މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ބާލިޣުނުވާ ކުދިންގެ ޢައުރަ |
|
|
| ދީން - ފިޤުހު | |||
| 17 ޖޫން 2010، 11:13 ބުރާސްފަތި | |||
|
ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން މުރާހިޤުންނާއި މުރާހިޤާއިންގެ ޢައުރައަކީ، ބާލިޣުވެފައިވާ ފިރިހެނާއާއި ބާލިޣުވެފައިވާ އަންހެނާގެ ޢައުރަ ކަމަށް ފިޤުހުވެރިން އިއްތިފާޤުވެ ވަޑައިގެންފައިވެ އެވެ. ނަމާދުގައްޔާއި ނަމާދުން ބޭރުގައި، ބެލުމާއި ބީހުމު ގޮތުން މިކަމުގައި ޚިލާފެއް ނެތެވެ. ނަމަވެސް ކުޑަ ފިރިހެން ކުއްޖާއާއި ކުޑަ އަންހެން ކުއްޖާ ކަނޑައެޅުމާއި އެކުދިންގެ ޢައުރައާމެދު ފިޤުހުވެރިންގެ މެދުގައި ދޭހަތަފާތުވެފައިވެ އެވެ.ޙަނަފީ މަޛުހަބުޙަނަފީ މަޛުހަބުގައި ތުއްތު ފިރިހެން ކުއްޖާއާއި ތުއްތު އަންހެން ކުއްޖާގެ ޢައުރައެއް ނެތެވެ. ތުއްތު ކުއްޖެއް ކަމަށް މި މަޛުހަބުގައި ބަލާފައިވަނީ، ހަތަރު އަހަރުން ދަށުގެ ކުއްޖާ އެވެ. އެ ޢުމުރު ކުއްޖެއްގެ މުޅި ހަށިގަނޑަށް ބެލުމާއި، މުޅި ހަށިގަނޑުގައި ބީހުމަކީ (ޝަހުވަތްތެރިކަމާ ނުލައި) ހުއްދަ ކަމެކެވެ. ހަތަރު އަހަރުން މަތީގެ ކުޑަ ފިރިހެން ކުއްޖާއާއި އެ ޢުމުރުގެ ކުޑަ އަންހެން ކުއްޖާގެ ޢައުރައަކީ، ޝަހުވަތްތެރިކަމެއް ނެތްނަމަ، ކުރިމަތިފަރާތު ދޮރާއި ފުރަގަސްފަރާތު ދޮރެވެ. ޢުމުރު މަތިވާ ވަރަކަށް ޢައުރައިގެ ތެރޭގައި ހިމެނޭ މިންވަރު އިތުރުވަމުންދެ އެވެ. ޢުމުރުން ދިހަ އަހަރު ފުރޭއިރު، ފިރިހެން ކުއްޖާގެ ޢައުރައަކީ ކުރިމަތިފަރާތު ދޮރުގެ ވަށައިގެންވާހައި ތަނަކާއި ފުރަގަސްފަރާތު ދޮރުގެ ވަށައިގެންވާހައި ތަނެކެވެ. ޢުމުރުން ދިހައަހަރު ފުރޭއިރު، ކުޑަ އަންހެން ކުއްޖާގެ ޢައުރަ ވެސް ހަމައެފަދަ އެވެ. ޝަހުވަތްތެރިކަމެއް ނެތްނަމަ، އޭނާގެ ހަށިގަނޑުގެ އެނޫން ތަންތަނަށް ބެލުމާއި، އެނޫން ތަންތަނުގައި ބީހުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެހެނީ އެ ދެ ކުދިންގެ ހަށިގަނޑުގެ އެނޫން ތަންތަނަށް، ޢައުރައިގެ ޙުކުމް ނުހިނގަ އެވެ. އަދި ބެލުމާއި ބީހުމުގައި ފިތުނައިގެ މާނައެއް ނެތެވެ. ބާލިޣުނުވާ ފިރިހެން ކުއްޖާއާއި އަންހެން ކުއްޖާ، ޝަހުވަތްތެރިކަމުގެ އިމަށް ވާޞިލުވެއްޖެނަމަ، އެ ދެ ކުދިންގެ ޢައުރައަކީ، ބާލިޣުވެފައިވާ ފިރިހެނާއާއި ބާލިޣުވެފައިވާ އަންހެނާގެ ޢައުރަ އެވެ. ޝަހުވަތްތެރިކަމުގެ އިމަށް ވާޞިލުވުމުގެ ޢުމުރާމެދު ދޭހަތަފާތުވެފައިވެ އެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ ހަތް އަހަރު ކަމަށެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ އެއީ ނުވަ އަހަރު ކަމަށެވެ. ޞައްޙަ ރައުޔަކީ، ޢުމުރަށް ނުބެލުމަށް ބުނާ ރައުޔެވެ. އެރައުޔު ބުނާ ގޮތުގައި ބަލަން ޖެހެނީ (ބަލާބެލުމަށް) ޖިމާޢުވެވޭވަރު ވެފައިވޭތޯ އެވެ. ފިރިހެން ކުއްޖާއާއި އަންހެން ކުއްޖާ ބާލިޣުވެއްޖެނަމަ، ނުވަތަ ޢުމުރުން ދިހަ އަހަރު ފުރިއްޖެނަމަ، އެ ދެ ކުދީން ބާލިޣުވެފައިވާ މީހުން ފަދަ އެވެ. ޝަހުވަތްތެރިކަމުގެ ނަޒަރުން އެ ދެ ކުދީންނަށް ބެލުނަސް ނުބެލުނަސް، ނަމާދުގައްޔާއި ނަމާދުން ބޭރުގައި އެ ދެ ކުދީންގެ ޢައުރައަކީ ބާލިޣުވެފައިވާ މީހުންގެ ޢައުރަ އެވެ. މާލިކީ މަޛުހަބުމާލިކީ މަޛުހަބުގައި ފިރިހެން ކުދިންނާއި އަންހެން ކުދިންގެ ޢައުރަ ތަފާތެވެ. ޢުމުރުން އަށް އަހަރުން ދަށުގެ ކުޑަފިރިހެން ކުއްޖާގެ ޢައުރައެއް ނެތެވެ. އޭނާގެ މުޅި ހަށިގަނޑަށް ބެލުމާއި އޭނާގެ މުޅި ހަށިގަނޑުގައި ބީހުން، އަންހެނަކަށް ހުއްދަވެގެންވެ އެވެ. އެހެނީ އޭނާއަށް ތަންދޮރު ވަކިކޮށް ދެނެގަނެވެންދެން އޭނާގެ މައްޗަށް ހިނގާނީ ޅަޢުމުރުގެ ޙުކުމެވެ. ނުވަ އަހަރާއި ބާރަ އަހަރާ ދެމެދުގެ ފިރިހެން ކުއްޖާގެ މުޅި ހަށިގަނޑަށް ބެލުން، އަންހެނަކަށް ހުއްދައެވެ. ނަމަވެސް އޭނާގެ މުޅި ހަށިގަނޑުގައި ބީހުމާއި އޭނާ ފެންވެރުވުން، އަންހެނަކަށް ހުއްދައެއް ނޫނެވެ. ތޭރަ އަހަރާއި އެއަށްވުރެ މަތީ ޢުމުރުގެ ފިރިހެން ކުއްޖާގެ ހަށިގަނޑުން، ބެލުން ހުއްދަވެގެން ނުވާ ޢައުރައިގެ މިންވަރަކީ، ބާލިޣުވެފައިވާ ފިރިހެނާގެ ޢައުރަ އެވެ. ފިރިހެން ކުއްޖާގެ ޢުމުރުން ހަތް އަހަރު ފުރުމުން ނަމާދުގައި ނިވާކުރަން ޖެހޭ ޢައުރައަކީ، ބާލިޣުވެފައިވާ ފިރިހެނާގެ ޢައުރަ އެވެ. ހަތް އަހަރު ފުރިފައިވާ ކުއްޖާގެ ޢައުރައިން އެމިންވަރު ނިވާކުރުން ސުންނަތްވެގެންވެ އެވެ. ކީއްތޯއެވެ. ނަމާދުކުރާއިރު، ބާލިޣުވެފައިވާ ފިރިހެނާގެ ހަށިގަނޑުން (އާދަކާދައިގެ މަތިން) ނިވާކޮށްއުޅޭ މިންވަރަށް، އޭނާގެ ހަށިގަނޑުން ނިވާކުރުން ވެސް ސުންނަތްވެގެންވެ އެވެ. ޢުމުރުން ތިން އަހަރާއި ހަތަރު އަހަރާ ދެމެދުގެ އަންހެން ކުއްޖާގެ ހަށިގަނޑުގައި ބެލުން ހުއްދަނުވާ ޢައުރައެއް ނެތެވެ. ނަމަވެސް، ފިރިހެނަކު އޭނާގެ ހަށިގަނޑުގައި ބީހުމުގެ ގޮތުން ބަލާއިރު، އޭނާގެ ޢައުރައަކީ ބާލިޣުވެފައިވާ އަންހެނާގެ ޢައުރަ އެވެ. އެ ޢުމުރުގެ އަންހެން ކުއްޖާގެ މުޅި ހަށިގަނޑަށް ބެލުން ފިރިހެނަކަށް ހުއްދަ އެވެ. ނަމަވެސް އެ ޢުމުރުގެ ކުއްޖަކު ފެންވެރުވުން ފިރިހެނަކަށް ހުއްދައެއް ނޫނެވެ. ޝަހުވަތްތެރިކަމުގެ ނަޒަރުން ބެލެވޭ ވަރުގެ އަންހެން ކުއްޖާގެ ޢައުރައަކީ، ބާލިޣުވެފައިވާ އަންހެނާގެ ޢައުރަ އެވެ. ހަ އަހަރުގެ ކުއްޖާއާއި އެއަށްވުރެ ޢުމުރު މަތިވެފައިވާ ކުއްޖާ މީގެތެރޭގައި ހިމެނެ އެވެ. މި ޢުމުރުގެ އަންހެން ކުއްޖާ ޢައުރަ ނިވާކުރަން ޖެހޭނެ އެވެ. (މިތަނުގައި ނިވާކުރުމަށް މިބުނެވުނީ، ދައްކަން ނުޖެހޭ ޢައުރަ އެވެ.) ބާލިޣުނުވާ އަންހެން ކުއްޖާ ނަމާދުގައި ނިވާކުރަންޖެހޭ ޢައުރައަކީ، ފޫޅާއި ކަކުލާ ދެމެދެވެ. ނަމަވެސް ބާލިޣުވެފައިވާ އަންހެނަކު ނިވާކުރުން ވާޖިބުވެގެންވާ މިންވަރަށް، މޫނާއި ދެ އަތްތިލަ ނޫންހައި ތަނެއް، ބާލިޣުނުވާ އަންހެން ކުއްޖާ ނިވާކުރުން ސުންނަތްވެގެންވެ އެވެ. ޝާފިޢީ މަޛުހަބުޝާފިޢީ މަޛުހަބުގައި، ތަންދޮރު ވަކިކޮށް ދެނެގަނެވޭ ވަރަށްވުރެ ކުޑަ ފިރިހެން ކުއްޖާ އާއި ޝަހުވަތްތެރިކަމުގެ ނަޒަރުން ނުބެލެވޭ ވަރުގެ ކުޑަ އަންހެން ކުއްޖާގެ ޢައުރައަށް ބެލުން ހުއްދަ އެވެ. އެހެނީ، ހެޔޮލަފާ މީހަކު ޝަހުވަތްތެރިކަމުގެ ގޮތުން އެވަރު ކުއްޖެއްގެ ޢައުރައަށް ބަލާފާނެ ކަމަކަށް ނުބެލެވެ އެވެ. ޝަހުވަތްތެރިކަމެއް ނެތި އެ ޢުމުރުގެ ކުއްޖެއްގެ ޢައުރައަށް ބެލުމަކީ މީސްތަކުންގެ މެދުގައި ޢާންމުވެފައިވާ ކަމެކެވެ. ޢިލްމުވެރިންގެ މެދުގައި ދޭހަ ތަފާތުވެފައިވަނީ، އެ ޢުމުރުގެ ކުއްޖެއްގެ ކުރިމަތި ފަރާތު ދޮރާއި ފުރަގަސް ފަރާތު ދޮރަށް ބެލުމާމެދުގަ އެވެ. ދެ ޝައިޚުން ވިދާޅުވެފައިވަނީ، ތަންދޮރު ވަކިކޮށް ދެނެގަނެވޭ ވަރަށްވުރެ ކުޑަ ކުއްޖާގެ ދެ ދޮރުންކުރެ ދޮރަކަށް ބެލުން ޙަރާމް ކަމަށެވެ. މިއިން އިސްތިސްނާވެގެންވަނީ، ކުއްޖާގެ މަންމައާއި މަންމަގެ މަޤާމުގައިވާ މީހެކެވެ. އެއީ ޟަރޫރީ ޙާލަތަށްޓަކަ އެވެ. މުޙައްމަދު ބިން ޢަޔާޟުގެ އަރިހުން ރިވާވެފައިވެ އެވެ. "ތިމަންކަލޭގެފާނު ތުއްޕުޅުއިރު، ފޮތިގަނޑެއްގެ ތެރޭގައި ބާއްވާފައި، ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ އަތްޕުޅަށް ތިމަންކަލޭގެފާނު އެރުވުނެވެ. އެހިނދު ތިމަންކަލޭގެފާނުގެ ޢައުރަ ކަޝްފުވި އެވެ. ދެން އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ. (غَطُّوا عَوْرَتَهُ فَإِنَّ حُرْمَةَ عَوْرَةِ الصَّغِيرِ كَحُرْمَةِ عَوْرَةِ اْلكَبِيْرِ وَلاَ يَنْظُرُ اللهُ إِلَى كَاشِفِ عَوْرَتِهِ) މާނައީ، "އޭނާގެ ޢައުރަ ނިވާކުރާށެވެ! ފަހެ، ބާލިޣުވެފައިވާ މީހާގެ ޢައުރަ ޙުރުމަތްތެރިވެގެންވާ ފަދައިން، ކުޑަ ކުއްޖާގެ ޢައުރަ ޙުރުމަތްތެރިވެގެންވެ އެވެ. އެމީހެއްގެ ޢައުރަ ކަޝްފުކުރާ މީހާއަށް ﷲ (އޯގާވަންތަކަމުގެ ނަޒަރުން) ބައްލަވައިވޮޑި ނުގަންނަވާނެތެވެ." ފަރުޖު ގެ ދޭހައަކީ، އެތަނެއްގައި (އަތްތިލައިގެ ނުވަތަ އިނގިލިތަކުގެ ބަނޑުފުށުން) ބީހުމުން ވުޟޫ ގެއްލޭ ތަނެވެ. އެއީ ކުރިމަތި ފަރާތު ދޮރާއި ފުރަގަސް ފަރާތު ދޮރެވެ. އަދި އެ ދެ ދޮރުންކުރެ ދޮރެއްގެ ވަށައިގެން އިސްތަށި ފަޅާފައިވާ ހިސާބެވެ. ތަންދޮރު ވަކިކޮށް ދެނެގަނެވޭ ވަރަށްވުރެ ކުޑަ ފިރިހެން ކުއްޖާއާއި، ޝަހުވަތްތެރިކަމުގެ ނަޒަރުން ބެލެވޭ ވަރަށްވުރެ ކުޑަ އަންހެން ކުއްޖާގެ ފަރުޖަށް ބެލުން ހުއްދަ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެ އެވެ. އެހެނީ އިހުޒަމާނާއި މިޒަމާނުގެ މީހުން ވަނީ، އެކަމާމެދު ރުހި ޤަބޫލުވެގެންނެވެ. އަލްޤާޟީ ޙުސައިންގެ ރައުޔުގައި، ބެލުން ހުއްދަ އެވެ. ނަމަވެސް އޭނާގެ ރައުރުގައި އެއީ މަކުރޫހަ ކަމެކެވެ. ނަމާދުގައި، ނަންގަނެވި ދިޔަ ފިރިހެން ކުއްޖާއާއި އަންހެން ކުއްޖާގެ ޢައުރައަކީ، ބާލިޣުވެފައިވާ ފިރިހެނާއާއި ބާލިޣުވެފައިވާ އަންހެނާގެ ޢައުރަ އެވެ. ޙަންބަލީ މަޛުހަބުޙަންބަލީ މަޛުހަބުގައި ފިރިހެން ކުއްޖާއާއި އަންހެން ކުއްޖާގެ ޢައުރަ ތަފާތެވެ. އެއް ރައުޔުގައި، ހަތް އަހަރު ނުފުރޭ ފިރިހެން ކުއްޖާގެ ޢައުރައެއް ނެތެވެ. އަނެއް ރައުޔުގައި، ނުވަ އަހަރު ނުފުރޭ ފިރިހެން ކުއްޖާގެ ޢައުރައެއް ނެތެވެ. މި ދެ ރައުޔުގައި، މި ޢުމުރުގެ ފިރިހެން ކުއްޖާގެ މުޅި ހަށިގަނޑަށް ބެލުމާއި މުޅި ހަށިގަނޑުގައި ބީހުމަކީ ހުއްދަ ކަމެކެވެ. ހަތް އަހަރާއި ދިހަ އަހަރާ ދެމެދުގެ ފިރިހެން ކުއްޖާގެ ޢައުރައަކީ، ދެ ފަރުޖެވެ. (އެބަހީ، ކުރިމަތި ފަރާތު ދޮރާއި ފުރަގަސް ފަރާތު ދޮރެވެ.) މި ޢުމުރުގެ ފިރިހެން ކުއްޖާ، ނަމާދާއި ނަމާދުން ބޭރުގައި ނިވާކުރަން ޖެހޭ ޢައުރައަކީ މިއެވެ. އެހެނީ، މި ޢުމުރުގެ ފިރިހެން ކުއްޖާ ބާލިޣު ނުވާނެ އެވެ. ދިހަ އަހަރު ފުރިފައިވާ ފިރިހެން ކުއްޖާގެ ޢައުރައަކީ، ބާލިޣުވެފައިވާ ފިރިހެނާގެ ޢައުރަ އެވެ. އެހެނީ، ދިހަ އަހަރު ފުރޭއިރު، ފިރިހެން ކުއްޖާ ވާނީ ބާލިޣުވުމާ ގާތުގަ އެވެ. އަންހެން ކުއްޖާ، ކާވެނިކުރެވޭ ވަރަށްވުރެ ކުޑަނަމަ، އޭނާގެ ހަށިގަނޑަށް ބެލިޔަސް މައްސަލައެއް ނެތެވެ. ނަމަވެސް ކާވެނިކުރެވޭ ވަރު ވެއްޖެނަމަ، އޭނާގެ ޢައުރައެއް ވާނެ އެވެ. އެކަމަކު އެއީ ބާލިޣުވެފައިވާ އަންހެނާގެ ޢައުރައަށްވުރެ ކުޑަ ޢައުރައެކެވެ. ފަހެ، ހަތް އަހަރާއި ދިހަ އަހަރާ ދެމެދުގެ އަންހެން ކުއްޖާގެ ޢައުރައަކީ، ނަމާދުގައި ފޫޅާއި ކަކުލާ ދެމެދެވެ. ނަމާދުން ބޭރުގައި އޭނާގެ ޢައުރައަކީ، މަޙުރަމުންގެ ކުރިމަތީގައި ބާލިޣުވެފައިވާ އަންހެނާގެ ޢައުރަ އެވެ. އަދި ހިލޭ ފިރިހެނުންގެ ކުރިމަތީގައި އޭނާގެ ޢައުރައަކީ، މޫނާއި ބޮލާއި ކަރާއި ދެ އަތުގެ އުޅަނބޮށިން ތިރި ފިޔަވައި މުޅި ހަށިގަނޑެވެ. އަބޫ ޡަބްޔާން ބިން ޖުންދުބުލް ޖަންބީގެ އަރިހުން ރިވާވެފައިވެ އެވެ. ޢާއިޝަތުގެފާނުގެ ޒަމާނުގައި އަންހެން ކުއްޖަކު ބޭރަށް ނުކުމެ އުޅުނެވެ. އޭރު އެ ކުއްޖާގެ އުރަމަތި ވަނީ ބޮޑުވާން ފަށާފަ އެވެ. އެކުއްޖާގެ ވާހަކަ ޢާއިޝަތުގެފާނަށް ދެންނެވުނު ހިނދު އެކަމަނާ ވިދާޅުވި އެވެ. "އެއީ އަދި ބާލިޣުނުވާ ކުއްޖެކެވެ." ﷲ ގެ ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ޙަދީޘްކުރެއްވި ކަމަށް، ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެފައިވެ އެވެ. (لاَ يَقْبَلُ اللَّهُ صَلاَةَ حَائِضٍ إِلاَّ بِخِمَارٍ) މާނައީ، "ޙައިޟުވެ ބާލިޣުވެފައިވާ އަންހެނާ، (ނަމާދުކުރާ އިރު) ބޯ ނިވާކުރުމުން މެނުވީ ﷲ އޭނާގެ ނަމާދު ޤަބޫލު ނުކުރައްވާނެތެވެ." މި ޙަދީޘްފުޅުގައި، ކަނޑައެޅިގެން ބަޔާންކުރައްވާފައިވަނީ ޙައިޟުވެ ބާލިޣުވެފައިވާ އަންހެނާ އެވެ. އެހެންވީމާ، އެ ޢުމުރަށް ވާޞިލު ނުވާ އަންހެން ކުއްޖާގެ ހަށިގަނޑުން ހާމަކުރުން ހުއްދަވެގެންވާ މިންވަރު ބޮޑުކަމަށް މި ޙަދީޘުން ދަލީލު ލިބެ އެވެ. ނަމަވެސް އޭނާއަށް ވެސް ސުންނަތްވެގެންވަނީ، ބާލިޣުވެފައިވާ އަންހެނާ ފަދައިން ބޮލާއި ހަށިގަނޑުގެ އެހެން ތަންތަން ނިވާކުރުމެވެ. އެއީ ރައްކާތެރިކަމުގެ ގޮތުންނެވެ. ޚުލާޞާކުޑަ ފިރިހެން ކުއްޖާއާއި ކުޑަ އަންހެން ކުއްޖާގެ ޢައުރަ ނިވާކޮށްގެން އުޅުމަކީ، (އެބަހީ، ބާލިޣުވެފައިވާ މީހުން ނިވާކޮށްގެން އުޅޭފަދައިން ނިވާކޮށްގެން އުޅުމަކީ) އެންމެނަށް ވެސް އެނގޭނެ ފަދައިން ދަތިކަމެކެވެ. ތަންދޮރު ވަކިކޮށް ދެނެގަނެވޭ ވަރު ނުވާ ކުޑަ ކުދިން ނިވާކުރަން ޖެހޭ ޢައުރައެއް ނެތެވެ. ކުރިމަތި ފަރާތު ދޮރާއި ފުރަގަސް ފަރާތު ދޮރާ މެދު، އެހެން މަޛުހަބުތަކާ ޚިލާފުވަނީ ޝާފިޢީ މަޛުހަބެވެ. ޝާފިޢީ މަޛުހަބުގައި (ތަންދޮރު ވަކިކޮށް ދެނެގަނެވޭ ވަރަށްވުރެ) ކުޑަ ކުއްޖާގެ ކުރިމަތި ފަރާތު ދޮރާއި ފުރަގަސް ފަރާތު ދޮރަށް ބެލުން ހުއްދަވެގެންވަނީ ޟަރޫރީ ޙާލަތުގައި އެކަން ކުރަން ޖެހޭ މީހުންނަށެވެ. ތަންދޮރު ވަކިކޮށް ދެނެގަނެވޭ ވަރުވުމުން ކުޑަ ކުއްޖާގެ ޢައުރައަކީ، ކުރިމަތި ފަރާތު ދޮރާއި ފުރަގަސް ފަރާތު ދޮރެވެ. އޭނާގެ ހަށިގަނޑުގެ އެނޫން ތަންތަނަށް ބެލުން ހުއްދަ އެވެ. އެއީ މީސްތަކުން އެކަން ޤަބޫލުކޮށް ބަލައިގެންފައިވާތީ އެވެ. ކުޑަ ފިރިހެން ކުއްޖާ ނުވަތަ ކުޑަ އަންހެން ކުއްޖާ، ޝަހުވަތްތެރިކަމުގެ ޢުމުރަށް ވާޞިލުވުމުން އެ ދެ ކުދީންގެ ޢައުރަ ބެލުން ޙަރާމެވެ. ކުޑަ ފިރިހެން ކުއްޖާގެ ޢުމުރުން ދިހަ އަހަރު ފުރި އެއަށްވުރެ ބޮޑުވުމުން، އޭނާގެ ފޫޅާއި ކަކުލާ ދެމެދުން ތަނެއް ހާމަކޮށްގެން އުޅުން، އޭނާއަށް ހުއްދަ ނުވާނެ އެވެ. އަދި އޭނާގެ ފޫޅާއި ކަކުލާ ދެމެދުން ތަނެއް ބެލުން، އެހެން މީހުންނަށް ހުއްދަ ނުވާނެ އެވެ. ރާޖިޙު ރައުޔަކީ މި ރައުޔެވެ. މަޞްދަރު: ފޮތުގެ ނަން: ފިޤުހުލް އަލްބިސަތި ވައްޒީނާ. މުއައްލިފު: ޢަބްދުލްވައްހާބު ޢަބްދުއްސަލާމް ޠަވީލާ.
|
| ހަމަ މި ގަލަމުން |
|---|