މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މަރްޙަބާ ރަމަޟާން |
|
|
| ދީން - ދިރާސާ | |||
| 11 އޮގަސްޓް 2010، 16:40 ބުދަ | |||
|
ޢަބްދުލްމުޢީދު ޙަސަން ރަމަޟާން މަހުގެ ފުރަތަމަ ދުވަހު އަޅުގަނޑުމެންގެ ހިތްތަކަށް އިޙުސާސްވާ ޝުޢޫރެއްގެ ފޮނިކަމާއެވެ! މިއީ ދުނިޔެއާއި އާޚިރަތުގެ ޚަޒާނާތަކުގެ ތެރެއިން ބޮޑުވެގެންވާ ޚަޒާނާއެއް ހުޅުވުނު ދުވަހެކެވެ. މިއީ ރަޙުމަތާއި ބަރަކާތުގެ މައްސަރުގެ ފުރަތަމަ ދުވަހެވެ. މިއީ ފާފަފުއްސެވުމާއި ދިންނެވުމުގެ މައްސަރުގެ ފުރަތަމަ ދުވަހެވެ. މިއީ ހެޔޮކަންތައްތައް ކުރުމުގެ ތަނަވަސް މަހުރަޖާން މިއަހަރު ހުޅުވުނު ދުވަހެވެ. މި މަހުރަޖާނުގައި ބައިވެރިވެ މުބާރާތްތައް ކާމިޔާބު ކުރަން މަސައްކަތްކުރާނީ ބުއްދިވެރިންކަން ކަށަވަރެވެ. އަދި މިއަދު އެންމެ ބޮޑަށް އުފާފާޅުކުރާނީ މުއުމިނުންކަން ޔަޤީނެވެ.މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. (شَهْرُ رَمَضَانَ الَّذِيَ أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَى وَالْفُرْقَانِ) އަލްބަޤަރާ: 185 މާނައީ، "ރަމަޟާންމަހަކީ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. (އެޤުރުއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގަ އެވެ." ރަމަޟާންމަހަކީ، ހިޔާކަން ފެތުރިފައިވާ ބަގީޗާއެކެވެ. އެ ބަގީޗާގެ މޭވާތައް ވަނީ ދޮންވެ ފައްކާވެފަ އެވެ. ރަމަޟާންމަހުގެ ފުރަތަމަ ރެއިން ފެށިގެން މުއުމިނުން އެ ބަގީޗާއަށް ވަދެ މޭވާ ބިންނަން ފަށަ އެވެ. އެ ބަގީޗާގައިވާ ހިޔާތަކުގައި ތިބެ އަޅުކަމާއި ހެޔޮކަންތައްތައް ކުރުމުގައި މުއުމިނުން މަޝްޣޫލުވަނީ ނުހަނު ޝައުޤުވެރިކަމާއެކުގަ އެވެ. އެހެނީ، އޭގައި ލައްވާފައިވާ ރަޙުމަތާއި މީޒާތައް އެބައިމީހުން ދަނެ އެވެ. ރަމަޟާންމަސް އައުމުން، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އަޞްޙާބު ބޭކަލުންނަށް ތަހުނިޔާ ވިދާޅުވެ އެވެ. އިތުރުއެކަލޭގެފާނު ޙަދީޘްކުރައްވަ އެވެ. (أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللَّهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ لِلَّهِ فِيهِ لَيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ) ރިވާކުރެއްވީ: އައްނަސާއީ. މާނައީ، "ތިޔަބައިމީހުންގެ ގާތަށް ރަމަޟާންމަސް އަތުވެއްޖެ އެވެ. މިއީ ބަރަކާތްތެރި މައްސަރެކެވެ. ﷲ ޢައްޒަ ވަޖައްލަ މި މަހުގެ ރޯދަ ތިޔަބައިމީހުންގެ މައްޗަށް ފަރުޟުކުރެއްވި އެވެ. މި މަހުގައި އުޑުގެ ދޮރުތައް ހުޅުވެ އެވެ. ނަރަކައިގެ ދޮރުތައް ބަންދުވެ އެވެ. ނުބައި ނުލަފާ ޝައިޠާނުން ކަސްތޮޅު އެޅުވެ އެވެ. އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑުވެގެންވާ ރެއެއް މި މަހުގައި ވެ އެވެ. އެރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ގިނަގުނަވެގެންވާ ހެޔޮކަންތައްތަކުން މަޙުރޫމުވެއްޖެ އެވެ." ޞަޙީޙު ބުޚާރީގައިވާ ޙަދީޘްފުޅެއްގައިވެ އެވެ. (إِذَا جَاءَ رَمَضَانُ فُتِحَتْ أَبْوَابُ الْجَنَّةِ) މާނައީ، "ރަމަޟާންމަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެ އެވެ." ޞަޙީޙު މުސްލިމުގައިވާ ޙަދީޘްފުޅެއްގައިވެ އެވެ. (إِذَا جَاءَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ وَغُلِّقَتْ أَبْوَابُ النَّارِ وَصُفِّدَتِ الشَّيَاطِينُ) މާނައީ، "ރަމަޟާންމަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެ އެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެ އެވެ. އަދި ޝައިޠާނުން ކަސްތޮޅުއެޅުވެ އެވެ." އަދި އެހެން ޙަދީޘްފުޅެއްގައިވެ އެވެ. (إِذَا كَانَ أَوَّلُ لَيْلَةٍ مِنْ شَهْرِ رَمَضَانَ صُفِّدَتِ الشَّيَاطِينُ وَمَرَدَةُ الْجِنِّ وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفْتَحْ مِنْهَا بَابٌ وَفُتِّحَتْ أَبْوَابُ الْجَنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ وَيُنَادِى مُنَادٍ يَا بَاغِىَ الْخَيْرِ أَقْبِلْ وَيَا بَاغِىَ الشَّرِّ أَقْصِرْ وَلِلَّهِ عُتَقَاءُ مِنَ النَّارِ وَذَلِكَ كُلَّ لَيْلَةٍ) ރިވާކުރެއްވީ: އައްތިރުމިޛީ. މާނައީ، "ރަމަޟާންމަހުގެ ފުރަތަމަރޭ، ޝައިޠާނުންނާއި ނުބައި ނުލަފާ ޖިންނި ކަސްތޮޅުއެޅުވެ އެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެ އެވެ. (ރަމަޟާން މަސް ނިމެންދެން) އެއިން އެއްވެސް ދޮރެއް ނުހުޅުވޭނެ އެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވާލެވެ އެވެ. (ރަމަޟާންމަސް ނިމެންދެން) އެއިން އެއްވެސް ދޮރެއް ބަންދުނުކުރެވެ އެވެ. އަދި ނިދާއިއްވަވާ މަލާއިކަތްބޭކަލަކު (މާތް ﷲ ގެ އަމުރުފުޅަށް) ނިދާ އިއްވަވަ އެވެ. (ހެޔޮ ކަންތައްތަކަށް އެދޭ މީހާ އެވެ! ހެޔޮކަންތައްތައް ކުރުމަށް އަވަސްވާށެވެ! ނުބައި ކަންތައްތައް ކުރާ މީހާ އެވެ! ތިޔަކަންތައްތައް ކުރުމުން އެއްކިބާވާށެވެ! ﷲ (ރަމަޟާންމަހުގެ) ކޮންމެ ރެޔަކު ނަރަކައިން ބަޔަކުމީހުން މުއްތިކުރައްވަ އެވެ.)" މިއީ ކޮންފަދަ އުފާވެރި ޚަބަރުތަކެއްތޯ އެވެ. މި އުފާވެރި ޚަބަރުތައް ހުރީ ކޮން ބަޔަކަށްތޯ އެވެ؟ އެއްބަޔަކީ، ސުވަރުގެއަށް އެދި ކިޔަމަންގަތް އަޅުތަކުންނެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ވަނީ އެބައިމީހުންނަށް ހުޅުވިފަ އެވެ. އަނެއް ބަޔަކީ، ފާފަކޮށް އުރެދުނު އަޅުތަކުންނެވެ. އެބައިމީހުން ތައުބާވެ ﷲ ގެ މަގަށް އެނބުރި ދާންވީ އެވެ. އޭރުން މާތް ﷲ އެބައިމީހުންނަށް ރަޙުމަތް ލައްވާނެ އެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި، ބުއްދިވެރިން މި މޫސުމުގެ ބޭނުން ހިފާނެ އެވެ. މި މޫސުމުގައިވަނީ، ނުބައިކަންތައްތަކަށް މަގުދައްކާ ޝައިޠާނުން ކަސްތޮޅުއެޅިފަ އެވެ. އެންމެހައި އަޚުންނާއި އުޚުތުންނޭވެ! ރަމަޟާންމަހަކީ، އުނގެނި ދަސްކުރަން އެދޭ ކޮންމެ މީހަކަށް މަދުރަސާއެކެވެ. ތައުބާވެ އަޅުކަންކުރަން އެދޭ ކޮންމެ މީހަކަށް ޚަލްވަތެކެވެ. ކިޔަމަންގަތުމުގެ ބާރު ލިބިގަންނަން އެދޭ ކޮންމެ މީހަކަށް ހަކަތައިގެ އާރެކެވެ. ނަސީބުވެރިންނަކީ، ރަމަޟާންމަހުގެ ރޭދުވާލުގައި އިޚުލާޞްތެރިކަމާއެކު ޞާލިޙު ޢަމަލުކުރާ ރޯދަވެރިންނެވެ. އެބައިމީހުންގެ ރޯދައަށް ހެޔޮޖަޒާ ދެއްވާނީ ސީދާ މާތް ﷲ އެވެ. ޤުދުސީ ޙަދީޘްފުޅެއްގައި ވެ އެވެ. (يَتْرُكُ طَعَامَهُ وَشَرَابَهُ وَشَهْوَتَهُ مِنْ أَجْلِى الصِّيَامُ لِى وَأَنَا أَجْزِى بِهِ) ރިވާކުރެއްވީ: ބުޚާރީ. މާނައީ، "ރޯދަވެރިޔާ އޭނާގެ ކެއުމާއި ބުއިމާއި ޝަހުވަތްތެރިކަމުން އެއްކިބާވެގެންވަނީ ތިމަން ރަސްކަލާނގެ ޙަޟުރަތަށްޓަކަ އެވެ. ރޯދައަކީ ތިމަންރަސްކަލާނގެ ޙަޟުރަތަށްޓަކައި ކުރެވޭ އަޅުކަމެކެވެ. އަދި އެއަށް (އެބަހީ ރޯދައަށް) ޖަޒާދެއްވާހުށީ ސީދާ ތިމަންރަސްކަލާނގެ އެވެ." ރަމަޟާންމަހަކީ، ފާފަފުއްސެވުމަށް އެދި ދެންނެވުމަށް އޮތް އަގުހުރި ފުރުޞަތެކެވެ. ބާއްޖަވެރިންނަކީ، މިފުރުޞަތުގެ ބޭނުންކޮށް، ކާމިޔާބު ހޯދާ މީހުންނެވެ. ކިޔަމަންގަތުމުގައި ކާމިޔާބު ހޯދާ މީހުންނެވެ. ރޯދަހިފުމުގައި ކާމިޔާބު ހޯދާ މީހުންނެވެ. ނަމާދުކުރުމުގައި ކާމިޔާބު ހޯދާ މީހުންނެވެ. ޒިކުރުކުރުމުގައި ކާމިޔާބު ހޯދާ މީހުންނެވެ. ރަމަޟާންމަހުގެ ރޭތައް އިޙުޔާކުރުމުގައި ކާމިޔާބު ހޯދާ މީހުންނެވެ. އެ އެންމެނަކީ ނަސީބުވެރިންނެވެ. ރަމަޟާންމަސް އައުމުން މުއުމިނުންގެ ލޯތަކަށް އުފާވެރިކަމުގެ ކަރުނައިން ދިރުން ލިބެ އެވެ. އެހެނީ، ރަމަޟާންމަހަށް އެބައިމީހުން އިންތިޒާރުކުރި އެވެ. އެ މައްސަރާހަމައަށް މާތް ﷲ އެބައިމީހުންގެ ޢުމުރު ދަންމަވައިފި އެވެ. އެކަމުގެ ސަބަބުން، އެމަހުގައި ތައުބާވުމުގެ ފުރުޞަތު އެބައިމީހުންނަށް ލިބިއްޖެ އެވެ. މާތް ﷲ ޙަޟުރަތަށް ކުއްތަންވެ ގިނަގުނަ ހެޔޮކަންތައްތައް ކުރުމުގެ މަގު ފަހިވެއްޖެ އެވެ. ރަމަޟާންމަހާ ބައްދަލުކުރުމުގެ ނަސީބު ނުލިބި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރި އެތައް ބަޔަކު އެބައިމީހުންނަށް ވަނީ ފެނިފަ އެވެ. މިފަދަ ކަންކަމާމެދު ވިސްނާ ފިކުރުކުރުމުން، މާތް ﷲ އެބައިމީހުންނަށް ދެއްވި ރަމަޟާންމަހުގެ ނިޢުމަތުގެ ބޮޑުކަން އެބައިމީހުންނަށް މޭރުންވެ އެވެ. ރަމަޟާންމަސް އައުމުން މުއުމިނުންގެ ހަށިތަކުގައި ދުޅަހެޔޮކަމުގެ ކޯރުތައް ދެމެން ފަށަ އެވެ. އެހެނީ ރަމަޟާން މަހުގެ ކޮންމެ ހިނދުކޮޅެއް ވެސް މުއުމިނުން ބޭނުންކުރަނީ، ޞާލިޙު ޢަމަލުތައް ކުރުމުގަ އެވެ. އެބައިމީހުން ނަމާދުކުރެ އެވެ. ނަމާދުކުރުމަކީ ހަށިގަނޑުގައި ލޭ ދައުރުކުރުން ފުރިހަމަކޮށްދޭ ކަމެކެވެ. އެކަމުގެ ސަބަބުން ގުނަވަންތަކަށް ކާނާލިބުން ތިޔާގިވެގެންދެ އެވެ. އަދި އެބައިމީހުން ކީރިތި ޤުރުއާން ކިޔަވަ އެވެ. ރޯދަވެރިޔާ ކީރިތި ޤުރުއާން ކިޔެވުމުން އޭނާގެ ހަށިގަނޑުގެ ސެލްތަކަށް ފައިދާކުރެ އެވެ. ވަރުބަލިކަމާއި ބަލިކަށިކަން އެ ސެލްތަކުން ފިލައިދެ އެވެ. އަދި އޭގައިވާ މަސައްކަތްކުރުމުގެ އެޖެންޑާ އިޞްލާޙުވެ، ހީވާގިކަމާއެކު ރަނގަޅަށް މަސައްކަތްކުރަންފަށަ އެވެ. އަވަށްޓެރިންނަށް ހެޔޮފޯރުކޮށްދިނުމާއި ފަޤީރުންނަށް ޞަދަޤާތްދިނުމަކީ ވެސް ރޯދަވެރިޔާގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަންކަމެވެ. ޑަކުޓަރުންނާއި ބޭސްވެރިންގެ ފަރުވާއިން ދުވަހަކު ވެސް ނުލިބޭނެ އެތައް ފަރުވާތަކެއް، ރޯދަވެރިޔާ ކުރާ ޞާލިޙު ޢަމަލުތަކުން އޭނާއަށް ލިބެ އެވެ. ރަމަޟާންމަސް އައުމުން ތާއިބުންގެ ހިތްތަކަށް އުފާފާގަތިކަން ލިބެ އެވެ. އެހެނީ، އެބައިމީހުންނަށް ވަނީ، ފާއިތުވެގެންދިޔަ ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ނުހިފިފަ އެވެ. ނަމަވެސް އެހެން ރަމަޟާންމަހަކާ ހަމަޔަށް މާތް ﷲ އެބައިމީހުންގެ ޢުމުރު ދަންމަވައިފި އެވެ. މިހެންވެ އެބައިމީހުން އެކަލާނގެ ޙަޟުރަތަށް ޙަމްދުކޮށް ޝުކުރުވެރިވެ އެވެ. ހެޔޮކަންތައްތަކުން އެއްކިބާވެފައިވާ ޙާލު ހޭދަވެގެންދިޔަ ދުވަސްތަކުގެ ބަދަލުގައި އިތުރު ހެޔޮކަންތައް ކުރުމުގެ ފުރުޞަތު އެކަލާނގެ އެބައިމީހުންނަށް ދެއްވައިފި އެވެ. ތައުބާވުމާއި ތަޤުވާވެރިވުމުގެ މަގު އެކަލާނގެ އެބައިމީހުންނަށް ތަކުރާރުކޮށް ދައްކަވައިފި އެވެ. ރަމަޟާންމަސް އައުމުން އުފާފާޅުނުކުރާންވީ ކީއްވެތޯ އެވެ؟ ހަމަކަށަވަރުން މިއީ، އީމާންކަމާއި އިޙުތިސާބާއެކު ރޯދަހިފައިފި މީހެއްގެ ފާފަތައް ފުއްސަވާ މޫސުމެވެ. ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައިވެ އެވެ. (مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) ރިވާކުރެއްވީ: ބުޚާރީ. މާނައީ، "އީމާންކަމާއި އިޙުތިސާބާއެކު ރަމަޟާންމަހު ރޯދަހިފައިފި މީހާގެ އިސްވެދިޔަ (ކުދި) ފާފަތައް ފުއްސަވާނެތެވެ." އަދި އެހެން ޙަދީޘްފުޅެއްގައި ވެ އެވެ. (مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) ރިވާކުރެއްވީ: މުސްލިމު. މާނައީ، "އީމާންކަމާއި އިޙުތިސާބާއެކު ރަމަޟާންމަހު އަޅުކަންކޮށްފި މީހާގެ އިސްވެދިޔަ (ކުދި) ފާފަތައް ފުއްސަވާނެތެވެ." އަޚުންނާއި އުޚުތުންނޭވެ! މިއަދު އަޅުގަނޑުމެން މަރްޙަބާކިޔާ ރަމަޟާންމަހުގެ މާތް ކަމާއި މަތިވެރިކަމާމެދު ވިސްނައި ފިކުރުކުރައްވާށެވެ! ރަމަޟާންމަސް އަޅުގަނޑުމެންނަށް ގޮވާލަނީ މާތް ﷲ ގެ މަގަށެވެ. އެކަލާނގެ ދީނަށެވެ. އަޅުގަނޑުމެންގެ މައްޗަށް އޮތީ އެ ގޮވާލުމަށް އިޖާބަދީ އެކަލާނގެ މަގުގައި ފައިތިލަ ސާބިތުކުރުމެވެ. އިޚުލާޞްތެރިކަމާއެކު ރޯދަހިފައި އަޅުކަންކުރުމެވެ. ދުވާލާއި ރޭނގަޑުގެ ވަގުތުތަކުގައި ކީރިތި ޤުރުއާން ކިޔެވުމެވެ. ޚުޝޫޢަތްތެރިކަމާއެކު ނަމާދުކުރުމެވެ. ފާފަފުއްސެވުންއެދި ދުޢާކޮށް ތައުބާވުމެވެ. ގިނަގުނަވެގެންވާ ހެޔޮ ޢަމަލުކުރުމެވެ. މި ބަރަކާތްތެރި ރަމަޟާން މަހުގައި ރޯދަހިފައި އަޅުކަންކޮށް، އަދި ޞާލިޙު ޢަމަލުކުރުމުގެ ހެޔޮތައުފީޤު މާތް ﷲ އެންމެހައި މުއުމިނުންނަށް ދެއްވާށި އެވެ! އާމީން!
|
| ހަމަ މި ގަލަމުން |
|---|