މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ޒަމާނީ ފިޤުހީ މައްސަލަތަކުގެތެރެއިން .... (4) |
|
|
| ދީން - ފިޤުހު | |||
| 26 ޖުލައި 2011، 10:02 އަންގާރަ | |||
ޕްރީމެރިޓަލް ޖެނެޓިކް ސްކްރީނިންގއަޙްމަދު ޝާޛު ޢަބްދުލްޣަފޫރު ތަޢާރުފު: ޕްރީމެރިޓަލް ޖެނެޓިކް ސްކްރީނިންގ (الفحص الطبي قبل الزواج) އަކީ ކައިވެނި ކުރަން ބޭނުންވާ (އަންހެންމީހާ އާއި ފިރިހެންމީހާއާ) ދެމީހުންކުރެ މީހެއްގެ ކިބައިގައި ހުރި، ވިރާޘީގޮތުން (ދަރިފަސްކޮޅަށް) ނަޤުލުވަމުންދާ ނުވަތަ ގައިންގަޔަށްއަރާ ނުވަތަ އެ ނޫން ވެސް ބައްޔެއް ނުވަތަ ބަލިތަކެއް ދެނެގަތުމަށްޓަކައި، އެ ކަމަށް ޚާއްޞަ ކުރެވިފައިވާ ލެބޯޓްރީއެއް ނުވަތަ ކްލިނިކެއްގައި، ކައިވެނީގެ ޢަޤުދު ކުރުމުގެ ކުރީން ޠިއްބީ (medical) ގޮތުން ކުރެވޭ ތަޙުލީލު ތަކެކެވެ.[1] ކައިވެނީގެ ކުރިން "ޖެނެޓިކް ސްކްރީނިންގ" ހެދުމުގެ ބޭނުމަކީ ކޮބާ؟ކައިވެނީގެ ޢަޤުދަކީ ޢާއިލާއެއް ބިނާކުރުމުގެ ފުރަތަމަ ރުކުނެވެ. ޢާ އިލާތައް ރަނގަޅުވެއްޖެނަމަ މުޖުތަމަޢު ރަނގަޅުވެދެއެވެ. އަދި ޢާ އިލާތައް ފަސާދަވެއްޖެ ނަމަ މުޖުތަމަޢު ވެސް ފަސާދަވެދެއެވެ. އެހެންކަމުން އިސްލާމްދީނުގައި ކައިވެނީގެ ޙަޔާތާ ގުޅޭގޮތުން ނަފްސާނީ، އިޖުތިމާޢީ، ޞިއްޙީ އަދި މާލީގޮތުން ވެސް ޢިނާޔަތްތެރިކަން ދެއްވައިފައި ވެއެވެ. ކައިވެނީގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ ދެމަފިރީންގެ ދެމެދުގައި ލޯތްބާއި ރަޙުމާއި ކުލުނު އުފައްދައި ދެމީހުން އެކަކު އަނެކަކަށް ވަފާތެރިކަމާއެކު ދިރިއުޅެ އެކަކު އަނެކަކުގެ ކިބައިން ޙަޤީޤީ ހިތްހަމަޖެހުމާއި އުފާ ޙާޞިލުކުރުމެވެ. އެހެންކަމަށްވާނަމަ ކައިވެނިކުރެވޭ ދެމީހުންނަކީ މި މަތިވެރި މަޤްޞަދުތައް ޙާޞިލުކުރެވިދާނެ ފަދަ ބައެއްކަން ނުވަތަ ނޫންކަން ބެލޭނެ ގޮތެއް އޮތްނަމަ، ކައިވެނިކުރުމުގެ ކުރީން އެކަން ކުރުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. ހަރުދަނާ ބިންގަލެއްގެ މަތީގައި ޢާ އިލާތައް ބިނާކޮށް އެފަދަ ޢާއިލާތަކެއް ދިރިއުޅޭ ރަނގަޅު މުޖުތަމަޢެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ ހަމަ ކޮންމެ އިންސާނަކު ވެސް ކުރަންޖެހޭނެ ކަމެކެވެ. އެހެނީ އެއީ އިންސާނާއާ ޙަވާލުކުރައްވާފައިވާ ޚަލީފާކަމުގެ ވަޒީފާގެތެރެއިން ހިނެމޭ ކަމެކެވެ. އިސްވެދިޔަ މަޤްޞަދުތައް ޙާޞިލުކުރުމާއެކު ދުޅަހެޔޮ ޢާއިލާއެއް ބިނާކޮށް ކާމިޔާބު ޒަވާޖީ ޙަޔާތެއް ލިބިގަތުމަށްޓަކައި، ކައިވެނީގެ ކުރީން (ކައިވެނިކުރަން ބޭނުންވާ ދެމީހުން ވެސް) ޖެނެޓިކް ސްކްރީނިންގ އެއް ހެދުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެއްޖީލުން އަނެއް ޖީލަށް ނަޤުލުވަމުންދާ ހަތަރު ހާހަށް ވުރެ ގިނަ "ވިރާޘީ ބަލި" މިހާތަނަށް ހޯދިފައި ވެއެވެ. އެހެންނަމަވެސް ޖެނެޓިކް ސްކްރީނިންގ ގެ ގޮތުން ތަޙުލީލު ކުރެވެމުންދަނީ މީގެތެރެއިން މަދު ބައްޔެކެވެ.[2] ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ ހެދުމުގެ ފައިދާތައް- ވިރާޘީގޮތުން ފެތުރޭ ބަލިތަކުގެތެރެއިން ބައްޔެއް ހުރިކަން ނުވަތަ ނޫންކަން ދެނެގަނެވި ދެމީހުންގެ ފަރާތުން އުފެދޭ ދަރިފަސްކޮޅު އެފަދަ ބަލިތަކުން ސަލާމަތްކުރުމަށް މަގުފަހިވުން. - ދެމީހުންގެ ކިބައިގައި ހުރިނަމަ ހުރި ބައްޔެއް ދެނެގަނެވި އެކަމަކާގުޅޭ އިރުޝާދުތައް ލިބި އެ ބައްޔަކަށް އެކަށީގެންވާ ފަރުވާ ކުރުމުގެ ފުރުޞަތު ލިބުން. - ތެލަސީމިއާފަދަ ޢާއްމު ބަލިތައް ފެތުރިގެންދިޔުން ހުއްޓުވައި މުޖުތަމަޢުގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބުން. - ކައިވެނީގެ ޢަޤުދަކީ މުޤައްދަސް ޢަޤުދަކަށްވުމުން، ކައިވެންޏަކަށްފަހު ދެމީހުންކުރެ މީހެއްގެ ކިބައިގައި ހުރި ބައްޔެއްގެ ސަބަބުން ދެމީހުން ވަކިވާންޖެހުންފަދަ ކަންކަމުން ސަލާމަތްވުން. - ދެމީހުންކުރެ މީހެއްގެ ކިބައިގައި، ދަރީން ލިބުމުގައި މައްސަލައެއް ހުރިކަން ނުވަތަ ނޫންކަން ދެނެގަނެވި އެކަމާމެދު ކުރީބައިގައި ފިޔަވަޅު އެޅުމުގެ މަގުތަނަވަސްވުން. - ވިރާޘީގޮތުން ފެތުރޭ ބަލިތައް ފެތުރޭ މިންވަރު މަދުކޮށް އެފަދަ ބަލިތަކަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމަށް ފުރުޞަތު ލިބުން. ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ ހެދުމުގައި ހުރި ނޭދެވޭ ބައެއް ކަންކަން- ޖެނެޓިކް ސްކްރީނިންގ ހެދުމުން އެންމެހައި ވިރާޘީ ބަލިތަކުން ޢާއިލާ ސަލާމަތްވީކަމަށް ދުށުން. (އެހެންނަމަވެސް މިއީ ރަނގަޅު ހީކުރުމެއްނޫނެވެ. އެހެނީ މިފަދަ ތަޙުލީލުތަކުން ދެނެގަނެވެނީ ދާދި މަދު ބައްޔެކެވެ.) - ތަޙުލީލުގެ ނަތީޖާ ޢާއްމު އެކަމުގެ ސަބަބުން، ކައިވެނި ކުރަން ބޭނުންވި ދެމީހުންނަށް [ޚާއްޞަކޮށް އަންހެންމީހާއަށް] ނޭދެވޭ އަސަރުތަކެއް ކުރުމުގެ ފުރުޞަތު އޮތުން. މިސާލަކަށް: ވިރާޘީ ބައްޔެއް ހުރުމުގެ ސަބަބުން ކައިވެނިކުރުން ހުއްޓައިލި ދެމީހުންކުރެ މީހަކު އެހެން ކައިވެންޏެއް ކުރަން ބޭނުންވިޔަސް [އެކަން އެނގިފައި އޮތުމުން] އޭނާއާ ކައިވެނިކުރުމަށް މީހުން އިންކާރުކުރުން. - ވިރާޘީ ނުވަތަ އެނޫން ވެސް [ނުރައްކާތެރި] ބައްޔެއް ހުރިކަން އެނގުމުން އެކަމުގެ ސަބަބުން ނަފްސާނީގޮތުން އުނދަގޫތަކެއް ތަޙަންމަލުކުރަން ޖެހުމުގެ ފުރުޞަތު އޮތުން. - ޖެނެޓިކް ސްކްރީނިންގ ގެ ގޮތުގައި ކުރެވޭ ބައެއް ތަޙުލީލުތައް ކުރުމުގައި ބައެއް މީހުންނަށް މާލީގޮތުން ކުރިމަތިވާ އުނދަގޫކަން. ޖެނެޓިކް ސްކްރީނިންގ ގެ ގޮތުގައި ބަލިތައް ބަހައިލެވޭ ބައިތައް1. ގައިންގަޔަށް އަރާ ބަލިތައް : މިސާލަކަށް: ކެއްސުންބަލި [ޓިއުބަކިއުލޯސިސް] ، ހިމަބިހި [ސްމޯލްޕޮކްސް] ، ހެޕަޓައިޓިސް ، އެއިޑްސް. 2. ގައިންގަޔަށް ނާރާ ބަލިތައް : މިސާލަކަށް: ކެންސަރު ، ކިޑްނީގެ ބަލިތައް ، ހަކުރުބަލި ، ހިތުގެ ބަލިތައް. 3. ވިރާޘީ ގޮތުން ފެތުރިގެންދާ ބަލިތައް : މިސާލަކަށް: ތެލަސީމިއާ ، ސިކްލްސެލް އެނީމިއާ ، ހަންޓިންގޓަން ކޮރިއާ ، އޭކާންޑްރޮޕްލޭޒިއާ. ޖެނެޓިކް ސްކްރީނިންގ އާމެދު ޢިލްމުވެރީންގެ ބަސްފުޅުޖެނެޓިކް ސްކްރީނިންގ އަކީ ފަހުގެ ކުރިއަރާފައިވާ ޢިލްމީ ހޯދުންތަކާއި ބޭސްވެރިކަމުގެ ޒަމާނީ އާލާތްތަކާ ގުޅުންހުރި މިޒަމާނުގެ މައްސަލައެއްކަމުން ކުރީގެ ފިޤުހުވެރީން މިކަމާމެދު ވާހަކަފުޅު ދައްކަވާފައެއްނުވެއެވެ. އެހެންނަމަވެސް މި މައްސަލައާމެދު މިޒަމާނުގެ ޢިލްމުވެރީން ބަޙުޘް ކުރައްވައި ފަތުވާތައް ދެއްވަވާފައި ވެއެވެ. ފުރަތަމަ ރައުޔު : މިރައުޔުގެ ޢިލްމުވެރީންގެ ވާހަކަފުޅުތަކުގެ ޚުލާޞާއަކީ: ކައިވެނި ކުރަން ބޭނުންވާ ދެމީހުން ކައިވެނި ކުރުމުގެ ކުރީން ޖެނެޓިކް ސްކްރީނިންގ ހެދުމާމެދު ޝަރުޢީގޮތުން އެއްވެސް މައްސަލައެއްނެތެވެ. އެއީ ކައިވެނީގެ މަޤްޞަދުތަކާ ފުށުއަރާކަމެއް ވެސް ނޫނެވެ. އަދި އެކަމުގެ މައްޗަށް ވަކި ޤާނޫނެއް ހަދައި، ކައިވެނިކުރަން އެދޭ ކޮންމެ މީހަކުމެ ކައިވެނީގެ ކުރީން އެފަދަ ތަޙުލީލެއް ހެދުން ލާޒިމުކުރުން ވަލިއްޔުލްއަމްރަށް ހުއްދަވެގެންވެއެވެ. މިގޮތަށް ވިދާޅުވާ ޢިލްމުވެރީންގެ ތެރޭގައި: د. محمد الزحيلي[3] ، د. ناصربن عبدالله الميمان[4] ، حمداتي ماء العينين شبيهنا[5] ، د. محمد عثمان شبير[6] ، عبدالله إبراهيم موسى[7] ، د. عارف علي عارف ، أسامة الأشقر[8] ހިމެނިވަޑައިގަންނަވައެވެ. ދެވަނަ ރައުޔު : ޑރ. މުޙައްމަދު ރައުފަތު ޢުޘްމާނު ވިދާޅުވާގޮތުގައި ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީންނިންގ ހެދުން މީސްތަކުންގެ މައްޗަށް ލާޒިމެއްނުކުރެވޭނެ އެވެ. އެހެންނަމަވެސް އެކަން އޮންނަންވާނީ ކުރުމާއި ނުކުރުމުގެ މައްޗަށް މީސްތަކުންގެ އިޚްތިޔާރަށް ދޫކޮށްލެވިފައެވެ. ޑރ މުޙައްމަދު ޢަބްދުލްޣައްފާރުއްޝަރީފު ވެސް ވިދާޅުވަނީ އެކަން އެއީ މީސްތަކުންގެ މައްޗަށް މަޖުބޫރުކުރެވޭ ކަމެއްކަމުގައި ވެގެންނުވާނެ އެވެ. އެ ގޮތަށް އެ ކަން މަޖުބޫރުކުރުމަކީ މީސްތަކުންގެ އަމިއްލަ މިނިވަންކަމާ ދެކޮޅަށް ކުރެވޭ ޢަމަލެކެވެ. އަދި އެކަމުގެ ސަބަބުން މާލީ ގޮތުންނާއި ނަފްސާނީ ގޮތުން މައްސަލަތައް ކުރިމަތިވެ މީސްތަކުންގެ ސިއްރުތައް ހާމަވެގެން ހިނގައިދާނެ އެވެ. ފަޟީލަތުއްޝައިޚު ޢަބްދުލްޢަޒީޒު ބިން ބާޒް ދެކެވަޑައިގަންނަވާ ގޮތުގައި [ކައިވެނި ކުރަން ބޭނުންވާ ދެމީހުން] ކައިވެނީގެ ކުރީން އެފަދަ ތަޙްލީލެއް ހެދުމުގެ ބޭނުމެއް ނެތެވެ. އެ ދެމީހުންނަށް އޮތީ ﷲ ތަޢާލާގެ ޙަޟުރަތުން ރަނގަޅުގޮތް މެދުވެރިކޮށްދެއްވުމަށް އުއްމީދު ކުރުމެވެ. ޑރ. ޢަބްދުލްކަރީމް ޒައިދާން ވެސް ދެކެވަޑައިގަންނަވަނީ ކައިވެނީގެ ކުރީން އެފަދަ ތަޙުލީލެއް ހެދުމަކީ އިސްލާމްދީނުގައި ހުއްދަކަމެއްނޫން ކަމުގައެވެ.[9] ހުއްދަކަމަށް ވިދާޅުވާ ބޭފުޅުންގެ ދަލީލުތައްކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ ހެދުން ހުއްދަވާނެކަމަށާއި ވަލިއްޔުލްއަމްރު ބޭނުންވެއްޖެނަމަ އެކަމުގެ މައްޗަށް ޤާނޫނެއް ހަދައި އެކަން ކުރުން މީސްތަކުންނަށް ލާޒިމު ކުރެވިދާނެކަމަށް ވިދާޅުވާ ބޭފުޅުން ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކުން އަދި ފިޤުހީ ޤަވާޢިދުތަކުން ގިނަ ދަލީލުތަކެއް ގެންނަވާފައި ވެއެވެ. އޭގެތެރެއިން ބައެއް ދަލީލު މިތަނުގައި ބަޔާން ކުރަމެވެ. (ހ) ޢާއްމު މަޞްލަޙަތަށްޓަކައި [އިސްލާމީ ޝަރީޢަތު އަޞްލަކާ ޚިލާފުނުވެ] ވަލިއްޔުލްއަމްރު ވަކިކަމަކަށް މީސްތަކުންނަށް އަމުރުކޮށްފިނަމަ އެ އަމުރަކަށް ކިޔަމަންވެ އެއާ އެއްގޮތަށް ޢަމަލުކުރުން މީސްތަކުންގެ މައްޗަށް ވާޖިބުވާނެއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. [[أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُولِي الْأَمْرِ مِنْكُمْ]] (އައްނިސާ :59) މާނައީ: "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، الله އަށް ކިޔަމަންވާށެވެ! އަދި، رسول އާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ!" (ށ) އަމިއްލަ ނަފުސުތައް އަމިއްލަ އަތުން ހަލާކުގެތެރެއަށް އެއްލައިނުލުމަށް ﷲ ތަޢާލާ އެއިލާހުގެ ފޮތުގައި އަންގަވާފައި ވެއެވެ. [[وَلاَ تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ ]] (އަލްބަޤަރާ: 195) މާނައީ: "އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ نفس ތައް ހަލާކުގެ ތެރެޔަށް އެއްލާނުލާށެވެ!" (ނ) ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. [[وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجاً لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لَآياتٍ لِقَوْمٍ يَتَفَكَّرُونَ]] (އައްރޫމު: 21) މާނައީ: "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ نفس ތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ." މި އާޔަތުން އެނގޭގޮތުގައި ކައިވެނީގެ އެންމެ މުހިއްމު މަޤާޞިދުގެ ތެރޭގައި ހިމެނެނީ ދެމަފިރީން އެކަކު އަނެކަކުގެ ކިބައިން ހިތްހަމަޖެހުމާއި މަޑުމައިތިރިކަމާއި ރަޙުމާއި ލޯތްބާއި އުފާވެރިކަން ލިބިގަތުމެވެ. ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ ހެދުމަކީ ބަލިތަކާއި ޢައިބުތަކުން ރައްކާތެރިވެ އުފާވެރި ހިތްހަމަޖެހޭ ދިރިއުޅުމަކަށް މަގުފަހިވެގެންދާނެ ކަމެކެވެ. (ރ) ﷲ ތަޢާލާގެ ފޮތުގައިވާ، އެ އިލާހުގެ ނަބިއްޔާ ޒަކަރިއްޔާ ޢަލައިހިއްސަލާމުގެ ބަސްފުޅު: [[قَالَ رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً](އާލުޢިމްރާނު: 38) މާނައީ: "އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ!" އަދި މުއުމިނުތަކުންގެ ބަސް: [[رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا](އަލްފުރުޤާނު: 74) މާނައީ: "އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި تقوى ވެރިންނަށް އިމާމުންކަމުގައި އަޅަމެން ލައްވާނދޭވެ!" ކައިވެނީގެ މުހިއްމު އަނެއް މަޤްޞަދަކީ ރަނގަޅު އިންސާނުންތަކެއް އުފަންކޮށް އެ ނަސްލު ދެމިގެންދާނެގޮތް ހެދުމެވެ. އެހެންކަމުން ﷲ ތަޢާލާގެ ރަސޫލުންނާއި މުއުމިނުތަކުންވެސް އެފަދަ ރަނގަޅު ދަރިފަސްކޮޅެއް ދެއްވުން އަދައި ﷲ ތަޢާލާއަށް ދުޢާ ދަންނަވަތެވެ. ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ އެއް ހެދުމަކީ އާފާތްތަކާއި ޢައިބުތަކުން ސަލާމަތްވެގެންވާ ދުޅަހެޔޮ ދަރީންތަކެއް އުފަންވުމަށް މަގުފަހިވާނޭ ކަމެކެވެ. (ބ) ކައިވެނި ކުރެއްވުމަށްޓަކައި ޚިޠުބާ [އެންގޭޖު] ކުރެއްވި ތަފާތު ބޭފުޅުންނަށް، އެބޭފުޅުން ޚިޠުބާ ކުރެއްވި އަންހެންމީހާއަށް ބެއްލެވިންތޯ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވާލުކުރައްވާފައިވާކަމަށް އައިސްފައިވާ ޞައްޙަ ޙަދީޘްތައް ވެއެވެ. މި ޙަދީޘްތަކުން އެނގޭގޮތުގައި: ކައިވެނިކުރަން ބޭނުންވާ މީހާއަށް ބެލުމުގެ ބޭނުންތަކުގެތެރޭގައި އެކަކު އަނެކަކާ ކައިވެނިކުރާ ހިތްޖެހުމާއި އަދި އެމީހާގެ ކިބައިގައި ހުރިނަމަ ހުރި ޢައިބެއް ދެނެގަތުން ހިމެނެއެވެ. އެހެންކަމުން ބޭރުފުށުން ފެންނަންހުންނަ [އާދައިގެ] ޢައިބެއްގެ އިތުރުން، އެމީހެއްގެ ކިބައިގައި ފޮރުވިފައި ހުރި ޢައިބުތައްވެސް ދެނެގަތުމުގެ ކުޅަދާނަކަން ޒަމާނީ އާލާތްތަކަށް ލިބިގެންވާކަމަށްޓަކައި، ޖެނެޓިކް ސްކްރީނިންގ އެއް ހެދުމުގެ ޝަރުޢީ ޙުއްޖަތް މި ޙަދީޘްތަކުންވެސް ސާބިތުވެއެވެ.[10] ހުއްދަނޫންކަމަށް ވިދާޅުވާ ޢިލްމުވެރީންގެ ދަލީލުތައް(ހ) ކައިވެނީގެ ރުކުންތަކާއި ޝަރުޠުތައް، ޝަރުޢީގޮތުންވަނީ ކަނޑައެޅި ނިމިފައެވެ. ކައިވެންޏާގުޅޭގޮތުން ވަކިކަމަކަށް މީސްތަކުންނަށް އަމުރުކޮށް އެކަން އެއީ ކައިވެންޏަށް އިތުރު ކުރެވޭ ޝަރުޠެއްކަމުގައި ކަނޑައެޅުމަކީ ބާޠިލު ކަމެކެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ "ﷲ ތަޢާލާގެ ފޮތުގައި ކަނޑައަޅުއްވާފައިނުވާ ޝަރުޠެއް [ ޝަރުޢީ ކަމަކާގުޅޭގޮތުން] މީހަކު ކަނޑައަޅައިފިނަމަ އެ ޝަރުޠެއް ބާޠިލުވެގެން ވެއެވެ."[11] (ށ) ﷲ ތަޢާލާގެ ފޮތުން ނުވަތަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ނުވަތަ އިހުގެ ފިޤުހުވެރީންގެ ބަސްފުޅަކުންވިޔަސް، ޞިއްޙަތު ސަލާމަތުން ހުރުން އެއީ ކައިވެނީގެ ޝަރުޠެއްކަމުގައި ކަނޑައަޅުއްވާފައިވާތީއެއް ނުފެނެއެވެ. އަދި ކައިވެނީގެ މަޤްޞަދަކީ ދަރީން ހޯދުންކަމުގައި ޝަރުޠު ކުރައްވާފައިވާތީއެއްވެސް ނުފެނެއެވެ. މުސްކުޅިވެ ދަރީން ނުލިބޭ ޢުމުރުގެ މީހުންވެސް ކައިވެނިކުރުން ހުއްދަވެގެން ވެއެވެ.[12] (ނ) ފިޤުހީ ޤާޢިދާގައި ވަނީ މިފަދައިންނެވެ. [[تصرف الإمام على الرعية منوط بالمصلحة ]] [13] މާނައަކީ: "ރައްޔިތުންނާބެހޭގޮތުން ވެރިޔަކު ކުރާ ކޮންމެ ތަޞައްރުފެއްވެސް އޮންނަންޖެހޭނީ (ރައްޔިތުންގެ) މަޞްލަޙަތާ އެއްގޮތަށެވެ." އެހެންކަމަށްވާނަމަ ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ އެއް ހެދުން މީސްތަކުންނަށް ލާޒިމުކުރުމަކީ މީސްތަކުންގެ މަޞްލަޙަތާ ފުށުއަރާ ކަމެކެވެ. އެންމެ ރަނގަޅު ރައުޔުކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ ހެދުމާބެހޭގޮތުން އެކިބޭބޭފުޅުން ހައްދަވާފައިވާ ދިރާސާތަކުގައި ތިންގޮތަކަށް ތަރުޖީޙު ދެއްވާފައިވާތީ ފެނެއެވެ. މީގެ ޚުލާޞާ ތިރީގައި އެވަނީއެވެ. 1. ދަލީލުތަކަށްބަލާއިރު މިކަމަކީ ޝަރުޢީގޮތުން ސާބިތުވާ ކަމެކެވެ. އަދި މިއީ ޝަރުޢީ އުޞޫލުތަކާ ފުށުއަރާކަމެއްވެސްނޫނެވެ. އެހެނެއްކަމަކު މިއީ ބަލިތަކުން ރައްކާތެރިވުމާއި ބަލިބައްޔަށް ބޭސްކުރުމާއި ރަނގަޅު އަނތްބަކު ނުވަތަ ފިރިއަކު އިޚްތިޔާރުކުރުމާގުޅޭ ޢާއްމު މަބާދިއު (principles) ތަކުގެ ދަށަށް ވަދެގެންދާ ކަމެކެވެ. މިކަމާގުޅޭގޮތުން ހުރި ދަލީލުތަކަށް ބަލައިފިނަމަ މިކަން މީސްތަކުންގެ މައްޗަށް ލާޒިމުކުރުން ޝަރުޢީގޮތުން މަނާނުވާނެކަން އެނގޭނެއެވެ. އަދި މީސްތަކުންގެ މަޞްލަޙަތުގެ އިމުގެތެރޭގައި، މިފަދަ ހުއްދަ ކަމަކަށް [މުސްލިމުންގެ] އިމާމު ނުވަތަ ޙާކިމު އަމުރުކޮށްފިނަމަ އެއީ ލާޒިމު ކަމަކަށް ވެގެންދާނެއެވެ.[14] 2. މިކަން ކުރުން މީސްތަކުންގެ މައްޗަށް ލާޒިމު ކުރާ ޤަރާރެއް ނެރުމުގެ ހުއްދަ، ދެޝަރުޠަކާއެކު ދައުލަތަށް [އެބަހީ: ދައުލަތުގެ އެންމެމަތީ ވެރިޔާއަށް] ލިބިގެންވެއެވެ. އެ ދެޝަރުޠަކީ: (1) އެއިޑްސްފަދަ ވަރަށް ނުރައްކާތެރި، ގައިންގަޔަށް އަރާ ވަކިކަހަލަ ބައްޔެއް [ނުވަތަ ބަލިތަކެއް] ދެނެގަތުމަށްޓަކައި އެކަމުގެ ޟަރޫރަތު ފިލައިގެންދާ މިންވަރަށް، އެފަދަ ތަޙުލީލެއް ކުރުން ލާޒިމުކުރުން. (2) ކައިވެނީގެ ކުރީން އެފަދަ ތަޙުލީލެއް ނުކުރުމުގެ އަދަބަކީ ކައިވެނި ބާޠިލުކުރުން ނުވަތަ ފާސިދު ކައިވެންޏެއްކަމަށް ހެދުން ނުވަތަ ކައިވެނީގެ ޢަޤުދާގުޅިގެން ތަރުތީބުވެގެންދާ އެހެންކަމެއް މަނާކުރުންފަދަ ކަމަކަށް ވެގެންނުވާނެއެވެ. އޭގެބަދަލުގައި ޖުރުމަނާ ކުރުންފަދަ އަދަބެއް ދެވިދާނެއެވެ.[15] 3. މިކަމަކީ ކައިވެނިކުރާ ދެމީހުންގެ އިޚްތިޔާރަށް ދޫކޮށްލާފައި އޮންނަ ކަމެއްގެ ގޮތުގައި ބޭއްވިދާނެއެވެ. އެހެންނަމަވެސް އެއީ މީސްތަކުންގެ މައްޗަށް ލާޒިމު ކުރެވޭ ކަމަކަށްވެގެންނުވާނެއެވެ.[16] އިސްވެ ދިޔަ ތިން ރައުޔާއެކު ބާޙިޘުންނާއި ފަތުވާ ދެއްވާ ބައެއް ބޭފުޅުން ވިދާޅުވެފައިވާގޮތުގައި، ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ ހެދުމަކީ މުސްތަޙައްބު ކަމެކެވެ. އަދި ބައެއް ޙާލަތްތަކުގައި އެކަން ވާޖިބުވާނެއެވެ.[17] މީގެ އިތުރުން، ވަކި ބައެއްގެތެރޭގައި ނުރައްކާތެރި ބައްޔެއް އުޅޭކަން އެނގި، އެމީހުންގެތެރެއިން މީހަކާ ކައިވެނިކުރާނަމަ އެމީހާ ޓެސްޓް ކުރަން އެދެވިދާނެއެވެ. މީހެއްގެ ކިބައިގައި ނުރައްކާތެރި ބައްޔެއް ހުރިކަން އެނގި އެކަން މުޅީން ޔަޤީން ކުރެވޭނެ ހަމައެކަނި ގޮތަކީ ޖެނެޓިކް ސްކްރީނިންގ އެއް ހެދުންކަމުގައިވެއްޖެ ޙާލަތެއްގައިމެނުވީ އެކަން ކުރުން މީސްތަކުންގެ މައްޗަށް ލާޒިމެއްނުކުރެވޭނެއެވެ.[18] މިކަން މީސްތަކުންގެ މައްޗަށް ލާޒިމުކުރުމުގެ ބަދަލުގައި، ކައިވެނީގެ ކުރީން ޖެނެޓިކް ސްކްރީނިންގ ހެދުމުގެ މުހިއްމުކަމާމެދު މީޑިޔާގެ ވަސީލަތްތަކުގެ ބޭނުންކޮށްގެންނާއި އެހެނިހެން ގޮތްގޮތުން މީހުން ހޭލުންތެރި ކުރުވިދާނެއެވެ.[19] މިޒަމާނުގެ، އަޙުވާލުއްޝަޚުޞިއްޔާގެ ޤާނޫނުތަކާއި ޢުރުފުގައި ޕްރީމެރިޓަލް ޖެނެޓިކް ސްކްރީނިންގޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އެމިރޭޓްސްގެ ރަށްވެހީންނާއި އަދި އެޤައުމުގައި ދިގުމުއްދަތަކަށް ވަޒަންވެރިވެގެން އުޅޭމީހުންގެތެރެއިންވެސް ކައިވެނިކުރަން ބޭނުންވެއްޖެ ކޮންމެ މީހަކުމެ ކައިވެނި ކުރުމުގެ ކުރީން މެޑިކަލް އެގްޒަމިނޭޝަނެއް ހަދަންޖެހޭނެކަމަށް، އެ ޤައުމުގެ ވަޒީރުންގެ މަޖިލިހުން 1995 ވަނަ އަހަރުގެ ޖުލައި މަހު ޤަރާރެއް ނެރެ، ހަމަ އެއަހަރުގެ ސެޕްޓެމްބަރު މަހު އެ ޤަރާރަށް ޢަމަލުކުރަން ފައްޓާފައި ވެއެވެ.[20] ފަލަސްޠީނު - ކައިވެނިކުރަން ބޭނުންވާ ދެމީހުން ކައިވެނީގެ ކުރީން ތެލަސީމިއާ ބައްޔަށް ޓެސްޓް ކުރުން ލާޒިމުކަމަށް 2000 ވަނަ އަހަރުގެ މެއި 11 ގައި، ފަލަސްޠީނުގެ އުއްތަމަ ފަނޑިޔާރުގެ އޮފީހުން ފުރަތަމަ ސަރކިއުލަރ ނެރުނެވެ. - ފަލަސްޠީނުގެ ސަރަޙައްދުތަކުގެތެރެއިން އެއިޑްސް ބަލި އުޅޭ ސަރަޙައްދުތަކުގެ މީހުން ކައިވެނިކުރާނަމަ އެބައްޔަށް ޓެސްޓް ކުރަންޖެހޭނެކަމަށް، 10 މެއި 2001 ގައި އުއްތަމަ ފަނޑިޔާރުގެ އޮފީހުން ދެވަނަ ސަރކިއުލަރ ނެރެ 1 ޖޫން 2001 ގައި އެއަށް ޢަމަލުކުރަން ފައްޓާފައި ވެއެވެ.[21] ދިވެހިރާއްޖެ ކައިވެނީގެ ކުރިން މެޑިކަލް އެގްޒަމިނޭޝަނެއް ހެދުން ލާޒިމުކުރާ ޤާނޫނެއް ނުވަތަ ޤަވާޢިދެއް ހަދާފައިނެތްކަމުގައިވިޔަސް، ކައިވެނިކުރުމުގެ ކުރީން ތެލަސީމިއާ ބައްޔަށް ޓެސްޓް ކުރުން ދިވެހީންގެ ތެރޭގައި ވަރަށް ބޮޑަށް ޢާއްމުވެފައި ވެއެވެ. އަދި އެކަން މިހާރު އެއީ ދިވެހީންގެ ޢުރުފު [custom] ގެތެރޭގައި ހިމެނޭ، ވަރަށް އިސްކަމެއްދީގެން ކުރަމުންދާ ކަމެއްކަމުގައި ދެންނެވިދާނެއެވެ. -------------- (ނިމުނީ) މަރާޖިޢު : ----------- [1] عضيبات ، صفوان محمد . "الفحص الطبي قبل الزواج – دراسة شرعية قانونية تطبيقية" ص : 56 – 57 ، الطبعة الأولى 1430 هـ 2009 م ، دارالثقافة / الأردن [2] 22July 2011, 00:29 http://www.hudsonvalleyweddings.com/guide/genetic-testing.htm [3] الإرشاد الجيني ، ندوة الوراثة / ج 2 ، ص: 780 [4] الإرشاد الجيني ، أهميته ، آثاره ، محاذيره ، ندوة الوراثة / ج 2 ، ص: 821 [5] بحثه المعنون : موقف الإسلام من الأمراض الوراثية / مجلة الحكمة ، صفر 1416 هـ (ص: 210) [6] موقف الإسلام من الأمراض الوراثية ، ص: 336 / دارالنفائس ، ط . 1 (2001) الأردن [7] المسئولية الجسدية في الإسلام ، الطبعة الأولى 1995م دار ابن حزم [8] مستجدات فقهية ، دارالنفائس (2000 م) ص: 92 [9] بن باز : جريدة المسلمون ، العدد 597 (1996 م) عبدالكريم زيدان : في مناقشته في مجمع الفقه الإسلامي التابع لرابطة العالم الإسلامي ، شوال 1422 هـ / محمد عبدالغفار الشريف : حكم الكشف الإجباري عن الأمراض الوراثية ، ندوة الوراثة ... ، ج 2 ، ص: 971 / محمد رأفت عثمان : ندوة الوراثة ... ، ج 2 ، ص: 936 . [10] عضيبات ، صفوان محمد . "الفحص الطبي قبل الزواج – دراسة شرعية قانونية تطبيقية" ص : 104 – 105 ، الطبعة الأولى 1430 هـ 2009 م ، دارالثقافة / الأردن [11] البخاري (5/187 ، 324) ، مسلم : (2/124) [12] القره داغي ، علي محيدين و المحمدي ، علي يوسف . "فقه القضايا الطبية المعاصرة" ص : 283-284 ، الطبعة الثانية 1427 هـ 2006 م ، دارالبشائرالإسلامية / بيروت [13] الأشباه والنظائر، السيوطي، ص: 138 [14] عضيبات ، صفوان محمد . "الفحص الطبي قبل الزواج – دراسة شرعية قانونية تطبيقية" ص : 109 ، الطبعة الأولى 1430 هـ 2009 م ، دارالثقافة / الأردن [15] القره داغي ، علي محيدين و المحمدي ، علي يوسف . "فقه القضايا الطبية المعاصرة" ص : 288-289 ، الطبعة الثانية 1427 هـ 2006 م ، دارالبشائرالإسلامية / بيروت [16] قاسم ، عبدالرشيد . "الحكم الشرعي للفحص قبل الزواج" [17] مجموعة الفتاوى الشرعية ، (2/307( [18] القره داغي ، علي محيدين و المحمدي ، علي يوسف . "فقه القضايا الطبية المعاصرة" ص : 285 ، الطبعة الثانية 1427 هـ 2006 م ، دارالبشائرالإسلامية / بيروت [19] قاسم ، عبدالرشيد . "الحكم الشرعي للفحص قبل الزواج" [20] الدسوقي ، محمد . "الأسرة في الشريعة الإسلامية" ، ص : 29 ، ط . 1 (1995 م) ، دارالثقافة الدوحة [21] الرجوب ، نائف محمود . "أحكام الخطبة في الفقه الإسلامي" ص: 219 ، ط . 1 (2008 م) ، دارالثقافة / الأردن މި ލިޔުން: ފޮނުވުން: އަލްއަޚު އަޙުމަދު ޝާޛު ޢަބްދުލްޣަފޫރު އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
... ލިޔުނީ އަމް, 2011-07-31 06:01:34
ވަރަށްވެސް ފުރިހަމަ ލިޔުމެެއް. ދިވެހިން ތެރޭ އަދިވެސް އެބައުޅޭ 2 ކެރިއަރުން ހަމަ އެނގިހުރެ ކައިވެނިކޮށްފަ. ދެން ބަނޑޫބޮޑުވީމާ ބަލިކުއްޖެއްކަން އެނގުނީމާވެސް ވައްޓާނުލާ އެބަހުރޭ ތިމަންމެންގެ ހިއްވަރު އެންމެނަށް ދައްކަން. މިއީ ވަރަށް ދެރަކޮށް ވާ ކަމެއް. ތިމާމެން އުޅޭނެ ގޮތަކަށް އުޅެފަ ލޭކޮޅަކަށް މިޖެހެނި ހަމަ އެހެންމީހުން ކުރެ ސަލާންޖަހަން. އެކަމަކު އެމީހުން ބުނާބަސް އަހާކަށް ބޭނުމެއްނޫން.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|