މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| "ދެ ޤާޟީން ވާހުށީ ނަރަކައިގަ އެވެ." |
|
|
| ދީން - ފަތުވާ | |||
| 06 ފެބްރުވަރީ 2010، 20:21 ހޮނިހިރު | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން ސުވާލު: އަޅުގަނޑާއި އަޅުގަނޑުގެ ޚަޞްމުގެ މައްސަލަ ބަލާ ޤާޟީ ބުރަވަމުންދަނީ އަޅުގަނޑުގެ ޚަޞްމާ އެއްކޮޅަށެވެ. އަޅުގަނޑު ބުނާ އެއްވެސް އެއްޗެއް އެ ޤާޟީ އަޑެއް ނާހަ އެވެ. އަދި ނުވެސް ލިޔެ އެވެ. އަޅުގަނޑު ހުށަހަޅާ ބަޔާންތައް ނުވެސް ބަލައިގަނެ އެވެ. ޝަރީޢަތުގެ މަޖިލިސްތަކުގައި ލިޔަމުން ގެންދަނީ، އަޅުގަނޑުގެ ޚަޞްމަށް ފައިދާހުރި ވާހަކަތަކެވެ. ޤާޟީ މިގޮތަށް ޢަމަލުކުރާކަން މީހެއްގެ ހެކިބަހުން ސާބިތުކޮށްދެވޭނެ ގޮތެއް އަޅުގަނޑަކަށް ފަހިވެފައެއް ނެތެވެ. މި ޙާލަތުގައި އަޅުގަނޑަށް ކުރެވޭނީ ކޮން ކަމެއްތޯ އެވެ؟ޖަވާބު: ތިބާ ތިޔަވިދާޅުވާ ކަންތައްތައް ޤާޟީ ކުރާކަމަށްވަނީނަމަ، އޭނާ ތައުބާވާން ޖެހޭނެ އެވެ. މާތް ﷲ ގެ ކޯފާއާއި ޢަޛާބަށް ޤާޟީ ބިރުވެތިވާން ޖެހޭނެ އެވެ. އޭނާގެ މައްޗަށް ވާޖިބުވެގެންވަނީ ތެދުވެރި ތައުބާއަކުން އަވަހަށް ތައުބާވުމެވެ. އެހެނީ އޭނާ އެވަނީ ފާފަތަކުގެ ތެރެއިން ބޮޑުވެގެންވާ ފާފައެއް ކޮށްފަ އެވެ. ޢަދުލުވެރިކަމާއެކު މީސްތަކުންގެ މެދުގައި ނިޔާ ކަނޑައެޅުމަށް މާތް ﷲ ވަނީ އަންގަވާފަ އެވެ. މާތް ﷲ ގެ ޞާލިޙު އަޅު، އަދި އެކަލާނގެ ނަބިއްޔާ ދާވޫދު ޢަލައިހިއްސަލާމާ މުޚާޠަބުކުރައްވައި އެކަލާނގެ އެންގެވި އެވެ. (يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الأَرْضِ فَاحْكُم بَيْنَ النَّاسِ بِالْحَقِّ وَلا تَتَّبِعِ الْهَوَى فَيُضِلَّكَ عَن سَبِيلِ اللَّهِ إِنَّ الَّذِينَ يَضِلُّونَ عَن سَبِيلِ اللَّهِ لَهُمْ عَذَابٌ شَدِيدٌ بِمَا نَسُوا يَوْمَ الْحِسَابِ) ޞާދު: 26، މާނައީ، "އޭ ދާވޫދުގެފާނެވެ! ހަމަކަށަވަރުން، ބިމުގައި ޚަލީފާއެއް ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި ޙައްޤު ގޮތުގައި ޙުކުމްކުރައްވާށެވެ! އަދި އަމިއްލަ އެދުމަށް ކަލޭގެފާނު ތަބަޢަވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު ﷲ ގެ މަގުން އެއްކިބާ ކޮށްފާނެތެވެ. ހަމަކަށަވަރުން، ﷲ ގެ މަގުން އެއްކިބާވާ މީހުން (ދަންނާށެވެ!) ހިސާބުބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ ޢަޛާބު ހުށްޓެވެ." އަދި އެކަލާނގެ އަޅުތަކުންގެ ތެރެއިން މުއުމިނުންނާ މުޚާޠަބުކުރައްވައި އެކަލާނގެ އަންގަވާފައި ވެ އެވެ. (يَا أَيُّهَا الَّذِينَ آمَنُواْ كُونُواْ قَوَّامِينَ بِالْقِسْطِ شُهَدَاء لِلَّهِ وَلَوْ عَلَى أَنفُسِكُمْ أَوِ الْوَالِدَيْنِ وَالأَقْرَبِينَ إِن يَكُنْ غَنِيًّا أَوْ فَقِيرًا فَاللَّهُ أَوْلَى بِهِمَا فَلاَ تَتَّبِعُواْ الْهَوَى أَن تَعْدِلُواْ وَإِن تَلْوُواْ أَوْ تُعْرِضُواْ فَإِنَّ اللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًا) އައްނިސާ: 135، މާނައީ، "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަދުލު އިންޞާފު ޤާއިމުކުރުމުގައި ދެމިތިބޭ (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައިވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކުގެ މައްޗަށް ކަމުގައިވިޔަސް، ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެ އެވެ. އެމީހަކީ، (އެބަހީ: އެމީހެއްގެ މައްޗަށް ހެކިދެވޭ މީހަކީ) މުއްސަންޖަކު ކަމުގައި، ނުވަތަ ފަޤީރަކު ކަމުގައި ވިޔަސް، ފަހެ، އެ ދެ މީހުންނަށްމެ، ﷲ، އައުލާކަން ބޮޑެވެ. ތިޔަބައިމީހުން ޢަދުލުވެރިިވުން ދޫކޮށް އަމިއްލަ އެދުމަށް ތަބަޢަ ނުވާށެވެ! އަދި، ތިޔަބައިމީހުން ހެކިބަސް ބަދަލުކުޅަނަމަ، ނުވަތަ ހެކިބަސް އަދާކުރުމުން އެއްކިބާވާނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ވޮޑިގެންވެ އެވެ." އަދި އެހެން ބަސްފުޅެއްގައި ވެ އެވެ. (وَلاَ يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَى أَلاَّ تَعْدِلُواْ اعْدِلُواْ هُوَ أَقْرَبُ لِلتَّقْوَى) އަލްމާއިދާ: 8، މާނައީ، "އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! އެގޮތް ތަޤުވާވެރިކަމާ ގާތްކަން ބޮޑެވެ." ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރައްވާފައި ވެ އެވެ. (الْقُضَاةُ ثَلاَثَةٌ قَاضِيَانِ فِى النَّارِ وَقَاضٍ فِى الْجَنَّةِ رَجُلٌ قَضَى بِغَيْرِ الْحَقِّ فَعَلِمَ ذَاكَ فَذَاكَ فِى النَّارِ وَقَاضٍ لاَ يَعْلَمُ فَأَهْلَكَ حُقُوقَ النَّاسِ فَهُوَ فِى النَّارِ وَقَاضٍ قَضَى بِالْحَقِّ فَذَلِكَ فِى الْجَنَّةِ ) ރިވާކުރެއްވީ: އައްތިރުމިޛީ، މާނައީ، "ޤާޟީން ބެހިގެންވަނީ ތިން ބަޔަކަށެވެ. އޭގެތެރެއިން ދެ ޤާޟީން ވާހުށީ ނަރަކައިގަ އެވެ. އަދި ސުވަރުގޭގައި ވާހުށީ އެއް ޤާޟީ އެވެ. (އެ ތިން ޤާޟީންކުރެ) އެކަކީ، އެނގިހުރެ ޙައްޤާ ޚިލާފަށް ނިޔާ ކަނޑައެޅި ޤާޟީ އެވެ. އޭނާ ވާހުށީ ނަރަކައިގަ އެވެ. އަދި ނޭނގޭ ޙާލުގައި މީސްތަކުންގެ ޙައްޤުތައް ހަލާކުކޮށްފި ޤާޟީ އެވެ. ފަހެ، އޭނާ ވެސް ވާހުށީ ނަރަކައިގަ އެވެ. އަދި (ތިންވަނަ) ޤާޟީ އެވެ. އޭނާ ނިޔާ ކަނޑައެޅީ ޙައްޤަށެވެ. ފަހެ، އޭނާ ވާހުށީ ސުވަރުގޭގަ އެވެ." ތިބާއަށް ދޭން އޮތް ނަޞީޙަތަކީ، ތިޔަ ވިދާޅުވާ ޤާޟީ ޢަދުލު އިންޞާފުން އެއްކިބާވެ، އޭނާގެ އަނިޔާވެރިކަމުގައި ކުރިޔަށް ދާކަމަށްވަނީނަމަ، އޭނާއަށްވުރެ މަތީގައިވާ މަސްއޫލުވެރި ފަރާތްތަކަކަށް އޭނާގެ މައްސަލަ ހުށަހެޅުމެވެ. ނުވަތަ އޭނާ ނޫން އެހެން ޤާޟީއަކު މައްސަލަ ބަލާ ގޮތަށް ހަމަޖެއްސުމެވެ. ނުވަތަ ތިބާގެ މައްޗަށް އޭނާ ކަނޑައަޅާ ޙުކުމުގައި ތިބާގެ ޚަޞްމުގެ ކޮޅަށް ޖެހިފައިވާ ކަމަށާއި ތިބާއަށް އަނިޔާވެރިވެފައިވާ ކަމަށް ފެންނަ ކަމަށްވަނީނަމަ، އެ ޙުކުމް އިސްތިއުނާފަށް ހުށަހެޅުމެވެ. والله أعلم. މަޞްދަރު: އިސްލާމްވެބް ޑޮޓް ނެޓް. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)
![]()
... ލިޔުނީ ޢަބްދުﷲ, 2010-02-06 17:14:55
މީ ވަރަށް ޚޫޠޫރަތްތެރި ކަމެކެވެ. ކޮންމެ ޤާޒީއަކީވެސް ވަރަށް ޢަދުލުވެރި މީހަކަށް ވާންޖެހެއެވެ. " ޤާޟީ " ގެ މާނައަކީ ހަމައެކަނި ކޯޓުތަކުގައި ޙުކުމް ކުރަން ތިބޭ މީހުންނެއް ނޫނެވެ. ކޮންމެ ދެމިހެއްގެ މެދުގައި ކަމެއް ނިންމަން ޖެހޭ މީހުންނަކީވެސް ޤާޟީއެއްގެ ދައުރު އަދާކުރާމީހުންނެވެ. " ތިންޤާޟީންގެ ތެރެއިން ދެޤާޟީން ނަރަކާގައި" މި ބަސްފުޅުގެ މާނަ ވަރަށް ގިނަމީހުން އޮޅެއެވެ. މިސާލަކަށް ކޯޓެއްގައި ތިބީ 9 ޤާޟީންކަމަށް ވާނަމަ ސުވަރުގެ ދާނީ 3 މީހުން ކަމަށް ބައެއްމީހުން ހީކުރެއެވެ. ނަމަވެސް ޙަދީޘްގެ މުރާދަކީ ތިންގޮތަށް ޙުކުމް ކުރާ ތިންބާވަތުގެ ޤާޟީންނެވެ. އެހެންކަމުން 9 ޤާޟީންގެ ތެރެއިން އެންމެން ސުވަރުގެއަށްވެސް ހިނގައިދާނެއެވެ. އެންމެން ނަރަކައަށްވެސް ދާންޖެހިދާނެއެވެ. (ނަޢޫޛު ބި ﷲ) . އެކަން ބިނާވެފައިވާނީ އެމީހަކު ޢަމަލުކުރާގޮތެއްގެ މައްޗަށެވެ. އަޅުގަނޑުމެން ވިސްނަންވީ ކަމަކީ ކޮންމެމީހަކުވެސް އެމީހެއްގެ ބޮލުގައި އެޅިފައިވާ އަމާނާތް ވީހާވެސް ފުރިހަމަކޮށް އަދާކުރާށެވެ.
ޚިޔާލު ހުށަހަޅާ
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
''އަޅުގަނޑަށް ވިންސޭ ގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާނުލައި ބަސް އުފެދިފައިވާ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި އެބަހަކާ ނުގުޅޭ ފަދަ ބޭރުބަސްތަކުގެ ލަފްޒުތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ އެބަހަކަށް ޚިދުމަތް ކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނާތްތެރި ކަމެކެވެ.'' - މުޙަންމަދު އަމީން- |