މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| "ރޯދައިގެ އުއްމީދުކުރެވޭ ނަތީޖާ" - 1432 ހ. |
|
|
| ދީން - ފިޤުހު | |
| 18 އޮގަސްޓް 2011، 00:00 ބުރާސްފަތި | |
ކޮންމެ މީހަކުވެސް އެމީހެއްގެ ނަތީޖާ އަމިއްލައަށް ވަޒަންކޮށްލާށެވެ!އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު ޝައްކެތްނެތްގޮތުގައި، އަޅުތަކުންގެ ޢަމަލުތައް ބައްލަވައިވޮޑިގަތުމާއި އެ ޢަމަލުތަކަށް އެންމެ ޢަދުލުވެރި ޖަޒާދެއްވުމަކީ ހަމައެކަނި ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަމެކެވެ. މުއުމިނުންނަށް އަމުރުވެވިގެންވަނީ އެމީހަކަށް ކުޅަދާނަކަން ލިބުނު އެންމެ ފުރިހަމަގޮތެއްގައި ﷲ ތަޢާލާއަށް އަޅުކަން އަދާކުރުމުގައި ދެމިހުރުމަށެވެ. އަދި މިފަދައިން އަޅުކަން އަދާކުރަމުންދާއިރު، ތިމާގެ ޢަމަލުތައް ވަޒަންކޮށް ނަފުސު ހިސާބު ކުރުމަށް ވެސް އަންގަވައިފައި ވެއެވެ. މި ލިޔުމުގައި ގެނެސްފައި މިވާ ކަންތައްތަކާއި އަދި މިނޫން ވެސް މިފަދައިން ހުރި އިތުރު ކަންތައްތަކަށް ބަލައިގެން، ހެޔޮކަމުގެ ތެރެއިން މި ރޯދަމަހުގައި ތިމާއަށް ޙާޞިލުކުރެވުނީ [ނުވަތަ ޙާޞިލުވަމުންދަނީ] ކޮން އެއްޗެއްތޯ ވަޒަންކޮށްލަމާ ހިނގާށެވެ. އެމީހަކާ ރޯދަމަހާ ބައްދަލުވެ، އެ ރޯދަމަހުގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހުންގެ ތެރެއިންނުވުމަށްޓަކައި ކުރާ ކަމެއްގެ ގޮތުގައެވެ. ހަމަމިއާއެކު، ރޯދަ ފަރުޟުކުރެއްވި ބޭނުންކަމުގައި ﷲ ތަޢާލާ އަންގަވާފައިވާ "ތަޤުވާވެރިވުމުގެ" މަތިވެރި މަޤްޞަދަށް ވާޞިލުވެވޭ މިންވަރު ދެނެގަތުމަށްޓަކައި ކުރެވޭ ކަމެއްގެ ގޮތުގައިވެސް މެއެވެ. މިންވަރު މަތިކޮށް، އެންމެ މަތީ ދަރަޖައަށް ދިއުމަށް މަސައްކަތްކުރަންޖެހޭ ކަންތައްތައް1. ﷲ އަށް ކުއްތައްވުން 2. ﷲ އަށް ބިރުވެތިވުން 3. ޢަމަލުތަކުގައި އިޚްލާޞްތެރިވުން 4. މަރު ހަނދާންކުރުން 5. ސުވަރުގެއަށް އެދުންވެރިވުން 6. ނަރަކައަށް ބިރުވެތިވުން 7. ނަމާދުތަކަށް ފަރުވާތެރިވުން 8. ތައުބާވުމާ ދުޢާކުރުމާ ޛިކުރުކުރުން 9. ޤުރުއާން ކިޔެވުމާ އަޑުއެހުމާ އުނގެނުން 10. މައިންބަފައިންނަށް ހެޔޮކޮށް ހިތުން 11. ގާތްތިމާގެކަމުގެ ގުޅުންތައް ޤާއިމުކުރުން 12. އަވަށްޓެރީންނަށް ކަމޭހިތުން 13. އެހެންމީހުންނަށް އެހީތެރިވުން 14. އެހެންމީހުންގެ ޙައްޤުތަކަށް ރައްކާތެރިވުން 15. ހެޔޮކަންކަމަށް އަމުރުކުރުން 16. ނުބައިކަންކަން މަނާކުރުން 17. ހެޔޮ ޢަމަލުތައް ކުރުމަށް ހުންނަ ޝައުޤު 18. ނުބައި ޢަމަލުތަކުން ދުރުވުމަށް އެދޭ މިންވަރު 19. ދީލަތިކަން 20. ކެތްތެރިކަން 21. ލަދުވެތިކަން 22. ތެދުވެރިކަން 23. އަމާނާތްތެރިކަން 24. ޢަދުލުވެރިކަން 25. ޝުކުރުކުރުން 26. މަޢާފުކުރުން މިންވަރު ދަށްކުރަންޖެހޭ ނުވަތަ މުޅީން ހުއްޓައިލަންޖެހޭ ކަންތައްތައް1. ދަހިވެތިކަން 2. އިސްރާފުކުރުން 3. ޣީބަބުނުމާއި ދެބައޮޑުވުން 4. ދޮގުހެދުން 5. ކިބުރުވެރިކަން 6. ރުޅި 7. ޙަސަދަވެރިކަން 8. ޚިޔާނާތްތެރިކަން 9. ހުތުރު އެއްޗެތި ކިއުން 10. ޙަރާމް ތަކެއްޗަށް ބެލުން 11. ޙަރާމް އެއްޗެތި އަޑުއެހުން 12. ފައިދާއެއްނެތް ވާހަކަތައް ދެއްކުމާއި އަޑުއެހުން 13. ވަގުތު ބޭކާރުކުރުން 14. ބޮޑެތި ފާފަތަކާއި ކުދި ފާފަތައް ކުރުން އަމިއްލަ ނަފުސާ ސުވާލުކުރަމުން ގެންދާށެވެ. ބަޔާންވެދިޔަ ސިފަތައް، ރޯދަމަސް ފެށުނުއިރު ތިމާގެ ކިބައިގައި ހުރީ ކިހައިވަރަކަށް ހެއްޔެވެ؟ އަދި ރޯދަމަހުގެ ދުވަސްތަކާއި ރޭތައް ފާއިތުވަމުންދާއިރު، އިސްވެ ބަޔާންކުރެވުނު ދެ ބައިގެ ތެރެއިން ފުރަތަމަ ބައިގައިވާ ސިފަތައް ތިމާގެ ކިބައިގައި ހަރުލަމުންދަނީ ކިހައި ވަރަކަށް ހެއްޔެވެ؟ އަދި ދެވަނަ ބައިގައިވާ ސިފަތައް ތިމާގެ ކިބައިން ދަށްވަމުން [ނެތެމުން] ދަނީ ކިހައިވަރަކަށް ހެއްޔެވެ؟ ރޯދަމަސް ނިމުމުން، އެންމެ ފަހުގެ ނަތީޖާއާމެދު ވިސްނައިލާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވެއެވެ. [[مَنْ قَامَ رَمَضَانَ إِيْمَاناً وَاحْتِسَاباً غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ]][متفق عليه] މާނައީ: "ރަމަޟާން މަހުގެ ރޯދަ، އީމާންކަމާއެކު މާތްﷲ ގެ ޙަޟުރަތުން ސަވާބަށް އެދިގެން [އިޚްލާޞްތެރިކަމާއެކު] ހިފައިފިނަމަ، އެމީހެއްގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވައިދެއްވާނެއެވެ." ---------------- (ނިމުނީ) މި ލިޔުން ފޮނުވުން: އަޙުމަދު ޝާޛު ޢަބްދުލްޣަފޫރު އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާޅު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
|
| ހަމަ މި ގަލަމުން |
|---|