ފަންވަތް ދީން ދިރާސާ ދުނިޔެވަނީ އިންތިޒާރުގައެވެ.
ބެލި ޢަދަދު: 824
ދުނިޔެވަނީ އިންތިޒާރުގައެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދީން - ދިރާސާ
21 ޖުލައި 2010، 00:45 ބުދަ

ޢަބްދުﷲ ފާރޫޤު ޙަސަން

    އާރނަލްޑް ޖޭ.ޓޮއިންބީއަކީ މަޝްހޫރު އިނގިރޭސި މުއައްރިޚެކެވެ. އޭނާ ލިޔުއްވި ފޮތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއްފޮތަކީ، ތަހުޒީބުގެ އިމްތިޙާން (Civilization in Trial, London 1948) އެވެ. މުޞަންނިފް ވިދާޅުވާގޮތުގައި، އޭނާ ލިޔުއްވި 263 ޞަފްޙާގެ މިފޮތަކީ، އިންސާނާގެ މިހާރާއި، އޭނާގެ ކުރިމަގާމެދު މުއައްރިޚަކު ދެކޭގޮތް ހާމަކޮށްދޭ ފޮތެކެވެ.

    މި ފޮތުގައި މުޞަންނިފް ލިޔުއްވައިފައިވާ ވާހަކަތަކުގެ ތެރޭގައި ވެއެވެ.

    މާއްދީގޮތުން ބަލާއިރު މިޒަމާނުގެ ތަހުޒީބު، އިންސާނުންނަށް ވަރަށްގިނަ ހަދިޔާތަކެއް ކޮށްފައިވެއެވެ. ނަމަވެސް ހަމައެއާއެކު، އެ ތަހުޒީބު ވަނީ ވަރަށްގިނަ މައްސަލަތަކެއްވެސް އުފައްދައިފައެވެ. އެ ތަހުޒީބުން އެ މައްސަލަތަކެއްގެ ޙައްލު ހޯދެންނެތް މައްސަލަތަކެވެ. އެ މައްސަލަތަކުގެ ތެރެއިން އެއް މައްސަލައަކީ، ނަސްލީ އިމްތިޔާޒާއި މަސްތުވާ އެއްޗެއްސެވެ. މުޞަންނިފް އިޢުތިރާފުވެވަޑައިގެންފައިވާ ގޮތުގައި، އެ ހަލާކުހުރި ދެކަންތައް ހުއްޓުވުމުގައިވެސް، ހުޅަނގުގެ ތަހުޒީބު ވަނީ ނާކާމިޔާބުވެފައެވެ. އެކަމަކު އިސްލާމްދީނުގެ ތާރީޚު ހެކިވާގޮތުގައި، އެ ދީން ވަނީ އެ ވިޔާނުދާ ދެކަންތައްވެސް ހުއްޓުވުމުގައި ފުރިހަމަ ކާމިޔާބީ ހާސިލު ކޮށްފައެވެ.

    އަހަރެމެންނަށް އާ މުޖްތަމަޢެއްގައި އެ އުސޫލުތަކެއް ހިންގައިލެވިއްޖެނަމަ، ވަރަށް ކައިރި މުސްތަޤްބަލެއްގައި، ނުހަނު ފައިދާހުރި އަސަރުތަކެއް އުފެދިގެންދާނެ ބައެއް އުސޫލުތައް އިސްލާމްދީނުގެ ތެރެއިން ފެނިދާނެއެވެ. އަހަރެމެންގެ މިހާރުގެ އިޖްތިމާޢީ ގުޅުންތަކުގައި ވަރަށް ފާޅުކަންބޮޑު ދެ ނުރައްކަލެއް އެބައޮތެވެ. އެއް ނުރައްކަލަކީ، ނަފްސިއްޔާތީ ނުރައްކަލެކެވެ. އަނެއް ނުރައްކަލަކީ، މާއްދީ ނުރައްކަލެކެވެ. ނުރައްކާތެރި މި ދެކަންތައް ވަނީ އަހަރެމެންގެ މިހާރުގެ ހުޅަނގުގެ މުޖްތަމަޢުގެ މުހިންމު ބައިތަކެއް ކަމުގައި ހިމެނިފައެވެ. އެއީ ރާ އާއި ނަސްލީ އިމްތިޔާޒެވެ. މި ނުބައި ދެކަންތައް ހުއްޓުވުމަށްވެސް އިސްލާމްދީނަށް މުހިންމު ޚިދްމަތްތަކެއް ކޮށްދެވިދާނެއެވެ. މިކަމުގައި އިސްލާމީ ރޫޙު އިޚްތިޔާރުކޮށްފިނަމަ، އެއީ އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ނުހަނު ފައިދާހުރި ކަމަކަށް ވާނެއެވެ. މުސްލިމުންގެ ތެރެއިން ނަސްލީ އިމްތިޔާޒު ނައްތައިލުމަކީ އިސްލާމްދީނުގެ ވަރަށް މަތިވެރި އަޚްލާޤީ ކާމިޔާބީއެކެވެ. މިއަދު ދުނިޔޭގައި އިސްލާމްދީނުގެ އެ އުސޫލުތައް ފެތުރުން ވަނީ ވަރަށް ބޭނުންތެރި ކަމަކަށް ވެފައެވެ.

    We can, however, discern certain principle of Islam which, if brought to bear on the social life of the cosmopolitan proletariat, might have important salutary effects on the great society in a nearer future. Two conspicuous sources if danger-one psychological and the other material – in the present relations of this cosmopolitan proletariat with the dominant element in our modern Western society are race consciousness and alcohol: and in the struggle with each of these evils the Islamic spirit has a service to render which might prove, if it were accepted, to be a high moral and social value.

    The extinction of race consciousness as between Muslims is one of the outstanding moral achievements of Islam, and in the contemporary world there is, as it happens crying need for the probation of this Islamic virtue. (P.205)

    ރާބުއިމުން ލިބޭކަން ސާބިތުވެފައިވާ ގެއްލުންތަކާހުރެ، 1919 ގައި އެމެރިކާގެ ޤާނޫނުއަސާސީއަށް އަށާރަވަނަ އިޞްލާޙު ގެނެވުނެވެ. އެ އިޞްލާޙުގެ ޒަރީޢާއިން، އެމެރިކާގައި ރާ މުޅިން މަނާކުރެވުނެވެ. ނަމަވެސް، ސަރުކާރަށް ލިބިފައިވާ ހުރިހައި ވަސީލަތްތަކެއް ބޭނުންކުރުމުންވެސް، އެމެރިކާގައި ރާބުއިން ހުއްޓުވައެއް ނުލެވުނެވެ. އަދި ކީއްތޯއެވެ؟ ޤާނޫނާ ޚިލާފަށް ކުރެވޭ ރާގެ ވިޔަފާރި، މުޅި އެމެރިކާގައި ވަރަށް ފުޅާ ދާއިރާއެއްގައި ފެތުރުނެވެ. އެންމެފަހުން ސަރުކާރަށް މަޖުބޫރުވީ، ނާކާމިޔާބު ވެއްޖެކަން ގަބޫލު ކުރާށެވެ. ނަތީޖާއެއްގެ ގޮތުން، 1933 ގައި އެމެރިކާގެ ޤާނޫނުއަސާސީއަށް އެކާވީސްވަނަ އިޞްލާޙު ގެނެވުނެވެ. އެ އިޞްލާޙުގައި ވަނީ، އެމެރިކާގައި ދެވަނަ ފަހަރަށް ރާ ހުއްދަކޮށްފައެވެ.

    އެމެރިކާގައި ކަންހިނގިގޮތާ ޚިލާފަށް، އިތުރު ސާހިބާގެ ހިޖުރައަށްފަހު އިސްލާމްދީނުގައި ރާ ޙަރާމް ކުރައްވައި (އަލްމާއިދާ: 90) މަދީނާގައި އެކަން އިޢުލާނު ކުރެއްވުމާއެކު، މުސްލިމުން ހަމަ އެވަގުތު ރާއާ އެއްކިބާވެއްޖެއެވެ. އެމީހެއްގެ އަތުގައި ރާކަންވާރުތައް ހުރި މީހުން އެތަކެތި އޮއްސައިލިއެވެ.

    އެންސައިކްލޮޕީޑިޔާ ބްރިޓޭނިކާ (1984) ގައި، އެ ތާރީޚީ ހާދިސާއަށް އިޢުތިރާފްވެފައިވަނީ އަންނަނިވި ޢިބާރާތުންނެވެ.

    [ހަތްވަނަ ސައްތައިގެ ތެރޭގައި އިސްލާމްދީނުގައި ދީނީގޮތުން ރާ މަނާކުރުމަށް އިޚްތިޔާރު ކޮށްފައިވަނީ މުޅިން ތަފާތު ގޮތަކަށެވެ. ޤުރްއާނުގައި ވަރަށް ސާދާގޮތެއްގައި ރާގެ ނުބައިކަން ބަޔާންކުރެއްވިއެވެ. މުޙަންމަދުގެފާނަށް ތަބާވާ މީހުންގެ ތެރެއިން އޭގެ ނަތީޖާ ފެނިގެން ގޮސްފައިވަނީ ވަރަށް ވަރުގަދަ މަނާކުރެއްވުމެއްގެ ސިފައިގައެވެ. ޢަރަބިކަރައިގައްޔާއި އެހެނިހެން ޤައުމުތަކުގައިވެސް މެއެވެ.]

    Quite a different kind of religious control was adopted later in Islam: The Qur’an simply condemned wine, and the result was an effective prohibition wherever the devout followers of Muhammed in Arabia and other lands prevailed. (1/441-42)

    އިންސާނުންގެ ބޭރުފުށުން ބަލާއިރު، އެބައިމީހުންގެ ކިބައިން ކުލައާއި، ނަސްލާއި އަދި އެނޫންވެސް ބައެއް ތަފާތުތައް ފެނެއެވެ. ތާރީޚުގެ އެންމެ ކުރީ ދައުރުން ފެށިގެން މިއަދާ ހަމައަށްވެސް، ވަރަށްގިނަ ބަޔަކު އެ ތަފާތުތައް މާނަކުރަމުން ގެންދަނީ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކަށް ލިބޭ އިމްތިޔާޒެއްގެ މާނައިގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އިންސާނުންގެ ތެރޭގައި ނަސްލީގޮތުން މަތީދަރަޖައިގެ ބަޔަކާއި ދަށުދަރަޖައިގެ ބަޔަކު ތިބޭކަމުގައި ބަޔަކަށް ގަބޫލު ކުރެވުނެވެ.

    ކީރިތި ޤުރްއާނުގައިވަނީ އިސްވެދެންނެވި ވިސްނުމަކީ އެއްވެސް ބިންގަލެއް ނެތް ބާޠިލު ވިސްނުމެއް ކަމުގައި ކަނޑައަޅުއްވައިފައެވެ. ކީރިތި ޤުރްއާނުގައި އިޢުލާނު ކުރައްވައިފައިވާ ގޮތުގައި، އިންސާނުންގެ އެކި ގިންތިތަކުގެ މެދުގައިވާ ފަރަގަކީ، އެއްވެސް ބަޔަކަށް ލިބޭ އިމްތިޔާޒެއް ނޫނެވެ. މަތިވެރިކަމުގެ ޒަރީޢާއެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެ ތަފާތުގެ ސަބަބަކީ، އެއްބަޔަކު އަނެއްބަޔަކަށް ތަޢާރުފުވާން ފަސޭހަވުމެވެ.

    އިސްލާމްދީނުގައި މިދެންނެވި އިޢުލާނުގެ މައްޗަކަށް ފުއްދައެއް ނުލައެވެ. އެ މުޖްތަމަޢުގައި ނަމާދަށް ބަންގި ދެއްވުމުގެ މަތިވެރި ވާޖިބު ޙަވާލު ކުރެއްވިފައިވީ، ބިލާލު ޙަބަޝީއާއެވެ.

    އެންސައިކްލޮޕީޑިޔާ ބްރިޓޭނިކާ (15/361) ގައި އިޢުތިރާފުވެފައި ވެއެވެ.

    [މުސްލިމުން ތަފާތު ޤައުމުތައް (އެފްރިކާއާއި އެނޫންވެސް ތަންތަން) ފަތަޙަކުރުމުންވެސް މުސްލިމް އެއްވެސް ޤައުމެއްގައި ނަސްލުގެ ބިންގަލުގެ މަތީގައި މޮޅުދެރަކަމުގެ ނިޒާމެއް އުފެދިފައެއް ނުވެއެވެ.]

None of the Muslim countries ever developed a racial caste system.

    އިސްލާމްދީނުގެ އިސްވެ ދެންނެވުނު ހައިސިއްޔަތުތަކުގެ ފާޅުކަން ބޮޑުކަމުން، ޣައިރު މުސްލިމް މުއައްރިޚުންނާއި މުފައްކިރުންނަށްވެސް އެކަމަށް އިޢުތިރާފުވެވަޑައިގަންނަވަން މަޖުބޫރުވެއެވެ. ނަމަވެސް، މިޒަމާނުގައި އެކަންކަން ޙަޤީޤީ ހާދިސާތަކަކަށް ހެދުމަށްޓަކައި އަޅުގަނޑުމެންނަށް ވަނީ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ.

    މި މަޒުމޫނުގެ ފެށުމުގައި ދަންނަވައިފައިވާ އާނަލްޑް ޓޮއިންބީ (1889-1975) ގެ [ތަހުޒީބުގެ އިމްތިޙާން] އެންމެ ފުރަތަމަ ޝާއިޢު ކުރެވިފައިވަނީ 1948 ގައެވެ. ޔޫރަޕުގެ ނަންހުރި މުއައްރިޚެއް ކަމުގައިވާ އާނަލްޑް ޓޮއިންބީ މި ވާހަކަތައް ދައްކަވައިފައިވަނީ، ވިހިވަނަ ސައްތައިގެ މެދުތެރޭގައެވެ. ވިހިވަނަ ޤަރުނު މިހާރު ވަނީ ނިމިފައެވެ. އޭގެފަހުން ގާތްގަނޑަކަށް ފަންސާސް ހަތަރު އަހަރު ވަނީ ފާއިތުވެފައެވެ. ނަމަވެސް، މުސްލިމުން އޭނާގެ އެ ޚިޔާލުފުޅު އެއަށްވުރެ ޞަރީޙަކޮށް އަދި ތަފްސީލުކޮށް ޔޫރަޕުގެ ކުރިމައްޗަށް ހުށަހަޅާކަށެއް ނުތެދުވެއެވެ. ޝައްކެއްނެތެވެ. މި މުއްދަތުގެ ތެރޭގައި މުސްލިމުން ވަނީ ސިޔާސީ ކޯޅުންތަކާއި، ޤައުމީ އަރާރުންތަކާއި، ބަޑިއާއި ބޮމުގެ ޙަމަލަތަކަށްޓަކައި ނުހަނު ޖޯޝާއި ފޯރިއާއެކު އެތަކެއްފަހަރު ތެދުވެފައެވެ.

    ޝައްކެއްނެތެވެ. މިއަދު މުސްލިމުންނަށް ވަނީ އެހެނިހެން ޤައުމުތަކުގެ ފުށުން އަނިޔާތަކެއް ލިބިފައެވެ. މުސްލިމުންނަކަށް އެ އަނިޔާތަކެއް ބަރުދާހެއް ނުކުރެވުނެވެ. އެހެންކަމުން، މުސްލިމުން ވަނީ ރައްދު ޢަމަލުގެ ނަފްސިއްޔާތުގައި ހައްޔަރުވެ ތިބެ، އެ އަނިޔާވެރިންނާ ދެކޮޅަށް ސަފުތައް ހަދައިފައެވެ. ނަމަވެސް، މުސްލިމުން ހަނދާންކުރަންޖެހޭ އެއް ނުކުތާއަކީ، ހިލޭމީހުންގެ ފުށުން ލިބޭ ދުއްތުރާތަކަށް ކެތްތެރިވުމަކީވެސް މާތް اللّه ގެ މަގަށް ގޮވައިލުމުގައި ދޭންޖެހޭ އަގެއްކަމެވެ. ދީނަށް ގޮވައިލެވޭ މީހުންގެ ފުށުން ދިމާވާ އިހާނެތިކަމަށް ކެތްނުކުރެވޭ ބަޔަކަށް، ފަހަރެއްގައިވެސް ދީނަށް ގޮވައިލުމުގެ މަސައްކަތެއް ކުރިޔަކަށް ނުގެންދެވޭނެއެވެ. އެފަދަ ބަޔަކު ދީނަށް ގޮވައިލުމުގެ މަސައްކަތްކޮށް، ދީނީ ދަޢުވަތުގެ ނަން ބޭނުންކުރުމަކީ އެބަޔަކަށް އިނާމު ޙައްޤުކަމުގައި ބެލެވޭނެ ކަމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ އެބަޔަކަށް ކުރެވޭ ކުށުގެ ލިސްޓަށް އިތުރުވާނެ ކަމެކެވެ. އެހެނީ، ދަޢުވަތުގެ އަގުނުދޭ ބަޔަކު، ދަޢުވަތުގެ އިނާމު ލިބޭ ބަޔަކަށްވާނީ ކޮންފަދަޔަކުންތޯއެވެ؟

    ކުރިންވެސް ދެންނެވި ފަދައިން، އާނަލްޑް ޓޮއިންބީ އޭނާގެ ތަހުޒީބުގެ އިމްތިޙާނުގައި ލިޔުއްވައިފައިވާ ފަދައިން، މިއަދުގެ ދުނިޔެއަށް އައިސްފައިވާ ހުރިހައި މާއްދީ ތަރައްޤީއަކާ އެކުވެސް، މިއަދުގެ ދުނިޔޭގައި ވަނީ ނުރަނގަޅު އެތައް ކަންތައްތަކެއް ފެތުރިފައެވެ. ދުނިޔެ ވަނީ ހަލާކުގެ އެތަކެއް އަނދަވަޅުތަކަކަށް ހުށަހެޅިފައެވެ. އެކަންކަމުން ސަލާމަތްވެވޭނެ އެއްވެސް މަގެއް، މިޒަމާނުގެ މާއްދީ ތަހުޒީބުގެ ތެރެއަކުން ފެންނާކަށެއް ނެތެވެ. ނަމަވެސް، އިސްލާމްދީން ވަނީ އެ ނުބައި ކަންތައްތައް ޢަމަލީގޮތުން ފޮހެލައި، އެކަން ތާރީޚީގޮތުން ސާބިތު ކޮށްދީފައެވެ. އެހެންކަމުން، ދުނިޔޭގެ މުސްތަޤްބަލުގެ ސަލާމަތަށްޓަކައި، މިއަދު އެންމެބޮޑަށް ބޭނުންވެފައިވާ ކަމަކީ، އިސްލާމްދީނުގެ އެ މަތިވެރި އަގުތައް ދުނިޔެއަށް ތަޢާރުފު ކޮށްދިނުމެވެ. މިއީ، އިސްލާމީ އުންމަތުގެ ކޮނޑުގައި އެޅިފައިވާ ވަރަށް ވަރުގަދަ ޒިންމާއެކެވެ. މިއަދުގެ ދުނިޔެ ވަނީ މުސްލިމުން އެ ވާޖިބު އަދާކުރުމުގެ އިންތިޒާރުގައެވެ.

(ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ‰މުޞްލިޙު މުޙައްމަދު އިސްމާޢީލް, 2010-07-21 03:21:19
ވަރަށް ފުރިހަމަ އެވެ. އަސަރުން ފުރިގެންވާ ޙަޤީގަތްތަކެއް ބަޔާންކޮށްފައިވާ ލިޔުމެއް. އަސްލުގައިވެސް މުސްލިމުންވަނީ ދަޢުވަތު ފެތުރުމުގެ މުހިންމު ވާޖިބާއި މެދުގައި ޣާފިލުވެފައި. ދުނިޔޭގައި އިންސާނުން އުޅެންފެށީއްސުރެ އިސްލާމްދީނަށް ދަޢުވަތު ދިނުމަށް އެކިޒަމާނުގައި އެކިއެކި ރަސޫލު ބޭކަލުންނާއި، އަދި ނަބީ ބޭކަލުންނާއި، އަދި އެބޭބޭކަލުންގެ އަރިހުގައި އުޅުއްވުމުގެ ނަޞީބު ލިބި އެބޭބޭކަލުންގެ ފަރާތުން އިސްލާމްދީނުގެ ނޫރު ލިބިވަޑައިގެން، އެހެނިހެން މީސްތަކުންނަށް އިސްލާމްދީނަށް ދަޢުވަތު ދެއްވި ބޮޑެތި ޢިލްމުވެރި ބޭބޭކަލުނަށް، އެދަޢުވަތަށް ގޮވާލެވޭ މީސްތަކުންގެ ކިބައިން ލިބުނު ގިނަގުނަ އުނދަގުލާއި ތުރާތަކަކީ، އިއްޔެ ހިނގި ކަމެއްފަދައިން އިންސާނީ ދިގު ތަރީޚް މިއަދުވެސް ހެކިދީދީ ހުރި ކަންކަން. މިފަދައިން މިކަން އޮތް ހިނދުގައިވެސް މުސްލިމުން ޣާފިލުވެފައިވާވުން އެއީ ބިރުހުރި ކަމެއް. ބައެއް ފަހަރަށް އަޅުގަނޑުގެ ހިތަށް އަރާ! މިބޮޑުވެގެންވާ ޣާފިލުކަމުގައި މުސްލިމުން މިތިބޭ ތިބުން މިއީ މަތިވެރިވަންތަ މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އަންނާން އޮތް ގަދަފަދަވެގެންވާ ޢަޒާބެއްގެ އިންޒާރު ނޫންބާވައޭ؟ ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ވަނީ އުއްމަތަށް ބަޔާންކޮށްދެއްވައި ވަރަށް ފުރިހަމަވެގެންވާ އިރުޝާދު ދެއްވުމަކުން މިއުއްމަތުގެ މީސްތަކުންނަށް އިރުޝާދު ދެއްވާފަ. އެކަލޭގެފާނު އަހުރަމެން މުސްލިމުންނަށް އަންގަވައިފައިވަނީ ޙިކްމަތާއި ރިވެތި ވަޢުޟާއި ނަސޭޙަތުން އިސްލާމްދީނަށް މީސްތަކުންނަށް ގޮވައިލުމަށް. މިއަށް ވުރެން ވަކި ފުރިހަމަ އެހެން ގޮތެއް އަޅުގަނޑުމެންނަށް ލިބޭނެތޯ އިސްލާމްދީނުގެ ދަޢުވަތު ފެތުރުމަށް. ނޫން ނުލިބޭނެ. ހަމަކަށަވަރުންވެސް ނުލިބޭނެ. އޭ މިއުއްމަތުގެ މީސްތަކުންނޭވެ. އޭ މިއުއްމަތުގެ މާތް ޢިލްމުވެރި ހިލްމުވެރި ބޭކަލުންނޭވެ. އޭ އިސްލާމްދީނުގެ ޢިލްމު ލިބިތިއްބެވުމުގެ ސަބަބުން ނަބީ ބޭކަލުންގެ ވާރުތަވެރީން ކަމުގައިވެފައިވާ މާތް ޢިލްމުވެރި ބޭކަލުންނޭވެ. ތިޔަބޭކަލުންނާއި އަދި އަހުރަމެންގެވެސް ވެރި ރައްބު، އަހަރުމެން އިންސާނުންނަށްޓަކައި، އެދީނަކަށް އެކަލާނގެ ރުހިވޮޑިގެންފައިވާކަން ޢިއުލާނު ކުރައްވައިފައިވާ ދީނަށް ތިޔަބައިމީހުން ކުރަންޖެހޭ ޙިދުމަތުގެ މަތިން ތިޔަބައިމީހުން ޣާފިލު ކުޅައީ، ތިޔަބައިމީހުންނަށް އެކަލާނގެ ދެއްވައިފައިވާ މިދުނިޔޭގެ ފަނާވެދަނިވި ނިޢުމަތްތަކުގެ ތެރެއިން ކޮންކޮން ނިޢުމަތްތަކެއް ތޯއެވެ؟ ފަހެ އެނިޢުމަތަކުން ނުވަތަ އެނިޢުމަތްތަކުން ތިޔަބައިމީހުން ދެކެދެކެ ތިއްބައިމެ، ތިޔަބައިމީހުންގެ ލޯތައް މަތީގައި އެނިޢުމަތްތަކުން ތިޔަބައިމީހުން މަޙްރޫމް ކުރެއްވުމަށް ތިޔަބައިމީހުންނާއި އަދި އަހުރަމެންގެވެސް ވެރި ރައްބު ކުޅަދުންވަންތަވެ ވޮޑިގެންވާކަންވެސް ފަހެ ނުދަންނަނީ ހެއްޔެވެ. ފަހެ ދަންނާށެވެ. އަހުރަމެން ވެފައި މިތިބަ ޣާފިލަކަމެއްގެ ސަބަބުން ކުރިމަތީ ވާންއަންނަ ނުބައިކަމެއް ބޮޑުކަމާއި ގަދަފަދަކަމާއިއެވެ. އޭ ފަހެ ކުޑަނަމަވެސް ބިރުވެރިކަމަކާއި ސިހުމުގެ ކަންފުޅެއް އިބަމެން ކިބައިގައި ނުވަނީ ހެއްޔެވެ؟ ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
...
ލިޔުނީ ހިލްމީ, 2010-07-21 09:05:34
ވަރަށް ބޮޑުޙަޤީޤަތެއްގެމައްޗަށް ލިޔުއްވާފައިވާ ލިޔުމަކަށްވާތީ މިލިޔުން ލިޔުއްވިފަރާތަށް×ސުކުރުދަން

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 824
extra avandia and congestive heart failure