ފަންވަތް ދީން ފިޤުހު ފިޤުހީ މަޛުހަބުތައް ފެތުރިފައިވާ ތަންތަން
ބެލި ޢަދަދު: 1011
ފިޤުހީ މަޛުހަބުތައް ފެތުރިފައިވާ ތަންތަން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދީން - ފިޤުހު
22 ޖޫން 2010، 12:27 އަންގާރަ

ޢަބްދުލްމުޢީދު ޙަސަން


މަޛުހަބު ނުވަތަ މަޒުހަބަކީ ދީންތަކަށް އާ އެއްޗެއް ނޫނެވެ. މާތްވެގެންވާ އިސްލާމްދީނާއި އެހެން ދީންތަކުގައި ވެސް މަޒުހަބުތައް ވެ އެވެ. އަދި މަޒުހަބުގެ ތަފާތު ވައްތަރުތައް ވެ އެވެ. ފިޤުހީ މަޒުހަބުތަކާއި ޢަޤާއިދީ މަޒުހަބުތަކާއި ސިޔާސީ މަޒުހަބުތަކާއި ސައިންސްގެ މަޒުހަބުތައް ވެ އެވެ. މަޒުހަބުތައް ހެދިބޮޑުވަމުންދާއިރު، އެއިން ގޮފި ފަޅައި، އިތުރު މަޒުހަބުތައް އުފެދެ އެވެ. މުސްލިމުންގެ ތެރޭގައި ގިނައިން ވާހަކަ ދެކެވެނީ ފިޤުހީ މަޒުހަބުތަކާ ބެހޭ ގޮތުންނެވެ.



މި ފޮޅުވަތްތަކުގައި ނަންގަނެލާނީ، ފިޤުހީ މަޒުހަބުތަކާއި އެ މަޒުހަބުތައް ފެތުރުނު ޤައުމުތަކެވެ. ފިޤުހީ މަޒުހަބުތަކުގެ ތެރެއިން މަޝްހޫރުވެފައިވަނީ ހަތަރު މަޒުހަބެކެވެ. އެއީ ޙަނަފީ މަޒުހަބާއި މާލިކީ މަޒުހަބާއި ޝާފިޢީ މަޒުހަބާއި ޙަންބަލީ މަޒުހަބެވެ. ސުންނީ މުސްލިމުންނޭ ކިޔެނީ މި މަޒުހަބުތަކާ ތަބާވާ މީހުންނަށެވެ. މި ނޫން އެހެން ފިޤުހީ މަޒުހަބުތައް ވެސް ވެ އެވެ. ނަމަވެސް މި ހަތަރު މަޒުހަބު ފަދައިން އެއިން މަޒުހަބެއް މަޝްހޫރެއް ނުވެ އެވެ.



ޙަނަފީ މަޒުހަބު

މި މަޒުހަބު ނިސްބަތްވަނީ، އަބޫ ޙަނީފާ އައްނުޢުމާން ބިން ސާބިތަށެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 80 ވަނަ އަހަރުން 150 ވަނަ އަހަރަށެވެ. އެކަލޭގެފާނަކީ، ފާރިސްކަރައިގެ ބޭކަލެއް ކަމަށް މަޝްހޫރުވެފައިވެ އެވެ. އަދި އެހެން ރައުޔެއްގައި، އެކަލޭގެފާނަކީ އަފުޣާނިސްތާނު ބޭކަލެއް ކަމަށް ބުނެވެ އެވެ.

އިމާމު އަބޫ ޙަނީފާ އަކީ، ތާބިޢީ ބޭކަލުންގެ ތާބިޢީ ބޭކަލެކެވެ. އެކަލޭގެފާނަކީ، ފިޤުހު ޢިލްމުވެރިއެކެވެ. ޢިރާޤުގެ ފަޤީހަކީ އެކަލޭގެފާނު ކަމުގައިވި އެވެ.

އެކަލޭގެފާނުގެ ފިޤުހީ މަޒުހަބު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ، ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތާއި އިޖުމާޢާއި ޤިޔާސާއި އިސްތިޙުސާނާއި ޢުރުފާއި އަޞްޙާބު ބޭކަލުންގެ ބަސްފުޅުތަކާއި ކުރީގެ ޝަރުޢުގެ މައްޗަށެވެ.

ޙަނަފީ މަޒުހަބު ފެތުރުނީ، ބަލްކަން ސަރަޙައްދާއި މެދުތެރޭ އޭޝިއާ އާއި މިޞްރާއި އަފުޣާނިސްތާނާއި ތުރުކިސްތާނާއި ޕާކިސްތާނާއި ބަންގްލާދޭޝް އާއި އިންޑިއާގެ ދެކުނާއި ތުރުކީވިލާތާއި ސީރިޔާގެ ދެކުނާއި ޢިރާޤުގެ ބޮޑުބަޔަކާއި ސޮވިއެޓް ޔޫނިއަންގައި ހިމެނުނު ބައެއް ޤައުމުތަކާއި ޗައިނާގަ އެވެ.


މާލިކީ މަޒުހަބު

މި މަޒުހަބު ނިސްބަތްވަނީ، މާލިކު ބިން އަނަސް އަށެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 93 ވަނަ އަހަރުން 179 ވަނަ އަހަރަށެވެ.

މާލިކީ މަޒުހަބު ފާޅުވެ، މަޒުހަބެއްގެ ގޮތުގައި މުސްތަޤިއްލުވީ ހިޖުރައިން ދެވަނަ ޤަރުނުގަ އެވެ. މި މަޒުހަބުގެ މައިގަނޑު ފިކުރަކީ، މަދީނާގެ އަހުލުވެރިން ދީނީ ކަންކަމުގައި ޢަމަލުކުރާ ގޮތަށް ބުރަވުމާއި އަނިޔާވެރި ޙާކިމާއާ ދެކޮޅަށް ނުކުތުން ހުއްދަނުކުރުމެވެ. ކުރީކޮޅުގައި މި މަޒުހަބު ފެތުރުމަށް ސަރުކާރުގެ ވާގިވެރިކަން ލިބުނެވެ.

މާލިކީ މަޒުހަބު، ޙިޖާޒުކަރައިގައި ވަރަށް ބޮޑަށް ފެތުރުނެވެ. އެއީ އިމާމު މާލިކުގެ އުފަންބިމެވެ. ޢައްބާސީ ދައުލަތުގެ މަދަދާއެކު، މި މަޒުހަބު ބަޣުދާދުގައި ފެތުރުނެވެ. ބަޞަރާގައި މި މަޒުހަބު ފާޅުވީ ޙިޖާޒުކަރައިގައި ފާޅުވިތާ ފަސް ޤަރުނު ފަހުންނެވެ. ފާރިސްކަރައިގައި މި މަޒުހަބު ފާޅުވި އެވެ. ނަމަވެސް ޞަފަވީ ދައުލަތުގެ ޒަމާނުގައި މަޒުހަބު ފެތުރުން ހީނަރުވި އެވެ.

މާލިކީ މަޒުހަބު ބޮޑަށް ފެތުރިފައިވަނީ، ޢަރަބި ދުނިޔޭގެ ހުޅަނގު ބިތާއި ޔޫއޭއީ އާއި ބަޙުރައިން އާއި ޤަޠަރާއި ކުވައިތާއި ސޫދާނާއި މިޞްރުގެ ޞަޢީދާއި ސަޢޫދީ ޢަރަބިއްޔާގެ އިރުމަތީ ސަރަޙައްދާއި އެފްރިކާ ބައްރުގެ މެދާއި ހުޅަނގުގަ އެވެ.

މިހާރު މާލިކީ މަޒުހަބާ ތަބާވާ މުސްލިމުންގެ ޢަދަދު، 150 މިލިޔަނަށްވުރެ ގިނަ ކަމަށް ބައެއް ތަފާސް ހިސާބުތަކުން ދައްކަ އެވެ.


ޝާފިޢީ މަޒުހަބު

މި މަޒުހަބު ނިސްބަތްވަނީ، މުޙައްމަދު ބިން އިދުރީސުއްޝާފިޢީ އަށެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 150 ވަނަ އަހަރުން 204 ވަނަ އަހަރަށެވެ.

ޝާފިޢީގެފާނުގެ ޙަޔާތްޕުޅުގައި މި މަޒުހަބު ފާޅުވެ ފެތުރުނެވެ. މި މަޒުހަބުގެ އިސްތިންބާޠާއި ޠުރުޤުލް އިސްތިދުލާލު ބިނާވެފައިވަނީ ޝާފިޢީގެފާނު އެކަށައެޅުއްވި ހަމަތަކުގެ މަތީގަ އެވެ. މި މަޒުހަބުގެ ހުރިހައި ފިޤުހުވެރިންގެ ރައުޔުތައް، ޝާފިޢީގެފާނުގެ ރައުޔާ އެއްގޮތެއް ނޫނެވެ. ނަމަވެސް ޝާފިޢީގެފާނު ކަނޑައެޅުއްވި ހަމަތަކުގައި އެބޭކަލުން ހިފަހައްޓަވަ އެވެ.

އުޞޫލުލް ފިޤުހު ޢިލްމުގައި އެންމެ ފުރަތަމަ ފޮތެއް އެކުލަވައިލެއްވީ ޝާފިޢީގެފާނެވެ.



ޝާފިޢީ މަޒުހަބު ފެތުރުނު ޤައުމުތަކުގެ ތެރޭގައި، މިޞްރާއި ސީރިޔާއާއި ޖޯޑްން އާއި މެލޭޝިއާ އާއި އިންޑޮނީޝިއާ އާއި ފަލަސްޠީނާއި އެފްރިކާ ބައްރުގެ އިރުމަތި ފަރާތާއި އިންޑިއާގެ ދެކުނާއި ޔަމަނާއި ޢުމާނާއި ސަޢޫދީ ޢަރަބިއްޔާގެ އިރު ދެކުނުގެ ބައެއް ރަށްރަށާއި ޙިޖާޒުކަރައިގެ ބައެއް ރަށްރަށާއި ޢިރާޤުގެ މެދުތެރެއާއި އީރާނުގެ ބައެއް ރަށްރަށް ހިމެނެ އެވެ.


ޙަންބަލީ މަޒުހަބު

މި މަޒުހަބު ނިސްބަތްވަނީ، އަޙުމަދު ބިން ޙަންބަލަށެވެ. އެކަލޭގެފާނު ދުނިޔޭގައި އުޅުއްވީ ހިޖުރައިން 164 ވަނަ އަހަރުން 241 ވަނަ އަހަރަށެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ބަޣުދާދުގަ އެވެ. އެކަލޭގެފާނަށް ކިޔަވާދެއްވި ޢިލްމުވެރިންގެ ތެރޭގައި ޝާފިޢީގެފާނު ހިމެނިވަޑައިގަންނަވަ އެވެ.

އައްޠަބަރީ ފަދަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، އިމާމު އަޙުމަދަކީ ފިޤުހުވެރިޔެއް ނޫނެވެ. އެކަމަކު އެކަލޭގެފާނަކީ، ޙަދީޘް ޢިލްމުވެރިޔެކެވެ.

ޙަންބަލީ މަޛުހަބުގެ އުޞޫލުތައް، ޝާފިޢީ މަޛުހަބުގެ އުޞޫލުތަކާ ގާތެވެ. އެހެނީ، މި މަޒުހަބުގެ ފިޤުހު ބިނާވެފައިވަނީ، ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތާއި އިޖުމާޢާއި އަޞްޙާބު ބޭކަލުން ދެއްވާފައިވާ ފަތުވާއާއި ޤިޔާސް ގެ މައްޗަށެވެ.

އިމާމު އަޙުމަދަކީ، ޙަދީޘުފުޅުތަކަށް އިސްކަންދެއްވި ބޭކަލެކެވެ. ދީނުގެ އެހެން މަޞްދަރުތަކަށްވުރެ ކުރިޔަށް، އެކަލޭގެފާނު ވަނީ ޙަދީޘްފުޅުތައް ނެރުއްވާފަ އެވެ. އަޞްޙާބު ބޭކަލަކު ދެއްވާފައިވާ ފަތުވާއެއް ފެނިވަޑައިގެންފިނަމަ، އެހެން ރައުޔުތަކާއި ޤިޔާސަށްވުރެ ކުރިޔަށް އެފަތުވާއެއް އެކަލޭގެފާނު ނެރުއްވި އެވެ.

ފިޤުހު ޢިލްމުގެ ފޮތެއް، އިމާމު އަޙުމަދު ނުލިޔުއްވަ އެވެ. އެކަލޭގެފާނުގެ މަޒުހަބަކީ އެކަލޭގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކާއި އެކަލޭގެފާނުގެ އަރިހުން ދަރިވަރުންނަށް ލިބިފައިވާ ޖަވާބުތަކެވެ. އެތަކެތި ފޮތްފޮތުގައި ލިޔުނީ އެކަލޭގެފާނާ ތަބާވީ މީހުންނެވެ.

އިމާމު އަޙުމަދު ފޮތެއް ލިޔުއްވީ ޙަދީޘް ޢިލްމުގަ އެވެ. އެ ފޮތަކީ "އަލްމުސްނަދު" އެވެ.

ޙަންބަލީ މަޛުހަބު ބޮޑަށް ފެތުރުނީ ޢަރަބި ޖަޒީރާ ގަ އެވެ. ނަމަވެސް ސީރިޔާއާއި ޢިރާޤާއި އިންޑިއާ އާއި އަލްޖީރިއާ އާއި އަފުޣާނިސްތާނުގެ މަދު ބަޔެއްގެ ތެރޭގައި މި މަޒުހަބު ފެތުރުނެވެ. ތަތާރުން ބަޣުދާދު ޚަރާބުކުރުމުގެ ކުރިން، އެރަށުގައި މި މަޒުހަބު ވަރަށް ބޮޑަށް ފެތުރިފައި ވި އެވެ.

އެހެން މަޒުހަބުތަކެކޭ އެއްފަދައިން މި މަޒުހަބު އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރިފައި ނުވަނީ، އިހުގެ ސަރުކާރުތަކުން މި މަޒުހަބަށް އިސްކަމެއް ދީފައި ނުވާތީ އެވެ. ނަމަވެސް މިއަދުގެ ދުނިޔޭގައި ދެ ސަރުކާރެއްގެ ރުހުން ވަނީ މި މަޒުހަބަށް ލިބިފަ އެވެ. ސަޢޫދީ ޢަރަބިއްޔާއާއި ޝާރިޤާގެ ސަރުކާރުން އެ ދެ ޤައުމުގެ ރަސްމީ މަޒުހަބު ކަމުގައި ކަނޑައަޅާފައިވަނީ ޙަންބަލީ މަޒުހަބެވެ.


މަޞްދަރުތައް:
ތައިސީރުލް ފިޤްހް.
ސީރަތުލް އައިއްމަތިލް އަރްބަޢާ.
އަލްފިޤްހު ޢަލަލްމަޒާހިބިލް އަރުބަޢާ.
ވިކިޕީޑިއާ.



މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)Add Comment
...
ލިޔުނީ ALi, 2010-06-22 10:28:29
ވަރަށް ރަނގަޅު މަސައްކަތެއް. މިލިޔުމާއިއެކު މަޒުހަބުތައް ފެތުރިފައިވާ ޤައުމުތަކާއި ސަރަހައްދުތައް އެނގޭނެ ޗާޓެއް ހިމަނުއްވާފައި ވާނަމަ އިތުރު ފުރިހަމަކަމެއް މިލިޔުމަށް ލިބޭނެ.
...
ލިޔުނީ ނޭނގޭ މީހާ, 2010-06-23 10:17:57
ސުންނަތާއި ޤުރުއާނުގެ ނަމުގައި، މިއަދު ދުނިޔޭގައި އެންމެ ހަލުއިކޮށް ފެތުރެމުންދަނީ ޙަންބަލީ މަޛުހަބެވެ. ޚާއްޞަކޮށް ދީނުގެ ޢިލްމު މަދު ޢާންމުންގެ މެދުގައި، ހިކި ފަންތަކެއްގައި އަލިފާން ރޯކުރުމުން ހުޅުގަނޑު ފެތުރިގެންދާ ފަދައިން، މިމަޛުހަބު ފެތުރެމުންދެއެވެ. ނޭނގި ނަމަވެސް ދިވެހި ރާއްޖޭގެ ގިނަ ބައަކު މިއަދު ތަބާވަނީ މިމަޛުހަބަށެވެ.
...
ލިޔުނީ މާލިމީ, 2010-10-16 08:08:22
ނޭނގޭ މިހާ އެބުނީ ތެދެކެވެ. މިތާގައި ހުރިހާ އެންމެން އެއް ދީނެއް ޤަބޫލުކޮށް އެއް މަޛްހަބަކަށް ތަބާވެގެން ތިބިކަމުން މި ދިވެހިން ދިރިއުޅެމުންދިއައީ ފިސާރި އެކުވެރިކަމާ ފާގަތިކަމުގައެވެ. މިތާގެ ދިވެހީން ނަމާދުކޮށް ރޯދަ ހިފައި ޙައްޖުވެ ޒަކާތްދީ އުޅުނީވެސް ހަމަ މިމާތް އިސްލާމް ދީނުގެ ޝަރީއަތާއި އެއްގޮތަށެވެ. ނަމަވެސް މިފަހަކުން ޢަރަބިކަރަޔަށްގޮސް ހައެއްކަ އަހަރަކު އެތަނުގައި ނުވަތަ ދެތިން އަހަރަކު އުޅެލާފައި އެހެރަ އަންނަ ފިޤްހުވެރިންނާއި ފިތުނަވެރިންނަށް މިތަން ދެކޭކަށް ކުޅަދާނައެއް ނުވިއެވެ. އިމާމު ޝާފިއީގެފާނަކީ އެއްޗެއް ދަންނަ ބޭކަލަކަށްވެސް ނުހެއްޖެވެ. ތަބާވާންޖެހޭނީ ޝާފިޢީގެފާނަކަށްނޫނޭ ތަބާވާންޖެހޭނީ ޤުރުއާނާއި ސުންނަތަށޭ އަހަރުމެން މިބުނާގޮތަށޭކިޔާ މިތަނުގައި ދީނީ އަރާރުންތަކާއި މަޛްހަބީ ފިތުނަވެރިކަމުގެ ހުޅުގަނޑު ރޯކޮށް މުޅި ޤައުމު ސުންނާފަތިކޮށްފިއެވެ. ފަހެ ޝާފިޢީގެފާނު ތަބާވެވަޑައިގަތީ އެކަލޭގެފާނުގެ ހަވާ ނަފުސައްތޯއެވެ؟. ނޫނެކެވެ. ޤުރުއާނާއި ރަސޫލާގެ ޠާހިރު ސުންނަތުގެ މައްޗަށެވެ. ތިމާމެން މިކުރާކަންތަކުން އުފެދޭ ފިތުނަވެރިކަމާ ބައިބައިވެގެން އެދިއަ އަޚްވަންތަކަމާމެދު ﷲ ގެ ޚަޟްރަތުގައި އެމީހުން ދައްކާނީ ކޮން ޙުއްޖަތެއް ދަލީލެއްބާވައޭވެސް ހިތައްއަރައެވެ.
...
ލިޔުނީ މިސްރާބު, 2010-10-17 02:48:56
މިލިއުމުގައިވާ ޗާޓުތަކާމެދު ވިސްނާލުމުން ދޭހަވަނީ ވަކިތަނެއްގައި ވަކި މަޒުހަބެއް އޮންނަން ނުޖެހޭ ކަމެވެ. މިއަދު ޝާފިޢީ މަޒުހަބު އޮތްތަނެއްގައި މާދަމާ ޙަނަފީ މަޒުހަބު އޮވެދާނެ ކަމެވެ. މިއަދު ޙަންބަލީ މަޒުހަބު އޮތް ތަނެއްގައި މާދަމާ ޝާފިޢީ މަޒުހަބު އޮވެދާނެ ކަމެވެ. މާލިމީއެވެ. ސުންނަތުގެ ނަމުގައި މަޒުހަބެއް ފެތުރެމުން މިދަނީ ބަޔަކު ނިދާފައި ތިއްބައެއް ނޫނެވެ. އެއީ ޒަމާންތަކެއް ވަންދެން ބަޔަކު ކުރި މަސައްކަތުގެ ނަތީޖާއެވެ. މިއަދުގެ އިސްލާމީ ދުނިޔޭގައި ޙަންބަލީ މަޒުހަބު ފެތުރުން ހުއްޓުވޭނެ އެއްވެސް ބާރެއް ނެތެވެ. ސަބަބަކީ ދީން ކިޔަވައިގެން ތިބި ގިނަބަޔަކު ރަނގަޅަށް ދަންނަނީ އެމަޒުހަބެވެ. ގިނަ ފޮތްތައް ލިޔެވިފައިވަނީ އެމަޒުހަބަށެވެ. އިންޓަރނެޓްގައިވާ ގިނަ ދީނީ ވެބްސައިޓްތައް ހިންގަނީ އެމަޒުހަބާ ތަބާވާ މީހުންނެވެ. އެންމެ ހަރުއަޑުން ދީނީ ވާހަކަތައް ދައްކަނީ އެމަޒުހަބުގެ މީހުންނެވެ. އަދިވެސް ދުނިޔޭގައި މިއޮތީ "އަޑުގަދަ މީހާގެ ރުއްގިނަވާ" ނިޒާމެވެ. ޝާފީޢީ މަޒުހަބު ދިރުވަން ބޭނުންނަމަ ތަބާވާންވީ ދުނިޔޭގައި މިއޮތް ނިޒާމާ އެވެ. ޝާފިޢީ މަޒުހަބަކީ ސުންނަތް ކަމުގައި ބުނެ، ހަމައެކަނި އެމަޒުހަބު ކިޔަވާދޭ ސްކޫލްތަކާއި ޔުނިވަރސިޓީތައް ހެދިދާނެހެއްޔެވެ؟ ޝާފިޢީ މަޒުހަބަށް ގޮވާލާ ދާޢީން ދުނިޔޭގެ ކަންކޮޅުތަކަށް ފޮނުވިދާނެ ހެއްޔެވެ؟ ޝާފިޢީ މަޒުހަބުގެ ފޮތްތައް ދުނިޔޭގެ އެހެން ބަސްތަކަށް ތަރުޖަމާކުރެވިދާނެ ހެއްޔެވެ؟ ... މިފަދަ އެތައް ކަމެކެވެ. މިއިން އެއްވެސް ކަމަކީ ޝާފިޢީ މަޒުހަބުގެ ހުވަފެން ދެކޭ ބަޔަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ޙަންބަލީ މަޒުހަބު ފަތުރާމީހުންނާ ދިމާއަށް އެއްލާ ގަޅިއަކުން ޝާފިޢީ މަޒުހަބެއް ނުފެތުރޭނެއެވެ. މިޒަމާނުގައި އިސްލާމްދީން ދިރާސާކުރާ މީހުން ފަރާތްތަކުން ބުނަނީ މިއީ ޙަންބަލީ މަޒުހަބުގެ ޒަމާންކަމަށެވެ. ޝާފިޢީގެފާނު އަމިއްލަފުޅަށް ގޮތްތަކެއް ނުއުފައްދަވާ ފަދައިން، އިމާމު އަޙުމަދު ބިން ޙަންބަލް ވެސް އަމިއްލަފުޅަށް ގޮތްތަކެއް ނުއުފައްދަވައެވެ. މިކަލޭގެފާނު ވެސް ގެނެސްދެއްވީ މާތްވެގެންވާ އިސްލާމްދީނުގައި އޮތް ގޮތެވެ. ވީމާ ޝާފިޢީ މަޒުހަބު މޮޅުކޮށްފައި ޙަންބަލީ މަޒުހަބު ދެރަކުރެވޭނެ ޖާގައެއް ނެތެވެ. ބައެއް މީހުނަށް ހަޖަމް ނުކުރެވިގެން އުޅޭ ހަގީގަތަކީ އެއް މަޒުހަބަށްވުރެ ގިނަ މަޒުހަބު އޮތުމެވެ. ނަމަވެސް ދެމި އޮންނާނީ މިހަގީގަތެވެ. ވަރުގަދައީ މިހަގީގަތެވެ. ގައުމެއްގައި ހަމައެކަނި އެއްމަޒުހަބު ދެމެހެއްޓުމަކީ މިޒަމާނުގައި ވާނެ ކަމެއް ނޫނެވެ.
...
ލިޔުނީ މާލިމީ, 2010-10-18 04:11:35
މިސްރާބު ތިޔަބުނީ ތެދެކެވެ. އެއްބައިވަންތަކަމަށްވުރެ ތިމާމެންގެ ގޮތް ފަތުރަން ލޯބިކުރާ ބަޔަކު މިމުޖުތަމަޢުގެތެރޭގައި ތިބިހައި ހިނދަކު މިތާކު އެއް މަޛްހަބެއް ނޯންނާނެއެވެ. މިއޮތްހާ ދުވަހުވެސް މިތާގައި އެއް މަޛްހަބު އޮތީ އޭރު ވަޑާއިގެންނެވި ޢިލްމުވެރިން އެބޭފުޅުން އުގެނިވަޑައިގެންފައިވާ މަޛްހަބު ފެތުރުމަށްވުރެ އެއްބައިވަންތަކަމަށް ލޯބޮކުރެއްވީމައެވެ. ޝާފިޢީ މަޛްހަބުގައި ޤުރުއާނާއި ރަސޫލާގެ ސުންނަތާއި ޚިލާފް އެއްވެސް ކަމެއް ނެތުމާވެސް އެކުގައެވެ. ދެން މިޞްރާބު ތިޔަބުނަނީ ޝާފިޢީގެފާނު އަމިއްލަފުޅަށް ގޮތެއް ނުއުފަށްދަވާކަމަށެވެ. ދެން އެހެންވިއްޔާ މިތިބަ މީސްތަކުންގެ މެދުގައި މިއޮތް އެކުވެރިކަމާއި ހަމަޖެހުން ނަގާލަން ތިއަކުރައްވާ މަސައްކަތަކީ ﷲ ގެ ޚަޟްރަތުގައި ހާދަހާ ދަރުމަޔެއްހުރިކަމަކަށްވާނެތ

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1011
extra avandia and congestive heart failure