މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| މާތް ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް (2) |
|
|
| ދީން - ދިރާސާ | |||
| 03 ސެޕްޓެމްބަރ 2010، 20:11 ހުކުރު | |||
|
ޢަބްދުލްމުޢީދު ޙަސަން އަމިއްލައަކަށް ނުއުފެދެ އެވެ. ދުނިޔެ އުފެދުނީ އަމިއްލައަށް ކަމަށް ބުނާ ބުނުމުގެ ދޮގުކަން ފޮތުގައި ސާބިތުކޮށްދީފައިވެ އެވެ. މިކަމަށް ދެއްކިފައިވާ އެއް ހެތްކަކީ، ދިރޭތަކެތީގެ ހަށިތައް ބިނާކޮށްދޭ ދިރު (Cell) ތަކުގެ ތެރޭގައިވާ ކުދިކުދި އެތިކޮޅުތަކެކެވެ. އެއީ ޕްރޮޓީނެވެ.ޕްރޮޓީންތައް އެކުލެވިފައިވަނީ (ގާތްގަނޑަކަށް) 5 އުންސުރަކުންނެވެ. އެއީ ކަރބަނާއި ހައިޑްރިޖަނާއި ނައިޓްރިޖަނާއި އޮކްސިޖަނާއި ސަލްފަރެވެ. މިދުނިޔޭގައިވާ ގުދުރަތީ ކެމިކަލް އުންސުރުތައް ބިމުގައި ލައްވާފައިވަނީ ވަކި ތަރުތީބަކުން ނޫނެވެ. މީގެ މާނައަކީ ބިމުގެ އެކި ކަންކޮޅުތަކުގައި އެކިވަރަށް އެ އުންސުރުތައް ލައްވާފައިވެ އެވެ. ކަންމިހެން އޮތްއިރު، ނަންގަނެވިދިޔަ 5 އުންސުރު އެއްތަނަކަށް ޖަމާވެ، އެއިން ޕްރޮޓީންގެ އެންމެ މޮލާރިއެއް (Molecule) އުފެދިދާނެ ކަމަށް ލަފާކުރެވޭ ރޭޝިއޯއާއި، މިކަމަށްޓަކައި ދާއިމީ ގޮތެއްގައި މައްސުނިވަމުން ދާންޖެހޭ މާއްދާގެ މިންވަރާއި މިކަމަށް ބޭނުންވާނެ ވަގުތު ހިސާބުކުރެވިފައި ވެ އެވެ. އެ ހިސާބުތައް ކުރެއްވީ، ސުވިޒްލޭންޑްގެ ސައިންޓިސްޓެކެވެ. ހިސާބުތަކުން އެނގުނު ގޮތުގައި ޕްރޮޓީންގެ އެންމެ މޮލާރިއެއް އަމިއްލައަށް އުފެދިދާނެ ކަމަށް ލަފާކުރެވޭ ރޭޝިއޯ އަކީ، 10 ގެ 160 ބާރުގެ ކުރިމަތީގައި އެންމެ ފަހަރެކެވެ. 10 ގެ 160 ބާރަކީ، 160 ފަހަރު 10 އާއި 10 ގުނަކުރީމާ ނުކުންނަ ބިޔަ ޢަދަދެވެ. މި މާސިންގާ ބިޔަ ޢަދަދުގެ ކުރިމަތީގައި، ޕްރޮޓީންގެ އެންމެ މޮލާރިއެއް އުފެދިދާނެ ކަމަށް ލަފާކުރެވެން އޮތީ އެންމެ ފުރުޞަތެކެވެ. ދެން އޮތީ މިކަމަށް ބޭނުންވާނެ މާއްދާގެ މިންވަރެވެ. ޕްރޮޓީންގެ އެންމެ މޮލާރިއެއް އަމިއްލައަށް އުފެދުމަށް ބޭނުންވާ މާއްދާގެ މިންވަރު، މިކައުނަށްވުރެ އެތައް މިލިޔަން ގުނައެއް އިތުރުވާން ޖެހެ އެވެ. ދެން އޮތީ މިކަމަށް ބޭނުންވާނެ ވަގުތެވެ. ޕްރޮޓީންގެ އެންމެ މޮލާރިއެއް މިދުނިޔޭގައި އަމިއްލައަށް އުފެދުމަށް ބޭނުންވާ ވަގުތަކީ، 10 ގެ 243 ބާރު އަހަރެވެ. 10 ގެ 243 ބާރަކީ، 243 ފަހަރު 10 އާއި 10 ގުނަކުރީމާ ނުކުންނަ މާސިންގާ ބިޔަ ޢަދަދެވެ. މިކަންތައްތަކުން އެނގޭ އެއްޗަކީ، ޕްރޮޓީންގެ އެންމެ މޮލާރިއެއް ވެސް، އަމިއްލައަށް އުފެދިފައި ނުވާ ކަމެވެ. ވީއިރު، ފުރިހަމަ ދިރެއް އަމިއްލައަށް އުފެދޭނީ ކިހިނަކުންތޯ އެވެ؟ ވީމާ، ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗެއް އުފެދިފައިވަނީ އަމިއްލައަށް ނޫންކަން އެނގެ އެވެ. މަޒުމޫނު ނިންމަވާލައްވަމުން ލިޔުއްވާފައިވެ އެވެ. "ނަމަވެސް، ޕްރޮޓީންތަކަކީ، އޭގައި ދިރުމެއްނުވާ ކެމިކަލް މާއްދާތަކެއް ކަމުގައި މެނުވީ ނުވެ އެވެ. ޙަޤީޤަތް ނޭނގޭ ޙައިރާންކުރުވަނިވި ސިއްރު ބާރެއް އެއަށް ވެރިވުމުން މެނުވީ އޭގައި ދިރުން ނު އުފެދެ އެވެ. އެ ސިއްރު ބާރަކީ، ނިމުމެއް ނުވާ ބުއްދި އެވެ. އެއީ ހަމައެކަނި މާތް ﷲ އެވެ. ޕްރޮޓީން މޮލާރިއަކީ އޭގައި ދިރުން ލެއްވުމަށް އެކަށޭނަ އެތިކޮޅެއް ކަން، އެކަލާނގެ ޙިކުމަތްވަންތަކަމުގެ ފުރިހަމަކަމުން، އެކަލާނގެ ދެނެވޮޑިގަތެވެ. އެކަލާނގެއީ، ޕްރޮޓީން ހައްދަވައި އޭގައި ޙަޔާތުގެ ސިއްރު ލެއްވި ރަސްކަލާނގެ އެވެ." ﷲ އީ މާއްދާއެއް ނޫނެވެ.ﷲ އީ މާއްދީ ފަރާތެއް ނޫންކަމަށް ފޮތުގެ އެތައް ޞަފުޙާއެއްގައި ތަކުރާރުވެފައިވެ އެވެ. އެ ޞަފުޙާތަކުގައި އައިސްފައިވާ ފިކުރާއި އެއިން ދޭހަވާ މާނަތަކުގެ ޚުލާޞާ ތިރީގައި މިވަނީ އެވެ. މާއްދާއަކީ ހަލާކުވަމުންދާ އެއްޗެއްކަން، ކެމިސްޓްރީގެ ހޯދުންތަކުން ވަނީ ކަށަވަރުވެފަ އެވެ. ބައެއް މާއްދާތައް ހަލާކުވަމުންދަނީ، ވަރަށް އަވަހަށެވެ. ބައެއް މާއްދާތައް ހަލާކުވަމުންދަނީ ލަހުންނެވެ. ވީމާ، މާއްދާއަކީ ހަލާކުވުމެއް ނެތި އަބަދަށް ދެމިގެންވާ އެއްޗެއް ނޫނެވެ. މާއްދާއަކީ އެއަށް ނިމުމެއްވާ އެއްޗެކެވެ. ނިމުމެއްވާ ކޮންމެ އެއްޗަކަށް ފެށުމެއް ވެ އެވެ. އެހެންވީމާ، މާއްދާއަކީ އެއަށް ފެށުމެއް، ނިމުމެއް، ނުވާ އަޒަލިއްޔަ އެއްޗެއް ނޫނެވެ. މިކަމާމެދު މިހާރު އެއްވެސް ޝައްކެއް ނެތެވެ. އެހެނީ، މާއްދާތައް މި ވުޖޫދަށް އައީ ކޮން އިރަކުކަން ސައިންސްގެ ހޯދުންތަކުންވަނީ އެނގިފަ އެވެ. މިކަންތައްތައް މިހެން ހުރުމާއެކު، ހުރިހައި މާއްދާތަކެއް ހެއްދެވި ފަރާތެއް ވާން ޖެހެ އެވެ. މާއްދީ ދުނިޔެ ހެއްދެވި ފަރާތަކީ، މާއްދީ ފަރާތެއް ނޫން ކަމުގައި ވާންޖެހެ އެވެ. މިކަން މިހެން ވާންޖެހެނީ، މާއްދާއަކީ ހަލާކުވެދާ އެއްޗެއް ކަމުގައިވާތީ އެވެ. އަދި މާއްދާއަކީ އެއަށް ފެށުމަކާއި ނިމުމެއްވާ އެއްޗެއް ކަމުގައި ވެސް ވާތީ އެވެ. މާއްދީ ދުނިޔެ ހެއްދެވި ފަރާތަކީ މާއްދީ ފަރާތެއް ކަމުގައި ނުވާއިރު، އެއްވެސް މާއްދީ ސިފައަކުން އެފަރާތް ސިފައެއް ނުކުރެވޭނެ އެވެ. އެއީ ރޫޙާނީ ފަރާތެއް ކަމުގައި ސިފަކުރިނަމަވެސް، އެއީ ކޮންކަހަލަ ރޫޙާނިއްޔަތެއް ކަމެއް ނޭނގެ އެވެ. ކުރުކޮށް ބުނާނަމަ ބުނެވޭނީ، ޚާލިޤުވަންތަ ރަސްކަލާނގެއީ ތަޞައްވުރުކުރަން އެނގޭ ވަރަށްވުރެ މާ މަތިވެރި ފަރާތެއް ކަމަށެވެ. މުޅި މި ކައުނު ހެއްދެވި ޚާލިޤުވަންތަ ރަސްކަލާނގެ ދީދާރުފުޅާއި ޒާތުފުޅު ތަޞައްވުރުކުރަން ނޭނގޭތީ އެކަމާމެދު ކަންބޮޑުވެ ހާސްވާކަށް ނުޖެހެ އެވެ. އެހެނީ، ނުހަނު ކައިރީގައިވާ ބައެއް މާއްދީ ތަކެތީގެ ޙަޤީޤަތް އިންސާނުންނަށް ވަނީ މިއަދާ ހަމައަށް ވެސް ނޭނގިފަ އެވެ. މައިކްރޮސްކޯޕުން ނޫނީ ނުފެންނަ ވަރުގެ ކުދިކުދި ކާއިނާތްތަކުން ފެށިގެން އިންސާނުންނާ ހަމައަށް ނަޒަރުހިންގާލާއިރު ނޭނގޭ ކަންތައްތައް ވަރަށް ގިނަ އެވެ. އަދި ޒައްރާއިން ފެށިގެން މާސިންގާ ބިޔަ މަޑިކިލަނބުތަކާ ހަމައަށް ނަޒަރުހިންގާލާއިރު ވެސް ނޭނގޭ ކަންތައްތައް ވަރަށް ގިނަގުނަ އެވެ. އެކަންތައްތަކުގެ ޙަޤީޤަތް ހޯދުމަށް ސައިންސް ވަނީ ނުކުޅެދިފަ އެވެ. މިހާރުން ފެށިގެން އެތައް މިލިޔަން އަހަރެއް ވަންދެން ސައިންސް ކުރިއަރަމުން ދިޔަ ކަމުގައި ވިޔަސް، ބުއްދިއާއި ސައިންސްގެ އަލީގައި ހޯދައިނުގަނެވޭނެ ކިތަންމެ ކަންތައްތަކެއް ވާނެ އެވެ. (ނުނިމޭ) ނޯޓް: މިއީ، މީގެ 15 އަހަރު ކުރިން (1994 ވަނަ އަހަރު) ލިޔެފައިވާ މަޒުމޫނެކެވެ. މި މަޒުމޫނުގެ ފުރަތަމަ ނަކަލު ޝާއިޢުކުރެވުނީ، 1995 ވަނަ އަހަރު، އަލްމަންހަޖުގެ 15 ވަނަ ޢަދަދުގަ އެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ ފާތުން, 2010-09-04 06:37:23
މިފަދަ ލިޔުންތައް އަޅުގަނޑުމެން ޒުވާނުންނަން ކުރިން ލިބުނުނަމަ، މިއަދުގެ ޒުވާނުން އިސްލާމް ދީނާއި، މެދު މިކުރާ ޝައްކުތައް މަދުވާނެކަން ކަށަވަރު. މޮޅަށް ތަޢުލީމް ހާސިލް ކޮށްގެން، ޤައުމުގައިމަތީ މަޤާމްތައް ފުރަމުންދާ އެތައް ޒުވާނުންނެއް މިވަނީ އަހަރެމެންގެ ދުޝްމިނުން، އަހަރެމެނާ ދެކޮޅަށް ހިންގަމުންދާ ފިކުރީ ހަނގުރާމައިގެ ޝިކާރައަކަށް ވެފަ. އެހެންކަމުން އަޅުގަނޑު އެދެނީ މިފަދަ ދީނީ ލިޔުންތައް ފަސޭހަކާމއެކު ދިވެހި ދަރީންނަން ލިބޭނެ މަގު ފަހިކޮށް ދިނުން. އަދި ތިޔަ ލޮބުވެތި ފަރާތްޕުޅު ތަކުން ކުރަމުން ތިގެންދާ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށި! އާމީން.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|