މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ކޭތަ ނަމާދު ކުރާ ގޮތް |
|
|
| ދީން - ފިޤުހު | |||
| 14 ޖެނުވަރީ 2010، 09:22 ބުރާސްފަތި | |||
|
ޢަބްދުލްމުޢީދު ޙަސަން މި ނަމާދު ކުރަން ފެށުމުގެ ކުރިން، ބަންގި ގޮވައި ޤަމަތް ދިނުމެއް ނޯވެ އެވެ. މި ނަމާދަށް ގޮވާލާނީ، (الصَّلاَةُ جَامِعَة) މިފަދައިންނެވެ. ކޭތަ ނަމާދުގައިވަނީ، ދެ ރަކުޢަތެވެ. ފުރަތަމަ ރަކުޢަތުގައި، ސޫރަތުލް ފާތިޙާއަށްފަހު، ކިޔަވާނީ ދިގު ސޫރަތެކެވެ. މިސާލަކަށް އަލްބަޤަރާ ސޫރަތެވެ. ދެން ރުކޫޢަށް ދާނީ އެވެ. އެހެން ނަމާދުތަކުގެ ރުކޫޢަށްވުރެ މިނަމާދުގައި ރުކޫޢަށް އޮންނަ ވަގުތު ދިގުވާނެ އެވެ. ދެން ރުކޫޢުން ތެދުވެ، ސޫރަތުލް ފާތިޙާ ކިޔެވުމަށްފަހު، ފުރަތަ ކިޔެވި ސޫރަތަށްވުރެ ކުރު ސޫރަތެއް ކިޔަވާނީ އެވެ. މިސާލަކަށް، އާލުޢިމްރާނު ސޫރަތެވެ. ދެން ދެވަނަ ރުކޫޢަށް ދާނީ އެވެ. ފުރަތަމަ ރުކޫޢަށްވުރެ ދެވަނަ ރުކޫޢުގައި އޮންނަ ވަގުތު ކުރުވާނެ އެވެ. ދެން ދެ ސަޖިދަ ކުރާނީ އެވެ. ސަޖިދައިގައި އޮންނަ ވަގުތު، މައުމޫމުންނަށް އުނދަގޫވާ ވަރަށް ދިގުނުކުރުން ރަނގަޅެވެ. ދެން ދެވަނަ ރަކުޢަތަށް ތެދުވާނީ އެވެ. ދެވަނަ ރަކުޢަތުގައި ސޫރަތުލް ފާތިޙާ އަށްފަހު، ކިޔަވާނީ، ދެވަނައަށް ކިޔެވި ސޫރަތަށްވުރެ ކުރު ސޫރަތެކެވެ. މިސާލަކަށް، އައްނިސާ ސޫރަތެވެ. ދެން ތިންވަނަ ރުކޫޢަށް ދާނީ އެވެ. ދެވަނަ ރުކޫޢަށްވުރެ ތިންވަނަ ރުކޫޢުގައި އޮންނަ ވަގުތު ކުރުވާނެ އެވެ. ދެން ރުކޫޢުން ތެދުވެ، ސޫރަތުލް ފާތިޙާ ކިޔެވުމަށްފަހު، ތިންވަނައަށް ކިޔެވި ސޫރަތަށްވުރެ ކުރު ސޫރަތެއް ކިޔަވާނީ އެވެ. މިސާލަކަށް، އަލްމާއިދާ ސޫރަތެވެ. ދެން ހަތަރުވަނަ ރުކޫޢަށް ދާނީ އެވެ. ތިންވަނަ ރުކޫޢަށްވުރެ ހަތަރުވަނަ ރުކޫޢުގައި އޮންނަ ވަގުތު ކުރުވާނެ އެވެ. ދެން ދެ ސަޖިދަ ކުރާނީ އެވެ. ސަޖިދައިގައި އޮންނަ ވަގުތު، މައުމޫމުންނަށް އުނދަގޫވާ ވަރަށް ދިގުނުކުރުން ރަނގަޅެވެ. ދެން އައްތަޙިއްޔާތު ކިޔައި ސަލާމްދޭނީ އެވެ. މި ނަމާދުގައި ކިޔެވުމަށް، މިސާލުގެ ގޮތުގައި ފާހަގަކޮށްފައިވާ ސޫރަތްތައް ނޫން އެހެން ސޫރަތްތައް ކިޔެވިދާނެ އެވެ. ނޯޓް: 1. ކޭތަ ނަމާދަށްފަހު، ޚުޠުބާއެއް ދިނުމަކީ، ޝާފިޢީ މަޒުހަބުގައި ސުންނަތްވެގެންވާ ކަމެކެވެ. 2. މި ނަމާދުގެ ވަގުތަކީ، ކޭތަ ހިފީއްސުރެ، ކޭތަ ވީއްލައިފުމަށް ދާންދެނެވެ. 3. ރަށުގައި ޤާއިމުވެތިބޭ މީހުންނާއި ދަތުރުވެރިންނާއި އަންހެނުންނާއި މުސްކުޅިންނާއި މިނަމާދުކުރުން ސުންނަތްވެގެންވެ އެވެ. މި ނަމާދު ކުރުން ސުންނަތްވެގެންވަނީ، ފަރުޟު ނަމާދު ކުރުން ވާޖިބުވެގެންވާ މީހުންނަށެވެ. ކުޑަކުދިން މި ނަމާދަށް ހާޒިރުވުމަކީ އެދެވިގެންވާ ކަމެކެވެ. 4. މިނަމާދު ކުރުން ސުންނަތްވެގެންވަނީ، ޖަމާޢަތުގަ އެވެ. 5. މިސްކިތަށް ދިއުމަށް އުޒުރުވެރިވާ މީހާއަށް، ގޭގައި މިނަމާދު ކުރެވިދާނެ އެވެ. 6. ކޭތަ ހިފައިފިނަމަ، މުސްލިމުން ކުރަންވީ ކަންތައްތަކަކީ، ނަމާދުކުރުމާއި، ތަކުބީރު ކިއުމާއި، ދުޢާކުރުމާއި، ޞަދަޤާތް ދިނުމާއި، ފާފަ ފުއްސެވުމަށް އެދި މާތް ﷲ ގެ ޙަޟުރަތުގައި ދެންނެވުމެވެ. 7. އިރުކޭތަ ހިފުމުން އިރަށް ބެލުމަކީ، މާތްވެގެންވާ އިސްލާމްދީނުގައި އޮތް ކަމެއް ނޫނެވެ. އަދި އެކަމަކީ، ލޯއަނދިރިވާ ކަމެކެވެ. ބައެއް ފަހަރު މުޅިން ލޯ އަނދިރިވެ، ދުވަހަކު ވެސް ލޮލަށް ނުފެންނަ ޙާލަތަށް ހިނގައިދާނެ އެވެ. އެކްސްރޭ ކަރުދާހާއި ކަޅު ބިއްލޫރިއާއި އަވިއައިނު ފަދަ ތަކެތި އަޅައިގެން ވެސް، ބަލާކަށް ނުވާނެ އެވެ. މަޞްދަރުތައް: ފިޤުހުއްސުންނާ (މުޖައްލަދު: 1) ރަސޫލު ﷲ ވެބްސައިޓު. އަލްމުހަންދިސް ޢަލްކަޙީލުގެ ވެބްސައިޓު.
|
| ހަމަ މި ގަލަމުން |
|---|