ބަލާއިރު، ދުނިޔޭގެ ހުރިހައި އިންސާނުން ހޯދަމުން ގެންދަނީ، އިސްލާމްދީން ކަމުގައި ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އިލާހުވަންތަ ފަރާތަކަށް ބޭނުންވުމުގެ ޝުޢޫރަކީ އިންސާނުންގެ އުފެދުމުގައި އޭނާގެ ޠަބީޢަތާ ގުޅިފައިވާ ކަމެކެވެ. އިސްލާމްދީނަކީ އިލާހުވަންތަ ފަރާތުގެ ތަޢާރުފާއި، އެކަލާނގެ ރުހިވޮޑިގެންވާގޮތް އެއްވެސް ބަދަލެއް ނުގެނެސް ފިލާންއޮތް ހަމައެކަނި ދީނެވެ. މި ދެކަންތައް ގުޅުވައިލައްވަ ބައްލަވާށެވެ. މުސްލިމުންގެ އަތުގައި އޮތް އެންމެ އަގުހުރި އެއްޗަކީ އިސްލާމްދީންކަން އޭރުން އެނގިވަޑައިގަންނަވާނެއެވެ. ދުނިޔޭގެ ފާތިޙަކީ އިސްލާމްދީން ކަހަލައެވެ. އިސްލާމްދީނަކީ އިންސާނިއްޔަތުގެ ފާތިޙެވެ. އިސްލާމްދީނުގެ ސިފައިގައި މުސްލިމުންނަށް ލިބިފައި މިވަނީ، މޫސާގެފާނުގެ އަސާކޮޅަށް ވުރެވެސް މާ ބާރުގަދަ އެއްޗެކެވެ. މުސްލިމުންނަށް އެ ދީނުގެ ޒަރީޢާއިން ކޮންމެ މީހެއްގެ ހިތްވެސް ފަތަޙަކޮށްލެވިދާނެއެވެ. ކޮންމެ ޤައުމެއްގެ މީހެއް ކަމުގައިވިޔަސް ވެހެވެ. ކޮންމެ ބަހަކުން ވާހަކަދައްކާ މީހެއް ކަމުގައިވިޔަސް ވެހެވެ. އިންސާނާއަކީ މިދުނިޔޭގައި ލައްވައިފައިވާ ފިޠުރަތުގެ ގޮމަކަސްތޫރި ފުއްލާއެކެވެ. ކޮންމެ އިންސާނަކުވެސް މަސައްކަތް ކުރަމުން ގެންދަނީ، އެ ޙަޤީޤަތަކާނުލައި އޭނާގެ ޝަޚްޞިއްޔަތު ފުރިހަމަވުމެއްނެތް ޙަޤީޤަތެއް ހޯދުމަށެވެ. އިސްލާމްދީނަކީ އެ އަބަދީ ޙަޤީޤަތުގެ އެންމެ އިތުބާރުހުރި އެޑިޝަނެވެ. މިގޮތުން ބަލާއިރު، ކޮންމެ އިންސާނަކުވެސް ވަނީ މުސްލިމުން އައިސް މާތް اللّه ގެ ތެދުވެރި ދީން އެމީހެއްގެ ކުރިމައްޗަށް ހުށަހެޅުމުގެ އިންތިޒާރުގައި ކަހަލައެވެ. އޭނާ ބޭނުންވެގެން އެއުޅޭ އެއްޗަކާ، އެ ދީނާ އެއްގޮތްކަންދަނެ، އޭނާގެ ރޫޙު އެ ދީން ޚިޔާރު ކުރުމަށްޓަކައެވެ. زيد بن عمروبن نفيل (606މ.) އަކީ، ޤަދީމީ މައްކާގެ ވަޒަންވެރިއެކެވެ. رسول اللّه صلّى اللّه عليه وسلّم ރަސޫލުކަމާއިގެން ފޮނުއްވުމުގެ ފަސްއަހަރު ކުރީން އޭނާ އަވަހާރަވެއްޖެއެވެ. އޭނާއަކީ ޖާހިލިއްޔަ ޒަމާނުގައި ޙަނީފުންގެ ނަމުގައި ފާހަގަކުރެވުނު މީހުންގެ ތެރެއިން ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. އެހެން ޢިބާރަތަކުން ދަންނަވާނަމަ، އޭނާއަށް ޙައްޤު ދީން ހޯއްދަވަން އުޅުއްވި ބޭކަލެއްގެ ނަންފުޅު އެރުވިދާނެއެވެ. އޭނާގެ ޅެންބައިތެއްގައި ވެއެވެ. اربا واحدا ام الف ربّ ادين اذا تقسمت الامور ދީނުގެ ކަންތައް ބައިބައިވެގެން ހިނގައްޖެނަމަ، ދީނެއްގެ ގޮތުގައި އަހަރެން ބަލާންވީ އެއްކަލަކަށް އަޅުކަންކުރާ ދީނެއް ހެއްޔެވެ؟ ނުވަތަ ހާސްކަލުންނަށް އަޅުކަންކުރާ ދީނެއް ހެއްޔެވެ؟ ޒައިދު އޭނާގެ ކާބަފައިންގެ ދީނާ މެދަކު ހިތްޕުޅު ހަމަޖެހިވަޑައެއް ނުގެންނެވިއެވެ. އޭނާ ޙައްޤު ދީނެއް ހޯއްދެވުމަށްޓަކައި ޢަރަބިކަރައިގެ ކަންކޮޅުތަކަށް ދަތުރުފުޅު ކުރެއްވިއެވެ. ޝާމްކަރަޔާއި އަދި އެނޫންވެސް ބައެއް ކަރަކަރައިގައި ހުރަހަށާއި ދިގަށް، ކުރުކާލި ކެނޑުއްވިއެވެ. ނަމަވެސް އޭނާއަކަށް ޙައްޤު ދީން އޮޅުންފިލައިވަޑައެއް ނުގެންނެވިއެވެ. އެހެންކަމުން އޭނާ އަވަހާރަވީ، އަންނަނިވި ޢިބާރާތް ވިދާޅުވަމުންނެވެ. اللهم انى لواعلم احب الوجوه اليك عبدتك به وللكنى لااعلم [އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ރަސްކަންފުޅަށް އަޅުކަންކުރަން އިބަރަސްކަލާނގެ އެންމެ ރުހިވޮޑިގެންވާ ގޮތަކީ ކޮބައިކަން މިއަޅާއަށް އެނގޭނަމަ، އެގޮތަކަށް އަޅުކަން ކުރީމުހެވެ. ނަމަވެސް، މިއަޅާއަކަށް އެގޮތެއް އޮޅުމެއް ނުފިލައެވެ.] (އަލްބިދާޔަތު ވައްނިހާޔަތު ޖިލްދު: 2 ޞަފްޙާ: 237) މިއީ މީލާދީން ހަތްވަނަ ސައްތައިން ފެށިގެން ދުނިޔޭގެ ޙާލަތު އޮތްގޮތް ބަޔާންކޮށްދޭ ހާދިސާއެކެވެ. އޭރު މުޅި ދުނިޔެ އޮތީ ޙައްޤު ދީން އޮޅުންފިލުމުގެ ނިޢުމަތުން މަޙްރޫމްވެފައެވެ. އޭރު މުޅި އިންސާނިއްޔަތު އޮތީ ޙައްޤު ދެނެގަތުމުން މަޙްރޫމްވެފައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އެތެރެފުށުން އިޙްސާސްކުރަމުން ގެންދިޔައީ، ޙައްޤު އޮޅުންފިލުމުން މަޙްރޫމްވެފައިވާ ކަމެވެ. އެބަޔެއްގެ ހިތުގައި އެ އިޙްސާސް ވަރުގަދަ މީހުން ތިބީ، زيد بن عمرو ފަދައިން ފިކުރު ބޮޑުވެފައެވެ. އެބަޔެއްގެ ހިތުގައި އެކަމަށް ފެންބޮވައިގަތުމުގެ އަސަރު އެހައި ވަރުގަދަ ނޫން މީހުން ތިބީ، ޙައްޤު ދީން ދެނެގަތުމަށް ޙާލުގެ ދުލުން އެދިއެދިއެވެ. އެވަގުތު އަރަހުށި މާތް اللّه އިންސާނީ ނަސްލުގެ ތެރެއިން އެންމެ ހެޔޮކަންބޮޑު ސާހިބާ محمّد بن عبداللّه ހޮއްވަވައި ޚިޔާރު ކުރެއްވިއެވެ. ޢަރަބިކަރައާއި ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކުގެ އަހުލުވެރީންނަށް ޙައްޤު ދީން އޮޅުންފިލުއްވައި ދެއްވާނެ ނަބީބޭކަލެއް ކަމުގައި އެކަލޭގެފާނު ޢައްޔަން ކުރެއްވިއެވެ. ވަޙީގެ މަލާއިކަތާ މެދުވެރިކުރައްވައި އެކަލޭގެފާނަށް ބަސް ވަޙީ ކުރެއްވިއެވެ. އެކަލޭގެފާނު ދީން ފެތުރެއްވެވުމުގެ މަސައްކަތްޕުޅަށް އެކަލޭގެފާނުގެ ހަށިކޮޅު އެކީއެކަށް ވަޤުފު ކުރެއްވިއެވެ. މިއަދު އިންސާނުން އަނެއްކާވެސް އެތިބަ ގޮވަނީ، ކުރީގެ ޙަނީފުންވެސް ގޮވައިލެއްވި ގޮވައިލެއްވުމެވެ. ނަސީބުވެރިންނަކީ އެ މަސައްކަތަށްޓަކައި ތެދުވާ މީހުންނެވެ. އިންސާނުންގެ ގޮވައިލުމުގެ ޖަވާބު ހޯދައިދޭ މީހުންނެވެ. އިންސާނިއްޔަތު މިއަދު އެންމެ ބޮޑަށް އިންތިޒާރު ކުރަމުން ގެންދަނީ، އެފަދަ މީހުންނަށެވެ. (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|