މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޒަމާނީ ފިޤުހީ މައްސަލަތަކުގެތެރެއިން... (2) |
|
|
| ދީން - ފިޤުހު | |||
| 10 ޑިސެމްބަރ 2010، 12:48 ހުކުރު | |||
ސޫރަ ރީތި ކުރުމަށްޓަކައި، ގެނެވޭ ޖިސްމާނީ ބަދަލެއް މި މައުޟޫޢުގެ ބާވަތުން، މަޢުލޫމާތުތައް ހުށަހެޅުމުގައި ލިޔެކިޔުމުގައި ޢާއްމުކޮށް ބޭނުންކޮށްނޫޅޭ "ބީރައްޓެހި" ބައެއް ބަސްތަކާއި ޢިބާރާތްތައް ބޭނުންކުރެވިފައިވާނެ އެވެ. އެހެންނަމަވެސް ކިޔުންތެރިންނާއި ވީހާވެސް ރަޙުމަތްތެރިގޮތަކަށް ބަސްމަގު ބޭނުންކުރުމަށް އަޅުގަނޑަށްވީ އެންމެ މަތީ ދަރަޖައަކަށް މަސައްކަތްކޮށްފައިވާނެ އެވެ. އުރަމައްޗަށް ބަދަލުގެނައުންމިއީ ވަކިބާވަތެއްގެ ސަރޖަރީއެއް ހަދައިގެން ނުވަތަ ވަކިކަހަލަ ބޭހެއް ނުވަތަ ކްރީމެއް ބޭނުންކޮށްގެން އަންހެނާގެ ނުވަތަ ފިރިހެނާގެ އުރަމަތި، ޠަބީޢީގޮތުންހުރި ވަރަށްވުރެ ބޮޑުކުރުން ނުވަތަ ކުޑަކުރުމެވެ. މިކަންކުރެވޭ ޙާލަތްތަކަށް ބަލައި، ޝަރުޢީގޮތުން މިކަމުގެ ޙުކުމްތައް ތަފާތުވެގެންވެ އެވެ. މީގެ ތަފްޞީލު ތިރީގައި އެ ވަނީ އެވެ. 1. ފިރިހެނާގެ އުރަމައްޗަށް ބަދަލުގެނައުން : މީގެ ތިންޙާލަތެއްވެ އެވެ. (ހ) ކެންސަރު [ނުވަތަ އެނޫންވެސް ނުރައްކާތެރި ބައްޔެއް] ޖެހުމުގެ ސަބަބުން އުރަމަތި ކަނޑައިލުން: މި ޙާލަތުގައި މި ކަން ކުރުން ހުއްދަ އެވެ. މިއީ ޒީނަތްތެރިވުމުގެގޮތުން ކުރާކަމަށްނުވާނެއެވެ. އަދި މިއީ ﷲ ތަޢާލާގެ އުފެއްދެވުން ބަދަލުކުރުންކަމުގައެއްވެސްނުވާނެ އެވެ. (ށ) ފިރިހެނެއްގެ ޙައިސިއްޔަތާގުޅޭ ވަރަށްވުރެ ބޮޑުވުމުގެ ސަބަބުން އުރަމަތި ކުޑަކުރުން: މިއީ މިކަމުގެ ސަބަބުން ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން އުނދަގޫކަން އިޙްސާސްކުރަންޖެހިދާނެ ޙާލަތެކެވެ. އަދި މިފަދައިން ފިރިހެނާގެ އުރަމަތި ބޮޑުކޮށް ހުރުމަކީ ފިރިހެންވަންތަކަމާ ޚިލާފުކަމެއް އޭނާގެ ހަށިގަނޑުން ފާޅުވާނޭކަމެއްވެސްމެއެވެ. އެހެންކަމުން މިފަދަ ޙާލަތުގައި އުރަމަތި ކުޑަކުރުން ހުއްދަ އެވެ. (ނ) ހަށިގަނޑުގައި އުފެދުނު ޢައިބެއް ފިލުވައިލުމުގެގޮތުން އުރަމަތި ކަނޑައިލުން: މިއީ މިސާލަކަށް ކެންސަރުފަދަ ބައްޔެއް ޖެހިގެން އެއްއުރަމަތި ކަނޑައިލާފައިވުމުގެ ސަބަބުން ނުވަތަ ދިމާވި ޙާދިޘާއެއްގައި އެއްއުރަމަތި އުނިވެފައިވުމުގެ ސަބަބުން އަނެއް އުރަމަތިވެސް ވަކިކޮށްލުންފަދަ ޙާލަތްތަކެވެ. މިފަދަ ޙާލަތުގައި މިކަން ކުރުން ހުއްދަ އެވެ. މިއީ ފިރިހެނެއްގެ ޙައިސިއްޔަތާގުޅޭވަރަށްވުރެ އުރަމަތި ބޮޑުވުމުގެ ސަބަބުން ކުޑަކުރުމާއި ހަމަ އެއްފަދަ ކަމެކެވެ. [މި ޒަމާނުގައި މިފަދަ މައްސަލަތައް ޙައްލުކުރާ ދެގޮތެއްވެ އެވެ. އެއްގޮތަކީ އިސްވެ ބުނެވުނުފަދައިން އުނިވެފައިވި އުރަމައްޗާއި އެއްގޮތަށް އަނެއް އުރަމަތި ވެސް އުނިކުރުމެވެ. އަދި އަނެއްގޮތަކީ ޕުލާސްޓިކު ސަރޖަރީއެއްހެދުންފަދަ ކަމެއްކޮށްގެން، އުނިވެފައިވި އުރަމަތި ބޮޑުކޮށް އަނެއް އުރަމައްޗާއި އެއްގޮތްކުރުމެވެ. މީގެތެރެއިން އެންމެ ޢާއްމުވެފައިވަނީ ފަހުން މި ބުނެވުނު ގޮތެވެ. އެހެންކަމުން، މި މައްސަލަޔާމެދު ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލާއިރު، ފަހުން މިބުނެވުނުފަދައިން އުރަމަތި ބޮޑުކޮށް އަނެއް އުރަމައްޗާއި އެއްގޮތްކުރުން ވެސް ހުއްދަވާނެ އެވެ. والله أعلم ] 2. އަންހެނާގެ އުރަމަތި ބޮޑުކުރުން: މީގެ ދެޙާލަތެއްވެއެވެ. (ހ) އާދަޔާ ޚިލާފަށް، އަންހެންވަންތަ ސިފައިން ފިރިހެންވަންތަ ސިފަޔާ ވައްތަރުވާވަރަށް އުރަމަތި ކުޑަވުމުގެ ސަބަބުން [ނުވަތަ ޢައިބެއްގެ ސަބަބުން] އުރަމަތި ބޮޑުކުރުން. ނުވަތަ ދިމާވި ޞިއްޙީ މައްސަލައަކާއިގުޅިގެން އުރަމަތި ކުޑަވެފައިވުމުގެ ސަބަބުން ކުރިން ހުރި މިންވަރަށް އިޢާދަކުރުމަށްޓަކައި އުރަމަތި ބޮޑުކުރުން: މިޙާލަތުގައި މިކަން ކުރުން ހުއްދަ އެވެ. އަދި މިކަން ހިމެނެނީ ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ލިބިފައިވާ ގެއްލުމެއް ރަނގަޅުކުރުންކަމުގަ އެވެ. އަދި މިކަމަށް ފަރުވާކޮށް ރަނގަޅުނުކޮށްފިނަމަ [ކައިވެންޏަކަށްފަހު] ދެމަފިރިންގެ މެދުގައި މައްސަލަތައް އުފެދި ޢާއިލީގުޅުމަށް އޭގެ އަސަރު ފޯރުމަކީ އެކަށީގެންވާކަމެކެވެ. (ށ) ޒީނަތްތެރިކަން އިތުރުކުރުމަށްޓަކައި ނުވަތަ ވަކި އަންހެނެއް ކޮޕީކުރުމަށްޓަކައި އުރަމަތި ބޮޑުކުރުން. މިޙާލަތުގައި މިކަން ކުރުން ހުއްދައެއްނޫނެވެ. އެހެނީ މިކަން ހިމެނެނީ ﷲ ތަޢާލާގެ އުފެއްދެވުން ބަދަލުކުރުމުގެތެރެއިންނެވެ. [ސަބަބަކީ ﷲ ތަޢާލާ އުފައްދަވާފައިވާ ޒީނަތްތެރިކަން އިތުރުކުރުމުގެ ނިޔަތް އޮތުމާއި، އަދި ބުރުސޫރައިގެގޮތުން އެހެންމީހަކު ހުރިގޮތަށް ބަދަލުވުމުގެ ނިޔަތް އޮތުމުންނެވެ.] 3. އަންހެނާގެ އުރަމަތި ކުޑަކުރުން: މީގެ ތިންޙާލަތެއްވެއެވެ. (ހ) މީހާއަށް ބުރަބޮޑުވާވަރަށް އުރަމަތި ބޮޑުވުމުގެ ސަބަބުން އުރަމަތި ކުޑަކުރުން: މިއީ މިކަމުގެ ސަބަބުން ޞިއްޙީގޮތުންނާއި ނަފްސާނީގޮތުން މައްސަލަތަކެއްކުރިމަތިވެދާނެ ޙާލަތެކެވެ. އެހެންކަމުން މިޙާލަތުގައި އުރަމަތި ކުޑަކުރުން ހުއްދަ އެވެ. (ށ) އުރަމަތި "ޢައިބުވެ" ސިފަހުތުރުވެފައިވުމުގެ ސަބަބުން އުރަމަތި ކުޑަކުރުން: މިއީ މިކަމުގެ ސަބަބުން ނަފްސާނީގޮތުން އުނދަގޫކަމެއް ތަޙަންމަލުކުރަންޖެހި އަމިއްލަ ނަފުސުގެ މައްޗަށް ލަދުވެތިކަމެއް އިޙްސާސްކުރަންޖެހިދާނެ ކަމެކެވެ. އަދި މިޙާލަތުގައި އުރަމައްޗަށް ފަރުވާކޮށް ކުޑަކުރުން ހިމެނެނީ ހަށިގަނޑުގައިވާ ޢައިބެއް ފިލުވައިލުމުގެތެރެއިންނެވެ. އެހެންކަމުން މިޙާލަތުގައި އުރަމަތި ކުޑަކުރުން ހުއްދަ އެވެ. (ނ) ޒީނަތްތެރިކަން އިތުރުކުރުމުގެގޮތުން އުރަމަތި ކުޑަކުރުން: މިޙާލަތުގައި މިކަން ކުރުން ހުއްދައެއްނޫނެވެ. އެހެނީ މިކަން ހިމެނެނީ ﷲ ތަޢާލާގެ އުފެއްދެވުން ބަދަލުކުރުމުގެތެރެއިންނެވެ. [ސަބަބަކީ ﷲ ތަޢާލާ އުފައްދަވާފައިވާ ޒީނަތްތެރިކަން އިތުރު ކުރުމުގެ ނިޔަތް އޮތުމުންނެވެ.] އަދި މިއީ ޙައްޤަކާއިނުލައި ހަށިގަނޑަށްދެވޭ ގެއްލުމެއްކަމުގައި ހިމެނެ އެވެ. 4. އުރަމަތި އުފުއްލުން. މިކަން ކުރުން ހުއްދައެއްނޫނެވެ. އެހެނީ މިކަން ހިމެނެނީ ﷲ ތަޢާލާގެ އުފެއްދެވުން ބަދަލުކުރުމުގެތެރެއިންނެވެ. [ޞިއްޙީގޮތުން ނުވަތަ ނަފްސާނީގޮތުން ލިބިފައިވާ ގެއްލުމެއް ފިލުވައިލުންފަދަ ޟަރޫރީ މަޞްލަޙަތެއް މިކަމުގައި އެކުލެވިފައެއްނުވެއެވެ. މީސްތަކުންގެ މެދުގައި ޢާއްމުވެ މަޝްހޫރުވެފައިވަނީ ހަމައެކަނި ޒީނަތްތެރިކަން އިތުރު ކުރުމުގެގޮތުން މިކަންކުރުމެވެ.] [ބަޔާންވެދިޔަ މަޢުލޫމާތުތަކުގެ މަޞްދަރަކީ: السجل العلمي للمؤتمرالفقه الإسلامي الثاني 1431 هـ / 2010 م - قضاياطبية معاصرة- "العمليات التجميلية" إعداد : الدكتورصالح بن محمد الفوزان ، المجلد الثالث ، ص : 2436 - 2440 ، المملكة العربية السعودية ، وزارة التعليم العالي ، جامعة الإمام محمد بن سعود الإسلامية އެވެ.] އަލްއަޒުހަރު ޔުނިވަރސިޓީގެ ޕްރޮފެސަރެއްކަމަށްވާ الدكتور عبد الستارفتح الله السعيد ވިދާޅުވެފައިވެ އެވެ. "އަންހެނާގެ އުރަމަތި މާބޮޑަށް ހިނދި (ތަތްލާ) ފައިވުމުގެ ސަބަބުން އޭނާގެ ފިރިމީހާއާއެކު إستمتاع (Enjoy) ކުރާހިނދު އަންހެނާއަށް ޖިސްމާނީގޮތުން ތަދުވެ ނަފްސާނީގޮތުން އުނދަގޫކަން އިޙްސާސްކުރެވޭނަމަ މިޙާލަތުގައި އޭނާއަށް ކުރިމަތިވެފައިވާ ޞިއްޙީ އުނދަގުލުން ސަލާމަތްވުމަށްޓަކައި (އެ ކަމަށް ބޭނުންވާ މިންވަރަށް) އޭނާގެ އުރަމައްޗަށް ފަރުވާކޮށް ބޮޑުކުރުމަކީ ހުއްދަކަމެކެވެ. ﷲ ތަޢާލާ އިސްލާމްދީނުގައި އުނދަގޫކަމެއް ލައްވަވާފައެއްނުވެ އެވެ. މިއީ ޢައިބު ގުނަވަނެއް ރަނގަޅުކުރުމަށްޓަކައި ޕުލާސްޓިކު ސާރޖަރީއެއްކޮށްގެން މީހާގެ ދިރިއުޅުން ފަސޭހަކުރުންފަދަ ކަމެކެވެ. އެހެންނަމަވެސް އަންހެނާ އެކަންކުރަނީ [ﷲ ތަޢާލާ އުފައްދަވާފައިވާ ރީތި ސޫރަޔަށް ބަދަލުގެނެސްގެން އިތުރަށް] ރީތިވުމަށްޓަކައި ނުވަތަ އޭނާގެ ފިރިމީހާ (ނުވަތަ އެހެންވެސް ބައެއް) ގެ ސަމާލުކަން ހޯދައިގަތުމަށްޓަކައިކަމުގައިވާނަމަ މިޙާލަތުގައި އެކަންކުރުން ހުއްދައެއްނުވާނެއެވެ. އެހެނީ އެކަން ހިމެނޭނީ ކީރިތި ﷲ ގެ އުފެއްދެވުން ބަދަލުކުރުންކަމުގަ އެވެ. ހަމަކަށަވަރުން ﷲ ގެ އުފެއްދެވުން ބަދަލުކުރުމަކީ އެކަލާނގެ ޙަރާމްކުރައްވާފައިވާ، ޝައިޠާނީ ޢަމަލެކެވެ. ﷲ ގެ އުފެއްދެވުން ބަދަލުކުރުމަށް މީސްތަކުންނަށް ހިތްވަރުދޭނެކަމަށް ޝައިޠާނާވަނީ ވަޢުދުވެފަ އެވެ. އައްނިސާއު ސޫރަތުގެ 118 އަދި 119 ވަނަ އާޔަތުގައި ކީރިތި ﷲ މިވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. [[لَّعَنَهُ اللّهُ وَقَالَ لَأَ تَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا (118) وَلأُضِلَّنَّهُمْ وَلأُمَنِّيَنَّهُمْ وَلآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الأَنْعَامِ وَلآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللّهِ وَمَن يَتَّخِذِ الشَّيْطَانَ وَلِيًّا مِّن دُونِ اللّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا (119)]] މާނައީ: "ﷲ ، އެ ޝައިޠާނާއަށް ލަޢުނަތް ލައްވާފައިވެއެވެ. އެ ޝައިޠާނާ ބުންޏެވެ. އިބަރަސްކަލާނގެ އަޅުތަކުންގެތެރެއިން ކަނޑައެޅިގެންވާ ބަޔެއް، ހަމަކަށަވަރުން، ތިމަންގެ ބަޔަށް ވައްދާހުށީމެވެ.(118) އަދި، ތިމަން ހަމަކަށަވަރުން، އެއުރެން މަގުފުރައްދާހުށީމެވެ. އަދި، ތިމަން އެއުރެން ލައްވައި، ޙަޤީޤަތެއްނެތް އުންމީދުތަކެއްވެސް ކުރުވާހުށީމެވެ. އަދި، ގެރި، ބަކަރި، ޖަމަލުގެ ކަންފަތްތައް ކެނޑުމަށްވެސް އެއުރެންނަށް ތިމަން އަމުރުކުރާހުށީމެވެ. އަދި، ﷲ ގެ ދީން (ނުވަތަ ﷲ ހެއްދެވި ހެއްދެވުން) ބަދަލުކުރުމަށްވެސް އެއުރެންނަށް ތިމަން އަމުރުކުރާހުށީމެވެ. ﷲ ފިޔަވައި ޝައިޠާނާ އެއީ އެހީތެރިޔަކުކަމުގައި ހަދައިފިމީހާ (ދަންނާށެވެ!) ފަހެ، ބަޔާންވެގެންވާ ގެއްލެނިވުމަކުން އެމީހާ ގެއްލެނިވެއްޖެކަން ކަށަވަރެވެ.(119)" މި ކަން މަނާކުރަންޖެހޭ މުހިއްމު އަނެއް ސަބަބަކީ (މިހާތަނަށް ކުރެވިފައިވާ ތަޖުރިބާތަކަށް ބަލާއިރު) އުރަމަތި (ނުވަތަ އެނޫންވެސް މިފަދަ ގުނަވަންތައް) ބޮޑުކުރުމަށް ކުރެވިފައިވާ އޮޕަރޭޝަންތަކަކީ އޭގެ ސަބަބުން އޮޕަރޭޝަންކުރެވޭމީހާއަށް ޞިއްޙީގޮތުން ގެއްލުންތަކެއްވާ ކަމެކެވެ. އެހެންކަމުން ފިޤުހީ ޤާޢިދާގައިވާފަދައިން "لاضررولاضرار" މުރާދަކީ : "ގެއްލުންލިބިގަތުމެއް އަދި ގެއްލުން ދިނުމެއްނުވެ އެވެ." الشيخ محمد بن صالح العثيمين ވެސް ވިދާޅުވަނީ އަންހެނާގެ ބޭރުފުށުންފެންނަ މަންޒަރު ރީތިކުރުމަށްޓަކައި އުރަމަތި ބޮޑުކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްނޫނެވެ. އެ ނިޔަތުގައި އެކަންކުރާނަމަ އެކަން ހިމެނޭނީ ﷲ ގެ އުފެއްދެވުން ބަދަލުކުރުންކަމުގަ އެވެ. اللجنة الدائمة للبحوث العلمية والإفتاء ގެ ފަތުވާ ނަންބަރު 62/25 ގައިވާގޮތުން، ފިރިހެނާގެ އުރަމަތި މާބޮޑުވެފައިވުމުގެ ސަބަބުން ކޮސްމެޓިކް ސަރޖަރީއެއް ހަދައިގެން އެކަން ރަނގަޅުކުރުން (ކުޑަކުރުން) ހުއްދަވާނެ އެވެ. އެހެންނަމަވެސް މި ކަމަށްޓަކައި ކުރެވޭ އޮޕަރޭޝަން ކާމިޔާބުވާނެކަމުގެ ބޮޑު ޔަޤީންކަމެއް އޮންނަންވާނެ އެވެ. އަދި މިކަމުން ލިބިދާނެ ގެއްލުމަކަށްވުރެ ލިބޭނޭ ފައިދާ ބޮޑުވާންޖެހޭނެ އެވެ. ނުވަތަ ގެއްލުމާއި ފައިދާ އެއްވަރުވެގެންނުވާނެ އެވެ. [އެބަހީ: ފައިދާއަށްވުރެ ގެއްލުން ބޮޑުކަމުގައިވާނަމަ ނުވަތަ ފައިދާއާއި ގެއްލުން އެއްވަރުނަމަ އެކަން ކޮށްގެންނުވާނެ އެވެ.] މި ފަތުވާ ނެރުއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ: الشيخ عبدالعزيزعبدالله بن باز ، الشيخ عبدالرزاق عفيفي ، الشيخ عبدالله بن غديان ، الشيخ عبدالله بن قعود އެވެ. ޚުލާޞާ : - އަންހެނެއްވިޔަސް އަދި ފިރިހެނެއްވިޔަސް، ކުރިމަތިވެފައިވާ ޞިއްޙީ ނުވަތަ ނަފްސާނީ މައްސަލައެއްގެ ސަބަބުން [އެ މައްސަލައެއް ޙައްލުކުރުމަށް ބޭނުންވާ މިންވަރަށް] އުރަމަތި ބޮޑުކުރުމާއި ކުޑަކުރުން އިސްލާމީ ޢިލްމުވެރިން ހުއްދަކުރައްވަ އެވެ. - ހަމައެކަނި ޒީނަތްތެރިކަން އިތުރުކުރުމަށްޓަކައި ނުވަތަ ބުރުސޫރައިގެގޮތުން ވަކިމީހެއްގެ ހަށިގަނޑު ހުރިގޮތަށް ތިމާގެ ހަށިގަނޑު ބައްޓަން ކުރުމަށްޓަކައި އުރަމަތި ބޮޑުކުރުމާއި ކުޑަކުރުން ހުއްދައެއްނޫނެވެ. މިޙާލަތުގައި މިކަން ކުރުން ހިމެނެނީ ﷲ ތަޢާލާގެ އުފެއްދެވުން ބަދަލުކުރުންކަމުގަ އެވެ. - ޝަރުޢީގޮތުން ހުއްދަކުރެވޭފަދަ މުހިއްމު ބޭނުމަކަށްޓަކައި، އުރަމަތި ބޮޑުކުރުމަށް ނުވަތަ ކުޑަކުރުމަށްޓަކައި ކުރެވޭ މަސައްކަތުން ލިބިދާނެ ގެއްލުމަކަށްވުރެ ލިބޭނޭ ފައިދާ ބޮޑުވާންވާނެ އެވެ. ނުވަތަ ފައިދާއާއި ގެއްލުން އެއްވަރުވެގެންނުވާނެ އެވެ. އަދި މިކަމަށްޓަކައި ކުރެވޭ މަސައްކަތް ކާމިޔާބުވާނެކަމުގެ ބޮޑު ޔަޤީންކަމެއް އޮންނަންވާނެކަމަށް ޢިލްމުވެރީން ވިދާޅުވެ އެވެ. - ޝަރުޢީ ގޮތުން ހުއްދަކުރެވޭފަދަ މުހިއްމު ބޭނުމަކަށްޓަކައިމެނުވީ އުރަމައްޗަށް ތަފާތު ބަދަލުތައް ގެނައުމަކީ ހުއްދަކަމެއްނޫނެވެ. މާތްﷲ އިންސާނާ އުފައްދަވާފައިވަނީ އެންމެ ރީތި ސޫރައިގަ އެވެ. އެ ކަލާނގެ ވަޙީކުރައްވާފައިވެ އެވެ. ((لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ))(التين: 4) މާނައީ : "ހަމަކަށަވަރުން އެންމެ ރީތި، އެންމެ ސީދާކަން ބޮޑު ސިފައިގާ ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ." އަދި ސަޖިދަ ސޫރަތުގެ 7 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެ އެވެ. ((الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ وَبَدَأَ خَلْقَ الْإِنسَانِ مِن طِينٍ)) މާނައީ: "އެކަލާނގެއީ، ހުރިހާ އެއްޗެއް ފުރިހަމަ ސިފައިގައި ހެއްދެވި ރަސްކަލާނގެ އެވެ. އަދި އެކަލާނގެ އިންސާނާ ހެއްދެވުން ފެށްޓެވީ މަށިންނެވެ." އެހެންކަމުން ކީރިތި ﷲ އިންސާނާއަށް ދެއްވަވާފައިވާ މި ބޮޑު ނިޢުމަތާމެދު ހިތްހަމަނުޖެހިގެން އެކަލާނގެ އުފެއްދެވުމަށް ބަދަލުގެންނަން މަސައްކަތްކުރުމަކީ ކީރިތި ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަމާމެދު ރުހިވޮޑިނުގަންނަވާނެކަމެއްކަންކަށަވަރެވެ. ........................... (ނިމުނީ) ހަވާލާ : 1. القرآن الكريم 2. ކީރިތި قرآن ގެ ދިވެހި ތަރުޖަމާ - ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މާލެ، ދިވެހިރާއްޖެ. ފުރަތަމަ ޗާޕު 1428هـ 2007م 3. السجل العلمي للمؤتمرالفقه الإسلامي الثاني 1431 هـ / 2010 م - قضاياطبية معاصرة- "العمليات التجميلية" إعداد : الدكتورصالح بن محمد الفوزان ، المجلد الثالث ، المملكة العربية السعودية وزارة التعليم العالي ، جامعة الإمام محمد بن سعود الإسلامية 4. فتاوى اللجنة الدائمة للبحوث العلمية والإفتاء "حكم إجراء عملية أو معالجة لتكبيرالصدر" 5. Islamic View of Breast Augmentation / www.islamonline.net / 05th June 2001 www.islamqa.com .6 މި ލިޔުން: ފޮނުވުން: އަޙްމަދު ޝާޒު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް) އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު) ޝާއިޢުކުރުން: '' '' މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ބާބުލް / ތ މަޑިފުށި, 2010-12-10 08:38:38
ދިވެހިބަހުން ޓައިޕް ކުރައްވަން ދެނެވަޑައި ނުގަންނަވާ ބޭފުޅުން މިސައިޓުގެ ލިޔުންތަކަށް ކޮމެންޓް ނުކުރެއްވުން އެދެން. މިސައިޓަކީ ރަތްލާޖެހި ދިވެހި ސައިޓެއް. ފަންވަތުގެ ކިބައިން އަޅުގަނޑު އެދޭ އެދުމަކީ މި ކޮމެންޓް ޝާއިރު ކޮށްދެއްވުން. ( ފަންވަތުގެ ލިޔުންތެރިންނަށް ތިޔަ ކުރައްވާ އަގުހުރި މަސައްކަތްޕުޅަށް ފަށްފަށުން ޝުކުރު ދަންނަވަން. )
...
ލިޔުނީ ޢަލީ / މާލެ, 2010-12-11 03:36:28
ބާބުލް ތިޔަ ބުނުއްވީ ރަނގަޅު ވާހަކައެއް މިސައިޓްގެ ލިޔުން ތަކަށް ބައެއް ބޭފުޅުން ކޮމެންޓްކުރައްވާ ލެޓިނުން ޗެޓް ކުރާއިރު ބޭނުންކުރާ ބަސްތަކުން. އެ ފަދަ ގޮތްގޮތަށް ލިޔެފައި ހުންނަ ކޮމެންޓްތައް ނުކިޔިގެންގެން އެތަށް އިރެއް ހޭދަވޭ. އެހެން ނޫނަސް ދިވެހިން ޓައިޕްކުރަން ދިވެހިންނަށް ނޭނގޭ ނޭނގުމަކީ ލަދުކަމެއްހެން އަޅުގަނޑަށް ހީވަނީ. އެފަދަ ބޭފުޅުން ސައިޓްގެ ލިޔުންތައް ވިދާޅުވެފައި، ތަންކޮޅެއް ބުރަ އުފުއްލަވައިގެން ނަމަވެސް ތާނައިން ޓައިޕުކުރެއްވުން ރަނގަޅު ވާނެހެން އަޅުގަނޑަށް ހީވަނީ. މިފަދަ ސައިޓްތަކަށް ކޮމެންޓްކުރާނީ ބާބުލް ތިޔަ ބު ނުއްވިހެން ރަތްލާޖެހި ދިވެހިން ޓައިޕްކުރަންދަންނަ ދިވެހިން. މިއިން ދުވަހަކު އެއްވެސް މީހަކު ދީފައި ނުވާފަދަ ޚިޔާލެއް ބާބުލް ފަންވަތުގެ ކިޔުންތެރިންނަށް ދިނީތީވެ ވަރަށް ބޮޑަށް ޝުކުރިއްޔާ! އަޅުގަނޑުގެ ނަޒަރުގައި ބާބުލްތީ ރަތްލާޖެހި ދިވެއްސެއް.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|