މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ޙަޤީޤީ މުޢުޖިޒާތް |
|
|
| ދީން - ދިރާސާ | |||
| 17 އެޕރީލް 2010، 00:37 ހޮނިހިރު | |||
|
ޢަބްދުﷲ ނަޢީމު އިބްރާހީމް އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ ތިން ހަތަރު މާއްދާއެއް އެކުވެގެންނެވެ. ފެނާއި، ކާރބަނާއި، އޮކްސިޖަނާއި، މީގެ އިތުރުން ބައެއް މާއްދާތައް އެކުވެގެންނެވެ. ބޭރު ފުށަށް ބަލާއިރު އިންސާނާއަކީ މި ދެންނެވުނު ފަދަ ހައެއްކަ މާއްދާގެ މަސްހުނިގަނޑެކެވެ. ރޮބަރޓް ޕެޓިސަން (R. Pattison)އިންސާނާގެ ހަށިގަނޑުގައި އެކުލެވިފައިވާ މިދެންނެވުނު މާއްދާތަކުގެ އަގުބަލައި ހިސާބުކުރިއެވެ. ބާޒާރުގެ އަގުތަކަށް ބަލާއިރު މިތަކެތީގެ އަގު އަރަނީ ހަ ޑޮލަރު ބަޔަށެވެ. އެއީ ގާތްގަނޑަކަށް ދިވެހި ރުފިޔާގެ އަށްޑިހަ ވަރަކަށް ރުފިޔާއެވެ. ދުނިޔޭގެ އެއްވެސް ފައިސާއަކުން އަގު ނުކުރެވޭ ފަދަ އަގުހުރި އިންސާނާ ހައްދަވާފައިވަނީ "އަށްޑިހަ ރުފިޔާ" ގެ ސާމާނުންނެވެ. އަށްޑިހަ ކަރަބު ރުފިޔާއިންވެސް އެ އިންސާނާގެ އަގު ޢަދަދެއް ނުކުރެވެއެވެ. އިންސާނާގެ އަގު ބޮޑުކަން ވަޒަން ކުރެވެނީ އޭނާގެ ގުނަވަނެއް ކަނޑާލަން ނުވަތަ ހަށިގަނޑުން ވަކިކޮށްލަން ޖެހުނީމައެވެ. އިންސާނާގެ އަތް އޭނާގެ ހަށިގަނޑުން ވަކިވެގެން ހިނގައްޖެނަމަ އެތައް އަރަބު ޑޮލަރެއް ޚަރަދުކޮށްގެންވެސް އެ ކަހަލަ އަތެއް ނުލިބެއެވެ. އިންސާނާގެ ލޮލުގެ ފެނުން ގެއްލިއްޖެނަމަ ދުނިޔޭގެ ހުރިހާ ފައިސާ ޚަރަދުކޮށްގެންވެސް ރަނގަޅު ލޮލެއް ނުލިބެއެވެ. އިންސާނާގެ ދުލުގެ ބާރު ކެނޑި ވާހަކަ ދެއްކުން ހުއްޓިއްޖެނަމަ ދުނިޔޭގެ އެއްވެސް ބާޒާރަކުން ވާހަކަ ދެއްކޭ ކަހަލަ ދުލެއް ހޯދުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ﷲ ގެ ކުޅަދުންވަންތަކަން ކިހައި ބޮޑުތޯއެވެ؟ އެއްވެސް އަގެއްނެތް މާއްދާތަކަކުން އިންތިހާއަށް އަގުބޮޑު އެއްޗެއް އުފައްދަވަނީއެވެ. އެއްވެސް ދިރުމެއް ނެތް އެއްޗެއް ދިރޭ އެއްޗަކަށް ބަދަލު ކުރައްވަނީއެވެ. އެއްވެސް އަސަރެއް ނުކުރާ، ޝުޢޫރެއް ނުހިނގާ މާއްދާތަކަކުން އަސަރު ކުރާ، ޝުޢޫރު ހިނގާ މަޚްލޫޤަކު އުފައްދަވަނީއެވެ. ޖާދޫގަރަކު ހިލަގަނޑަކުން އަޑު ނެރޭތަން ފެނުމުން މީސްތަކުން ޙައިރާންވެ، އަންތަރީސް ވެއެވެ. އެކަމަކު މާއްދީ ތަކެތިން އެތައް އިންސާނުންނެއް އުފައްދަވައި، ވިސްނުމާއި، ހަކަތަ ދެއްވާފައިވާ ތަން ފެނި އެކަކުވެސް ޙައިރާން ވެގެންނެއް ނޫޅެއެވެ. ޖާދޫގަރުންގެ މޮޅުކަން ފެނިފައި، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަން ނުފެންނަ މީހުންނަކީ އަނދިރި މީހުން ކަމުގައި ފަހެނުވޭތޯއެވެ؟ ދޮގު މުޢުޖިޒާތްތައް ދައްކާ މީހުންގެ ކުރިމަތީގައި ކިޔަމަންތެރިވެ ބޯލަނބާފައި، ޙަޤީޤީ މުޢުޖިޒާތް ދައްކަވާ ފަރާތަށް ނުކިޔަމަންތެރިވާ މީހުންނަކީ ބުއްދި އޮޅި، މަގު ގެއްލިއްޖެ ބަޔަކަށް ނުވޭތޯއެވެ؟ އިންސާނާއަށް ﷲ ސުބްޙާނަހޫ ވަތަޢާލާއާ ކުއްތަން ވެވިއްޖެނަމަ އެކަލާނގެ ކުޅަދުންވަންތަ ކަމަށް ގެއްލި ނިމިދާނެއެވެ. ﷲ ފިޔަވައި އެއްވެސް ފަރާތެއްގެ ހޭވަރިކަމެއް ނުހުންނާނެއެވެ. (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|