މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދީނީ މުނާސަބަތްތައް ފާހަގަކުރުން |
|
|
| ދީން - ފަތުވާ | |||
| 07 އޮގަސްޓް 2009، 09:37 ހުކުރު | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން ސ. ދީނީ އެކިއެކި މުނާސަބަތްތައް ފާހަގަކުރުމަކީ، އަޅުގަނޑުމެން ކުރާ ކަމެކެވެ. އެފަދަ މުނާސަބަތްތަކުގެ މިސާލަކީ، ލައިލަތުލް ޤަދުރި ވިލޭރެއާއި އިސްރާއާއި މިޢުރާޖާއި ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ޢީދު މީލާދެވެ. އެފަދަ މުނާސަބަތްތަކުގައި، މުނާސަބަތާ ގުޅޭގޮތުން، ޢިލްމުވެރިންގެ ދީނީ ދަރުސްތައް ބާއްވަމުއެވެ. އަދި ބައެއް މުބާރާތްތަކާއި ދީނީ އިބްތިހާލުތައް ވެސް ބާއްވަމުއެވެ. މިސްކިތުގައި މިފަދަ ކަންތައްތައް ކުރާއިރު، ސްޕީކަރު ބޭނުންކޮށްގެން މިސްކިތުގެ އެތެރެއަށާއި ބޭރަށް އަޑު ފޮނުވަމުއެވެ. އަދި މިސްކިތުގެ ބޭރު ވާނީ، ކުލަކުލައިގެ ބޮކިތަކުން ޒީނަތްތެރި ކޮށްފައެވެ. މިފަދަ ޙަފުލާތައް ބައެއް ފަހަރު، ވީޑިއޯ ކުރަމުއެވެ. އަދި ހާޒިރުވެ ތިބޭ މީހުންގެ ކުރިމަތީގައި، ޢިލްމުވެރިން ތިއްބަވަން މޭޒާއި ގޮނޑި ބަހައްޓާފައި ވާނެއެވެ. ޙަފުލާއަށް ހާޒިރުވެ ތިބޭ މީހުންނަށް ޖޫހާއި ފޮނި ކާއެއްޗެހި (މިސާލަކަށް ކަދުރު ފަދަ) ބަހަމުއެވެ. އޭގެ އިތުރުން، ކީރިތި ޤުރުއާން ހިތުދަސްކުރާ މީހުންނަށާއި މިސްކިތާމެދު ފަރުވާތެރިވާ މަސައްކަތު މީހުންނަށް އިނާމުދިނުން ވެސް އޮވެއެވެ.މިކަންކަން މިމަގަށް ކޮށް، މިފަދަ އިޙުތިފާލުތައް ބޭއްވުމާމެދު ދީނުގެ ރައުޔަކީ ކޮބައިތޯއެވެ؟ ޖަވާބު ނަހީކުރައްވާފައިވާ ކަމެއް ނުހިމެނޭ ގޮތަށް، އެކިއެކި ދީނީ މުނާސަބަތްތައް ފާހަގަކޮށް ޙަފުލާތައް ބޭއްވުމަކީ، އެދެވިގެންވާ ކަމެކެވެ. އެހެނީ، ﷲ ގެ ދުވަސްތައް ހަނދުމަކުރުމަކީ، އިސްލާމީ ޝަރުޢުގައި ވާރިދުވެފައިވާ ކަމެކެވެ. އިބްރާހީމް ސޫރަތުގެ 5 ވަނަ އާޔަތުގައި ވެއެވެ. (وَذَكِّرْهُم بِأَيَّامِ اللَّهِ) މާނައީ، "އަދި އެއުރެންނަށް ﷲ ގެ ދުވަސްތައް ހަނދުމަކޮށްދެއްވާށެވެ!" ކޮންމެ ހޯމަ ދުވަހެއްގައި ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ރޯދައަށް ހުންނަވާ ކަމަށް ޞަޙީޙު މުސްލިމުގައި ވެއެވެ. އެދުވަހާމެދު އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައި ވެއެވެ. (ذَاكَ يَوْمٌ وُلِدْتُ فِيهِ) މާނައީ، "އެއީ ތިމަންކަލޭގެފާނު ދުނިޔެއަށް އުފަންވެވަޑައިގެންނެވި ދުވަހެވެ." ޞަޙީޙު ބުޚާރީ އާއި ޞަޙީޙު މުސްލިމުގައިވާ ޙަދީޘެއްގައި ވެއެވެ. މި ޙަދީޘް ރިވާކުރެއްވީ އިބްނު ޢައްބާސެވެ. (أَنَّ رَسُولَ اللَّهِ صلى الله عليه وآله وسلم قَدِمَ الْمَدِينَةَ فَوَجَدَ الْيَهُودَ صِيَامًا يَوْمَ عَاشُورَاءَ، فَقَالَ لَهُمْ رَسُولُ اللَّهِ صلى الله عليه وآله وسلم : مَا هَذَا الْيَوْمُ الَّذِي تَصُومُونَهُ؟ فَقَالُوا : هَذَا يَوْمٌ عَظِيمٌ؛ أَنْجَى اللَّهُ عَزَّ وَجَلَّ فِيهِ مُوسَى وَقَوْمَهُ وَغَرَّقَ فِيهِ فِرْعَوْنَ وَقَوْمَهُ، فَصَامَهُ مُوسَى شُكْرًا، فَنَحْنُ نَصُومُهُ، فَقَالَ رَسُولُ اللَّهِ صلى الله عليه وآله وسلم: فَنَحْنُ أَحَقُّ وَأَوْلَى بِمُوسَى مِنْكُمْ، فَصَامَهُ رَسُولُ اللَّهِ صلى الله عليه وآله وسلم وَأَمَرَ بِصِيَامِهِ) މާނައީ، "ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) މަދީނާއަށް ވަޑައިގެންނެވިއިރު، ޢާޝޫރާ ދުވަހުގައި ޔަހޫދީން ރޯދައަށް ތިބޭތަން ދެކެވަޑައިގަތެވެ. ދެން ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) އެބައިމީހުން ކުރެން އެއްސެވިއެވެ. "ތިބައިމީހުން ރޯދައަށް ތިބޭ މިދުވަހަކީ ކޮން ދުވަހެއްހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. މިއީ ބޮޑުވެގެންވާ ދުވަހެކެވެ. މި ދުވަހުގައި، ﷲ ޢައްޒަ ޥަޖައްލަ، މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުން ސަލާމަތްކުރައްވައި، ފިރުޢައުނާއި އޭނާގެ ޤައުމުގެ މީހުން ޣަރަޤުކުރެއްވިއެވެ. އެކަމަށްޓަކައި ޝުކުރުވެރިވެވަޑައިގަތުމުގެ ގޮތުން، މި ދުވަހު މޫސާގެފާނު ރޯދައަށް ހުންނެވިއެވެ. އެހެންވެ، އަޅުގަނޑުމެން ވެސް މިދުވަހު ރޯދައަށް ތިބެނީއެވެ. އެހިނދު ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވިއެވެ. "މޫސާގެފާނުގެ ސުންނަތް ދިރުވުމަށް، ތިޔަބައިމީހުންނަށްވުރެ ތިމަންކަލޭގެފާނު އައުލާވެގެންވުން މާ ޙައްޤުކަން ބޮޑެވެ." ދެން އެދުވަހު ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ރޯދައަށް ހުންނެވިއެވެ. އަދި (މުސްލިމުން) އެދުވަހު ރޯދައަށް ތިބުމަށް އެންގެވިއެވެ." މިކަންކަމުގެ މައްޗަށް ނަޒަރުހިންގައި ބަލާއިރު، ސުއާލުގައި ބަޔާންކުރައްވާފައިވާ ގޮތަށް ދީނީ މުނާސަބަތްތައް ފާހަގަކޮށް ޙަފުލާތައް ބޭއްވުމަކީ އިސްލާމީ ޝަރުޢުގައިވާ ކަމެއްކަން އެނގެއެވެ. އެއީ މަކުރޫހަ ކަމެކޭ އަދި ބިދުޢައެކޭ ބުނެވޭކަށް ނެތެވެ. ކީއްތޯއެވެ. އެކަން ހިމެނެނީ ﷲ ގެ ޝިޢާރުތައް މަތިވެރި ކުރުމުގެ ތެރެއިންނެވެ. އަލްޙައްޖު ސޫރަތުގެ 32 ވަނަ އާޔަތުގައި ވެއެވެ. (وَمَن يُعَظِّمْ شَعَائِرَ اللَّهِ فَإِنَّهَا مِن تَقْوَى القُلُوب) މާނައީ، "އަދި ﷲ ގެ ޝަޢާއިރުތަކަށް (އެބަހީ: ހަދުޔު ކަތިލުމާއި، އުޟުޙިޔާ ކަތިލުމާއި، ޙައްޖުގެ ޢަމަލުތަކާއި، އެނޫން ވެސް ދީނީ އަމުރުތަކަށް) މާތްކޮށްހިތާ މީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެ ތަޤުޥާވެރިކަމުގެ ތެރެއިންނެވެ." ޖަވާބު ދެއްވީ: ފަޟީލަތުއް ޝައިޚުލް އުސްތާޛު ޑރ. ޢަލީ ޖުމްޢާ މުޙައްމަދު. މަޞްދަރު: ދާރުލް އިފުތާއިލް މިޞްރިއްޔާ.
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |